ޔޫރަޕުގެ ފުޓުބޯޅަ ދޫކޮށް ސައުދީ އަރަބިޔާގެ ލީގުގައި ކުޅޭ އަލް ނަސްރަށް ބަދަލުވާން ނިންމީ، ޔޫރަޕުގައި ކުޅުމުގެ ފުރުސަތު ނުލިބިގެން ނޫންކަމަށް، އެ ޓީމާ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ގުޅުނު ރޮނާލްޑޯ ވަނީ ބުނެފައެވެ.
އަލް ނަސްރު ކުލަބުގެ ޖާޒީގައި އޭނާ ރަސްމީކޮށް ދައްކާލުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން 37 އަހަރުގެ ރޮނަލްޑޯ ބުނީ އާ ގައުމެއްގެ ލީގެއް ތަޖުރިބާކުރަން ތައްޔާރަށް ހުރިކަމަށެވެ. އަދި ޔޫރަޕްގައި ހުރިހާ ކާމިޔާބީއެއް ލިބިއްޖެ ކަމަށާއި، މިއީ އޭޝިޔާގައި ތަޖުރިބާކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ދެކޭކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
އައް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މީޑީއާގެ ކުރިމަތީގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މިއީ އޭނާގެ ތަޖުރިބާގެ ބޭނުން ހިފައި ސައުދީގެ ފުޓުބޯޅައަށް އެހީވެދޭން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
"ޔޫރަޕްގައި އަހަރެންގެ މަސައްކަތް ފުރިހަމަކޮށްފިން. މި އާ ޗެލެންޖާ މެދު އަހަރެން ފަހުރުވެރިވަން،" ޔޫއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދުމުގައި ހިއްސާވި ރޮނާލްޑޯ ބުންޏެވެ.
ޖުމްލަ 25،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމްގައި ރަސްމީކޮށް ރޭ ރޮނާލްޑޯ ދައްކާލަން ސަޕޯޓަރުން ވެއްދީ ޓިކެޓް ވިއްކައިގެންނެވެ. ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޗެރިޓީ އަށް ހަދިޔާކުރަން ނިންމާފައި ވާކަމަށް އެ ކުލަބުން ހާމަ ކޮށްފައި ވެއެވެ.
ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާގެ ގޮތުގައި ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ބަދަލުވީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ ކޮންޓްރެކްޓެއްގެ ދަށުންނެވެ. މި ކޮންޓްރެކްޓުގެ ދަށުން އޭނާ އެ ކުލަބުގައި ދެ އަހަރާއި ބައިގެ މުއްދަތަކަށް މަޑުކުރާނެއެވެ.
