ޕްރޮޓީން އަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ބޭނުންވާ އެއްޗެކެވެ. އެގޮތުން ހަށިގަނޑުގެ ޓިޝޫތައް މަރާމާތުކުރުމާއި، ޓިޝޫތައް އުފެއްދުމާއި މެޓަބޮލިކް ޕްރޮސެސްތަކަށް ޕްރޮޓީން އަކީ ސިއްހަތަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންކަމުން ޕްރޮޓީންގެ މިންވަރު އެކަށީގެންވާ މިންވަރަކަށް ލިބުމަކީ މުހިއްމު ކަމެކެވެ. އަދި ޕްރޮޓީން މަދުވެފައިވާކަން އަންގައިދޭނެ ކަންތައްތައް އެނގުމަކީވެސް މުހިންމު ކަމެކެވެ.
ދުޅަވުން:
އިޑިމާގެ ނަމުން ވެސް ނަންދެވިފައިވާ ދުޅަވުމަކީ އެކަށީގެންވާ މިންވަރަކަށް ޕްރޮޓީން ބޭނުން ނުކުރާ ކަމުގެ މައިގަނޑު އެއް އަލާމާތެވެ. ޕްރޮޓީންތަކުގެ ސަބަބުން ޓިޝޫތަކުގައި ފެން ޖަމާވުން ހުއްޓުވާއިރު ޕްރޮޓީން މަދުވުމުން ހަށިގަނޑުގެ ބައެއްތަންތަނުގައި ފެން ޖަމާވެއެވެ. އެހެންކަމުން މި ނިއުޓްރިއެންޓް އެކަށީގެންވާ މިންވަރަކަށް ނުލިބިއްޖެނަމަ އަތާއި ފަޔާއި އަދި ބަނޑުގައި ދުޅަވުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ.
އަވަސް އަވަހަށް މޫޑު ގޯސްވުން:
އެއް ސެލްއިން އަނެއް ސެލްއަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ސިކުނޑިއަށް ނިއުރޯޓްރާންސްމިޓަރސްގެ ނަމުން މަޝްހޫރު ކެމިކަލްތައް ބޭނުންވެއެވެ. މި ކެމިކަލްތަކުގެ ތެރެއިން ގިނަ ކެމިކަލްތަކަކީ ޕްރޮޓީންގެ އަސާސީ މާއްދާތަކެއް ކަމަށްވާ އެމިނޯ އެސިޑްތަކުން އެކުލެވިގެންވާ ކެމިކަލް ތަކެކެވެ. އެހެންކަމުން ކެއުމުގައި ޕްރޮޓީން މަދުވުމުން ހަށިގަނޑުގައި މި ނިއުރޯޓްރާންސް މީޓަރުތައް އެކަށީގެންވާ ވަރަށް އުފެއްދުމަށް ހުރަސްއެޅި، ސިކުނޑި މަސައްކަތްކުރާ ގޮތަށް ބަދަލު އަތުވެދާނެ އެވެ. މިސާލަކަށް ސެރޮޓޮނިން އާއި ޑޮޕަމިންގެ މިންވަރު މަދުނަމަ މާބޮޑަށް ޑިޕްރެޝަންގެ އިހުސާސް ކުރެވިދާނެއެވެ.
ހަންގަނޑާއި، އިސްތަށިގަނޑާއި އަދި ނިޔަފަތީގެ މައްސަލަތައް ކުރިމަތިވުން.
އެކަށީގެންވާ ވަރަށް ޕްރޮޓީން ނުލިބިދާނެކަން އަންގައިދޭ މައިގަނޑު ބައެއް އަލާމާތްތަކަކީ އިސްތަށިގަނޑު ތުނިވުން ނުވަތަ އިސްތަށި ފޭބުމާއި، ނިޔަފަތިތައް ފަޅައިގެން ދިއުން، އަދި ހަންގަނޑު ކުރަކިވުމެވެ. އިސްތަށިގަނޑާއި ނިޔަފަތި އަދި ހަންގަނޑު އެކުލެވިގެންވަނީ ގިނަ ޢަދަދަކަށް ޕްރޮޓިން އެކުލެވިގެންނެވެ.
މީގެ އިތުރުންވެސް ޕްރޮޓީން މަދުވުމުން ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. އަބަދުވެސް ކެއުމުގައި ޕްރޮޓީން ހިމެނޭ ކާނާ ހިމެނުމަށް އިސްކަންދޭށެވެ. ދުޅަހެޔޮ ސިއްޙަތަކީ އަގުނުކުރެވޭ ޚަޒާނާއެކެވެ.
