މި ދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އުފާވެރި ބާއްޖަވެރި، ދިރިއުޅުމެއް ހޯދުމަށެވެ. އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގު ދީފައި ގަނެވޭނެ އެއްޗެއް ކަމުގައި ވާނަމަ، އެކަން ކުރާނެކަން ކަށަވަރެވެ. އެހެންކަމުން ބާއްޖަވެރިކަމަކީ ކޮބައިކަން ދަނެގަންނާނީ ކިހިނެއް ހެއްޔެވެ؟
މީސްތަކުންގެ ޚިޔާލާއި ފިކުރު ތަފާތުވެފައިވާ ފަދައިން ބާއްޖަވެރިކަން މާނަކުރުމުގައިވެސް މީހުންގެ ވިސްނުން ތަފާތުވެފައި ވެއެވެ. އެއްބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަމެވެ. ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ޙާސިލުވުމެވެ. ނުވަތަ މަތީ މަގާމަކާ ހަމަޔަށް ވާސިލުވުމެވެ. ނުވަތަ އެކި ރޮނގުރޮގުން ކާމިޔާބީތައް ޙާޞިލުވުމެވެ. ނަމަވެސް އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ހަމައެކަނި މިއީހެއްޔެވެ؟ މުދާވެރިވުމަކީ ހަމައެކަނި ބާއްޖަވެރިކަމެއް ކަމުގައިވީ ނަމަ ގާރޫނު އެންމެ ބޮޑު ބާއްޖަވެރިޔައަށް ވާނެ ނޫން ހެއްޔެވެ؟
ނަމަވެސް ގާރޫނާ ބެހޭގޮތުން ﷲ سبحانه وتعالى ވަޙީ ކުރައްވާފައި ބަސްފުޅުގެ މާނާގައިވެއެވެ. "ހަމަކަށަވަރުން ގާރޫނަކީ މޫސާގެފާނުގެ ގައުމުގެ މީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަން ރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް، އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ޤައުމުގެ މީހުން އޭނާއަށް ބުނި ހިނދެވެ. (ކިބުރުވެރިވުމުގެ ގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާ ވުމުގެގޮތުން އުފާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ."
ދުނިޔެ މަތީގައި ކިތައްމެ ބޮޑު ބޮޑު ބާރެއް، މަތިވެރި ޖާހެއް ލިބުނަސް ﷲ އަށް އީމާން ނުވާނަމަ އެއީ ޙަޤީޤީ ބާއްޖަވެރިކަމެއް ނޫނެވެ. ފިރުޢައުނު ނުބުނޭ ހެއްޔެވެ؟ ﴿ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَٰذِهِ الْأَنْهَارُ تَجْرِي مِن تَحْتِي ۖ أَفَلَا تُبْصِرُونَ ﴾ މާނައީ: އޭނާ ބުންޏެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަންވަނީ ތިމަންނައަކަށް ނޫން ހެއްޔެވެ؟ އަދި މިކޯރުތައް ތިމަންނަގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟
މަޢުލޫމާތު: ހުކުރު ޚުޠުބާ
