(16 ނޮވެމްބަރ 2022ގެ ނޫހާއި ގުޅޭ)
މި ނާންމާން ކަމުގައި ލީޝަން ބިރުން ހަލާކުވާވަރުވެއްޖެއެވެ. ލޯންޗްގެ ގޮނޑީގެ އަރިމަތީގައި ހުރި ދަގަނޑު ހޮޅިއެއްގައި ބާރަށް ހިފަހައްޓައިގެން ލޯމަރައިގެން ހުރެ އަޑުންއަޑުނަގާ ރޮނީއެވެ.
"މީ ކަލޭގެ ކަންތައް. އެއޮފީހުން އަހަރެން ގެނައީ ކީއްކުރަން." އޭނާ ހީވަނީ މޮޔައެއްހެންނެވެ.
"ލީޝަން މިކޮޅަށް އާދޭ." ލޯންޗް ކުރިއަށް ދުވޭތޯ މަސައްކަތްކުރަމުން އޭނާ ގޮވާލިއެވެ. ނަމަވެސް އިންތަނުން ތެދުވާނެ ހިތްވަރެއް އޭނާގެ ނެތެވެ. މިބޮޑާ ކިބުރުވެރި އަންހެންކުއްޖާ ވަނީ އިންތިހާއަށް ނިކަމެތިވެ ފިނޑިވެފައެވެ.
"މަށަށް ދާންކެރޭނީ ކިހިނެއް؟ އަހަރެން ތެދުވަނިކޮށް މޫދަށް ވެއްޓިދާނެ" އޭނާ އަދިވެސް ލޯމަރައިގެން އިނދެ ރޮނީއެވެ. މިގަދަ ކޮޅިގަނޑުގައި ދެންއިތުރުގޮތެއް ނެތީތީ ލީޝަން އޭނާގެ ގާތަށް ދިޔައެވެ. އަދި އަތުގައި ހިފަހައްޓާ ބާރަށް ރޮއިގަތެވެ.
"ދެން ކިހިނެއް ހަދާނީ. ދެމީހުން އެއްކޮށް މަރުވާނީ ކަންނޭނގެ."
"ސާބަސް ލީޝަން. ބާރަށް ރުއީމާ ހުރިހާކަމެއް ރަނގަޅުވާނެތަ؟ ދެންވާނެގޮތެއް ބަލަންވެސް ހިތްވަރުކޮށްގެން ހުންނަންވީނު." ޔައީނު ހުރީ ބުނާގޮތް ނުހަދާތީ ލީޝަންދެކެ ރުޅިއައިސްފައެވެ. މި ބިރުވެރި ހާދިސާއަށްވުރެ ބޮޑަށް ލީޝަންގެ ރުއިން އޭނާ ހާސްކުރުވައެވެ. އޮޔާދާ ލޯންޗް ކުއްލިއަކަށް ބޮޑެތި ރާޅުބާންޏެއްގެ ޝިކާރައަކަށްވެއްޖެއެވެ. ހުޅި ނަގާފައި އަންނަ ބިޔަ ރާޅުތަކާއެކު ލޯންޗް ގެންގޮސް ބޮޑު ފަރެއްގެ މައްޗަށް އަރުވާލާ ބަންޑުން ޖަހައިފިއެވެ. ޔައީންގެ އަތުގައި ހިފައިގެން ހުރި ލީޝަންއާއި ދެމީހުން މި ކުއްލި ނުރައްކާތެރި ހާދިސާގައި ވިއްސައިގެންގޮސް ޖެހުނީ ފަރު ތެރޭގައި ހުރި ތަންކޮޅެއްގާމަދު ތިލަހިސާބެއްގައެވެ. މިންވަރު ކުރެއްވި މިނަސީބާމެދު ޝުކުރު ކުރަމުން ރާޅު ބިންދަމުންދާ ފަރުން ސަލާމަތްވެވޭތޯ ތިލަ ފަޅާދިމާއަށް ދެމީހުން ހިނގައިގަތެވެ. ބައެއްފަހަރު ވެއްޓެމުން ތެދުވަމުން އެދެމީހުން ކުރިއަށް ދިޔައެވެ. ރާޅުބިންދާލާވަގުތު ޔައީނުގެ އަތުން ދޫވެ ދެފަހަރަކު ލީޝަން ގާތަކު މައްޗަށް ވެއްޓުނެވެ. ހިމަފޮދު ވާރޭއާއި ޖެހޭގަދަވައިގެ ސަބަބުން ދެމީހުންވެސް ހީކަރުވައި ތުރުތުރު އަޅަނީއެވެ. ނަމަވެސް ލިބިފައިވާ އާދަޔާ ޚިލާފު ހިތްވަރެއްގެ ސަބަބުން ދެމީހުންނަށްވެސް މަސައްކަތް ކުރެވުނީ އެއްމަންޒިލަކަށެވެ. ނުހަނު ގާތުގައި އޮތް އަނދިރި ރަށަށް އެރޭތޯއެވެ. ކުއްލިއަކަށް ފަރުމައްޗަށް ބިންދާލި ބޮޑު ރާޅެއްގެ ބާރު ގަދަކަމުން ފައި ހަރު ކޮށްނުލެވުނު ލީޝަން ވެއްޓިއްޖެއެވެ. ބޮޑުގަލެއްގައި އޭނާގެ ބޯ ޖެހި ކަނާތުފައި ދެގާދޭތެރޭ ތާށިވިއެވެ.
"މަންމާ….." ލީޝަންއަށް ވީތަދުން ހަޅޭއްލަވައި ގަނެވުނެވެ. ޔައީން ހައިރާންވާހާ އަވަސް ހަރަކާތަކާއެކު ލީޝަން ނަގައިފިއެވެ. ނަމަވެސް ފައި ޒަޚަމް ވެފައިވާ ލީޝަންއަކަށް ނުހިނގުނެވެ.
"ދެން ނުވާނެ. އަހަރެންނަކަށް ދެނެއްނުހިނގޭނެ. ޔައީން ދޭ. ފަހަރެއްގައި ޔައީން ސަލާމަތްވެދާނެ. އަހަރެން ގޮވައިގެން ދާންވެއްޖެނަމަ ޔައީނުވެސް ސަލާމަތްނުވެ ހިނގައިދާނެ. އަހަރެން މިތަނަށް ދޫކޮށްލާ…." ލީޝަން ޔައީންގެ ބުރަކަށީގައި އަޅާ ކޮށްޕާލިއެވެ.
"ނޫން ލީޝަން. ހިތްވަރުކުރޭ. ރަށް މިއޮތީ ވަރަށްކައިރީގައި." ޔައީން ތިރިވަމުންދިޔަ ލީޝަން ހިފެހެއްޓިއެވެ.
"އަހަރެންގެ ކަނާތުފައިގައި ވާތްގެއްނެތް. ކުރިއަށްދާނެ ހިތްވަރެއްނެތް. ޔައީން ދޭ. އަހަރެން މިތަނަށް ދޫކޮށްލާ. އެހެންނޫނީ މިގަދަ ރާޅުތަކުތެރޭގައި ޔައީންވެސް މަރުވެދާނެ." ކިތަންމެ ބޮޑާކަމާއި ހިލަ ހިތެއްލިބިފައިވިނަމަވެސް ގުދުރަތީ މި ހާދިސާގައި އޭނާވަނީ ނިކަމެތިވެފައެވެ. އަނެކާގެ ފުރާނައަށް ޓަކައި އޯގާތެރިވެފައެވެ. ތިމާގެ ފުރާނަޔަށްވުރެ ޔައީންގެ ފުރާނަ ސަލާމަތްކުރުން މުހިންމު ވެފައެވެ. މިއީ އޭނާގެ ހިތަށް ވެރިވި ކޮންކަހަލަ އޯގާތެރިކަމެއްކަމެއް ނޭނގުނެވެ.
"ލީޝަން. ދެންވާހަކަ ނުދައްކާ. އަހަރެން ލީޝަން ދޫކޮށްލާފައި ދާނީކިހިނެއް؟" އޭނާގެ އިންސާނިއްޔަތުކަމުގެ އިހުސާސް ޔައީންގެ އެންމެ ފުންމިނަށް ވާސިލްވިއެވެ. ޒަމާންވީ ނަފްރަތާއި ފޫހިކަން ހިނދުކޮޅަކަށް ހަނދާންނެތި ހަމްދަރުދީ އިން އެހިތް ފުރިއްޖެއެވެ. އަވަސް ހަރަކާތަކާއެކު ލީޝަން ނަގާ އަތްދަނޑި މައްޗަށް ލީ ނުހަނު ހިތްވަރު ކޮށްފައެވެ. ތޫނު މުރަކަތަކުންނާއި ބޮޑެތި ގާތަކުން ނެއްޓި ފަރުން ފައިބާ ތިލަފަޅުތެރެއަށް ފޯރައިފިއެވެ. ރާޅުގެ އަސަރު ކުޑަވެފައި އިސްކޮޅު ކާވަރަށް ފުންމިން ހުރުމުގެ ސަބަބުން ޔައީންގެ ފުރަގަހަށް ލީޝަން ލާ އޭނާގެ ކޮޑުގައި ހިފަހައްޓައިގެން ހުރުމަށް ބުންޏެވެ. މާތްކަލާނގެ ހެޔޮ ރަހުމަތްފުޅުން އެދެމީހުންނަށް އެއްގަމަށްއެރުނެވެ. އަދި ވަރުބަލިވެފައިވާހާލު ގަހެއްގެ ނިވަލުގައި ވާރެއިން ސަލާމަތްވެވޭތޯ އިށީނެވެ. ހަށިގަނޑަށް ލިބިފައިވާ އަނިޔާއާއި ވަރުބަލިކަމާއި ސިކުޑިއަށް ލިބިފައިވި ހާސްކަމާއެކު އެދެމީހުންނަށް އެގަސްދޮށަށް ދެވުމާއެކުހެން ނިދިއްޖެއެވެ. އެދެމީހުންނަށް ނިދުނީ ކިތައްގަޑިއިރު ކަމެއްވެސް ނޭނގުނެވެ. ގަދަވަޔާއި ވާރޭ ތެރޭގައި ކަނުއަނދިރިކަން އެމީހުންނަށް އޯގާތެރިވީކަހަލައެވެ.
ފަޖުރުގެ އަލިކަންފެތުރި ދުވާލުގެ އަލިކަން މުޅިރަށް އަލިކުރަނީއެވެ. އޮރެންޖްކުލައިގެ އިރުގެ ދޯދިން ދުނިޔެ ދޮންކުރަނީއެވެ. ރޭގެ ކޮޅިގަނޑުގެ ގަދަވިއްސާރައާއި ވައިގެ ހިލަމެއްވެސް މިހާރަކު ނެތެވެ. މުޅި އުދަރެހަށް ވެރިވެފައިވަނީ އިރުވައިމޫސުމުގެ ހިތްގައިމުކަމެވެ. ތެޔޮފާން ލެވިފައިވާ މޫދާއި ބިއްލޫރިކޮޅެއްފަދަ އަޑިފެންނަ ތިލަފަޅެވެ. ތަންކޮޅެއްދުރުގައި އޮތް ހިކިދިޔަވަރަށް ހިކިލާފައި އޮތް ތޮށިމައްޗެވެ. ކިރުކުލައިގެ ސާފު ހިމުން ދޮންވެލިގަނޑެވެ. ވިލާ ރޮއްޖެއްވެސްނެތް ނޫކުލައިގެ އުޑާއި ޖައްވުގައި އުދުހެމުންދާ ކާޅާއި އެނޫންވެސް ދޫނިސޫފާސޫފިތަކެވެ. މިފަޅުރަށަށް ވެރިވެފައިވަނީ ގުދުރަތީ ފުރިހަމަ މިއުޒިކެވެ. މަޑުމަޑުން ބީހިލާ ރާޅުތަކުގެ އަޑާއި ކަނޑުންޖެހޭ ވައިގެ އަޑުންނެވެ. ދޫނި ސޫފާސޫފި ރާގުރާގަށް ގޮވަމުންދާއަޑާއި ފަނިފަކުސައިގެ ގޮވެލީގެ އަޑުންނެވެ. ވަރުބަލިކަމާއެކު ނިދިފައިތިބި ޔައީނަށާއި ލީޝަންއަށް ހޭލެވުނީ ބާރުއަޑެއް އިވިގެން ސިއްސައިގެންގޮސްފައެވެ. އެ އަޑާއިއެކު ގޮވަމުންދިޔަ ކާޅުތައްވެސް އުދުއްސައިގަތެވެ. ގޮޑުދޮށުގައި ހޮވާކާންތިބި ކިރުދޫނިތަކާއި ފައިދިގު ތޭރަވާތައް ބިރުން އެ އަމާން މާހައުލު ދޫކޮށް އުދުހިލާފައި އަނެއްކާވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަމައެތަނަށް އަތުވެއްޖެއެވެ. ލީޝަންއަށް ޔައީނުގެ މޫނަށް ބަލާލެވުނެވެ. މިބެލުމުގައި ހައިރާންކަމާއި ވަރުބަލިކަން އެކުލެވިގެން ވެއެވެ.
"އެއީ ކޮންއަޑެއް؟" ބިރުވެރިކަމާއެކު ލީޝަން އެހިއެވެ.
"އެއީ ކާއްޓެއް ވެއްޓުނު އަޑު." ރުއްދޮށުގައި ވެއްޓިފައި އޮތް ކާށި ދައްކާލަމުން ޔައީން ބުނެލިއެވެ.
"މީ ކޮންރަށެއް."
"ނޭނގެ. މީހުން އުޅޭކަމެއް ނޫޅޭކަމެއްވެސް ނޭނގެ." ރަށުގެ ޚަބަރު ބަލާލުމަށް އޭނާ ތެދުވެލިއެވެ.
"އަހަންނަށް ކާއެއްޗެއްވެސް ނުދޭނަންތަ؟ ތިދަނީ ކޮންތާކަށް. އަހަރެން އެކަނި ބަހައްޓާފައިތަ؟"
"މި ދަނީ ރެސްޓޯރަންޓަކަށް. ކޮފީއެއްބޯން. އަންނަން ބޭނުމިއްޔާ އާދޭ." ޔައީން ރުޅިއައީ މިއީ ކޮންތަނެއްކަން ނޭނގޭ ހާލުގައިވެސް ލީޝަންގެ ޝަކުވާކުރުން ހުއްޓާނުލާތީއެވެ.
"މަޑުކުރޭ. އަހަރެންނަށް އެކަނި މިތާކު އިންނާކަށް ނުކެރޭނެ." ލީޝަން އާދޭތޯވެސް ބަލާނުލާ ހިނގަމުންދިޔަ ޔައީނަށް ލީޝަން ގޮވާލައި އެދިމާއަށް ދިއުމަށް ހިނގައިގަތެވެ.
"މަންމާ.. އަހަރެންގެފައި." ހަލާކުވެފައިވާ ފައިން ލޭއަންނަންފެށުމުން އޭނާ މަޑުމަޑުން އިށީނެވެ.
"މަޑުކުރޭ. އަހަރެން އެބައަންނަން" ކައިރީގައިހުރި ކުރު ރުކަކުން އެލިފައި އޮތް ފަނެއް އޭނާ ދަމައިގަތެވެ. އަދި ފުޅިތޮށިގަނޑަކުން ފަންތޮށީގައި ހުރި ކުނޑިތައް ކަހާލިއެވެ. ލޭ އަންނަމުންދިޔަ ތަނުގައި އޭގެ ކުޑިތައް އުނގުޅަން ފެށިއެވެ.
" ޗީ ތީ ކޮންއެއްޗެއް."
"މިއީ ބޭސް. އަޅަންބޭނުން ނޫނިއްޔާ ތިތާ އިނދޭ." ޔައީން ބާކީ ހުރިއެއްޗިހި ނާޅަންވެގެން ތެދުވިއެވެ.
"ވަރިހަމަ ކޮންމެ އެއްޗަކަށްވިޔަސް. އަހަރެންގެ ފައި ރަނގަޅުކޮށްދީ."
ޔައީން ލީޝަންގެ ފައިގައި އެބޭސް އަޅައިދިނެވެ. އެއަށްފަހު ކަކުލުން ތިރި ހަލާކުވެފައިވާ ލީޝަންގެ ހަރުވާޅު ބުރިކޮށްލިއެވެ.
"ކީއްކުރަން ތިބުރިކުރަނީ. ތި ހަލާކު ނުކުރޭ."
"ޑީޖޭތަކަށް ވަރިހަމަދޯ! ކިތަންމެ ކުރުއެއްޗެއްލައިގެންދާންވެސް. މީހަކު ނެތްތަނެއްގައި ހަރުވާޅު ބުރިކޮށްލީމަދޯ މައްސަލައަކީ."
"ކޮންމެހެން ކަލެއަށް ފެނިދާނެތީ މަޖެހިލުމެއްނުވޭ. މިތާނގައި މަދިރިގިނަކަމުން މިހެންމިބުނީ."
"މަދިރިތައް އައިސް މިފައި ހަފާލިއްޔާރަނގަޅީ. އޭރުން ލަކުނުތައް ފެނިދާނެތީ ލަދުން ކުރުއެއްޗިހި ލާކަށް ނުކެރޭނެއެއްނު." ޔައީން ބުރިކޮށްލާފައިވާ ހަރުވާޅުން ފޮތިކޮޅެއްނަގާ ލީޝަންގެ ފައިގާ ބޭސްއަޅާފައިވާ ތާނގައި ބަނދެލިއެވެ.
"މަ ލާނެ އެއްޗެއް އެނގޭނީ މަށަށް." ލީޝަން ރުޅިއައިސްފައި ބުންޏެވެ.
ޔައީން ތެދުވެގެން ދާންހިނގައިގަތެވެ. މިކަމާއި ލީޝަން ޝަކުވާ ކުރިއެވެ. އޭނާގެ ފަޔަށް ތަދުވާތީ ހިނގަން އުނދަގޫކަމުން ދާން ނުކެރިގެންނެވެ. އޭނާއަށް އެކަނި އެތާ އިންނާން ނުކެރިގެންނެވެ. ނަމަވެސް މިއީ ކޮންރަށެއްކަމާއި ކޮންތަނެއްކަން އެނގޭނީ ރަށްވަށައި ހިނގާލާ ޚަބަރުބަލާލުމުންނެވެ. ޔައީން ގޮޑުދޮށާއި ދިމާއަށް ފޭބިއެވެ. މާދުރުރުން ކުޑަކުޑަ ރަށެއް އޭނާއަށް ފެނުނެވެ. އެއީ އޭނާ ދަންނަ ރަށެކެވެ. އެތައް ފަހަރަކު ގޮސްފައިވާ ރަށެކެވެ. މަންމަމެންނާއެކު ދަރުހޮވަން ދާރަށެވެ. ރަހުމަތް ތެރިންނާއެކު ދޮންމަދާއި ކުރުނބާ ބޯންދާރަށެވެ. ނަމަވެސް ޔަގީންކަން އިތުރުކުރުމުގެ ގޮތުން އޭނާހުރިދިމާ ރަށު ތުނޑިއާއި ދިމާއަށް ބަލާލިއެވެ. ތުނޑިމައްޗަށް ފެރުތިފައި އޮތް ބޮޑުހިޔާގަނޑުގެ މައި ކާނިގަސް އޭނާއަށް އެތައް އުފަލެއް އިހުސާސް ކުރުވިއެވެ. މޫދާދިމާއަށް ލެނބިފައި އޮތްރުކާއި ބޮޑު ކާނިގަސް އެއީ މާމަކުނުދޫ ފަޅުތެރޭގައި އޮތް "ދިއްޕަރުފުށި" ނަމުން ނަންދެވިފައިވާ ފަޅުރަށްކަން ޔަގީންވެއްޖެއެވެ. މިއީ އެމީހުން ކުޑައިރު ދަތުރު އަންނަ ކުޑަކުޑަ ރަށެވެ. ރާކަންޏާއި ބޯވާ ނަގަން އަންނަ ފަޅުތެރެއެވެ. ވެލާބިސްނަގަން ކޮންނަ ގޮޑުދޮށްތަކެވެ. މިހާރު އޭނާ އުންމީދު އާވެއްޖެއެވެ.
ޔައީން ލީޝަންއަށް މިއީ ފަޅުރަށެއްކަމާއި މިއީ ކޮންތަނެއްކަން އަންގައިދިނެވެ. މިތަނުން ސަލާމަތްވާނެ ގޮތުގެ މަޝްވަރާވެސް ދިނެވެ. ސަލާމަތްވުމަށް ދަތުރުފެށުމަށް އަވަހަށް މަސައްކަތް ފެށުނެވެ.
އޭނާ ވަށައިގެން ހޯދާލީ އެމީހުންގެ ލޯންޗް ފެނޭތޯއެވެ. ރިތުން ކަނބައިގެންވެސް ފަޅުތެރެއާއި ވީފަރާތުން ސަލާމަތްކަމާއެކު އެމީހުންނަށް މަކުނުދުއަށް ދެވިދާނެތީއެވެ. އެމީހުންގެ ނަސީބު ރަނގަޅުކަމުން ބަޔަކު ދަތުރު އައިސްފައިވާ ތަނަކުން މުށްގަނޑު ހަލާކުވެފައިވާ ވަޅިއަކާއި ކަންއިއްޔެއްލިބުނެވެ. އެދެމީހުން ރުކަކުން ކުރުނބާ އަޅާ ގައިގާ ވަރުޖެހުމުން އެމީހުން އައި ލޯންޗް ފެނޭތޯ މަސައްކަތް ކުރިއެވެ. އެގޮތުން މުޅި ރަށުގައި އެދެމީހުން ހިނގިއެވެ.
އިރު އޭގެ ދައުރު އަދާކުރަމުން މެންދުރުފަހަށް ތަންދީފިއެވެ. އެމީހުންގެ މަސައްކަތަށް ކުޑަވެސް އަލިކަމެއް ނުފެނެއެވެ. ލޯންޗްގެ އެއްވެސް އަސަރެއްވެސް ފެންނާކަށް ނެތެވެ. އެދެމީހުން މާޔޫސްކަމާއެކީ މޫދާ ދިމާއަށް ލެނބިފައި އޮތް ކާނި ގަސްދޮށުގައި އިށީނދެލައިގެން ތިއްބެވެ.
"ދެން ކިހިނެއްހަދާނީ. މިރޭވެސް ތިބެންޖެހޭނީ މިރަށުގައިތަ؟"
"ދެވޭނެ ގޮތެއް ނެތިއްޔާ ތިބެންޖެހޭނީ މިރަށުގައި."
"މީ ކަލެއާއި ހެދި ވާގޮތް. ދުއްވަން ނޭނގުނަސް ވެއްޖެ ލޯންޗް ދުއްވަން. ކީއްކުރަން ކޮންމެހެން މަ އެ އޮފީހުން ނެރުނީކީ. ކޮންމެވެސް ގޮތަކުން އެތަނުން ސަލާމަތްވެދާނެވިއްޔަ." ބިރުގަތުމާއި ހާސްވުމުގެ ސަބަބުން ލީޝަންވަނީ ހާސްވެފައެވެ. ނަމަވެސް މިފަހަރު ޔައީން އެއްވެސް އެއްޗެއް ނުބުނެއެވެ. ދުވަހަކުވެސް މިކަހަލަ ރަށަކަށް އައިސްފައިނުވާ މިއަންހެންކުއްޖާ ވަނީ ބިރުގެންފައިކަން އޭނާއަށް އިހުސާސްކުރެވެއެވެ.
"އަހަރެން މިހާރު ވަރަށް ބަނޑުހައިވެއްޖެ. އެއްޗެއް ކާންދިނީކީވެސް ނޫން. ދެން މިގޮތުގައި ދެމީހުން މަރުވާނީ ކަންނޭނގެ." ލީޝަން ރޯންފެށިއެވެ.
"ލީޝަން ހުއްޓާލާ. ހިނގާ މަށާއެކު." ޔައީން ދިޔައީ ހަދާފައިވާ ކުރުނބާތަކާއި ދިމާއަށެވެ. އެދެމީހުން އަނެއްކާވެސް ކުރުނބާ ބުޔެވެ.
"އަހަރެން އެބައަންނަން."
"ކޮންތާކަށް ތިދަނީ. އަހަރެންނަށް އެކަނި މިތާ ހުންނާކަށް ނުކެރޭނެ."
"އެހެންވީއިރު އާދޭމަށާއެކު." ޔައީން ކަންއިލި ހިފައިގެން ހިގައިގަތެވެ. އޭނާއާ އެކު ލީޝަންވެސް ހިނގައިގަތެވެ. އެދެމީހުން އޮއިމަޑު ތިލަފަޅުން ހިނގާފައި ދިޔައީ ތޮށިކައިރިއަށެވެ. ޔައީން ދިޔައީ ދުވަމުން ދާމަހަކަށް ކަންއިލި ޖެހޭތޯއެވެ. ފަރުމަތީގައި ހިނގަން ބިރުގެންފައިވާ ލީޝަން ޔައީންގެ ޓީޝާޓަކުން ދުލެއްނުކުރެއެވެ.
"ތިގޮތަށް ގައިގާ ހިފެހެއްޓުމުން އަހަރެން މަސް ހިފާނީކިހިނެއް؟ ކޮންމެވެސް އެއްޗެއްލިބޭތޯ ލީޝަންވެސް މަސައްކަތް ކުރަންވީނު."
"އަހަރެން ކިހިނެއްހޯދާނީ."
"މިއޮތީވެސް އެއްޗެއްނު. އޭތި ނަގާބަލަ. އެއީ ވަރަށް މީރުއެއްޗެއް." ބޮޑު ރާކަންޏެއްދައްކަމުން ޔައީން ބުންޏެވެ.
"ޔައީން ނަގާ. އަހަންނަކަށް ނުކެރޭނެ ނަގާކަށް. "
"އެ ކައްޓެއްނުޖަހާނޭ. އެހެންނޫނަސް އެމީހަކު އަމިއްލަ މަސައްކަތުން ކާންޖެހޭ ވަގުތު މިއޮތީ ޖެހިފައި. މަހެއްވެސް ލިބޭނެހެން ހިއެއްނުވޭ." ލީޝަންލައްވާ އެރާކަނި ނަންގަން ޔައީން ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ.
(ނުނިމޭ)
