ވާހަކަ: ރުކާން – 23

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

ދެދުވަސްވެގެން ދިޔައިރު މިއުވާން ވަނީ ވިސްނާ ވިސްނާ ބަލިވެފައެވެ. އޭނާ އެ ދެދުވަހު އޮފީހަށްވެސް ނުދެއެވެ. ރުކާން ހާސިލް ކުރާނެ ގޮތެއް އޭނާއަށް ވަނީ ނޭނގިފައެވެ. ރުކާނަށް ހުރިހާކަމެއް އޮޅުން ފިލުވައިދޭން އޭނާ ބޭނުންވެއެވެ. ރުކާނަށްޓަކައި އޭނާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. ރުކާން ބޭނުންވަނީ އޭނާ ނިކަމެތި ވާން ކަމުގައި ވަނީނަމަ ހުރިހާ އެއްޗެއް ރުކާނަށް ދޭންވެސް ރުހޭނެއެވެ. އެކަމަކު ރުކާނާއި ނުލާ އޭނާއަކަށް ނޫޅެވޭނެއެވެ.

"މިރޭ އެއަންހެން ކުއްޖާ އެގެއިން ދާނެ. އެކުއްޖާއަށް ހުޅުމާލޭގައި ހުރި ގެ އަދި ހަމަޖެހެން ތިންމަސް ވަރުވާނެ." އޮފީހަށް ނުދިޔުމުން ވަކީލު ގެއަށް އައިސްފައި ބުންޏެވެ.

"އޭނާ ދަނީ ކޮންތާކަށް؟"

"ބުނީ ރަށަކަށް ނުދާނަމޯ. ގެ ހަމަޖެހެންދެން ކޮންމެވެސް ތަނަކަށް ދަނިއްޔޯ. މިތަނުގައި ހުރުމުން ބައެއްގެ ވިޔަފާރިއަށް ހުރަސް އެޅޭކަށް ނޭދެމޯ." މިއުވާން އިތުރު އެއްޗެކޭ ނުބުނުމުން ވަކީލު ބޭރަށް ނިކުތެވެ. ގޮތް ހުސްވެފައިވާ މިއުވާން ރުކާން ގެއްލި ދާނެތީ ބިރުގަނެއެވެ. އެއްފަހަރު އޭނާއަށް ރުކާން ގެއްލިއްޖެއެވެ. އޭގެ ސަބަބުން އޭނާއަށް ވަނީ އެތައް ހިތާމައަކާއި ކެކުޅުމެއް ތަހައްމަލު ކުރަން ޖެހިފައެވެ. ދެވަނަ ފަހަރަށް ރުކާން ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ.

މިއުވާން އަވަސް އަވަހަށް ތައްޔާރު ވެލިއެވެ. ސައިކަލަށް އަރާ ސީދާ އެގެއަށް މިސްރާބު ޖެހިއެވެ. އެއްގޮތަކަށްވެސް ރުކާން ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ މިރޭ ހުރިހާ ވާހަކައެއް ރުކާނަށް ކިޔައިދޭނެއެވެ. އަވަސްއަވަހަށް ގޯތިތެރެއަށް ވަނެވެ. އަނދިރި ގޯތިތެރެއަށް ވަނީ މަރުގެ ހިމޭންކަން ފެތުރިފައެވެ.

 

މިއުވާން ބާރު ހިނގުމެއްގައި ގޮސް ތަޅުގައި ހިފިއެވެ.  ދޮރުހުރީ ތަޅުލާފައެވެ. އޭނާ ދެފަހަރަކު ބެލްޖަހާލިއެވެ. ނަމަވެސް ބެލްހުރީ ހަލާކުވެފައިކަން އެނގުމުން ދޮރުގައި ޓަކިޖެހިއެވެ. ގޭތެރެއިން ޚަބަރެއް ނުވެއެވެ. އެނބުރި ގޮސް ސައިކަލަށް އަރާފައިވެސް ދާހިތެއްނުވިއެވެ. އަނެއްކާވެސް ދޮރުކައިރިއަށް ހުއްޓިލިއެވެ. މިފަދަ ކަމެއް ކުރަން އޭނާ ހިތަށް އެރީތީ ޖެހިލުން ވިއެވެ. ނަމަވެސް އާދަޔާ ޚިލާފު ބިރުވެރި އިހުސާސްތަކެއް އޭނާގެ ވިސްނުން ބޭނުން ކުރަން މަޖުބޫރު ކުރުވައިފިއެވެ.

ގޭގެ ޑަބަލު ތަޅުދަނޑި ނަގާ އޭނާ ދޮރު ހުޅުވާލިއެވެ. ގޭތެރެއަށް ބަލާލިއެވެ. އަބަދުވެސް ތަރުތީބު ސިޓިންރޫމުގައި ހުރި އެއްޗިހި ވަނީ ވެއްޓި ތަރުތީބު ގެއްލިފައެވެ. ސިޓިންރޫމުގައި ވަނީ ނިދާ ބޮކީގެ އަލިކަމެވެ. ކޮންމެވެސް ކަމެއް ހިނގައިފިކަމަށް އޭނާގެ ހަވަނަ ހިއްސު ބުނަން ފަށައިފިއެވެ. އޭނާ ދުވެފައި ކޮޓަރިތައް ބަލަން ފަށައިފިއެވެ. ކޮންމެވެސް ކޮޓަރިއަކުން ރުކާން ރޯ ކަހަލަ އަޑެއް އިވުނެވެ. އޭނާ އެދިމާއަށް ދުއްވައިގަތެވެ.

އޭރު ފިރިހެނަކު ރުކާންގެ ދެއަތް ފުރަގަހަށް ލައިގެން ހިފަހައްޓައިގެން  ހުއްޓެވެ. އެމީހާގެ އަނެއް އަތުން ރުކާންގެ މޫނުގައި ފިރުމަމުން ދެއެވެ. މިއުވާން އެއީ ކާކުތޯ ބަލަން މަޑުކޮށްލިއެވެ.

"ރުކާނަކަށް ނޭނގޭތަ؟ ރުކާން ހޯދަން ހާދަމަސައްކަތެއް އަހަރެން ކުރީމޭ. އެރޭ ރުކާންގެ ހެދުން ލައިގެން ނާސިހާއަށް އާދެވުނީ މަގޭ ކުރިމައްޗަށް. އަހަރެން ވަރަށް އެހިން ރުކާން ކޮބައިތޯ. އޭނާ ހުރީ ބުނާގޮތް ހަދާކަށްނޫން."

"އެހެންވެދޯ ކަލޭ އޭނާއަށް ބެހުނީ." ރުކާނަށް އެއްވެސް އެއްޗެއް ނޭނގެއެވެ. އެކަމަކު އެއީ ސައުކަތުގެ މިޒާޖުގައި ވާކަމެއް ކަމަށްވާތީ ރުކާން ބުނެލީއެވެ.

"އެއީ އެހެން ކުރިމެއްނޫން. އަހަރެން ނާސިހާއަކަށް އެއްވެސް ޝައުގުވެރިކަމެއް ނުހުރޭ." ސައުކަތު އެއްބަސްވިއެވެ.

"ދެންކީއްވެ އޭނާއަށް އެހާބޮޑު އަނިޔާއެއް ދިނީ." ރުކާން ބާރަށް ރޮއިގަތެވެ.

"އަހަރެން ހުރިހާވެސް ކަމެއް ކުރީ ހަމައެކަނި އެރޭ. ރުކާން ފުރައިގެން ދިޔަރޭ. މަށަށް އޭނާ އަތުޖެހުނީ ސަހަރާ ކައިރިން. އަހަރެން އޭނާ ދަމާފައި ސަހަރާއަށް ގެންދިޔައީ. ކުރިކަމެއް ކުރީ އެރޭ އެކަނި. ކުރިންވެސް ރުކާން ދިޔަތަނެއް ބުނިނަމަ…."

"އޭނާއެއް ނުބުނާނެ. އެހެންވެ ކަލޭ އޭނާ މަރާލީ." ރުކާނަށް ގިސްލެވެއެވެ.

"އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވީ."

"އޭނާ މަރާލީ. އެންމެ ފަހަރަކު އަނިޔާކޮށްގެން މަރުވާވަރަށްވުރެ އޭނާ މާ ހިތްވަރުގަދަވާނެ. ކަލޭ ހަމަ ނާސިހާ މަރާލީ." ރުކާން ބާރަށް ރޮނީއެވެ. މިއުވާނަކަށް މިއަޑުތައް އަހާކަށް ކެތެއްނުކުރެވުނެވެ. އެ ނުބައި ސައުކަތު އޭނާގެ އަންހެނުން ފެންނަ ހިސާބަށް އަޔަސް އޭނާ ރުޅިއާދެއެވެ.

"ގޮތްކުޑަ އިބިލީސް. މި ސިފަހުތުރު ދެޔޯ އަނެއްކާ އައީދޯ." ރުޅި އައިސްފައިވާ މިއުވާން ސިންގާއެއް ފަދައިން ސައުކަތާއި ދިމާއަށް ޖެހިގަތެވެ.

"ރުކާނާއި ދިމާއަށް ދުވަހަކުވެސް ބަލާލަން ނުކެރޭ ވަރަށް އަނެއްލޯވެސް ދުއްވާލަންވީ. އަވަރު މީހާގަނޑު." މިއުވާން އަނެއްކާވެސް އެމީހާގެ ބޮލުގައި ޖެހިއެވެ.

"ދޫކުރޭ. މީ މާރަނގަޅު އަންހެނެއް ނޫން. ކަލޭގެ މަންމަގެ ހުރިހާ މުދަލެއް ޖަހައިގަނެގެން ހުރި މިއަންހެނަކީ އަހަރެންގެ އަންހެނުން." ސައުކަތު ދޮގުހެދިއެވެ.

"މަށަށް ވަރިހަމަ ކަލޭ އަނތްބަކަސް. އޭނާ ފުރަތަމަ ވީ މަގޭ އަނތްބަކަށް. މަށެއް އަދި އޭނާއެއް ވަރިއެއް ނުކުރަމޭ. ކަލެއަށް ނޭނގޭތަ މަފެނުނީމަވެސް . މަމީ ކުރީ ފަހަރުވެސް އެކުއްޖާއަށް ގޮތް ހަދަނިކޮށް ކަލޭ މަރާލަން އުޅުނު މިއުވާން. މިއަދު ކަލޭ ރަނގަޅަށްވެސް ޖެލީއަށް ވަންދެން ތަޅާނަން. މިއަދު ކަލޭ ހިމުން ވަންދެން ތެޅިއަސް ސަލާމަތްކުރަން އެކަކުވެސް ނާންނާނެ." މިއުވާން ވަނީ ރުޅި އައިސްގެން ސައުކަތު މަރާލާ ހިސާބަށް ގޮސްފައެވެ. އޭނާ އަތުގައި އެވަގުތު ޖެހުނު މާޖަހާ މުށިގަނޑަކުން ސައުކަތު ބޮލުގައި ޖެހިއެވެ. ދެތިން ހަތަރު ފަހަރަކު ސައުކަތު ގައިގާ މިއުވާން ޖެހުމުން ސައުކަތު ވެއްޓުނެވެ.

"ނޫން. އެހެން ނުހަދާ." ހާސްވެފައި ހުރި ރުކާން  ބިރުން ތުރުތުރު އަޅައެވެ.

"ނޫން. މިރޭ މީތި ދުވަހަކުވެސް ނުހިނގޭވަރަށް ތަޅާނަން. މިކަހަލަ އެއްޗިހިން ވީ ދުވަސް ދުއްވާލަން. އެދުވަހުވެސް ތަޅާ ނުހިނގޭ ވަރު ކުރިނަމަ މިއަދު ރުކާން ގާތަކަށް އޭނާއަކަށް ނާދެވުނީސް. " މިއުވާން އެމީހާގެ ބަނޑުގައި ފައިން ޖެހިއެވެ. އަދި ދެފަހަރަކު ތަޅައިގެން ގޮސްފައިވާ މުށިގަނޑުން ބޮލުގައި ޖެހިއެވެ. މިއުވާން ވަނީ އިންތިހާއަށް ރުޅިއައިސްފައެވެ.

"އަހަރެން ކަލޭ މަރާލާނަން. ކަލޭ ދިރިއުޅެން ދޫކޮށެއް ނުލާނަން." އަދިވެސް އޭނާ ތަޅަނީއެވެ. އޭރު ސައުކަތުގެ ގައިން ލޭ ފައިބަމުން ދެއެވެ. އެވަގުތު ސައުކަތު ބޮލުން ވެސް ލޭ އަންނަން ފަށައިފިއެވެ. ރުޅިއައިސް ފައިވާ މިއުވާނަށް ހެދޭ ނުހެދޭއެއްވެސް ނޭނގެއެވެ.

ބިރުގެންފައިވާ ރުކާނަކަށް  އެމަންޒަރު ބަލާކަށް ނުކެރުނެވެ. އޭނާ ބާރަށް ހަޅޭއް ލަވައިގަތެވެ. އެއާއެކު އަނބުރައި ގަނެގެން ވެއްޓުނެވެ. މިއުވާނަށް ރުކާން ވެއްޓޭތަން ފެނުމުން މުށިގަނޑު އެއްލާ ލެވުނެވެ. އަދި އަވަހަށް ރުކާން ގާތަށް ދިޔައެވެ. އޭނާ އަވަހަށް ޕޮލިހަށް ގުޅާ އެ ހާދިސާގެ ޚަބަރު ދިނެވެ. އަދި އެއްބިއުލެންސަށް ގުޅާ ރުކާން ހޮސްޕިޓަލަށް ގެންދިޔައެވެ.

 

އިމަޖެންސީ ކޮޓަރީގެ ދޮރުމަތީގައި މިއުވާން ހިނގާލަ ހިނގާލަ  ހުއްޓެވެ. ސައުކަތުވަނީ ރުކާނަށް ވަރަށް ގެއްލުން ދީފައިކަން މިއުވާނަށް އެނގެއެވެ. އަދި އޭނާއާއި ނުހަނު ގާތްކޮށް އުޅުނު ނާސިހާއަށްވެސް އޭނާވަނީ ކޮންމެވެސް ކަމެއް ކޮށްފައިކަން އެނގުނެވެ. ނަމަވެސް ހިތާމައަކީ ނާސިހާ މަރުވެފައި ވުމެވެ. ޑޮކްޓަރު ނިކުމެގެން އަންނަތަން މިއުވާނަށް ފެނުނެވެ.

"އެއީ އަޅުގަނޑުގެ އަންހެނުން. މިހާރު އޭނާ ކިހިނެއްތޯ؟" ޑޮކްޓަރަކީ މިއުވާން ދަންނަ މީހެކެވެ.

"އޭނާއަކަށް އެއްވެސް ގެއްލުމެއް ނުލިބޭ. މާބަނޑުއިރު މާބޮޑަށް ހާސްވީމާވެސް އަނބުރައިގެންފާނެ." ޑޮކްޓަރު ވާހަކަ ދެއްކީ މިއުވާނާއެވެ.

"އޭނާ ބަނޑުބޮޑު ތޯ؟" ޔަގީން ނުވާތީ މިއުވާން އެހިއެވެ.

"އާދެ. އެނގި ނުލައްވާތޯ. މިހާރުވަނީ ހަތަރުމަސް ފުރިފައި. މިދުވަސްކޮޅު ވަރަށް އަޅާލުން މުހިންމު." ޑޮކްޓަރު އެތެރެއަށް ދިޔައީ މިއުވާން ސިއްސުވާލާ ޚަބަރެއް ދީފައެވެ.

ރުކާން ބޭއްވުނީ އަންހެނުންގެ ޚާއްޞަ ބައިގައެވެ. ޑޮކްޓަރުގެ ވާހަކައިންނާއި ރިޕޯޓްތަކުން އެނގުނީ ހަތަރު މަހުގެ ކުއްޖެއް ރުކާންގެ ބަނޑުގައި ވާކަމެވެ. ރުކާން މާބަޑުވީއެވެ. މިއުވާނަށް މިކަން ގަބޫލު ނުކުރެވުނަސް މެޑިކަލް ސައިންސްގެ ހުރިހާ އެއްޗެއް ދޮގު ނުވާނެކަން އޭނާއަށް ޖެހުނީ ގަބޫލު ކުރާށެވެ.

އެހެންވީއިރު ސައުކަތު އެބުނީ ތެދު ވާހަކައެއް ބާވައެވެ؟ ރުކާން ސައުކަތާއި އިނީބާވައެވެ؟ އެކަމަކު ރުކާނަށް ސައުކަތާއި ކައިވެނި ކުރެވޭނީ ކިހިނެއްހެއްޔެވެ؟ އޭނާ އަދި ރުކާން ވަރިއެއް ނުކުރެއެވެ. އަދިވެސް އޭނާ ހުރީ ރުކާންގެ ފިރިއެއްގެ ގޮތުގައެވެ. އޭނާ ރުކާނަކަށް ބޭވަފާތެރިއެއް ނުވެއެވެ. މިއުވާން މަޑުމަޑުން ރުކާން އޮތް އެނދާއި ދިމާއަށް ދިޔައެވެ.

 

މީގެ ކުޑަ އިރުކޮޅެއް ކުރިން ހޭއެރި ރުކާން އޮތީ ލޯ މަރާލައިގެންނެވެ. މި ހުރިހާ ދުވަހު އަލީގެ ނަމުގައި އޭނާގެ ކުރިމަތީގައި މިއުޅުނީ މިއުވާނެވެ. މިއުވާނަށް މިހާރު އޭނާ ނަފުރަތު ކުރާނެވަރު އެނގޭނެއެވެ. އެއީ އެއްވެސް ރަހުމެއްނެތް އިންސާނެކެވެ. ނުހަނު ނިކަމެތި ހާލުގައި ވަނިކޮށް އޮޅުވާލައިގެން ކައިވެނިކޮށް ކައިވެންޏަށް ސައުވީސް ގަޑިއިރުވެސް ނުވަނީސް އޭނާ ދޫކޮށްލާފައި ދިޔަގޮތަށް އޭނާ އެއުޅެނީ ކޮންފަދަ އުފަލެއްގައިހެއްޔެވެ؟ އެފަދަ މީހެއްދެކެ ލޯބި ވެވުނީތީވެސް އޭނާ ރުޅިއާދެއެވެ.

ނަމަވެސް އެއީ އޭނާގެ ހާލުގައި ޖެހުނު ދުވަހު އޭނާ އަށް ހެޔޮކަށްހިތި ނަސީމާގެ ހަމައެކަނި ދަރިފުޅެވެ. އޭނާއަށް ނަސީމާއާއި ދެކޮޅު ވޭވޭނީ ކިހިނެއް ހެއްޔެވެ؟ ބަދަލު ހިފުމުގެ ވިސްނުން ކުރިއަށް ގެންދާނީ ކިހިނެއް  ހެއްޔެވެ؟

މީހެއްގެ ހިލަންވެގެން ރުކާން ލޯހުޅުވާލިއެވެ. އޭރު އޭނާގެ އެނދުގެ އެއްފަރާތުގައި މިއުވާން އިށީނދެލިއެވެ. ރުކާން މިއުވާނާއި ކުރިމަތި ލާކަށް ބޭނުމެއް ނޫނެވެ. އޭނާ އަނެއް ފަރާތަށް އެނބުރިލިއެވެ.

"ދެން ތިއައީ ކީއްކުރަން؟" ވޯޑުގައި މީހުން ގިނަކަމުން ރުކާން ރުޅިއައިސްފައި ހުރިނަމަވެސް ވާހަކަ ދެއްކީ މަޑުންނެވެ.

"ރުކާން. އަހަރެން ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުން." މިއުވާން ވަނީ ވަރަށް ދެރަ ވެފައެވެ.

"އަހަރެންނަށް މިހާރު މިއުވާން ދަސްވެއްޖެ. އަހަރެންގެ ލޯމަތިން ދުރަށްދޭ. ކުރިންވެސް ދިޔަގޮތަށް." ރުކާން އަނެއް ފަރާތަށް އެނބުރުނު ގޮތަށް އޮތެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދެއެވެ.

މުޅި ވޯޑަށް ފެތުރިފައިވަނީ ހަމަހިމޭން ކަމެވެ. އެދެމީހުންގެ މެދުގައި ބަސްހުއްޓިފައިވާ ވާކަހަލައެވެ. ފަށަންވީ ކިހާ ހިސާބަކުން ކަމެއް އެކަކަށްވެސް ނޭނގެއެވެ. މިއުވާން ރުކާންގެ އަތުގައި ހިފާލިއެވެ. ފުންނޭވާއެއް ލިއެވެ. ރުކާންގެ އަތް އޭނާގެ ތުންފަތުގައި ޖައްސާލިއެވެ.

"ރުކާން. ރުކާން ބަނޑު ބޮޑުވާހަކަ ނުބުނީ ކީއްވެ؟" މިއުވާންވެސް އެތައް ޝަކުވާއެއް ކުރަން ބޭނުންވެއެވެ. ރުކާން ދިޔައީ ކޮންތާކަށްތޯ ބަލަން ބޭނުންވެއެވެ. އޭނާ ބަނޑުގައި އެވަނީ ކާކު ދަރިއެއްތޯ ބަލަން ބޭނުންވެއެވެ.

" އަހަރެން ބަނޑު ބޮޑޭ ބުނީ ކާކު؟ އަހަރެން ބަނޑު ބޮޑެއްނޫން." ސިހިފައި ރުކާން އަތްދަމައިގަތެވެ. އޭނާ މިއުވާނާއި ދިމާއަށް އެނބުރުނެވެ. މިއުވާން މިދިން ޚަބަރަކުން ވާހަކަ ނުދައްކާ ހުރެވޭ ގޮތެއްވެސް ނުވިއެވެ.

(ނުނިމޭ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *