ޔުއެފާ ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 0-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.
ޑައިނަމޯ ޒަގްރެބް ދަނޑުގައި ކުޅުނު މި މެޗު ޒަގްރެބުން ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނިޓުގައި ލިބުނު ކައުންޓާ އެޓޭކެއްގައި މިސްލާވް އޯސިޗެވެ. ދަނޑުގެ މެދަކާ ހަމައިން އޭނާ ވަނީ ބޯޅަ ހޯދައިގެން، ޗެލްސީގެ ޑިފެންޑަރު ވެސްލީ ފޮފާނާއަށް ބޯޅަ ހޯދަން ފުރުސަތު ނުދީ މުޅިން ހުސްކޮށް އޭރިއާ ތެރެއާށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޯސިޗަކީ ޗެމްޕިއަންސް ލީގު ކޮލިފައިންގައި އެޓީމުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ.
މި ލަނޑާއެކު ޗެލްސީން ކުރިޔަށް ޖެހި އެޓޭކްތަކެއް ކުރި ނަމަވެސް، ޑައިނަމޯ ޒަގްރެބް ވަނީ ފަހަތަށް ޖެހި ޗެލްސީ ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެޓީމުން ވަނީ ޗެލްސީގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.
މި މެޗުގެ ކައުންޓާގައި ޑައިނަމޯ ޒަގްރެބްއަށް ލީޑު ފުޅާ ކުރަން ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. އަދި ޗެލްސީން ދިޔައީ އެޓީމު ކޮޅަށް އިތުރު ލަނޑެއް ވަނެ ނުދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދެވަނަ ހާފު ފެށިގެން ބެން ޗިލްވެލް ޖައްސާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޮބާމެޔަންގް ލަނޑެއް ޖެހި ނަމަވެސް، ޗިލްވެލް އަށް ބޯޅަ ލިބުނު އިރު އޮފްސައިޑުގައި ހުރުމުން އެ ގޯލު ބަލައެއް ނުގަނެ އެވެ.
ޒަގްރެބުން ވަނީ ޔޫރަޕުގައި ލަންޑަނުގެ ކުލަބުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި ވެސްޓް ހޭމް ބަލިކުރި އިރު، އޭގެ ކުރީ ސީޒަނުގައި ގަދަ 16 ގެ ދެވަނަ ލެގުގައި ތަފާތު ބޮޑުކޮން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. އަދި 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި އާސެނަލް ވެސް ބަލިކުރި އެވެ.
