(30 ނޮވެމްބަރ 2022ގެ ނޫހާއި ގުޅޭ)
ދެމީހުން ކުރުނބާ ބޯންތިބީ ދޮންވެލިގަނޑު މަތީގައެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކާތީ މުޅިތަނަށް ވެރިފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ޖަހާފައި ހުރި އަލިފާންގަނޑުން ފިހުނު މަސް ހިހޫވުމުން ކައިގެން މޫދުން އަތްދޮވުނެވެ. މިހުރިހާ ކަމެއް ކުރިއިރުވެސް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެއަށްފަހުން އެމީހަކަށް ހަމަޖެހިފައިވާ މަގޫފަތްތައްމަތީ އޮށޯތެވެ. ގައިގާ ގަމީހެއް ނެތުމުން ޔައީން ހީކަރުވާނެކަން ލީޝަންއަށް އިހުސާސް ވީ ކީއްވެގެންކަން ނޭނގެއެވެ. އޭނާގެ ނަފުސަށްވުރެ ބޮޑަށް ޔައީނަށް ރަނގަޅުގޮތް ވުމަށް އެދެވެނީ ކީއްވެގެން ކަމެއް ޚުދު އޭނައަކަށް ވެސް ނޭނގުނެވެ. ކުއްލިއަކަށް އޭނާ ތެދުވިއެވެ.
"ހިނގާބަލަ މަށާއެކު." އޭނާ ޔައީނަށް ގޮވާލިއެވެ.
"ކީއްކުރަން. އަނެއްކާ ގެސްޓު ހައުސެއްގައި ނިދާހިތްވަނީތަ؟ ލީޝަންމެން ކަހަލަ މީހުންނަކަށް މިތަންތާކު ނުނިދޭނެ." ޔައީން މަލާމާތް ކޮށްލިއެވެ.
"އެހެރަ ޓީޝާޓުނަގަން." ކައިރީގައި ހުރި ގަހުގައި އަޅުވާފައި ހުރި ޓޮޕު ދައްކާލަމުން ބުންޏެވެ.
ޔައީން އެއްވެސް އެއްޗެކޭ ނުބުނެ ގޮސް އެޓޮޕްގެނެސްދިނެވެ. އޭރުވެސް ލީޝަން ޔައީންގެ ފުރަގަހުގައި ޖައްސާފައި ހުރެއެވެ.
"އެފަރާތަށް އެނބުރޭ. އަހަރެން މި ލާންވެއްޖެ."
"މިހާރު ކީއްކުރަން ތި ބަދަލުކުރަނީ."
"އެހެންނޫނީ ޔައީން އޮންނަން ޖެހޭނީ ހުސްގަޔާނު."
"ދެން ލީޝަނަށް ކީއް."
"އަހަންނަކަށް ކަމެއް ނުވޭ. އަނެއްފަރާތަށް އެނބުރޭ. އަހަރެންގެ ޓޮޕު މިހާރު ހިކިއްޖެ."
"ކޮންމެހެން އަނެއްފަރާތަށް އެނބުރެން މިހާރު ތިބުނަނީ ކީއްވެ؟ ކުރިންވެސް އަހަރެން ހުއްޓައެއްނު ބަދަލު ކުރީ. އަހަރެން ލަދުން ޖެހުނީ އަނެއްފަރާތަށް އެނބުރެން."
"ނޭނބުރޭނަންދޯ. މަށަށް އޯކޭ ނޭނބުރުނަސް. ކޮންމެ ގޮތެއްވިޔަސް އަހަރެން ކަހަލަ ރީތިމީހެއް ކަލެއަކަށް ނުލިބޭނެ. ކަލެއަށް ފެނުނަސް އަހަންނަކަށް މާބޮޑު ގެއްލުމެއްނުވާނެ. ތިއީ މިޒަމާނުގެ ފިރިހެނެއްވެސް ނޫން." އެހެން ހަމަބުނުމާއެކު އޭނާ ޓީޝާޓް މައްޗަށް ހިއްލާލިއެވެ. މިފަހަރުވެސް ދެރަވެގެން އެފަރާތަށް އެނބުރެންޖެހުނީ ޔައީނަށެވެ.
އަނެއްކާވެސް ދެމީހުން ފަތްތައް މަތީ އޮށޯތެވެ. އަބަދުވެސް ޝަކުވާ ކުރަމުންދާ ލީޝަން މިފަހަރު ވަނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. އިރު އޮއްސުނީއްސުރެވެސް އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔާ އަނގަތަޅަމުން ދިޔަ ލީޝަންއަށް ވީގޮތެއް ޔައީނަށް އިހުސާސް ކުރެވުނީއެވެ.
"ކުރުސި ކިޔައިގެން ނިދާތި." އޮށޯވެގެން އޮތް ލީޝަން އާދިމާއަށް ޔައީން ބުނެލިއެވެ.
"ކުރުސިއެއް ނޭނގެ."
"އެހެންވީއިރު އަޑުދޮށުން ކިޔަން އެގޭނެތަ."
ލީޝަން އެއްޗެކޭ ނުބުނުމުން ޔައީން ކުރުސި ކިޔައިދިނެވެ. ކުޑަކުއްޖެއްފަދައިން ލީޝަންވެސް ކުރުސި ކިޔެވެ. ދެމީހުންތިބީ ވަރަށް ވަރުބަލިވެފައެވެ. އެހެންކަމުން އަނދަމުން ދިޔަ އަލިފާން ގަނޑު ނިވެންވާއިރަށް އެދެމީހުންނަށް ނިދިއްޖެއެވެ. މިއީ އެދެމީހުންގެވެސް ނަސީބެވެ. އެހެން ނޫންނަމަ މި ފަޅު ރަށުގައި މި އަނދިރި ކަމުގައި ބިރުން ހަލާކު ވީހެވެ. ކުއްލިއަކަށް ޔައީނަށް ހޭލެވުނީ ލީޝަން ބާރަކަށް ހަޅޭއްލަވައިގަނެ ރޯންފެށުމުންނެވެ.
"ކިހިނެއްވީ." ހާސްކަމާއެކު ޔައީން އެހިއެވެ.
"ކޮންމެވެސް އެއްޗެއް ގަޔަށް އެރީ…." އޭނާ އިގިލި ދިއްކޮށްލަމުން ބުންޏެވެ.
"ސާބަސް…. އެއީ ބަރަވެއްޔެއް…" ޔައީން ބަރަވެލި އެއްލާލަމުން ބުންޏެވެ.
"ލީޝަންގެ ފަތްތައް މަތީ އޮވޭ." ލީޝަން އައިސް ޔައީންގެ މަގޫފަތްތައް މަތީ އޮށޯތުމުން ބުންޏެވެ.
"މަށަށް ރަހުމް ކުރޭ. އެތާ އޮންނާކަށް މަށަކަށް ނުކެރޭނެ. މަށެއް ޔައީން އަކާ ނުބެހޭނަން." ރޮމުން ލީޝަން ވާހަކަ ދެއްކިއެވެ. ގަދަކަމުން ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައީ ލީޝަން އެހެން ބުނުމުންނެވެ. އެންމެފަހުން ޔައީނަށްވެސް ލީޝަން ގާތުގައި އޮވެ ނިދިއްޖެއެވެ. ލީޝަން އޮށޯތީއްސުރެ އޮތީ ލޯމަރައިގެންނެވެ. އޭނާއަކަށް ނުވެއްނިދެއެވެ. ބިރުވެރިކަމާއި ހާސްކަމުން އޭނާގެ ނިދި ވަނީ އެތައް މޭލެއްގެ ދުރުގައެވެ. ކިތަންމެ ނުވިސްނާން ހުއްޓަސް ސިފަވަމުންދަނީ އޭނާ ބެލި ބިރުވެރި ފިލްމްތަކުގެ މަންޒަރުތަކެވެ. ކިތަންމެ މަޖާކަމެއް ހަނދާން ކުރިޔަސް ހަނދާންވަނީ އަޑުއިވިފައި ހުރި ބިރުވެރި ވާހަކަތަކެވެ.
މިގޮތުގައި އޭނާ އޮންނަތާ ހަތަރު ގަޑިއިރު ވެދާނެއެވެ. ބަޔަކު ވާހަކަދައްކާހެންވެސް އޭނާއަށް ހީވެއެވެ. އޭނާ ޔައީންގެ ބިއްދޮށަށްވަނެވެ. އަދި ލޯމަރައިގެން އޮވެ ޔައީންގެ މެއާއި ދިމާގައި ޖެހި ފިތިއްޖެއެވެ. ޔައީން ނިދީގައި މޯޅިއަކަށް ދެމިލާ ބާލީހުގައި ބައްދާލާގޮތަށް ލީޝަންގެ ގައިގާ އެއްއަތުންނާއި އެއްފައިންބައްދާ ލީޝަން އޭނާގެ ގަޔާ ނުހަނު ކައިރި ކޮށްލައިފިއެވެ. ޔައީނަށް އަބަދުވެސް ނަފުރަތުކުރާ ލީޝަން ޔައީންގެ މި އޯގާތެރި ހަރަކާތުން ރައްކާތެރިކަމުގެ އިހުސާސް ކުރެވުނެވެ. އޭނާއަށް މަޑުމަޑުން ހަމަޖެހިލެވުނެވެ. އަދި މަޑުމަޑުން ނިދެންފެށިއެވެ. ދެބަދޭތެރޭގައި ކުއްލިއަކަށް އޭނާއަށް ސިއްސައިގެން ގޮސްފައި ހޭލެވުނީ އެމީހުންނާއި ނުހަނު ގާތުން ބަޔަކު ވާހަކަދައްކާ އަޑުއިވުމުންނެވެ. ބިރުން ތުރުތުރުއަޅާ ލީޝަން ބާރަށް ޔައީން ގައިގާ ވިކާލިއެވެ. އަދި ޔައީން ވާހަކަ ދެއްކުމުގެ ކުރިން ވާހަކަދެއްކިއެވެ.
"އަވަހަށް ތެދުވޭ. ބަޔަކު މިތާ އެބައުޅޭ. އެމީހުން ގާތަށް ދާންހިނގާ. އޭރުން އަހަރެމެން ސަލާމަތްވާނެ."
ޔައީން މަގޫފަތްތައް ހާވާލާ ސިއްރުސިއްރުން ގޮނޑުދޮށަށް ބަލާލިއެވެ. އޭރު ދެމީހަކު ތަންކޮޅެއްދުރުގައި އެމީހުންނަށް ފުރަގަސް ދީގެން ތިއްބާ ފެނުނެވެ.
"އަވަހަށް އާދޭ." ޔައީން އުފަލުން ދާން ނިކުތެވެ.
"ބަލާ… އެމީހާ ކީއް އެކުރަނީ." އޭރު މީހަކު ބޮޑު ކަތިވަޅިއެއްކަހަލަ އެއްޗެއް ހިފަހައްޓައިގެން ހުއްޓެވެ. މި މަންޒަރު ލީޝަންއަށްވެސް ފެނުނެވެ. ޔައީން އަވަހަށް ލީޝަންގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ.
"ޝްޝްޝްޝް… ވާހަކަނުދައްކާ. އާދޭ މިތަނުން ފިލަން. އެމީހުންނަށް އަހަރުމެން ފެނިދާނެ. އެއީ ރަނގަޅު ބައެއްހެންނެއް ހީއެއްނުވޭ." އެމީހުން ގޮސް ބޮޑު ގަހެއްގެ ނިވަލަށް ވަނެވެ. ދެމީހުންވަނީ ބިރުގެންފައެވެ.
"ލާހިކެއްނޫން މިރޭ ސަލާމަތްވާކަށް. މިހާދުރުންވެސް ކަލޯގޮވައިގެން މިފަޅުރަށަށް މިއައީ މަރާލުމުގެ ދަހިވެތިކަމުގައި. ކަލޯގެ މަސްތައް ލެއާއެކު އަންނައިރު ހާދަ އުފަލެއް މަވާނޭ." އެތަނުން މީހަކު ވާހަކަދެއްކިއެވެ.
"މިހުރީ ހުސްލޭ…" ކުއްލިއަކަށް ލީޝަންއަށް ހަޅޭއްލަވައި ގަނެވުނީ އޭނާގެ ފައިގާ ދިޔާ އެއްޗެއް އuނގުޅުމުންނެވެ. އޭނާ ފައިގައި އަތް އުގުޅާފައި ބަލާލެވުނެވެ.
"ޝްޝް… އެމީހުންނަށް އަޑުއިވިދާނެ." ބިރުން ގޮތްހުސްވެފައިވާ ލީޝަން ހަޅޭއްލަވާތީ ޔައީން އޭނާގެ އަނގަމަތީ އަތްއެޅިއެވެ. ޔައީން ބުނާއެއްޗެއް އޭނާއަށް އަޑުވެސް ނީވޭކަހަލައެވެ. އެންމެ ފަހުން ލީޝަން އޭނާގެ ގައިގައި ލައްކޮށްލިއެވެ. އަދި ގުޑާނުލެވޭވަރަށް އޭނާގެ ގަޔާ ކައިރިކޮށްލާ ހައްޔަރު ކޮށްލިއެވެ. މި ކަމުގެ ސަބަބުން ލީޝަން ޔައީނާއި ހައްތަހާ ގާތްވާގޮތްވަނީއެވެ.
"މީހަކު މިތާ އެބައުޅޭ." އެތަނުން މީހަކު ބުންޏެވެ.
"މަށަށްވެސް އަޑުއިވިއްޖެ. އެބަޔަކު ހޯދަން ހިނގާ. އެހެންނޫނީ އަހަރެމެން ފަޅާއަރާފާނެ." އެދެމީހުން އަންނަނީ އަޑު އިވޭ ދިމާއަށެވެ.
ލީޝަންވަނީ ބިރުވެރިކަން އޭގެ އިންތިހާގައެވެ. މުޅިގައިން ދާ ހިއްލާފައެވެ. ދެލޯބޮޑުވެ ހާސްވެފައެވެ. ލީޝަން ތުރުތުރު އެޅުމުގެ ސަބަބުން ޔައީން ހަމްދަރުދީވިއެވެ. އޭނާ ލީޝަން ކުރިއަށްވުރެންވެސް ގާތަށްގެނައެވެ. އެދޭތެރެއަށް ވައިރޯޅިއެއްވެސް ނުވަދެވޭހާ ގާތަށެވެ. ޔައީން ވަނީ ލީޝަން އަށް ރަނގަޅަށް ހަރަކާތެއްވެސް ނުކުރެވޭވަރަށް ގައިގާ ލައްކޮށްލާފައެވެ. އަޑެއްބޭރުވެ އެމީހުން ތިބިތަން ފެނިދާނެތީ ލީޝަން އަނގަމަތީ ބާރަށް އަތްއަޅާ ބަންދުކޮށްފައެވެ.
"މިތިބީ" އެދެމީހުން ފެނިގެން އެތަނުން އެކަކު ބާރަށް ހަޅޭއްލަވައިގަތެވެ.
މިއަޑަށް ޔައީން ލީޝަންގެ އަތުގައި ހިފާ ދުއްވައިގަތެވެ. އެދެމީހުން ދަންވަރުގެ އަނދިރިކަމުގައި ބާރަށް ވަލުތެރޭގައި ދުވިއެވެ. އޭރުވެސް އެދެމީހުން އެމީހުންގެ ފަހަތުން ދުވަނީއެވެ. ކުއްލިއަކަށް ލީޝަން އޭނާގެ އަތުން ދޫވެ ވެއްޓިއްޖެއެވެ.
"ލީޝަން. ތެދުވޭ." ޔައީން އޭނާގެ އަތުގައި ހިފާ ނަގަން އުޅުނެވެ.
"ކުރިންވެސް ފައިގެ ހަލާކުވެފައިވާތަނަށް ވަރަށްބޮޑަށް ތަދުވޭ. ދެން ނުދެވޭނެ. ޔައީންދޭ. އަހަރެންނަށް ނުވިސްނާ. އަހަރެންދެން ސަލާމަތެއް ނުވާނެކަންނޭނގެ. އެކަމަކު ޔައީންގެ ސަލާމަތްކަން ހޯދާ." އޭނާ ޔައީންގެ ގައިގާ އަޅާކޮށްޕާލިއެވެ.
"ނޫން. މިހުރިހާ ވަގުތު ދެމީހުން އެކުއުޅެފައި ދެން ލީޝަން ދޫކޮށްލާނީ ކިހިނެއް؟" ޔައީނަށް ކުއްލިއަކަށް ލީޝަން އެބުނި އެއްޗަކުން ނުހަނު ދެރަވެއްޖެއެވެ. ކޮންމެ ފަހަރަކުވެސް އޭނާ އުޅެނީ ސަލާމަތް ނުވާނެހެން ހީވުމުން ޔައީންގެ ފުރާނަ ސަލާމަތް ކުރެވޭތޯއެވެ.
"ނޫން ލީޝަން. އަހަރެން ލީޝަން ދޫކޮށްލާނީ ކިހިނެއް؟" އޭނާ ލީޝަން އަތްދަޑިމައްޗަށްލާ ގަހެއްގެ ނިވަލަށް ވަދެ ސަލާމަތްކަން ހޯދިއެވެ. މިއީ ބިރުވެރިކަމުގެވެސް އިންތިހާގެ ވަގުތުކޮޅެކެވެ.
ނަމަވެސް ފަހަތުން ދުވަމުން އައި ދެމީހުންނަށް އިސާހިތަކު އެމީހުން ފެނިއްޖެއެވެ. އެތަނުން އެކަކު ޔައީން ހިފެހެއްޓިއެވެ. އަނެކަކު ލީޝަން ހިފެހެއްޓިއެވެ. އެބާރުގަދަ ދެމީހުން އަތުގައި ވަޅި އޮތުމުގެ ސަބަބުން ޔައީނަކަށް ގަދަހަދާކަށް ނުކެރުނެވެ. އެންމެފަހުން އެމީހުން ގޮނޑުގޮށަށް ގެންދިޔައެވެ. އަދި އެމީހުންގެ ސާމާނުތަކުގެ ތެރެއިން ޓޯޗެއްނަގާ ޔައީންމެންގެ މޫނަށް އަލިކޮށްލިއެވެ.
"މުހަންމަދު…. ދޮންބޭ." އަލިކޮށްލި މީހާ ޓޯޗާއި ވަޅިވެސް އެއްލާލާފައި ޔައީން ގައިގައި އޮޅުލައިގަތެވެ. އެއީ އޭނާގެ ކޮއްކޮ ޔައީޝެވެ.
"ކޮއްކޮ… މިރަށުގައި… މީ ކޮންލެއެއް…" މޫނުމަތީ ހުރި ލޭތައް ދައްކާލަމުން ހައިރާންވެފައި ޔައީން ސުވާލު ކުރިއެވެ.
"ދޮންބޭ… މީ ދޮންބެ ހީކުރާކަހަލަ ކަމެއް ނޫނޭ… ބަލާބަލަ.. މީ އަހަރެމެން ކޮންމެ ހަނދުމަހެއްގެ …. މިރަށަށް އަންނަބޭނުން…ބަލާބަލަ….މީ ކިހާ ބޮޑުއެއްޗެއް." ފަޅާލާފައިވާ ބޮޑު ވެލައެއް ދައްކާލަމުން ޔައީޝް ބުންޏެވެ
"ކިހިނެއް… އެނގޭނީ.. މި ކުއްޖާ މިހިރީ ބިރުން ހަލާކުވެފައިވިއްޔަ؟"
"މީ ކޮން އަންހެންކުއްޖެއް. ދޮންބެ މިކުއްޖާއާއެކު މިރަށުގައި ކުރަނީ ކީއް. މިރަށަށް އައީ ކޮންއިރަކު. ކިހިނެއް؟"
ޔައީން ހުރިހާވާހަކައެއް ކިޔައިދިނެވެ. އެހެންކަމުން ވެލާގެ މަސްތައް އަވަހަށް ނެގުމަށްފަހު އެމީހުން ގޮވައިގެން މަކުނުދުއަށް ދާން ދަތުރު ފަށައިފިއެވެ
އެރޭ މަކުނުދޫގައި ތިބުމަށްފަހު ޖެހިގެން އައިދުވަހު އެމީހުން މާލެ ދިޔައެވެ. ޔައީންގެ މަންމަގެ އާދޭހަށްވެސް މަޑުކުރެވެން ނެތްކަމަށް ބުނަމުންނެވެ.
(ނުނިމޭ)
