އޭދަފުށީގެ ޚާއްޞަ ހެދިކާ: ގާތް ތިމާގެކަމުގެ ގުޅުމުގެ ތެރެއިން ފެށި މަސައްކަތް މާލެއާއި ރިސޯޓް ތަކަށް.

ބ. އޭދަފުށީގައި އެންމެ ފޯރިއާއިއެކު ކުރަމުންއަންނަ އެއް މަސައްކަތަކީ ދިވެހި ރަހަތަކުގެ ތަފާތުވައްތަރުގެ ހެދިކާތައް ހެދުމެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ހަވީރު ސައިބޯން ތައްޔާރުކުރާ ޒާތުގެ ހެދިކާއެއް ނޫނެވެ. ގިނަދުވަހަށް ބެހެއްޓޭގޮތަށް ތައްޔާރުކުރެވޭ އީދުގައި ތައްޔާރުކުރާކަހަލަ ހެދިކާއެވެ. މި މަސައްކަތަކީ ކުރިން އީދުރޯދަޔަށް ތައްޔާރުކުރި ބާވަތްތަކެއް ނަމަވެސް މިހާރު މިއީ އޭދަފުށީގައި ވިޔަފާރިއަށް ކުރާ މަސައްކަތެކެވެ.

މި ހެދިކާތަކަކީ އެހެންރަށްރަށުގައި ތައްޔާރުކުރާ ހެދިކާތަކާއި ޚިލާފަށް ތަފާތުކަމެއް އެކުލެވޭ ހެދިކާތަކެކެވެ. މީގެ މީރު ރަހަތަކަކީ ރާއްޖޭގެ ކަންކޮޅުތަކުގައި ބަލައިގެންފައިވާ ރަހަތަކެކެވެ. މި ހެދިކާތަކުގައި އެންމެ ތަފާތު ވައްތަރަކީ ރުއްބުޑާއި ދަރުއިލާއެވެ. މި މަސައްކަތް ކުރަމުންދާގޮތާއި ގުޅޭގޮތުން އޭދަފުށީ މެޓްރޯވިލާ ޝަމީމާ އަޙްމަދާއި ބައްދަލުކޮށްލާ މަޢުލޫމާތު ހޯދާލީމެވެ.

ޝަމީމާ އަޙްމަދު: ބީފާނަށް އިންޓަވިޔު ދެނީ…… ފޮޓޯ: ބީފާނު ނިއުސް

" މިއީ ކޮންޒަމާނެއްގައި ކުރަމުން އައި މަސައްކަތެއްކަމެއް ނޭނގޭ. މިއީ، ޒަމާނުއްސުރެ މިރަށުގައި ކާބަފައިން ކުރަމުން އައި ކަމެއް. މަންމަމެން ގާތުން މި މަސައްކަތް ދަސްކުރީ. މި މަސައްކަތް ކުރިން ކުރީ ހަމައެކަނި އީދު ރޯދައަށް. ނަމަވެސް މިހާރު މިކުރާގޮތަށް މާލެއަށް ވިއްކުމަށްޓަކައި ބަޔަކު ގަންނަން އެދުމުން އެއްބަނޑު އެއްބަފާ ކުދިންގެ އެހީއާއިއެކު މިމަސައްކަތް ފެށީ. ޝަމީމާ ބުންޏެވެ.

ހެދިކާ ހެދުމުގެ މަސައްކަތުގައި….. ފޮޓޯ: ބީފާނު ނިއުސް

މި މަސައްކަތުން ނަފާ ލިބޭކަން ޔަގީންވުމުން މިކަމުގައި ދެމިހުރީއެވެ. މިހާރު 8 ވައްތަރެއްގެ ހެދިކާ އޯޑަރަށް ތައްޔާރުކުރަމުން ދެއެވެ. އޭގެ ތެރޭގައި ރުއްބުޑާއި، ފޮނިރޮށްޓާއި، ދަރުއިލާއާއި، ކުޅިރޮށްޓާއި، ތަރަފަނައާއި، ކުދިގުޅަ، އުޅާލި އަދި ކުޅިކާޖާ ތައްޔާރު ކުރެއެވެ. ހަފްތާގެ ދުވަސްތަކުގެ މެދުގައި ބަހާލައިގެން އެކިދުވަހު އެކިވައްތަރުގެ ހެދިކާ އަބަދުވެސް ތައްޔާރު ކުރެވެއެވެ. އެގޮތުން އާއްމުގޮތެއްގައި ހެދިކާ ތައްޔާރުކުރާ ދުވަހަކު މަދުވެގެން 500 އައިޓަމް ތައްޔާރުކުރެވެއެވެ. މި މަސައްކަތުން މަހެއްގެ މައްޗަށް ވަރަށް ރަނގަޅު އާމްދަނީ ލިބޭކަމަށާއި މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމުގައި ޝަމީމާ ފާހަގަކުރިއެވެ.

"މި މަސައްކަތް 4 މީހުން ވެގެން ވިޔަފާރިއަށް ކުރާތާ މިހާރު 5 އަހަރު ވެދާނެ. އަދި މިމަސައްކަތް ކުރުމުގައި އަޅުގަނޑާ އެކު މި ވިޔަފާރީގައި ބައިވެރިވަނީ، އެއްބަނޑުއެއްބަފާ ޝަފީގާ އަޙްމަދާއި ރަޝީދާ އަޙްމަދާއި އަދި ދެބެންގެ ދެދަރި މީހެއްކަމަށްވާ އަނީސާ ޙުސައިން. މަސައްކަތުން ލިބޭ އާމްދަނީ އެންމެންގެ މެދުގައި އެއްވަރަށް ބަހާލަނީ." ޝަމީމާ އަޙްމަދު ފާހަގަކުރިއެވެ.

ކުޅި ކާޖާ ހެދުމުގެ މަސައްކަތުގައި…  ފޮޓޯ: ބީފާނު ނިއުސް

މި ވިޔަފާރީގައި ބައިވެރި ނުވިޔަސް ކޮންމެދުވަހަކުވެސް އެއްބަނޑު އެއްބަފާ ދައްތަ ސަކީނާ އަޙުމަދު މަސައްކަތުގައި އަތްގާތްކޮށްލަދޭން އާދެއެވެ.

" މަސައްކަތުގައި ބައިވެރިވަނީ އެއްބަނޑު އެއްބަފާ ކޮއްކޮމެންނަށް ފަސޭހަކޮށް ދިނުމަށް. މަސައްކަތް ނިންމާލާފައި އެންމެންއެއްކޮށް ސަޔަށްދަނީ. މިއީ އަހަރެމެންނަށްލިބޭ ވަރަށްބޮޑު އުފަލެއް." ސަކީނާ އަޙްމަދު ފާހަގަކުރިއެވެ.

ހަގީގަތުގައި މި މަސައްކަތުގެ ސަބަބުން ތިމާގެ މީހުންގެ މެދުގައި ގުޅުން ބަދަހިވެގެންދެއެވެ. ގާތްތިމާގެ އުޚްތުންގެ މެދުގައި ނުހަނު އެކުވެރި މާހައުލެއްގައި އުފާވެރި ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރާއިރު ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އާމްދަނީއެއް ލިބޭތީ މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއްކަން އެންމެންވެސް ފާހަގަކުރިއެވެ.

ހެދިކާ ހެދުމުގެ މަސައްކަތް ނިންމާލުމަށްފަހު…  ފޮޓޯ: ބީފާނު ނިއުސް

"މި މަސައްކަތް ކޮންމެދުވަހަކު ހެދުނު 8 ޖަހާއިރު ފަށާފައި ނިންމަނީ ހަވީރު 5 ޖަހާއިރު. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކޮށްފައި ނަމާދު ވަގުތަށް މެދުކަނޑާލައި އަނެއްކާވެސް ފަށަނީ. މިކަމުގައި އުޅުމަކީ ވަރަށް އުފާވެ ހިތްހަމަޖެހޭ ކަމެއް." ޝަފީގާ އަޙްމަދު ފާހަގަކުރިއެވެ.

ކޮންމެދުވަހަކުވެސް ތައްޔާރުކުރެވޭ މި ހެދިކާތައް ރަށުގެ ފިހާރަތަކަށް ވިއްކަން ލައެވެ. އަދި ރިސޯޓުތަކުން ލިބޭ އޯޑަރުތަކަށްވެސް ހެދިކާ ތައްޔާރުކޮށްފައި ފޮނުވައެވެ. މީގެ އިތުރުން މާލޭގެ ފިހާރަތަކަށްވެސް ވިއްކަން ލައެވެ. ޚާއްޞަ ގޮތެއްގައި ސްޓޭޑް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ޕީޕަލް ޗޮއިސް ގައިވެސް މީގެ ވައްތަރުތައް ވިއްކަން ހުރެއެވެ. ރަށުގައި އުޅޭ ބިދޭސީންނާއި ރަށަށް ޒިޔާރަތް ކުރާމީހުން ވަރަށްގިނައިން މީގެ ހެދިކާ ގަނެއެވެ.

ޝަމީމާ އަޙްމަދު ރުއްބުޑު ތެލުލުމުގެ މަސައްކަތުގައި.. ފޮޓޯ: ބީފާނު ނިއުސް

ހަމަ އެންމެ ދިވެހިވަންތަ ގޮތަށް ތައްޔާރުކުރާ ރުއްބުޑަކީ ހަމައެކަނި އޭދަފުއްޓަށް ޚާއްޞަ އެއްޗެކެވެ.  މެޝިނަރީސް ލިބިގެން މަސައްކަތް ކުރާނަމަ ފަސޭހަތަކެއް ލިބުނުކަމުގައިވިޔަސް އެއީ ބޮޑު ޚަރަދެއް ކަމަށް ޝަމީމާ ފާހަގަ ކުރިއެވެ.

"ލިބޭ އެއްޗަކުން އަދި މެޝިނަރީޒް ގަނެވޭކަށް ނެތް. ވީހާވެސް ދިވެހިރަހަތައް އެކުލެވެނީ ހަމަ އަބަދުވެސް ތައްޔާރުކުރަމުންމިދާ ގޮތަށް ހެދިކާ ހެދުމުން. މިހާރަކަށް އައިސް ހެދިކާ ހެދުމަށް ބޭނުންކުރާ ކާށިހޯދުމަކީވެސް ވަރަށް ދަތިކަމެއް." ރަޝީދާ އަޙްމަދު ބުންޏެވެ.

ޓީމުން ތައްޔާރު ކުރާ ބައެއް ހެދިކާ ކަމަށްވާ، ފޮނި ރޮށި، ކުޅި ރޮށި، ކުޅި ކާޖާ، ރުއްބުޑު، އަދި ދަރު އިލާ…    ފޮޓޯ: ބީފާނު ނިއުސް

" މި ލިބޭ އާމްދަނީއިން ގޭގެ ޚަރަދުތައް ކޮށްލެވޭ. އަދި މިހާރު ތައްޔާރުކުރެވޭ ވަރަށްވުރެ ގިނައިން އޯޑަރުވެސް ލިބޭ. ދެން އިތުރު ވަގުތު ހޭދަކޮށް އޯޑަރުތަކަށް ވާވަރަށް ނިންމަނީ. ބައެއްފަހަރު ރޭގަނޑު 11 ޖަހަންދެންވެސް މަސައްކަތް ކުރަން. ގޭގެ ކަންތައްކުރަމުން މި ކުރެވޭ މަސައްކަތަކީ ހަމަ ރަނގަޅު މަސައްކަތެއް." އަނީސާ ޙުސައިން ބުންޏެވެ.

ތަރަފަނަ އާއި ރުއްބުޑު… ފޮޓޯ: ބީފާނު ނިއުސް

މިއީ ޝައުގުވެރިކަމާއިއެކު އާއިލާގެ ގުޅުމުގެ ތެރެއިން އުފެދިގެންއައި ޚާއްސަ ރަހަތަކެކެވެ. އެއިން މާލީ ފައިދާތަކެއް ލިބޭއިރު ނަފްސާނީ ދުޅަހެޔޮކަމަށްވެސް ފައިދާ ކުރެއެވެ.

އޭދަފުއްޓަށް ޚާއްޞަ މި ހެދިކާތަކަކީ މީހުންގެ މެދުގައި މަޝްހޫރު ބާވަތް ތަކެކެވެ. މިކަމުގައި ދަރިންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ފާހަގަކުރެވޭ އަދި ޝުކުރު ހައްގު ވާ ކަމެކެވެ. އެގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، ޝަމީމާގެ ދަރިއެއްކަމުގައިވާ ރަށު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ ނިއުމާ އަޙްމަދުގެ ފަރާތުންނެވެ. އޭނާއަށް ލިބޭ ހުސްވަގުތު މަސައްކަތުގައި ބައިވެރިވާއިރު މާކެޓްކުރުމުގައިވެސް މަސައްކަތް ކުރެއެވެ. މީގެ ހެދިކާގެ ރަހަ ތަޖުރިބާ ކޮށްލަން ބޭނުންފުޅު ނަމަ ނުވަތަ ރަށްޓެހިންނަށް ހަދިޔާއަކަށްވެސް ދެއްވަން ބޭނުންފުޅު ނަމަ ނިޢުމާ އަޙްމަދު (7972068) އާއި ގުޅުއްވުމުން އެކަން ހަމަޖެހިގެން ދާނެއެވެ.

އެންމެ އުފާވެރި ވަގުތަކީ، މިގޮތަށް ސައިބޯން އެއްވެލާ ވަގުތު.  ފޮޓޯ: ބީފާނު ނިއުސް

މި ޓީމާއިއެކު އަޅުގަނޑުވެސް އެމީހުންގެ ރަސްމީ ހަވީރު ސަޔަށް ދިޔައީމެވެ. މިއީ އެކުވެރި އަދި އެހާމެ މަޖާ ޓީމެކެވެ. އެކުގައި ހޭދަކުރެވުނު ވަގުތުކޮޅަކީ އަޅުގަނޑަށްވެސް ނުހަނު ބޮޑު އުފަލެއް ލިބުނު ވަގުތުކޮޅެކެވެ. ދުޢާއަކީ މި އެކުވެރިކަމާއި ބަދަހިކަން އަބަދުވެސް މިގޮތުން ލެހެއްޓެވުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *