( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )
އެހެން ރޭރޭއާއިވެސް އެއްގޮތަށް ރުކާން ސައުކަތަށް ކާންދިނުމަށްފަހު އިޝާނާމާދު ކޮށްލައިގެން ދިޔައީ ކޮޓަރިއަށެވެ. އާދައިގެމަތީން ކޮންމެ ރެއަކުވެސް އޭނާ ވަރަށް ރަނގަޅަށް ކުޑަދޮރުތަކާއި ޖާލީތަކާއި ބޮޑުދޮރު ތަޅުލާ ހަދައެވެ. މިރޭ ވެސް އެތައް އިރަކު އޮތުމަށް ފަހު މިއުވާންގެ ހަދާންތަކުން ދުރުވާން އުޅުނު ނަމަވެސް އެކަމުން އެތައް ހިތްދަތި ކަމެއް ލިބިފައި ނިދިއްޖެއެވެ.
ރުކާން ރަނގަޅަށް ތަޅު ލާފައިވާ ކޮޓަރީގެ ބޮޑު ދޮރު ގަޑިން އެގާރަ ގަޑި ބައިވަނިކޮށް ހުޅުވިއްޖެއެވެ. ފަނޑު އަނދިރީގައި އެއްއަތުގައި ކުޑަ ރުމާލެއް ހިފައިގެން ހުރި މީހަކު މަޑު ހިނގުމެއްގައި އައިސް ރުކާންގެ އެނދު ކައިރީ ހުއްޓުނެވެ. އަދި އެމީހަކު އައިސް ރުކާންގެ ނޭފަތުގައި އެ ރުމާލުން ޖައްސާލުމަށްފަހު އިރުކޮޅަކު ހުއްޓެވެ. ދެން އެމީހަކު އިރުކޮޅެއް ވަންދެން ރުކާންގެ ހަށިގަނޑަށް ބަލަން ހުއްޓެވެ. ގަދަ ނިދީގައި އޮންނަ ރުކާނަށް މީގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނާއަށް ބައެއް ފަހަރު ނޭވާލާން ދަތި ވާހެން ހީވާތީ ހަރަކާތް ތެރިވެލައެވެ. ނަމަވެސް ގަދަ ނިދީގައި އޭނާއަކަށް ވާނުވާއެއް ނޭނގެއެވެ. މިއީ ކޮންމެ ހަފުތާއަކު ތިންރޭ އޭނާގެ ނިކަމެތި ހަށިގަނޑު ތަޖުރިބާ ކުރަމުން ދާކަމެކެވެ. މީގެ ސަބަބުން މިހާރު ރުކާނަށް އެތައް އުނދަގޫ ތަކެއް ކުރިމަތި ވެއެވެ. ނަމަވެސް މާބޮޑު ކަމަކަށް ނަހަދާ ދޫކޮށްލަނީއެވެ.
"ރުކާން. މިހާރު ކިހިނެއްތަ؟" ސައުކަތު އޮފީހުން އަންނަމުން އައީ މޭވާކޮޅެއް ގަނެގެންނެވެ. އޭރު ނާސިހާވެސް ރުކާން ގާތުގައި އިނެވެ.
"ރަނގަޅު. ކާންހިނގާ." ރުކާން ތެދުވަމުން ބުންޏެވެ.
"މާބޮޑަށް އުނދަގޫވަންޏާ ޑޮކްޓަރަށް ދާންވާނެ އިނގޭ." ސައުކަތު އޯގާތެރިކަން ދައްކަމުން ބުންޏެވެ.
ރުކާން ތެދުވެ ސައުކަތަށް ކާން ހެދުމަށްފަހު ނާސިހާ ގާތަށް އައެވެ. އަދި ބޭރުގައި ހުރި ފަތްޖެހި އެނދުގައި އިށީނދެލިއެވެ.
"ރުކާން ހަމަ ހަގީގަތުގައިވެސް ރަނގަޅުތަ؟" ނާސިހާއަށް ރުކާންގެ ވަރުބަލިކަން އިހުސާސް ކުރެވޭތީ ބުންޏެވެ.
"ނޫން ނާސިހާ. އަހަރެން ގަޔަކު ވަރެއް ނުހުރޭ. ހަމަ ވަރުބަލިވަނީ. މިހާރަކަށް އައިސް ދަށްބަޑު ކޮޅުގައިވެސް ރިހެނީ މާގަދައަށް."
"އަހަރެންނާއެކު ޑޮކްޓަރަށް ދައްކަން ހިނގާ. މާދަމާ ގޮސް މާދަމާ އަންނަން އުނގޫފާރަށް ދާ ދޯންޏެއް އެބައޮތް."
"އޭރުން ސައުކަތު ރުޅި އަތުވެދާނެ."
"އޭނާ ގާތު ރަނގަޅަށް ބުނަނިކޮށް ރަނގަޅު ވެދާނެ." ނާސިހާގެ ލަފާ ރުކާން ގަބޫލު ކުރިއެވެ.
ސައުކަތު އިނީ ސިޓިންރޫމުގައެވެ. އޭނާ އިނީ ހިންދީ ފިލްމެއް ބަލާށެވެ. ޖެހިލުންވެފައި ހުރެ ނަމަވެސް ރުކާން މަޑުހިނގުމެއްގައި ސައުކަތުގެ ގާތަށް ދިޔައެވެ. އޭނާ ސައުކަތު ގާތުގައި ރުކާންގެ ހާލަތު ކިޔައިދިނެވެ. އަދި ރުކާން އުނގޫފާރަށް ދާން ސައުކަތު ގާތު އާދޭސް ކުރުމުންވެސް އޭނާ ގަބޫލެއް ނުވިއެވެ. އެންމެފަހުން ނާސިހާ އެދެމީހުންގެ ގާތަށް އައެވެ.
"ރުކާން އެކަނިދާކަށް މަށަކަށް ނުފެނޭ. މަށަށް ޗުއްޓީ ލިބެންދެން މަޑު ކޮށްލަންވީނު."
"ނާސިހާ މަށާއެކު ދާނޭ."
"އެކަމަކު ނާސިހާ އަށް ރުކާން ބެލޭނެތަ؟"
"އާނ އަހަރެން ކަމެއް ގޯސްވަންޏާ ސައުކަތަށް ފޯނު ކުރާނަމޭ؟" އެންމެ ފަހުން ނާސިހާއަށް އެދެމެދަށް އާދެވުމުން ސައުކަތަކަށް އިންކާރު ކުރާކަށް ނުކެރުނެވެ.
ރުކާން އުނގޫފާރަށް ދިއުމުގެ ކުރިން ގޭތެރެ ތަރުތީބުކޮށްލިއެވެ. ގޯތިތެރޭގައި ފަޅަން ފަށާފައި ހުރި ވިނަތައް ނޮޅިއެވެ. ކުނިކަހާ ރަނގަޅަށް ސާފުކޮށްލާ ހެދިއެވެ. ކުނި އުކާލުމަށްޓަކައި ބަރޯ ހިފައިގެން ގޮނޑަށް ދިއުމަށްޓަކައި ނިކުތެވެ. ރުކާން އައިފަހުން އެ ހުރިހާ ކަމެއް ބަލަހައްޓަނީ އޭނާއެވެ.
"އެހެރަދަނީ އެއްކަލަ ރުކާން." އަންހެނަކު އިނގިލިދިއްކޮށްލީ ރުކާނާ ދިމާއަށެވެ. އެވަގުތު އެތާތިބި ތިން އަންހެނުންގެ މޫނު ފުސްވެއްޖެއެވެ. ފަކުރުގަންނަ އެއްޗެއް ފެނުމުންވެސް މޫނުމައްޗަށް ގޮތްނުވާވަރަށް އެމީހުންގެ މޫނަށް ގޮތްވެއްޖެއެވެ. ރުކާނަށް ނަފުރަތުގެ ބެލުމަކުން ބަލަން ފެށިއެވެ.
"ހަމައެކަނި އެ ސައުކަތާއި ނީންނަކަން." އަނެއް އަންހެނަކު ބުންޏެވެ.
"ނަސީބެއްނު މިރަށު އެހެންގެއެއްގަ އޭނާ ނުބެހެއްޓިކަން. އެހެންނޫންނަމަ އެގެވެސް ބަރުބާދުކޮށްލީސް." އެހެން އަންހެނަކު ބުންޏެވެ.
ރުކާންގެ ހިނގުން ބާރުކޮށްލިއެވެ. ބަލިވެ އުޅޭތީ އޭނާއަށް ހިނގެނީވެސް އުނދަގުލުންނެވެ. ކޮންމެ ދުވަހަކު މީހުންގެ ފަރާތުން ލިބޭ މަލާމާތާއި ފުރައްސާރަ ކުރުމަށް މިހާރު ކެތް ކުރެވޭ ވަރެއްނޫނެވެ. ގައިގާ އަޅާވޭނަށްވުރެ މީހުންގެ ފުށުންލިބޭ މަލާމާތަކީ އޭނާއަށް ލިބޭ މާބޮޑު އަނިޔާއަކަށް ވެއްޖެއެވެ.
އެދެމީހުން އުނގޫފާރަށް ދިއުމަށް ފުރައިފިއެވެ. މެންދުރެއްހާއިރު އެމީހުންނަށް ޑޮކްޓަރާއި ހަމައަށް ދެވުނެވެ.
"ނާސިހާ ކިހިނެއްތަ؟" ޑޮކްޓަރުގެ ތަރުޖަމާ ކުރަން އިންކުއްޖަކީ ނާސިހާ މާލޭގައި ހުރިގޭގައި ކިޔަވަން ހުރި ކުއްޖެކެވެ. އެ ދެކުދިންނަކީ ކުރިންވެސް ވަރަށް ގާތް ދެކުދިންނެވެ.
"ހުސެން މިހާރު މިތާނގައިތަ؟" ހުސެން ފެނުމުން ނާސިހާ ވަރަށް އުފާވިއެވެ.
"ކޮންއިރަކުން ދަނީ؟"
"މިއަދު ހަމަ ދާގޮތަށް މިއައީ."
"އެހެންވިއްޔާ ޑޮކްޓަރަށް ދައްކާލާފަ މަޑު ކޮށްލައްޗޭ ގޯތިތެރޭގަ. އިރުކޮޅަކުން އަހަރެން ދާނަން."
ޑޮކްޓަރު ރުކާން އެކި ގޮތްގޮތަށް ބެލިއެވެ. އެތައް ސުވާލެއް ކުރިއެވެ.
"މީހަކާއި އިނދެގެންތަ އުޅެނީ؟"
"އާނ." ރުކާން ޖަވާބު ދިނެވެ.
"ފިރިމީހާ ކޮބާ؟"
"ދިޔަ ފަހުން ދެ އަހަރުވެއްޖެ." ރުކާން ލޮލުން ކަރުނަ އަންނަތަން ފެނުމުން ނާސިހާ ބުނެލިއެވެ.
"ތިބުނީ ރުކާން ފިރިހެނަކާ ގުޅުމެއްނެތްތާ ދެއަހަރު ވެދާނޭތަ؟" ހައިރާންވެގެން ޑޮކްޓަރު އަހާލިއެވެ.
"ދުވަހަކުވެސް އެކަހަލަ ގުޅުމެއް އަދި އަޅުގަނޑު ވެފައެއް ނޯންނާނެ."
ޑޮކްޓަރު ރުކާންގެ ލޭގެ ޓެސްޓެއް ހަދަން ބުނެފައި ޓެސްޓް ނަތީޖާ ލިބުމުން އަންހެނުންގެ ޑޮކްޓަރަކަށް ދައްކަން އެދުނެވެ. އަދި ރުކާނާއި އެތައް މަޝްވަރާތަކެއް ކުރެވުނެވެ. އޭރު ޑޮކްޓަރުގެ މޫނުމަތީން ހާސްކަމުގެ އަސަރު ފެނުނެވެ. ޑޮކްޓަރު ނަސޭހަތްތެރިވީ މާދަމާ އިތުރު ޓެސްޓްތަކެއް ހެދުމަށް މަޑު ކުރުމަށެވެ.
ރުކާންމެން ތިބީ ހޮސްޕިޓަލުގެ ގޯތިތެރޭގައިހުރި ބުރެއްގާ އިށީނދެލައި ގެންނެވެ. ރުކާނަށްވުރެ ބޮޑަށް ދުނިޔެއަށް ލޯ ހުޅުވިފައިވާ ނާސިހާ ވަނީ އެތައްސުވާލުތަކެއްގެ ޖަވާބަށް ބޭނުން ވެފައެވެ. މިހާރަކަށް އައިސް ރުކާނަށް އަންނަ ބަދަލުންނާއި ރުކާންގެ ބައްޔާ ބެހޭ ގޮތުންނެވެ. ޑޮކްޓަރު ކުރި ސުވާލު ތަކުންނެވެ.
"މާލަސްވެއްޖެ ދޯ." ހުސެން އައިސް ބުންޏެވެ.
"ނޫނޭ. އިށީނދޭ." ނާސިހާ ތަންކޮޅެއް ދުރަށް ޖެހިލަމުން ހުސެން އިށީންނަށް ތަންދެމުން ބުންޏެވެ.
ހުސެންނާއި ނާސިހާ އެތައް ވާހަކައެއް ދެއްކިއެވެ. ދެމީހުން ކިޔަވަން އުޅުނު ވާހަކައާއި ހޮސްޕިޓަލުން ވަޒީފާ ލިބުނު ގޮތެވެ. އަދި މިހާރު ގަސްތުކޮށްފައިވާ ގޮތާއި ނާސިހާއާއި ގުޅަން ބޭނުންވެފައިވެސް ނުގުޅުނު ވާހަކައެވެ. މިހާރު އެދެމީހުން ވަނީ އެކަކު އަނެކަކަށް ފޯނު ނަންބަރުދީ ކުރީގެ ރަހުމަތްތެރިކަން އިއާދަވެފައެވެ.
"ހަލޯ." ނާސިހާއަށް އައި ފޯނަކަށް ޖަވާބު ދިނެވެ. އެއަށް ފަހު ރުކާނަށް ފޯނު ދިނެވެ. ރުކާން ފޯނު ހިފައިގެން ދުރަށް ޖެހިލީ އެއީ ސައުކަތު ކަމަށްވެފައި ހުސެން އެތާ އިނުމުން ދައްކަން ޖެހޭ ވާހަކަތައް ހުސެންނަށް އެނގިދާނެތީއެވެ.
"އެއީ ވަރަށް އަޖައިބު ވާކަހަލަ ބައްޔެއް." ހުސެން ރުކާން ދިއުމުން ބުނެލިއެވެ.
"ކިހިނެއްވީ؟" ނާސިހާ ހުރީ އޮޅުން ފިލުވަން ބޭނުން ވެފައެވެ.
"ޑޮކްޓަރުމެންގެ ވާހަކައިން އޭނާއަށް އެހެންކަހަލަ އަނިޔާތަކެއް ލިބެމުން އެބަދޭ. އޭނާ ބުނާގޮތުން ވިއްޔާ ދުވަހަކުވެސް އަދި އެކަހަލަ ކަމެއް އޭނާ ތަޖުރިބާއެއް ނުކުރޭ. ނާސިހާއަށް ޔަގީންތަ އޭނާ ފިރިހެނަކާއި ގުޅުން ނޯންނަކަން."
"އާނ ޔަގީން. އެއީ ކިހިނެއްވާނެ ކަމެއް. އޭނާ އެހަދަނީ ތެދުކަން މަށަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ."
"އޭނާގެ ލޭގައި މަސްތުވާތަކެތީގެ އަސަރު އެބަހުރި. އޭގެ މާނައަކީ ލޭނެގުމުގެ ސައުވީސް ގަޑިއިރު ކުރިން މަސްތުވާތަކެތި އޭނާގެ ހަށިގަނޑަށް ވަދެފައި ހުރިކަން."
"އެއީ ކީއްވެ؟ އޭނާއަށް އެލިބޭނީ ކިހިނެއް؟ ތިވާހަކަ މަށަކަށް ގަބޫލެއް ނުކުރެވޭ."
"ތިހެންވެގެން ޑޮކްޓަރުވެސް ހައިރާންވަނީ. ރަނގަޅަށް ބުނަންޏާ ބުނެވޭނީ އޭނާއަށް ޑްރަގްސް ދިގު މުއްދަތެއްގައި ލިބިފައި އެބަހުއްޓޭ. އަދި އޭނާގެ އެތެރެ ހައްޓަށް ވަރަށް އަނިޔާވެސް ވެފައި އެބަހުއްޓޭ."
"މަށަށް ހީވަނީ އެއީ ސައުކަތުގެ ނުބައި ކަންހެން. އެގެއަށް ދިޔައީއްސުރެ އޭނާ އުޅެނީ ފާޑަކަށް ބަލިވެ. މަށަށް އަބަދުވެސް އެމީހާގަނޑަށް ޝައްކުކުރެވޭ."
"އެއީ ކާކު؟"
ނާސިހާ ރުކާންގެ ދިރިއުޅުން ފެށުނީއްސުރެ ނިމެންދެން ކިޔައިދިނެވެ. މިއުވާންގެ ހާދިސާއާއި ކައިވެންޏަށް ސައުވީސް ގަޑިއިރު ނުވަނީސް މިއުވާން އޭނާގެ ދިރިއުޅުމުން ދިޔަގޮތެވެ. އޭގެފަހުން އޭނާގެ ޚަބަރެއް ނުވާކަމާއި މިއުވާނަށްޓަކައި ރުކާން ކުރަމުން ދިޔަ އިންތިޒާރެވެ. މަންމަ މަރުވި ވާހަކައާއި ގޮތެއް ނެތިގެން ސައުކަތު ގާތަށް ދިޔަ ވާހަކައެވެ.
"މަށަށް ޔަގީން ވަނީ ސައުކަތު އޭނާއަށް ނޭނގި ޑްރަގްސް ދެނީކަން. އެވެދާނެ ނިދާ ބޭހަކަށްވެސް. އަދި އޭނާގެ ބޭނުމަކަށް ރުކާނަށް އަނިޔާކުރަނީކަން. ނާސިހާއަކަށް އެކަހަލަ އެއްޗެއް ހީއެއް ނުވޭތަ؟ ޑްރަގްސް ގެ ބާވަތްތައް ބަލާފަ އަދި ރުކާންގެ ވާހަކަޔާއި ބައްޔާއި ލިބިފައިވާ އަނިޔާތަކަށް ބަލާފަ ޑޮކްޓަރުވެސް ބުރަވަނީ އެގޮތަށް. އެހެންވެގެން މާދަމާ އޮބްސަރވޭޝަނަށް އަންނަން ބުނުއްވީ."
"ދެން ކިހިނެއް ހަދާނީ؟" ނާސިހާއަށް ވެސް ހުސެން ދައްކާ ވާހަކައިން އެތައް ކަމެއް އޮޅުން ފިލައިފިއެވެ.
"މިވާހަކަ އަހަރެން ބުނިކަމަށް ނުހަދާ ސީދާ ރުކާންގެ ގާތުން އޮޅުން ފިލުވާ. މިއީ ހޮސްޕިޓަލުގެ ސިއްރެއް ކަމަށްވާތީ މިބުނީ. އޭނާގެ މައްސަލަ ދާގޮތުން ފަހަރުގައި ޕޮލިހަށް ނުވަތަ ޖެންޑާއަށްވެސް އަންގަފާނެ." ހުސެން ވާހަކަ ހުއްޓާލީ ރުކާން އަންނާތީއެވެ.
"ކީކޭތަ ސައުކަތު ބުނީ." ރުކާން އަރާ ހަމަވުމުން ނާސިހާ ބުންޏެވެ.
"ބުނީ ނުތިބެ އަންނާށޯ. ދެން އޭނާއަށް ޗުއްޓީ ލިބުނީމާ މާލެ ދާނިއްޔޯ."
"ނޫން. މިކޮޅުން ނިންމައިގެން ދާނީ." ނާސިހާ ބުންޏެވެ.
"ނޫން ނާސިހާ. ކަމަކު ނުދާނެ. އޭނާ ނޫންމީހެއް މިހާރު އަހަރެންގެ ނެތް. އޭނާ ބުނާގޮތް ހެދުން ނޫންގޮތެއްވެސް ނެތް. މާ ބޮޑުވަރު ވެއްޖެއްޔާ މަރުވެދާނެއެއްނު. އެގޮތް އަހަރެންނަށް މާރަނގަޅު." ރުކާން ދެރަވެލާފައި ބުންޏެވެ.
"އަހަރެން ދެން ދަނިއްޔޭ." ހުސެން ތެދުވެލަމުން ބުންޏެވެ. ނާސިހާ ހުސެންނާ އެކު ދުރަށްޖެހިލީ ހުސެންގާތު ވާހަކައެއް އަހާލަން ވެގެންނެވެ.
"ދެން ކިހިނެއް ހަދާނީ؟" ނާސިހާ ބުންޏެވެ.
"ފަހަށްވެސް އެރިޕޯޓްތަކުން ފައިދާއެއް ކޮށްފާނެތީ އަހަރެންއޭގެ ކޮޕީއެއް ނާސިހާގެ ދަބަހަށް ލާފައި އޮންނާނެ. ރުކާން ގާތުބުނޭ އެއަށް ރައްކާތެރިވާށޭ. ނާސިހާ ރުކާނަށް ވިސްނައިދީ. އެގޮތަށް ދާންވެއްޖެއްޔާ ވަރަށް ގޯސްވެދާނެ. އެހެންނޫނީ ރުކާނަށް ވިސްނޭ ކަހަލަ ހެކިތަކެއް ހޯދަން ޖެހޭނީ. މިކަން ކުރެވޭނީ ނާސިހާއަށް. ކަމެއް ގޯސްވިއްޔާ މަށަށްވެސް އަންގާލާ. އޭރުން ލަފައެއްވެސް ދެވިދާނެ." ހުސެން ހިނގައްޖެއެވެ.
(ނުނިމޭ)
