ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ބެލަންޑިއޯ އެވޯޑް" ރެއާލްގެ ކަރީމް ބެންޒެމާ އަށް

ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް 'ފްރާންސްގެ ފުޓްބޯޅަ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ހޯދައިފި އެވެ.

މި އެވޯޑް 1998 ވަނަ އަހަރު ފްރާންސްގެ ޒައިނުއްދީން ޒިދާން ހޯދި ފަހުން، އެވޯޑް ކާމިޔާބުކުރި ފްރާންސްގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދި ބެންޒެމާ އަށް ޓްރޮފީ ހަވާލުކޮށްދިނީ ވެސް، ޕެރިހުގައި އޮތް ހަފުލާގައި ޒިދާނެވެ.

ބެންޒެމާ ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ރެއާލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ ނިމުނު ސީޒަނުގައި 46 މެޗުން 44 ގޯލް ޖަހައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 15 ގޯލް ހިމެނެ އެވެ. އޭނާ އަކީ ނިމުނު ސީޒަނުގައި ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެ އެވެ.

ފްރާންސްގެ ލިޔޯން އިން ވިދާލި ފޯވާޑް 2009 ގައި ރެއާލަށް ބަދަލުވެ އެ ޓީމަށް ވަނީ 615 މެޗުން 328 ގޯލް ޖަހައިފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދައިފަ އެވެ. މިވަގުތު ރެއާލުގެ ކެޕްޓަނަކީ ވެސް އޭނާ އެވެ.

ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ހަފުލާގައި ބެންޒެމާއަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު އިރު، އޭނާއާ އެންމެ ގާތުން ވާދަކުރީ ބަޔާން މިއުނިކަށް މިހާރު ކުޅެމުން ސަޑިއޯ މާނޭއެވެ.

އެވޯޑްގެ ތިންވަނަ ހޯދައިފައި ވަނީ މިދިޔަ އަހަރު މެންޗެސްޓާ ސިޓީއަށް ޕްރިމިއާ ލީގުގެ ތަށި ކާމިޔާބު ކޮށްދިނުމަށް އެންމެ އިސް ރޯލެއް އަދާކުރި ކެވިން ޑިބްރޭނާ އެވެ. ހަތަރުވަނައިގައި ކުރިން ބަޔާންއަށް ކުޅުނު ރޮބާޓް ލެވަންޑޮވްސްކީ އޮތް އިރު ފަސްވަނައިގައި އޮތީ ލިވަޕޫލްގެ އިތުބާރު ހިފޭ ފޯވާޑް މުހައްމަދު ސަލާހެވެ.

ޕީއެސްޖީގެ ފްރާންސްގެ ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ އަށް ހަ ވަނަ ލިބުނުއިރު ހަތް ވަނަ އަށް ދިޔައީ ރެއާލް މެޑްރިޑްގެ ބެލްޖިއަމް ގެ ކުޅުންތެރިޔާ ތިބައޫ ކޯޓުއާ އެވެ. އަށް ވަނަ ލިބުނީ، ރެއާލް މެޑްރިޑްއަށް ކުޅޭ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަށެވެ.  ނުވަ ވަނަ ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޑް ހޯދިއިރު ދިހަ ވަނައަށް ދިޔައީ، ބޮރޫޝިއާ ޑޯޓްމަންޑް އަށް ކުޅޭ ނޯވޭ ގެ އާލިން ހާލަންޑް އެވެ.

އުމުރުން 34 އަހަރުގެ ބެންޒެމާއަކީ ފާއިތުވި 66 އަހަރުތެރޭ އެންމެ އުމުރުން ދޮށީ މީހަކަށް މި އެވޯޑް ހާސިލް ކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. މިކަމާ ގުޅިގެން ބެންޒެމާ މިރޭ އެވޯޑް ހާސިލް ކުރުމަށްފަހު ބުނެފައިވަނީ އުމުރަކީ ހަމައެކަނި ނަންބަރެއް ކަމަށެވެ. އަދި އޭނާ ވަނީ މި ހަފްލާގައި އޭނާއަށް އެހީތެރިވި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

 

ބެލޮންޑިއޯ އެވޯޑް މިހާތަނަށް އެންމެ ގިނަ އަހަރު ހޯދާ ފައިވަނީ ލިއޮނަލް މެސީ އެވެ. އެއީ 7 ފަހަރުއެވެ. 5 ފަހަރު ކާމިޔާބު ކޮށްގެން ދެ ވަނައަށް މި އެވޯޑް އެންމެ ގިނަ ފަހަރު ހޯދާފައިވަނީ، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *