ޓީމުގެ ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނާ ޕޯޗުގަލް ކުޅުނު ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ފަހު މެޗުގައި ބޮޑު މޮޅެއް ހޯދާ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ފީފާ ވޯލްޑް ކަޕް 2022 ގެ ގަދަ 16 ގައި ސްވިޒަލެންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި، ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ބަދަލުގައި ކުޅެންއެރުވި ގޮންޒާލޯ ރާމޯސްގެ ހެޓްރިކާއެކު ޕޯޗުގަލް ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ޕޯޗުގަލްއިން މި މެޗްގައި ނެރުނު ފުރަތަމަ 11 ގައި ކެޕްޓަން ރޮނާލްޑޯ ހިމަނާފައި ނުވަނީ، އެޓީމުން ގްރޫޕް ސްޓޭޖުގައި ސައުތު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ރޮނާލްޑޯ ބަދަލު ކުރަން ނިންމުމާއެކު އޭނާގެ އަމަލުތައް ހުރިގޮތުން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތަކާހެދިއެވެ. އެއީ އެވަގުތު އޭނާ ދަނޑުން ފައިބަމުން، އަނގަމަތީގައި އިނގިލި އަޅައި، އިތުރަށް ވާހަކަ ނުދެއްކުމަށް އިޝާރާތް ކުރުމުންނެވެ. އެހެންނަމަވެސް ރޮނާލްޑޯ ބުނީ އޭނާ އެ އިޝާރާތްކުރުން އަމާޒުކުރީ ކޯޗާއި ދިމާއަށް ނޫން ކަމަށާއި، އެއީ ސައުތު ކޮރެއާގެ ކުޅުންތެރިއަކަށް އަމާޒުކޮށް ކުރި ކަމެއް ކަމަށެވެ.
އަދި މިއީ 2008 ވަނަ އަހަރަށްފަހު ވޭތުވެދިޔަ 14 އަހަރު ޕޯޗްގަލްއިން ވާދަވެރި ބައިނަލްއަގްވާމީ މުބާރާތެއްގައި ރޮނާލްޑޯއަށް ފުރަތަމަ 11 އިން ޖާގަ ނުދީ ކުޅުނު ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ.
ޕޯޗުގަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމް 6 ލަނޑު، ކާމިޔާބު ކުރިއެވެ. ރާމޯސްގެ އިތުރުން ޕޯޗުގަލްގެ އެހެން ލަނޑުތައް ޖެހީ ޕެޕޭ، ރަފައެލް ގުރޭރޯ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހު ވަގުތު ކުޅެންއެރި ރަފައެލް ލެއާއޯއެވެ. ސްވިޒަލެންޑުގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި އެޓީމަށް ޖަހައިދިނީ މެނުއެލް އަކަންޖީއެވެ. ދެވަނަ ހާފުގައި ރޮނާލްޑޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ.
މި މޮޅާއެކު ޕޯޗުގަލްއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެޓީމުން ކުއާޓާ ފައިނަލުގައި ކުޅޭނީ ސްޕެއިންގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދި މޮރޮކޯއާ ދެކޮޅަށެވެ. މިއީ 2006 ވަނަ އަހަރަށްފަހު ޕޯޗުގަލްއިން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
