ވާހަކަ: ރުކާން – 18

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

މިއުވާން ވިސްނާލިއެވެ. މިކަން ކޮށްގެންވިޔަސް ރުކާން ދިޔަތަނެއް ހޯދަން އޭނާ ބޭނުންވެއެވެ. އެންމެފަހުން ސައުކަތުގެ ފައިދޮށަށް އޭނާ ތިރިވިއެވެ. ދެފައިގާ ހިފިއެވެ.

"ޕްލީޒް. ރުކާން ދިޔަތަނެއް ބުނެދީ."

"ނޭނގެ މަށަކަށް. އެނގުނަސް ނުވެސް ބުނާނަން." ސައުކަތުގެ ފައި ދުރުކޮށްލިއެވެ. ހަގީގަތުގައި މިހާރު ރުކާން ވީތަނެއް އޭނާއަކަށްވެސް ނޭނގެއެވެ. މިއުވާނަށް މިހެންހެދީ އޭނާގެ ހިތުގައި އޮންނަ ނަފުރަތެއްގެ ސަބަބުންނެވެ. މިއުވާން އޭނާގެ ފައިދަށުގައި ސަލާންޖެހުމަކީ އޭނާއަށް ލިބޭ މަތިވެރި އުފަލަކަށްވާތީއެވެ.

ރުކާން ދިޔަތަނެއް ބަލަން ސައުކަތުވެސް ބޭނުންވެއެވެ. ނާސިހާ މެދުވެރިގެން ރުކާން މާލެ ދިޔަކަން އެނގެއެވެ. ނަމަވެސް ނާސިހާ އޭނާގެ އާދޭހެއް ގަބޫލެއް ނުކުރިއެވެ. އެންމެފަހުން ނާސިހާ ދަންޖެހުނީ އޭނާ ގާތު ރުކާން ވީތަނެއްވެސް ނުބުނެއެވެ. މިއުވާނަކީ އޭނާ ނަފުރަތު ކުރާ މީހެކެވެ. އެހެންކަމުން މިއުވާނަށް ރުކާން ލިބެންވާނެ އެއްވެސް ގޮތެއް އޮންނާކަށް ނުޖެހޭނެއެވެ. މިއުވާން އެތައް އާދޭހެއް ކުރުމަށްފަހު މާޔޫސްވެގެން ދިޔައީއެވެ.

މިއުވާނަށް މާލެ ދެވުނީ އިރު އޮއްސެން އުޅެނި ކޮށެވެ. އުންމީދު ކުރިގޮތާއި ޚިލާފަށް ރުކާންގެ ޚަބަރެއް ނުވުމުން މިއުވާން އުންމީދުގެ ހުޅުކޮޅު ނިވިއްޖެއެވެ. ރުކާން ހޯދަން ދާނެ ވަކި ތަނެއް ވިސްނާ ވިސްނާވެސް އޭނާގެ ޚިޔާލަކަށް ނައެވެ. މިއުވާން ފޮށި ބެހެއްޓިއެވެ. އަދި ކަންނެތް ގޮތަކަށް ސޯފާ މައްޗަށް ވެއްޓިގަތެވެ. މިނިޓެއް ނުވަނީސް މިއުވާން ތެދުވެއްޖެއެވެ. ދެން މޫނު ބަލާ ލޯގަނޑު ކައިރިއަށް ހުއްޓުނެވެ. އަދި ތުބުޅީގައި އަތުން ފިރުމާލިއެވެ.

 

މާލެ ދެވުމާއެކު ރުކާން ބަލާއައީ ބަންގާޅު އަންހެނެކެވެ. އެމީހާ ރުކާނާއި ވަރަށް ފަރިތަކޮށް ދިވެހި ބަހުން ވާހަކަ ދެއްކިއެވެ. އޭނާ ރުކާން ގެންދިޔައީ މާލޭގެ ތަނަވަސް ފުރިހަމަ ގެއަކަށެވެ. ރުކާންގެ ނަޒަރު ގޮސް ހުއްޓުނީ މާއަޅާ ރީތި ގަސްތަކަކުން ފުރިފައިވާ ގޯތި ތެރެއަށެވެ. ގޯތިތެރެ ކިތަންމެ ކުޑަނަމަވެސް އެއީ ސާފު ރީތި ގެއެކެވެ. ބޮޑުސިޓިންރޫމުގައި ވަނީ ޒަމާނުގެ ފަރުނީޗަރު ތަކާއި އަގުބޮޑު ޓީވީރެކެވެ. ޒަމާނީ ރީތި ސާމާނުތަކުގެ ޒީނަތް ތެރިކަމެވެ. ސިޓިންރޫމުގެ ތެރެއިންލާފައި  ބޮޑުކޮށް ހާމައަށްހުރި ބަދިގެއަށް ރުކާން ގެންދިޔައެވެ. ބަދިގޭގެ އެއްބައިގާ  އެހާމެ ރީތި ފަރުނީޗަރު ތަކާއި ކާގޭގެ ބައިވެސް ވަނީ އެހާމެ ތަނަވަސް ކަމާއެކީގައެވެ. ނުހަނު އާދައިގެ ފަގީރު ދިރިއުޅުމެއް  އުޅެފައިވާ ރުކާނަށް މިކަންތައް ވަނީ ނުހަނު އާކަމަކަށް ވެފައެވެ. މި މުއްސަނދިކަމާއި ފުރިހަމަކަންފެނި އާޝޯޚުވެފައެވެ.

 

ރުކާން ކުރަން ޖެހޭ މަސައްކަތަކީ އެގޭގައި އުޅޭ ހަމައެކަނި ބަލި އަންހެން މީހާ ބެލެހެއްޓުމެވެ. އުނަގަނޑުން ތިރި ހަރަކާތް ނުކުރާ މި އަންހެންމީހާ ފޫހި ނުވާގޮތަށް ކަންތައް ކޮށްދިނުމެވެ. ފެންވަރުވާ ކާން ހަދައިދީ ވާހަކަ ކިޔައިދީ މުނިފޫހި ފިލުވައި ދިނުމެވެ.

އެއަންހެން މީހާއަށް ކިޔަނީ ނަސީމާއެވެ. އޭނާ ބުނާގޮތުން ވިއްޔާ އޭނާއަކީ ނުހަނު ބޮޑު މުއްސަންޖެކެވެ. އޭނާއަކީ އާއިލާގެ ހަމައެކަނި ދަރިފުޅު ކަމުން އޭނާގެ ބައްޕަގެ އަގުހުރި ހުރިހާ މުދަލަކާއި ވިޔަފާރިއެއް އޭނާއަށް ވާރުތަ ކުރީއެވެ. އޭގެފަހުން އޭނާގެ ފިރިމީހާއާއި ދެމީހުން މި ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރީއެވެ. ބަލިވުމުގެ ކުރިން އެދެމަފިރިންގެ ހުރިހާ މުދަލެއް ވަނީ ދެމަފިރިންނަށް ދެބަޔަށް ބަހާ އެއްބައި އޭނާގެ ނަމަށް ބަދަލުކޮށްފައެވެ.

އޭނާ ދިރިއުޅެމުން ދިޔައީ ނުހަނު އުފާވެރިކަމާއި ތަނަވަސް ކަމުގައެވެ. ހިތާމަޔާއި ފަގީރުކަމާއި ބަލިކަމުގެ އިހުސާސެއް އޭނާ ކުރިއަކުން ކުރާކަށް ނުޖެހުނެވެ. މީހަކު އެފަދަވާހަކައެއް ދެއްކިޔަސް އޭނާއަކަށް އަސަރެއް ނުކުރެއެވެ. އޭނާ ވޭތުކުރީ ދަރިންނާއި ފިރިންގެ އުންމީދާއި އުފާތައް އިހުސާސް ނުކުރެވޭ އަމިއްލަ ދިރިއުޅުމެކެވެ. ފާޅުކަން ބޮޑު ދެއްކުންތެރިކަން ހިމެނޭ އުފާވެރި ދިރިއުޅުމެކެވެ.

މިއަދު ނަސީމާ ބަލިވުމުން އޭނާއަށް ހުރިހާކަމެއް އިހުސާސް ވެއްޖެއެވެ. ބަލާނެ ގާތް އިޚްލާސްތެރި އަކުނެތެވެ. ހުރި ހަމައެކަނި ދަރިފުޅު އޭނާ މަރުނުވެ ސަލާމަތް ކޮށްދިން ނަމަވެސް އޭނާއަކަށް ކުލުނެއް ނުހުރެއެވެ. އެދަރިފުޅު އުޅެނީ އޭނާގެ ބައްޕަގެ ގޭގައެވެ. ބޭރު މީހަކު ގެނެސްގެން ނަމަވެސް ނަސީމާ ބަލާދީ ހަދާތީ އެދަރިފުޅަށް އޭނާ ޝުކުރު އަދާކުރެއެވެ. އެވަރުވާތީވެސް  ޝުކުރުވެރިވެއެވެ. އެއީ އޭނާ އެދަރިފުޅަށް ކޮށްދިން ކަންތަކާ ބަލާއިރު އެދަރިފުޅު އޭނާއަށް ކޮށްދޭ ވަރަށް ބޮޑު މިންވަރެކެވެ.

 

"ކަނބުލޯ. އަހަރެން މިހާރު މި ގުނަމުންދަނީ އުމުރުގެ ފަހު ދުވަސްތައް. އަހަރެން…." ނަސީމާއަށް ރޮވެން ފެށިއެވެ. މިވާހަކަތައް ނަސީމާ ކޮންމެ ދުވަހަކު ރޮއި ރޮއިފާ ރުކާން ގާތު ކިޔައި ދެއެވެ.

"ދައްތާ. ހިތްވަރުކުރޭ. ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ." ރުކާން އެ އަންހެން މީހާއަށް ހިތްވަރު ދެއެވެ.

"ދައްތާ. މިއަދު އަޅުގަނޑު މިކިޔައިދެނީ ވަރަށް ރީތި ތަރުޖަމާ ވާހަކައެއް." ރުކާން ވާހަކަ ކިޔައިދޭން ފެށިއެވެ. އޭނާ ތަފާތު ދިވެހި ވާހަކަތައް ނަސީމާއަށް ކިޔައިދެއެވެ. ދީނީ މައުލޫމާތުތައް ކިޔައިދެއެވެ. ރުކާން  ފޮތްފޮތުން ދޭ ދީނީ މައުލޫމާތު ތަކުން ނަސީމާ ހިތްހަމަޖެހުން ލިބެން ފަށައިފިއެވެ. ދިރިއުޅުން މަތިން ފޫހިނުވެ ދީން ދެކެ ލޯބިވުމުގެ ސަބަބުން އުންމީދު އާލާވާން ފަށައިފިއެވެ. މީގެ ސަބަބުން އޭނާ ރުކާންދެކެ އިންތިހާއަށް ލޯބިވާން ފަށައިފިއެވެ.

 

ނަސީމާގެ ރޭގަނޑުގެ ކެއުން ގެންދިޔައީ ކޮޓަރިއަށެވެ. މިއީ ކޮންމެ ރެއަކުވެސް ނަސީމާގެ އެދުމުގެ މަތީން ރުކާން އެހީތެރިވާ ގޮތެވެ. ކެއުމުގެ ކަންތައް ނިންމާލުމަށްފަހު ކޮންމެ ރެއަކުވެސް ނަސީމާގާތު ރުކާން މަޑުކޮށްލައެވެ. ނަސީމާ ޓީވީ ހުޅުވާލީ ޓީވީއެމްއިން ދައްކާ އަށެއްގެ ޚަބަރު ބަލާށެވެ. ރުކާން އުޅުނީ ބޭސްތަކަކާއި ފެންތައްޓެއް ހިފައިގެން ނަސީމާ އަށް ދިނުމަށެވެ.

 

"ރ. މަޑުއްވަރީގައި ދަންޖެހިފާ ހުއްޓާ ފެނުނު ކުއްޖާ ވަޅުލައިފި. ވިހި އަހަރުގެ އަންހެން ކުއްޖާއަކީ އެރަށު އާރޯގޭ ނާސިހާ އަހުމަދު. ދަންޖެހިފާ ހުއްޓާ ފެނުނީ އޭނާގެ މަންމައަށް. އޭނާގެ މަންމައާއި ހަވާލާ ދީ ފުލުހުން ބުނީ  ނާސިހާގެ މަރުގެ އެއްވެސް ސަބަބެއް ނޭނގޭ ކަމަށް. އަދި ފުލުހުންގެ ތަހުގީގު ތަކުން ނަސިހާގެ މަރަކީ އޭނާގެ އަމިއްލަ އަށް ކޮށްފައިވާ ކަމެއްކަމަށާއި އަދި އެމަރާ ގުޅޭގޮތުން މިހާތަނަށް އެއްވެސް މީހަކަށް ތުހުމަތު ކުރެވިފައި ނުވާކަމަށް."  ޓީވީން ގޮވި މިޚަބަރުން ރުކާންގެ އަތުން ފެންތަށި ވެއްޓުނެވެ. ރުކާން ފާޑަކަށް ހުއްޓުން އެރިއެވެ.

"ރުކާން. އެއީ ކާކު؟" ނަސީމާ ގޮވަމުން ދިޔައެވެ. އޭރު އެގޭގައި އުޅޭ ބޭރު މީހާ،ގީތާ ރުކާންގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. ރުކާން ބާރަށް ރޮއިގަތެވެ. ނަސީމާ ރުކާންއަށް ހިތްވަރު ލައިދެމުން ދިޔައެވެ.

ނާސިހާގެ މަރުގެ ސަބަބު ރުކާނަށް އެއްގޮތަކަށްވެސް ނޭނގުނެވެ. އެއީ އޭނާގެ އެންމެ ގާތް މީހާއެވެ. ކޮންމެ ހިތާމަވެރި ވަގުތެއްގައި އޭނާއަށް އެހީވި ރަހުމަތް ތެރިޔާއެވެ. ސައުކަތުގެ ނުބައިކަމުން ސަލާމަތްކޮށްނުދިންނަމަ މިހާ ރަނގަޅު ދިރިއުޅުމެއް އޭނާއަކަށް ނުލިބުނީހެވެ. ނާސިހާގެ ގޮތް އޭނާއަށް އެނގެއެވެ. އެއީ ޖެހިލުން ކުޑަ ހިތްވަރުގަދަ ކުއްޖެކެވެ. ނަމަވެސް އެފަދަ ކަމެއް އޭނާ ކުރީ ކީއްވެ ބާވައެވެ؟ ވިސްނާ ވިސްނާވެސް އޭނާއަކަށް އެއްވެސް ކަމެއް ނޭނގުނެވެ. ރުކާން ހުރިހާ ކަމަކުން ފޫހި ވެއްޖެއެވެ.

 

ރުކާނަށް އައި ބަދަލުން ނަސީމާ ކަންބޮޑުވިއެވެ. އެހެންކަމުން އޭނާ ރުކާނާއި މެދު ވިސްނަން ފަށައިފިއެވެ. ގިނަވަގުތު ރުކާނާއި ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ.އެހެންކަމުން ރުކާންވެސް މި މުސްކުޅި މީހާ ގާތު ގިނައިރު ވާހަކަ ދައްކާ ހަދަން ފެށުމުން މަހެއްހާދުވަހުގެ ތެރޭގައި އޭނާގެ ހުރިހާކަމެއް ހަމައަކަށް އެޅުނެވެ. މީހެއްގެ ގޯނާ އެއްނެތި މިނިވަން ކަމާއެކު އުޅެވެން ފެށުމުން އޭނާގެ ހަށިގަނޑަށްވެސް ތަފާތު ބަދަލު ތަކެއް އަތުވެއްޖެއެވެ. ގައިގެ ކުލަ އަލިވެ ހަށިގަނޑު ފުރިހަމަވެ ބާވީސް އަހަރުގެ ރީތި ޖިންސުއްލަތީފަކަށް ވެއްޖެއެވެ.

 

"ކަނބުލޮ މައިން ބަފައިން ކޮބާ؟ އެދުވަހު ނާސިހާ ކިޔާ ކުއްޖެއް މަރުވި ވާހަކަ ބުނުމުން އެހާ ދެރަވީ ކީއްވެ؟" އެއްދުވަހަކު ވާހަކަ ދައްކަމުން ގޮސް ނަސީމާ ފުރަތަމަ ފަހަރަށް ރުކާންގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލު ކުރިއެވެ. ރުކާން މިގެއަށް އައިއްސުރެވެސް އޭނާ ރުކާނަށް ކަބުލޮ ނޫން ނަމަކުން މުޚާތަބެއް ނުކުރެއެވެ. ރުކާންގެ ފުރިހަމަ ނަން ކަމުގައިވާ އައިޝަތު ރުކާންގެ ބަދަލުގައި ނަސީމާ ދެން މުޚާތަބު ކުރަނީ އައިޝާގެ ނަމުންނެވެ.

"ނާސިހާ ދޯ. އެއީ އަހަރެންގެ އެންމެ ގާތް ރަހުމަތް ތެރިޔާ." ހިތި ގޮތަކަށް ބުނެލިއެވެ. މީގެ އިތުރުން އެހެން އެއްޗެއް ނުބުނެއެވެ. ނަސީމާ ހައިރާން ކަމާއެކު ރުކާނަށް ބަލަހައްޓައިގެން ހުއްޓެވެ.

"މައިން ބަފައިން ނިޔާ ވެއްޖެ." ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. އެވާހަކަ ކުރިއަށް ގެންދާކަށް އޭނާ ނޭދެއެވެ.

"ދެން މީހަކާވެސް ނީނދެ ތިގޮތަށް އުމުރު ހުސްކޮށް ލާނީތަ." ސަމާސާ ރާގެއްގައި ނަސީމާ އެހިއެވެ. އަދި ކޮންމެވެސް ގޮތަކުން ރުކާންގެ ވާހަކަތައް އޮޅުން ފިލުވާހިތް ވެއްޖެއެވެ.

"މީހަކާވެސް އިނީން…"

"ކޮބާ އެމީހާ؟"

"ނޭނގެ.. އިން ދުވަހު ދޫކޮށްލާފައި ހިނގައްޖެ.. " ރުކާން އުންމީދެއް ނެތް ގޮތަކަށް ބުންޏެވެ.

"އެއީ ކާކު؟ ކޮންތާކަށް ދިޔައީ؟" ހައިރާންވެފައި ނަސީމާ އަހަމުން ދެއެވެ.

"އެއީ މާލެ މީހެކޭ ކިޔަނީ. އަޅުގަނޑުމެން ރަށަށް އަރުވާލާފައި ހުއްޓާ ކައިވެނިކުރީ. އޭގެ އަނެއް ދުވަހު އޭނާ ހިނގައްޖެ."

"ކޮބާ މިހާރު އޭނާ؟"

"ނޭނގެ. އޭނާ މިނިވަންވީ ވާހަކަ އަޑުއެހިން. އެކަމަކު މިހާރުވީ ކޮންތާކުކަން ކުރަނީ ކީއްކަން ދެނެވޮޑިގަންނަވާނީ ﷲ." ރުކާން އިސްޖަހާލިއެވެ.

"އޭނާ ހޯދާކަށް ނޫޅެންތަ؟" ނަސީމާ މިނިކަމެތި އަންހެން ކުއްޖާއާމެދު ދެރަވިއެވެ.

"ކީއްކުރަން. އެއީ ބޭވަފާތެރިއެއް. މިހާރު ދެން އޭނާގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ." ރުކާން ހިތްވަރުކޮށްފައި ބުންޏެވެ. ނަމަވެސް އޭނާ ވަނީ ދުވަހަކުވެސް މީހެއްގާތު ނުބުނަން ވައުދުވި ބަސްތައް ބުނެވުމުން ދެރަވެފައެވެ.

"ދައްތާ. މިއީ އަޅުގަނޑަށް ވަރަށް ހިތާމަ ލިބޭ ވާހަކަތަކެއް. އަޅުގަނޑު ވާނީ ފިރިމީހާއާއި ބެހޭގޮތުންނާއި އަޅުގަނޑުގެ ކުރީގެ ދިރިއުޅުމާއި ބެހޭގޮތުން ވާހަކަ ނުދެއްކުމަށް ވައުދުވެފައި." ރުކާނަށް ރޮވެން ފެށުނެވެ. ނަސީމާއަށް ރުކާންގެ ރުއިމުގެ އަޑު އިވުމުން ވަރަށް ދެރަވެއްޖެއެވެ. ދަރިއެއްގެ ކުލުނު ޖެހިފައިވާ ރުކާން ރޯތަން ފެނުމުން ވަރަށް އަސަރު ކުރިއެވެ.

"ކަނބުލޯ ނުރޮއި. ވާހަކަތައް ކިޔައި ދިނުމަކުން ނުވަތަ ހަގީގަތާއި ފިލަން ދިއުމަކުން ތިމާއަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބޭނެ. ކޮންމެވެސް ވަގުތަކުން ދައްތައަށް ކިޔައިދޭންވާނެ. އަހަރެންނަށް އިތުބާރުކުރޭ." ނަސީމާ ރަނގަޅަށް އޮތް އަތުން ރުކާންގެ އަތުގައި ހިފާލިއެވެ.

ނަސީމާއަށް މިކަމާ ވަރަށް ހަމްދަރުދީ ވެވުނެވެ. އަދި އޭނާއަށް ވެވޭވަރަކުން ރުކާނަށް އެހީތެރި ވެދޭނެކަމަށް ބުންޏެވެ. މިހާރަކަށް އައިސް ނަސީމާ އަބަދުވެސް ރުކާންގެ ވާހަކަތައް އޮޅުން ފިލުވައެވެ. އޭނާގެ ހިތްވަރު ދިނުމުގެ ބަސްތަކުން ދިރިއުޅުމުގައި އުންމީދުގެ ހުޅުކޮޅެއް ރޯވިއެވެ. ދުނިޔޭގައި އުޅުމުގެ މަގުސަދެއް ވިއެވެ. އޭނާ އަބަދުވެސް ބުނެއެވެ.

"އައިޝާއެވެ. ދުނިޔެއަކީ ކެހިވެރިން ގިނަތަނެކެވެ. އަނިޔާ ލިބުމުން އަނިޔާވެރިޔާ ދޫކޮށް ފިލަން ދާނީ ދުނިޔޭގައިވާ އެންމެ ބޮޑު ފިނޑިއެކެވެ. މާޒީ ހަނދާން ނައްތާލަން އުޅުމަކީ ދިރިއުޅުމުގެ އެންމެ އުނދަގޫ މަގެވެ. މާޒީއާއި ހަގީގަތް ހިޔަންޏެއްފަދައިން ފަހަތުން ދުވެއެވެ. ހަގީގަތާއި ދުރަށްދާން އުޅުނުވަރަކުން ކުރިމައްޗަށް އަރާ ކުރިބައްދައެވެ. ވެދިޔަ ތަނުގައި އޯގާތެރިވި އިޚްލާސްތެރި މީހުންނަށް އެހީވާށެވެ. އަނިޔާއާއި ހިތާމަ ދިން މީހުން ހަނދާން ނައްތާ ނުލާށެވެ. އެމީހުންގެ ކިބައިން ބަދަލު ހިފާށެވެ. ކާމިޔާބު މީހަކަށް ވުމަށްޓަކައި މަސައްކަތް ކުރާށެވެ."

ނަސީމާގެ ވާހަކަތަކާމެދު ކުރީކޮޅު އޭނާ އަޅައެއް ނުލައެވެ. ނަމަވެސް މިހާރު ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވި ލަނޑު ދަނޑިއެއް އެބައޮތެވެ. އެއީ ސައުކަތުގެ ކިބައިން ހިތި ގޮތަކަށް ބަދަލު ހިފުމެވެ. މިއުވާނުގެ ދިރިއުޅުން ހަލާކު ކޮށްލުމެވެ. އެދެމީހުންގެ ދިރިއުޅުން ދުވަހަކުވެސް ކުރިނާރާވަރު ކޮށްލުމެވެ. އެމީހުންގެ ހަޔާތް އިތުރު އުންމީދެއް ދެން ނުކުރާވަރަށް އަނދަވަޅަކަށް ވައްޓާލުމެވެ. ނާސިހާ މަރުވީ ކީއްވެގެންތޯ ބެލުމެވެ.

(ނުނިމޭ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ރީތި. ޔަޝްފާގެ ވާހަކަތައް އަބަދުވެސް އެންމެ ޝައުގުވެރިކަމާއި އެކު ކިޔަނީ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *