ވާހަކަ: ލީޝަން – 17

(9 ނޮވެމްބަރ 2022ގެ ނޫހާއި ގުޅޭ)

ހަވީރުގެ ވަގުތެވެ. ރަހީމު ގޭގައި އިނީ ބޮލުގައި ރިއްސާތީއެވެ. މިހާރަކަށް އައިސް އޭނާ މަސައްކަތާމެދު ފޫހިވެއެވެ. އެއްވެސް ކަމެއްގައި ޝައުގުވެރިކަމެއްނެތެވެ. ލީޝަން އޮފީސް ނިންމާފައި އަންނަގޮތަށް ވަންނަނީ ކޮޓަރިއަށެވެ. ލީޝަން އޭނާއަކާ ވާހަކައެއް ނުދައްކައެވެ. އެއްޗެއް ބުނަންވެއްޖެނަމަ މަލާމާތާއި ޖެއްސުންކުރުމުގެ އިބާރާތުން ނޫނީ އެއްޗެއް ނުބުނެއެވެ. ޓީވީ އަޅުވާފައިވީ ނަމަވެސް އޭގެ އަޑުމަޑުކޮށްފައިވާތީ ގޭތެރެއަށްވަނީ ހިމޭންކަން ވެރިވެފައެވެ. ރަހީމް ސިއްސައިގެން ދިޔައީ ފުރަގަހުން މީހެއްގެ ހިލަންވެގެންނެވެ. އޭރު ދެއަތްދެއަތަށް ލައިގެން އިސްޖަހާލައިގެން ޒީނާ ހުއްޓެވެ. ހަފްތާއެއްފަހުން ޒީނާ ހޮސްޕިޓަލުން ދޫކޮށްލީއެވެ. ރަހީމް ހައިރާންކަމާއި އެކީ ތެދުވިއެވެ.

"ޒީނާ އެކަނިތަ؟ ޔައީންކޮބާ؟ ކޮންއިރަކު ހޮސްޕިޓަލުން ދޫކޮށްލީ؟" ރަހީމް ސުވާލުތައް ކުރީ އެއްފަހަރާއެވެ.

"ޔައީން ދިޔައީ އަޅުގަނޑު މިގެއަށްލާފައި. އޭނާ އަޅުގަނޑު ބަލާ މިހާރު އަންނާނެ." ޒީނާ އަދިވެސް ހުރީ އިސްޖަހައިގެންނެވެ. ރަހީމުވެސް ބޭނުންވަނީ އޭނާ މިގެއިން ދިއުންކަން އޭނާއަށް އެނގެއެވެ. ރަހީމް އޭނާދެކެ ރުޅިއަންނަނީއެވެ. އޭނާ އެގޭގައި ހުރެއްޖެނަމަ ރަހީމަށް އުނދަގޫވަނީއެވެ. އޭނާ އެހެން ހިތަށް އެރުމުން ވޭނީ ތަދެއް އިހުސާސް ކުރެވުނެވެ.

"ޒީނާއަށް މިގޭގައި މަނާއެއްޗެއް ނުހުންނާނެ. މިގޭ ދޮރު އަބަދުވެސް ޒީނާއަށްޓަކައި ހުޅުވިފައި ހުންނާނެ. ކަމެއްޖެހުނިއްޔާ އަހަރެންމަތިން ހަނދާން ނައްތާނުލާތި. ވެވެން އޮތްވަރަކުން އަހަރެން އެހީވާނަން."

ރަހީމް އިސްޖަހާލީ އޭނާއަށް ކޮށްފައިވާ އަސަރު ޒީނާއަށް އިހުސާސް ކުރެވިދާނެތީއެވެ.

އެދެމެދުގައި އާދަޔާ ޚިލާފު ހިމޭންކަމެއް ރަސްކަން ކުރަމުން ދިޔައެވެ. ރަހީމުވެސް ޒީނާވެސް ވަނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އެދެމީހުންގެ ހިތުގައިވެސް ވަރުގަދައަށް ހަނގުރާމަކުރަނީއެވެ. އެކަކު އަނެކަކަށްޓަކައި އެދެވެނީއެވެ. ނަމަވެސް ވަހުމުތަކަކުން ފުރިގެން ދެހިތްވެސް އަނެކަކަށްޓަކައި ކަޅުވެފައިވަނީއެވެ.

"ކޮޅަށް ތިހުރީ ކީއްވެ؟ ޔައީން އަންނަންދެން އިށީނދެލަންވީނު."

"މިހާރު ޔައީން އަންނާނެ."

އިށީންނަން ބުނީ ކީއްވެހެއްޔެވެ؟ މިގެ އަބަދުވެސް އަހަރެންނަށްޓަކައި ހުޅުވިފައި ހުރީ ކީއްވެހެއްޔެވެ؟ އަހަރެން މިގެއިން ފޮނުވާލަނީ ނޫންހެއްޔެވެ؟ އެކަމަކުވެސް އެހާ އޯގާތެރީ ކީއްވެހެއްޔެވެ؟ އަހަރެން ރަހީމްގެ މީހަކަށް ހަދާދޭށެވެ. ރަހީމާއި ނުލައި އުޅެންވަނީ ބުރައަކަށްވެފައެވެ. ނޫނެކެވެ. އަހަރެން އޭނާގެ މީހަކަށް ހަދާނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ އަބުރުވަނީ ގެއްލިފައެވެ. އެތެރެހަށީގައި އެތައް ޒަޚަމުތަކެއް އުފެދިފައެވެ. އެއްވެސް މީހަކު އަހަރެންދެކެ ލޯތްބެއް ނުވާނެއެވެ. ޒީނާ ލޮލުން ކަރުނަ ފާއްދާލިއެވެ.

ރަހީމަށް ޒީނާ ފެންކަޅިވެފައިވާ ލޯފެނުނެވެ. އެރީތި ކުއްޖާވަނީ ނުހަނު ބަލިވެފައެވެ. އިންތިހާއަށް އަސަރުކޮށްފައެވެ. އޭނާއަށް އަނިޔާ ކުރިމީހަކު އޭނާ ދުލެއް ނުކުރާނެއެވެ. ހިމޭންވެފައިވާއިރު އޭނާ ހާދަ މައުސޫމުވެފައި ފުރިހަމައެވެ. ކުއްލިއަކަށް އޭނާގެ އަތުތެރެއަށް ޒީނާ ގެންނަ ހިތްވިއެވެ. ނިތްކުރީގައި ބޮސްދޭ ހިތްވިއެވެ. އޭނާގެ ހިތް އާދޭސް ކުރަނީއެވެ. ޔައީން ގާތަށް ނުގޮސް އަހަރެންނާއި އެކު މިގޭގައި އުޅޭށެވެ. އަހަރެން ގެއްލިފައިވާ ދިރިއުޅުން ހޯދަދޭށެވެ. ރަހީމްގެ ޚިޔާލީ ދުނިޔެއިން ހޭލެވުނީ ޔައީން އައިސް ވަނުމުންނެވެ.

"މާލަސްވެއްޖެދޯ. ހިނގާ ދަމާ." ޔައީން ޒީނާގެ އަތުގައި ހިފިއެވެ.

"ދަނީ" ޒީނާ މަޑުމަޑުން ބުނެލިއެވެ.

ރަހީމް ގަދަކަމުން ހިނިތުންވެލީ އޭނާގެ އިހުސާސްތައް ފޮރުވަމުންނެވެ. އޭނާ އިސްޖަހާލީ ލޯބިވާ ޒީނާ އެހެންމީހަކާއެކު ދާތަން ބަލަން ނުކުޅެދިގެންނެވެ. އޭނާގެ ގެއިން އަބަދަށްޓަކައި ޒީނާ އަލްވަދާއު ކިޔުމުންނެވެ.

އޮފީހުގައި އެންމެންވެސް އަވަދިނެތި އުޅެމުން ދަނީ އެމީހެއްގެ މަސައްކަތުގައެވެ. ޔައީންވަނީ ލީޝަންގެ ކުރިމަތީގައި އިންނަންޖެހޭ ޖެހުމަށް ފަރިތަވެފައެވެ. ލީޝަންގެ ބޮޑާކަމާއި ގޮތްދެއްކުމަށް ހޭނިފައެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ޔައީނަށް ކުރަމުންދާ ޖެއްސުންތަކުން އޭނާ ލީޝަންއަށް އިންތިހާއަށް ނަފުރަތު ކުރެއެވެ. އަބަދުވެސް ލީޝަން ކޮންމެވެސް ގޮތަކުން އޭނާގެ ކުރިމަތިން ދުރަށް ދެވޭ ގޮތެއް ރާވަމުންދެއެވެ. އޮފީސް ދަތުރެއްގައި ށ.ކަނޑިތީމަށް ދާންޖެހުނީ ޔައީނަށެވެ. ނަމަވެސް ޒީނާ އޭނާއާއެކު އުޅެމުންދާތީ މިދަތުރުގައި އޭނާގެ ބަދަލުގައި ލީޝަން ފޮނުވަން ހަމަޖެއްސިއެވެ. ވަރަށް އިންކާރު ކުރުމަށްފަހު އެނޫންގޮތެއް ނެތިގެން  ލީޝަން އެދަތުރު ދާން އެއްބަސްވީއެވެ.

އަތޮޅުތެރޭގެ ރަށްތަކަށް ބީރަށްޓެހި ލީޝަން އެރޭހުރީ ފޫހިވެފައެވެ. ރަށުގެ ހޫނުގަދަކަމާއި ތަންބަދަލުވުމުގެ ސަބަބުން އޭނާއަކަށް ނުނިދުނެވެ. ކުރަންޖެހުނު ގިނަމަސައްކަތާއި ރައްޔިތުންގެ ރުންކުރު ސުވާލުތަކަށް ޖަވާބު ދިނުމަކީ ކިހާވަރެއްގެ ބޮޑުއުނދަގުލެއްކަން އޭނާއަށް އިހުސާސްކުރެވުނު މިއީ ފުރަތަމަފަހަރެވެ. ލިބިފައިވާ ވަރުބަލިކަމުންނާއި ދަތުރުގައި އައި އެހެން އޮފީސްތަކުގެ މީހުންގެ ތަފާތު މިޒާޖުންވެސް އޭނާހުރީ ގަޔާވާގޮތްނުވެފައެވެ.

ރައްޔިތުންނާ ބައްދަލުކޮށް ދައްކަންޖެހޭ ވާހަކަތައް ދައްކާ ނިމުމަށްފަހު ދެދުވަސްފަހުން ލީޝަންމެން ކަނޑިތީމުން ފުރަންދާން ތައްޔާރުވިއެވެ. ނަމަވެސް އިންޖީނުގޭގެ މައްސަލައިގައި ޚިޔާލުތަފާތުވެގެން ބައެއްރައްޔިތުން ބައްދަލުކުރުމަށް ބޭނުންވާތީ ލީޝަންގެ ޓީމުގެ އެންމެން ދިޔައީ ފުރުމުގެ ކުރިން އެމީހުންނާއި ބައްދަލު ކުރާށެވެ. ރައްޔިތުން ބޭނުންވާގޮތަށް މައްސަލަ ނުނިމި ދައްކަމުން ދިޔަވާހަކަތަކުގައި ރައްޔިތުންގެ ރުޅި ގަދަވަމުންދިޔައެވެ. ތަފާތު ޚިޔާލުތަކުގެ މީހުން އެކިގޮތަގޮތަށް މަޝްވަރާދީ މައްސަލަ ހައްލުނުވަނީސް ނުފުރޭނެ ކަމަށްބުނެ އެޓީމު ރަށުއޮފީހުގައި ރަހީނުކުރިއެވެ. އޮފީހުގައި އެމީހުން ބަންދުކޮށް ބޮޑުތަޅު އަޅުވާ ރައްޔިތުން އޮފީސްދޮށުގައި އެއްވެތިއްބެވެ. މިގޮތުގައިތިއްބާ ރޭގަނޑު ދިހައެއްޖަހައިފިއެވެ. މައްސަލަ ދަނީ ފަހަރަކަށްވުރެ ފަހަރެއް ހޫނުވަމުންނެވެ. ރާއްޖޭގެ ހުރިހާ ނޫސްތަކަށާއި ޓީވީ ރޭޑިއޯތަކަށް މިޚަބަރު ފެތުރި މުޅި ސަރުކާރުގެ ސަމާލުކަމަށް މިމައްސަލަ އަތުވެއްޖެއެވެ.

މިކަމާއި އެންމެ ކަންބޮޑުވީ މީހަކީ ރަހީމެވެ. އޭނާގެ "ހޭނުޖެހޭ" ޅައަންހެން ދަރިފުޅު މިކަމުގެ ތެރޭގައި ބަންދުވުންވީ އޭނާ މޮޔަވިފަދަ ކަމަކަށެވެ. އޭނާ ހަދާނެގޮތް ހުސްވިކަހަލައެވެ. އޭނާދަންނަ އެތައް ބަޔަކާ ގުޅިއެވެ. ކަނޑިތީމު މީހުންނަށެވެ. މިނިސްޓްރީއަށެވެ. ޕޮލިހަށެވެ. ނަމަވެސް އެމީހުންގެ ޖަވާބުތަކުން އެނގުނީ ރަސްމީ ޖަވާބެއްލިބޭނީ މާދަމާ އޮފީސް ހުޅުވުމުންކަމަށެވެ. އަނެއްކާ ގިނައަދަދެއްގެ ރައްޔިތުންތަކެއް ހިސާރުކޮށްގެން ތިއްބާ ގަދަކަމުން މައްސަލަ ހައްލުކުރުމަށްވުރެ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުން މުހިންމެވެ. ނަމަވެސް ލޯބިވާ ދަރިފުޅަށްޓަކައި ހަމައެކަނި ދިރިހުންނަ ރަހީމަށް މިއީ ކެތްކުރަން ދަތިކަމެކެވެ. އޭނާ އެންމެ ފަހުން ޔައީނާ ގުޅިއެވެ.

"ލީޝަން ގެ ފަހުގެ ޚަބަރަކީ ކޮބާ؟"

"އެމީހުން ތިބީ އަދިވެސް ލީޝަންމެން ދޫކުރާ ގޮތަކަށްނޫން." ޔައީން ލަދުން ހުރެ ބުންޏެވެ. މިއީ އޭނާގެ ސަބަބުން ވީކަމެކެވެ. އޭނާ ލީޝަން ފޮނުވީ ގަދަކަމުންނެވެ. އޭނާ ދާންޖެހޭ ދަތުރެއްގައި ލީޝަން ފޮނުވީ ލީޝަންއަށް ޖެއްސުން ކުރުމުގެ ގޮތުންނެވެ. ޔައީން ބޭނުންނަމަ އޮފީހުގެ އެހެން މީހެއްވެސް ފޮނުވުނީހެވެ.

"ޔައީންގެ ބައްޕަގެ ނުވަތަ ޔައީންގެ ރައްޓެއްސެއްނަމަވެސް  އެރަށުގައި ނުހުންނާނެތަ؟"

"ރައްޓެއްސަކަށް ކުރެވޭނީ ކީއްތޯ؟

"ކޮންމެކަމެއް ކޮށްގެން ވިޔަސް ލީޝަން އެތަނުން ސަލާމަތްކޮށްދީ." ރަހީމް އާދޭސް ކުރިއެވެ.

"އަޅުގަނޑު އެބަބަލަން." ޔައީން ފޯން ކަނޑާލިއެވެ.

ޔައީން މިކަމާ ވަރަށް ވިސްނަން ފެށިއެވެ. ރަހީމަކީ އޭނާ މިހާހިސާބަށް ގެނެސްދިން އިހުސާންތެރިޔާއެވެ. އެހެންކަމުން އޭނާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ. އަނެއްކާ ލީޝަން ފޮނުވުމުގެ ޒިންމާވެސް އެޅޭނީ އޭނާގެ ބޮލުގައެވެ. އޭނާ ދިޓީވީ ހުޅުވާލިއެވެ. ކުއްލިއަކަށް އޭނާ ބިރުގަތީ އެއްވެފައި ތިބި މީހުންނާދެކޮޅަށް ބަޔަކު ދެކޮޅުހަދަމުން ދާވާހަކަ ދައްކާތީއެވެ. އެ މީހުން ހާމަކުރާގޮތުގައި އަލިފާންބޮން އެމީހުން ބޭނުންކުރާނެ ކަމުގެ އިންޒާރު ދީފިއެވެ. މިހާލަތަށް ހިނގައްޖެނަމަ އޮފީހުގައި ތިބިމީހުންނަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ވެދާނެއެވެ. އެންމެފަހުން ޔައީން ކަނޑިތީމާ ގުޅިއެވެ. ޔައީންގެ ކުޑައިރުއްސުރެ ވަރަށްގާތް ރައްޓެއްސެއް އެރަށުގައި ހުރެއެވެ. އޭނާއާ ގުޅާ އެތައް ވާހަކަތަކެއް ދެއްކުމަށްފަހު ވަރަށް ސިއްރިއްޔާތުގައި ޔައީން ހަނިމާދޫމަގުން އެރަށަށް ދާން ނިންމިއެވެ. ރަހީމުގާތު އޭނާގެ މަސައްކަތް ރާވާފައި އޮތްގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ.

"މިހާރު ހާލަތު ކިހިނެއް؟" އެގާރައިގެ ފުލައިޓުން ހަނިމާދުއަށްގޮސް މިހާރު ކަނޑިތީމަށް ގޮސްފައިވާ ޔައީން ވާހަކަ ދެއްކީ އޭނާގެ ރަހުމަތް ތެރިޔާއާއެވެ.

"މީހުން ތަންކޮޅެއް މަދުވެއްޖެ. އެކަމަކު އޮފީހުގައި ބޮޑުތަޅުއަޅުވައި ފާރަޔަށް މީހުންއެބަތިބި." އޭނާގެ ރަހުމަތްތެރިޔާ އަލީ ބުންޏެވެ

"ލީޝަން ނެރެވޭނެ އެއްވެސް ގޮތެއްނެތްތަ؟"

"ފާޚާނާގެ ފެންލައިޓް ނައްޓާލައިގެން އޭނާ ނެރެވިދާނެ. އެކަމަކު އެތާނގައި މީހަކު ފާރަޔަށްނެތިއްޔާ." އެދެމީހުން ހިނގައިގަތީ އޮފީހާ ދިމާއަށެވެ. އޭރު ރަހީމާ ގުޅައިގެން ހުރިހާވާހަކައެއް އޭނާ އަންގަމުން ދެއެވެ. އޭނާގެ އިރުޝާދުގެމަތީން ލީޝަންއާއި ގުޅައިގެން ފާޚާނާއަށް ދިއުމަށް އެދުނެވެ. އަދި ރަހީމު ފޮނުވައިގެން ބަޔަކު އޭނާ އެތަނުން ސަލާމަތް ކުރަން އުޅޭކަމުގެ ފުރިހަމަ މައުލޫމާތު ދިނެވެ.

އޮފީސް ކައިރިންވަނީ ކަރަންޓް ކަނޑާލާފައެވެ. އެހެންކަމުން މުޅި ސަރަހައްދަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. ނަމަވެސް ރަށަށްގަދަ އަލީ ފަރިތަކަމާއިއެކު އޮފީހުގެ ކިބަޅިފަރާތުގައި ހުރި ފަޅުގެޔާއި ނިވަލަށް ހުރި އޮފީސް ފާޚާނާކައިރިއަށް ދިޔައެވެ. އަދި ސިއްރުސިއްރުން ފެންލައިޓް ނައްޓާލާ ވާގަޑެއް އެތެރެއަށް ދޫކުރުމުން ލީޝަންއަށް އުނދަގުލަކާއި ނުލާ ނިކުމެވިއްޖެއެވެ. އަނދިރިގަނޑުގައި އޭނާއަކަށް ކައިރީގައި ތިބިމީހުންގެ މޫނެއް ނުފެނެއެވެ. އެއީކީ އޭނާއަށް މައްސަލައެއް ނޫނެވެ. އޭނާ ބޭނުންވަނީ މިތަނުން ސަލާމަތްވާށެވެ.

"ޔައީން. މިރަށުގައި ތިޔަދެމީހުން ފޮރުވާފައި ބަހައްޓާނެތަނެއް އަހަރެންގެ ނެތް. އަހަރެންނަކީ އެމީހުންގެތެރޭގައި ނަގާކިޔާމީހެއްކަން ކުރިންވެސް ޔައީން ގާތުބުނިން. މިކަން އަހަރެން މިކޮށްދިނީ ހަމައެކަނި ޔައީނަށްޓަކައި. މިރަށުގައި ތިދެމީހުން ތިބުން އެއީ ރައްކަލަކަށްނުވާނެ. މާދަމާ އަދި ކުރިއަށް ކަންތައްތަކެއް ރާވާފައި އެބައޮތް. މިއޮތީ ލޯންޗްގެ ތަޅުދަނޑި. ޔައީނަށް ލޯންޗްދުއްވަން އެގެއެއްނު. އޭނާ ގޮވައިގެން ތިރަށަށްދޭ. ބައިގަޑިއިރެއްހާއިރުގެތެރޭގައި މަކުނުދޫ ފަޅުތެރެއަށް ވަދެވޭނެ. އޭރުން މިރަށު މީހުންނަށް ކަލޭމެންގެ ޚަބަރެއް ނޭނގޭނެ. އަދި މަވެސް ސަލާމަތްވާނެ." އަލީ އެއްފަހަރާ ހުރިހާވާހަކައެއް ދައްކާލީ ލީޝަންއަށްވެސް ނޭނގޭވަރަށް ސިއްރުންނެވެ.

"އެކަމަކު ލޯންޗް"

"އިތުރުވާހަކަދައްކަން މަޑުނުކުރޭ. މިހާރުވެސް މާލަސްވެއްޖެ. މިމަގުން ގޮސް ބޮޑުމަގުން އަޅާ. ނޫކުލައިގެ "ވިނަ" ޖަހާފައި އޮތްލޯންޗެއް އޮންނާނެ. އަވަސްކުރޭ. އިތުރުވާހަކަދައްކާނީ މަކުނުދޫއަށްގޮސް." އަލީ އޭނާ ކޮނޑުގައި އަޅާ ކޮށްޕާލިއެވެ.

ޔައީން ލީޝަންގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. ލީޝަންވެސް ހާލަތުގެ ނުރައްކާކަން އެނގިފައިވާތީ އިންތިހާއަށް ވަނީ ބިރުގެންފައެވެ. ސަލާމަތުގެ އައްސޭރިއަކަށް ބޭނުންވެފައެވެ. ކާކުކަން ނޭނގޭ މީހާގެންދާ ދިމާއަކަށް ދާން އެއްބަސްވެވިފައެވެ. އެދެމީހުން އެ އަނދިރިމަގުގައި ބާރަށް ދުވިއެވެ. އަލިހިސާބަކަށް ދެވުނީ އަތިރިމަތީ ބަނދަރުގައި އަޅާފައިއޮތް ލޯންޗާހަމައަށް ދެވުމުންނެވެ. ލީޝަންއަށް އަތުގައި ހިފައިގެން ހުރިމީހާގެ މޫނަށް ބަލާލެވުނީ ލޯންޗަށް އަރަންވުމުންނެވެ.

"ކަލޭތަ؟" ފޫހިކަމާއި އެކީ ލީޝަން ބުންޏެވެ.

"އަވަހަށް އަރާ. މީ ޖަދަލުކުރަންވީ ވަގުތެއްނޫން."

"ބައްޕައަށް ކަލޭ ނޫންމީހެއް ދުވަހަކުވެސް ލިބޭކަމަކަށްނުވޭ." ލީޝަން ރުޅިހަދާލިއެވެ.
"ކޮންމެހެން ފޮނިކަންދައްކަން އުޅޭނެކަމެއްނެތް. ލޯންޗަށްއަރާ." ރުޅިއައިސްފައިވާ ޔައީން އޭނާގެ އަތުގައި ހިފާ ލޯންޗަށް ފުންމާލިއެވެ. ކުޑަވެސް މަޑުކުރުމެއްނެތި ވާމޮހާލާ ކަނޑިތީމު ފަޅުން ނައްޓާލިއެވެ. ޔަގީންކަމާއި އެކު މަކުނުދޫއަށް މިސްރާބު ޖަހާފައިވާ ޔައީނަށް އިސާހިތަކު މަކުނުދޫގެ އަލިފެނިއްޖެއެވެ. ނަމަވެސް އުދަރެސް ބައްދާލާ ވިދާލި ވިދުވަރުން ލީޝަންގެ އިތުރުން އޭނާވެސް ބިރުގަނެއްޖެއެވެ. އަނބުރާލާފައި ދިއުމަށްވުރެ މަކުނުދޫ ކައިރިކަމަށް ފެންނާތީ ސާބިތުކަމާއިއެކު އޭނާ ލޯންޗްގެ ދުވެލި ބާރުކޮށްލިއެވެ. ނަމަވެސް މާސިންގާ ކަނޑުގެ ހުޅިނަގާފައި އަންނަ ރާޅުތަކުން ހީވަނީ ލޯންޗް ބަންޑުންޖަހާލާފާނެހެންނެވެ. ވިދާލާވިދުވަރާއެކު ޖަހާލާ ބާރުގުގުރިން ކަންފަތް ހީވަނީފަޅައިގެން ހިނގައިދާނެހެންނެވެ. ގަދަވަޔާއެކު ބޯކޮށްވެހެންފެށި ވާރޭގައި މާކަނޑުގައި "ވިނަ" ހުއްޓިއްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *