ފްރާންސް ލީގުގައި ޕީއެސްޖީން 1-0 އިން ބްރެސްޓް ބަލިކޮށްފިއެވެ. ބްރެސްޓް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީ އިން ޖެހި ހަމައެކަނި ލަނޑު، ލިއޮނެލް މެސީ ދިން ޕާހަކުން ޖެހީ ނޭމާ އެވެ. މިއީ ނޭމާ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން އޭނާ ކާމިޔާބުކުރި އަށް ވަނަ ގޯލެވެ.
މިއީ ނޭމާ މި ސީޒަންގެ ލީގު ފެށުނު ފަހުން ޖެހި އަށް ވަނަ ލަނޑެވެ. ނޭމާގެ މި ގޯލާ އެކު އޭނާ ވަނީ ޕީއެސްޖީ އަށް 110 ލަނޑު ހަމަކޮށްދީ، ޕީއެސްޖީގެ ތާރީޚުގައި އެ ޓީމަށް ހަތަރު ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފަ އެވެ.
ބްރެސްޓަށް އެއްވަރުކޮށްދޭން މެޗުގެ 70 ވަނަ މިނެޓުގައި އަލްޖީރިއާ ފޯވާޑް އިސްލާމް ސްލިމާނީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު، އޭނާ ޖެހި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ ދިފާއުކޮށްފައެވެ.
ޕީއެސްޖީ އިން ލީގުގައި މިހާތަނަށް ހަތް މެޗު ކުޅެފައި ވާއިރު، އެއްވަނައިގައި ޕީއެސްޖީ އޮތީ 19 ޕޮއިންޓް ހޯދައި، ފައިދާ 21 ގޯލާ އެކު އެވެ. ދެވަނައިގައި އޮތް މާސޭ ވެސް ވަނީ އަމިއްލަ ދަނޑުގައި ރޭ ފަހަތުން އަރައި ލިލް ބަލިކޮށް، 19 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް މާސޭ އަށް ލިބިފައި ވަނީ ފައިދާ ހަތަރު ގޯލެވެ. ތިން ވަނައިގައި އޮތް ލެންސަށް ހަތް މެޗުން ލިބެނީ 17 ޕޮއިންޓެވެ. ހަތަރު ވަނަލިޔޯން އަށް ލިބިފައި ވަނީ ކުޅުނު ހަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.
