ވާހަކަ: ރުކާން – 11

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ކުއްލިއަކަށް ގިފިލީގެ ދޮރު ހުޅުވާލި އަޑުއިވުނެވެ. މިއުވާން އެދިމާއަށް ބަލާލިއެވެ. ގިފިލިން ނިކުތް ރުކާންއަށް މިއުވާން ބަލާލިއެވެ. އިސްތަށިގަނޑު ތެމިފޯވެފައިވާ ރުކާން ހުރީ ހީކަރުވައިގެންފައެވެ.  ރުކާން ފެނުމުން މިއުވާނަށް  އުފަލުން އެދިމާއަށް ދުއްވައި ގަނެވުނެވެ.

"މިހާރު ކިހާއިރެއް؟ އަހަރެން މިހުރީ ރުކާން ލަސްވުމުން ވަރަށް ކަންބޮޑުވެފައި. އައިކަން ނުވެސް އަންގާލާ ތިހާ ގިނަ އިރެއްތިވީ ކީއްވެ؟" ކަންބޮޑުވެފައިވާ މިއުވާން ވާހަކަ ދެއްކީ އުފަލާއެކުގައެވެ.

"ކިހިނެއްވީ؟ އަހަރެން ނެތަކަސް މިއުވާނަކަށް މާބޮޑު ހާސްކަމެއް ލިބެންވީ ކީއްވެ؟" ރުކާން މިއުވާނުގެ މޫނަށް ނުބަލަން އަނެއްފަރާތަށް ބަލަމުންދެއެވެ.

"ރުކާން ނެތިއްޔާ އަހަރެން މޮޔަވެސް ވެދާނެ. އަބަދުވެސް ބޭނުމީ ރުކާން އަހަރެން ފެންނަ ހިސާބުގައި އުޅެން." އޭނާ ރުކާން އަތުގައި ހިފާލަމުން ބުންޏެވެ.

"ހުއްޓާލާ. މަކަރުވެރިޔާ." އަތް ފޮޅުވާލަމުން ރުކާނަށް ހަޅޭއްލަވައި ގަނެވުނެވެ. ކިތަންމެ މަޑުން ވާހަކަ ދައްކަން އުޅުނު ނަމަވެސް އޭނާއަށް ކޮށްފައިވާ އަސަރުން ނަފުސް ކޮންޓުރޯލެއް ނުކުރެވުނެވެ. އޭނާއަށް ބޭ އިޚްތިޔާރުގައި ރޮވެން ފެށުނެވެ.

"ތީ އަބަދުވެސް މިއުވާން ބުނާއެއްޗެއްނު. އެކަމަކު މިއުވާން ކީއްވެ…. ކީއްވެ އެހެން ހެދީ؟" ރުކާން މިއުވާން ގައިގައި ޖެހިއެވެ. އެއްފަހަރަކު ނޫނެވެ. އެތައް ފަހަރަކު މިއުވާން ގައިގައި އޭނާ ޖެހިއެވެ.

"ރުކާން. މަޑުކޮށްބަލަ. ރުކާން." މިއުވާން ރުކާން މައިތިރި ކޮށްދެވޭތޯ ބަލަމުން ދިޔައެވެ.

"ކަލޭ އަހަރެންނަށް އެފަދަ ބޮޑު ލަނޑެއް ދޭނެކަމަކަށް ދުވަހަކުވެސް ހިތަކަށް ނާރާ. ކަލެއަށް މީހަކާ ވާދަ ކުރުމަށްޓަކައި އަހަރެން ބޭނުން ކުރަން ޖެހުނީ ކީއްވެ؟" ރުކާން މިއުވާންގެ ޓީޝާޓުގައި ހިފިއެވެ. އަނެއްކާވެސް މިއުވާންގެ މޫނުމަތީގައި ޖެހިއެވެ.

"ރުކާން … ކިހިނެއްވީ….. އަހަރެން ކިހިނެއް ހެދީތަ."؟ މިއުވާން ރުކާންގެ އަތުގައި ހިފެހެއްޓިއެވެ. އަދި ހަރަކާތް ނުކުރެވޭ ގޮތަށް ގަޔާ ކައިރި ކޮށްލިއެވެ. ރުކާނަށް ކުއްލިއަކަށް މިއައި ބަދަލުން މިއުވާން ވަނީ ކަންބޮޑުވެފައެވެ.

"ކީއްވެ އެންމެ ތިންހާސް ރުފިޔާއަށްޓަކައި އަހަރެންގެ ދިރިއުޅުން ވިއްކާލީ؟ ކުރިންވެސް ތިމީހުންގެ ގޭމްގެ ވާހަކަ ބުނިނަމަ އަހަރެން ވަރަށް ފަސޭހައިން ތިކަންތައް ކާމިޔާބު ކޮށްދިނީމުސް." ރުކާން އަދިވެސް ހުރީ އިޚްތިޔާރުން ބޭރުގައެވެ. އޭނާއަށް މިއުވާން ގައިގާ ހިފަހައްޓާލެވުނެވެ. ދެން ބާރަށް ރޮވެން ފެށުނެވެ. ކިތަންމެ ރުޅިއައިނަމަވެސް އޭނާއަކަށް މިއުވާން ގާތަކު ރުޅިވެރިކަމެއް ނުދެއްކުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ހިތްދަތިވެ މިއުވާންގެ އޯގާތެރިކަމަށް ބޭނުން ވެފައެވެ.

"ރުކާން. އެއީ އެހެން ކުރިކަމެއް ނޫން. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ ބުނީމެއްނު." މިއުވާނަށް އޭނާގެ ރޭވުން ރުކާނަށް އެނގުނީކަން ޔަގީންވީތީ އޭނާ ކަންބޮޑުވިއެވެ. މިރޭ އޭނާހުރީ އެހުރިހާ ވާހަކައެއް ކިޔައިދޭށެވެ.

"އަހަރެން ހީކުރީ މިއުވާން ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވާކަމަށް." ރުކާން މިއުވާނާއި އެންމެ ގާތަށް ޖެހިލިއެވެ. އަދި އޭނާގެ ދެއަތުން މިއުވާންގެ ގައިގާ ހިފަހައްޓާލިއެވެ.

" ރުކާން ގަބޫލު ކުރޭ. އެއީ އެހެން ކުރިކަމެއް ނޫން. އަހަރެން ރުކާން ދެކެ ވަރަށް ލޯބިވޭ." މިއުވާން ރުކާންގެ ނިތްކުރިއަށް ދޮނެއް ދިނެވެ. އަދި ގަޔާލާ ކައިރި ކޮށްލިއެވެ.

"ނޫން. ކަލޭ ފޫހި ފިލުވާލަން އަހަރެން ބޭނުން ކޮށްލީ. ރައްޓެހިންގެ ދެރަބަހަށް އަހަރެންނާ ކުޅެލީ." ކުއްލިއަކަށް ރުކާނަށް ވިސްނިގެން ކަހަލަގޮތަކަށް މިއުވާނާ ދުރަށް ޖެހިލިއެވެ. އަދި ޖަވާބަކަށް އެދޭފަދަ ގޮތަކަށް މިއުވާނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ރުކާންގެ މިބެލުމުން އޭނާގެ އަތުން ރުކާން ބީވެދާނެ ފަދަ އިހުސާސެއް އޭނާ ކަންބޮޑު ކުރުވިއެވެ.

"ރުކާން. އެހެނެއް ނޫން. އަހަރެން ހުރީ ހުރިހާ ވާހަކައެއް ކިޔައިދޭން." މިއުވާން ވާހަކަ ދެއްކޭތޯ ބެލިއެވެ. އޭނާ ރުކާންގެ ގާތަށް ޖެހިލިއެވެ.

"ނޫން މިއުވާން. އަހަރެންނަށް ހުރިހާ އެއްޗެއްވެސް ފެނިއްޖެ. މިއުވާންގެ މަކަރުވެސް އެނގިއްޖެ. ދެން އަހަންނަކަށް މިއުވާނަކަށް އިތުބާރެއް ނުކުރެވޭނެ. މިގެއިން ދޭ. އަހަރެން ހީކުރީ މިއުވާން ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވާކަމަށް."

"ރުކާން. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ." މިއުވާންގެ އަޑު މަޑުވިއެވެ. އޭނާގެ އުންމީދު ފަނޑުވިއެވެ.

"ނޫން. އަހަރެން ދެން އިތުރަށް މޮޔަ ނުހައްދާ. މިއުވާން އަހަރެންގެ ދިރިއުޅުމުން ދުރަށްދޭ." ރުކާން ބޭރު ދޮރު ހުޅުވާލާފައި މިއުވާނަށް ނިކުންނަން ތަންދެއްކިއެވެ. އޭރު ރުކާނަށް ރޮވެނީއެވެ. ނަމަވެސް ހަރުކަށި ކަމާއެކު މިއުވާން ނިކުންނަންދެން ބަލަން ހުއްޓެވެ.

"ރުކާން." މިއުވާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ރުކާން ނުލިބި ދިއުމަކީ މިހާރު ކެތްކުރަން ދަތިކަމެކެވެ. ރުކާން އޭނާއަށް މާފު ކުރާށޭ ބުނާކަހަލަ ބެލުމަކުން އޭނާގެ ލޯބިވާ އަނބިމީހާއަށް ބަލާލިއެވެ. އެ ބެލުމުގައި ވަނީ އާދޭހެވެ.

"މިއުވާން ދޭ." އިތުރަށް މިއުވާން މަޑުކުރުވައިފިނަމަ އޭނާގެ ބަސް ގަބޫލު ކުރެވިދާނެ ކަމަށް ރުކާން ބިރުގަތެވެ. މިއުވާންދެކެ ކިތަންމެ ލޯބިވިޔަސް އޭނާ ވަނީ ރުކާނަށް އޮޅުވާލާފައެވެ. މަކަރުވެރި ގުޅުމަކުން ބިންގާ އެޅޭ ކައިވެންޏަކުން ރަނގަޅު ދިރިއުޅުމެއް އުޅެވިދާނެ ކަމަށް ރުކާން ގަބޫލެއްނުކުރެއެވެ. އޭނާގެ ދައްތަ ފަދައިންނެވެ.

"ރުކާން…..އަހަރެން ދާނީ ކޮންތާކަށް؟ މިއަދު އަހަރެން ވަންނާނެ އެއްވެސް ތަނެއްނެތް." މިއުވާން ދެރަވެލާފައި ބުންޏެވެ.

ރުކާނަށް މިއުވާންގެ މި ޖުމްލައިން ވަރަށް އަސަރު ކުރިއެވެ. ނަމަވެސް ބާރަށް ދޮރުލައްޕާ ތަންޑު އެޅިއެވެ. ދޮރުގައި އޭނާ ލައްވެލިއެވެ. އޭނާއަށް ބާރަށް ރޮއިގަނެވުނެވެ.  ވާރޭގެ އަޑާއި އެކުވެގެން އޭނާގެ ރުއިމުގެ އަޑު ޖައްވަށް ފެތުރިއްޖެއެވެ. ހުރިދިމާ ތިރީގައި އިށީނދެވުނެވެ. އޭނާއަށް އެގޮތުގައި ގަޑިއެއްހާއިރު އިނދެވުނެވެ.

ރުކާން ކުއްލިއަކަށް ތެދުވިއެވެ. އަދި އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް ދޮރު ހުޅުވާލާފައި ބޭރު ބަލާލިއެވެ. އޭރު ވާރޭ ތެރޭގައި މިއުވާންގެ ފޮށި މަތީގައި އިށީނދެ ލައިގެން އިނެވެ. ބޯކޮށް ވެހޭ ވާރޭގައި އެ ނިކަމެތި މިއުވާން އިނީ ހީކަރުވައިގަނެފައެވެ.

"މިއުވާން." ރުކާނާއި ދިމާއަށް ބަލަހައްޓައިގެން އިން މިއުވާނާއި ދިމާއަށް ބަލާލިއެވެ. މިއުވާން ދުވެފައި ކަހަލަ ގޮތަކަށް ރުކާންގެ ގާތަށް އައެވެ.

"މިއުވާން މިނިވަން ވާކަށް ދެން މާގިނަ ދުވަހެއް ނެތް. މިނިވަން ވަންދެން މިގޭގައި ހުއްޓަސް މަށަށް މައްސަލައެއް ނެތް. އެކަމަކު އަހަރެމެން ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް މީގެފަހުން ނޯންނާނެ." ރުކާން އެއްޗެކޭ ނުބުނެ އެތެރެގެއަށް ވަދެ ދޮރު ލެއްޕިއެވެ.

 

ރުކާން ވަނީ ދެރަ ވެފައެވެ. މިއުވާންގެ ފަރާތުން ލޯތްބާއި އޯގާތެރިކަން އޭނާއަށް ފެނުނެވެ. އެ ލޯތްބާއި ގާތްކަމަށް އޭނާއަށް އިންތިހާއަށް އެދެވެން ފެށުނެވެ. ނަމަވެސް މިއުވާންގެ ހުރިހާ ކަމަކީ ދެއްކުންތެރިކަމެވެ. އޮޅުވާލުމެވެ. އެކަމަކުވެސް އޭނާއަށް މިއުވާން ގެއިން ބޭރު ކޮށްލާކަށް ނުކެރުނެވެ. އޭނާ އަދިވެސް މިއުވާންދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އެފަދަ މީހަކާއެކީ ދިރިއުޅުން އާރާސްތު ކުރާނީ ކިހިނެއް ހެއްޔެވެ؟ މާދަމާ އޭނާއަށް ދޭނީ ކޮންފަދަ ދެރަ އެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ؟

"ރުކާން. ދޮރު ހުޅުވަބަލަ." ރުކާން އުޅޭ އެތެރެ ގޭގެ ދޮރުގައި މިއުވާން ޓަކިޖަހާލިއެވެ. ރުކާން ކުޑަކުޑަކޮށް ދޮރު ހުޅުވާލިއެވެ. މިއުވާން ބޮޑަށް އެ ދޮރު ހުޅުވާލާ އެތެރެއަށް ދެމިގަތެވެ. އެއީ އެގޭގައި ދެވަނައަށް ހުންނަ ކޮޓަރިއެވެ. އެއްފަރާތުގައި އާދައިގެ ކުޑައެނދެއް ހުރިއިރު ހެދުން އެޅުވުމަށްޓަކައި ފާރުގެ އެއްބިތުގައި ރޯނެއް ދަމާފައިވެއެވެ. ކޮޓަރީގެ ކަނުގައި އެލުވާފައި ހުރި ފުޅިބައްތީގެ އަލިން މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ފަނޑު އައްޔެކެވެ. މިއުވާން ރުކާންގެގާތަށް ޖެހިލިއެވެ.

"މަންމައަށް އަހަރެމެންގެ މެދުގައި މައްސަލައެއް އުޅޭކަން އެނގިއްޖެއްޔާ ގޯސްވެދާނެ." މިއުވާން އިތުރު އެއްޗެކޭ ނުބުނެ ރުކާންގެ ބަހަކަށް އިންތިޒާރުވެސް ނުކޮށް ބާލީހެއް ނަގައިގެން ތިރީގައި ތަޅުންމަތީގައި އޮތް ކުނަލެއްގައި އޮށޯތެވެ. މިހާރު އޭނާ އިތުރު ވާހަކަތަކެއް އޮޅުން ފިލުވައިދޭކަށް ބޭނުމެއްނޫނެވެ. އޭނާހުރީ ހުރިހާ ވާހަކައެއް މިރޭ ކިޔައިދޭށެވެ. ރައޫފާއެކު ކުރި ބާޖުމެރުމުގެ ހުވައެވެ. އޭނާ މިރަށަށް އަރުވާލި ސަބަބެވެ. އޭނާގެ އާއިލާއާއި އޭނާގެ ފުރިހަމަ އެހެނަސް ހަމަނުޖެހޭ ދިރިއުޅުމެވެ. އެކަމަކު މިހުރިހާކަމެއް ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވީ ކޮންމެވެސް މީހެއްގެ ނުބައިކަމުންނެވެ. އެމީހަކު އެމައުލޫމާތު ރުކާނަށް ނުބައި ގޮތަކަށް ދިނީތީއެވެ.

އޭނާ މިހާރު ރުކާންދެކެ އިންތިހާއަށް ލޯބިވެއެވެ. ރުކާނާއި ނުލާ ހަގީގަތުގައިވެސް އޭނާއަށް ދިރިއުޅެން އުނދަގުލެވެ. އަރުވާލުމުގެ ކުރިން އޭނާ ރައްޓެހިވީ އެތައް ކުދިންނަށްވުރެ އޭނާއަށް ރުކާން ކަމުދެއެވެ. ކުރިން ފެންނަ ރީތިކަމެއްނެތް އާދައިގެ ރުކާން އޭނާއަށް މިހާރު ރީތިވެފައި ފުރިހަމައެވެ. އޭނާ އަންހެންކުއްޖެއްދެކެ ވީ ލޯބި ފުރަތަމަވެސް ވެވުނީ ރުކާންދެކެއެވެ.

ރައޫފުދިން ތިންހާސް ރުފިޔާގައި ހިފީ ވަރަށް މުހިއްމު ބޭނުމެއް ފުރިހަމަ ކުރުމަށްޓަކައެވެ. އެހެންނޫންނަމަ އޭނާ އެލާރި ރައޫފުއަތުން އަތުލާފައި ވަގުތުން ރުކާނަށް ދިނީހެވެ. އަދި އެދެމީހުންގެ ދިރިއުޅުން ފުރިހަމަ ކުރުމަށްޓަކައި އެބޭނުން ކުރީހެވެ. އޭނާ ނިންމައިގެން ހުރީ މިނިވަން ވިޔަސް ރުކާންއާއިއެކު މިކުޑަ ޖިފުޓިގަނޑުގައި ދިރިއުޅުމަށެވެ. އެއީ އޭނާއަށް ގަނޑުވަރެއްކަހަލަ ބޮޑުގެއަކުން ނުލިބުނު އެތައް އުފަލަކާއި ހަމަޖެހުމެއް ގެނެސްދިން ކުޑަކުޑަ ގެއެކެވެ.

 

އޭނާ އިންތިހާއަށް ރުކާން ބޭނުންވެއެވެ. ރުކާންއާއެކު ބައިވަރު ދަރިން ބޭނުން ވެއެވެ. އެއީ އާއިލާގައި އެންމެ ކުއްޖެއް ހުރުމުންލިބޭ އެކަނިވެރި ކަމަށްވުރެ މާ ހިތްއެދެވޭ ކަމެކެވެ. އެއާއިލާއެކީ މި ގޭގައި އުފާވެރިކަމާއި ލޯތްބާއެކީ ދިރިއުޅެން ބޭނުންވެއެވެ. އެއީ ވަގުތު ނުލިބޭ މައިންބަފައިންގެ ފަރާތުން ނުލިބޭ ލޯތްބަށް ވުރެ މާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. އަގު ބޮޑު މުދަލަށްވުރެ މި ނިކަމެތި އެހެނަސް އުފާވެރި ލޯބިވެތި ދިރިއުޅުން އޭނާއަށް މާކަމުދެއެވެ. ނަމަވެސް ރުކާންގެ އާދަތަކުގައި އަބަދުވެސް ހަރުލާފައި ހުންނަ އަމިއްލަ ވަންތަކަމާއި ގޮތް ދޫނުކުރުން އޭނާއަށް މާފު ނުކޮށްފާނެތީ ކަންބޮޑުވެއެވެ.

"އޭތް…." މިއުވާނަށް ބާރަށް ގޮވާލެވުނެވެ. އޭރު  އޭނާ ކުއްލި ހަރަކާތަކާއި އެކު އަތްފޮޅާލީ ކޮންމެވެސް ދިރޭ އެއްޗެއް އޭނާ ގަޔަށް އެރިހެން ހީވެގެންނެވެ. ފާރުގައި ޖެހުނު ބިޗޫ ރުކާނަށްވެސް ފެނުނެވެ.

"އަވަހަށް ތެދުވޭ." ރުކާން ތެދުވެފައި ގޮސް އިލޮށި ފަތިން ބިޗޫގައި ޖެހިއެވެ.  އޭނާ އަވަސް ހަރަކާތާއި އެކު ބިޗޫ މަރާލިއެވެ. އޭނާ  މިއުވާނަށް ބަލާލިއިރު މިއުވާން އިނީ ދެފައި ވަށްކޮށްގެން އެނދަށް އަރައެވެ. އެފަކީރު ހުރީ ބިރުން ހަލާކު ވާވަރުވެފައެވެ. މިއުވާންގެ މި ފިނޑިގޮތް ފެނިފައި ރުކާން ގާތަށް ހިނިއައެވެ. އޭނާގެ ހިތުގައި  މިއުވާނާއި މެދުވާ ލޯބި އިހުސާސްވިއެވެ. އަދި މިއުވާނަކީ ކޮންމެ ކަހަލަ މީހަކަސް މާފުދީ މިއުވާނާއި އެކީ އުޅުމަށް އެދެވުނެވެ.

"އަހަރެން ބިރަކުން ނޫނޭ މިއިނީ. ރުކާން ތެދުވާށޭ ބުނީމަ……" މިއުވާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރުކާން ބަލަން ހުރިގޮތުން  މިއުވާން ލަދުގަތެވެ. ތިމާގެ އަމިއްލަ އަންހެނުން ގާތުގައި މިހާ ފިނޑި ވެދާނެކަމަށް އޭނާ ފަހަރެއްގައިވެސް ހީކުރެވިފައެއް ނެތެވެ. މިއުވާން ބާލީސް ހިފައިގެން އަނެއްކާވެސް ތެދުވިއެވެ. ރުކާންގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *