ރެއާލާއި ބާސެލޯނާ ރޭ ބައްދަލުކުރި މެޗުގައި ރެއާލް މެޑްރިޑް 1-3 ގެ ނަތީޖާއިން ބާސެލޯނާ ބަލިކޮށްފިއެވެ.
ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ ލަނޑުން އެ ޓީމު ލީޑު ނެގި އެވެ. މިއީ މެދުތެރެއިން ޓޯނީ ކްރޫސް ޖައްސާލި ބޯޅައެއް ހޯދައި އަރިމަތިން ވިނީޝިއަސް ޖޫނިއާ ފޮނުވާލި ޝޮޓެއް ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ބްލޮކްކޮށް ފޮނުވާލި ވަގުތު ބެންޒެމާ ވައްދާލި ގޯލެކެވެ.
މި ގޯލަށް ފަހު ބާސާގެ ކުޅުން ރަނގަޅުކޮށް ޓީމު ކުރިއަށް ޖައްސާ ކައުންޓާ އެޓޭކް ކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ރޮބާޓް ލެވަންޑޯސްކީ އޮފްސައިޑް ވުމާ ގުޅިގެން ބާސާއަށް ވަނީ އެއްވަރު ކުރުމަށް ފުރުސަތު ގެއްލިފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ރެއާލަށް ލީޑު ފުޅާ ކޮށްދިނީ ފެޑްރިކޯ ވަލްވާޑޭ އެވެ. މިއީ ފާލަންޑް މެންޑީ ދިން ޕާހަކުން ވަލްވާޑޭ އޭރިއާގެ ބޭރުން ފޮނުވާލި ރީތި ހަމަލާއެކެވެ. ހާފު ނިމުމުގެ ކުރިން ބާސާގެ އަރަމުން އަންނަ ތަރި ޕެޑްރީ ހަމަލާ އުފައްދަން މަސައްކަތް ކުރި ހަމަލާ ލުކަ މޮޑްރިޗް ވަނީ ބްލޮކްކޮށްފައެވެ.
ދެވަނަ ހާފުގައި ބާސާއަށް އުންމީދު އާކޮށްދިނީ ފެރާން ޓޮރެސް އެވެ. މިއީ ލެވަންޑޮވްސީގެ އެހީތެރިކަމާއެކު ޓޮރެސް ފަސޭހަ ކަމާއެކު މެޗުގެ 83 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ. އޭގެ ފަހުން ބާސާއަށް އެއްވަރު ކުރުމަށް ވެސް ފުރުސަތު ލިބުނެވެ. ސާޖިއޯ ރޮބާޓޯ ފޮނުވާލި ހަމަލާ ވަނީ މެންޑީ ބްލޮކް ކޮށްފައެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގެ ކުޅުން ކުރިއަށް ދަނިކޮށް ރެއާލްގެ ރޮޑްރިގޯއަށް އެރިކް ގާސިއާ ކުރި ފައުލާ ގުޅިގެން ރެއާލަށް ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 92 ވަނަ މިނެޓުގައި ރެއާލުގެ ތިން ވަނަ ގޯލު ޖަހައިދިނީ ޕެނަލްޓީއަކުން ރޮޑްރީގޯއެވެ.
