ވާހަކަ: ރުކާން – 19

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

ރުކާން މިއުވާންދެކެ ނަފުރަތުވަނީ ސައުކަތަށް ވުރެވެސް ބޮޑަށެވެ. ސަބަބަކީ އޭނާ މިއުވާންދެކެ އިންތިހާއަށް ލޯބިވުމެވެ. މިއުވާންގެ ފަރާތުން ރައްކާތެރިކަމާއި ލޯތްބަށް އެދެވުނެވެ. އޭނާ އިންތިހާއަށް މިއުވާން ބޭނުންވުމެވެ. ނަމަވެސް އޭނާ ރުކާންގެ ދިރިއުޅުމާއި ކުޅެލީއެވެ. ބައެއްގެ ދެރަ ބަހަށް ޖަދަލު ކޮށްލީއެވެ. ކައިވެނި ކޮށްފައި އޭގެ އަނެއް ދުވަހު ދިޔައީއެވެ. ދެވުމުން އޭނާ މަތިން ހަނދާން ނައްތާލީއެވެ. ކުރި ވައުދުތަކާއި ޚިލާފަށް މި ބޮޑު ދުނިޔޭގައި ގަނަތެޅެން ދޫކޮށްލީއެވެ. އެހެންކަމުން ސައުކަތު އޭނާގެ ނިކަމެތި ކަމުގެ ފައިދާ ނެގީއެވެ. ބޯހިޔާވަހިކަން ދީފައި ދިރިއުޅުން ފޭރިގަތީއެވެ. މިއުވާން އޭނާ ދޫކޮށްނުލިނަމަ މިހުރިހާ ކަމަކާ ކުރިމައްޗެއް ނުވީހެވެ.

 

ރުކާނަށް މިހާރު ނަސީމާގެ ހުރިހާކަމެއް އެނގެއެވެ. ގޭގައި ހުންނަ ބޭރުމީހާ ގޭތެރެ ބަލަހައްޓާ ސާފުކޮށް ކައްކާ ހަދައެވެ. މިކަމަށް އޭނާއަށް މުސާރަދެނީ ނަސީމާ ބުނާގޮތުންނަމަ އޭނާގެ ދަރިފުޅު އަލީއެވެ. އަލީ ގިނަފަހަރު އުޅޭނީ އޭނާގެ ވިޔަފާރީގެ ސަބަބުން ރާއްޖެއިން ބޭރުގައެވެ. އެހެންނޫނީ އޭނާގެ ރިސޯޓްތަކުގައެވެ. ނަސީމާގާތަށް ނައިކަމުގައި ވިޔަސް އޭނާގެ ހުރިހާކަމެއް ބަލަހައްޓައިދެއެވެ. އެއްދުވަހަކު ނަސީމާގެ ހާލު ވަރަށް ބޮޑު ވެއްޖެއެވެ. އެބޭރު މީހާ ގޭގައި ނެތުމުގެ ސަބަބުން ނަސީމާ ދިން ނަންބަރަކަށް އޭނާ ގުޅިއެވެ.

"މީ .. ދައްތަ ވަރަށް ހާލު ދެރަވެގެން އަންގާލަދޭށޭ ބުނީމަ…." ފޯނު ނަގައިގެން ވަރަށް ހަރުކަށިކޮށް ވާހަދެއްކި އަލީއާއި ރުކާން ވާހަކަ ދެއްކިއެވެ.

"އެއްބިއުލެންސަށް ގުޅައިގެން ހޮސްޕިޓަލަށްދޭ. އަހަރެން ދާނަން ހޮސްޕިޓަލަށް" އަލީ ވާހަކަ ދެއްކިއެވެ.

 

ނަސީމާ ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. ޕްރައިވެޓް ކޮޓަރިއެއްގައި އޭނާ އޮންނައިރު ފެންނަނީ ވަރަށް ބަލިކޮންނެވެ. ހުރިހާކަމަކަށް ހޮޅިގުޅާފައި އޮތްނަމަވެސް  އޭނާ ރުކާނަށް މަޑުމަޑުން ނަމަވެސް ވާހަކަ ދައްކައެވެ. ރުކާން އިނީ ނަސީމާގެ އެނދުކައިރީގައި ހުރި ގޮޑިއެއްގައި އިށީނދެލައިގެންނެވެ. އޭނާގެ ކަނާތުން ނަސީމާގެ ބޮލުގައި ފިރުމާލަ ފިރުމާލަހުއްޓެވެ.

ކުއްލިއަކަށް އެ ޕްރައިވެޓް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ބާރު ހިނގުމެއްގައި އައި ފިރިހެނަކު ޑޮކްޓަރަކާއެކު އައިސް ވަދެއްޖެއެވެ. ރުކާން އެމީހަކާ ދިމާއަށް ބަލާ ލެވުނެވެ. ނޫ ކުލައިގެ އަތްދިގު ގަމީހެއް ލާފައި ޓައީ އަޅާފައިވާ މިމީހާ ސިފަވެގެން ދަނީ ރުކާން ދަންނަ މީހަކާއެވެ. ހިންދީ ފިލްމްކުޅޭ މީހަކާއެވެ. އެއްއަތުން އޭނާގެ ކޯޓް ހިފަހައްޓާލާފައި ވާއިރު އަނެއްއަތުން ނަސީމާގެ ފައިލު ހިފައިގެން ހުއްޓެވެ. އެއީ އިސްކޮޅަކާއި އެއްވަރު ރޫފައެއްހުރި ދޮން މީހެކެވެ. ބޯ ތުނިކޮށް ކޮށާފައިވާ އިރު މޫނުމަތީގައި ހަރުދަނާކަމާއި ފުދިގެން އުޅޭ މީހެއްގެ ސިފަ ޖަހައެވެ. ރުކާން އެމީހާއަށް ކަޅި ޖަހާނުލާ ބަލަމުން ދިޔައީ މިމީހާ އޭނާ ދަންނަ މީހަކާއި ވައްތަރު ކަމުންނެވެ.  އޮމާންކޮށް ބާލާފައިވާ ތުބުޅިއާއި ރީތި ސާފު މޫނު އެއީ އޭނާއަށް އާމޫނެއް ނޫން ކަމުގެ އިހުސާސް ކުރެވުނެވެ. އެކަމަކު އެއީ ކާކުބާވައެވެ؟ އޭނާ ދަންނަނީ ކޮންތާކުންބާވައެވެ؟ ރުކާނަށް ވިސްނާވިސްނާވެސް އެމީހަކު ނޭނގުނެވެ.

"ދަރިފުޅާ…އަލީ" ނަސީމާ އޭނާއަށް ގޮވާލިއެވެ.

"މަންމަ ބޭރަށް ގެންދިއުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން." އާދައިގެ ރާގެއްގައި އަލީބުންޏެވެ. ޑޮކްޓަރާއި އަދިވެސް ވާހަކަ ދައްކަމުން ދާތީ އޭނާ މަންމައަށް ބަލާވެސް ނުލާ ޑޮކްޓަރާއި އިގިރޭސީން ވާހަކަ ދައްކަމުން ބޭރަށް ހިނގައްޖެއެވެ. ޑޮކްޓަރުވެސް ރިޕޯޓްތައް ބަލަމުން ވާހަކަ ދައްކަމުން ނިކުމެގެން ހިނގައްޖެއެވެ.

ރުކާނަށް އަލީ މަތިން ހަދާން ނައްތައެއް ނުލެވުނެވެ. އޭނާއަށް އެއީ ވަރަށް ކަމުދާ މީހަކަށް ވެއްޖެއެވެ. ދުވަހަކުވެސް ފިރިހެނަކާ ޝައުގުވެރިކަމެއް ދެން ނުބަހައްޓަން ވައުދު ވެފައިވާ ރުކާނަށް އަލީ ފެނުމުން އާދަޔާ ޚިލާފު އަސަރުތަކެއް ކުރުވައިފިއެވެ.  ބަދަލުހިފުމުގެ ކުޅިގަނޑުގައި އަލީ ވަރަށް ރަނގަޅުވާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވެން ފެށިއެވެ. ރުކާނާއި ދިމާއަށް ބަލާވެސް ނުލާ އަލީ ނިކުމެގެން ހިނގައްޖެއެވެ. އަލީ އޭނާއަށް ގަޔާވާނެ ނަމައެވެ. އޭރުން މިއުވާން ހޯދާކަށް ދައްޗެއް ނުވާނެއެވެ. ސައުކަތަށް އަދަބުދޭން މީހެއްގެ އެހީތެރިކަން އޭނާ ބޭނުންވެއެވެ. އަލީއަކީ އެކަމަށް ރަނގަޅު މީހެކެވެ. ނަމަވެސް އަލީގެ ހުރި ހަރުކަށިކަމާއި ހަރުދަނާކަން ރުކާން ކަހަލަ އާދައިގެ ކުއްޖަކަށް ބަލާވެސް ނުލާނެކަން އޭނާއަށް ގަބޫލު ކުރެވުނެވެ.

ގޭގައި އުޅޭ ގީތާ ރުކާނަށް ޚަބަރު ދިނީ މިއަދުގެ ދޭއްގެ ފްލައިޓުން ނަސީމާ ގޮވައިގެން ލަންކާއަށް ދިއުމަށެވެ. އެމީހުން ދާނެ ހޮސްޕިޓަލަކާއި ތިބޭނެ ތަނެއް މިހާރު ހަމަޖެހިފައިވާނެ ވާހަކައެވެ. ކަމަކަށް ދަތިވެއްޖެނަމަ އެމީހުން ގުޅާނެ މީހެއް އެކޮޅުގައި އެމީހުންގެ ކަންތައް ބެލެހެއްޓުމުގައި ހުންނާނެ ވާހަކައެވެ.

 

ލަންކާއަށް ދެވުމާއެކު ނަސީމާގެ އޮޕްރޭޝަން ކުރެވިއްޖެއެވެ. އެއްވެސް ދައްޗަކާއި ނުލާ ނަސީމާއަށް ޚިދުމަތް ކުރުމުގައި ޕްރައިވެޓް ކޮޓަރިއެއްގައި ހުރެވޭނެ ގޮތް ހަމަޖެހިގެން ދިޔައެވެ. މި ދުވަސްކޮޅުގައި ނަސީމާގެ ޝަކުވާއަކަށްވީ ފޫހިވުމެވެ. ރުކާނަށް އިނގިރޭސި ނޭނގުމާއި ދިވެހި ފޮތް މިތަނުން ލިބެން ނެތުމުން ނަސީމާ ނިންމީ ރުކާނަށް އިނގިރޭސި ކިޔަވައި ދިނުމަށެވެ. ރުކާންގެ ތޫނުފިލިކަން ހުރި މިންވަރުން  ތިންހަފުތާ ވީއިރު ރުކާން އިނގިރޭސިން ލިޔަންކިޔަން ދަސްކޮށްފިއެވެ. އަދި ބޮޑެތި ވާހަކަތައް ނަސީމާއަށް ކިޔައިދޭން ފަށައިފިއެވެ.  ވާހަކަތައް ކިޔައިދޭއިރު އޭނާއަށް މާނަ އެނގޭ ވަރަށްވުރެ ގިނައީ ނޭނގޭ ބަސްބަހެވެ. ނަމަވެސް ނަސީމާ ކޮންމެ ބަހެއްގެ މާނަ ކިޔައިދެމުން ދާތީ އޭނާއަށް މިހާރު ގިނަބަސްތަކެއް ދަސްވެއްޖެއެވެ.

 

މިހެން ތިބެ ދެމަސް ވީއިރު ނަސީމާ ހޮސްޕިޓަލުން ދޫކޮށްލާ ހޮޓަލަށް ބަދަލުކޮށްފިއެވެ. މިދުވަސްތަކުގައި ރުކާން ވަނީ އިނގިރޭސިއަށް ދިވެހި ބަހާއެއްވަރަށް ފަރިތަވެފައެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެހެންމީހުންނާއި ވާހަކަ ދައްކާލަން ދިވެހިބަހެކޭ އެއްފަދައިން އޭނާ ފަރިތަވެއްޖެއެވެ. ކޮންމެ ކަމަކަށްވެސް މުއާމަލާތު ކުރަންޖެހެނީ އިގިރޭސިންކަމަށްވެފައި އިގިރޭސި އެނގުމަށް އޭނާ ކުރި ބުރަމަސައްކަތުގެ ސަބަބުން އޭނާއަށް މިހާރު ގިނައެއްޗިހިތަކެއް ދަސްވެއްޖެއެވެ.

 

ނަސީމާއަށް ކުޑަކޮށް  ރަނގަޅުވާތީ ރުކާން އިނީ އޭނާ ގޮވައިގެން ހޮޓަލުގެ ޓެރަސް މަތީގައެވެ. ކުއްލިއަކަށް ރުކާންގެ ފަހަތަށް ވާގޮތަށް ނަސީމާގެ ކުރިމައްޗަށް ވާގޮތަށް މީހަކު ހުއްޓުނެވެ. އެމީހަކު ރުކާންމެން ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ރުކާން ސިއްރު ސިއްރުން ބަލާލީ  ބުނަން ނޭނގޭކަހަލަ ބިރުވެރިކަމެއް ހިތަށް ވަނުމުންނެވެ.

އެއީ ނަސީމާގެ ހުރި ހަމައެކަނި ދަރި ފުޅު އަލީއެވެ. ރުކާން ހައިރާންކަމުގެ ނަޒަރަކުން ނަސީމާއަށް ބަލާލިއެވެ. މިކަން ނަސީމާގެ އިތުރުން ރުކާނަށްވެސް ހައިރާންކަން ގެނުވިއެވެ. ނަސީމާ ދާށޭ ބުނާކަހަލަ ގޮތަކަށް ރުކާނަށް ލޮލުން އިޝާރާތް ކޮށްލިއެވެ. ރުކާން ތެދުވެގެން ހިނގައްޖެއެވެ. ރުކާން ހުރީ އެމީހުން ދައްކާވާހަކަ އިވޭ ހިސާބުގައި އެހެނަސް އަލީއަށް އޭނާ ނުފެންނަ ގޮތަށެވެ.

"ޑޮކްޓަރު ބުނުއްވީ ވަރަށް އަވަހަށް މާލެ ދެވިދާނެ ކަމަށް. އެކަމަކުވެސް މަންމަ ގޯތީގައި ހޮޓަލެއް އަޅަން ބޭނުން ވެގެން އެކަމުގެ މަސައްކަތް ފެށިފައިވާތީ މިއައީ." އަލީ ވާހަކަ ދެއްކުމުގައި އަމިއްލަ އެދުން ހުރިލެއް ބޮޑުކަން ރުކާނަށް ފާހަގަވިއެވެ. މި ހުރިހާ ދުވަހު މަންމަ ބަލިހާލުގައި ވަނިކޮށް އަޅާނުލާ ހުރެފައި މިއަދު ކަމެއް ޖެހުނީމާ މިހާދުރަށްވެސް އައީތީ އެއީ "ގޮތްހުރި"  މުއްސަނޖެއްކަން އޭނާއަށް ދޭހަވިއެވެ.

"ތިކަންތައް ނިންމާނީ އަހަރެން މާލެ ގޮސްފައި." ނަސީމާ ބުނެލީ މަޑުމަޑުންނެވެ.

"އެންމެ ރަނގަޅު. އަހަރެން މިކޮޅަށް މިއައީ މިނޫންވެސް ވިޔަފާރީގެ އެހެން ކަމެއްގައި. ކަމެއް ބޭނުންވެފައި އެބައޮތްތަ؟" އަލީ ރަހުމެއް ނެތްގޮތަކަށް ބުނެލިއެވެ. އޭނާގެ ވާހަކަތަކުގައި އެއްވެސް އަސަރެއް ނުހުރެއެވެ. ފަރުވާކުޑަކަމާ އަޅާލުން ކުޑަކަން ފިޔަވައެވެ.

"އިތުރު ކަމެއްނެތް." ނަސީމާ މިހެން ބުނުމުން އޭނާ ނިކުންނަން ހިނގައިގަތެވެ. ރުކާން ތަންކޮޅެއް ދުރުގައި އަލީގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އޭނާއަށް އަލީ ފެނުމުން އޭނާ ދަންނަ ކޮންމެވެސް މީހަކާ ވައްތަރު ވަނީއެވެ. އެކަމަކު އެމީހާ ރުކާނަށް ބަލާވެސް ނުލައެވެ. އެހެންވެސް މުއްސަދިން ފަދައިން ނިކަމެތި ކުއްޖެއްވީމާ ބަލާލަން ލަދުވެސް ގަންނަނީ ކަމަށް ވެދާނެއެވެ. ރުކާންގެ މޮޔަކަމާއި ހެދި އަމިއްލައަށް ހިނިއައެވެ. އެހެންނަމަވެސް އަލީއަކީ އޭނާއަށް ވަރަށް މުހިންމު މީހެއްހެން ހީވެއެވެ. ކޮންމެވެސް ގޮތަކުން އަލީއާއި ގާތްކަން ބާއްވަން އެބަޖެހެއެވެ.

 

ނަސީމާ މާލެ ބަދަލު ކުރެވުނު ފަހުން މަހެއް ވީއެވެ. ނަމަވެސް އޭނާގެ ލޯބިވާ ދަރިފުޅު އޭނާގެ ހާލު ބަލާލަންވެސް ނާންނަކަން ރުކާނަށް ފާހަގަ ކުރެވުނެވެ. މިކަމާ ރުކާންވެސް ފާޑުފާޑުގެ އެއްޗިހި ހިތަށް އަރައެވެ. އަދި މިކަމާ ނަސީމާ ހިތާމަ ކުރާންކަން ރުކާނަށް އެނގެއެވެ. ނަމަވެސް އެވާހަކަ ދައްކަން ފަށާއިރަށް ރުކާންގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލު ކުރެއެވެ.

"އަދިވެސް ތިއުޅެނީ ފިރިމީހާއަށްޓަކައި ދިރިއުޅުން ހަލާކު ކުރަންތަ؟ ނިކަން ކެރޭ އަންހެން ކުއްޖަކަށް ވެބަލަ."

"ނޫން. އަޅުގަނޑަށް ދުވަހަކުވެސް އެމީހުންނަކަށް މާފެއް ނުކުރެވޭނެ. އެހެނޭ ކިޔާފަ ކެރޭ ކުއްޖަކަށް ވެގެން އަޅުގަނޑު ކުރާނީ ކީއްތޯ. އަޅުގަނޑަކީ އެކަނިހުރި ނިކަމެތި ފަގީރެއް."

"ފަގީރަކަށްވުން އެއީ ކަމެއް ނުކުރެވޭކަމެއް ނޫން. އެންމެ ފުރަތަމަ ނިކަން ރަނގަޅު އަޒުމެއް ކަނޑަ އަޅާބަލަ." ނަސީމާ ދޭ ހިތްވަރުން ރުކާން ވަނީ އޭނާގެ ދިރިއުޅުމަކީ މިހާރު ހަމައެކަނި އެދެމީހުންނަށް އެމީހުން ކުރި ކުށުގެ ބަދަލު ދިނުން ކަމަށް ހަދާފައެވެ. ދުވަހަކަށްވުރެ ދުވަހެއް އޭނާގެ ހިތުގައި ނަފުރަތުގެ އަލިފާން ރޯވެ އަދަމުންދެއެެވެ.

 

މިހާރު ރުކާނަށް މާލޭގެ މާހައުލަށް ހޭނި ބަލާލާ މީހަކަށް އެއީ މިޒަމާނުގެ އެންމެ ތަރައްގީ އަންހެން ކުއްޖެއް ކަމުގައި ފެނެއެވެ. ޒަމާނީ ހެދުންތަކާއި ފަހުގެ ފެޝަންތަކުގެ އަވިއައިނާއި ދަބަސްތަކުން އޭނާގެ އަސްލު ސިފަ ގެއްލެން ފަށައިފިއެވެ. މިހާރުގެ މޮޑެލުންގެ ފުނާއެޅުމުގެ ވައްޓަފާޅިއާއި އެއާ ގުޅޭ މޭކަޕުތަކުން ރުކާން މުޅިން ބަދަލު ވެއްޖެއެވެ. ރަށުމީހަކަށްވެސް ވަރަށް ވިސްނައިގެން ނޫނީ އެއީ ރުކާންކަން ނޭނގޭވަރަށް އޭނާވަނީ ރީތިވެ ފުރިހަމަ ވެފައެވެ. މީގެ އިތުރަށް އޭނާއަކީ އިނގިރޭސިއަށް މޮޅު ހަރުދަނާ ސިކުނޑިއެއް ލިބިފައިވާ ކުއްޖެކެވެ. މިކަން އޭނާއަށް ފަހިވީ މިވީ ދުވަސްކޮޅު ތެރޭގައި ނަސީމާއަށް އޭނާ ކިޔައިދިން އަދަދެއް ނޭނގޭ ފޮތްތަކުންނެވެ. އަދި ނަސީމާގެ އަގުހުރި ނަސޭހަތުން އޭނާގެ ނަފުސު ތަރުބިއްޔަތު ކުރެވިފައިވާ މިންވަރުންނެވެ.

މިއީ އެކަންކަމަކަށް ރުކާން މިހާރު ފަޚުރުވެރިވާ ކަންތަކެވެ. ދިރިއުޅުމުގައި މާބޮޑު އުންމީދު ތަކެއްނެތް އަދި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއެއް ނެތް ރުކާން ވަނީ އަޒުމް ތަކެއް ކަނޑައަޅާ ފައެވެ. ސައުކަތަށް ހައްގު އަދަބު ދިނުމާއި އޭނާ ދޫކޮށްލާފައި ފިލި އޭނާގެ ފިރިމީހާ ހޯދުމެވެ. އޭނާ މިހާރު ރުކާންގެ ސިފައިގާ ހުންނާކަށް ބޭނުމެއް ނޫނެވެ. ރުކާންގެ ހަޔާތުން އޭނާއަށް ލިބުނީ ނިކަމެތިކަމެވެ. ވޭނާއި ކެކުޅުމެވެ. ހިތާމައާއި އަޅުވެތިކަމެވެ. އެހެންކަމުން އޭނާ ވީހާވެސް ބޮޑަށް ރުކާންގެ އާދަތަކާއި ސިފަތަކުން ދުރުވާން ބޭނުންވެއެވެ. މިކަން އޭނާއަށް ވިސްނައިދިނީ ނަސީމާގެ ބުއްދިވެރި ވާހަކަތަކެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *