ވާހަކަ: ރުކާން – 24

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

"ޑޮކްޓަރުގެ ހުރިހާ ރިޕޯޓެއް ދައްކަނީ ރުކާން ބަނޑު ބޮޑުކަމަށް. މިހާރު ހަތަރު މަސްވެސް ވެއްޖެ." މިއުވާން ވަނީ ފެންކަޅިވެފައެވެ.

"ނޫން.. އަހަރެން ބަނޑު ބޮޑެއް ނުވާނެ… އެއީ ދޮގެއް." ރުކާން ލޮލުން ހޯސްލާފައި ފެންތައް ފައިބައިގަތެވެ. އޭނާއަށް އެކަން ނޭނގޭކަން މިއުވާނަށް ޔަގީން ކުރެވިއްޖެއެވެ.

"ރުކާން… ތީ ކާކު ދަރިއެއް… " މިއުވާން ރުކާން އަތުގައި އަނެއްކާވެސް ހިފާލިއެވެ. އަދި އެއަތަށް ބާރަށް ފިތާލިއެވެ.

"ކީއްވެ… ކީއްވެ އަހަރެންނަށް މިކަންތައްތަކުން ސަލާމަތް ނުވެގެން މިއުޅެނީ؟ ކީއްވެތަ އަހަރެންނަށް މިހެން ދިމާވަނީ؟ މިއުވާން… ކީއްވެ އަހަރެން ދޫކޮށްލާފަ ދިޔައީ؟" ގިސްލަމުން ވާހަކަ ދައްކަމުން ދިޔައެވެ. ރުކާން އޭނާގެ އަތުގައި ހިފާފައިވާ މިއުވާންގެ އަތް އުފުލާލިއެވެ. އަދި އޭނާގެ ކޮލުގައި ޖައްސާލިއެވެ. އޭނާއަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ. އެހެންކަމުން މިހުރިހާ ދުވަހު ބަދަލު ހިފުމަށް ތަރުބިއްޔަތު ކުރަމުން އައި ނަފްސު މިއުވާންގެ ކުރިމަތީގައި ބަލިކަށި ވެއްޖެއެވެ. އޭނާގެ އޯގާތެރިކަމަށް އެދެވެން ފަށައިފިއެވެ.

"ރުކާން.. އަހަރެން މިހުރީ މިހާރު ރުކާނުގެ ގާތުގައި. ދެން ދުވަހަކުވެސް ރުކާން ދޫކޮށްފައެއް ނުދާނަން. ތިއީ ކިހިނެއްވީ ކަމެއް؟" މިއުވާނަށް ވާހަކަ ދެއްކެނީ އުނދަގުލުންނެވެ. ހިތަށް އަރާ އެއްޗެއްސަށްވުރެ ދުލަށް ގެނެވޭ ބަސް ބުނެލަން އުނދަގޫ ވެއްޖެއެވެ. މިއުވާން ވަނީ އެކަންތައް އޮޅުން ފިލުވަން ބޭނުން ވެފައެވެ.  ރުކާން ކޮންމެ ހާލެއްގައިވެސް އޭނާ ބޭނުންވެއެވެ. އެކަމަކު އޭގެ ކުރިން އެއީ ކިހިނެއް ވީކަމެއްތޯ ބަލަން ބޭނުންވެއެވެ.

"އެއީ…އެއީ ސައުކަތުގެ ދަރިއެއް. ކީއްކުރަން މިއުވާން އޮޅުން ފިލުވަނީ. އަހަރެންނަކާ މިއުވާނަކާ މިހާރު އެއްވެސް ގުޅުމެއްނެތް." އޭނާ މިއުވާންގެ އަތް ފޮޅާލިއެވެ. މިއުވާން ކަންތައް ކުރިގޮތް ހަނދާން ވުމުންނެވެ.

"މިއުވާން މިތަނުން ދޭ." ކުއްލިއަކަށް މިއުވާން އޭނާ ދޫކޮށްލުމުން އުޅުނު ހާލާއި ސައުކަތުގެ މަޅީގައި ޖެހުނުގޮތް އޭނާ ހަނދާންވުމުން މިހުރިހާ ދުވަހު އަނދަމުން ދިޔަ ނަފުރަތުގެ އަލިފާންގަނޑު ހުޅުފަޅައިގެން ދިޔައެވެ.

"ރުކާން….އެއީ…. އެއީ ކިހިނެއް… ކީއްވެ ސައުކަތުގެ ދަރިއަކަށް ރުކާން ބަލިވެ އިންނަންވީ؟ ތިއީ އަހަރެންގެ އަނބިމީހާނު." މިއުވާން ދުރުގައި ހުރެ ބުންޏެވެ. އޭނާ އެހެންބުނަން ޖެހިލުންވިއެވެ.

"މިހާރުތަ އަނބިމީހާކަން އެނގުނީ؟ މިހުރިހާ ދުވަހު އަނބިމީހާ ކޮބާ؟ ދުރަށްދޭ. އަހަރެން ގާތަށް ދެން ނާންނާތި." ރުކާން މޫނުމަތީ ބާލީސް އަޅާ މޫނު ނިވާކޮށްލިއެވެ. މިއުވާންގެ އެއްވެސް ބަހަކަށް ޖަވާބު ނުދޭން ނިންމިއެވެ. މިއުވާނު ރުކާނަށް ބަލާލިއެވެ. ނަމަވެސް ރުކާންގެ ފަރާތަކުން ދެން އެއްވެސް ޖަވާބެއް ނުލިބޭނެކަން އޭނާއަށް އެނގުނެވެ.  ހިތާމަޔާ މޮޅިވެރިކަން މަތީ އޭނާ ނިކުމެގެން ދިޔައީއެވެ.

 

މިއުވާން ގެއަށް ދިޔުމާއެކު އޭނާގެވެސް އަދި މިހާރު ރުކާންގެ ވަކީލަށް ގުޅިއެވެ. އެވަކީލަކީ އޭނާ ކުޑައިރުން ފެށިގެންވެސް އޭނާގެ އާއިލާގައި ހަރަކާތް ތެރިވަމުން ދިޔަ މީހެކެވެ. އަދި އެއީ އޭނާގެ މަންމަގެ ގާތް ރަހުމަތްތެރިއެކެވެ. ވަކީލު ފައިދާހުރި އެތައް ނަސޭހަތެއް އޭނާއަށްދީ އޭގެ ފައިދާ ކޮށްފައިވެއެވެ. އެހެންކަމުން މިފަހަރުވެސް އޭނާ ވަކީލާ މަޝްވަރާ ކޮށްލީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު މަގުސަދާމެދުގައެވެ.

"އެއީ އަހަރެން މިހުރިހާ ދުވަހު ހޯދަމުން ދިޔަ އަންހެން ކުއްޖާ. އަހަރެންގެ އަނބިމީހާ."

"ތި އަންހެން ކުއްޖާގެ ވާހަކަ އަޅުގަނޑަށް އެނގޭ"

"ކޮން ވާހަކައެއް؟"

"މިއުވާން އޭނާއާއި ކައިވެނި ކުރެއްވި ވާހަކަ. އެކައިވެންޏަކީ މިއުވާން ރާވައިގެން ކޮންމެވެސް މީހަކާއި ޖަދަލުކުރައްވަން ކުރެއްވި ކައިވެންޏެއްކަން. އޭގެ އަނެއްދުވަހު ފުރުއްވި ވާހަކަ. ދެން ލަންކާއަށް ދުރުވި ވާހަކަ. އޭގެފަހުން ޚަބަރެއް ނުވި ވާހަކަ."

"ތީ ތެދު ވާހަކަތަކެއް ނަމަވެސް ތި ހާމަކުރީ މުޅިންވެސް ގޯސްގޮތަށް."

"ރަނގަޅު. އަޅުގަނޑަށްވުރެ ބޮޑަށް މިއުވާންގެ ޚަބަރު އޮޅުން ފިލާނެ އެހެންމީހެއްނެތް." ވަކީލު ބުންޏެވެ.

ކިހިނެއް ރުކާންގެ ތި ހުރިހާކަމެއް އެނގުނީ؟" މިއުވާން ތެދުވިއެވެ. ކޮޓަރީގައި ދިއްލާފައިވަނީ ފަނޑު އައްޔެކެވެ. މުޅި ތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ.

"މިއުވާންގެ މަންމައަށް އެކުއްޖާވަނީ ހުރިހާ އެއްޗެއް ކިޔައިދީފައި. އެކުއްޖާއަކަށް އެއީ މިއުވާންގެ މަންމަ ކަމެއް ނޭނގޭ."

"އެހެންވީއިރު މަރުވުމުގެ ކުރީން މަންމަ އެކޮށްދިނީ ވަރަށް ރަނގަޅުކަމެއް."

"މަންމަ ބަލިވީފަހުން މިއުވާންގެ ވާހަކަ ވަރަށް ދެއްކި."

"އެއީ މިދުނިޔޭގައިވެސް އަހަރެން އެންމެ ލޯބިވާ ކުއްޖާ. އަހަރެން އޭނާ ފެނޭތޯ ވަރަށް ބެލިން. އެކަމަކު ދިޔަތަނެއް ނޭނގުނު. އޭނާވަނީ މިހާރު އެހެން މީހެއްގެ ދަރިއަކަށް ބަނޑު ބޮޑުވެފައި."

"އެއީ ސައުކަތުގެ ދަރިއަކަށް. މިއުވާން އޭނާ ދޫކޮށްލުމުން އޭނާގެ މަންމައާއި އެކު ވަރަށް ނިކަމެތި ހާލެއްގައި އުޅުނީ. ކުރިން އޭނާ މަސައްކަތް ކުރި ގެއިންވެސް އޭނާއަކަށް އެހީއެއްނުވި. އެއްރޭ އެދެމައިން ނިދާފައި ތިއްބާ އޭނާގެ ގެމައްޗަށް ބަނބުކެޔޮގަސް ވެއްޓުނީ. މަންމަ ގަޔަށް ވެސް ބަނބުކެޔޮ ގަހުގެ އޮފިގަނޑު އޮތީ އަރާފައި. ވަގުތުން މަންމަ ނިޔާވީ. ދެން ވަންނާނެ ތަނެއް ނެތިގެން ނާސިހާ ގެންދިޔައީ. ދެންވެސް  އޭނައަކަށް އެގެއަކު ނުހުރެވުނު ނާސިހާގެ މަންމަ ނުލަފާކަމުން. އެންމެފަހުން އެނޫން ގޮތެއް ނެތިގެން ސައުކަތު ގާތަށް ދިޔައީ ބޯހިޔާވަހި ކަމެއްލިބޭތޯ." ވަކީލު ކުރިއަށް ގެންދިޔައެވެ.

"އޭނާ އާއި ރުކާން ކައިވެނި ކުރީތަ؟" މިއުވާން އިށީނދެލިއެވެ. އަދި ޝައުގުވެރިކަމާއިއެކު ވަކީލަށް ބަލަން ހުއްޓެވެ.

"ނޫން. އޭނާ ރުކާނަށް އެގެއިން ބޯހިޔާވަހިކަން ދިން. އެކަމަކު……….." އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ.

"ކިހިނެއްވީ؟" މިއުވާން ހުރީ ބިރުގެންފައެވެ.

" އޭނާ  ރުކާނަށް ނޭނގޭގޮތަށް ރުކާން ނިދާފައި……….." އޭނާ މާނޭވާއެއް ލިއެވެ. އަދި މިއުވާންގެ މޫނަށް ބަލާލިއެވެ. މިއުވާން ބޮލުގެ ހަރަކާތުން ކުރިއަށް ގެންދިއުމަށް އިޝާރާތް ކޮށްލިއެވެ.

" ކޮންމެ ރެއަކުވެސް އޭނާ ޑްރަގްސް ދީގެން އެކަން ކުރަމުން ދިޔައީ. އެކަން އެނގިގެން ނާސިހާގެ އެހީގައި އޭނާ ފިލައިގެން މާލެއައީ. ނާސިހާވެސް ވަނީ ހަމައެދުވަސްކޮޅު އަމިއްލައަށް ދަންޖެހިގެން މަރުވެފައި."

"އެއީ ހަމަ އެ އަވަރު ހުތުރު މީހާގަނޑުގެ ކަންތައް." މިއުވާން މުއްކަވާލިއެވެ. އަދި ރުޅިއައިސްގެން ދެދަތްޕިލާ ޖެހުނެވެ. ވަކީލަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އެފަކީރަށް މިހުރިހާ ދުވަހު ބަނޑު ބޮޑުކަންވެސް ނޭނގޭ. ދެން ކިހިނެއް ހަދާނީ." މިއުވާނަށް ރޮވުނެވެ. އަދި ސޯފާގައި އިށީނދެލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެވަގުތު ވަކީލަށް ފޯނެއް އައެވެ. އޭނާ ބޭރަށް ނިކުތެވެ.

 

ރުކާން ހޮސްޕިޓަލުން ގެއަށް ހިނގައްޖެއެވެ. މީހެއްގެ ތަގުދީރުގައި މިހާ ހައިރާން ކުރުވަނި ކަންތައްތަކެއް މިނޫނީ ވެދާނެބާވައޭ ރުކާންގެ ހިތަށް އަރަމުން ދިޔައެވެ. ޚިޔާލެއް ފިކުރެއްނެތި އުޅެމުން ދަނިކޮށް އޭނާއަށް މިއުވާނާއި ބައްދަލުވީއެވެ. ދިރިއުޅުމުގެ އެތައް ކުލަތަކެއް ދައްކާފައި މިއުވާން އޭނާއާއި ވަކިވީއެވެ. ހީވެސް ނުކުރާފަދަ ގޮތަކުން މިއުވާންގެ ގޭގައި އޭނާގެ މަންމަގެ ގާތުގައި އުޅެވުނީއެވެ. ނުލަފާ ސައުކަތެއްގެ ސަބަބުން އެދެމީހުން ކައިވެންޏަކުން ގުޅެވުނެވެ. ހަމަ އެ ސައުކަތެއްގެ ސަބަބުން ޒަމާން ތަކެއްފަހުން ދެމީހުން އަނެއްކާވެސް ދިރިއުޅުމުގެ މިދަތުރުގައި ބައްދަލުވީއެވެ.

ނަމަވެސް މިއަދު ރުކާން ވަނީ ބަދަލުވެފައެވެ.  ރުކާން ވަނީ އޭނާއާއި ހާލަތު ނިޔާކުރާ ގޮތުގެ މައްޗަށް ހޭނިފައެވެ. ކިތަންމެ ބޮޑުކަމެއް ދިމާވިޔަސް މިހާރު އޭނާ ވަނީ އެކަމަށް ކުރިމަތިލާން އާދަވެފައެވެ. އެހެންކަމުން އޭނާ ވިސްނަމުން ދިޔައީ ފަހަކަށް އައިސް އަބަދުވެސް މިއުވާންގެ ކިބައިން ބަދަލު ހިފާނެ ގޮތުގެ ވިސްނުމެވެ. އެއަށްފަހު ސައުކަތުގެ ނަމާއި އިއްޒަތާއި ވަޒީފާ ގެއްލުވާލާނޭ ގޮތެކެވެ.

"ދުވަހަކުވެސް މިއުވާނަށް އުފަލުގަ އުޅުނަކަ ނުދޭނަން." ރުކާން އަތް މުއްކަވާލިއެވެ. އަދި ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލިއެވެ. އޭނާ އަތުގައި އޮތް ހަމައެކަނި މިއުވާންގެ ފޮޓޯގަނޑު ނެގިއެވެ. އެއީ އެދެމީހުން ދަތުރު ދިޔަދުވަހަކު ނާސިހާގެ ރައްޓެއްސެއް ނެގި ފޮޓޯގަނޑެކެވެ. ރުކާން އެފޮޓޯގަނޑު އިރާލިއެވެ. ކުދިކުދި ކޮށްލާ ގޭތެރެއަށް އުކާލިއެވެ. ދެން އޭނާގެ ލެޕްޓޮޕް ހުޅުވާލިއެވެ. އަވަސް އަވަހަށް ލިޔަމުން ގެންދިޔައެވެ.

އެއީ މިއުވާނަށް ފޮނުވަން ލިޔުނު ލިޔުމެކެވެ. އޭނާ ދެތިން ފަހަރަކު އެ ލިޔުން ކިޔާލިއެވެ.  މިއުވާނަށް މި ފޮނުވާ ނޯޓިސް އަކީ އެގެއާއި އޭނާގެ ނަމުގައި ހުރި އެންމެ  މުދަލެއްވެސް މިއުވާނަށް ނުދީ އެގެއިން އޭނާ ނުނިކުންނާނޭ ކަމުގެ ލިޔުމެވެ. އަދި އެގެ ހޮޓަލަކަށް ހަދައިގެން ލިބެންޖެހޭ އެއްވެސް އެއްޗެއް ލިބޭނެކަމަށް އުންމީދު ނުކުރަން އެދިފާވެއެވެ. ރުކާން ގޮނޑީގައި ލައްގަނެލިއެވެ. އަދި ލޯމަރާލިއެވެ.

 

މިއުވާނަށް ރުކާންގެ ނޯޓިސް ލިބުނީ އޮފީހުގައި އިންދައެވެ. މިއުވާން ރުކާންގެ ސަބަބުން ވިޔަފާރިއަށް ލިބޭ ގެއްލުމަކަށް ނުވިސްނައެވެ. އެ ހޮޓާ ނުހެދުނަސް އޭނާއަށް މާބޮޑު ގެއްލުމެއް ނުވާނެއެވެ. ނަމަވެސް އޭނާ ކަންބޮޑުވަނީ ރުކާންގެ ހާލާއި މެދުއެވެ. ޑޮކްޓަރު ބުނަނީ އޭނާއަށް ސަމާލުކަންދީ ހިތުގައި ނުޖެއްސުމަށެވެ. މިއުވާންގެ ހިތް އެދެނީ ރުކާނަށް އޭނާގެ ހާލަތު ކިޔައިދޭށެވެ. އޭނާގެ މީހަކަށް ރުކާން އަބަދަށް ދާއިމަށް ހަދާށެވެ. ރުކާނަށްޓަކައި އޭނާ މި ތިން އަހަރު ކުރި މަސައްކަތް އޮޅުން ފިލުވަދޭށެވެ. ސައުކަތަށް  ލިބެންޖެހޭ ހައްގު އަދަބު ދިނުމަށެވެ.

"ދެން ކިހިނެއް ހަދާނީ؟" ކަންބޮޑުވެފައިވާ ވަކީލު ބުންޏެވެ.

"ރުކާނަށް އެގޮތް ފެންނަނަމަ އަހަރެންގެ މައްސަލައެއްނެތް. އަހަރެން މިހުރީ ރުކާން އެދޭ ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަށް."

"އަޅުގަނޑަށް ހީވަނީ އޭނާ ބޭނުންވަނީ މިއުވާން ބަނގުރޫޓު ކޮށްލަންހެން."

"ރުކާން އެގޮތަށް ބޭނުންނަމަ  އަހަރެން އެކަމަކަށްވެސް ފަހެއް ނުޖެހޭނަން." މިއުވާން މަޑުމަޑުން ބުނެލިއެވެ.

"އެކަމަކު……."

"އަހަރެން ބޭނުންވަނީ އެކަނިވެލަން." އެއްވެސް މީހަކާ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ވަކީލު ނިކުމެގެން ދިޔައެވެ. މިއުވާން މޭޒުމަތީ ބޯޖަހާލިއެވެ. އޭނާއަށް ރުކާން ނޫން އިތުރު ކަމަކާ ނުވިސްނެއެވެ.

 

އިރުއޮއްސުނީ މިއުވާންގެ ނުތަނަވަސްކަމަށް އިތުރު ނުތަނަވަސް ކަން ދެމުންނެވެ. އޭނާ ރުކާނާއި ވާހަކަ ދައްކަން ވަރަށް ބޭނުންވެއެވެ. އެންމެފަހުން މިއުވާން ތައްޔާރުވެލިއެވެ. އޭނާ ދިޔައީ ސީދާ ރުކާންގެ ގެ ޔަށެވެ. ކިތަންމެ ވަރަށް ޓަކިޖެހިނަމަވެސް މިއުވާންކަން އެނގިއްޖެނަމަ ރުކާން ވާހަކަ ނުދައްކާނެކަން މިއުވާނަށް ޔަގީން ވިއެވެ. އެހެންކަމުން މިއުވާން ބޭނުންވީ ރުކާނަށް ނޭނގި އެގެއަށް ވަނުމަށެވެ. އޭނާ އަތުގައި އޮތް ޑަބަލް ތަޅުދަނޑި އަދިވެސް އެބައޮތެވެ. މިއުވާން ދޮރު ހުޅުވާލިއެވެ. އޭރު ޓީވީ ބެލުމަށްޓަކައި ރުކާން ސިޓިންރޫމުގައި ހުރި ސޯފާގައި އޮތެވެ. މިއުވާންގޮސް ސޯފާކައިރީ މަޑުކޮށްލިއެވެ. ނަމަވެސް ރުކާންގެ ޚަބަރެއް ނުވެއެވެ. އޭނާ ރުކާނަށް ބަލާލިއެވެ. ރުކާނަށް އޮތީ ނިދިފައެވެ. މިއުވާން ސޯފާގައި އިށީނދެލިއެވެ. އަދި ރުކާނަށް ފުންކޮށް ބަލާލިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *