ވާހަކަ: ރުކާން – 17

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

މިއުވާން އިނީ ގޭގެ ސިޓިން ރޫމުގައި ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. އޭނާ ބަލާލާފައި އެއީ ކުރީގެ މިއުވާނޭ ބުނާނެ މީހެއް މި ރާއްޖޭގައި ނެތެވެ. އޭނާގެ ސިފަވަނީ އެހާ ބޮޑަށް ބަދަލުވެފައެވެ. އޭނާގެ ހިމަތޮޅި ހަށިގަނޑު މިހާރުވަނީ އިސްކޮޅާއި ރޫފަޔާއި އެއްވަރަށް ފަލަވެ ރީތިވެފައެވެ. ބޮލުގެ ދިގު އިސްތަށިގަނޑު ވަނީ ރީތިކޮށް އައްސާލާފައެވެ. އަބަދުވެސް ދިގު ކޮށްފައިވާ ތުނބުޅި ހަމަ ކުރިއެކޭ އެއްގޮތަށް ހުރިއިރު ސާފު ދޮން މޫނުން މާތްކަމާއި ތަނަވަސްކަން ހާމަވެއެވެ.

"ކޮބާ ޚަބަރެއް ނުވިތަ؟" މިއުވާންގެ އެހީތެރިއަކަށް އުޅޭ މީހާގާތު ބުންޏެވެ.

"އާދެ. އެރަށު މީހުން ކިޔަނީ އޭނާ ކޮންމެވެސް  ފިރިހެނެއްގާތު އުޅެފައި ފިލީކަމަށް. އެކުއްޖާ ދިޔަތަނެއް އެއްވެސް މީހަކަށް ނޭނގޭ. އޭނާ ނެތަސް ކަންބޮޑުވެގެން ހޯދާ މީހެއް ނެތްކަމަށް." އަދަބު ވެރިކަމާއެކު އޭނާ ވާހަކަދެއްކިއެވެ.

"އެނމެ ރަނގަޅު. ޚަބަރެއް ވޭތޯ އަދިވެސް ބަލާލަދޭތި." މިއުވާން ވާހަކައިގައި ހަރުދަނާކަމާއި ހަރުކަށިކަން ހުރެއެވެ. މިހާރު އެހެންމީހުން އަބަދުވެސް އޭނާއަށް އިހުތިރާމް ކުރެއެވެ.

މިއުވާން ވަނީ ރުކާންގެ ހަނދާން ތަކުން ފުން ޒަޚަމްތަކެއް ހިތުގައި އެޅިފައެވެ. އޭނާ ރުކާނާއި ގުޅޭތޯ ކުރި މަސައްކަތް ބޭކާރު ވުމުން މިހާރު ވަނީ ސީދާ ރުކާން ހޯދުމަށް ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދާން ތައްޔާރަށެވެ. ރުކާން މަޑުއްވަރީ ދޫކޮށް އެހެން ރަށަކަށް ދިޔަ ވާހަކަ އެރަށު މީހަކު ބުނީއްސުރެ މިއުވާން ހުންނަނީ ވަރަށް ކަންބޮޑު ވެފައެވެ.

 

އާއްމުކޮށް ފަތިހު ތެދުވާ ނާސިހާ ހޭނުލުމުން އޭނާގެ މަންމަ ނާސިހާއަށް ދެތިން ފަހަރަކު ގޮވިއެވެ. މިއީ މިހާރަކަށް އައިސް ނާސިހާގެ އާދައެވެ. ކޮންމެ ދުވަހަކު ސައުކަތުގެ އަނިޔާތަކާއި އިންޒާރު ތަކުން އޭނާ ވަނީ ބިރުގެންފައެވެ. މިހާރު މިކަމުން ސަލާމަތް ވާނެކަމުގެ އުންމީދު ގެއްލިއްޖެއެވެ. މިއަދު އޭނާގެ މަންމަ ދެކެ ބިރެއް ނުގަނެއެވެ. އޭނާ އަށް ކަމެއް ވެދާނެތީ ދެރަވެ ކަންބޮޑުވާކަމެއް ނެތެވެ. އޭނާގެ ކިބައިގާ އަގެއްހުރި އެއްވެސް އެއްޗެއް ނެތެވެ. ވަކިއެއްޗެކޭ ނުބުނެ ނާސިހާ ނުތެދުވެ އޮތެވެ. އޭނާ ވަނީ ހުން އައިސްފައެވެ. ހަށިގަނޑުގެ އެތަން މިތަނުގައި ރިއްސަނީއެވެ. ވިސްނުމާއި ފިކުރު އޭނާ ހާސްކުރުވަނީއެވެ.

"ނާސިހާ. ދެންވެސް ތެދުވެބަލަ. މީހަކު އެބަހުއްޓޭ ހޯދަން އައިސް." ދޮންއައިމިނަ ބޭރުގައި ހުރެ ގޮވާލިއެވެ.

"އޫން. ކާކުތަ އަހަރެން ހޯދަން އަންނާނީ." ނާސިހާ ހާސްވިއެވެ.

"އެއްކަލަ ސައުކަތު. އޭނާ ރުކާން މަތިން ފޫހިވީ ކަންނޭނގެ. މިއަދު ދެފަހަރު ދަރިފުޅު ހޯދަން އައިސް އެބަހުރި. ރަނގަޅު ނަސީބެއް ލިބެން އުޅެނީ ކަންނޭނގެ." އެރަށު ގިނަމީހުން އުންމީދު ކުރާ ފަދައިން ނާސިހާގެ މަންމަވެސް އުންމީދު ހަގީގަތަށް ވާން އުޅޭ ކަމުގެ އުފާވެރިކަމެއް މޫނުމަތިން ފެނުނެވެ. ސައުކަތު ދެތިން ފަހަރަކު އެގެއަށް އައުމުން އެކަން އޭނާއަށް ޔަގީންވި ކަހަލައެވެ.

"ޗީ. މަންމަ ތިކަމާ އުޅެންވީނު." ފުރަތަމަ ފަހަރަށް ނާސިހާ މަންމައާއި ދިމާއަށް ހަޅޭއްލަވައިގަތެވެ.

"ދަރިފުޅާ ބާރަކަށް ނޫން. އޭނާއަށް އަޑު އިވިއްޖެ ނަމަ މަންމަ މިއެދޭ އެދުން ފުރިހަމައެއް ނުވާނެ. އަވަސް ކޮށްގެން އާދޭ."  ނާސިހާގެ އަޑު އެހުމަކާއި ނުލައި މަންމަ ނިކުމެގެން ހިނގައްޖެއެވެ. ނާސިހާ ތެދުވާކަށް ނޫޅެއެވެ. އަނެއްފަރާތަށް އެނބުރި ލޯމަރާލިއެވެ.

"ނާސިހާ." ސައުކަތު ކޮޓަރި ދޮރު ލައްޕާ އެތެރޭން ތަންޑު އެޅުވިއެވެ. ކާމިޔާބުގެ ހިނިތުން ވުމަކާއެކު ނާސިހާއާއި ދިމާއަށް އަންނަމުން ދެއެވެ.
ޖެހިލުން ކުޑަ ނާސިހާ ބިރު ގެންފިއެވެ. ސައުކަތަށް ކޮޓަރިއަށް ވަދެވުނީ މަންމަގެ ރުހުމުގައިކަން އޭނާއަށް އެނގެއެވެ. އޭނާ އެނދުގެ ފަހަތަށް ޖެހެމުން ދެއެވެ.

"އަދިވެސް ތިހުރީ ރުޅިއައިސްފައިތަ؟ ރުކާން ދިޔަ ގެއެއް ބުނެދީ. ރުކާން މާލޭގައި ހުރީ ކޮންގެއެއްގައި ކަން ބުނެދީ. ނުބުނެފިނަމަ އަހަރެން މިރޭވެސް އަންނާނަން." ސައުކަތު ނާސިހާގެ އެނދުގައި އިށީނެވެ. ނާސިހާ ވާހަކައެއް ނުދައްކައެވެ.

"ނާސިހާއަށް މަ ގޮތް މިހާރު އޮންނާނީ އެނގިފާ. އަވަހަށް ބުނޭ." ސައުކަތު ނާސިހާއާއި ގާތް ވެލިއެވެ.

"ޗީ. ދުރަށްދޭ. ހަމަ މިހާރު މިތަނުން ނިކުމޭ." ނާސިހާ ހަޅޭއް ލަވައިގަތެވެ. އޭރު ދޮންއައިމިނަ  ކޮޓަރިއަށް ވަންނަނީއެވެ.

"ދަރިފުޅާ. ތީ މީހުންނާއި ވާހަކަ ދައްކާ ގޮތެއް ނޫނެއްނު." ދޮންއައިމިނަ ލޯ އަޅާލިއެވެ. އަދި ސައުކަތަށް ސަޔަށް ދައުވަތު ދެމުން ނިކުމެއްޖެއެވެ. ފަހަތުން ސައުކަތުވެސް ނިކުމެއްޖެއެވެ.

 

ކުޑަ ވަގުތު ކޮޅަކަށް ނާސިހާއަށް ހަމަ ޖެހިލެވުނެވެ. އޭނާ ސައުކަތާއި ދިމާއަށް ބަލާވެސް ނުލާނެއެވެ. ސައުކަތަށް ކާމިޔާބު ވާނެ އެއްވެސް ކަމެއް އޭނާ ނުކުރާނެއެވެ. ރުކާނަށް ކަންތައް ކުރިގޮތް އޭނާއަށް ފެންނަ ކަހަލައެވެ. އޭނާއަށް ލިބުނު ވޭނާއި އަނިޔާ އަދިވެސް އެތެރެހަށީގައި ހުރީ ރޯ ފާރަށް ވެފައެވެ. އެ ޒަޚަމުތަކުގައި އަދިވެސް ގަދަޔަށް ރިއްސަމުން ދެއެވެ. މި މުސީބާތުން ސަލާމަތް ވުމުގެ ބަދަލުގައި އޭނާ ގޮތް ހުސްވަނީއެވެ. ކޮށި ވަރަކަށް މަގު ދަނީ ބަންދުވެ އޮޅެމުންނެވެ.

ނާސިހާ ތެދު ވެއްޖެއެވެ. އޭނާ ބުއްދި ގޯސް ވެއްޖެއެވެ. ކުއްލި ހަރަކާތަކާއި އެކު ބެޑުޝީޓަށް ދަމައިގަތެވެ. ދެން މަޅިއެއް ހަދާ ފަންކާގައި އަނެއްކޮޅު އައްސާލިއެވެ. ކުއްލިއަކަށް ކަރަށް މަޅިގަނޑު ވައްޓާލާ އެނދުން ފުންމާލިއެވެ. އިސާހިތަކު މަޅިގަނޑު ބާރުވެ ދެތިން ހަރަކާތާއެކު އެ މައުސޫމު ހަށިގަނޑުން ހަރަކާތް ހުސްވެއްޖެއެވެ. ފަހު ނޭވާއާއެކު  ރުކާންގެ ހުރިހާ ކަމެއް މި ކެހިވެރި ދުނިޔެއިން އަލްވަދާއު ކިޔައިފިއެވެ. ރުކާނަށް އަމިއްލައަށް މަރުނުވާން ނަސޭހަތްދިން ނާސިހާ އަމިއްލައަށް މަރުވީއެވެ. ސައުކަތުގެ މަކަރުވެރިކަމާއި އަނިޔާވެރިކަން އަބަދަށްޓަކައި ސިއްރު ވެއްޖެއެވެ. ރުކާން ދިޔަތަނެއް އެނގޭނެ މީހެއް މިފަސްގަނޑަކު ނެތެވެ.

 

މިއުވާން އެންމެ ފަހުން މަޑުއްވަރީއަށް ހިނގައްޖައެވެ. ތިން އަހަރު ފަހުން މަޑުއްވަރީއަށް އައިރު އޭނާވަނީ ބަދަލު ވެފައެވެ. ރާއްޖޭގެ މުއްސަންޖަކަށް ވުމުގެ އިތުރަށް ސަރުކާރުގެ މަތީ މަގާމެއްގައިހުރި މީހުން މަގުބޫލު މީހަކަށްވަނީ ވެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އެރަށު މީހަކަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން އެދަތުރު އޭނާ ފެށީ އޭނާގެ ކުރީގެ ހާލަތާއި އެއްގޮތަށެވެ. ރުކާނަށް އޭނާ ވައުދު ވީފަދައިން އަދިވެސް އެތުބުޅިއާއި ބޯހުންނަނީ ހަމަ ކުރިންވެސް ހުންނަ ގޮތަށް ދިގުކޮންނެވެ. އެއީ އޭނާއަށް މިކަމުން ރުކާންގެ ހަނދާންތައް އާވާތީއެވެ.

 

އޭނާއަށް މަޑުއްވަރީގެ މަގުތައް ނުހަނު ފަރިތައެވެ. އެކަނި މާއެކަނި އޭނާ ފުރަތަމަވެސް ދިޔައީ ރުކާންގެ ގެއަށެވެ. ގެމައްޗަށް ބަނބުކެޔޮ ގަސް ވެއްޓުނުގޮތަށް  އަދިވެސް އެގެ ހުރީ އެގޮތަށެވެ. މުޅިގެ ވީރާނާ ވެފައިވާއިރު މުޅިތަނުގައި ވިނަހެދި ގޯތިތެރެ ވަނީ ފަޅުވަފައެވެ. މިއުވާންގެ ހިތުގައި ތަފާތު އަސަރުތަކެއް ހިނގައިގަތެވެ. އޭނާގެ ދެލޯ ފެންކަޅިވިއެވެ. އެއީ އޭނާ އެގެއެއްދެކެ ނުހަނު ލޯބިވިގެއެެވެ. އެގޭގެ އަހުލުވެރިން ކިބައިން އިންތިހާއަށް ލޯބި ލިބުނު ގެއެވެ.

އޭނާ ގޭގެ އެތެރެއަށް ވަދެ ހުރިހާ ދިމާއަކަށް ނަޒަރު ހިންގާލައިގެން ހުއްޓެވެ. ވެއްޓި ހަލާކުވެފައިވާ އަލަމާރި އޭނާ ބަލާލިއެވެ. ކައިވެނި ކުރިދުވަހު އޭނާ ލޯގަނޑެއް ލައިގެން ހެދި އަލަމާރި ހުރީ ހިރަފުސް އަރާ ކިލާވެފައެވެ.ވާރޭއާއި އަވީގައި ހުރުމުގެ ސަބަބުން ވަނީ ބައެއްތަން ތަން ހަލާކުވެފައެވެ. ނަމަވެސް އެލޯގަނޑުގައި ހިރަފުސް އުނގުޅިފައި ވީނަމަވެސް އަދިވެސް އެގޮތުގައި ހުއްޓެވެ. އޭނާ ލޯގަނޑުން ހިރަފުސް ފޮޅާލިއެވެ.

"އައްދޭ. ތެޔޮނާށި ގެއްލުނީމަދޯ އަންނަން އެނގުނީ." ބައިސްކަލެއްގައި އައި ރައޫފު މަޑުކޮށްލީ މިއުވާން ފެނިގެންނެވެ.

"ރުކާން މާލޭގައި ހުންނަ ތަނެއް އެނގޭތަ؟" މިއުވާން ބުންޏެވެ.

"ނޭނގެ. ކޮންމެވެސް ފިރިހެނެއްގާތު ތޯއްޗެ." ރައޫފު މަލާމާތް ކޮށްލިއެވެ.

"ކީއްވެ ތިހެން ތިބުނީ؟"

"މިއުވާން ރުކާން ހޯދަންވީ ކީއްވެ؟ ހުސެން އޭރުވެސް ކީހެން މިއުވާން މިނިވަންވުމުން އޭނާ ދޫކޮށްލީ. އޭނާ ދެން އުޅުނީ އެއްކަލަ ސައުކަތު ގާތު. ސައުކަތާއި އެއްގެއެއްގައި ގިނަ ދުވަސް ތަކެއް ވަންދެން ކައިވެނި ކުރާނަމޭ ކިޔައިގެން އެމީހާ ހެއްދީ. ދެން ނޭނގެ ވީގޮތެއް. އެސޮރަށް ލަނޑުދީފައި އެކުއްޖާ މާލެ ހިނގައްޖެ."

"އަހަރެން ރައޫފަށް ވަރަށް ގުޅިން. ކީއްވެ ފޯނު ނުނެގީ."

"އެއީ މިހާރު އަހަރެން ބޭނުންކުރާ ނަމްބަރެއް ނޫނޭ."

"އެއްމެ ރަނގަޅު. ރުކާންގެ ޚަބަރެއް ވުމުން އަހަރެންނާއި ގުޅާތި." މިއުވާންގެ ފޯނު ނަންބަރު ދިނެވެ.

 

މިއުވާން ދިޔައީ ސައުކަތުގެ ގެޔަށެވެ. ކިތަންމެ ބޭނުން ނުވިޔަސް ރުކާނަށްޓަކައި އެއީ އޭނާއަށް ކުރަން ޖެހިފައިވާ ކަމެކެވެ. ސައުކަތު ގޭގެ ދޯރާށި ހުޅުވާލިއެވެ. އެތެރޭގައި ވަނީ ނުހަނު ފުރިހަމައަށް ބަގީޗާ ހައްދާލާފައެވެ. އޭނާގެ ނަޒަރު ހުއްޓުނީ ސިޓިންރޫމުގެ ސޯފާގައި އިން ސައުކަތަށެވެ. މިއުވާން ފެނުމުން ސައުކަތު ތެދުވިއެވެ.

"އަހާން މިއުވާންތަ؟ އާދޭ." ސައުކަތު މަލާމާތުގެ ރާގެއްގައި ބުންޏެވެ.

"ރައޫފު ބުނީ ރުކާން މިގޭގައި އުޅުނު ވާހަކަ. މިހާރު ކޮބާ؟" މިއުވާން އިށީންނާކަށް ނޫޅެއެވެ.

"އިހަށް އިށީނދެބަލަ. މާއަވަސް އަރުވާލައިގެން ތިއުޅެނީ ކީއްވެތަ؟" ސައުކަތު މިއުވާނަށް ޖަވާބު ދޭކަށް ނޫޅެއެވެ. އޭނާ ތެދުވެގެންގޮސް ފުރިޖް ހުޅުވާލިއެވެ. ޖޫސްޕެކެޓެއްނަގާ މޭޒުމަތީގައި ބެހެއްޓިއެވެ. ބިއްލޫރި ދެ ތައްޓަށް ޖޫސް އަޅަންފެށިއެވެ.

"ރުކާން ވީތަނެއް އެނގޭތަ؟" މިއުވާން އަނެއްކާވެސް އެހިއެވެ.

"އިހަށް އިށީނދެބަލަ. އެހާ އަވަސް އަރުވާލަންވީ ކީއްވެ؟" ސައުކަތު އަތުގެ އިޝާރާތުން އިށީންނަން ތަން ދެއްކިއެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް މިއުވާނަށް ޖެހުނީ އިށީންނާށެވެ.

"ސައުކަތުބުނަންތަ؟ މަ މިހުރީ ކުޅިވަރުކުޅޭ މޫޑެއްގައެއް ނޫން." މިއުވާން ރުޅި އަންނަން ފެށިއެވެ.

"ދެން ކީއްކުރަން އޭނާ ހޯދަނީ. ރަނގަޅު ގޮތެއްވީމާ ދެން އަނެއްކާވެސް ދެރައެއް ދޭންދޯ." ސައުކަތު ހީލިއެވެ. އޭނާގެ އުންޖަހާ ވަޅުގަނޑު ހެދިފައިވާ މޫނުން ދިހުން އަރަމުން ދެއެވެ.

"އަހަރެން މިރަށަށް ވަރަށް ގުޅިން. މީހަކު ފޯނު ނަގާފަ ބުނަނީ ނޫޅެޔޭ. މިހާރު އެހެން ރަށެއްގައޭ އޭނާ އުޅެނީ؟"

" ދެން ކީއްވެ ހޯދަން ނައީ؟"

"ވަރަށް މަސައްކަތް ކުރިން އާދެވޭތޯ."

ތިން އަހަރު ވީއިރު ނާދެވުނު މީހަކު މިހާރު އާދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ." ސައުކަތުގެ ވާހަކައިން އޭނާއަކީ ރުކާނަށް ހަމްދަރުދީވާމީހެކެވެ.

"އަސްލު އޭނާ އުޅޭތަން ނޭނގުނީމަ. ރައޫފަށްވެސް ގުޅޭގޮތެއްނުވި.

"ރާއްޖެ މީ އެހާ ކުޑަ ތަނެއް ނޫން ރުކާން ގެއްލިގެން އުޅޭކަށް. އޭނާ މާލެ އެދިޔައީ މީގެ ދެހަފުތާ ކުރިން."

"އޭނާ އުޅޭތަނެއް ބުނެދީބަލަ. ޕްލީޒް." މިއުވާން އާދޭސް ކުރިއެވެ.

"ގޮތެއްގެ މަތީން." ސައުކަތު ބުންޏެވެ.

"އަވަހަށް ބުނޭ."

"އަހަރެންގެ ފައިގާ ހިފާ. އާދޭސްކުރޭ. އޭރުން ބުނެވިދާނެ." ސައުކަތު ބާރަށް ހިނިގަނޑެއް ޖަހާލިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *