އީމާންކަމަކީ އިސްލާމްދީނުގެ އަސާސެވެ.

އިންސާނާގެ ޙަޤީޤީ ކާމިޔާބީއާއި، ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނާގައި އީމާންވުމުގައެވެ. އީމާންކަމަކީ އިސްލާމްދީނުގެ އަސާސެވެ. އެހެންކަމުން ދުނިޔަވީ ޙަޔާތުގެ އުފަލާއި، އަރާމާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެންނެވެ. މާއްދިއްޔަތުގެ އަޅުވެތިކަމާއި، ދުންޔަވީ އެދުންތަކުގެ ތެރެއަށް އިންސާނުން ޣަރަޤުވެފައި ތިބި މިފަދަ ދުވަސްވަރެއްގައި އީމާންކަން ހަރުދަނާކޮށް، ވަރުދަކުރުމަށް ގަދައަޅައި މަސައްކަތް ނުކޮށްފި ނަމަ، ތިމާގެ އީމާންކަން ބަލިކަށިވެ، ނުބައި މަގުން ދެވުމަކީ ވަރަށް ގާތްކަމެކެވެ. އިންސާނާގެ އަމަލުތަކަކީ އޭނާގެ އީމާންކަމަށް އަސަރު ފޯރުވާ ކަންކަމެވެ. ރަސޫލު الله صلى الله عليه وسلم  ޙަދީޘްކުރައްވި ބަސްފުޅެއްގެ މާނައިގާ ވެއެވެ. "ހަމަކަށަވަރުން ހެދުން ބާވެ ވީރާނާ ވާ ފަދައިން ތިޔަބައިމީހުންގެ ހިތުތެރޭގައި އީމާންކަމުގެ ނޫރު ފަނޑުވެގެންދެއެވެ. ފަހެ، ތިޔަބައިމީހުންގެ ހިތުގައި އީމާންކަން ތާޒާކޮށްދެއްވުން އެދި ތިޔަބައިމީހުން ﷲ އަށް ދަންނަވާހުށިކަމެވެ!" އަބަދުވެސް އީމާންކަން ހަރުދަނާ ކުރުމަށްޓަކާ، ހެޔޮޢަމަލުތައް ކޮށް، ވަޢުޡާއި ނަސޭހަތް އަޑުއަހަން ޖެހޭނެ އެވެ. ޢުމަރުގެފާނު އަޞްޙާބު ބެކަލުންނަށް ވިދާޅުވިއެވެ. "އީމާންކަން ވަރުގަދަކޮށް އިތުރުކުރުމަށް އަންނާށެވެ. "

ޙަޤީޤީ މާނާގައި، މާތް ﷲ އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި، ބާއްޖަވެރިކަމުގެ އިޙްސާސްތައް އުފައްދާ ކަމެކެވެ. އެކަލާނގެ އަމުރުކުރެއްވި ކަންކަން އަދާކޮށް، ކިޔަމަންތެރިކަމުގެ ތެރެއަށް އިންސާނާއަށް ވެދެވޭ ކަމެކެވެ. ނަހީކުރެއްވި ކަންކަމާ އެކަހެރިވެ، ދުރުހެލިވެވޭ ކަމެކެވެ.
މިއަދު އަހަރެމެންގެ މުޖްތަމަޢުގައި ވެސް ތަޅާފޮޅުމާއި މާރާމާރީ ވަނީ، ވައްކަމާއި ޚިޔާނާތާއި، މަކަރުހެދުމާއި އެކަކު އަނެކަކަށް ފުރައްސާކުރުން ވަނީ އިތުރުވެފައެވެ. ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި، ބަދު އަޚްލާޤީ ޢަމަލުތައް ވަނީ ޙައްދު ފަހަނަޅައި ގޮސްފައެވެ. މަސްތުވާތަކެތި ބޭނުން އޭގެ ވިޔަފާރި ކުރުން ވަނީ އާއްމު ވެފައެވެ. މިފަދަ ޢަމަލުތަކަށް އަރައިގަނެވޭ  ސަބަބަކީ، މާތް ﷲ ހަނދުމަކުރުމުން އެއްކިބާވުމެވެ. އީމާންކަން ބަލިކަށިވުމެވެ. ޙަޤީގީ މުއުމިނުންގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.﴿إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ‎﴾ މާނައީ:   "މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އިމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާންގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ."

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *