(12 އޮކްޓޯބަރ 2022ގެ ނޫހާއި ގުޅޭ)
ބޭސް ދޭގަޑި ޖެހިފައިވާތީ ބޭސްހިފައިގެން ހުރި ޒީނާއަށް މިމަންޒަރު ފެނުމުން ކުރެވުނީ ކޮންކަހަލަ އިހުސާސެއްކަމެއް ނޭނގެއެވެ. އޭނާ ފެންކަޅިވީ އަބަދުވެސް ހަޅޭއްލަވާ ރާމިޒާ މޫނަށް އަރާ ފައިބާ ހިތާމަވެރި ކުލަވަރުންނެވެ. އޭނާ އެހުރީ ރަހީމަށް ޢަމަލުކުރެވުނު ގޮތުން ޖެހިލުންވެފައިކަން އިހުސާސް ކުރެވުނީ ކީއްވެކަމެއް ނޭނގުނެވެ. ރަހީމަކީ ކޮންކަހަލަ ހެޔޮމީހެއްބާވައެވެ؟ އެހާ ހިތްތިރި އޯގާވެރިއެކެވެ. ރާމިޒާގެ ފަރާތުން އެއްވެސް ބަދަލެއް ނުލިބި އަދި ނުވެސް ލިބޭނެ އިރުވެސް އެވަނީ ކޮން އޯގާތެރިކަމެއްބާވައެވެ؟ ޒީނާއަށް މިހާރު މުޅިންވެސް ފެންނަނީ ރަހީމުގެ ރަނގަޅު ސިފަތަކެވެ.
ރާމިޒާ ވާބަލީގެ ތަންމަތީގައި އޮންނަތާ ހަތަރުމަސްވެއްޖެއެވެ. ދިވެހިބޭހަކުން ޑޮކްޓަރީބޭހަކުން އޭނާއަށް އެއްވެސް ލުޔެއް ނުލިބެއެވެ. ރާމިޒާ ދެރަވަނީ ކުރީގެ ރީތި ކަސްރަތީ ހަށިގަނޑު އަނަރޫފަ ވެފައިވާތީއެވެ. މާފަށްއެދި ގޮވާލާން އުޅުނު އަނގައިން ރަނގަޅަށް އަޑު ނުނިކުތުމުންނެވެ. ބީހިލާން ދިމާކޮށްލި އަތް ހަރަކާތް ނުކުރުމުންނެވެ. އެއީ އެއަނގައިން ރަހީމަށް ހަޅޭއްލަވާ މަލާމާތްކުރި އަނގައެވެ. އެބާރުގަދަ ލޫޅާފަތި މުލައްދަނޑިން އެހެން ފިރިހެނުންގެ އަތުގައި ހިފައިގެން ރަހީމު ބާކީކޮށްލި އަތެވެ . ހާލަތު އެހާއަވަހަށް ބަދަލުވީ ކީއްވެބާއެވެ؟ އޭނާގެ އުފާވެރި ނިމުން މިހާއަވަހަށް އައީ ކީއްވެބާއެވެ؟ އޭނާ ޝަކުވާކުރަން ބޭނުމެވެ. ނަމަވެސް ޖަވާބު ލިބޭނީ ކޮންފަދައަކުން ހެއްޔެވެ؟ ޖަވާބު ދޭން ހުރިމީހާ ގާތު އޭނާއަކަށް ވާހަކައެއްނުދެއްކެއެވެ. ވާހަކަ ދައްކަންވީ އަނގައިގާ ވާތްގެއް ނެތެވެ. ނުހަނު އުނދަގުލުން ހިތްވަރުކޮށްފައި ބުނެވޭ އެއްޗެއްވެސް އަޑުއަހާ މީހުންނަކަށް ފަހުމެއް ނުވެއެވެ. އުނަގަނޑުން ތިރި އެއްކޮށްވާގިނެތި އަނގައޮރިއަކަށްދަމައިގަނެ ވާތްފަޅީގައި އެއްވެސް ވާތްގެއްނެތީތީ އޭނާ އަށްޖެހިފައިވަނީ އަބަދު އޮށޯވެ އޮންނާށެވެ. އެއަށްވުރެ ބޮޑު ހިތްދަތިކަމެއް އޭނާއަށް ލިބެނީ އޭނާދައްކާ ވާހަކަ މީހުންނަށް ނޭނގޭތީއެވެ.
ގޭތެރެއަށްވެރިވެފައިވަނީ ރޭގަނޑުގެ ހިމޭންކަމެވެ. ރަހީމަށް ގެއަށް އާދެވުނީ އެގާރަވެސް ޖެހިފަހުންނެވެ. އާދައިގެ މަތީން ރަހީމު ނިދަންދިއުމުގެ ކުރިން ރާމިޒާއަށް ބޭސްދިނުމަށްޓަކައި އައެވެ. ބޭސް ދިނުމަށްފަހު އަނގައިން ބޭރުވި ބޭސްތައް ޓިޝޫއަކުން ފޮހެލިއެވެ. ދިއުމަށްޓަކައި ހިނގައިގަތް ރަހީމު ހުއްޓުނީ ރާމިޒާގެ ރަނގަޅަށް އޮތް އަތުން ރަހީމުގެ އަތުގައި ހިފެހެއްޓުމުންނެވެ. ރާމިޒާގެ ކަރުނަތައް ފައިބާލޮލަށް ރަހީމަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެލޮލުން ކުރިންފެންނަ ވިދުވަރުގެ ބަދަލުގައި ފެންނަނީ އަނދިރިކަމެވެ. ހިތާމަޔާއި މާޔޫސްކަމެވެ. އެލޮލުން އޭނާއާއި އެތައް ވާހަކައެއްދައްކަން ބޭނުންވެފައިވާކަން އޭނާއަށް ބުނެދިނެވެ.
"އަ…އަ.. މާ..މާފު.." ރާމިޒާގެ ކުރަކިވެފައިވާ އަޑުން މާފުކުރާށޭ ބުނެވުނީ ކިރިޔާއެވެ.
ރަހީމަށް އެބުނީ ކީކޭކަން އެނގުނީ ވަރަށް ފަރުވާ ބަހައްޓައިގެން އަޑުއެހުމުންނެވެ. ރަހީމު އެނދުގެ އެއްކައިރީ ރާމިޒާ ގާތު އިށީނެވެ. އަދި ރަނގަޅަށް އޮތް އަތުގައި ހިފަހައްޓާލިއެވެ. ނިދާ ބޮކީގެ އަލީގައި ރާމިޒާގެ ކުރީގެ ދޮންމޫނު ފެންނަނީ މިލާފައިވަނިކޮންނެވެ. ޒަމާނުގެ ބަދަލުތައް އަބަދުވެސް ސަމާލުކަން ދިން މޫނު ވަނީ އުމުރަށްވުރެ މުސްކުޅިވެފައެވެ. އެއީ ރީތިކަމާއި ފަރިކަމުން ރަނިކަން ކުރަމުންދިޔަ އަންހެނެކޭ ބުނެވޭނީ ކިހިނެއްހެއްޔެވެ؟
"ރާމިޒާ. އަހަރެން ރާމިޒާއަށް މާފުކޮށްފިން. ކޮންމެ ގޮތެއްވިޔަސް ތިއީ އަހަރެން އެކާވީސް އަހަރުވަންދެން އިނދެގެން އުޅުނު ބައިވެރިޔާ. އަހަރެންގެ ދަރިފުޅުގެ މަންމަ. މިއަދު އަހަރެންގެ މައްޗަށް ވާޖިބުވެގެންވަނީ ރާމިޒާއަށް އޯގާތެރިވުމަށް. މަޙުޝަރުދުވަހުން އަހަރެންނަށް ކާމިޔާބު ލިބޭނީ ރާމިޒާވެސް އަހަރެންނަށް މާފުކޮށްގެން." ރަހީމުގެ ލޯވެސް ފެންކަޅިވިއެވެ. އެދެމީހުންނަކީ ދިގު މާޒީއެއްގެ ތެރޭން ބައްދަލުވި ދެމީހުންނެވެ. އުފަލާއި ހިތާމައާއި އެތައް ކުލަތަކެއް އެދެމީހުން އެކުގައި ހިއްސާވެސް ކުރިއެވެ. ނަމަވެސް އެދަތުރު މިހިސާބުން އެހެން ކުލައަކަށް ބަދަލުވީއެވެ. ރަހީމަކީ އޯގާތެރިއަކަށް ވީތީ ރާމިޒާ ޝުކުރުން ހިތްބަންޑުންވިއެވެ. ރަހީމު އެކަރުނަތައް ފޮހެލަދިނީ ލީޝަން ލިބުމުގެ ކުރިން ރަހީމު ރާމިޒާގެ ޝަކުވާތައް ކަރުނައަށް ބަދަލުވުމުން ފޮހެލާފަދަ ގޮތަކަށެވެ. ހިތްވަރުކޮށް ދުނިޔެއަށް ކުރިމަތިލާށޭ ބުނާކަހަލަ ގޮތަކަށެވެ. ކޮންމެވެސް ދުވަހަކުން އަދި ރަނގަޅުވާނެއޭ އިހުސާސް ކުރެވޭ ގޮތަށެވެ.
ފަތިހު ހޭލައިގެން އެއްޗިހި ދޮންނަން ފަށަންވާއިރަށް ރާމިޒާގެ ހެދުންތައް ނެރެންދިޔަ ޒީނާއަށް ހުރެވުނީ ރަހީމުގެ މި އޯގާތެރިކަން ފެނިފައެވެ. ރަހީމުގެ ކެތްތެރިކަމާއި ރަނގަޅުކަން ޒީނާއަށް އަބަދުވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް ކިތަންމެ ރަނގަޅު މީހަކަށްވެސް ރާމިޒާކަހަލަ އަނތްބަކަށް އެހާ އޯގާތެރިއެއް ނުވެވޭނެއެވެ. ރަހީމަކީ ކެތްތެރި ފިރިހެނެކެވެ. ޒީނާގެ ހިތުގެ އެންމެ ފުންމިނުން ރަހީމަށް ތަޢުރީފު ކުރެވުނެވެ.
ހެދުންތައް ނުނެރެ އޭނާދިޔައީ ވަގުތުގެ ނާޒުކުކަމުންނެވެ. މިވަގުތު އެތަނަށްވަދެ އެމީހުންގެ ވާހަކަ މެދުކަނޑާލާކަށް އޭނާ ބޭނުމެއް ނޫނެވެ. ރަހީމު ދަންދެން އޭނާ ބޭރުގައި ހުރި އުނދޯލީގައި އިށީނދެލިއެވެ. ހަނދުވަރުމޫސުމުގެ ފަނޑުހަނޑުވަރުން ގޯތިތެރޭގެ މުޅިސަރަހައްދަށްވަނީ ފަނޑުއަލިކަމެއް ވެރިވެފައެވެ. ދޭތެރެދޭތެރެއިން ދުއްވާ އެއްޗެއްގެ އަޑު އިވުނުނަމަވެސް މުޅިތަނަށްވެރިވެފައިވަނީ ހިމޭންކަމެވެ. އެކާވީސްއަހަރަށް އެޅުނު އިރު އޭނާއަށްވެސް ތަޖުރިބާތަކެއް ކުރެވިއްޖެއެވެ. ރާމިޒާމެންގެ ދިރިއުޅުމުން އެތައް ޢިބުރަތްތަކެއް ޙާޞިލްވިއެވެ. މަޑުމައިތިރިކަމާއި ކެތްތެރިކަން ބާރުގަދަވެ ނުރުހުމާއި ގަދަހެދުން އަދި ޒުވާބުގެ މައްޗަށް ކުރި ހޯދީއެވެ. ހަރުކަށިކަމާއި ފަނާކޮށްލާފަދަ ނުރުހުންތެރިކަން އެއްފަރާތަށްޖެހި އޯގާތެރިކަމާއި ހަމްދަރުދީ އަށްޖާގަދީ އިންސާފު ހޯދައިދިނީއެވެ. ރަހީމަކީ ކޮންފަދަ ރަނގަޅު މީހެއްހެއްޔެވެ؟ ރާމިޒާއަށް އޭނާގެ ނަސީބާމެދު ވިސްނާނުލެވުނީ ކީއްވެބާއެވެ؟
"ކާކު" އަބަދުވެސް އެކަނިވެރިކަމާއެކު ކަންތައްތަކާއި ފިކުރުކުރަން އިންނަ ޒީނާ އެހެންޏާ ނުވާގޮތަކަށް ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހެއްގެ ހިލަންވުމުންނެވެ.
"ޒީނާ މިދަންވަރު މިތާ ކީއްކުރަނީ." ހިތުގައިވާ އުދާސްތަކަށް އުނދަގޫ ކުރަމުންދާތީ ބުރެއްޖަހާލަންދާން ނިކުތް ރަހީމަށް ޒީނާ ފެނުމުން ސިހުން ލިބުނެވެ.
"އަޅުގަނޑު ދިޔައީ މާދަން ދޮންނަންހުރި ހެދުންތައް ނެރެން. އެކަމަކު ދައްތައާއެކު ހުންނެވީމަ ނިމިލައްވަންދެން މަޑުކޮށްލީ." ޒީނާ މަޑުމަޑުން ބުނެލިއެވެ. ޒީނާއަށް ވާހަކަދެއްކެނީ އުނދަގުލުންނެވެ. މިއީ އޭނާއަށް ދުވަހަކުވެސް ވީގޮތެއްނޫނެވެ. އޭނާއަށް ރަހީމުގެ މޫނަށް ބަލާކަށް ނުކެރުނެވެ. މިހަނދުވަރު އަލީގައި އޭނާއަށް ރަހީމު ފެންނަނީ ނުހަނު ރީތިކޮންނެވެ. ތަނަވަސްނިތްކުރިއާއި ސާފުލޯ އޭނާއަށް ނުހަނު ރީއްޗެވެ. އޭނާއަށް ސިއްރު ސިއްރުން ރަހީމަށް ބަލާލެވުނެވެ. ރަހީމާއި ހަތަރުކަޅި ހަމަކުރެވުނީ އެ ވަގުތުކޮޅުގައެވެ.
ޒީނާގެ ކޮންމެ ހަރަކާތަކަށް އަބަދުވެސް ރަހީމަށް ޝައުގުވެރި ވެވެއެވެ. އެ ޅައަންހެންކުއްޖާގެ ކޮންމެ ބެލުމެއްވެސް އޭނާއަށް ނުހަނު އަސަރު ކުރުވައެވެ. އެކަމަކު ހިތުގެ އެދުމަށް ފުރަގަސް ދެވެނީ ބުއްދިވެރި ސިކުޑިއެއް ލިބިފއިވާތީއެވެ. އެއީ ނިކަމެތި އާއިލާއެއްގެ ނިކަމެތި ކުއްޖެކެވެ. މަޖުބޫރީ ހާލަތެއްގައި އެގޭގައި ތަޢުލީމު ހާސިލުކުރަމުންދާ ކުއްޖެކެވެ. އަމިއްލަ މިނިވަން ދިރިއުޅުމެއް ލިބިފައިވާ އުފާވެރި ކުރިމަގަކަށް މަސައްކަތް ކުރަމުންދާ ޖިންސުއްލަތީފެކެވެ. އޭނާގެވެސް ލޯބިވެރިންނާއި ރައްޓެހިން ތިބޭނެއެވެ. ޔައީނާއި އެފަދަ އެތައް ޒުވާނުންނެއް މިހާރުވެސް އޭނާއަށް ފިދާވާނެއެވެ. އޭނާގެ އެފުރިހަމަކަމާއި ޒުވާންކަން ލައްވާފައިވެއެވެ. ރީތި ބޮޑުލޮލާއި ތުނި ތުންފަތެވެ. ކުޑަވެސް އައިބެއްނުވާ ސާފުދޮންމޫނެވެ. މޫނުމައްޗަށް ވެއްޓިފައިވާ ފަންއިސްތަށިކޮޅުން އޭނާގެ ޒުވާންކަމާއި ފަރިކަން އޭގެ އިންތިހާއަށް ވެރިވެފައިވެއެވެ. ކިތަންމެ މާތް ހިތްވަރުގަދަ ފިރިހެނަކަސް ޒީނާގެ މި ޅަކަމާއި ޒުވާންކަމުން ފިލާކަށް ނުދެވޭނެއެވެ. ކިތަންމެ ހިތްވަރުކުރިނަމަވެސް މި މިލަހަނދުވަރުގައި އެޒުވާން އަންހެންކުއްޖާއާއި ދުރުގައި ހުރުމުގެ ބާރެއް އޭނާގަޔަކުނެތެވެ.
"ކޭންބައްލަވައިފިންތޯ." ރަހީމުގެ ހިމޭންކަމުން އޭނާއަށްވެސް އާދަޔާޚިލާފު އަސަރުތަކެއްކުރާހެން ހީވާތީ އަހާލިއެވެ.
"މިރޭ ކާހިތެއްނެތް. ޒީނާކައިފިންތަ." ފުރަތަމަ ފަހަރަށް މިހާގާތްކޮށް ރަހީމު އަހާލުމުން ޒީނާއަށް ނޭނގޭކަހަލަ ގާތްކަމެއް އިހުސާސްވިއެވެ. ދެމީހުންގެ މެދުގައި ދިޔަ ހިމޭންކަންވީ ކުރިއަށްވުރެވެސް އިތުރެވެ.
"އަދިނުކަން." ޒީނާ އިސްޖަހާލީ ރަހީމު އޭނާއަށް ބަލާތީ ލަދުންނެވެ.
"ހިނގާކާން." އަހަރެން މިހާރު ކާހިތްވެއްޖެ." ރަހީމަށް ޒީނާގެ އިސްޖެހުން ހެޔޮފާލެއްކަމުގައި ގަބޫލުކުރެވުނެވެ.
"އެކަމަކު……" ޒީނާ އަދިވެސް އިސްއުފުލައެއްނުލައެވެ. ރަހީމުގެ މިގާތްކަމާއި އޯގާތެރިކަން އޭނާއަށް ރަހީމުއާއިގާތްކުރެވޭކަން އިހުސާސްވާތީ އެކަންސިއްރު ކުރެވޭތޯ ބެލިއެވެ.
"ކުރިން ކާހިތެއްނެތް. އެކަމަކު މިހާރު ޒީނާއާއި އެކު އަހަރެން ވަރަށްކާހިތްވެއްޖެ." ރަހީމު ހަމަ އެގޮތުގައި ހުރެގެން ވާހަކަދެއްކިއެވެ. އެއްޗެއްބުނާނަމޭހިތާ އިސްއުފުލާލި ޒީނާ ރަހީމުގެ ލޮލާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ. ދެމީހުން އަޖައިބެއްކަހަލަ ބާރަކުން ގާތްކުރުވިއެވެ. ރަހީމު ޒީނާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ނަގާ ކަންފަތާއި ކައިރިކޮށްލިއެވެ. ޒީނާއަށް ދުވަހަކުވެސް ނުކުރެވޭ އިހުސާސެއް ހަށިގަނޑުގެ އެންމެ އެތެރެއަށް ކުރިއެވެ. ބޭއިޚްތިޔާރުގައި ރަހީމުގެ ފިރިހެންވަންތަ ހަށިގަނޑުގައި ލައްވެލިއެވެ. އޭނާގެ މީރުވަސްދުވާ މޭގައި ބޮޑިވެލެވުނެވެ. ޒީނާގެ ތުނިތުނި ހަށިގަނޑު އޭނާގެ ބާރުގަދަ ދެއަތުން ވަށާލާ ގާތްކޮށްލީ އޭގެ އެންމެފުރިހަމަ ތަޖުރިބާއާ އެކުއެވެ. އޭނާއަށް ދުވަހަކުވެސް ނުލިބޭ ހަމަޖެހުމެއް ޒީނާގެ މިބީހިލުމުން ވެސް ލިބިއްޖެއެވެ. ޒީނާގެ ލަދުގަތުމާއި ނިޔަނެތިކަން އޭނާއަށް އެތައް އުފަލެއްގެނުވައިފިއެވެ. އެ ލޯބިކުއްޖާގެ ޒުވާންކަމާއި ފުރިހަމަކަން އަދި މީރުވަސް އޭނާއަށް އޭގެ އިންތިހާއަށް މޮޔަކުރުވައިފިއެވެ. އެ ތުނި ހަށިގަނޑުގައި ވި އާދަޔާޚިލާފު ހޫނާއި ތުރުތުރުއެޅުން އޭނާ މަސްތުކުރުވައިފިއެވެ.
"ޔާރައްބީ….. މީކޮންފަދަ ފުރިހަމަކަމެއް…"ރަހީމަށް ބުނެލެވުނެވެ. ޒީނާއަށް ލޯހުޅުވާލެވުނެވެ. އަދި އަވަހަށްދުރަށް ޖެހިލެވުނެވެ. ސިކުންތު ކޮޅެއްހާ ވަގުތުކޮޅެއްގެ ތެރޭގައި މި ހިނގާދިޔަ ކަންތަކާއި ފިކުރުބޮޑުވެއްޖެއެވެ. މިކުރެވުނީ ކޮންފަދަކަމެއްބާވައެވެ؟ އޭނާއަށް މިކަން މަނާނުކުރެވުނީ ކީއްވެބާވައެވެ؟ ޒީނާއަށް ގުޑާލަންވެސް ނޭނގިފައި ހުރެވުނެވެ. އޭނާއަށް ކުއްލިއަކަށް ހެޔޮވިސްނުމެއްއައެވެ. އޭނާއަށް ދުއްވައިގަނެވިއްޖެއެވެ.
"މަންމައަށް މިހާލުޖައްސާފައި މީދޯ މިކުރާކަމަކީ." ދޮރާށިންވަދެގެންއައި ލީޝަން ހަޅޭއްލަވައިގަތީ ޒީނާދުއްވައިގަތްތަން ފެނިފައެވެ. އޭނާއައިސްފައިވާ ރުޅިން އެދިޔަގޮތަށްގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ. ލީޝަންގެ ރުޅިވަނީ އޭގެ އިންތިހާއަށް ގަދަވެފައެވެ. ހުރިހާތަނަކުން ފެންނަނީ އޭނާގެ ބޭކާރުކަމެވެ. ގެއަށް އަތުވެއްޖެނަމަ މަންމަގެ ނުކުޅެދޭ ކަމެވެ. މަންމަގެ ހިތާމައިން ފުރިފައިވި ދެލޮލެވެ. އެކަމުގެ އަސްލަކީ ބައްޕަކަމަށް އޭނާ ގަބޫލުކުރެއެވެ. އެރޭ މަންމަ ވަރިނުކުރިނަމަ މަންމައަށް މިހާލެއް ނުޖެހޭނެކަން އޭނާ ގަބޫލުކުރެއެވެ. މިއަދު މަންމައަށް މިހާލުޖެހުމުގެ އަސްލަކީ ޒީނާކަމަށްވެސް އޭނާއަށް ގަބޫލުކުރެވެއެވެ. މަންމަ އަބަދުވެސް ޒީނާއާއި ބައްޕަ އަޅުވާކިޔަނީ މަންމައަށް އެކަން އެނގިފައި އޮތީމާކަން އޭނާ ޔަގީންކުރެވިއްޖެއެވެ. އެއީ ސުންޕާ އަންހެނެކެވެ. އައިއްސުރެ މަންމައާއި ބައްޕަގެ ދިރިއުޅުން ހަލާކު ކުރިއެވެ. ބައްޕަ މާބޮޑު ބާރެއް އޭނާއަށް ދީފައި އޮތީވެސް އެހެންވެގެންނެވެ. އެކަމުގެ ސަބަބުން އޭނާވެސް ވަނީ ޒީނާގެ ބާރުވެރިކަމުގައި ފިތިފައެވެ. ބޭރަށްދެވެނީ ޒީނާ ތަޅުދަނޑި ދިނުމުންނެވެ. ގޭގެ ފޯނު ލިބެނީ ޒީނާ ހުއްދަ ދިނިއްޔާއެވެ.
(ނުނިމޭ)
