ކްރިކެޓް އޭޝިއާ ކަޕް ޗެމްޕިއަންކަން 6 ވަނަ ފަހަރަށް ލަންކާއިން ހޯދައިފި

އޭޝިއަން ކްރިކެޓް ކަޕްގެ ޗެމްޕިއަންކަން ސްރީލަންކާ އިން ހޯދައިފިއެވެ. ފައިނަލްގައި 23 ލަނޑުން ޕާކިސްތާން ބަލިކޮށް، ސްރީ ލަންކާ އިންވަނީ ހަ ވަނަ ފަހަރަށް ކްރިކެޓް އޭޝިއާ ކަޕް ކާމިޔާބުކޮށްފި އެވެ.

އެ ޓީމުން އެންމެ ފުރަތަމަ އޭޝިއާގެ ޗެމްޕިއަންކަން ހޯދީ ވެސް ޕާކިސްތާނު ބަލިކޮށްފަ އެވެ. ލަންކާ ވަނީ މީގެ ކުރިން 1986، 1997، 2004، 2008 އަދި 2014 ގައި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ލަންކާ އިން އޭޝިއާގެ ޗެމްޕިއަންކަން ހޯދީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ގިނައިން އޭޝިއާގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިއާ އެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ އުކާށެވެ. މި އިނިންސްގައި ލަންކާ އިން ވަނީ 20 އޯވަރުން ހަ ކުޅުންތެރިން ނުބައި ވެގެން 170 ލަނޑު ހަދައިފަ އެވެ. ލަންކާގެ ބަނޫކާ ރާޖަޕަކްސާ ވަނީ ހަވަނަ އޯވަރުގައި ކުޅެން އަރައި، 45 ބޯޅައިން ނުބައި ނުވެ 71 ލަނޑު ހަމަކޮށްފަ އެވެ.

ޕާކިސްތާނުން ޖަވާބުގައި ކުޅެން އަރައި 20 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 147 ލަނޑެވެ. އޯޕަނިން ބެޓްސްމަން މުހައްމަދު ރިޒްވާން 49 ބޯޅައިން 55 ލަނޑު ހެދި ނަމަވެސް، އޭނާއާ އެކު އޯޕަނިން ގައި ކުޅެން އެރި ކެޕްޓަން ބާބާ އަޒާމް އަށް ހަ ބޯޅައިން ހެދުނީ ފަސް ލަނޑެވެ.

މި އިނިންސްގައި ލަންކާއިން އެންމެ ރަނގަޅަށް އުކީ ޕްރަމޯދް މަދުޝާން އެވެ. އެޓީމުގެ ވަނިންދު ހަސަރަންގަ ޑި ސިލްވާ ތިން ވިކެޓު ނެގި އިރު، ޗަމިކަ ކަރުނަރަތުނޭ އާއި މަހީޝް ތީކްޝަނާ ވެސް ވިކެޓު ނެގި އެވެ.

ލަންކާ އާއި އިންޑިއާގެ އިތުރުން، ޕާކިސްތާނުން ވަނީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޯޑީއައި ފޯމެޓަށް، 16 ވަނަ އޭޝިއާ ކަޕް އަންނަ އަހަރު ބާއްވަން ހަމަޖެހިފައި ވަނީ ޕާކިސްތާނުގަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *