(11 ސެޕްޓެމްބަރ 2022 ގެ ނޫހާއި ގުޅޭ)
ވަރަށް ބިރުންހުރެ ނަމަވެސް މަޑުމަޑުން ތިރީގައި އޮތް ކުނަލުގައި އޮށޯވެލިއެވެ. އަދިވެސް އެ ގޮތް ދޫނުކުރާ ރުކާން އޭނާއަށް ގޮވާލާނެ ކަމަށް އިންތިޒާރު ކުރެވެނީއެވެ. އެތައް އިރެއް ވީއިރުވެސް މިއުވާނަކަށް ނުނިދެއެވެ. ހަމަ ކުއްލިއަކަކަށްވެސް އެ ބިޗޫ އޭނާގަޔަށް އަރާފާނެހެންވެސް އޭނާއަށް ހީވަނީއެވެ. ދެލޯ މަރައިގެން އޮތަސް އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. އެންމެފަހުން އޭނާ ބާލީސް ހިފައިގެން އެނދަށް ދިޔައެވެ. އޭރު ރުކާނަށް އޮތީ ނިދިފައެވެ.
"މި އޮތީއެއްނު މަ ބިންމަތީގަ ބާއްވާފަ ނިދާފަ." މިއުވާން ރުކާނަށް ކުނޑި ކިޔަމުން ދިޔައެވެ. އޭނާ ސިއްރު ސިއްރުން ރުކާނަށް ބަލާލިއެވެ. މާބޮޑަށް ރޮއިފައިވާތީ އެދެލޯވަނީ ދުޅަވެފައެވެ.
"ސޮރީ ރުކާން. ދެން ފަހަރަކުން އެހެނެއް ނުވާނެ. އަހަރެން އެވާހަކަތައް ކިޔައިދޭން އުޅުނީމެއްނު." މިއުވާން ބޭއިޚްތިޔާރުގައި ފެންކަޅިވިއެވެ. ދިރިއުޅުމާމެދު މާބޮޑު ހަރުދަނާކަމެއް ނެތް މިއުވާނަށް ރުކާންގެ ހިތާމަތައް ދެކޭކަށް ކުޅަދާނައެއް ނުވިއެވެ. އަދި ޚާއްސަކޮށް ރުކާންގެ ރުޅި އައުން އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. އެނިކަމެތި ރުކާންއަށް އޭނާގެ ސަބަބުން މިދިމާވި ހާދިސާތަކަށް މާފަށް އެދެން ބޭނުންވެއެވެ. އެ ކުޑަކުޑަ އެނދުގައި ރުކާން އޮއްވާވެސް މިއުވާނަށް ނިދުނީ ވަރަށް އަވަހަށެވެ. ހެނދުނުވީއިރު ރުކާނަށް ހޭލެވުނީ މިއުވާން އޭނާ ގާތުގައި އޮއްވައެވެ. އޭނާ ތެދުވަން އުޅެނިކޮށް މިއުވާނަށް ހޭލެވުނެވެ.
"ރުކާން. ތިހާ ހިތްހަރު ނުވެބަލަ. އަހަރެންނާއެކު މަޑުކޮށްލަދީބަލަ." މިއުވާން ލޯ ނުހުޅުވާހުރެ ރުކާން ގަޔަށް އަތްލަމުން ބުންޏެވެ.
"އަހަރެންގެ ނިންމުން މިހާރު ބުނެފީމެއްނު." ރުކާން ތެދުވެވޭތޯ ބަލަމުން ހަރުކަށި ރާގެއްގައި ބުންޏެވެ.
"އެކަމަކު ރުކާނާއި ނުލާ އަހަރެން އުޅޭނީ ކިހިނެއް؟ ޕްލީޒް ރުކާން. ތިހެން ނުހަދާ." އޭނާ ރުކާން ގާތް ކޮށްލިއެވެ. ރުކާން ގަދަކަމުން ކަހަލަ ގޮތަކަށް ތެދުވިއެވެ. މިއުވާނަށް ރަނގަޅަށް ހޭލެވުނީ އަދި ކިރިޔާއެވެ. އޭނާވެސް ކުއްލިއަކަށް ތެދުވެ ރުކާނަށް އާދޭސް ކުރާ ކަހަލަ ގޮތަކަށް ބަލަން ހުރެ އޭނާއަށް މާފު ކުރޭތޯ އެދެން ފަށައިފިއެވެ.
"ރުކާން މި ބުނީއެއްނު ސޮރީއޭ. މިއުވާން ރުކާންގެ ފަހަތުން ހިނގަމުން ދާއިރު ހީވަނީ ކުޑަކުއްޖަކަށް ކުށެއް ކުރެވިގެން އޭނާގެ މަންމަ ނުގަބޫލު ވީމާ މަންމަގެ ރުހުން ހޯދަން އުޅޭހެންނެވެ. ނަމަވެސް އެއިން އެއްވެސް އަސަރެއް ނުކުރާ ރުކާން ތެދުވެގެން ގިފިއްޔަށް ދިޔައެވެ. ރުކާންގެ ހިތުގައި އެއްވެސް ރަހުމެއް ނެތެވެ.
"ރުކާން. ދެން ވާހަކަ ދައްކަބަލަ. އެހާ ރުޅިގަދަ ވާކަށް ނުވާނެ." ގިފިލީގައި ހުރި ރުކާނަށް މިއުވާން ގޮވަމުން ދިޔައެވެ.
"މިބުނީއެއްނު މާފެއް ނުކުރާނަމޭ." ރުކާން ގޮވާލިއެވެ.
"ރުކާން. އެހާ ހަރުކަށި ވާކަށް ނުވާނެ." މިއުވާން ގިފިލި ދޮރުކައިރިން ދުރަށް ދިޔައެވެ. ރުކާން އެހުރީ ވަރަށް ހިތްހަމަ ނުޖެހިފައިކަން އޭނާއަށް އެނގެއެވެ. ނަމަވެސް މިއަދު ރުކާން ލޮއްސަން ކުރާނެ ކަމެއް އޭނާއަކަށް ނޭނގުނެވެ. އެންމެފަހުން ރުކާން ނިމެންދެން މިއުވާން އިނީ ބޭރު ޖޯލި ފަތީގައެވެ.
ގެއާއި މާދުރުން ބަޔަކު އަންނަހެން ހީވެގެން މިއުވާން ނިކުމެލިއެވެ. ސިފައިންގެ ދެމީހުންނާއި ކަތީބާއެކު ބަޔަކު އަންނަނީ ސީދާ މިއުވާންމެން ގެއަށެވެ. އެބަޔަކު އައިސް މިއުވާން ގާތު އޮފީހަށް ދިޔުމަށް އެދުނެވެ. އަދި މިކަމުގައި އެއްވެސް ލަސްކުރުމެއް ނެތްކަމުގައި އެމީހުން ބުންޏެވެ. ނަމަވެސް މިއުވާން އާދޭސް ކުރުމުން ރުކާނާއި ބައްދަލު ކުރެވޭތޯ ދިޔައެވެ. އޭނާ ގިފިލި ދޮރުގައި ތަޅަތަޅާވެސް ރުކާން ދޮރެއް ނުހުޅުވިއެވެ.
"ރުކާން. އަހަރެން މިދަނީ ދާން. އަހަރެން އެދެނީ ރުކާން އަހަރެންނަށް މާފުކުރުން. އެކަމަކު ހަނދާން ކުރާތި. އާދެވޭ އެންމެ އަވަހަކަށް އަހަރެން އައިސް ރުކާން ގެންދާނަން. އަހަރެން ރުކާންދެކެ ވަރަށް ލޯބިވޭ." އެންމެފަހުން ރުކާންގެ ޚަބަރެއް ނުވުމުން މިއުވާން ބުންޏެވެ.
"ރުކާން. ކޮންމެ ދުވަހަކުން އާދެވުނު ނަމަވެސް އަހަރެން ރުކާން ގާތަށް އަންނާނަން. ކޮންމެ މީހެއް ގާތުގައި ހުއްޓަސް އަހަރެން ރުކާން އަތުލާނަން. ދުވަހަކުވެސް ރުކާން މަނޫން އެހެން މީހަކަށް ނުވާތި. މަށަށްވީ ވައުދު އުވާ ނުލާތި. މަށަށް އިންތިޒާރު ކުރާތި." މިއުވާންގެ އަޑުގައި ހާސްކަމެއްވެއެވެ. އެއަޑުގައި ދުވަހަކުވެސް ނުވާފަދަ ސީރިއަސް ކަމެއްވެއެވެ.
ރުކާނަށް މިއުވާންގެ އަޑު އިވުނެވެ. އޭނާ މިއުވާންދެކެ ލޯބި ނުވަނީ އެއްނޫނެވެ. ނަމަވެސް މިއުވާން އޭނާ ހާސިލު ކުރިގޮތް ކަމުނުދަނީއެވެ. މަދު ފައިސާ ކޮޅަކަށް ގަނެލި ގަނެލުން އޭނާ އަށް ގަބޫލު ނުކުރެވެނީއެވެ. މިއުވާން އަބަދުވެސް އޭނާ ތަޅުވައެވެ. ބައެއް ފަހަރު ދިރި ނޫޅެވޭނެއޭ ކިޔައިގެންނެވެ. އަނެއްބައި ފަހަރު މަރުވާނަމޭ ކިޔައިގެންނެވެ. އެއްބައިފަހަރު ހަންޑިއަކަށްވެސް ވަނީއެވެ. ނޫންނަމަ ކުކުޅު ކޮށީގައިވެސް ހުރެދާނެއެވެ. ފަޔަށް ފުޅިތޮށިވެސް ހަރާފާނެއެވެ. ނަމަވެސް އެއީ ހުސް ވާހަކަ ތަކެކެވެ. އަދި ގަބޫލު ނުކުރެވޭ އަމަލު ތަކެކެވެ. ވީއިރު މިއަދު އޭނާ ބޭނުމީ ހަމަ ރަނގަޅަށްވެސް މިއުވާން ތަޅުވާލުމެވެ. އޭނާ ރުއިވަރަށް މިއުވާންވެސް ރޮއްވާލުމެވެ.މިކަމުގައި ދެމީހުން ހަމަހަމަ ކޮށްލުމެވެ.
"މިއުވާން." މިއުވާންގެ ޚަބަރެއް ނުވެ އެތައް އިރެއްވުމުން ރުކާން ގިފިލިން ނިކުތެވެ. އަދި މިއުވާން ފެންނަން ނެތުމުން ސިއްރު ސިއްރުން ގޭތެރެ ހޯދާލިއެވެ.
"މަށަށް ސަކަރާތް ޖަހާނެކަމެއްނެތް. ސަކަރާތަކަށް ހަދައިގެން މަށަށް މިލަނޑު ދިނީވެސް." ރުކާން ބާރަށް ބުނެލީ މިއުވާން ކޮންމެ ތަނެއްގައި ފިލައިގެން ހުރިނަމަވެސް އަޑު އިވޭނެކަމަށް ޔަގީން ކޮށްފައެވެ. މިއުވާން ނެތް ނަމަވެސް ރުކާން މާ ނޫންކަމަށް ހަދައި ސައިކައްކާ ހެދުމަށްފަހު ގޭދޮށް ސާފުކޮށް ހެދިއެވެ. ފަހަރަކަށް ވުރެ ފަހަރެއް ލަސްވަމުން ދާތީ މިއުވާން ފެންނަން ނެތުމުން ރުކާން ކުޑަކޮށް ކަންބޮޑުވާން ފަށައިފިއެވެ. އަބަދުވެސް އޭނާއަށް ކޮންމެވެސް ގޯނާއެއް ކޮށްލަކޮށްލާ ހުންނަ މިއުވާން ނެތްކަމުގެ ފަޅުކަން އިހުސާސް ވާން ފަށައިފިއެވެ. އަނެއްކާ މިއުވާނަށް ގޮތެއްވީކަމަށް ހިތް ބުނަން ފަށައިފިއެވެ. ފެންވަރާލާ މެންދުރު ނަމާދުކޮށްލާ ހެދިއިރުވެސް މިއުވާނެއް ނާދެއެވެ. އޭނާ މިކަމާ ކަންބޮޑު ވީވަރުން ބޭރަށް ނިކުމެލެވުނީ މިއުވާން ފެނޭތޯއެވެ.
"ތިގެއަށް ދާން މިއުޅެނީވެސް. މިއުވާން ބަލާ ފުލުހުން އައީ ކީއްވެ؟" މަގުމަތިން ނާސިހާ ފެނިގެން ބުންޏެވެ.
"ފުލުހުންނޭ. ނޭނގެ މަށަކަށް. މިއުވާން އެމީހުން ގެންދިޔައީތަ؟" ޔަގީން ނުކުރެވިފައި ހުރެގެން ރުކާން އެހިއެވެ.
"ރުކާނަކަށް ނޭނގޭތަ. ހެނދުނު އެމީހުން މިއުވާން ގެންގޮސްފި. ޚަބަރު ބަލާލަން ނާދެވިގެން މިއުޅެނީ މަންމަ ބަލިވެ އުޅޭތީ. މި ހުރިހާ އިރުވަންދެން އޭނާ އިނީ އޮފީހުގައި ބައިންދާފަޔޯ. މިހާރު ލޯންޗަށް އަރަށް އެބައުޅޭ. މަވެސް އަތިރީގަ މިއުވާން ގާތުގައިފުލުހުން ތިއްބާ ދުށިން. މިހާރު ނުދާ ކަމެއްވެސް ނޭނގެ."
"ނޫން. އަހަރެން ގާތު ނުބުނެ ކީއްވެ ދާންވީ؟" ރުކާނަށް ރޮވެން ފެށިއެވެ. އޭނާއަށް މިއުވާން ދެއްކި ވާހަކަ މިހާރު ހަނދާން ވެއްޖެއެވެ. ރުކާންއެވެ. އަހަރެން މިދަނީއެވެ. އަހަރެން އެދެނީ ރުކާން އަހަރެންނަށް މާފުކުރުމެވެ. އެކަމަކު އާދެވޭ އެންމެ އަވަހަކަށް އަހަރެން އައިސް ރުކާން ގެންދާނަމެވެ. އަހަރެން ރުކާންދެކެ ވަރަށް ލޯބިވެއެވެ.
ރުކާނަށް ވިސްނިއްޖެއެވެ. މިއުވާން މިވާހަކަތައް މިދެއްކީ އެހެންވެގެން ތާއެވެ. ރުކާން ދުއްވައިގަތެވެ. ގައިގެ ހުރިހާ ހަކަތައެއް ހުސްވަންދެން އޭނާ ދުވުނެވެ. އޭރު މިއުވާން ލޯންޗަށް އަރަނީއެވެ.
"މިއުވާން." ރުކާން ބާރަށް ގޮވާލިއެވެ. އެއާއެކު އެތާތިބި އެންމެންނަށާއި މިއުވާނަށް ބަލާލެވުނެވެ. މިއުވާން ދުވެފައި ކަހަލަގޮތަކަށް ރުކާން ގާތަށް އައެވެ.
"ރުކާން. އައީދޯ. އަހަންނަށް އެނގޭ ރުކާން އަހަރެންދެކެ ލޯބިވާކަން." ރުކާން ގާތަށް އައިސް އޭނާ ހުއްޓުނެވެ.
"ކީއްވެ ތިދަނީ. އަހަރެންދެކެ ރުޅިންތަ. އަހަރެން މިއުވާނަށް މާފުކޮށްފިން. ދެން ނުދޭ." ރުކާނަށް ދެއްކޭ ވާހަކައެއް ނޭނގެއެވެ.
"ނޫން ރުކާން. މިމީހުން އަހަރެން ގެންދަނީ. އަހަރެމެންނަކީ މިކަހަލަ ބައެއް. އެއްވެސް ތާކު ވަޒަންވެރިއެއް ނުވެވޭނެ. ރުކާން ހަނދާންކުރާތި. އަހަރެން އާދެވޭ އެންމެ އަވަހަކަށް ރުކާން ބަލާ އަންނާނަން." އޭނާ ރުކާންގައިގައި އޮޅުލައިގަތެވެ. މީހެއްގެ ފަރާތުން ލޯތްބެއް ލިބުނީ ހަމައެކަނި ރުކާންގެ ފަރާތުން ކަމަށްވީތީ އޭނާ ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ.
"މިއުވާން ތިހެން ނުދޭ. އެމީހުންގާތު ބުނޭ ނުގެންދާށޭ. އަހަރެން މިއުވާންދެކެ ވަރަށް ލޯބިވޭ. އެއީ މިއުވާން އަހަރެންދެކެ ލޯބި ނުވިކަމުގައިވިޔަސް." ރުކާނަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.
"ނޫން ރުކާން. މިލޯބިފެށުނީ އެގޮތަށް ކަމުގައިވިޔަސް އަހަރެން ރުކާންދެކެ ވަރަށް ލޯބިވޭ." މިހިސާބަށް ބުނެވުނުއިރު ފުލުހުން މިއުވާން އަތުގައި ހިފާ ލޯންޗަށް އަރުވައިފިއެވެ. ރުކާނަށް ހީވީ މީހަކު އޭނާގެ މެއަށް ޚަންޖަރެއް ހަރާލިހެންނެވެ. އޭނާއަށް ބާރަށް ރޮވެނީއެވެ. އޭނާއަށް ގިސްލެވެނީއެވެ. އޭނާއަށް ކޮށްފައިވާ އަސަރުން ގައިގެ ހަކަތަ ހުސްވެ ހުރިދިމާ ތިރީގައި އިށީދެވުނެވެ.
ނާސިހާގެ އެހީތެރިކަމާއެކު ރުކާނަށް ގެއަށް ދެވުނެވެ. ރުކާން ފަކީރު ރޮއި ހިތާމަ ކުރުން ނޫންކަމެއް ނެތެވެ. އޭނާގެ މަންމަވެސް މިހާރު އުންމީދު ގެއްލޭ ހިސާބަށް ހިނގައްޖެއެވެ. މިޚަބަރު މުޅި ރަށުތެރޭގައިވެސް އިސާހިތަކު ފެތުރިއްޖެއެވެ. އެކި މީހުންގެ ވާހަކަ ހުންނަނީ އެކި ގޮތަށެވެ. އެއްބަޔަކު ރުކާނަށް މަލާމާތް ކުރާއިރު އަނެއްބަޔަކު އެ ނިކަމެތި އާއިލާއަށް ހަމްދަރުދީ ވެއެވެ. މިއުވާންއާއި ރުކާންގެ ކައިވެނީގެ ސަބަބުން ލިބޯމާގޭ ގައި ޖެހުނު މައްސަލައިގާ މިހާރު ރުކާން އެގެއަކަށް ނުދެއެވެ. އެހެންކަމުން ކެއުމުގެ އިންތިޒާމްވެސް ހަމަޖައްސަންޖެހެނީ އެކިފަހަރު އެކި ގެއަށް މަސައްކަތް ކޮށްލަދީގެންނެވެ.
"ރުކާން ގާތު އޭރުވެސް ބުނީމެއްނު މިއުވާނާ ދުރުވާށޭ. އެއީ ކާކުކަން އެނގޭ އެކަކުވެސް މިރަށުގައެއް ނެތް." ހަމައެކަނި ހާލު ބަލާލާ މީހާ ކަމަށްވާ ނާސިހާ ބުންޏެވެ.
"އެކަމަކު އޭނާ ހާދަހާ ރަނގަޅޭ."
"އޭނާ ރަނގަޅެއް ނޫނެއްނު. އޭނާ ރަނގަޅުނަމަ ރުކާނަށް އޭނާއަކީ ކާކުކަމާއި ކީއްކުރާ މީހެއްކަން ބުނެދޭނެއެއްނު."
"އޭނާ އުޅުނު އެރޭ ބުނެދޭން ވެގެން. އެކަމަކު އަހަރެން އަޑުނޭހީ." ރުކާނަށް ރޮވެން ފެށުނެވެ.
"އޭނާއަކީ ރަނގަޅު މީހެއްނޫން. ކަތީބުވެސް ބުނެފިއެއްނު އޭނާ ގެންދިޔަ ހަފުތާ އޭނާ މިނިވަންވިޔޭ. މިހާރު އޭގެ ފަހުންވެސް ހަމަސްވެއްޖެ. ދޮން ހުސޭނުބޭވެސް ބުންޏެއްނު ލަންކާއިން ފެނުނު ވާހަކަ. މިއުވާނަށް އޭނާ ފެންނަކަމަށްވެސް ނުހެދި ވާހަކަ. ދެން ކީއްވެ ރުކާން ގާތަށް ނައީ؟ ނާދެވުނުނަމަ ފޯނުވެސް ކޮށްލެވޭނެއެއްނު. ފުރަތަމަ ރުކާނާއި ރައްޓެހި ވީވެސް މަޖަލަކަށް. އޭނާ ރުކާންދެކެ ލޯތްބެއް ނުވޭ. ރަނގަޅަށް ވިއްޔާ އޭނާގެ މިހާރު އުޅޭނީ އެހެން މީހަކާއި އިނދެގެން."
"ނޫން ނާސިހާ. މަށަކަށް ގަބޫލެއް ނުކުރެވޭ."
"ރުކާނަށް އެހެން މީހަކު ދައްކާ ވާހަކަ ގަބޫލު ކުރެވޭތަ؟ ރުކާންގެ ތިހުރި ބޯހަރުކަމުން މަންމަވެސް އެހުރީ ފޫހިވެފައި. ދެންވެސް ހިތްވަރު ކޮށްފައި އާ ދިރިއުޅުމެއް ފެށޭތޯ ބަލާބަލަ." ނާސިހާ ދިޔައީ އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ރުޅިއައިސް ގެންނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ވަރަށް ކިޔާހިތުން ހުއްޓާ ވާހަކައިގެ މިބައި ކިޔަން މިލިބުނީ. މިފަހަރު މާލަސް އަޕް ކުރުން. މިއީ ވަރަށް ވަރަށް ރީތި ވާހަކައެއް.