ވާހަކަ: ލީޝަން – 25

(4 ޖެނުއަރީ 2023ގެ ނޫހާއި ގުޅޭ)

ރަހީމް ވިޔަފާރީގެ ހުރިހާކަމެއް ޔައީނާ ހަވާލު ކުރިއެވެ. ވިޔަފާރީގައި ދެމިހުންނަ ހުރިހާ ދުވަހަކު ހުރިހާ ބާރަކާއި ޒިންމާއެއް ނެގުން ޔައީނާ ހަވާލު ކުރިއެވެ. އެކަމަކު އޭނާ ފާޅުގައި އެކަމަށް އިންކާރު ކުރަމުން ދިޔައެވެ. ނަމަވެސް އޭނާއަށް ލިބޭ ހުސްވަގުތު ތަކުގައި ރަހީމުގެ ވިޔަފާރީގެ ކަންތައް ބަލަހައްޓަމުން ދިޔައެވެ. އެކަމަކު އެކަށީގެން ވާވަރަށް ބެލެހެއްޓެމުން ނުދާތީ ވިޔަފާރި ދުވަހުން ދުވަހަށް ދަށަށް ދަމުން ދެއެވެ. ލީޝަންއަށް މިކަންތައް އެނގެއެވެ. ވިޔަފާރި ދަށްވުމަކީ އޭނާ އެދޭ ކަމެއްނޫނެވެ. ބައްޕަގެ ހުރިހާ މުދަލަކީ އޭނާގެވެސް މުދަލެވެ. އަރާމު ދިރިއުޅުމާއި މުއްސަނދިކަމުގައި ފެށުނީއްސުރެވެސް އުޅެން އާދަވެފައިވާ ލީޝަންއަށް ފައިސާ ލިބުން މަދުވެއްޖެނަމަ ލިބޭނެ އުނދަގޫ އިހުސާސް ކުރެވެއެވެ. އެތަކެތި ހުރިއްޔާ އޭގެ ފައިދާވެސް ކުރާނީ އޭނާއަށެވެ. އެހެންކަމުން ވިޔަފާރި ކުރިއަށް ގެންދަންޖެހެއެވެ. ނަމަވެސް ބައްޕަ އޭނާގެ އަތްމައްޗަށް ވިޔަފާރި ދޫކޮށްނުލާނެކަން އެނގެއެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި އޭނާ ވިސްނަމުން ދިޔައީ ވިޔަފާރީގެ ތެރެއަށް ވަންނާނެ ގޮތެކެވެ. މިވާހަކަ އޭނާގެ ބައްޕަގާތު ދެއްކިއެވެ.

"މި ހުރިހާ މުދަލަކީ ލީޝަންގެ މުދާ. ދަރިފުޅު ހަރުދަނާނަމަ މިއަދު ޔައީން ގާތު އާދޭސް ކުރާކަށް ނުޖެހުނީސް."

"އަހަރެން ހުރިހާ ކަމެއްގެ ޒިންމާ ނަގާފާނަން."

"އެއީ އުނދަގޫ މަސައްކަތެއް. ދަރިފުޅަށް އަދި ތަޖުރިބާ ބޭނުންވާނެ." ލީޝަންގެ ގޮތް އެންމެ ބޮޑަށް އެނގެނީ އޭނާއަށެވެ. މަސައްކަތުގައި އިރުކޮޅެއްވާއިރަށް ފޫހިވެދާނެއެވެ. އާދައިގެ ކަންތަކާއި ރުޅިއަންނާނެއެވެ. މީހުންނާއި ގުޅުން ކުޑަވެފައި ވިޔާނުދާ މީހުންނާ ގާތްކަން އޮވެއެވެ. ފައިސާ އަކަށް ބެލުމެއް ނެތެވެ. ދިރިއުޅުމުގައި އެއްވެސް ހަރުދަނާ ކަމެއްނެތް ބޮޑާ އަންހެން ކުއްޖެކެވެ. ލީޝަން ރަނގަޅުވޭތޯ އޭނާ އެތައް ދުއާއެއް ކުރެއެވެ.

"އުޅެލަނިކޮށް ދަސްވެދާނެ."

"ދަރިފުޅު ޔައީނާ ކައިވެނި ކުރަންވީނު. މިހާރުވެސް ބައްޕަގެ މަސައްކަތްތައް ބަލަހައްޓަނީ އޭނާ. ވިޔަފާރިއަށް ކުޑަވެސް އަސަރެއް ކޮށްފިނަމަ އޭނާ ހައްލުކޮށްދޭނެ. އޭރުން ދަރިފުޅަށް ވެސް ދަސްވާނެއެއްނު. އޭރުން ދެކުދިން އެކުގައި މި މަސައްކަތް ތަރައްގީ ކުރެވޭނެ." މިއީ ރަހީމު އެތައް ދުވަހެއްގެ ކުރިންވެސް ވިސްނަމުން ދާކަމެކެވެ.

"ބައްޕަ ތި ބުނަނީ އަހަރެން އެކަންޏަކަށް ވިޔަފާރި ހަވާލެއް ނުކުރާނަމޭތަ؟ އަހަރެންވެސް އޭނާގެ މަސައްކަތުގެ ރަނގަޅުކަން ދަންނަން. އެކަމަކު."

"މިއީ ލީޝަންއަށް އެންމެ ފައިދާ ވާނެގޮތް."

"އެ ގޮތް ބަދަލެއް ނުވާނެތަ؟"

"ނޫން. ލީޝަން ބޭނުން ނަމަ މިކަމާ ހަވާލުވޭ. އެކަމަކު މިހާ އަޑި އަޅާލާފައި އޮއްވާ ރަނގަޅު ކުރެވޭނެހެން ހީވޭތަ؟" ރަހީމުގެ އާދައިގެ މަތީން އެންމެ ފަހުން ލީޝަންއަށް ދޫކޮށްލީއެވެ. މިކަމުންވެސް ލީޝަން ރަނގަޅުވެ ޒިންމާދާރު ވެދާނެތީއެވެ. އަމިއްލައަށް މަސައްކަތަށް ހަވާލުވާން އުޅުން އެއީ ރަހީމާއި ދޭތެރޭ އޭނާ ވިސްނަނީކަން ގަބޫލު ކުރެވިގެންނެވެ. ރަހީމާ ދެމެދު ނުވިސްނި ނަމަވެސް އޭނާގެ ދިރިއުޅުމާއި މެދު ވިސްނަނީކަން އިހުސާސް ކުރެވުމުންނެވެ.

"ތިކަން  އެނގޭނީ ކުރަން ފެށީމައެއްނު." ލީޝަން ބައްޕަގެ ހުއްދަ ލިބުމުން މަސައްކަތަށް ނިކުތެވެ. ނަމަވެސް ވިޔަފާރިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެތައް މުއައްޒަފުންނަށް މުސާރަ ނުލިބިގެން ޝަކުވާ ކުރަނީއެވެ. ދެފަރާތަކުން އޭނާ ކޯޓަށް ގެންދަންފެށިއެވެ. ކަސްޓަމަށް ދައްކަންޖެހޭ ފައިސާ ވެސް ނުދެއްކި އިތުރުވަމުންދެއެވެ. މިކަންކަން ހައްލުނުވެވި ކަންތައްތައް ދަނީ ގޯހުން ގޯހަށެވެ. އެންމެފަހުން އޭނާއަށް މިކަން ނުވާނެކަން ގަބޫލު ކުރިއެވެ. ވިޔަފާރި މަތިން ފޫހިވިއެވެ. ގިނަ ދުވަސް ދުވަހު މަސައްކަތަށް ފަރުވާކުޑަކުރިއެވެ.

"ދަރިފުޅާ. ތިހެން ވާންވެއްޖެ ނަމަ އަހަރެމެން އިނދަޖެހިދާނެ."

" އެކަމަކު ދެންހަދާނެ ގޮތެއްނެތް."

"ދަރިފުޅަށް ނިކަމެތި ދިރިއުޅުމެއް އުޅެވިދާނެތަ؟ ކުރިންވެސް ބުނިހެން ޔައީންއާއި ކައިވެނި ކުރަންވީނު. އޭނާ އަކީ ހަރުދަނާ ކުއްޖެއް."

"ޔައީން ގަބޫލުނަމަ ކައިވެނި ކުރެވިދާނެ." އޭނާ އެއްބަސްވީ އޭނާގެ ވިޔަފާރި ހިންގައިދޭށެވެ. ޔައީން އޭނާގެ ދިރިއުޅުމަކާ ނުބެހޭނެކަން އޭނާއަށް އެނގެއެވެ. ޔައީންގާތު އޭނާ ބޭނުން ގޮތަކަށް އުޅެވޭނެއެވެ. އޭނާގެ މި ބަންދުން ސަލާމަތްވެ މާފަސޭހައިން މިނިވަން ދިރިއުޅުމެއް އުޅެވޭނެއެވެ. އެހެންނޫނަސް ޒީންބެ ބަންދު ކުރިފަހުން އޭނާ ހުންނަނީ ފޫހިވެފައެވެ. ޔައީނަކީ އޭނާ  ހިތްކިޔާ ގޮތެއް ހުންނަ ރީތި ޒުވާނެއްކަން އޭނާއަށް ބައެއްފަހަރު ހީވެއެވެ. ލޯބި ނުވިއަކަސް ގަޔާވާކަހަލަ ފިރިހެންވަންތަ ކަމެއް އޭނާއަށް ފާހަގަ ކުރެވެއެވެ. އެފިރިހެންވަންތަކަމާއި ހަރުދަނާކަން އޭނާ ބައެއްފަހަރު ނުހަނު ޝައުގުވެރި ކުރުވައެވެ. ފަޅުރަށެއްގައި ހުރިހާ ނުރައްކަލަކުން އޭނާ ރައްކާތެރިކޮށްދިންގޮތަށް މިއަދު އޭނާގެ ވިޔަފާރިވެސް ރަނގަޅު ކުރެވިދާނެ ގާބިލުކަންހުރި މީހެއްކަން އޭނާ ގަބޫލު ކޮށްފިއެވެ.

ރަހީމް ޔައީނާ މިވާހަކަ ދެއްކުމުގެ ކުރީން ވާހަކަދެއްކީ ޔައީންގެ ބައްޕަ އަދުނާނާއެވެ. ރަހީމުގެ ހާލަތު އޭނާއަށް އޮޅުން ފިލުވައިދީ ޔައީން އެދެބަފައިންނަށް އެހީވެދީފިނަމަ ޝުކުރުވެރިވާނެ ވާހަކައާއި ދެމީހުންގެ ރަހުމަތްތެރިކަމަށްޓަކައި މިކަންތައް ކޮށްދިނުމަށް އާދޭސް ކުރިއެވެ. އަދުނާނަށް މިކަން ވީ އޭނާ ހުވަފެނުންވެސް ނުދެކޭފަދަ އުފާވެރި ކަމަކަށެވެ. ރަހީމަކީ އޭނާގެ ގާތް ރަހުމަތްތެރިއަކަށްވުމުގެ އިތުރަށް އެހާ ދީލަތި ހެޔޮމީހެކެވެ. ލީޝަން އަކީ ރަހީމުގެ ހަމައެކަނި ދަރިފުޅެވެ. އެއީ ކިޔަވައިގެންހުރި ރީތި  ކުއްޖެކެވެ. ސުވޭދާ ޔައީނު ގާތު ބުނީ ޔައީންވަރުގެ ހުރިހާކުދިން ރަށުގައި މީހުންނާ އިނދެފިކަމާ ޔައީންގެ  ކައިވެންޏަށް އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދާކަމަށެވެ.

ރަހީމް އޭނާ ގާތު އާދޭސް ކުރަމުން ދިޔައީ ވިޔަފާރި ބަލަހައްޓާ ދިނުމަށެވެ. އޭނާގެ އާއިލާއަށް އޯގާތެރިވުމަށެވެ. އޭނާ ނުކުޅެދޭ ހާލުގައި ދޫކޮށްލާފައި ނުދިއުމަށެވެ. މިއަދު ޔައީން އޭނާއަށް ފުރަގަސް ދީފިނަމަ އޭނާގެ ދެއަންހެން ދަރިން ޔަތީމް ވެދާނެ ކަމަށެވެ. ޔައީނަށް ފާޅުގައި އިންކާރު ކުރަން ނުކެރުނު ނަމަވެސް އެކެއްގެ ވާހަކަ އަކަށްވެސް އޭނާއަށް އެއްބަހެއް ނުވެއެވެ. އޭނާ ބޯ ހާސްވާ ހިސާބަށް ހިނގައްޖެއެވެ. އެންމެ ފަހުން ރަހީމްގެ ފަހު އެތި ފަހަރު ބޭނުން ކުރިއެވެ.

"ޒީނާއަށް ޓަކައި ޒީނާގެ ދަރިފުޅުގެ ޒިންމާ ނަގައިދޭށެވެ. އެއީ ޔައީން ނިކަމެތިވި ދުވަހު ހިތްވަރު ދީ އަޅާލި އޯގާތެރި ރަހުމަތް ތެރިޔާއެވެ. ދުނިޔޭގައި ހުރިއިރު އެހީވި ފަދައިން އޭނާ ނެތް ދުވަހު އޭނާގެ ހަމައެކަނި ހަނދާން "ޒީޝަން" މިސްކީނަކަށް ނުހަދާ އެހީވެދޭށެވެ. އަހަރެންނަށް މާގިނަދުވަހު ހުރެވޭނެ ހެނެއް ހިޔެއްނުވެއެވެ؟ ޔައީނެވެ. އެހެންނޫނިއްޔާ އަހަރެން ޔައީނަށްވީ އޯގާތެރިކަމަށްޓަކައި އަހަރެންގެ ދެދަރިން ބަލަހައްޓައި ދޭށެވެ. އެއީ ދެއަންހެން ކުދިންނެވެ. މިއަދު ޔައީން ހިނގައްޖެ ނަމަވެސް މިނުކުޅެދޭ ބައްޕައަކަށް އެކުދިންނެއް ނުބެލޭނެއެވެ. އެދެކުދީން ނިކަމެތި ވެދާނެއެވެ. މާތްﷲގެ ރަސްކަންފުޅަށްޓަކައި އަހަރެންނަށް އެހީވެ ދޭށެވެ." ރަހީމް ކަރުނަތައް ފޮހެލަމުން ޔައީން ގާތުގައި ނިކަމެތި މީހަކު ސަލާންޖަހާ ހާލު އޭނާގެ އެދުން ފުރިހަމަ ކޮށްދިނުމަށް އެދުނެވެ.

އެންމެފަހުން ހުރިހާ އެންމެންގެ އާދޭހާއެކު ޔައީން ހިތާ ދެކޮޅަށް ލީޝަންއާއި ކައިވެނި ކޮށްފިއެވެ. ނަމަވެސް ލީޝަން ފެންނަ ހިސާބުގައި ހުންނަންވެސް އޭނާ ބޭނުމެއް ނޫނެވެ. އެއީ މީހުންތެރޭގައި އޭނާ ލަދު ގަންނަވާލާ މަލާމާތްކުރި ކުއްޖާއެވެ. އޮފީހުގައި އެންމެންތެރޭގައި އޭނާގެ މޫނު މަތީގައި ޖަހާ ރާއްޖޭގެ އެންމެންގެ ކުރިމަތީގައި އޭނާގެ ޕްރެސެންޓޭޝަން ބަދަލު ކޮށް ފަޟީހަތް ކޮށްލި ގޮތެއްނެތް ކުއްޖާއެވެ. ލީޝަން އަނެއްކާ އޭނާގެ ދިރި އުޅުމަށް އައިތީ ފޫހިވެގެން ބޭރަށް ނިކުތެވެ.

އެންމެފަހުން އޭނާ ނިދަން ދިޔައީ ކުރިންވެސް އޭނާ އުޅެމުން ދިޔަ ކޮޓަރިއަށެވެ. ނަމަވެސް ޒީނާގެ ހަނދާންތަކުން އޭނާ ހިތް ރޮއްވަމުން ދިޔައެވެ . އެދެމީހުން ބޭރުގައި ހުރި ހިލަ ގޮޑީގައި ފިލާވަޅު ދަސްކުރި ގޮތެވެ. ސްކޫލުން އައިސް މީރު އެއްޗިހި ހަދާފައި ދެމީހުން އެކުގައި ކައިބޮއި އުޅުނު ގޮތެވެ. ގޭތެރޭގެ މަސައްކަތުގައި އެކަކު އަނެކަކަށް އެހީތެރިވީ ގޮތެވެ. ހިތާމައިގެ ދަނޑިވަޅުގައި ވިސްނައިދީ އޯގާތެރި ވީގޮތެވެ. ލޯބީގެ މައްސަލަ ތަކުގައި އެއްބަސް ނުވާ ކަންތަކާއި ކުރާ ޖަދަލެވެ. އެހެންނަމަވެސް ކުއްލިއަކަށް އެއްކަމެއް އޭނާގެ ހިތުގައި ހަރުނުލާ ބިންވަޅު ނެގިފައި ވެއެވެ.

އެއީ ޒީނާ ރަހީމާ ކައިވެނި ކުރަން އެހިވަގުތު އޭނާ ރަހީމުގެ އުމުރާމެދު ބުނި އެއްޗަކަށް ޒީނާ ދިން ޖަވާބެވެ. "ޔައީން ކިޔެވީ ހަމައެކަނި ވިޔަފާރިދޯއެވެ. އެހެންވީމާ  ނޭނގުނީ ކަމަށްވެދާނެއެވެ. އަހަރެމެންގެ ތެރެއިން ކިތައް ކުޑަކުދިން މަރުވެއްޖެ ހެއްޔެވެ؟ ކިތައް ޒުވާނުންނާއި މަރު ބައްދަލު ކޮށްފިހެއްޔެވެ؟  މަރުއެއީ ކޮންމެ ވަގުތަކުވެސް އަތުވެދާނެ ކަމެއްކަމަށް ގަބޫލު ނުކުރެވެނީ ހެއްޔެވެ؟ ކުރިން މަރުވާނީ އަހަރެންކަމެއް ނޫނީ ޔައީންކަމެއް އެނގެނީ ކާކަށް ކާކަށް ހެއްޔެވެ؟" ޔައީންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައި ގަތެވެ.

"ޒީނާ… ތީ ކިހާ ނަސީބު ދެރަކުއްޖެއް. އެތައް ހިތްދަތި ކަމެއް ތަޖުރިބާ ކުރުމަށް ފަހު ލޯބިވާ ފިރިއަކާއި ގާތް ރަހުމަތް ތެރިއެއް ލިބުނު ދުވަހު ދާންޖެހުނީ. ޒީނާ… އަހަރެންނަށް މާފު ކުރޭ. އަހަރެން ވައުދުވީ ފަދައިން ޒީނާ ވަޅުލާ ތަނަށްވެސް ނުދެވުނު." އެންމެފަހުން އެކޮޓަރީގައި ނޯވެވިގެން އޭނާ ތެދުވެގެން ލީޝަންގެ ކޮޓަރިއަށް ދިޔައެވެ.

ކޮޓަރިވަނީ ރޭގަނޑުގެ ހިމޭންކަމުން ފުރިފައެވެ. މިޒަމާނުގެ ފުރިހަމަ  ނިދާ ބޮތްކެއްގެ މަޑު އަލިން ކޮޓަރިއަށްވެރިވެފައިވަނީ ފަނޑު ހަނދުވަރެއް ކަހަލަ އަލިކަމެކެވެ. ލީޝަން އޮތީ ހެދުންވެސް ބަދަލު ނުކޮށް ނިދާފައެވެ. ލީޝަން ފެނުމާއެކު ކޮޓަރީގައި އިތުރަށް ހުރެވިދާނެބާވައޭވެސް ހީވެއެވެ. އޭނާގެ ދިރިއުޅުމަށް ހުރިހާ ގޮތަކަށް އަސަރުކުރުވަމުން މިދާ ލީޝަންދެކެ އޭނާ ފޫހިވެއެވެ. އެހެންކަމުން އެފަދަ މީހަކާއެކު އެއްކޮޓަރިއެއްގައި އުޅުމަކީ ދަތިކަމަކަށް ވާއިރު އެއްއެނދެއްގައި ދެމީހުން ނިދާނީ ކިހިނެއްހެއްޔެވެ؟ އޭނާ ބާލީހަކާއި ބެޑްޝީޓެއް ނަގައިގެން ސޯފާގައި ނިދިއެވެ. އޭނާއަށް ހޭލެވުނީ އޮފީހަށް ދާން ވަރަށް ކައިރި ވެފައި ވަނިކޮށެވެ.

"ލީޝަން… އަހަރެންގެ ގަމީސް ތައްޔާރު ކޮށްދީބަލަ." ޔައީން ނިދާފައިއޮތް ލީޝަންއަށް ގޮވިއެވެ.

"އަމިއްލައަށް ތައްޔާރު ކޮށްގެން ދާންވީނު." ލީޝަން މޯޅިއަކަށް ދެމިލާފައި ބުންޏެވެ.

"އަނބިމީހާ ކަމުގައިވަންޏާ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރެވެން ޖެހޭނެ." މަޑުމަޑުން ބުނެލިއެވެ.

"ޗީ. ކަލޭ ހީކުރަނީ އަހަރެން ކަލެއާއި އިނދެގެން މިއުޅެނީ ލޯބިންކަމަށްތަ؟ އަހަރެން ކަލޭއާއި އަޅުދާސްވާންކަމަށްތަ؟ އެއީ ކުށް ހީއެއް. އަހަރެންގެ ފަރާތުން ކަލޭ ތި ހީކުރާކަހަލަ އެއްވެސް ކަމެއް ނުވާނެ." ލީޝަން ހަޅޭއްލަވައިގަތެވެ.

މިއީ ފުރަތަމަ ހާދިސާ ނަމަވެސް ލީޝަންގެ ފަރުވާ ކުޑަ އެތައްކަމެއް އޭނާއަށް ފާހަގަ ކުރެވެއެވެ. ގޭގައި މީހަކު ހުއްޓަސް ރަނގަޅަށް ގޭގެ ކަންތައް ނުބެލެހެއްޓޭތީ ގިނަދުވަހު ހުންނަނީ ނުކައްކައެވެ. އޭނާގެ ބައްޕަ އަށް އަޅާނުލުމުގެ އިތުރަށް ކުޑަކުޑަ ޒީޝަންވެސް އޭނާ ނުދެކޭތާ އެތައް ދުވަހެއްވެސް ވެދާނެއެވެ. ރޭގަނޑު ގެއަށް އަންނަނީ ލަހުންނެވެ. އެއްޗެއް ބުނެލަންވީމާ ކޮންމެ އެއްޗެއް ބުނެލާކަށް ވެސް ފަހަތަކަށް ނުޖެހެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *