ވާހަކަ: ލީޝަން – 12

(5 އޮކްޓޯބަރ 2022ގެ ނޫހާއި ގުޅޭ)

ބޮލުގައި ރިއްސާތީ އިރާކޮޅު ނިދި ރާމިޒާއަށް ކުއްލިއަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަވެގެންނެވެ. ލީޝަން ގޭގައިނެތުމާއި ރާމިޒާ ލީޝަންފޮނުވި ކަމުގެ ޚަބަރުތައް ޒީނާގެ ފަރާތުން ރަހީމު އޮޅުންފިލުވީއެވެ. ރަހީމުގެ ރުޅިވަނީ އިންތިހާއަށްގަދަވެފައެވެ. ރާމިޒާގެ ވިޔާނުދާއުޅުމުގެ ސަބަބުން އޭނާގެ ދަރިފުޅު ހަލާކުވަމުންދާތީ އެކަމުގެ ނުރުހުމުގައެވެ. ކުއްލިއަކަށް ގޭދޮރުހުޅުވާލައިފައިވަނީ ލީޝަންއެވެ. އޭނާވަނީ ކުރީރެއެކޭވެސް އެއްގޮތަށް އަމަލުވެފައެވެ. ލައިގެންހުރި ހެދުމުން އޭނާގެ ހަށިގަނޑު ރަގަޅަކަށް ނިވައެއްނުވެއެވެ. އިސްތަށިގަނޑު ހާވާލާފައިވާއިރު ލާފައިވާ ތިރީބުރި ކުރުކަމުން ކަކުލުން މަތީގެ ބޮޑުބައެއްއޮތީ ހާމައަށެވެ. ރަހީމަށް އޭނާގެ ލޯބިވާ ދަރިފުޅު އޭނާގެ ލޮލުގެ ކުރިމަތީގައި ހަލާކުވަމުންދާ މަންޒަރު ބަލާކަށް ކުޅަދާނައެއް ނުވިއެވެ. ޒީނާއާއި ލީޝަން ހަވާލުކުރުމަށްފަހު ކުރީރޭ ދިންފަރުވާ ދޭންބުންޏެވެ.

"ޚަބަރުދާރު. ކަލޭ މަދަރިފުޅުގައިގާ އަތްލައިގެންނުވާނެ. ކަލޭ އޭނާގެ ދިރިއުޅުން ހަލާކުކޮށްފި." ރަހީމު ހުރީ ވަރަށް ރުޅިއައިސްފައެވެ.

"އެއީ އަހަރެންގެ ދަރިއެއްކަން ކަލެއަށް ހަނދާންކޮށްދޭކަށް ނުޖެހޭނެ. އެއީ އަހަރެންގެ ދަރިއެއް." ރާމިޒާގެ އަޑު އެއަށްވުރެ ގަދައެވެ.

"ކަލޭގެ ދަރިއެއް ނުވަތަ ފިރިއެއްހުރޭތަ؟ ބަލަހައްޓަންޖެހޭ ގެއެއް ހުރިކަމެއް ދެނަހުރިންތަ؟ ހިލޭ ފިރިހެނުންނާއި އެކު މަޖާކޮށްފައި ގެއަށްއާދެވުނީމަ މަދަރި ހަލާކުކުރަން ދޯ ދަރިއަކު ހުރިކަންހަދާންވަނީ؟" ރަހީމު މިރޭ އެންމެ އެއްޗެއްވެސް ދުލެއްނުކުރެއެވެ. އޭނާ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. އޭރު ރާމިޒާ ލީޝަން ނިވާކުރުމަށްޓަކައި ފޮތިގަނޑެއް ހިފައިގެން އާދެއެވެ.

"ކަލޭ މިދަރި ގައިގާ އަތްލައިގެންވެސް ނުވާނެ." ރަހީމު ރާމިޒާގެ އަތުން ފޮތިގަނޑު ދަމައިގަތެވެ.

"ޒީނާ ލީޝަންގެ ގައި ނިވާކޮށްލާފައި ލުބޯޖޫސްތައްޓެއްގެނޭ."  ރަހީމު ޒީނާއާއި ދިމާއަށް މަޑުމަޑުން ބުންޏެވެ.

"ކަލެއަށް މަމީ އެއްވެސް މީހެއްނޫންދޯ. މިއަދު އަހަންނަށްވުރެ އެޒީނާ ލީޝަންއަށް އެބަގާތް ކުރުވާ." ރާމިޒާ ހަޅޭއްލަވައިގަތެވެ. މިއީ އަބަދުވެސް އޭނާ ބޭނުން ކުރާ އުކުޅެކެވެ. ރަހީމުގެ ހިތްހަމަނުޖެހުމާއި ރުޅިވެރިކަން ދައްކަމުންދާވަގުތެއްގައި އެހެންމީހަކާއި އަޅުވާކިޔުމުން އަބަދުވެސް މައްސަލަ ނިމޭނެއެވެ. ރަހީމު ދައްކާނެ މާގިނަ ހެކިތަކެއް ނުހުންނާނެތީ އޭނާ ހުއްޓާލާނެއެވެ.

"އަނެއްކާ އާވާހަކައެއް ފެށީދޯ. ކަލޭގެ ދުލުން ތިނޫންއެއްޗެއް ބޭރުވޭތަ؟ ކައިވެނި ވީއްސުރެންވެސް ކަލޭ ދިޔައީ ތިޔަކަހަލަ ޝައްކުތައް އެހެންއަންހެނުންނަށް ކުރަމުން." ނަމަވެސް ރަހީމު ހުރީ މިފަހަރު ދޫދޭގޮތަކަށް ނޫނެވެ.

"ކަލޭ އުޅެނީ ހަމައެހެން. މަގޭގައި ނެތީމާ އެކަމުގެ ފައިދާއެއްނުނަގަންތަ؟ ދެން މަ ދޫކޮށްފައި ޒީނާއާއި އިނދޭ." ރަހީމުގެ ވާހަކަ ނުނިމެނީސް ރާމިޒާ ފެށިއެވެ.

"އަހަންނަށް ތިގޮތް ވެސް މާރަނގަޅުވާނެ. ކަލޭގެ ފަރާތުން ނުލިބޭ އެތައް އުފަލެއް އޭނާ މަށަށް ހޯދައިދޭ. އަހަރެންނަށް ކެވެނީ އޭނާކާންހެދުމުން. އޮފީހަށްދެވެނީ އޭނާ ދޮވެ އިސްތިރިކޮށްދޭތީ. ބަލިވީމާ ހޭހަންކޮށްދެނީ ނަރުހަކަށްވުރެވެސް އޯގާތެރި. ޖުމްލަކޮށް ބުނަންޏާ އަހަރެންގެ ހުރިހާ ހާސްކަމަކާއި ފިކުރުތައް އޭނާ ދަނޭ. އަހަރެންނަށް އޭނާގެ ފަރާތުން ނުލިބޭ ހަމައެކަނި އެއްޗަކީ އަނތްބެއްގެ ފަރާތުން ފިރިއަކަށް ލިބެންޖެހޭ ލޯބި. ނަމަވެސް ކަލޭގެ ފަރާތުން ލިބުނީ ކޯންޗެއް. އަނތްބަކަށްވެހުރެ އެއިން އެއްވެސް ކަމެއް ނުދެވުނުތާ އަނތްބެއްގެ ލޯބި ދެވުނުތަ." ރަހީމު އަދިވެސް ހުރީ ރުޅިއައިސްފައެވެ.

ލުބޯޖޫސްތަށި ހިފައިގެން އައި ޒީނާއަށް ރަހީމުގެ މި ބަސްކޮޅުން ނޭނގޭކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާއާއިމެދު ރަހީމު މިފާޅުކުރި އިޚްލާޞްތެރި ޝުއޫރަށް ޓަކައި ޝުކުރުވެރިވެވުނެވެ. އަދި ރަހީމުގެ ހެޔޮކަން އޭނާއަށް އިހުސާސްކުރެވުނެވެ. ރަހީމުގެ އޯގާތެރިކަމާއި ރަނގަޅުކަން ރާމިޒާއަށް ގަބޫލުނުކުރެވޭތީ ޒީނާ ހައިރާންވެއެވެ. އެއުމުރުގެ މީހުންނަށްވުރެ ރީތިކޮށް ޒުވާންކޮށް ހުންނަ ރަހީމުގެ ފަރާތުން އޭނާއަށް ނުލިބެނީ ކޮންއުފަލެއް ހެއްޔެވެ؟ ރާމިޒާގެ ނުފުދިފައި އޮތް ބޭނުމަކީ ކޮބައިބާވައެވެ؟ ޒީނާގެ ފުން ޚިޔާލު ހުއްޓުވާލީ ރަހީމު ލުބޯޖޯސްތަށީގައި ހިފުމުންނެވެ. ނަމަވެސް ރާމިޒާ އަށް އާދެވޭނެ އެންމެ ބާރަކަށްއައިސް ލުބޯޖޫސްތަށި އަތުލަންއުޅުމުގެ ތެރޭގައި ރަހީމުގައިގާ އޭނާއަށް ބާރަށް ޖެހިގަނެވުނެވެ. މިކަމަށް ސަމާލު ނުވެވިހުރި ރަހީމު ކުއްލިއަކަށް އަރިއަޅާލިއެވެ. އަދި ޖޫސްތަށި ރާމިޒާގެ ގަޔަށް ބަންޑުންވިއެވެ.

"މީކިހާބޮޑު އުނދަގުލެއްތަ؟ ކަލެއަށް ނުދެވޭނެންޏާ އަހަރެންކަހަލަ ޖޫސްދެވޭނެކަހަލަ މީހަކާ ހަވާލުކޮށްބަލަ."

"ކޮންމެހެން ލީޝަންދެކެ މާލޯބިވާކަމަށް ހެދިގެން އޭނާއަށް މިހާލުޖައްސާފައި ދެން އަންނާނެކަމެއްނެތް. ކަލެއަށް ޖޫސްދެވޭނީ މާރިޔާގެ ފިރިމީހާ ފިޔާޒަށް." ރަހީމު މަލާމާތްކޮށްލިއެވެ.

"ފިޔާޒު ގާތަށް ފޮނުވާނުލެވިގެން ތިއުޅެނީ ކީއްވެތަ؟ ތިހާ ހަސަދަވެރިވަންޏާ ދޫކޮށްލަންވީނުން. އަހަންނަށް އެނގޭ ވަރިކުރާކަށްވެސް ނުކެރޭނެކަން. ތީހަމަ ބޮޑު ފިނޑިއެއް."

"ތިހުރީ ވަރިކޮށްފައި. މިގެއިން އެއްވެސް އެއްޗެއް ކަލެއަކަށް ނުގެންދެވޭނެ. މިގޭގައި ހޯދާފައި ހުންނާނީ އަހަރެންގެ އެއްޗިހި. ކަލޭގެ އެންމެ ޒައްރެއްގެ މިންވަރުވެސް ނޯންނާނެ. ފިޔާޒުގާތަށް ދޭ." ރަހީމު ހަޅޭއްލަވައިގަތެވެ.

ރާމިޒާ އުންމީދުވެސް ނުކުރާގޮތަކަށް ރަހީމު އޭނާ ވަރިކޮށްފިއެވެ. މިވީހާތަނަށްވެސް އޭނާ ހީކުރީ ރަހީމު އޭނާ ވަރިނުކުރާނެ ކަމަށެވެ. އެހެންކަމުން އޭނާފުރަތަމަފަހަރަށް ދެރަވެއްޖެއެވެ. ނަމަވެސް އޭނާ ދެރަވިކަން އަންގާކަށް ބޭނުމެއް ނޫނެވެ. ފެށުނީއްސުރެވެސް އޭނާއަށް އާދަވެފައިވަނީ ގޮތްދޫނުކުރުމެވެ. އެހެންކަމުން ހަމައެހިނދުކޮޅު އޭނާ ނިކުމެގެން ދިޔައެވެ. މަގުމަތިންދަމުންވެސް އޭނާ މިކަމާ ދެރަވާން ފަށައިފިއެވެ. ނަމަވެސް އޭނާ ދިޔައީ ފިޔާޒަށް ފޯނުކުރަމުންނެވެ. ފިޔާޒުމެންގެއާ ހަމައަށް ދިޔައިރުވެސް އޭނާ ފޯނެއް ނުނަގައެވެ. އެހެންކަމުން އޭނާ ފިޔާޒުގޭގައި ޓަކިޖަހާލިއެވެ. ދޮރުހުޅުވީ މާރިޔާ ކަމުން ފިޔާޒު އުޅޭތޯ އޭނާ އެހިއެވެ. އޭރު ފިޔާޒުވެސް ރާމިޒާ ފެންނަ ހިސާބަށް އަތުވެއްޖެއެވެ.

"ކަލެއަށް އެނގޭތަ؟ ކަލޭގެ ސަބަބުން އަހަރެން މިވީހާތަނަށް ދިރިއުޅުމަށް ކުރަމުން އައިވަޒީފާ ގެއްލުނީ. ކަލޭ އަހަންނާހެދި އުޅޭވަރުން ރަހީމު އަހަރެން ވަޒީފާއިން ވަކިކޮށްފި. މި ބަލާބޮޑު އަންހެނާ އަހަރެންގެ ފަހަތުން ނުވެސް ނެއްޓުނު. މިހާރު ދެން އަހަރެމެން ދެމަފިރިންގެ ދެމެދަށް ވަންނަން އަންނާނެކަމެއްނެތް. ރައްކާވޭ." ފިޔާޒު ރާމިޒާއަށް ހަޅޭއްލެވިއެވެ.

އޭނާގެ ވާހަކައިން ފިޔާޒު ރާމިޒާއަކާއި އެއްވެސް ގުޅުމެއްނުބާއްވައެވެ. ހުރިހާ ގޯހެއްވެސް ހެދީ ރާމިޒާއެވެ. ރާމިޒާ މަތިންބައިންޖެހިގެން އޭނާއާއި ހެދި އުޅެނީއެވެ. މާރިޔާވެސް ގަބޫލުކުރީ ފިޔާޒުގެ ބަހެވެ. އޭނާ ހަދާނެގޮތް ހުސްވެއްޖެއެވެ. ދާނެތަނެއް ނެތިއްޖެއެވެ. މަންމަ ވީ ލަންކާގައެވެ. ލަންކާއަށްދާނެ ފައިސާއެއްވެސް އޭނާގެ އަތުގައެއް ނެތެވެ. އޭނާއަށް އަޅާލާނެ މީހަކު މިބޮޑު މާލޭގައި ނުވެއެވެ. ރައްޓެހިންވެސް އޭނާ ގެންގޮސް ހިޔާވަހިކަން ދިނަސް އޭނާ އަތުގައި އެއްޗެއް ނެތުމުން ފަރުވާކުޑަކުރާނެއެވެ. ގިނަދުވަސް ތަކެއްވުމުން މަލާމާތްކޮށް ހަދަން ފަށާނެއެވެ. މިހާ ނިކަމެތިވެދާނެކަމަށް އޭނާއަށް ހީވެސް ނުކުރެވުނެވެ. އޭނާގެ ބޯހާސްވެއްޖެއެވެ. ރަހީމުގެ އޯގާތެރިކަމާއި ރަނގަޅުކަން އޭނާ ގަބޫލުކުރެވުމުން އެތައް ހިތްދަތިކަމެއް ލިބިއްޖެއެވެ. ނަމަވެސް ރަހީމު ކުރިމައްޗަށް ދެވޭނެ ހިތްވަރެއްވެސް އޭނާގެ ނުވެއެވެ. އެއްވެސް ވިސްނުމެއްނެތި މާލޭގެ މަގުމަތީގައި ބާރަށް ދުއްވައިގަނެވިއްޖެއެވެ.

ލޮލަށް ކުޅަދާނަނުވާވަރުގެ ގަދައަލިގަނޑެއް އޭނާގެ ލޮލަށް އެޅުނުކަހަލައެވެ. ދުނިޔެ އެބުރުނުހެންވެސް ހީވިއެވެ. ކަންފަތްފަޅައިގެންދާކަހަލަ ގަދައަޑެއްވެސް އިވުނެވެ. ވީގޮތް އެނގުނުއިރު އޭނާއޮތީ އައި ޖީ އެމް ހޮސްޕިޓަލުގައެވެ. އޭނާގެ އަނގަޔަށާއި ނޭފަތަށް ހޮޅިލައްވާފައެވެ. ފަސްޑޮކްޓަރުން އޭނާއަށް އެހީތެރިވަމުން ދިޔައެވެ. އޭނާގެ ކަންފަތަށް އެއަޑެއްއިވޭތީ ސަމަލުވެވުނީ ރަހީމު ވާހަކަދައްކާ އަޑަށެވެ.

"މިހާރު ކިހިނެއްތޯ؟ ލަންކާއަށް ދެވޭނެގޮތެއް ހަމަޖެއްސެވިނަމަ." ރަހީމުގެ ގާތްޑޮކްޓަރަކަށްވާތީ ވާހަކަދެއްކީ ވަރަށް ގާތްކޮންނެވެ.

"ހަފްތާއެއްގެ ތެރޭގައި ދޫކޮށްލެވޭނެ. މައިދާއަށާއި ނާރުތަކަށް ގެއްލުންވެފައިވާތީ އިމަޖެންސީކޮށް ލަންކާގެ ދެޑޮކްޓަރުންވެސް ގެނެސް އޮޕްރޭޝަން ކުރަންޖެހުނީ އަޅުގަނޑުމެންގެ އުންމީދު ކުޑަކަމުން. އޮޕްރޭޝަން ކާމިޔާބުކަން އެނގޭނީ އެއްދުވަސްފަހުން." ޑޮކްޓަރު ސަލާންކޮށްލާފައި ދިޔައީއެވެ.

ރާމިޒާއަށް ރަހީމު ފެނުމުން ކުރެވުނީ ލަދުވެތި އިހުސާސެކެވެ. އެމޫނަށް ބަލަން ޖެހިލުންވިއެވެ. އޭނާއަށް މިހާރު ރަހީމާއި ކުރިމަތި ލާކަށް ނުކެރޭނެއެވެ. އޭނާއަށް ޢަމަލު ކުރެވުނީ ނުހަނު ވިޔާނުދާކޮންނެވެ. ރަހީމަށް ނުކިޔާއެއްޗެއް ނުކުރާ މަލާމާތެއްނެތެވެ. އޭނާ ދެރަކޮށްލިވަރާއި އެކަހެރި ކޮށްލިވަރު އޭގެ އިންތިހާއެވެ. ނަމަވެސް މިއަދުވެސް އޭނާގެ ހާލާމެދު އެހީތެރިވަނީ ރަހީމެވެ. އެއީ ކޮންފަދަ މާތް އިންސާނެއްހެއްޔެވެ؟ މާތްކަލާކޯއެވެ! މިއަޅާ މިހާދިޘާގައި މަރުނުވީ ކީއްވެތޯއެވެ؟ މިބުރަ ދުނިޔޭގައި މިއަޅާ ދިރިއުޅުމުގެ އެއްވެސް އުންމީދެއްނެތެވެ.

ހަފްތާއެއްގެތެރޭގައި ދޫކޮށްލަންބުނި ރާމިޒާ ދޫކޮށްލީ މަހެއްވެސް ވީފަހުންނެވެ. ނަމަވެސް އޭނާގެ އޮޕްރޭޝަން ކާމިޔާބެއްނުވިއެވެ. އޭޝިޔާގެ އެންމެ މޮޅު ޑޮކްޓަރެއްގެ މަސައްކަތުންވެސް އޭނާ ދެން ގަދަނުވާނެކަން އެނގޭތީ ގެއަށްބަދަލުކުރީއެވެ. މިކަމުގައި ހަށިގަނޑަށް ލިބޭވޭންތަކަށްވުރެ ރާމިޒާއަށް ވޭންއަޅަމުންދިޔައީ އޭނާގެ ހިތުގައެވެ. ރަހީމު ރާމިޒާއާއި މާގިނަ ވާހަކަތަކެއް ނުދެއްކިނަމަވެސް އޭނާ އިންތިހާއަށް ރަނގަޅެވެ. ޒީނާ ރާމިޒާ ބަލަމުންދާއިރުވެސް ރަހީމުގެ އަޅާލުން އިންތިހާއަށް ލިބެއެވެ. ގޭގައި ހުންނަވަގުތުތަކުގައި ރާމިޒާއަށް ކާންދިނުމުގެ އިތުރުން ބޭސްދީ ފެންވަރުވައިދީ ހަދައެވެ.

މެންދުރުފަހުގެ ވަގުތެވެ. އާދައިގެ މަތީން ރަހީމު ގެއަށްއައީ މެންދުރުގެ ކެއުމަށެވެ. ޒީނާ ނުހަނު ފަރުވާތެރިކަމާއެކު ރަހީމަށް ކާން ހަދާ ތައްޔާރުކުރެއެވެ. އަދި ރަހީމު ކަމަކަށް ގޮވާލަފާނެތީ އިންތިޒާރުގައި ހުރެއެވެ. މިއަދު ރަހީމު އޭނާއަށް ފެންނަނީ ވަރަށް ގަޔާވާގޮތަކަށެވެ. މަޑުނޫކުލައިގެ ގަމީހަކާއި ޓައީ އަޅާފައިވާއިރު އޭނާގެ ބާރުގަދަ ހަށިގަނޑު ނުހަނު ފުރިހަމައެވެ. ރީތި ސާފުމޫނާއި ފުޅާނިތްކުރިއާއި ވިދުންގަދަ ލޮލާއި ކަޅިމަތި ނުހަނު ފުރިހަމައެވެ.  އަދިވެސް އެއީ އެންމެ ފުރިހަމަ ޒުވާނެއްކަން އޭނާއަށް ފާހަގަކުރެވުނެވެ. ޒީނާ އިސްޖަހާލީ ފާޑެއްގެ ލަދުވެތި އިހުސާސެއްވެގެންނެވެ. މިއީ ކޮންފަދަ ޚިޔާލެއްބާވައެވެ؟ މިފަދަގޮތަކަށް ޚިޔާލުކޮށްލަން ހެޔޮވާނެ ބާވައެވެ؟

"ޒީނާ" ރަހީމު ގޮވާލިއެވެ.

"ލައް…ލައްބަ" ޒީނާ ބިރުގަތީ ރަހީމަށް އޭނާބެލިކަން އެނގުނީމާހެން ހީވެގެންނެވެ.

"ތިޔަ އުޅެނީ އެއްޗެއްބުނަންތަ؟" ރަހީމު ޒީނާބަލަން ހުރުމުން އެހިއެވެ.

"ނޫ…ނޫން"

"ޒީނާ ވަޒީފާއަކަށް ސިޓީލީވާހަކަ ޔައީން ބުނި."

"ލައްބަ. އެތަނުން ވަޒީފާ ލިބުނުވާހަކަ ބުނި. އެކަމަކު އަޅުގަނޑު ދެކޮޅުހެދީ ދައްތަ ރަނގަޅުވެލަންދެން  ގޭގައި މަޑުކޮށްލަންވެގެން." އޭނާއަށް ފުން ނޭވާއެއްލެވުނެވެ.

"ދައްތަ މިއަދު ފެންވަރުވައިފިތަ."

"ނޫން. ފާތުމާ މިއަދަކު އަދިނާދޭ. ގުޅާފައި ބުނި ފަހަރެއްގައި ލަސްވެދާނޭ." ފާތުމާއަކީ ރާމިޒާއަށް މިހާރު ދިވެހިބޭސް ކުރާ މީހާއެވެ. ފާތުމާއަށް ބޮޑުމުސާރައެއްދީ ރާމިޒާގެ ބަލި ފަސޭހަކުރެވޭތޯ ރަހީމު މަސައްކަތް ކުރެއެވެ.

"އެހެންވީއިރު ދައްތަގެ ފެންވަރާ ސާމާނު ތައްޔާރުކޮށްލަދީ. އަހަރެން ދާނީ އޭނާ ރީތިކޮށްފައި." ރަހީމު އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާ ރާމިޒާ އެނދުން ނެގިއެވެ. އަތްދަނޑިމައްޗަށް ލައިގެން ރާމިޒާގެނެސް ފުރޮޅުލީ ގޮޑިއަށްލިއެވެ. އަދި ފާޚާނާއަށް ގެންގޮސް ފެންވަރުވާ ހެދުންބަދަލުކުރުވިއެވެ. އަދި ގޮނޑީގައި ބައިންދައިގެން ބޮލުގައި ފުނާ އަޅުވައިދިނެވެ. އޭރު ރާމިޒާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އާދެއެވެ. އޭނާ މިހާރު ލަދުގަނެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *