މިދޭތެއަކުން ބޭއްވި ފީފާ ވޯލްކަޕް މުބާރާތުގައި އެންމެ މަޝްހޫރު ވާހަކައަކަށްވީ ޖަޕާނު މީހުން މެޗް ބަލާ ނިންމާފައި ސްޓޭޑިއަމް ސާފުކުރި ވާހަކައެވެ. އަދި ޖަޕާނު ޓީމު އެމީހުންގެ މެޗް ކުޅެ ނިންމާފައި އެމީހުން ތިބިތަން ސާފު ކުރި ވާހަކައާއި ގަތަރަށް ޝުކުރު އަދާ ކުރި ގޮތުގެ ވާހަކައެވެ. މިއީ ޖަޕާނުގެ ތަޢުލީމީ މަންހަޖުގައި އެމީހުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދެވިފައިވާ ކަމުގެ ކުޑަކުޑަ މިސާލެކެވެ. އަޅުގަނޑުމެންވެސް ކާމިޔާބު ދަރިންތަކެއް އުފެއްދުމަށްޓަކައި ދިރިއުޅުމަށް ބޭނުންވާ އެންމެހާ ހުނަރުތައް ކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ.
ކުޑަކުއްޖެއްގެ ޝަޚުޞިއްޔަތު ބިނާކުރެވޭނީ ލައިފް ސްކިލްގެ ނުވަތަ ދިރިއުޅުމުގެ ހުނަރުތަކުގެ ތަޢުލީމް ފޯރުކޮށްދީގެންނެވެ. ލައިފް ސްކިލް ތަޢުލީމުގައި ކުއްޖާގެ ޖުމްލަ ޝަޚުޞިއްޔަތަށް ރިޢާޔަތް ކުރެވެއެވެ. އެއީ ކޮންމެ ކަހަލަ ހާލަތެއްގައިވެސް ކަންކަން ހައްލުކުރުމަށް ބާރު ލިބިދީ، ކޮންމެ އަމާޒެއްވެސް ހާސިލް ކުރުމަށް ކުރާ މަސައްކަތާ ކުރިމަތިލާން ހިތްވަރު ލިބިގެންދާ ކަމެކެވެ. ސްކޫލްގެ މަންހަޖަށްވެސް ލައިފް ސްކިލް އެޑިއުކޭޝަން އިތުރުކޮށްގެން ރަނގަޅު ނަތީޖާތަކެއް ހޯދިދާނެ އެވެ.
ދިރިއުޅުމުގެ ހުނަރަކީ އުނގެނުމުގެ ނުވަތަ ޢިލްމުގެ ތެރެއިން ހޯދާ އަސާސީ ހުނަރުތައް ބަޔާންކުރުމަށް ބޭނުންކުރާ ހުނަރެކެވެ. ހަމައެހެންމެ، ދުވަހުން ދުވަހަށް ކުރާ ކަންކަމަކީ ދިރިއުޅުމުގެ ހުނަރެއް ކަމަށް ބުނެވިދާނެއެވެ. ދިރިއުޅުމުގެ ހުނަރުތަކުގެ ތެރޭގައި ވެސް ތިމާގެ ޖަޒުބާތުތަކާއި، މާލިއްޔަތާއި، ސްކޫލް ޕާފޯމަންސާއި އަދި ސިއްހަތު ފަދަ ކަންކަން ހިމެނިދާނެ އެވެ.
ދިރިއުޅުމުގެ ހުނަރުތަކަކީ ކޮބާ؟
ލައިފް ސްކިލްސްގެ މާނައަކީ، ނިންމުންތައް ނިންމުމާއި، ދުޅަހެޔޮކަން ބިނާކުރުމާއި، މައްސަލަތައް ހައްލުކުރުމާއި، ފައިދާހުރި ގޮތެއްގައި މުއާމަލާތްކުރުމާއި އަދި ކަންކަމަށް ފާޑުކިޔައި އުފެއްދުންތެރިކަމާއެކު ވިސްނުމަށް އެހީތެރިވެދޭ ކަމެކެވެ. ގިނަފަހަރަށް ދިރިއުޅުމުގެ ހުނަރުތައް އަމާޒުކޮށްފައިވަނީ އަމިއްލަ އަމަލުތަކަށް ނުވަތަ އެހެން މީހުންނާ މެދު ކުރާ އަމަލުތަކަށެވެ.
ދިރިއުޅުމުގެ ހުނަރަކީ ކޮބައިކަން ދެނެގަތުމަށް ގިނަ މާނަތަކެއް ވެއެވެ. މި ހުނަރުތަކުގައި މީހަކަށް ބޭނުންވަނީ އިޖުތިމާޢީ ސިފަތަކާއި އަމިއްލަ ޤާބިލުކަން އެކުލެވިގެން، އެމީހެއްގެ މާހައުލާއި ވަށައިގެންވާ އެހެން މީހުންނާ މުޢާމަލާތުކޮށް، މަތީ ޤާބިލުކަމަށް ބޭނުންވާ ނިންމުންތައް ނިންމުމާއި އަދި އެކި ބާވަތުގެ މައްސަލަތަކަށް ހައްލު ހޯދުމެވެ. މީގެ އިތުރުންވެސް އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކޮންމެ ހާލަތެއްގައިވެސް ފަހިކޮށް މުއާމަލާތް ކުރުމަށް ބޭނުންވާ ހުނަރުތަކަށް ކިޔަނީ ލައިފް ސްކިލްސް ނުވަތަ ދިރިއުޅުމުގެ ހުނަރުތަކެވެ. ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީ ކުރެވޭނީ މުޖުތަމަޢަށް ހޭނުމަށް ހިތްވަރުދީ، އަމިއްލަ ސުލޫކުތަކުގައި ފަހިގޮތްތައް ކުރިއެރުވުމާއި އަދި ކުރާމަސައްކަތްތަކާއިމެދު ހެޔޮ ނަޒަރިއްޔާތެއް ގެންގުޅެގެންނެވެ.
ލައިފް ސްކިލްސް އެޑިއުކޭޝަން އަކީ އެފަދަ އެއް ބާވަތުގެ ހުނަރެވެ. މިކަމުގެ ދަށުން ކުއްޖާގެ ދިރިއުޅުން އެކަށީގެންވާ ގޮތެއްގައި ހަމައަކަށް އެޅުވުމާއި، ދިރިއުޅުމާއި ގުޅުންހުރި ހަރަކާތްތައް ނިޒާމީ ގޮތެއްގައި އިންތިޒާމުކުރުމުގެ ޤާބިލުކަން އުފެދެއެވެ. އެއީ ކުއްޖާގެ ޤާބިލުކަމާއި ބުއްދިވެރިކަމުން އާދަޔާ ހިލާފު ޙާލަތްތަކުގައި ނިންމުންތައް ނިންމޭނެ ގޮތަށް ކުއްޖާ ވަރުގަދަ ކުރުމަށްޓަކައި ހުނަރުތައް ތަރައްޤީކުރާ ތަޢުލީމެކެވެ. ވީމާ އިންސާނާގެ ޙަޔާތުގައި ދިމާވާ ނިކަމެތިކަންތައްތައް ދަސްކޮށްގެން ނަމަވެސް ތަރައްޤީކުރަން ޖެހެއެވެ. ހުނަރުވެރި ރައްޔިތަކަށް ވެވޭތޯއެވެ.
ދިރިއުޅުން ކާމިޔާބުކުރަން ބޭނުންނަމަ ދިރިއުޅުމުގެ ހުނަރުގެ މުހިންމުކަން ދެނެގަންނަން ޖެހެއެވެ. އަދި އަޅުގަނޑުމެންގެ ޙަޔާތުގައި އެކަން ތަންފީޒު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިހެން ދިމާވެއްޖެނަމަ އަޅުގަނޑުމެންގެ ދިރިއުޅުން ސާދާ އަދި ރަނގަޅު މިސްރާބަކަށް ކުރިއަށް ގެންދެވޭނެއެވެ. ދިރިއުޅުމުގެ ހުނަރުތަކުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުން ފަސޭހަކޮށް، ސާދާކޮށް، ހެޔޮ ދިރިއުޅުމެއް އުފައްދާނެ ގޮތާއި އަދި ދިރިއުޅުން ރަނގަޅު ގޮތުގައި ހޭދަކުރެވޭނެ ގޮތްތައް އެނގޭނެއެވެ. އެހެންކަމުން ދިރިއުޅުމުގެ ހުނަރުތަކަކީ އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު އެއްޗެކެވެ.
އެއީ ހުރިހާ ބާވަތެއްގެ ހާލަތަކަށް ހޭނި މުޖުތަމައުގެ ކޮންމެ ދާއިރާއަކުން ކާމިޔާބު ހޯދުމުގެ ގާބިލްކަން އުފައްދައިދޭނެ ކަމެކެވެ. އާ ޖީލުތަކުގެ ދިރިއުޅުމުގައި ދިރިއުޅުމުގެ ހުނަރު ނެތުމަކީ އެކަމަށް ފަރުވާތެރިވާން ޖެހޭ ކަމެކެކެވެ. ދިރިއުޅުމުގެ ހުނަރު ނެތުމުގެ ސަބަބުން ހަމައެކަނި އަމިއްލަ ދިރިއުޅުމުގެ އިތުރުން ޕްރޮފެޝަނަލް ދިރިއުޅުމާއި ކެރިއަރަށް ވެސް އަސަރު ކުރެއެވެ. ދިރިއުޅުމުގެ ހުނަރުތައް ތަރުބިއްޔަތު ކުރުމުން ދަރިވަރުންނަށް އެ ހުނަރަށް ފަރިތަވެ އަމިއްލަ ނަފްސަށް އިތުބާރު ކުރެވޭނެ އެވެ. އެއީ އެއްވެސް ނުރަނގަޅު ހާލަތެއްގައި އަވަސް ފިޔަވަޅު އަޅަން ތައްޔާރުކޮށްދޭ ކަމެކެވެ.
ދިރިއުޅުމުގެ ހުނަރުގެ ބާވަތްތައް
ދިރިއުޅުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ ދެ ވައްތަރެއް ވެއެވެ. ފުރަތަމަ ކަމަކީ ޖެނެރަލް ލައިފް ސްކިލްސް އާއި އަނެއް ކަމަކީ މަތީފެންވަރުގެ ހުނަރުތަކެވެ. އަދި މި ހުނަރުތަކުގެ ދަށުން ތަފާތު ހުނަރުތައް އަންނަނީ ތިރީގައި މިވާ ހުނަރުތަކެވެ.
- އިތުބާރު ކުރުމުގެ ހުނަރު.
- ނިންމުންތައް ނިންމުމުގެ ހުނަރު.
- ސްޓްރެސް ކުޑަކުރުމުގެ ހުނަރުތައް ލިބިފައިވުން.
- މުސީބާތްތަކުގައި ނަފުސު ހަމައަކަށް އެޅުވުމުގެ ހުނަރު ހުރުން.
- އަމިއްލައަށް ހޭލުންތެރިވުމުގެ ހުނަރު.
- ގޯސް ކަންތައްތަކަށް ނޫނެކޭ ބުނެ ދުރުހެލިވުމުގެ ހުނަރު.
- ކަންކަމާ ދޭތެރޭ ފަހިކޮށް ވިސްނުމުގެ ހުނަރު.
- ލަނޑުދަނޑި ކަނޑައެޅުމާއި މައްސަލަ ހައްލުކުރުން.
- މުއާމަލާތުކުރުން.
- އިޖުތިމާޢީ ސަޕޯޓް.
- ސިއްހަތާއެކު ދިރިއުޅުމުގެ ފެންވަރު.
- އަމިއްލައަށް ހޭލުންތެރިވުމުގެ ހުނަރު
އަމިއްލަ ނަފްސަށް ހޭލުންތެރިވުމުގެ ހުނަރު ތަރައްޤީކޮށްގެން އޭނާގެ ކަންތައްތަކަށް ހޭލުންތެރިވެވޭނެއެވެ. އެމީހުންގެ އަމިއްލަ ޕާފޯމަންސާއި ސުލޫކުތަކަށް ހޭލުންތެރިވެ، ކޮންމެ ހާލަތެއްގައި ވެސް ކަންތައް ކުރުމަށް ގާބިލްވާނެ އެވެ. އެމީހަކު ކަންކަމާމެދު ނުވަތަ އެހެން މީހުންނާމެދު އޭނާގެ އިޙްސާސްތައް ދެނެގަނެވޭނެއެވެ.
- ހަމްދަރުދީވުމުގެ ހުނަރު.
ހަމްދަރުދީވާން އެނގޭ މީހަކަށް އެހެން މީހުންގެ ތަޞައްވުރާއި، އިޙްސާސްތަކާއި، ކޮންމެ މީހަކުވެސް ހުރި ޙާލަތްތައް ވިސްނޭނެއެވެ. އެއަށް ޢަމަލުކުރަންވީ ގޮތް އެނގި އެހީތެރިވެދޭން ދަސްވާނެއެވެ.
- މައްސަލަ ހައްލުކުރުމުގެ ހުނަރު.
މައްސަލަ ހައްލުކުރުމުގެ ލައިފް ސްކިލްގެ ސަބަބުން ތިމާއަށް ދިމާވާ އަސްލު މައްސަލައަކީ ކޮބައިކަންއެނގި ހައްލުތަކަށް ހުރި މަގުތައް ހޯދައި އެންމެ ރަނގަޅު ހައްލު ފާހަގަ ކުރެވެއެވެ. އެއަށްފަހު ވަކި މުއްދަތެއްގެ ތެރޭގައި އެ މައްސަލައަށް ހައްލު ހޯދައި އެކަމަށް އަމަލުކުރެއެވެ. އެއީ ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ޢަމަލުކުރަންޖެހޭ އެންމެ މުހިންމު އެއް ދިރިއުޅުމުގެ ހުނަރެވެ.
- ނިންމުންތައް ނިންމުމުގެ ހުނަރު.
ދޭތެރެ ދޭތެރެއިން ފަރުދެއްގެ ދިރިއުޅުމަށް އަސަރުކުރާނެ ނިންމުމެއް ނިންމަން ޖެހޭ ވަގުތުތަކާ ކުރިމަތިލާން ޖެހެއެވެ. ނިންމުންތައް ނިންމުމުގެ ހުނަރު ހުރުމުން ރަނގަޅު އަދި އެކަށީގެންވާ ނިންމުމެއް ނިންމައި އެ ނިންމުމެއް ނިންމާނެގޮތުގެ ހުނަރު އިންސާނާ ތަރައްގީ ކުރެއެވެ. ނިންމުންތައް ނިންމުމުގެ ސަބަބުން ކޮންމެ ދަތި އަދި އަވަސް ހާލަތެއްގައި ވެސް ރަނގަޅު ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބެ އެވެ.
