ހިނގަމުން މިދަނީ ދުނިއޭގެ އެކި ކަންކޮޅުތަކުގައި ބައިބައިވުމާއި، ދެކޮޅުވެރިކަމާއި، ހަނގުރާމަތަކާއި، ލޭ އޮހޮރުވުން އާއްމު ވަމުންދާ ލޭ ދުވަސްވަރެކެވެ. އިޤްތިޞާދީ ހީނަރުކަމާއި، މަގާމާއި، ނުފޫޒާއި، ޖާހަށްޓަކައި، އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރާ ދުވަސްވަރެކެވެ. މިފަދަ ފިތުނަވެރި ކަމެއްގެ ތެރޭގައި ދުނިޔެ އޮތް ދުވަސްވަރެއް ގައި، އަހަރެމެން ފަދަ ޖަޒީރާ ކަންކަމުގެ އަސަރު ފޯރިޔަނުދިނުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެއެވެ. ނޫންނަމަ އަހަރެމެންގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި، ފުނޑުފުނޑުވެ، ނޭނގި ތިއްބައި އިސާހިތަކު ގައުމުގެ އެއްބައިވަންތަކަމާއި ކުރިއެރުމާއި، އިޤްތިޞާދު ހަލާކުވެދާނެއެވެ. މާތް ﷲ ދެއްވި އެންމެ މަތިވެރި އެއް ނިޢުމަތް ކަމުގައިވާ، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެ ފަދަ ނުރައްކާތެރި، ގެއްލުން ކުރި، ފިތުނައިގެ ޠޫފާނެއްގެ ތެރެއަށް ނުވަދެ، އެފަދަ ހުރިހާ ކަމަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ!
އަހަރެމެން މުސްލިމުން ވާންވާނީ އަބަދުވެސް ޞުލްޙައަށް ލޯބިކުރާ ބަޔަކަށެވެ! ޒާތީ މަސްލަޙަތު ކުރިއަށް ނެރެ، ޤައުމުގެ ހަމަޖެހުމާއި، ސުލްޙަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކު ކަމުގައި އަހަރެމެން ވެގެން ނުވާނެއެވެ. އިޞްލާޙް ކުރުމަށްޓަކައި މަސައްކަތްކުރާހައި ހިނދަކު މާތް ﷲ އަހަރެމެންނަށް އެ ކަމަށް ތައުފީޤު ދެއްވާނެކަން ކަށަވަރެވެ. މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. ﴿ وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ ﴾ މާނައީ "ރަށްތަކުގެ އަހުލުވެރިން ރަނގަޅަށް ކަންތައްކުރާ ބަޔަކު ކަމުގައި ވަނިކޮށް އަނިޔާވެރިގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ."
ކަންތައްތައް އިޞްލާޙު ކުރުމުގެ ނިޔަތުގައި ނަމަވެސް، އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި، ޝަރަފު ނަގާލުމާއި، ސިއްރުތައް ހާމަކުރުމަކީ، އޭގެ ސަބަބުން ބިމުގައި ފަސާދަ އާއްމުވެދާނެ ކަންކަމެވެ. މުޖްތަމަޢެއްގައި ފަސާދަ ޢާއްމުވެއްޖެ ނަމަ މާތް ﷲ އެބަޔަކަށް ޢުޤޫބާތް ދެއްވައެވެ. އެއީ އެބައިމީހުން ﷲ ގެ ޙަޟްރަތަށް ރުޖޫޢަ ވޭތޯއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ ﴾ މާނައީ: "މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެ އެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަ ވުމަށްޓަކައެވެ." އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ كَانُوا مِن قَبْلِهِمْ ۚ كَانُوا هُمْ أَشَدَّ مِنْهُمْ قُوَّةً وَآثَارًا فِي الْأَرْضِ فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ اللَّهِ مِن وَاقٍ ﴾ މާނައީ: " އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ، ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެއުރެންނަށް ވުރެ ބާރުގަދަ، އަދި ބިމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބަޔަކު ކަމުގައި އެއުރެން (އެބަހީ ކުރިން އުޅުނު މީހުން) ވޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، ﷲ، އެއުރެން ހަލާކު ކުރެއްވިއެވެ. އަދި ﷲގެ ޢަޛާބުން ރައްކާތެރިކޮށްދޭނޭ އެކަކުވެސް، އެއުރެންނަކަށް ނުވެއެވެ."
ގައުމެއްގައި އޮންނަ އެކުވެރިކަމާއި، އުޚުއްވަތްތެރިކަމުގެ ފޭރާން ވީދި ޤައުމު ބައިބައިވެއްޖެ ނަމަ، ދެން އަލުން ކުރީގެ ޙާލަތަށް އެނބުރި ދިއުމީ އުނދަގޫ ކަމަށް ނޫނީ ނުވާނެއެވެ. އެފަދަ ޤައުމެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމެއް ނޯންނާނެއެވެ. ތިމާމެންގެ އަމިއްލަ މައްސަލަތައް އަމިއްލައަށް ޙައްލު ނުކުރުމުގެ ނަތީޖާއަކަށް ވާނީ، އަޅުވެތިކަމުގެ ނިމުމެއް ނެތް ވޭނާއި ކެކުޅުން ތަޙައްމަލު ކުރަން ޖެހުމެވެ. އެއީ އަރާރުން ވުމާއި، ދެކޮޅުވެރިކަމާއި، ދެބަސްވުމާއި، ޤައުމީ ސަލާމަތާއި، އާއްމު މަސްލަޙަތަށް ވުރެ އަމިއްލަ މަސްލަޙަތު އިސްކުރުމާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި، ދީނުގެ ނަމުގައި ޙައްދު ފަހަނަޅައިދިއުމާއި އަނިޔާވެރި ވުމާއި، ނުކިޔަމަންތެރިވުމުން އުފެދޭ ފިތުނަވެރިކަމުގެ ހިތި ނަތީޖާއެވެ.
މަޢުލޫމާތު: ހުކުރު ޚުޠުބާ
