އަތައަކީ ފުއްޕާމޭގެ ހޮޅިތައް ދުޅަވުމުން ރައްކާތެރިކޮށްދޭ އަދި ވިޓަމިން ބީ 6 އިން މުއްސަނދިވެފައިވާ އެއްޗެކެވެ. އެއީ ނޭވާހިއްލުމަށް ޖެހޭ ބަލިތަކުންވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ. އަތަ ކެއުމަކީ ފުއްޕާމޭ ސާފުކޮށްދޭނެ އެންމެ ރަނގަޅު ގުދުރަތީ ގޮތެވެ. ޢާއްމުކޮށް މަގުމަތީގައި ހެދޭ އަތަ ގަހަކީ ވައި ތަޣައްޔަރުވުމުން އެންމެ ބޮޑަށް ދިފާއުވާ ގަހެއް ކަމަށްވެސް ގިނަ ދިރާސާތަކުން ދައްކަ އެވެ.
މި މޭވާއަކީ ފޮނި އެއްޗަކަށް ވުމުން ހަކުރުބަލީގެ މީހުންނަށް ނުވަތަ ހިތުގެ މައްސަލަތައް ހުންނަ މީހުންނަށް ނުރައްކާތެރި މޭވާއެއް ކަމަށް ބެލެވުނަސް ހަގީގަތުގައި މިއީ އެންމެންނަށްވެސް ފައިދާވާނެ މޭވާއެކެވެ. އެއީ 100 ގްރާމްގެ އަތައެއްގެ ޖުމްލަ ކެލޮރީ ކައުންޓަކީ 94 ކެލޮރީ އެވެ. ޕްރޮޓީން 2.1 ގްރާމް، ޑައިޓޭރިއަން ފައިބަރު 4.4 ގްރާމް، ޖުމްލަ ފެޓް 0.0 ގްރާމް އަދި ކާބޯހައިޑްރޭޓް 23.6 ގްރާމް ގައި ހުރެއެވެ.
ހަކުރުބަލިން ރައްކާތެރިކޮށްދޭ:
އަތައިގެ ފައިދާތަކަކަށް ބަލާއިރު، ހަކުރުބަލީގެ މީހުންނަށް ނުރައްކާތެރި މޭވާއެއްގެ ގޮތުގައި ބެލެވެނީ އެމީހުން ކަނޑައެޅިފައިވާ މިންވަރަށްވުރެ ގިނައިން ކާނަމައެވެ. އަތައަށް ލިބިފައިވަނީ ޕޮލިފެނޮލިކް އެންޓިއޮކްސިޑެންޓްސް އެވެ. މިއީ އިންސިއުލިން އުފެއްދުމާއި ގްލޫކޯޒް ނެގުން ވަރަށް ބޮޑަށް މަތިކޮށްދީ، ހަކުރުބަލި ކޮންޓްރޯލް ކުރެވޭނެ ކަންކަމެވެ. ނިއުޓްރިޝަނިސްޓުން ލަފާދެނީ ވަކިން ކެއުމަށް ވުރެ އެހެން މޭވާއަކާއި އެއްކޮށްގެން ކެއުމަށެވެ. އޯޓްމީލް، ޔޯގަޓް އަދި ސްމޫތީގެ ގޮތުގައިވެސް ހިމެނިދާނެއެވެ. މި މޭވާގެ 100 ގްރާމްގައި 20 މިލިގްރާމް ވިޓަމިން ސީ ހުރުމުން، އިންސިއުލިން އުފެއްދުމަށް އަސަރުކޮށް، ލޭގައި ހަކުރު މަދުކުރުމަށް އެހީތެރިވެދެއެވެ. އަދި މެގްނީޒިއަމް، ޕޮޓޭސިއަމް އަދި ދަގަނޑު ނުސީދާ ގޮތެއްގައި އިންސިއުލިން އުފެއްދުމަށް އަސަރުކުރެއެވެ. މިހެންވުމުން ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.
ލޭގެ ޕުރެޝަރ ރަނގަޅުކޮށްދޭ:
އަތަ އެކުލެވިގެންވަނީ ސޯޑިއަމް އާއި ޕޮޓޭސިއަމްގެ ނިސްބަތް ރަނގަޅަށް ބެލެންސްކޮށްގެން ކަމުން ހަށިގަނޑުގައި ލޭގެ ޕްރެޝަރު ރެގިއުލޭޓްކޮށް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ކުޑަ އަތައަކުން ހިތުގެ މަސްތަކަށް އަރާމުދީ އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
އަތައަކީ އޭގައި ހުންނަ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސްގެ ސަބަބުން ވައިގެ އުދަނގޫތަކާއި ބަނޑުގެ މައްސަލަތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ހަމައެކަނި 100 ގްރާމްގެ އަތައެއްގައި އާފަލަކަށްވުރެ 2.5 ގުނަ އިތުރަށް ފައިބަރާއި އަދި އޮރެންޖެއްގެ ވިޓަމިން ސީގެ ދެބައިކުޅަ އެއްބައި އެކުލެވިގެންވެއެވެ. އަދި، އޭގައި ހިމެނޭ މެގްނީޒިއަމް އަކީ ގޮހޮރުގެ މަސައްކަތްތައް ރަނގަޅަށް ހިފެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ޖަޒުބާތުތައް ހަމައަކަށް އަޅުވާ:
އަތައިގާ ގިނައިން ހިމެނޭ އެންޓިއޮކްސިޑެންޓްސް އަކީ ތަފާތު ގެއްލުންތަކުން އަހަރެމެންގެ ހަށިގަނޑަށް ރައްކާތެރިކޮށްދޭ އެއްޗެކެވެ. އެގޮތުން ސްޓްރެސް ކުޑަކޮށްދީ، ކެންސަރާއި ކޮރޮނަރީ ހާޓް ޑިޒީޒް ފަދަ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. އަތަގަހުގެ ފަތާ ބެހޭ ގޮތުން ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި އޭގައި އެންޓި އިންފްލެމެޓަރީ، އެންޓި ޓިއުމަރ، އެންޓި އޮބެސިޓީ، އެންޓިއޮކްސިޑެންޓް، އެންޓިވައިރަލް، އަދި އެންޓި މައިކްރޮބިއަލް ޕްރޮޕަޓީސް އެކުލެވިގެންވެއެވެ. މި މޭވާއިން ތަފާތު ވިޓަމިންތައް ގިނައިން ލިބޭތީ ސިކުނޑިއަށް ފައިދާތަކެއް ކުރެއެވެ. ތިއަމިން، ރައިބޯފްލެވިން، ނިއަސިން، ވިޓަމިން ބީ6 ފަދަ ވިޓަމިންސްތަކަކީ ޚާއްސަ ވިޓަމިންތަކެކެވެ. މި ގިނަ ވިޓަމިންތަކުން ސިކުނޑީގެ ގާމާ-އެމިނޯބްޔުޓައިރިކް އެސިޑް ނިއުރޯން ކެމިކަލް ލެވެލް ކޮންޓްރޯލް ކުރާއިރު، މިއީ ޑިޕްރެޝަން އާއި ސްޓްރެސް ހިމެނޭ ގޮތަށް އަހަރެމެންގެ ޖަޒުބާތުތައް ރެގިއުލޭޓް ކުރާ އެއްޗެކެވެ. މިގޮތުން ވިޓަމިން ބީ އަކީ ވެސް ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.
