ވާހަކަ: ލީޝަން – 23

(21 ޑިސެމްބަރ 2022ގެ ނޫހާއި ގުޅޭ)

ޒީނާ ދުވަސް ފުރެނީއެވެ. ލިބޭ އުނދަގޫތަކަށް އެއްވެސް ޝަކުވާއަކާ ނުލާ އުފަލާއެކު ހުރެވެނީ ރަހީމުގެ އޯގާތެރި އަޅާލުންތަކުންނެވެ. މެންދުރުވަގުތުކަމުން ޒީނާ އުޅުނީ ބަދިގޭގައި ކެއްކުމުގެ މަސައްކަތުގައެވެ. އޭރު ރަހީމުވެސް ޒީނާއަށް އެހީވުމުގެ ގޮތުން ބައެއް ތަރުކާރީ ކޮށައިދެން ހުއްޓެވެ. މިއީ މިހާރަކަށް އައިސް އެދެމީހުންގެ އާދައެކެވެ. އެކުގައި ކެއްކުމާއި ކެއުމާއި ހިނގާލަން ދިއުންފަދަ ކަންކަމަކީ އެމީހުން ނުހަނު ގަޔާވާ ކަންތައްތަކެވެ.

"އައްސަލާމް ޢަލައިކުމް." ކޯޓަށް ދާ ޗިޓެއް ހިފައިގެން ހުރިމީހަކު ގޮވާލިއެވެ

"ވަޢަލައިކުމުއްސަލާމް." ރަހީމް އެ ޗިޓްގައި ހިފިއެވެ.

ޒީނާއަށް އަނިޔާދިން މީހުން ސިފައިން ހޯދާ އަތުލައިގަނެ އެމީހުންގެ މައްޗަށް ސާބިތުވާ ހެކިތައް ހުރުމުން ޝަރީއަތަށް މާދަމާ ދިއުމަކީ އޭނާ ނުހަނު ބޭނުންކަމެކެވެ. އެދުވަހުން ފެށިގެން އޭނާގެ މަގުސަދަކަށް ވެފައި އޮތީ އެ އަނިޔާވެރި ބަޔަކު ހޯދާ ޒީނާއަށް އިންސާފު ހޯދައި ދިނުމެވެ. އެންމެފަހުން އޭނާގެ އެންމެ މުހިންމު މަސައްކަތް މިއަދު ފެށުނީއެވެ.

ތަހުގީގު ފެށުނީ ޒިޔާންމެން މަސްތުވެގެން އެގޭގައި ތިއްބާ ސިފައިން ހައްޔަރުކުރި ހިސާބުންނެވެ. ސިފައިން ބެލި ބެލުމުން ޒިޔާނުގެ އިނގިލީގެ ނިޝާނާއި  ޒީނާ ބަނދެފައި ބެހެއްޓި އިމާރާތުގައި ވެއްޓިފައި އޮތް ފޯނުގެ ނިޝާނާ އެއްގޮތެވެ. އަދި އެއްލާލާފައި އޮތް ސިނގިރޭޓް ބުރީގައިވެސް އެމީހުންގެ ނިޝާން ހުއްޓެވެ. މީގެ އިތުރުން  ޒީނާއަށް އެމީހުންގެ މޫނު ފެނުމާއެކު އެއީ އެނުލަފާ ދެމީހުން ކަމުގައި ކޯޓްގައި ބުންޏެވެ.

"ޒިޔާނު މިއަންހެންކުއްޖާ ދަންނަމުތަ؟" ދައުލަތުގެ ވަކީލު ވާހަކަދެއްކިއެވެ

"ނޫން"

"ރީތިކޮށް މިކުއްޖާގެ މޫނަށް ބަލާފައި ބުނެބަލަ. މިކުއްޖާ ދަންނަމުތަ؟"

"އަޅުގަނޑަކަށް ތިއީ ކާކު ކަމެއް ނޭނގޭ."

"ފިނިފެންމާގޭގައި ހަދަންފަށާއިފައި ހުރި އިމާރާތަށް މިކުއްޖާއެއް ނުގެންދަންތަ؟"

"އަޅުގަނޑަށް ނޭނގޭ މީހަކު ގެންދާނީ ކިހިނެއްތޯ."

"މިއީ ކާކުގެ ފޯނެއް."

"ނޭނގެ."

"މީގައި ޒިޔާންގެ ވީޑިޔޯއާއި ޒިޔާންގެ ބައިވަރު ރައްޓެހިންގެ ނަމްބަރު ތައް އެބަހުރި."

"ތިއީ މޯޑްގެ ފޯނެއް."

ދެވަނަ ސުވާލުތައް ކުރަމުން ދިޔައީ މޯޑަށެވެ. ޝަރީއަތުގެ މަޖިލީހުގައި އަލަށް ވާހަކަ ދައްކަން ޖެހުމުގެ ސަބަބުން އޭނާ ހުރީ ބިރުގެންފައެވެ.

"މުހަންމަދުގެ ފޯން އެއިމާރާތުގައި އޮތީ ކީއްވެ."

"އެއީ އަޅުގަނޑުގެ އެއްޗެއް ނޫން."

"އެކަމަކު ޒިޔާނު އެބުނީ އެއީ ކަލޭގެ އެއްޗެއްކަމަށް. އަދި އޭގައިވަނީ ކަލޭގެ އިނގިލީގެ ނިޝާން." އޭނާ އެދެނިޝާން ދައްކާލިއެވެ.

"އޭނާ ދޮގުހަދަނީ. އެއީ ޒީންބެގެ ފޯނެއް. އަޅުގަނޑު އަތުގައި އެވަގުތު އޮންނާނީ."

"އެއީ ކޮންވަގުތަކު."

"ހަވީރު.. އިރުއޮއްސެނިކޮށް."

"އެތަނުގައި ތިބީ ކޮންބައެއް؟"

"އަޅުގަނޑާއި ޒީންބެއާއި."

"ތިއޮތީ އަމިއްލައަށް އެއްބަސްވެވިފައި. މިހުރީ ކަލޭމެންނާމެދު ސާބިތުވާވަރަށް ހެކި. މިތަނުގައި ދެން ދޮގުހެދުމުގެ ބޭނުމެއްނެތް އަވަހަށް ތެދަށް ކިޔައިދީ."

މައްސަލަ ގައި އެއްބަސްވަމުން އޭނާ ބުނަމުން ދިޔައީ ޒީނާއަކީ އޭނާ ދަންނަ ކުއްޖެއް ނޫންކަމަށާއި އެމީހުންގެ ރައްޓެހިކުއްޖެއް ޒީނާ އެތަނަށް ގެނައީ ކަމަށެވެ. އަދި ޒީންބެގެ އެދުމުގެމަތީން އެކުއްޖާއަށް ބިރުދެއްކުމަށްޓަކައި ފަހަތުން ދުވީކަމަށެވެ. އަދި އިމާރާތް ކުރަމުންދާ ތަނަށް ޒީނާ ދިއުމުން ހޯދަން ދިޔައީކަމުގައެވެ. އެންމެ ފަހުން އޭނާ ފެނުމުން ޒީންބެގެ އެދުމުގެ މަތީން ބަނދެލާ އެކުއްޖާ އަށް ހުތުރު އަމަލު ކުރުމުގައި ޒީންބެއަށް އެހީވެ އެކަމުގައި އޭނާވެސް ބައިވެރި ވެވުނީކަމުގައެވެ. މިކަމުގައި އެގޮތަށް ދިމާވީ އެމީހުން މަސްތުވެފައި ތިބުމާއި އެކުއްޖާގެ ރީތިކަން އެކަމަށް މަޖުބޫރު ކުރުމުން ކަމުގައެވެ.

އިންސާފުވެރިކަމާއެކު މައްސަލަ ނިމުނީ ޒިޔާނު(ޒީންބެ)އާއި އޭނާގެ ރަހުމަތްތެރި މުހަންމަދު ފާރިޝް(މޯޑް) ޒީނާ ރޭޕް ކުރިކަމަށެވެ. އެއީ ލީޝަންގެ އެދުމުގެ މަތިންނެވެ. ލީޝަންގެ މަންމަ ނިޔާވިދުވަހު ޒިޔާނަށްގުޅާ ޒީނާގެ ސަބަބުން އޭނާގެ މަންމަ އެކްސިޑެންޓްވީކަމާއި އަދި މަރުވެސްވީކަން އެމީހުންނަށް އެންގިކަމުގައެވެ. އަދި ކޮންމެވެސް ގޮތަކުން ޒީނާ އޭނާގެ ދިރިއުޅުމުން ދުރަށްދޭތޯ މަސައްކަތް ކޮށްދޭށޭ ބުނުމުން ކުރިކަމެއް ކަމުގައެވެ. ރޭޕްކުރީ އެމީހުން މަސްތުވެގެން ތިބި ހާލުގައި ކަމުން އެއީ އެމީހުން ކުރިން ކުރަން ނިންމާފައިނުވާ އެކަމަކު އެފަދަ ފުރުސަތެއް ލިބުމުން ކުރިކަމެއް ކަމުގައެވެ. އެމީހުންގެ ރޭވުމަކަށް އޮތީ ޒީނާއަށް ބިރުދައްކާލުމެވެ. ނަމަވެސް މަސްތުވެފައި ހުއްޓާ އެހާ ރީތި ކުއްޖަކު ފެނުމުން އެއަމަލު ހިންގުނީ ކަމުގައި އެ ދެމީހުންވެސް އެއްބަސްވިއެވެ. އެހެންކަމުން ޖެހިގެން އޮތްދުވަހަކީ ނިޔާކަނޑައެޅޭ ދުވަސްކަން އަންގާ އަޑުއެހުން ނިންމާލިއެވެ.

ރޭގަނޑުގެ ކެއުމަށް ރަހީމު ނާންނާތީ ޒީނާ އޭނާގެ އިންތިޒާރުގައި އިނެވެ. އެންމެފަހުން ޚަބަރެއް ނުވުމުން ރަހީމު އާދޭތޯ ބަލާލަން ބޭރަށް ދާންކަމަށް އޭނާ ގޯތިތެރެއަށް ނިކުތެވެ. ފަނޑުއަލީގައި ހިމޭން މާހައުލުގައި ރަހީމް އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އެމީހުން ފަހަރަކު ކުށަކަށް އެއްބަސްވަމުންދާ އިރާއި ޒީނާއަށް ކުރި އަނިޔާތައް ކިޔަމުން ދާއިރު ރަހީމް ހުރީ ވަރަށް ރުޅިއައިސްފައެވެ. ކުށެއް ނުކުރާ އޭނާގެ ލޯބިވާ ޒީނާއަށް އެފަދަ ބޮޑު އަނިޔާތަކެއްދިން ބަޔަކަށް އޭނާ ސަޒާނުދީ ނުހުންނާނެ ކަމަށް އެތަނުގައި އިނދެގެންވެސް އޭނާ ވިސްނަމުންދިޔައެވެ. ނަމަވެސް އޭނާގެ ލޯބިވާ ލީޝަން މިހަރަކާތުގައި ބައިވެރިވުމުގެ ސަބަބުން ވަނީ ކަންބޮޑުވެފައެވެ. ލީޝަން އެހާ ނުބައިވީ ކީއްވެބާއެވެ؟ މިއަދު އޭނާގެ ޒިންމާގައި އެވާ ޒީނާގެ ބަނޑުގައިވާ ދަރިއަކީ އޭނާގެ ދަރިފުޅުގެ ސަބަބުން ލިބުނު އަނިޔާއެއްގެ ނަތީޖާއެވެ. ލީޝަންގެ ހުރިހާ ކުށަކަށް އޭނާ މާފު ކުރިޔަސް މިކުށަށް މާފު ކުރެވޭނީ ކިހިނެއްހެއްޔެވެ؟ ޒީނާއަށް އޭނާ ވަނީ ވައުދުވެފައެވެ. އެ އިންސާނިއްޔަތާ ޚިލާފު އަމަލުކުރި މީހުންނަށް ސަޒާދޭށެވެ. ނަމަވެސް އޭނާގެހުރި ހަމައެކަނި ދަރިފުޅު މި ކުށުގައި ޖަލުގައި ބަންދު ކުރަންޖެހުމުން އޭނާ ދެރަވަނީއެވެ.

"ކޭންބައްލަވަން ނުދުރުވާތީ މިހޯދަނީ."

"މިރޭ ކާހިތެއްނެތް؟"

"ދެން ނުވިސްނަވާ. މިހާރު ދެން ހުރިހާކަމެއްވެސް ފަޅާއަރާ އަދަބުލިބޭ މީހުންނަށް މާދަމާ އަދަބު ލިބޭނެ." ޒީނާއަށް ރަހީމު އެވިސްނަނީ ކޮންކަމެއްކަން އެނގެއެވެ.

"އެކަމަކު ލީޝަން އެހާބޮޑު ދެރައެއް ދިނީ ކީއްވެ؟"

"އޭނާ ހީކުރީ އަޅުގަނޑުމެން ކުރިންވެސް ގުޅުން އޮންނަކަމަށް."

"ކޮންމެ ގޮތެއްވިޔަސް އޭނާއަށްވެސް އަދަބު ލިބެންޖެހޭނެ. އަދި ރަނގަޅުވާނެކަމަށް މިހުރިހާދުވަހު މަޑުކުރެވުނީމަ މައްސަލައަކީ."

"ނޫން. އަޅުގަނޑު ލީޝަންއަށް މާފުކޮށްފިން. އެކަމަކު އެއީ ހަމައެކަނި އޭނާގެ ބައްޕައަށްޓަކައި."

"އެކަމަކު އެހެން ހެދުމުން އަހަރެން ޒީނާއަށް ވީވަޢުދާއި ޚިލާފުވީ. އަދި ހަމައެކަނި ލީޝަންއަށް މާފުކުރުމުން މައްސަލައެއް ނުނިމޭނެ. އެހެންވީމާ ޖެހޭނީ މައްސަލަ ދޫކޮށްލަން. އޭރުން ހުރިހާ ކަމެއް އެދިޔައީ ބޭކާރުވެގެން."

"މައްސަލަ ދޫކޮށްލައްވާ. އޭރުންވެސް އެދެމީހުން ބަންދުކުރެވޭނެ. ސަބަބަކީ އެދެމީހުން މަސްތުވާތަކެތި ބޭނުން ކުރިކަން. އަދި ބޭނުން ކޮށްގެން ހުއްޓާ އަތުލައިގަނެ އެކަމަށް ޕޮޒިޓިވްވެފައި އެބަހުރި. އޭރުން ލީޝަން ބަންދެއް ނުކުރެވޭނެ. އޭނާއަށް މިކަމުގެ ޚަބަރެއްވެސް ނޭނގޭނެ."

"އެކަމަކު ޒީނާއަކަށް އިންސާފެއް ނުލިބޭނެއެއްނު."

"އިންސާފު ނުލިބުނަސް ދެން ކުރެވޭނީ ކޮންކަމެއްތޯ؟  ލީޝަން ބަންދުކުރުމުން އަޅުގަނޑު ބަނޑުބޮޑު ނުވާކަމަށް ވާނެތޯ؟ ހުރިހާ ހިތާމައެއްވެސް ލިބޭނީ ލީޝަންގެ ބައްޕައަށް؟ ލީޝަންދެކެ ތިވާލޯބި އަޅުގަނޑަށް އިހުސާސްކުރެވޭ. މާދަމާ މައްސަލަ ދޫކޮށްލަން ކޯޓްގައި އެދޭނީ."

ޒީނާގެ ވަރަށް އާދޭހާއެކު މައްސަލަ ދޫކޮށްލެވުނެވެ. އެހެންނަމަވެސް މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި އެދެމީހުން ފަންސަވީސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެވުނެވެ. ލީޝަންއަށް މީގެ އެއްވެސް ޚަބަރެއް ނޭނގިއެވެ.

ޗުއްޓީގައި ރަށަށްގޮސް ހުރި ޔައީނަށް މި މައްސަލަ އެނގުމުން ހިތްހަމައެއް ނުޖެހުނެވެ. ލީޝަން ބަންދު ކުރަންޖެހުނަސް އެމައްސަލަ ދޫކޮށްލީތީ ރުޅިއައެވެ.

"ޒީނާ ތިހުރީ ކިހިނެއްވެފައިތަ؟ ލީޝަންވެސް ކުށެއްކޮށްފިއްޔާ އަދަބުލިބެންޖެހޭނެ."

"އޭރުންވަކި މަށަށް ލިބޭނީ ކޮންމޮޅެއް. އޭނާގެ ބައްޕަ އިތުރަށް ދެރަކުރުވުން ނޫންކަމެއްނުވާނެ."

"އެކަމަކު އޭނާ އިސްލާހުވާނެއެއްނު."

"ކިހިނެއް އެނގެނީ. ޖަލުގައި އެތައް ދުވަހަކު އުޅެފައި އަންނަ މީހުންވެސް ހަމަ ހިނގަނީ އެދިމާއިންނެއްނު."

"އެކަމަކު އަހަރެން ޒީނާ ތިކުރި ކަމަކުން ވަރަށް ހިތްހަމަނުޖެހޭ."

"ތިކަމާ ނުވިސްނާ. އޭނާގެ ބައްޕަ އަހަރެމެންނަށްވީ އޯގާތެރިކަމާއި ބެހެއްޓެވި ގާތްކަމާއި ހާލުގައި ޖެހުނުދުވަހު އޭނާގެ މީހަކަށް އަހަރެން ހެއްދެވިއިރު އޭގެ ބަދަލުގައި އަހަރެމެންނަށް ވެދެވޭނީ މިކަހަލަ އެހީއެއްނޫންތަ؟"

ޒީނާއާއި ބައްޕަގެ ކައިވެނީގެ ސަބަބުން ލީޝަން ވަނީ ވަރަށް ރުޅިއައިސްފައެވެ. ގެއިން ބޭރަށްދާން  ނިންމިއަސް މިހާރު ގޭގައި މަޑުކުރަން ޖެހެނީ އޭނާގެ ބައްޕަ އޭނާއަށް ނުދެވޭ ގޮތަށް ގެ ބަންދުކޮށް ތަޅުދަނޑި ޒީނާއާއި ހަވާލުކޮށްފައި ވާތީއެވެ. އަދި ފިލައިގެން ދިޔަޔަސް ކުރާނެ ކަމެއްނެތެވެ. ޒީންބެ ޖަލުގައި ބަންދުކުރުމުން އެމީހުންގެ ގުރޫޕް ވަނީ ރޫޅިފައެވެ. އެހެންކަމުން އޭނާ ގޭގައި ގިނަވަގުތު އުޅެނީ ނިދުމާއި ޓީވީބެލުމުގައެވެ. އޮފީހަށް ނިކުންނަނީވެސް ހިތަށް އެރި ދުވަހަކުއެވެ. އެހެންކަމުން ރަހީމްވަނީ އޭނާ ބޭނުންނަމަ އޮފީހުން ކެނޑެން އަންގާފައެވެ. ވަގުތުން އޭނާ ވަޒީފާއިން ވަކިވެއްޖެއެވެ.

ލީޝަންގެ މޮބައިލަށް އޭނާގެ ގުރޫޕް ކުއްޖެއް މެސެޖް ފޮނުވާފައި އޮތީ މިއަދު ވިލިގިއްޔަށް ދިއުމަށެވެ. އެހެންކަމުން އޭނާ ބެލީ ބޭރަށްދާނެ ފުރުސަތެއް ލިބޭތޯއެވެ. ނަމަވެސް ޒީނާ އޭނާއަށް ތަޅުދަނޑި ނުދިނުމުގެ ސަބަބުން އޭނާ ރުޅިއައެވެ.

"ތަޅުދަނޑިގެނޭ."

"ތަޅުދަނޑި ވީ ބައްޕަ އަތުގައި."

"ކަލޭ ދޮގުހަދަނީ. ކަލޭއަތުގައި ތަޅުދަނޑި އެބައޮތް."

"ހަމަތެދެއް މިބުނީ. އަހަރެންގެ އަތުގައި ތަޅުދަނޑިއެއްނެތް."

"މިގޭގެ ނޯކަރަކަށް އުޅެ އަހަރެންގެ ބައްޕަ ޖަހައިގެންފައި އެބައުޅެއެއްނު.  ބައްޕައަށް ކަލޭގެ ގޮތްގަނޑުދައްކާނީ . ދެން ކޮންމެހެން މަށަށް ދަތި ކުރާނެ ކަމެއްނެތް. ތަޅުދަނޑި ގެނޭ."

"ލީޝަން." ރަހީމް އޭނާ ހުއްޓުވިއެވެ.

"ބައްޕަވެސް ލޯބިވާނީ މިކުއްޖާދެކެ." އޭނާ ރުޅިއައިސްފައި ބުންޏެވެ.

"އެހެން ހީނުކުރޭ. ދަރިފުޅު ރުޅިއައިސްފައި ތިހުރީ ކީއްވެ؟"

"ކޮންމެހެން މަށަށް ދަރިފުޅު ކިޔާނެކަމެއްނެތް. އަހަރެން ގޭގައި ބަންދުކުރެވުމުން ބައްޕަ ނިކަން އުފާވެއެއްނު. އަޅެ މަންމަ ހުރިނަމަ." އޭނާ އަށް ރޮވެންފެށިއެވެ.

"ދަރިފުޅާ. ކިހިނެއްތަ ހަދައިދޭންވީ." ރަހީމް ލީޝަންއަށް ކޮށްފައިވާ އަސަރުން ދެރަވިއެވެ.

"ދެން ވަރިހަމަ." ލީޝަން އެއްޗެކޭ ނުބުނެ ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ. ދެން ކިތަންމެ ވަރަކަށް ގޮވިނަމަވެސް އޭނާ އަޅައެއް ނުލާނެތީ ރަހީމް އެ ބޭކާރު މަސައްކަތް ނުކުރީއެވެ.

"ފިކުރުބޮޑު ނުކުރައްވާ. އޭނާ އަދި ރަނގަޅުވާނެ. މިހާރު ހީވަނީ ކުރިއަށްވުރެން ރަނގަޅުހެން. އަޅުގަނޑަށް ކުރިން އެއްޗެހި ކިޔަސް މިހާރު ވަރަށް ރަނގަޅަށް ވާހަކަދައްކަނީ."

"ޒީނާ އެއްޗެއްކައިފިންތަ؟ ހިނގާބަލަ އެއްޗެއް ބޯލަން." އޭނާ ފުރިޖުން ޖޫސް ޕެކެޓެއް ނަގާ ތައްޓަކަށް އަޅައިދިނެވެ.

"އަޅުގަނޑަށް އެހާ ރަނގަޅީ ކީއްވެތޯ." މިއީ ޒީނާ އަބަދުވެސް އަހާވާހަކައެކެވެ.

" ތިހެން އަބަދު އަހަނީ ކީއްވެ؟ އަހަރެން ޒީނާ ދެކެ ވަރަށް ލޯބިވޭ. ފަހަރެއްގައި އެހެންވެގެން ކަމަށް ވެދާނެ."

"ކީއްވެ ލޯބި ވަނީ."

"ޒީނާ…. މީހުން މީހުން ދެކެ ލޯބިވަނީ ކީއްވެ؟" އޭނާއަށް ޒީނާގެ ކޮންމެ އާދައެއް ނުހަނު ހިތްގައިމެވެ. އޭގެ ތެރެއިންވެސް ޚާއްޞަކޮށް ޒީނާގެ ވާހަކަ ދެއްކުމުގައި ހުންނަ ޅަގޮތެވެ.

"އަނެކާ ލޯބި ވާތީއެއްނު."

"އެހެންވެގެންތަ ޒީނާ އަހަރެން ދެކެ ލޯބިވަނީ. އެކަމަކު އަހަރެން ލޯބިވަނީ ޒީނާ ލޯބިކަމުން. ތިރީތި ކުއްޖާއާއި ދުރުގައި ހުރެވޭނީ ކިހިނެއް؟" އޭނާ ޒީނާ ކައިރި ކޮށްލިއެވެ.

"އަޅުގަނޑު މިބަނޑުލާފައި ހުންނައިރުވެސް ރީތިތޯ." ޒީނާ ދެއަތުން ރަހީމުގެ ކޮނޑުގައި އޭނާގެ އަތް އަޅުވާލިއެވެ. އަދި ގަޔާ ކައިރި ވެލިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *