(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
މިހާދިސާގައި ލިބޯމާގެއާއި ރުކާންމެންގެ އާއިލާގެ މެދުގައި ވަރުގަދަ ދެކޮޅުވެރިކަމެއް އުފެދުނެވެ. މިކަމާހެދި މިއުވާން އަބަދަށްޓަކައި އެގެޔާއި ގުޅުން ކަނޑާލަން ޖެހުނެވެ. އަދި އެތާނގާއި މަސައްކަތް ކުރާ މީހުންނާވެސް މުޅިން ގުޅުން ކަނޑާލަން ޖެހުނެވެ. އޭގެ ތެރޭގައި ރައޫފާ ހަސަނުވެސް ހިމެނުނީތީ މިއުވާން ނުހަނު ދެރަވިއެވެ. ލިބޯމާގެއަށް ރުކާންގެ މަންމަ ދައްކަންޖެހޭ ލާރިތަކެއްގެ މައްސަލަވެސް ފެންމަތިވިއެވެ. ނަމަވެސް އެނިކަމެތި އާއިލާ ނުހަނު ކެތްތެރިކަމާއެކު އަދި މިއުވާންގެ އެހީތެރިކަމާއެކު އެ ހާދިސާތަކަށް ކެތްކުރަމުން ދިޔައެވެ.
ދެހަފްތާ ތެރޭގައި އެދެމީހުންގެ ކައިވެނި ކުރެވިއްޖެއެވެ. ރަށުގައި ނިކަމެތި އާއިލާއެއްގެ މީހަކަށްވީތީ މި އުފާވެރި ރަސްމިއްޔާތު ދެކޭނެ މީހެއް އެތިންމައިން ނޫނީ ނެތެވެ. ނާސިހާ އިރުކޮޅަކު ހުންނަން އައި ނަމަވެސް އޭނާގެ މަންމަ ބަލާއައުމުން ގެއަށް ދިޔައެވެ. ކުޑަގޮތަކަށް ކުރެވުނު މިކައިވެނީގައި އެދެމީހުން އިންތިހާއަށް އުފާވިއެވެ. މިއުވާނަށް ދުވަހަކުވެސް ނުލިބޭފަދަ ރޫހާނީ އުފަލެއް އިހުސާސް ކުރެވުނެވެ. ދިރިއުޅުމުގެ މަގުސަދެއްނެތް އަދި ފޫހިވެފައިވާ ދިރިއުޅުންދެކެ އޭނާ ލޯބި ޖެހުނެވެ. ދިރިއުޅުމަށްޓަކައި އެތައް އުންމީދެއް ކުރެވުނެވެ. އެތައް ހުވަފެނެއް ހަގީގަތަށް ހެދުމަށް އަޒުމު ކަނޑައެޅިއެވެ.
"ބުނީމެއްނު މަށާއި ކައިވެންޏެއް ނުކުރާނަމޭ." ކޯޓުން ނިކުމެގެން ގެއަށް އަންނަމުން މިއުވާނު ބުނެލިއެވެ. މިއުވާންގެ އާދައިގެ މަތީން ރުކާނާއި ދިމާކުރަމުން ދެއެވެ. ރުކާން ރުޅި އެރުވުމަކީ އޭނާއަށް ނުހަނު މަޖާކަމެކެވެ.
"މީހަކު ފަހަތުން ދުވެ އާދޭސް ކުރީމާ ދެކޮޅު ހަދަން ކެރޭނީ ކާކަށް." މިފަހަރު ރުކާންވެސް ދިމާކޮށްލިއެވެ.
"އެކަމަކު މަމީ ކާކުކަން އަދިވެސް ރުކާނަކަށް ނޭނގެއެއްނު." މިއުވާން ސީރިއަސް ވެލިއެވެ.
"ތިއީ މިއުވާން. މަގޭ ފިރިމީހާ. ބިރުވެރި ސައުކަތު ގާތުން ސަލާމަތް ކޮށްދިން ފާރަވެރިޔާ. އެވަރުން މަށަށް މިހާރު ފުދޭ."ރުކާން ލޯބި ގޮތަކަށް މިއުވާނަށް ބަލާލިއެވެ.
"އައްދެ. ހަމައެކަނި ތިވަރުން ނިންމާލީތަ." މިއުވާން ރުކާނާއި ގާތްވެލިއެވެ.
"އާނ. އަހަރެންނަށް އިތުރަށް އެނގެންޖެހޭ ކަމެއް ދެންކޮބާ؟ އަހަރެންނަށް މިއުވާން ފެނުނީ ތިގޮތަށް. އަދި އަހަރެން ލޯބިވީވެސް މިއުވާން ހަމަ ތިގޮތުގައި ހުއްޓާ. މިއުވާން ތިހުރީ އަހަރެންނާއެކު މިރަށުގައި އުޅެން. ދެން އިތުރަށް ބޭނުމީ ކޮންކަމެއް." ރުކާން ދުރަށް ޖެހިލިއެވެ.
"ރުކާން ބުނީމެއްނު ފަހަރެއްގައި ޖަލަށްވެސް ދާންޖެހިދާނޭ. މަށަކާއި ނީންނާނަމޭ." މިއުވާން އަދިވެސް ވާހަކަ ދައްކަނީ ސީރިއަސް ކަމާ އެކީގައެވެ.
"އެއީ އޭރު މިއުވާން ހުރިގޮތުން. ހީކުރީ ވަރަށް ގޯސްމީހެއްކަމަށް." މަޖާވެލާފައި ރުކާން ބުންޏެވެ.
"ތިބުނީ އަހަރެން ބޯ ދިގުކޮށްފައި ތުބުޅި ނުބާލާ ހުންނާތީތަ؟"
"އަދި ފަށްތައް އަޅާ ދެއަތް ފުރާފަ ހުންނާތީ. މިރަށަށް އަރުވާލީ ކީއްވެ ކަން ނޭނގޭތީ." ރުކާން ފުރިހަމަ ކޮށްލިއެވެ.
"ދެން މިހާރު އެނގުނީތަ."
"އާނ. ތިއީ އަހަރެން ހީ ނުކުރާހާ ރަނގަޅު އޯގާތެރިއެއް. ހުރިހާ ކަމެއްގައިވެސް އަހަރެންނަށް އެހީތެރިވި ބައިވެރިއެއް. މިއަށްވުރެ ބޮޑު އެއްޗެއް އެނގުންފިޔަވާ ދެން އެނގެން އޮންނާނީ ކޮންއެއްޗެއް؟"
"ނޫން. ރުކާނަށް އެނގެންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި. އަހަރެންގެ ހުރިހާ ވާހަކައެއް ރުކާނަށް މިރޭ ކިޔައިދޭނަން. އޭރުން ފަހަރުގައި ރުކާން އަހަރެންނަށް ނަފުރަތުވެސް ކޮށްފާނެ. އެކަމަކުވެސް އަހަރެން އެދެނީ އަހަރެންނަށް މާފުކުރުން."
"މިއުވާން. ސައިވެސް ނުދެމެއްނު." މިއުވާން އެގެއިން ދިޔަފަހުން ފުރަތަމަ ފަހަރަށް ހުސެން ބުނެލިއެވެ.
"ހުސެންމެންނަށް ސައި ނުލިބިއެއް ނުދާނެއެއްނު." މިވީދުވަސް ތަކުގައި ހުސެންމެންނާ މާބޮޑަށް ދުރުވެފައި ވާތީ ހުސެން ވާހަކަ ދެއްކުމުން މިއުވާން އުފާވިއެވެ. ވާހަކަ އެހާ ހިސާބަށް ދިޔައިރު ގެޔާ ހަމަވުމުން އިތުރު ވާހަކައެއް ރުކާނަކާއި ނުދެއްކުނެވެ.
އިރުއޮއްސެން ކައިރިވެފައިވަނިކޮށް މިއުވާން ގޭތެރޭގައި ހުރި މޭޒެއްގައި ލޯގަނޑެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. މޫނުން ދާހިއްލާފައިވާ މިއުވާން ޝައުގުވެރިކަމާއެކު އެމަސައްކަތް ކުރަމުން ދަނިކޮށް ރުކާން އައިސް ހުއްޓިލިއެވެ.
"މަ އަންނާނަން ދައްތައަށް މިހެދުން ގެންގޮސްދީފަ." އުފާވެލާފައި ރުކާން ބުންޏެވެ.
"ދެން މަ ކިހިނެއް ހަދައިދޭންވީ. ތުބުޅި ބާލާ ބޯ ކޮށަންވީދޯ." އޭނާ ތުބުޅީގައި އަތް ފިރުމާލަމުން ބުނެލިއެވެ. ރުކާނާއި ސަމާސާ ކުރުމަކީ އޭނާއަށް މިހާރަކަށް އައިސް ލިބޭ އުފަލެކެވެ.
"ނޫން. ދެން ކޮންމެހެން މިހާރު ތުބުޅި ބާލާނެ ކަމެއްނެތް." ގޮތް ދޫނުކުރަންވެގެން ރުކާން ބުންޏެވެ.
"އެކަމަކު ރުކާން އަހަރެންދެކެ ފޫހިވީ މިހެން ހުންނާތީއެއްނު." އޭނާ ރުކާންގެ ދަތްދޮޅީގައި ހިފާލާ އުފުލާލިއެވެ. އަދި ރުކާންގެ ލޮލަށް ބަލާލިއެވެ.
"އެކަމަކު މިހާރު މަށަށް މިއުވާން ވަރަށް ރީތި." ރުކާން އިސްޖަހާލަމުން ބުނެލިއެވެ. މިއުވާންގެ ފަރާތުން އަލަށް މިފެންނަ ނަޒަރުން އޭނާ ލަދުގަތެވެ.
"އެހެންވިއްޔާ ތުބުޅިބޭލީމަ އަދި މާރީތިވާނެދޯ. ދެނެއް އަހަރެން ތުބުޅިއެއްވެސް ނުބާލާނަން އަދި ބޮލެއްވެސް ނުކޮށާނަން." މިއުވާން ސަމާސާ ކުރަމުން ދިޔައެވެ. އޭރު ރުކާނަށް އަންނަމުން މިދާ ބަދަލުތައް މިއުވާނަށް ފެނެއެވެ. އޭނާ އަދިވެސް ބޮޑަށް ރުކާން ލަދު ގަންނަވާލަން ބޭނުންވިއެވެ. މިދެމީހުންގެ އުފާވެރި ސަކަ މިޒާޖުން ދެމީހުންނަށްވެސް ލިބެނީ އާދަޔާ ޚިލާފު ގާތްކަމެކެވެ. އަށާރައަހަރުގެ ރުކާންއާއި އެކާވީސް އަހަރުގެ މިއުވާން ވަނީ އެދެމީހުންގެ އަލަތުކައިވެނި ހީކުރި ގޮތާޚިލާފަށް މަންމަގެ ރުހުމުގައި ކުރެވުނީތީ އިންތިހާއަށް އުފާވެފައެވެ.
ރުކާން އަވަސް އަވަހަށް ގެއަށް ދިއުމަށްޓަކައި ޒަލްފާމެންގެ ގެއިން ނިކުތެވެ. ވިއްސާރައިގެ އަސަރުތައް ޖައްވަށް ވެރިވަމުން ދާތީ އޭނާގެ ހިނގުން ބާރުވަމުން ދިޔައެވެ.
"ރުކާން." ބައިސްކަލެއްގައި އައި މީހަކު މަޑުކޮށްލިއެވެ. ރުކާން ސިއްސައިގެން ގޮސް އެމީހަކަށް ބަލާލިއެވެ.
"ރައޫފު." ރުކާން ހައިރާން ވެފައި ބަލާލިއެވެ. ދުވަސްތަކެއް ވަންދެން ވާހަކަ ނުދައްކާ ހުރުމަށްފަހު ރުކާނާއި އޭނާ ވާހަކަ ދެއްކީތީއެވެ.
"އަހަރެން ވަރަށްބޮޑު ވާހަކައެއް ބުނަން ބޭނުން." ރައޫފު ބުންޏެވެ.
"ރައޫފު އޮންނާނީ ކޮންވާހަކައެއް ދައްކަން. މިއުވާންގެ ވާހަކައެއް ވިއްޔާ އަޑުއަހާކަށް ބޭނުމެއް ނޫން." ރުކާން ހިނގައިގަތެވެ.
"ފަހުން މިކަން އެނގިއްޖެއްޔާ ރުކާން ބުނާނެ ކީއްވެހޭ ނުބުނީ." ރައޫފު ސީރިއަސްވެލިއެވެ. ރުކާން ހުއްޓުނެވެ. ރައޫފު ވާހަކަ ދައްކަން ފެށިއެވެ. ރުކާން ފަރުވާތެރިކަމާއެކު އަޑުހަން ހުއްޓެވެ. އެމީހުން ބާޖުމެރި ވާހަކަ ކިޔައިދެން ފެށިއެވެ. މިއުވާން ބިސްއެއްލި ހިސާބުން ފެށިގެން ފަޔަށް ފުޅިތޮށިގަނޑު ހަރާލި ވާހަކައެވެ. ކޮންމެފަދަ ގޮތަކުންވެސް އޭނާ ރުކާން ހައްލަން ކުރި ހުރިހާ ކަމެއްގެ ވާހަކައެވެ. ސައުކަތަށް އެހާވަރެއް ކުރީވެސް ރުކާން މަންމަ ހެއްލުންތެރި ކުރުމުގައި ކަމުގައި ބުނެ އޭނާ އެތަކެއް ދޮގުތަކެއް ހެދިއެވެ.
"އަހަރެން ގަބޫލެއް ނުކުރާނަން." ރުކާން ބުނެލިއެވެ.
"އެހެންވީއިރު ރުކާން ގަބޫލު ކުރާވަރަށް އަހަރެން ހެކިދައްކަފާނަން." ރުކާން މިވާހަކަތައް ގަބޫލު ނުކުރުމުން އެންމެ ފަހުން މިއީ ތެދުކަން ދައްކައިދޭނެ ކަމުގައި ބުނެ އޭނާ ރުކާން ގޮވައިގެން އެގެއަށް ދިޔައެވެ. ރައޫފުގެ އެދުމުގެ މަތީން ރުކާން ހުރީ މިއުވާނުމެން ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައެވެ.
"އެންމެފަހުން ކަލޭ ކާމިޔާބު ކުރީދޯ." ރައޫފު ހިނިގަނޑެއް ޖަހާލިއެވެ.
"ކަލޭ ހީކުރީ އަހަރެން މީ އެހާއަވަހަށް ދޫކޮށްލާފާ ފިލަންދާނެ ފިނޑިއެއް ކަމަށްތަ؟" މިއުވާން ހިނިގަނޑެއް ޖަހާލާ ރައޫފަށް ރައްދުދިނެވެ. އޭނާގެ މޫނުމަތީން ފަޚުރުވެރިކަން ހާމަވެއެވެ.
"ނޫނޭ. މިހާރު ޔަގީންވެއްޖެ ކަލޭ މޮޅުވުމަށްޓަކައި ކޮންމެ ފަދަކަމެއްވެސް ކޮށްފާނެކަން. އަން މިއޮތީ ތިންހާސް ރުފިޔާ." ރައޫފު ވޮލެޓުން ނަގާފައި ފަސްސަތޭކައިގެ ނޫޓުތަކެއް ދިއްކޮށްލިއެވެ.
"ދެން ސައެއްބޯލަން ޖައްސާލައްޗޭ." މިއުވާން ނޫޓުތަކާ ކުޅެލަމުން ބުންޏެވެ.
ރުކާން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާ ހީކުރީ މިއުވާން އިންތިހާ ދަރަޖައަށް އޭނާދެކެ ލޯބިވާ ކަމަށެވެ. ދިމާވި ހުރިހާ ހާދިސާތަކަށް ފުރިހަމައަށް ހަމްދަރުދީ ވީކަމަށެވެ. ނަމަވެސް އެއީ ހުސް ދެއްކުންތެރިކަމާއި މަކަރެވެ. އެއީ ރައޫފާއި ބައިވެރިވެގެން ކުޅެލި ގޭމެކެވެ. އޭގައި މޮޅުވެލަން ބޭނުންކުރީ ހީލަތްތެރިކަމާއި މަކަރުވެރިކަމެކެވެ. މާތްކަލާކޯއެވެ. އަހަރެންނަށް މިލިބުނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ އަހަރެންނަށް ލޯބި މިވެވުނީ މިކަހަލަ ކެހިވެރިއަކާ ހެއްޔެވެ؟ މިހާބޮޑު ކުށެއް އަހަރެންނަށް މިކުރެވުނީ ކީއްވެބާވައެވެ؟ މިއަށްވުރެ އެ ސައުކަތާ އިނދެވުނު ނަމަވެސް މާރަނގަޅެވެ.
ރުކާން ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އަދި ކެތްތެރިވެވޭތޯ ބެލިއެވެ. އޭނާ އެދިޔަގޮތަށް ގޮސް ގިފިއްޔަށް ވަނެވެ. އަދި ހިތްހަމަ ޖެހޭވަރު ވަންދެން ރުޔެވެ. ރޮއިރޮއި އޭނާއަށް ގިސްލެވުނެވެ. ދެލޮލުގައި ރިއްސިއެވެ. އެންމެ ފަހުން ފެންވަޅު ކައިރިއަށް ދިޔައެވެ. އަދި އެތައް އިރެއް ވަންދެން ގަޔަށް ފެން އަޅަމުން ދިޔައެވެ. ވަޅުގެ ފެނަކީ ހުސްވާއެއްޗެއްނަމަ އެރޭ އެވަޅުން ފެން ހުސްވީހެވެ. ވަރުބަލިވުމުން އަނެއްކާވެސް ތަޅުންގަނޑުގައި އިށީނދެލިއެވެ. އެއަށްފަހު އޭނާގެ ޟަމީރު އޭނާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ.
މިއުވާނާއި ދުރުވާށެވެ. އެއީ ރުކާންދެކެ ލޯބިވީ މީހެއްނޫނެވެ. އެންމެ ތިންހާސް ރުފިޔާއަށްޓަކައި އޭނާ ރުކާން ބޭނުން ކޮށްލީއެވެ. މިނިވަން ވަންދެން ފޫހިފިލުވާލާ ވަގުތު ދުއްވާލުމުގެ ގޮތުން އޭނާ ރުކާން ކުޅިބަޔަކަށް ހަދާލީއެވެ. ރުކާން ތެދުވިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް ރޯނުގައި އޮތް ހެދުންނަގާ ހެދުން ބަދަލުކޮށްލިއެވެ. އަދި ހިތްވަރެއްލާ މިއުވާންގެ ކުރިމައްޗަށް ނިކުމެ އެގުޅުން ނިންމުމަށް އަޒުމު ކަޑައަޅައިފިއެވެ.
ބޭރު ފެންޑާގައި މިއުވާން ހުރީ ރުކާންގެ ޚަބަރެއް ނުވުމުން ކަންބޮޑު ވެފައެވެ. ދައްތަގެއަށް ހެދުމެއް ގެންދިޔަ ރުކާން އަދިވެސް ނާންނާތީއެވެ. މިހާރު އެގެއަށް މިއުވާން ދެފަހަރު ހިނގައްޖެއެވެ. ނަމަވެސް ރުކާން އެގެއިން ދިޔަތާ ކިތަންމެ އިރެއް ވެދާނެ ކަމަށް ދައްތަ ބުނުމުން ރުކާން ދެން ހިނގައިދާނެ ހެން ހީވާ ހުރިހާތަނެއް އޭނާ ބެލިއެވެ. ހޮޅުއަށްޓެވެ. ނާސިހާމެންގެއެވެ. ނަމަވެސް ރުކާންގެ ޚަބަރެއް ނުވުމުން އޭނާ ހުރީ ހާސްވެފައެވެ.
(ނުނިމޭ)
