އިމާރާތްތަކުން ފުރިފައިވާ މާލޭގެ މަލަމަތި ގެއްލެންދެން އެދިމާއަށް ބަލަން ޒައިބާ އިނެވެ. އިރުއިރުކޮޅުން އޭނާ ލޯމަރާލަނީ ހިތަށް އުނދަގޫވާތީއެވެ. ލޮލުގެ އެސްފިޔަތައް ތިރިވާ ކޮންމެ ފަހަރަކު ފެންތިކިތަކުން އޭނާގެ ކޯތާފަތް ތެންމާލައެވެ. އުފަންރަށާ މައިންބަފައިން ދޫކޮށް ދުވަހަކުވެސް ނުދާ، ބީރައްޓެހި ރަށަކަށް އެދަނީ އަލަތު ލޯތްބަށްޓަކައެވެ. މަންމައާއި ބައްޕަ އޭނާ އެވަރުކޮށްފައި އެހުރީ ރާނީއެއް ފަދައިންނެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު އެމީހުން ބާކީކޮށްލާނޭ ދުވަހަކުވެސް އެމީހުން ހިތަކަށް ނާރާނެއެވެ. އެހެނަސް އޭނާގެބައްޕަގެ ރުހުމާނުލާ ކައިވެނިކޮށް، ދިރިއުޅުން އެއްކޮށް ބަދަލު އެކުރަނީ ހއ. އުތީމަށެވެ. ބާރުދުވެލީގައި ދަތުރުކުރަމުންދާ ކަނޑުބޯޓުގެ ފަހަތުކޮޅުގައި ހުރި ޖޯލިފަތީގައި އޭނާ އިނީ އެކަނިމާ އެކަންޏެވެ. އޭރު ފިރިމީހާވީ ކާއެއްޗެހި ބަލާ ބޯޓުގެ ތިރީބަޔަށް ގޮހެވެ.
" އަދިވެސް ރޮނީތަ؟ "
އަކްރަމްގެ އަޑަށް ޒައިބާ އިސްއުފުލާ ބަލާލިއެވެ. އޭރު ބަތްޕާރްސަލެއް ހިފައިގެން އަކްރަމް ހުރީ އޭނާގެ ކުރިމަތީގައެވެ.
" ސޮރީ! ދެން ނުރޯނަން! " ގަދަކަމުން ހިނިތުންވެލުމަށްފަހު ޒައިބާ ބުންޏެވެ. އަކްރަމް ޖޯލީގައި އިށީންނަމުން އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ. އޭނާގެ މޫނުމަތީގައި ހުރީ ނުތަނަވަސްކަމެވެ.
" އަހަރެން ހަނދާނެއް ނުނެތޭނެ ޒައިބާގެ މައިންބަފައިން ރޭގަ ކީ އެއްޗެއްސެއް! ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ! "
ފެންފުޅިއެއްގެ މަތި ކަނޑާލަމުން އަކްރަމް ޒައިބާއަށް ބަލާލިއެވެ. އޭނާ އިނީ ނުހަނު ދެރަވެފައިކަން އަކްރަމަށް އެނގެއެވެ. އެހެނަސް އެއީ އޭނާ ކޮންމެހެންވެސް ދައްކަން ބޭނުންވާ ވާހަކަ ތަކެކެވެ.
" ޒައިބާގެ މަންމަމެން އަހަންނާމެދު ނުގަބޫލުވާންޖެހޭ ސަބަބެއް ނުވިސްނުނުހަމަ. ވެދާނެ ތީ މާލޭމީހުންނަށްވެފަ އަހަންނަކީ ރާއްޖެތެރޭމީހަކަށް ވީމަކަމަށް. ކައިވެންޏަށް ރުހުން ނުދިނަސް އަހަރެން އެކަމާ އެއްޗެކޭ ނުބުނީމުސް. ރޭގަ ޒައިބާއަށް ކީ އެއްޗެހިން އަހަރެން އެމީހުންދެކެ ވަރަށް ފޫހިވެއްޖެ! އެވަރަށް ދަރިންނަށް ބަދުދުޢާ ކުރާކަށްވެސް ނުވާނެ! އިރާދަކުރެއްވިއްޔާ އެމީހުންގެ ފައިބުޑަށް ޒައިއަކަށް ދާކަށް ނުޖެހޭނެ! "
ޒައިބާގެ އަތުގައި ހިފާލަމުން އަކްރަމް ޔަގީންކަންދިނެވެ. އަކްރަމްގެ ކޮނޑުގައި ބޯއަޅާލަމުން ޒައިބާވެސް ވާހަކަ ދައްކަންފެށިއެވެ.
" އަހަރެން ކިހާ ދެރަވާނެ! އެކަމަކު އަހަރެން ހިތްވަރުކޮށްގެން މިހުންނަނީ! އަހަންނަށް ރަނގަޅީ އަކޫވެސް އެއްވެސް އެއްޗެއް އެމީހުންނަށް ނުބުނިއްޔާ! އަހަރެން އުއްމީދުކުރަނީ އަހަންނަށް އަކޫގެ ފެމެލީމީހުން ރަނގަޅުވާނެކަމަށް.."
އަކްރަމް ބޯޖަހާލަމުން ޒައިބާގެ އަތަށް ފިތާލިއެވެ.
އަކްރަމް އާއި ޒައިބާއަށް މަރުޙަބާ ކިޔުމަށްޓަކައި އާއިލާގެ އެންމެން ބަނދަރަށް އައިސްތިއްބެވެ. އެމަންޒަރު ފެނި ޒައިބާގެ މަންމައާއި ބައްޕަމަތިން އޭނާ ވަރަށް ބޮޑަށް ހަނދާންވިއެވެ. އެހެނަސް މިއުފާވެރި ވަގުތު ރޯކަށް އޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން އުފާވެރި މޫޑެއްގައި ހުރެ އަކްރަމްގެ އަތުގައި ހިފައިގެން އޭނާ ހިނގައިގަތީ ދުރުގައި ހުރި ހިރުނދުގަހާ ދިމާއަށެވެ. އެގަހުގެ ހިޔަލުގައި ތިބި އާއިލާގެ އެންމެންގެ މޫނުމަތިން އުފާވެރިކަންފެންނަން ހުއްޓެވެ.
" ކަނބުލޮ އަވަހަށް ހިނގާ ގެއަށްދާން! އެހާ ދުރެއްވެސް ނުވާނެ ! "
އޯގާތެރިކަމާއެކު ޒައިބާގެ އަތުގައި ފުރަތަމަވެސް ހިފީ އަކްރަމްގެ މަންމަ ޝަކީލާއެވެ. ޝަކީލާހުރީ ހެވިދިލިފައެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މީހަކާ އިނުމަކީ އޭނާ އަބަދުވެސް ދެކެމުންއައި ހުވަފެނެކެވެ. މަންމަމެންނާއެކު ޒައިބާ ފޮނުވާލުމަށްފަހު އަކްރަމް ބަނދަރުގައި މަޑުކުރީ ބޯޓުން އެއްޗެހި ބާލާތީއެވެ.
ވެފައިވާ ވަރުބަލިކަން ފިލުވާލުމަށްޓަކައި ޒައިބާ ފެންވަރައިގެން ނިކުމެ އޮށޯތެވެ. އޭރު އެނދުމަތީގައި ފޯނާކުޅެން އަކްރަމްވެސް އޮތެވެ.
" ސްކޫލަށް ނިކުންނަށްޖެހޭނެ އަންނަ ހަފްތާ! "
ޒައިބާއަކީ ކުރިން މާލޭ ސްކޫލެއްގައި ކިޔަވައިދޭން އުޅުނު މުދައްރިސެކެވެ. އޭނާ އުތީމަށް ބަދަލުވުމަށްޓަކައި ވަޒީފާވެސް ބަދަލުކުރީއެވެ. ސްކޫލް ބަންދު ހަފުތާ ނިމުމުން އޭނާ އުތީމު ސްކޫލަށް ދާންޖެހޭނެކަން އަކްރަމަށް ހަނދާންކޮށްދިނުމާއެކު އަކްރަމް ބަލާލިއެވެ.
" އަހަރެން އަދި އެވާހަކަތައް މަންމަގާތު ނުދައްކަން. މަންމައަކަށް ނޭނގޭނެ ޒައިބާ ވަޒީފާއަށް ދާނެކަމެއް! " އަކްރަމް އެހެން ބުނުމުން ޒައިބާ ތެޅިގަތެވެ.
" އޭ އަނެއްކާ މަންމަ ހިތްހަމަނުޖެހިދާނެ އެއްނު "
" ކީއްވެ މަންމަ ރުޅި އަންނަންވީ ؟ އަހަރެމެންވެސް ދިރިއުޅުމަށްޓަކައި މަސައްކަތްކުރަންވާނެކަން މަންމައަށް އެނގޭނެ! "
އަކްރަމް ޒައިބާ ގާތަށް ޖެހިލިއެވެ.
" ޒައި! އަހަރެން ފުރީމަ ޒައި ވަރަށް ވައިވާނެދޯ! ސްކޫލަށް ދާންފެށީމަ ލިބޭނެ ރައްޓެހިން! ފަހަރެއްގަ އަހަންނަށް ގުޅާލަންވެސް ދެން ވަގުތެއް ނުވާނެކަންނޭނގެދޯ "
އަކްރަމްއަކީ ރިސޯޓެއްގެ ފްރޮންޓްއޮފީހުގައި މަސައްކަތްކުރާ މީހެކެވެ. ކައިވެންޏަށް އޭނާ ނެގީ ދިހަވަރަކަށް ދުވަސްކަމުން ރިސޯޓަށް ދާންޖެހޭ ދުވަސް މިހާރު ވަރަށް ގާތްވެއްޖެކަން އޭނާ ހަނދާންވީ ކުއްލިއަކަށެވެ.
" މާ އަވަހަށް ތިދަނީ.. އަހަންނާ މިގޭ މީހުން ރަނގަޅަށް ދަސްނުވަނީސް ތިދަނީ .." ޒައިބާ ޝަކުވާކުރުމުން އަކްރަމްގާތަށް އައީ ހިންޏެވެ.
" މިގޭގަ ކޮންބައެއް ތިބީ ދަސްކުރަން؟ މަންމަ އާއި ބައްޕަގެ އިތުރުން ދެން އެއުޅެނީ ދޮންތަ އާއި ދޮންތަބޭ! އެމީހުންގެ ދެދަރިންވެސް މިހާރު ބޮޑެތިވެގެން ވަޒީފާތަކުގައި އެއުޅެނީ! ދޮންތަމެންނާ ގުޅިގެން އުޅުނީމަ އެ ނިމުނީ.. ދެން އަހަރެންގެ މާމަ އުޅޭނީ ބޮޑުދައިތަގޭގަ! މާމަ އަސާގަނޑުގަވެސް މިގެއަށް އަންނާނެ! އަބަދުވެސް އެއްގެއިން އަނެއްގެއަށް ހިނގާލަ ހިނގާލަ މާމަ ހުންނާނީ "
އަކްރަމްގެ އާއިލާއަކީ ބޮޑު އާއިލާއެއް ނޫންކަން އެއީ ޒައިބާގެ ނަސީބޭ އޭނާ ހިތަށްއެރިއެވެ. ރާއްޖެތެރޭގެ ރަށަކަށް އޭނާ އެއައީ އަދި އަލަށެވެ. އެހެންކަމުން އޭނާއަށް އަދި އެހާބޮޑު ހިތްހަމަޖެހުމެއް ނުލިބެއެވެ.
" މާގިނަ ކަންތައްތަކާ ތިވިސްނަނީ.. އުޅޭ ނިދާލަން. މާދަމާއެއްނު ރަށުތެރެ ބަލާލަން ދެވޭނީ " ފައިކޮޅުގައި އޮތް ބްލޭންކެޓް ނަގާ ޒައިބާވެސް އެއިން ނިވާކޮށްލަމުން އަކްރަމް އޮށޯތެވެ.
އަކްރަމާއެކު ޒައިބާ ކޮޓަރިން ނިކުތީ އަށެއް ޖަހަނިކޮށެވެ. އޭރު ބަދިގެތެރޭގައި އަވަދިނެތި ދޮންތަ އާއި މަންމަ ސައިކެއްކުމުގައި އުޅެއެވެ.
"ދެން އަކްރަމް ކީއްކުރަން ތިއައީ ބަދިގެއަށް.؟ "
ރޮށި ދަމަން ހުރި ޝަކީލާ ބާރުބާރަށް ބުނެލީ ހިނިތުންވެ ހުރެއެވެ. ފިޔާކޮށަން އިން އާތިކާ އިސްއުފުލާ ބަލާވެސް ނުލިއެވެ. އެކަމާ ޒައިބާގެ ހިތް ނުތަނަވަސް ކުރުވިއެވެ. ނަމަވެސް އާތިކާއަށް އޭނާ ދެއްކީ ހިނިތުންވުމެވެ.
" މަންމާ ގެނޭ އަހަރެންގެ އަތަށް ރޮށިފިހަން.." ޒައިބާ ގޮސް ޝަކީލާގާތު ހުއްޓުނީ ޖެހިލުންވެ ހުރެއެވެ.
" އަހަރެން ހީކުރީ މާލޭކުއްޖެއްވީމަ އެއްވެސް ކަމެއް ކުރަން ނޭނގޭނެ ކަމަށް. އެހެން ނޫންނަމަ ހައެއްޖެހި އިރު ގޮވީމުސް އަހަންނާއެކު މަގުމަތި ކުނިކަހަންދާން.."
އާތިކާގެ ޖުމްލައިން އަކްރަމް ހިތްހަމަނުޖެހުނެވެ. އެކަމަކު ދޮންތަގެ މޫނުމަތީގައި ދުވަހަކުވެސް މީގެ ކުރިން އެއްޗެއް ބުނެފައި ނުވާތީ އަކްރަމް ކެތްކޮށްލިއެވެ.
" ދޮންތަމެން އެހާ މައިރާ ތެދުވާކަމެއް ނޭނގެ. އަހަރެންވެސް ދެން އެހާއިރު ނިކުންނާނަން.."
ޒައިބާ ވާހަކަ ދެއްކީ އިޙްތިރާމާއެކުގައެވެ. އެހެނަސް ފުރަތަމަ ދުވަހުން އޭނާއަށް އާތިކާގެ ގޮތް ދެނެގަނެވުނެވެ. ވައްކަޅިން އަކްރަމަށް ބަލާލިއިރު އަކްރަމް ހުރިގޮތުން ޒައިބާއަށް އެކަން ޔަޤީންވެސް ކުރެވުނެވެ.
" އަންނަ ހަފްތާ ޒައިބާ ސްކޫލަށް ނިކުންނަންޖެހޭނެ! އޭރުން އެހާ ހެނދުނު ބަދިގެއަށް ވަންނަން ވަރަށް އުނދަގޫވާނެ! "
އަކްރަމް މޭޒުކައިރީ އިށީނެވެ. ޝަކީލާމެންގެ ޖަވާބެއްގެ އިންތިޒާރުގައި ޒައިބާހުއްޓެވެ. އޭރު އާތިކާ ތައްޔާރުވަމުންދަނީ މަސްހުނިގަނޑެއް މޮޑޭށެވެ.
" ޓީޗަރެއްވިއްޔާ ސްކޫލުން އަވެއްޖެއްނުވާނެ! "
އާތިކާގެ ކޮންމެ ޖުމްލައަކުން ޒައިބާ ގަންނަނީ ބިރެވެ. އޭނާއަށް އެގޭގައި އުޅެވިދާނެބާއޭވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ.
" ހޯން… ދެން ތި އަނގަގަނޑު މަޑުކޮށްފަ އަވަސްކުރޭ! ޓީޗަރަކަސް ކޮންމެ އެއްޗަކަސް ވަގުތަކީ ހޯދީމަ ލިބޭ އެއްޗެއް! އާތިކާ ތީ މާ ރީތި މީހެއްނޫނޭ ވާހަކަ ދައްކަން! އާތިކާގެދަރިން ބޮޑެތިކޮށް ވަޒީފާތަކަށް ފޮނުވީ ހަމަ މި މަންމަގެ ދެއަތުން ކުރި މަސައްކަތުން.."
އާތިކާ އެމޭރުމުން ވާހަކަދައްކާތީ ޝަކީލާގާތަށްވެސް ރުޅިއައިކަން އޭނާ އަންގާލިއެވެ. ރޮށިފިހެ ނިންމާލުމަށްފަހު ޒައިބާއަށް އެއްޗެހި ހުންނަތަންތަން ދެއްކުމުގައި ޝަކީލާ އުޅުނެވެ. ދޮންތަގެ ސަބަބުން އަކްރަމް އިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
" ދޮންތަ ވަރަށް ފާޑެއްގެ ވާނެ! އެވައްތަރަށް އުޅޭނީ! މަންމައާއިވެސް އަބަދު ޒުވާބު ކުރާނީ. ދިމާއަށް ބުނެލާނެ ކޮންމެ އެއްޗެއްވެސް. ބޮލެއް ލޮލެއް ކަނދުރާއެއް ނުބަލާނެ. ދޮންތަބެވެސް ހުންނާނީ ސައިޒުގަ! އޭނަވެސް ރަށުން ބޭރު މީހެއްވީމަ އެ ހުންނަނީ. ދާނެ ތަނެއް ނޯންނާނެއެއްނު.."
ކޮޓަރިއަށް ވަތްގޮތަށް އަކްރަމް އެނދުމައްޗަށް ޖެހިގަތެވެ. ޒައިބާވެސް އޮށޯވެލުމަށްފަހު އަކްރަމްގެ އަތްމަތީ ބޯއަޅާލިއެވެ.
" އަކޫގެ މަންމަ ރަނގަޅިއްޔާ އަހަންނަށް އޯކޭ! އަހަރެން މީ މީހުން ޖައްސާވައްތަރު ބަލާނެ މީހެއްނޫން..! އަހަރެން ވަރަށް ހިތްވަރުގަދަވާނެ! "
" އެކަން އެނގެޔޭ! މާލެއިން ފުރީއްސުރެ ރޮއިލަރޮއިލާއިނީ… " އަކްރަމް ޒައިބާއާ ދިމާކޮށްލިއެވެ.
ހަވީރުގެ ވަގުތެވެ. ޒައިބާ ކާގެއަށް ދިޔައީ އަކްރަމްއަށް ކޮފީއެއް ހަދާށެވެ. ޖޯޑުގެ ތެރޭގައި ސަމްސާ އަނބުރާލުމަށްފަހު އޭނާ އެނބުރިލިވަގުތު މީހެއްގެ ގައިގައި ލައިގަތެވެ. ސިހިފައި ޒައިބާގެ އަތުން ސަމްސާ ދޫވެގެން ވެއްޓުނެވެ. ވެއްޓުނު ސަމްސާ ނަގައިދިނީ ޒައިބާގެ ކުރިމަތީގައި ހުރި މީހާއެވެ. ބަލާބެލުމަށް އޭނާގެ ޢުމުރު ސާޅީހާ ގާތްކުރާނެއެވެ.
" ސޮ..ސޮރީ! " ޒައިބާ އަވަސް އަވަހަށް އެހެން ބުނެ ފަހަތަށް ޖެހިލިއެވެ. އޭނާ ހުރީ ސީދާ ޒައިބާގެ މޫނަށް ބަލަހައްޓައިގެންނެވެ. ކުރިމަތިން ދުރަށް ނުދިޔުމުން ޒައިބާ އޭނާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ޒައިބާގެ ފައިން ފެށިގެން ބޮލަށް އޭނާ ނަޒަރު ހިންގާލިތަން ޒައިބާއަށް ފެނުނެވެ. ނުތަނަވަސް ވެފައިވާ ހިތަކައިގެން ޒައިބާ ވާހަކަ ދެއްކިއެވެ.
" ތަންކޮޅެއް ދީބަލަ! ނިކުންނަން ވެގެން.. " އޭނާ ހުރިތަނުން ޒައިބާއަށް ދޮރާދިމާއަށް ޖާގައެއް ނުލިބުނެވެ. އެއްފަރާތުގައި ހުރީ ކާމޭޒެވެ.
" ނާޝިޒް! އަދިވެސް ފެންފުޅިއެއް ހިފައިގެން އާދެވޭ ވަރެއް ނުވޭތަ؟ "
ގޭތެރެއިން އިވުނު ދޮންތަގެ އަޑުން އެއީ ދޮންތަގެ ފިރިމީހާކަން ޒައިބާއަށް ޔަގީންވިއެވެ. ނާޝިޒް އަވަސް އަވަހަށް އެއްފަރާތަކަށް ޖެހިލުމަށްފަހު ޒައިބާއަށް ތަންދެއްކިއެވެ. އިސްޖަހައިގެން ހުރެ ޒައިބާ ނިކުމެގެން ދިޔައީ އަވަސް ފިޔަވަޅުތަކެއްގައެވެ.
" އަކްރަމްގެ ދޮންތަބެ މީ ކީއްކުރާ މީހެއްތަ؟ ވަޒީފާއަށް ދޭތަ؟ "
ނާޝިޒްގެ ފުރަތަމަ ފެނިލުންވެސް ޒައިބާއަކަށް ކަމަކު ނުދިޔައެވެ. ޒައިބާއާއި ދިމާއަށް އޭނާ ބަލަހައްޓައިގެން ހުރި ގޮތުން ޒައިބާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދިއްޖެއެވެ. އެހެންކަމުން ނާޝިޒްއާއިމެދު އަކްރަމް ދެކޭގޮތް ބަލަންވެގެން ޒައިބާ ވާހަކަ ފެށީ ދުރުދުރުންނެވެ.
" ދޮންތަބޭ؟ އޭނަ ވޯރކް ކުރާނީ ފެނަކަ އޮފީހުގަ.. އެއީ ވަރަށް ބަސްމަދު މީހެއް! އެހާ ވާހަކަ ގިނައެއް ނުވާނެ! ކޮންމެހެން ދައްކަން ޖެހިއްޖެ ޙާލަތެއްގަ ނޫނީ މަންމަ މެންނާވެސް ވާހަކައެއް ނުދައްކާނެ! އެކަމަކު އެހެން މަޑުން ހުންނާތީ ދޮންތަ ހަދާނީ ހަދާނެ އެއްޗެއް! އެވަރުންވެސް ދޮންތަ އާއި ދިމާއަށްވެސް އެއްވެސް އެއްޗެއް ނުބުނާނެ! އަހަރެން ވަރަށް ގަދަރުކުރާ މީހެއް އެއީ.."
އަކްރަމް ކޮފީތަށި ތުނބުގައި ޖައްސާލިއެވެ.
" އޯހް! އެހެންދޯ! އާނ ދެންމެ ފެނުނު ކާގެ ތެރެއިން. އަހަންނާވެސް ވާހަކައެއް ނުދައްކަ! އެހެންވެ މި އަހާލީ" އެނދުމަތީގައި އޮތް ފޯނު ނެގުމަށްފަހު ޒައިބާ ފޯނާ ކުޅެން ފެށިއެވެ.
ޓާރމް ބަންދަށްފަހު ޒައިބާ ސްކޫލަށް ނިކުތް ފުރަތަމަ ދުވަހެވެ. ސްކޫލްގެ ވެރިން ، މުވައްޒަފުންނަށް ޒައިބާ ތަޢާރަފްކޮށްދީ ހެދިއެވެ. ސްކޫލްގެ މާޙައުލު ޒައިބާއަށް ވަރަށް ކަމުދިޔައެވެ. މާލެއާ އަޅާ ބަލާއިރު އެތައް ގޮތަކުން އޭނާއަށް ރަށްފުށުގެ އާދަކާދަތައް ހިތްގައިމެވެ.
" އަހަރެމެން ހީކުރީ މާލޭ ކުއްޖެއްވީމަ ވަރަށް ފޮނިވާނެކަމަށް! "
ސްޓާފްރޫމްގައި ޒައިބާއާއި ޖެހިގެން އިން މަރީ ބުނެލިއެވެ. އެއާއެކު ޒައިބާގެ ތުންފަތްމައްޗަށް ވެރިކުރުވީ ލުއި ހިނިތުންވުމެކެވެ.
" މާލޭ މީހަކަށްވިޔަސް، ރާއްޖެތެރޭ މީހަކަސް، ރާއްޖެއިން ބޭރު މީހަކަށް ވިޔަސް އެމީހެއްގެ ކިބައިގައިވާ ކޮންމެ ސިފައެއްވެސް ގުޅިފައިވާނީ މިޒާޖާ.. ނަސީބެއްނު އަހަރެންގެ މިޒާޖުގައި ތިބުނާ ފޮނިގޮތްގަނޑު ނެތްކަން.. "
ހިނިގަނޑެއް ޖަހާލުމަށްފަހު ޒައިބާ ބުނެލިއެވެ.
" އާއްމުކޮށް ރީތި މީހުން ފޮނިވާނެ! ތިމާއަށް ތިމާ ފެނިފަ ހުންނާނީ.. ރީތިކަމުން، އަހަރެން ހީކުރީ ޒައިބާއަކީ އޭގެ މީހެއްކަމަށް.."
ޒައިބާގެ ކުރިމަތީގައި އިން ލޫތު ބުންޏެވެ. ލޫތު އޭނާއާ ވާހަކަ ދެއްކީ އަދި އަލަށެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ޒައިބާ ލަދުގަތެވެ.
" ހޫމް.. ހޫމް… އޭ ޒައިބާއަކީ ހުސްހަށިބައި ކުއްޖެއް ނޫން އިނގޭ! ފްލަރޓް ކުރާނެކަމެއްނެތް"
އަތުގައި އޮތް ކަރުދާސްބޮނޑި ލޫތުގެ މޫނުމައްޗަށް މަރީ އެއްލިއެވެ. ރައްދެއް ދޭން ނުކެރިގެން، ހަމައެކަނި ހިނިތުން ވުމަކުން ޒައިބާ ފުއްދާލިއެވެ. ސްކޫލްގެ ހުރިހާ މުވައްޒަފުންގެ ތެރެއިންވެސް ލޫތަކީ ރީތިކަމަށް އަރާހުރި މުދައްރިސެކެވެ. އޭނާގެ ފިރިހެންވަންތަކަން ރަށުގެ އަންހެން ކުދިންގެ ހިތްތައް ކުދިކުރެއެވެ. އެހެނަސް އެހިތް ފަތަޙަ ކުރެވޭ ވަރުގެ ކުއްޖެއް އެރަށަކު ނެތެވެ.
" އަހަރެން ދުވަހަކުވެސް އަންހެން ކުއްޖަކަށް ފްލަރޓެއް ނުކުރަން.. އަހަރެން ވާހަކަ ދައްކާނީ ޙަގީގަތަށް.. "
އަތުގައި އޮތް ފައިލް ލައްޕާލަމުން ލޫތު މަރީއާ ދިމާއަށް ބުނެލިއެވެ.
" މީހެއްގެ ޙައްޤަކަސް ތަޢުރީފް ކުރެވިދާނެދޯ! އެއީ މައްސަލައެއްތަ ޒައިބާ؟"
ކުއްލިއަކަށް ލޫތު އޭނާގެ ނަން ބޭނުން ކުރުމުން ޒައިބާ ދިޔައީ ސިއްސައިގެންނެވެ.
" އޭނ.. ނޫން.. އެއްވެސް މައްސަލައެއް ނޫން.. " އަވަސް އަވަހަށް ޒައިބާއަށް ބުނެވުނެވެ. ލޫތު އެހި އެއްޗަކަށް ރަނގަޅަށް ވިސްނާވެސް ނުލައެވެ.
( ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
ވާހަކަ ވަރަށް ރީތި.