މިފަހަރުގެ ވޯލްޑް ކަޕްގައި ބީޓީއެސް ފެނިގެންދާނެ

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕް 2022 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޭ ޕޮޕްގެ މަޝްހޫރު ބޭންޑް ބީޓީއެސްގެ އެންމެ ހަގު ލަވަކިޔުންތެރިޔާ ޖިއޯން ޖަންގކޫކްގެ ހުށަހެޅުން ފެނިގެންދާނެ ކަމަށް ބީޓީއެސްގެ އޮފިޝަލުން ކަށަވަރުކޮށްދީފިއެވެ.

މިކަން އިޢުލާން ކޮށް ބީޓީއެސް ގެ އޮފިޝަލް ޓްވިޓަރގައި ބުނެފައިވަނީ " ޖަންގް ކޫކް އަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ސައުންޑްޓްރެކް ގެ ބައެއް. އަދި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ޕާފޯމް ކުރާނެ ކަމަށް ފަޚުރުވެރިކަމާއި އެކު އިޢުލާން ކުރަން. އިންތިޒާރު ކޮށްލައްވާ" މިހެންނެވެ.

ބީޓީއެސްގެ ހުށައެޅުން ފެނިގެންދާނެ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ގުގުމާލާފައެވެ. އަދި ރަސްމިއްޔާތުގައި ބައިވެރިވާނީ ބީޓީއެސްގެ ކޮން ލަވަކިޔުންތެރިންނެއް ކަމެއް ކުރިން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ބޭންޑްގެ މެއިން ވޯކަލިސްޓް އުމުރުން 25 އަހަރުގެ ޖަންގކޫކް މި ރަސްމިއްޔާތުގައި ފެންނާނެ ކަމުގެ ޚަބަރުތައްވަނީ ފެތުރިފައިވެ.

ބީޓީއެސް ފޭނުންނާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުން މިއަދުގެ ވަގުތެއްގައި ޖަންގކޫކް ވަނީ ގަތަރުގެ ވެރިރަށް ހަމަދު އަށް ދާން ފުރާފައެވެ. އަދި އޭނާ ދަތުރު ކޮށްފައިވަނީ ޗާޓަރ ފްލައިޓެއްގައި ކަމަށާއި މިއީ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ ކުރާ ދެވަނަ ދަތުރު ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި ޖަންގކޫކް އާއި އެކު ބޭންޑްގެ ލަވަކިޔުންތެރިޔާ ކިމް ޓޭޔަންގ ނުވަތަ ސްޓޭޖް ނަމުންނަމަ ވީ ވެސް ބައިވެރިވާނެ ކަމަށް އަޑުތައް އަރާފައިވެއެވެ. ނަމަވެސް މިކަން އަދި  ރަސްމީކޮށް އިޢުލާން ކޮށްފައެއް ނުވެއެވެ. މި ބޭންޑުގެ ފޭނުންނަށް ވަނީ އިންޗިއޮން އެއާޕޯޓުން ވީ ފެނިފައި ކަމަށާއި އަދި އޭނާ ފުރީ ގަތަރަށް ކަމެއް ނުވަތަ އެހެން ތަނަކަށް ކަމެއް ސާފު ނުވާ ކަމަށް އެމީހުން ބުނެއެވެ.

މިމަހުގެ 20ގައި ފަށާ ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަންގްކޫކްވެސް ފެނިގެންދާނެ ކަމަށް އިޢުލާން ކޮށްފައިވާއިރު އޭނާ ހުށަހަޅާދޭނީ ކޮން ލަވައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓޭޖްމަތިން ފެންނާނެ ކަމަށް ބެލެވޭ އިތުރު ތަރިންގެ ތެރޭގައި ޝަކީރާ، ޑިޕްލޯ، ބްލެކް އައިޑް ޕިއާސް ގެ އިތުރުން ޖޭ ބޯލްވިން ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *