ވާހަކަ: ލީޝަން – 24

(28 ޑިސެމްބަރ 2022ގެ ނޫހާއި ގުޅޭ)

"ވަރަށް ލޯބި. އެކަމަކު ހުންނަން މި ޖެހެނީ މިކަމާއި ހެދި މާދުރުގައި."  އޭނާ ބަނޑުގައި ފިރުމާލިއެވެ. އަދި  އޭނާ ގަޔާކައިރި ކޮށްލިއިރު ބަނޑުޖެހޭތީ ސަމާސާ ކޮށްލިއެވެ.

"އަޅުގަނޑު ދެކެ މިވާލޯބި މިކުއްޖާދެކެ ވާނެތޯ." އޭނާ އުނަގަނޑުގައި ތަދުވާތީ އަތްއެޅިއެވެ.

"ހީނުވަނީތަ."

"ނޫން. އަޅުގަނޑު ބޭނުންވަނީ ޔަގީންކަން.  އެކަމަކު ޔަގީންކަންވެސް އެބައޮތް. އާހް…ވަރަށް އެބަ ތަދުވޭ." އަނެއްކާވެސް އޭނާ އުނަގަނޑުގައި ފިރުމާލިއެވެ.

"އިރުކޮޅަކުން ރަނގަޅުވެދާނެ. އަދި ދިހަ ދުވަސް އެބައޮތެއްނު. ޑޮކްޓަރު ބުނުއްވިއެއްނު ބައެއްފަހަރު ތަދުވާނޭ. ދެން ބުނެބަލަ އެކީއްވެ އެހާ ޔަގީންކަން އޮތީ." އޭނާ ޒީނާގެ އުނަގަނޑުގައި ފިރުމާލަމުން ބުންޏެވެ.

"އެއީ އަޅުގަނޑު މިހާލަތުގައިވެސް ގަބޫލު ކުރެއްވީތީ."

"ޒީނާ ކޮންމެ ހާލެއްގައި ހުއްޓަސް އަހަރެން ބޭނުން. މީހަކާއި އިދެ މުސްކުޅިވާދުވަހު ތޭރަ ދަރިން ލިބިފައި ހުއްޓާ އަހަރެން ގާތަށް އަޔަސް އަހަރެން ގަބޫލު ކުރާނަން." ރަހީމް ސަމާސާ ކޮށްލިއެވެ. ރަހީމް ޒީނާ އުރާލައިގެން ގެންގޮސް ސިޓިންރޫމްގައި ހުރި ސޯފާގައި ބޭންދިއެވެ.

"ތިހެން ބުނާ މީހުން ވަރަށް އަވަހަށް ހަނދާން ނައްތާލާނެ. އެހާތަނުން އަޅުގަނޑު ބަލާނަން އަސާގަނޑުން ޖަހާ ވައްޓާލެވޭތޯ." ޒީނާވެސް ސަމާސާ ކުރިއެވެ. ނަމަވެސް ލިބޭ ވޭނުގެ ސަބަބުން އޭނާ އުނަގަނޑުގައި އަތްއަޅާ ރޯން ފެށިއެވެ. މިއީ ދުވަހަކުވެސް ނުލިބޭ ވަރުގެ ވަރުގަދަ ރިހުމެކެވެ.

"ހިތްވަރު ކޮށްލާ." އޭނާ ޒީނާގެ ނިތް ކުރިއަށް ބޮސްދިނެވެ. އަދި ދުވެފައި ގޮސް ޒީނާގެ ބޭސް ފައިލު ހިފައިގެން އައިސް ޒީނާ އަތުގައި ހިފާލައިގެން ބޭރަށް ނިކުތެވެ. ކާރު ހަލާކު ވެފައިވާތީ އޭނާގެ ސައިކަލުގެ ފަހަތަށް ޒީނާ އަރުވައިގެން ހޮސްޕިޓަލަށް ދާން ދުއްވާލިއެވެ. ރަހީމް ވަނީ ހާސްވެފައެވެ. ނަމަވެސް އޭނާ ދުއްވަނީ މަޑުންނެވެ. ދުއްވާ އެއްޗިއްސަށް ސަމާލުކަން ދީގެންނެވެ.

ހަލަބޮލި މަގުގައި ބައިބޯވެފައި ކާރޫބާރޫ ބޮޑެވެ. ކުއްލިއަކަށް ބާރަށް ދުއްވާފައި ގޯޅި އަޅާލި ޕިކަޕެއްގައި ޖެހި ދެމީހުން ވިއްސައިގެން ދިޔައެވެ. ރަހީމު ވެއްޓި އޭނާގެ އުނަގަނޑު މައްޗަށް އެ ބޮޑު ސައިކަލު ވެއްޓުނެވެ. ޒީނާ ޖެހުނީ ދުއްވަމުން އައި ޕިކަޕުގެ ކަނެއްގައެވެ. އެއަށްފަހު ޕާކުކޮށްފައި އޮތް ސައިކަލު ތަކެއްގެ ތެރެއަށް އޭނާ ޖެހުނެވެ. ހަމަ އެއާއެކު ދެމީހުންގެ ވެސް ޚަބަރު ހުސްވިއެވެ.

ޕިކަޕުން ފޭބި ބަންގާޅުމީހާއާއި ބައެއް މީހުންގެ އެހީތެރިކަމާއެކު އެދެމީހުން ޕިކަޕަށްލިއެވެ. އަދި އަވަހަށް އައި ޖީ އެމް ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. އިމަޖެންސީކޮށް އެދެމީހުން އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދިއެވެ. ޒީނާގެ ބޮލަށްވަނީ އަނިޔާ ލިބިފައެވެ. ބޯފަޅައިގެން ގޮސް ބައިވަރު ލޭތައް ފައިބަމުން ދެއެވެ. ރަހީމުގެ މައިބަދައަށާއި ނާރަކަށް ވަނީ އަނިޔާ ލިބިފައެވެ. އެހެންކަމުން އެދެމީހުންގެ  އޮޕްރޭޝަން ވަގުތުން ކުރެވުނެވެ.

ރަހީމު އޮޕްރޭޝަން ކޮށްގެން ނެރެވުނެވެ. އޭނާ ހޭއެރުމާއެކުހެން ޒީނާގެ ހާލު އޮޅުން ފިލުވާން ފެށިއެވެ. އޯގާތެރި ނަރުހެއްގެ ފުށުން އޭނާއަށް އެނގުނީ އިރުކޮޅަކުން ޒީނާ ނެރެވޭނެ ކަމެވެ. ދަރިފުޅަށް ގެއްލުން ވެދާނެތީ އޮޕްރޭޝަންކޮށްގެން ދަރިފުޅު ނަގައިފިކަމެވެ. އަދި  ތިންކިލޯ ހުރި އެ އަންހެން ކުއްޖާގެ ހާލު ރަނގަޅުކަމެވެ. ނަމަވެސް ޒީނާގެ ބޮލުގެ އޮޕްރޭޝަންކޮށް ނިމިފައިވާ ކަމަށާއި މިހާރު އިންތިޒާރު ކުރެވެމުން ދަނީ އޭނާ ހޭއަރާނެ ވަގުތަށެވެ.

ފަނަރަ މިނިޓެއްހާއިރުތެރޭ ޒީނާ ނެރެވިއްޖެއެވެ. ހަމައެކަނި ބޯ ފިޔަވާ ހުރިހާ ތަނެއް ހުދުފޮތިން ނިވާކޮށްފައިވާ ޒީނާ ގެންނަތަން ބަލަން ރަހީމު އޮތީ ހިތް ދަތިކަމާއެކުގައެވެ. އޭނާ ނޭވާލަނީ ނޭފަތަށް ގުޅާފައިވާ ހޮޅިއެއްގެ އެހީތެރިކަމާއެކު އަނެއް ކޮޅު ގުޅާފައި ހުރި މެޝިނެއްގެ އެހީގައެވެ. އޭނާގެ ބޯވަނީ ހުދު ބެންޑޭޖަކުން ނިވާ ކޮށްފައެވެ. ހަށިގަނޑުގައި އަޅާވޭނުގެ އެއްވެސް އަސަރެއް މޫނުމަތިން ފެންނަންނެތީ ތަދުކަނޑުވާ ބޭހުގެ ސަބަބުންނެވެ. ލިބިފައިވާ ހަމައެކަނި ބަދަލަކީ އޭނާގެ މޫނު ކުރިއަށްވުރެވެސް ދޮންވެފައި  ސާފު ކަމެވެ. އެއްވެސް ހިތާމައެއްގެ އަސަރު ނުފެންނަނީ އޭނާގެ ހުދުވެފައިވާ ތުނި ތުންފަތުގައިވާ މަޑު ހިނިތުންވުމުންނެވެ. ފުރޮޅުލީ އެނދެއްގައި ޒީނާގެނެސް ރަހީމުގެ އެނދު ކައިރީގައި ބެހެއްޓުމަށްފަހު ޑޮކްޓަރުން ބޭރަށް ނިކުތީ ޒީނާގެ ލޮލުގެ އިޝާރާތުން ނިކުމެދޭށޭ ބުނުމުންނެވެ.

"ޒީނާ. އަހަރެންގެ ދޮންކަނބުލޯ." ރަހީމް ހިތާމައިން ފުރިގެންވާ އާހެއް ބޭރުވިއެވެ. އޭނާގެ ލޯވަނީ ކަރުނުން ތެމިފައެވެ. އަޑުވަނީ ބެދިފައެވެ. އޭނާ ޒީނާގެ އަތުގައި ހިފާލިއެވެ.

"ނުރޮއި… ހިތާމަ ނުކުރޭ." ޒީނާ ލޮލުން ބުނާ ކަހަލައެވެ. އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. ޒީނާ ވެސް ރަހީމުގެ އަތުގައި ހިފާލިއެވެ.

"މާތްކަލާނގެ ޒީނާއަށް ތިހާލުނުޖައްސަވާ މަށަށް ޖެއްސިނަމަ. ހިތްވަރުކުރޭ. އަދި ރަނގަޅުވާނެ."

ޒީނާ ލޯ މަރާލިއެވެ. އެއަށްފަހު ލޯހުޅުވާލާ އުންމީދުން ފުރިގެންވާ ބެލުމަކުން ބަލާލިއެވެ. އެ ބެލުމުން ރަހީމްގެ ހާސްކަން ފިލާ ދިޔައެވެ.

"އަހަރެމެންނަށް އަންހެން ކުއްޖަކު ލިބުނު ޚަބަރު ނުލިބޭތަ؟" އޭނާ ލޯ ފޮހެލިއެވެ.

"ނޫން… ލިބުނު." އޭނާގެ ބޮލުން އިޝާރާތްކޮށްލިއެވެ. އޭނާގެ ހަށިގަނޑު މަޑުމަޑުން ތުރުތުރު އަޅަނީއެވެ. އެތުރުތުރުގެ އަސަރު އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު ރަހީމަށް ކިތަންމެ ހާވެސް ރަނގަޅަކަށް ކުރެވުނެވެ.

"ދަރިފުޅު ރަނގަޅަށް ބަލާލަދޭތި." ޒީނާ ތުންފަތް ހަރަކާތް ކުރިއެވެ. އަދި އެ އަޑު މަޑުމަޑުން ރަހީމްގެ ކަންފަތުގައި ޖެހުނެވެ.

"ތިކަހަލަ ވާހަކަ ނުދައްކާ. އަހަރެންނަކަށް ތިކަހަލަ ވާހަކައެއް އަޑުއަހާކަށް ކުޅަދާނައެއްނޫން."

"އަޅުގަނޑު ދެކެވާލޯބި އަބަދުވެސް އެ ދަރިފުޅަށް ދެއްވާތި. އަޅުގަނޑަށް ވެލެއްވި އޯގާތެރި ކަމަށްޓަކައި ޝުކުރު އަދާކުރަން. އަޅުގަނޑަށްޓަކައި ހިތާމަ ނުކުރައްވާތި؟"  މިފަހަރު އަޑު އިވުނީ ވަރަށް ނުސާފުކޮންނެވެ. އޭރުވެސް ޒީނާ ހުރީ ރަހީމު އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ކަހަލަ ގޮތަކަށެވެ.

އޭރު އޭނާގެ ނޭފަތުންނާއި އަނގައިން ލޭ އަންނަން ފަށައިފިއެވެ. ހަށިގަނޑުގައި ހުރި ތުރުތުރު މުޅި ހަށިގަނޑު މަޑު ތެޅުމަކަށް ބަދަލު ވެއްޖެއެވެ. އަދި އިސާހިތަކު އޭނާގެ އަނގައިން ހޯސްލާފައި ލޭ އަންނަން ފަށައިފިއެވެ. ރަހީމް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ހަމަ އެސިކުންތުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އެތަނަށް ވެންނެވިއެވެ.  ނަމަވެސް ކިތަންމެ އަވަހަށް ފަރުވާ ދޭން މަސައްކަތް ކުރިއަސް ޒީނާގެ ހަށިގަނޑުން ފުރާނަ ހިނގައްޖެއެވެ. އަބަދުގެ އަބަދަށް އޭނާގެ ދިރިއުޅުމުން ވަކިވެއްޖެއެވެ. ތުރުތުރު އަޅަމުން ދިޔަ ހަށިގަނޑު ހިމޭންވެއްޖެއެވެ. ހިފަހައްޓައިގެން ހުރި އަތުން ވާގި ހިނގައްޖެއެވެ. އެ މަޑު އަތުގެ ހޫނުކަން ކެނޑި ފިނިވާން ފެށިއެވެ.  ދެންމެ  އޭނާގެ ކުރިމަތިން  ފެނުނު ދޮން ސާފު އަދި އެ  ލޯބި މޫނަށް ލޭކުލަ އަރައިފިއެވެ. އެކަމަކު އެ ނިޔަނެތި ހިނިތުންވުން އެގޮތުގައި ހުއްޓެވެ. ރަހީމުގެ ކުރިމަތީގައެވެ. ނުހަނު ގާތުގައެވެ.

ރަހީމަށް އެއްވެސް ކަމެއް އިހުސާސް ނުވާ ކަހަލައެވެ. އޭނާ އަށް ފެންނަނީ މީހުން ކޮޅުކޮޅަށް ދުވާ ތަނެވެ. ހީވަނީ ފިލްމެއްގައި މީހުން ސްލޯމޯޝަނަށް ލާފައި ހުންނަހެންނެވެ. އޭނާގެ ކަންފަތުގައިހަރުލާފައި ހުރީ އެންމެ ޖުމްލައެކެވެ. "އަޅުގަނޑު ދެކެ ވާލޯބި އަބަދުވެސް އެ ދަރިފުޅަށް ދެއްވާތި. އަޅުގަނޑަށް ވެލެއްވި އޯގާތެރި ކަމަށްޓަކައި ޝުކުރު އަދާކުރަން. އަޅުގަނޑަށްޓަކައި ހިތާމަ ނުކުރައްވާތި."

ޝުކުރު އަދާކުރީ ތިގޮތަށް ހެއްޔެވެ؟ އެތައް ވޭނެއްގެ އަސަރުގައި އޮވެ ފަހު ވަގުތު ހެއްޔެވެ؟ ތިއީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ ހިތާމަ ނުކުރާށޭ ބުންޏަސް ހިތާމަ ނުކޮށް ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ ފުރާނައަށް ވުރެވެސް ލޯބިވާ ބައިވެރިޔާ ބީވެ ދިޔުމުން ނުރޮވޭނީ ކާކަށް ހެއްޔެވެ؟ އެތައް އިންތިޒާރަކަށް ފަހު އެތައް ހުވަފެނެއް ދެކެމުންދިޔަ ލޯބި ކުއްޖާގެ ލޯބި ހިނދުކޮޅަކަށް ލިބުނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް އޭރު ދުނިޔެ ހިތަކަށް ލިބުނީ އޭވެސް ހީވިއެވެ. ނަމަވެސް އެހާ އަވަހަށް އެދުނިޔެ އޭނާއަށް ދަތި ތަނަކަށް ވީ ކީއްވެ ހެއްޔެވެ؟ އޭނާ އެންމެ ދެރަވީ އޭނާ އެކުއްޖަކަށްޓަކައި ހުރިހާކަމެއް ގުރުބާންކުރި އަންހެން ކުއްޖާ ވަޅު ލާތަނަށްވެސް ނުދެވުނީމައެވެ. ވަޅުލުމުގެ ކުރީން މޫނު ދެކިލާންވެސް ނުލިބުނީމައެވެ. މާތްކަލާކޯއެވެ؟ އޭނާއާއި އެކު މިއަޅާ ނުގެންދެވީ ކީއްވެތޯއެވެ؟ މިއީ އިންސާފު ތޯއެވެ؟ ކެތްތެރިކަމާއި ހަރުދަނާކަން ލިބިފައިވާ ރަހީމަށް މިއަދު ވަނީ ކެތްކުރަން ދަތިވެފައެވެ. އޭނާ ހީވަނީ މޮޔައެއް ހެންނެވެ.

ރަހީމުގެ  ހާލަތު ގޯސްވަމުންދާތީ ޑޮކްޓަރުން އޭނާއަށް ނިދާ ބޭސް ދިނެވެ. އެބޭހުގެ ސަބަބުން އޭނާއަށް ނިދުން ފިޔަވައި އެއްވެސް ކަމެއް ނުކުރެވެއެވެ. މިގޮތުގައި ތިންދުވަސް ހޮސްޕިޓަލުގައި ހޭދަވިއެވެ. އެންމެ ފަހަރަކު ލީޝަން ފެނުނެވެ. ދެން ލިބެމުން ދިޔައީ ޔައީންގެ އޯގާތެރިކަމެވެ. ޔައީން ރަށުން އައީ އެކްސިޑެންޓްގެ ޚަބަރު ލިބުމުންނެވެ. ހަފްތާއެއްގެ ފަހުން އޭނާ ގެއަށް ދޫކޮށް ލެވިއްޖެއެވެ. ނުކުޅެދޭ މީހެއްގެ ހާލުގައެވެ. އޭނާގެ މައިބަދައަށް ގެއްލުން ލިބުމުގެ ސަބަބުން އުނަގަނޑުން ތިރިވަނީ ވާވެފައެވެ. އެހެންކަމުން އަބަދުވެސް ކޮންމެވެސް މީހެއްގެ އެހީތެރިކަމަށްވަނީ ބޭނުން ވެފައެވެ. ނަމަވެސް އޭނާ ޒީނާގެ ދަރިފުޅު އެގެއަށް ގެނައެވެ. އޭނާއަށް އެންމެން ލަފާ ދިނީ ކުޑަކުދިންގެ ހިޔާއަށް އެދަރިފުޅު ގެންދަންކަމަށް ވިޔަސް އޭނާ އެގޮތަކަށް އެއްބަހެއް ނުވިއެވެ. ޔައީން މެދުވެރިކޮށް ބޭރު އަންހެނެއް އެގެއަށް ގެނެސް އެދަރިފުޅު ބެލުމަށް ހަވާލުކުރެވުނެވެ. އަދި އެކުއްޖާއަށް ޒީޝަންއޭ ކިޔާ ނަން ދިނެވެ. އަދި ހުރިހާ ވަގުތެއްވެސް ރަހީމް އެކުއްޖާ ގާތުގައި ހޭދަކުރަމުން ދެއެވެ.

މިކަމާ އެންމެ ރުޅިއައި މީހަކީ ލީޝަންއެވެ. އޭނާ ބައްޕައަށް ހަޅޭއްލެވިއެވެ.

"ތި ދަރިއަށް ޒީޝަން ކިޔައިގެން މަށާ ގުޅުވީ ކީއްކުރަން. ތި ދަރީގެ މަންމައަކީ ސުންޕާ އަންހެނެއް."

"ލީޝަން." ރަހީމު ބާރަށް ބުންޏެވެ.

"މިއަދު ހަޅޭއްލަވާނެ ކަމެއްނެތް. މަންމައަށް ޖެހުނު ހާލު މިހާރު ތިހުރީ ޖެހިފައި. އެނގޭތަ އެއީ ކީއްވެގެންކަން. އެއީ މަންމައަށް އެގޮތަށް ކަންތައް ކުރީމަ." ލީޝަން ބޭރަށް ނިކުތެވެ. ރަހީމަށް ކެތްކުރުން ފިޔަވައި އިތުރުކަމެއް ނެތެވެ. އޭނާގެ ވިޔަފާރި ދަށަށް ދަނީއެވެ. ނުކުޅެދޭ ހާލުގައި ވީއިރުވެސް ލީޝަންގެ ފަރާތުން އެހީތެރިކަމެއް ނުލިބުނުތާ އޮތް ހިސާބަށް ވަދެ ނުލައެވެ. ނަމަވެސް އެއްޗެއް ބުނަން ވެއްޖެނަމަ އައިސް ހަޅޭއްލަވާފައި ހިނގައިދާނެއެވެ.

"ޔައީން." އެވަގުތު އެތެރެއަށް ވަދެގެން އައި ޔައީނަށް ރަހީމް ގޮވާލިއެވެ.

"ކިހިނެއްތޯ."

"ރަނގަޅެއް ނޫން. ވިޔަފާރި ދަނީ ހައްތާ ދަށަށް. ލީޝަންއަކަށް ބަދަލެއް ނާދޭ. ޒީޝަން ބަލަމުން އެދަނީ ބޭރު އަންހެނެއް. ޒީނާ ދުނިޔޭގައި ހުރިނަމަ އަހަރެންދެކެ ކިހާ ރުޅިއަންނާނެ."

"ހިތާމަ ނުކުރައްވާ."

"ޔައީން މަށަށް އެހީތެރިވެދީ."

"އަޅުގަނޑު އަބަދުވެސް އެހީތެރިވާނަން."

"އަހަރެންގެ ވިޔަފާރިތައް ބަލަހައްޓައިދީ. ޒީޝަން އަށް އޯގާވެރިވެދީ. އެއީ ޔައީންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ އަމާނާތެއް."

"އަޅުގަނޑަށް ވިޔަފާރީގެ ކަންތައް ބެލެހެއްޓިދާނެ. ޒީޝަންވެސް ބެލިދާނެ. އެކަމަކު ލީޝަން މިކަމާއި ރުހޭނެތޯ؟"

"އޭނާ އަށް ނުވިސްނާ. އޭނާ ރަނގަޅެއް ނުވާނެ."

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހަފްތާޔަކު އެއްދުވަހަށްވުރެ ގިނައިން ކިޔާލަން ލިބޭނެނަމަ ވަރަށް ރަނގަޅު. މާދިގު އިންތިޒާރެއް ކުރަން ޖެހެނީ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *