ވޭލްސްގެ ފުޓުބޯޅަ ލެޖެންޑު ގަރެތު ބޭލް، ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފިއެވެ.
ބޭލް އެންމެ ފުރަތަމަ ފުޓުބޯޅަ ކެރިއަރުފެށީ ސައުތުއެމްޓަންއިންނެވެ. ދެހާސް ހަ ވަނަ އަހަރު އެ ޓީމަށް ކުޅެންފަށައި ބޭލް ވަނީ އެ ޓީމަށް 40 މެޗު ކުޅެދީ ފަސް ގޯލު ޖަހައިފައެވެ.
އެ ޓީމަށް ދެއްކި މޮޅުކުޅުމުގެ ސަބަބުން 2007 ވަނަ އަހަރު ޓޮޓެންހަމްއިންވަނީ އޭނާގެ ސޮއި ހޯދައިފައެވެ. ދެހާސް ތޭރަ ވަނަ އަހަރާ ހަމައަށް 146 މެޗު ކުޅެ 42 ގޯލު ބޭލް ވަނީ އެޓީމަށް ޖަހައިދީފައެވެ. އެ މުއްދަތުގައި ބޭލް ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އެއް ފަހަރު ހޯދައިފައެވެ.
ޓޮޓެންހަމް ދޫކޮށްލުމަށްފަހު 2013 ވަނަ އަހަރު ބޭލް ވަނީ ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެ ޓީމަށް އޭނާ ވަނީ 176 މެޗު ކުޅެ 81 ގޯލު ޖަހައިފައެވެ. ދެހާސް އެކާވީސް ވަނަ އަހަރު އެ ޓީމު ދޫކޮށްލުމުގެ ކުރިން ބޭލް ވަނީ ލޯނު އުސޫލުން ޓޮޓެންހަމްއަށް ބަދަލުވެ 20 މެޗުން 11 ގޯލު ޖަހައިފައެވެ.
މިދިޔަ އަހަރު ބޭލް ކުޅެފައިވަނީ އެމެރިކާގެ ލޮސް އޭންޖަލްސް އެފްސީއަށެވެ. އެ ޓީމަށް 12 މެޗު ކުޅެދީ އޭނާ ވަނީ ދެ ގޯލު ޖަހައިފައެވެ.
ބޭލް ކުޅުނު 17 ސީޒަނުގައި އޭނާ ވަނީ 22 ތައްޓެއް އުފުލާލައިފައެވެ. އޭގެތެރޭގައި ފަސް ޗެމްޕިއަންސް ލީގު ވެސް ހިމެނެއެވެ.
