(ހުކުރު ދުވަހުގެ ނޫޙާއިގުޅޭ)
" މީހެއްގެ ޙައްޤަކަށް ތަޢުރީފް ކުރެވިދާނެދޯ! އެއީ މައްސަލައެއްތަ ޒައިބާ؟ "
ކުއްލިއަކަށް ލޫތު އޭނާގެ ނަން ބޭނުން ކުރުމުން ޒައިބާ ދިޔައީ ސިއްސައިގެންނެވެ.
" އޭނ.؟ ނޫން.. އެއްވެސް މައްސަލައެއް ނޫން"
އަވަސް އަވަހަށް ޒައިބާއަށް ބުނެވުނެވެ. ލޫތު އެހި އެއްޗަކަށް ރަނގަޅަށް ވިސްނާވެސް ނުލައެވެ. އެއާއެކު ޒައިބާގެ ކޮނޑުގައި ޖަހާލަމުން މަރީ ހޭންފެށިއެވެ.
" ޒައިބާ އޯކޭ ވެދާނެ ހަމަ ކޮންމެ ކަމަކަށްވެސް! ލޫތު ދެން ލާނެތްކަން މިތާކު ދައްކާނެ ކަމެއްނެތް! ދާން އުޅޭ! "
މޭޒުމަތީގައި ހުރި ލެޕްޓޮޕް ހުޅުވާލަމުން މަރީ ބުންޏެވެ. އޭރުވެސް ޒައިބާ އިނީ ވަރަށް ބޮޑަށް ލަދުގަނެފައެވެ.
" އެންމެ ރަނގަޅޭ މަރީ! އަހަރެން މިދަނީ! ޒައިބާ މި މަރީގެ ގޮތް ރަނގަޅަށް ދަސްކުރައްޗޭ! އޭނަވެސް ވަރަށް ލާނެތްވާނެ! "
ގޮނޑިން ތެދުވަމުން ލޫތު ބުންޏެވެ. ރައްދުގައި މިފަހަރުވެސް ޒައިބާ ހަމައެކަނި ލުއި ހިނިތުންވުމަކުން ފުއްދާލީއެވެ.
ޒައިބާއަށް ގެއަށް އާދެވުނު އިރު ދެގަޑި ބައިވަނީއެވެ. ބަނޑުހައިވެފައި ހުރި ނަމަވެސް އޭނާ ފެންވަރާ އަވަދިވެގެން ނަމާދަށް އެރިއެވެ. ސަލާމްދިނުމަށްފަހު އޭނާ އަވަސްވެގަތީ ފޯނު ހޯދާށެވެ. ދަބަހަށް އަތްކޮށްޕައިގެން ފޯނު އަތުޖެހޭތޯ ބެލިއެވެ. ފޯނު ފެނުމާއެކު އަވަސް އަވަހަށް ޒައިބާ އަކްރަމްއަށް ގުޅާލިއެވެ.
" ހާދަ ލަހުންނޭ ތިއައީ؟ ތީތަ ނިމޭގަޑިއަކީ ؟ "
އަކްރަމްގެ ފޯން ރިންގް ނުވަނީސް އޭނާ އައިސް ކޮޓަރިއަށްވަނެވެ. އަކްރަމްގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ.
" ލަސްތަ؟ މިއަދު އަދި އެހާ ބުރައެއްވެސް ނޫން! އެކަމަކު މާދަމާގެ ލެސަންއަށް މެޓީރިއަލްސް ތައްޔާރުކުރަން އިނދެވުނީ! ވަރަށް ބަނޑުހައި! "
ޒައިބާ ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ. އަދި ނަމާދު ދޮޅި ބޭލުމަށްފަހު ޒައިބާ އެނދުމަތީ އިށީނެވެ. އަތުގައި އޮތް ފޯން އެނދުމައްޗަށް އެއްލަމުން އަކްރަމްވެސް އައިސް ޒައިބާއާ ދާދި ގާތުގައި އިށީނެވެ.
" އަހަރެންވެސް ވަރަށް ބަނޑުހައި! "
" ހިނގާދާން އެހެންވީމަ! މިއަންނަނީ ބުރުގާ އަޅާލައިގެން "
ޒައިބާ ތެދުވަން އުޅުނު ވަގުތު އަކްރަމް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ.
" ދެން.. ކާންދާނީ ފަހުން.. އަހަރެން މާދަމާ ފުރަން އުޅޭތީވެސް ޒައި ބޭނުމެއްނުވޭތަ އަހަންނާއެކު ވަގުތު ހޭދަކުރަން؟ ދެން އިހަށް މަޑުކޮށްބަލަ! "
އަކްރަމްގެ މަޢުނަވީ ބަލާލުމުން ޒައިބާއަށް ހިނިތުންވެލެވުނެވެ. އަކްރަމް މަޑުމަޑުން ޒައިބާގެ އަތުގެ އިނގިލިތަކާއި ކުޅެލިއެވެ.
" އަހަރެން ހިތަށް އަރަނީ އަހަންނަށް ރިސޯޓްގައި ހުރެވިދާނެބާއޭ؟ ވަރަށް މިސްވާނެ! "
އެހެން ބުނުމަށްފަހު ޒައިބާގެ މަޑުމަޑު އަތްތިލައިގައި އޭނާ ބޮސްދިނެވެ.
" އެހާ ގިނަ ދުވަސް ނުކުރައްޗޭ! ފަހަރެއްގަ އެކޮޅުން ރީތި ކުދިން ފެނުނީމަ އަހަރެން މަތިން ހަނދާން ނެތިދާނެއެއްނުދޯ! "
ކުޑަކުއްޖަކު ފަދައިން ޒައިބާ ސަމާސާކޮށްލިއެވެ. ޒައިބާ އެހެން ބުނުމުން އަކްރަމަށް ބާރަށް ހީގަނެވުނެވެ.
"ތިއަށްވުރެ ވަކި ދޮން ކުއްޖެއް ރިސޯޓަކުވެސް ނޫޅޭނެ! އަހަރެން އެއްވެސް ވަރަކަށް އެހެން އަންހެން ކުދިންނަކަށް ޝައުޤުވެރިއެއް ނުވޭ! ޒައިބާއަކީ އަހަންނަށް މުޅި ދުނިޔެއިންވެސް އެންމެ ރީތި ކުއްޖާ! އަހަރެންގެ ދެލޮލާ ހިތާ ރޫޙުވެސް ޤަބޫލުކުރަނީ އެގޮތަށް! ދެންވެސް ތިކަހަލަ އެއްޗެއް ނުބުނައްޗޭ! "
ލޯބިވާ ފިރިމީހާގެ ތަޢުރީފްގެ ބަސްތައް އަޑުއަހަން އިން ޒައިބާއަށް ކެތެއް ނުކުރެވުނެވެ. އޭނާ ބާރުބާރަށް އަކްރަމްގެ ގައިގައި ތަތްވެގަތެވެ.
" އަހަރެން ޒައި ޙާޞިލްކުރީވެސް ހަމަ މިކަހަލަ މޮޅެތި ޑައިލޮގް ޖައްސައިގެންނޭ! ހަނދާން އެބަހުރިދޯ؟ "
މަޖަލަކަށް ހަދާފައި އަކްރަމް ބުންޏެވެ. އެއާއެކު ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޒައިބާ ބުންޏެވެ.
" އާނ! އަހަރެން ކޮލެޖަށްދާ މަގުމަތީގައި އަކޫ ނުހުންނަ ދުވަހެއް ނުދާނެ! ދެން އެއީ އިހަށް ދުވަހުގެ ކަމެއްނު! ހަނދާން ނެތޭނެތަ؟ " ޒައިބާގެ ވާހަކައިން އަކްރަމަށްވެސް ކުރީގެ ހަނދާންތައް އާވެގެންދިޔަކަހަލައެވެ.
ހަވީރުގެ ވަގުތެވެ. އަކްރަމަށް އަދިވެސް އޮތީ ނިދިފައެވެ. ތާޒާވެލައިގެން ޒައިބާ ނިކުތީ ބަދިގެއަށް ދިޔުމަށެވެ. އޭރުވެސް އޭނާ ހުރީ ނުކައެވެ. އެހެންކަމުން އަވަސް އަވަހަށް ތަރުމޯޒުން ސައިތައްޓެއް އެޅުމަށްފަހު މޭޒުކައިރީ އިށީނެވެ.
" ކޯއްޗެއްބާ ހުރީ ކާން؟ "
މަޑުމަޑުން އެހެން ބުނުމަށްފަހު އޭނާ އުނދުނާ ކައިރިވީ ތެލިތައް ބަލާލުމަށްޓަކައެވެ. އެއް ތެލީގައި އޮތީ ހަމައެކަނި ގަރުދިޔަ މަސްކޮޅެކެވެ. ދިޔަފޮދެއްވެސް ނެތެވެ. ދެން ހުރި ތެއްޔަކީ އިއްޔެ ހުރި ރިހަ ތެއްޔެވެ. މިހާރު ހުރީ ކުނިވެފައެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ މޭޒުމަތީގައި ހުރި ސައިތަށި ހިހޫވާން ވާއިރަށް ބޯލުމަށެވެ.
" ތެލިތައް ތި ބެހެއްޓީ ކީއްވެ؟ ދޮވެލިނަމައެއްނު! " ކާގެއަށް ވަދެގެން އައި އާތިކާ ފެނި ޒައިބާ ސިހުނީ އާތިކާގެ އަޑު ތަންކޮޅެއް ބާރުވުމުންނެވެ. އެވަގުތު އާތިކާގެ ފަހަތުން ނާޝިޒްވެސް ސައިބޯންވަނެވެ.
" ދޮވެލާނަން ސައިތަށި ބޯލައިގެން! މި ހިހޫވެދާނެތީ މިއައީ! "
އެހެން ބުނުމަށްފަހު ޒައިބާ އަވަސް އަވަހަށް ސައިތަށި ދަމާލިއެވެ. އަދި ކާމޭޒުކައިރިން ތެދުވަން އުޅުނު ވަގުތު ނާޝިޒް އޭނާއަށް ބަލާލިތަން ފެނި ޒައިބާގެ ހިތް ތެޅިގަތެވެ. ނާޝިޒްގެ ބެލުމަކީ ޒައިބާގެ ހިތަށް ވަރަށް އުނދަގޫވާ ބެލުމެކެވެ. އޭނާ ބަލަނީ ހިތް ނުތަނަވަސްވެ ބިރުވެރިކަން އުފެދޭ ކަހަލަ ގޮތަކަށެވެ.
" ހޫމް.. ތެލިދޮންނާނީ ބާގިފިލި ތެރޭގައި ހުންނަ ސިންކުން! މިތަނުން ދޮވުނީމަ ކަމަކު ނުދާނެ! " އާތިކާ އެހެން ބުނުމުން ޒައިބާ ބޯޖަހާލުމަށްފަހު ހިނގައިގަތެވެ.
ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. އަކްރަމްގެ ދަބަސް ތައްޔާރު ކުރުމަށްފަހު ޒައިބާ ފޯން ބަލާލިއެވެ.
" އޯހް! ނޯ! "
ފޫހިކަމާއެކު ޒައިބާ އެހެން ބުނުމުން ރީތިވާން ހުރި އަކްރަމްއަށް ބަލާލެވުނެވެ. ކުޑަކުއްޖެއް ބޮޑާހާކާ ފަދަ ގޮތަކަށް ތުން ދަމައިގެން ޒައިބާ އިންތަން ފެނި އަކްރަމަށް ބާރަށް ހެވުނެވެ.
" އަޅޭ މިރޭ އެބައޮތް މީޓިންގ އެއް! ދެން ޑިނަރ ކެންސަލް ކުރަންވީތަ ހަމަ؟ "
" ނޫން! ގެއަށް އައިސް ކެވޭނެއެއްނު! ސްކޫލްގެ ކަންތައްތަކަށް އެންމެ ފުރަތަމަ އިސްކަންދޭންވާނީ! އަހަރެން ބޭނުން މިރަށު މީހުން ޒައިއަށް ތަޢުރީފްކުރާ އަޑުއަހަންވެސް! "
އަކްރަމް އެހެން ބުނުމުން ޒައިބާ ގަޑި ބަލާލިއެވެ. އޭރުވެސް އޭނާހުރީ ވަރަށް ފިކުރު ބޮޑުވެފައެވެ. މާދަމާ އަކްރަމް ފުރާތީވެ، ޒައިބާ ބޭނުންވީ ރޭގަނޑުގެ ހުރިހާ ވަގުތެއްވެސް އަކްރަމާއެކު ހޭދަކުރާށެވެ.
" އަހަންނަށް ތި ޔަގީންކަން އޮވެޔޭ! ކުދިންވެސް ވަރަށް ލޯބިވޭ އަހަރެންދެކެ! އަސްލު މާލެއަށްވުރެ މާ ސަޅި މިކޮޅު! "
ޒައިބާވެސް ސްކޫލަށްދާން ތައްޔާރުވިއެވެ.
" އަހަންނަށް ނުވެސް އެނގޭނެ ތިތާނގަ އުޅޭ މީހުންނެއް! ކިހާ ދުވަހެއް ވެއްޖެ އަހަރެން ރަށުގައި ނޫޅޭތާ! "
ވާހަކަ ދައްކަމުން އަކްރަމް ނިކުތީ ޒައިބާ ސްކޫލަށް ގެންގޮސްދޭށެވެ.
" އެކަމަކު އެތަނުގެ އެންމެންނަށް އަކްރަމް އެނގެޔޭ! އަހަންނަށް ވަރަށް ދިމާވެސް ކުރޭ އެމީހުން! "
ޒައިބާގެ އަތުގައި ހިފައިގެން އަކްރަމް ހިނގަމުންދެއެވެ.
" އަހަރެން ގުޅާލާނަން ނިމުނީމަ! މާގިނަ އިރުވަންޏާ ކޮޓަރިއަށް ގެންގޮއްސަ ބަހައްޓާ! އޭރުން ގޮއްސަވެސް ކާލެވޭނީ! "
ގޭޓުން އެތެރެއަށް ވަންނަމުން ޒައިބާ ބުނެލިއެވެ. އަކްރަމް އާނއެކޭ ބުނުމަށްފަހު ކެފޭއަށްދާން މިސްރާބު ޖެހިއެވެ.
ސްޓާފްރޫމަށް ޒައިބާ ގޮސް ވަތްއިރު އެތަނުގައި އިނީ ހަމައެކަނި ލޫތެވެ. ލޫތު އިނީ ކޮމްޕިޔުޓަރެއްގެ ކައިރީގައެވެ. ޒައިބާ ވަނުމާއެކު ލޫތު ބަލާލިއެވެ.
" ޒައި ކީއްކުރަނީ މިގަޑީގަ؟ " ލޫތު އެހެން ބުނުމާއެކު ޒައިބާ ހައިރާންވިއެވެ.
" މީޓިންއެއް އޮވެއެއްނު މިރޭ! "
" ނޫނޭ! އޭގެ ދެތިން މިނެޓް ފަހުން އެބައޮތް ބުނެފަ މާދަމާ ސެޝަން ގަޑީގަ މީޓް ކުރާނަމޯ! ކެންސަލްއޯ! އަހަރެން މިއައީ އެއްޗެއް ނިންމާލަން ވެގެން!"
ލޫތު އެހެން ބުނުމުން ޒައިބާ އަވަހަށް ފޯންނަގާ އަކްރަމްއަށް ގުޅާލިއެވެ. އެހެނަސް އޭނާގެ ފޯނުން ޖަވާބެއް ނުދެއެވެ. ކަންނެތް ގޮތަކަށް ޒައިބާ ގޮނޑީގައި އިށީނެވެ.
" ކިހިނެއްވީ؟ ނުނަގަނީތަ ފޯން؟ "
ޒައިބާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ލޫތު އަހާލިއެވެ. އެއާއެކު ޒައިބާ ގޮނޑިން ތެދުވިއެވެ.
" ސައިލެންޓްގައި ކަންނޭނގެ އޮތީ! ފެނުނީމަ ގުޅާނެ! "
ހިނިތުންވެލަމުން ޒައިބާ ބުންޏެވެ. އެހެން އިނދެ ދެތިން ފަހަރު ގުޅާލި އިރުވެސް އަކްރަމް ފޯނެއް ނުނަގައެވެ. އެހެންކަމުން ޒައިބާ ބޭނުންވީ އެކަނި ގެއަށްދާށެވެ.
" އަހަރެންވެސް މިނިމުނީ! މަށާއެކު ގެއަށްދާން ކެރޭނެތަ؟ "
ލޫތު އަހާލިއެވެ. އެއާއިއެކު ދެލޯ ބޮޑުކޮށްފައި ޒައިބާ ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
" ނޫން ނޫން.. އެއްގޮތަކަށްވެސް ނުކެރޭނެ! "
" އޯކޭ އޯކޭ! ޒައިބާގެ ހަޒް އަންނަންދެން އަހަރެން އެހެންވިއްޔާ މަޑުކޮށްލާނަން ގޭޓް ކައިރީ! "
ލޫތު އެހެން ބުނުމުން ޒައިބާ އިތުރަކަށް އެއްޗެއް ނުބުނެއެވެ. ގޭޓް ކައިރިއަށް ނިކުމެވުމާއެކު ތެތްފިނި ވައިން އޭނާ ހީކަރުވަން ފެށިއެވެ. ނޭނގޭކަމަށް ހަދާފައި އޭރުވެސް ލޫތު އިރުއިރުކޮޅުން ޒައިބާއަށް ބަލަމުންދިޔައެވެ. ޙަގީގަތުގައިވެސް ލޫތުއަށް ޒައިބާ ވަރަށް ރީތިވެއްޖެއެވެ. އޭނާގެ ހިތް ނޭނގިނަމަވެސް ޒައިބާއާއި ދިމާއަށް ދޫވާންފަށައިފިއެވެ.
" ތެންކްސް މަޑުކޮށްލަދިނީތީ! އަހަރެން މިދަނީ ދެން!…"
" އެކަނި ދާން ކެރޭނެތަ؟ " ކަންބޮޑުވެފައި ލޫތު އަހާލިއެވެ. އެއާއެކު ޒައިބާ ދެކޮނޑު އަރުވާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" އަސްލު ނުކެރޭނެ! އެކަމަކު ޓްރައި ކުރާނަން.. ގެއަށް ގެންގޮސްދޭކަށް އަބަދަކު މީހަކުވެސް ނުހުންނާނެ އެއްނު! "
ޒައިބާ އިންކާރު ކުރުމުން ގަދަކަމުން އޭނާ އެއްބަސްކުރުވާކަށް ލޫތަކަށް ނުކެރުނެވެ. އެހެންކަމުން ޒައިބާ ދާތަން ބަލަން ލޫތު މަޑުކޮށްލިއެވެ.
އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޒައިބާގެއަށްވަނެވެ. ކޮޓަރިއަށް ދިޔައިރު އަކްރަމް ނިދާފައި އޮތުމުން ޒައިބާ ހައިރާންވިއެވެ.
" އަޅެ އަހަރެން ގުޅާލައިފިން! އެހާ އަވަހަށް އައިސް ނިދީތަ ހަމަ؟ " ނިދިފައި އޮތް އަކްރަމްގެ މަގަތުގައި އިށީނުމަށްފަހު ޒައިބާ ޝަކުވާކުރަން ފެށިއެވެ. އެ އަޑަށް ސިހިފައި އަކްރަމަށް ހޭލެވުނެވެ. ވަގުތުން އޭނާ ފެށީ ފޯން ހޯދާށެވެ.
" އޯހްޝިޓް! އަންނަމުން އަހަރެން މިސްކިތަށް އަރަން ފޯން ސައިލެންޓަށް ލީގޮތަށް މިއޮތީ! ސޮރީ ލަވް! ވެރީ ސޮރީ! " އަކްރަމް ޒައިބާގެ ފަހަތުން ބުރަކަށީގައި ބައްދާލިއެވެ.
" އަޅެ މާދަމާ ނުދޭބަލަ! އަހަރެން ހާދަ ދެރަވާނޭ! އަކޫ ނެތިއްޔާ މިރަށުގައި އުޅޭހިތެއް ނުވާނެ ކަންނޭނގެ! "
ޒައިބާގެ ބަނޑުގައި އަޅުވާލާފައިވާ އަކްރަމްގެ އަތްމަތީގައި އޭނާ ފިރުމާލިއެވެ.
" ދެން އަނެއްކާ އެއްކަލަ ފާޑުގެ ވާހަކަ ދައްކަނީ ؟ ބުނެފީމެއްނު ދެތިން މަސް ފަހުން އަހަރެން އަންނާނެމޭ! ދިޔައީމައެއްނު ރުފިޔާ ލިބޭނީވެސް.. މިހާރު މިގޮތަށް ވިސްނައިދެވެނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެ!"
އަކްރަމް ސީރިއަސް ރާގެއްގައި ވާހަކަ ދެއްކުމުން ޒައިބާ ދެރަވިއެވެ.
" ދެން އެހެން ބުނި އެއްޗެއް ނޫނޭ އެއީ! އޯކޭ އޭ "
" ހޫމް ގުޑް! އަންޑަސްޓޭންޑް ވާންޖެހޭނެ! މަ ހީކުރީ ތީ ޓީޗަރެއްވީމަ ވަރަށް ހެޔޮވިސްނޭނެ ކަމަށް. އެކަމަކު ހަމަ ބޭބީއެއް! "
އަކްރަމް މަޖާކޮށްލީ ޒައިބާ ހެއްވާލުމަށްޓަކައެވެ.
ސްކޫލުން އައިގޮތަށް ޒައިބާވަނީ ކާގެއަށެވެ. އޭރު ކާގޭގައި ޝަކީލާވެސް އިނެވެ. ޒައިބާ ފެނުމާއެކު ހިނިތުންވެލަމުން އޭނާ ވާހަކަ ފެށިއެވެ.
" އަކްރަމަށް މިހާރު ރިސޯޓަށް ދެވިއްޖެތަ؟"
" އާނ! ވަރަށް އަވަހަށް ދެވިއްޖެ! " ގޮނޑިއެއް ދުރުކޮށްލަމުން ޒައިބާ އިށީނެވެ.
" ކާން އުޅޭ ދޯ! މަންމަ ގާތު އަކްރަމް ބުންޏޭ ޒައިބާ ރަނގަޅަށް ބަލައްޗޭ! މަންމަ ބުނިން މަންމައަށް ބެލުނު ގޮތަކަށް ބަލާނަމޭ! "
ޝަކީލާ އެހެން ބުނުމުން ޒައިބާއަށް ހެވުނެވެ. ބަތް ކަހަނބު ކައިރިކޮށްލަމުން އޭނާ އަވަސް އަވަހަށް ތައްޓަށް ބަތް އަޅަން ފެށިއެވެ.
" އިއްޔެ މަންމަ ދިޔަ ތަނެއްގަ މީހުން ދެއްކި ދަރިފުޅުގެ މޮޅު ވާހަކަ! އަދި ކިރިޔާޔޯ ހިތްހަމަ ޖެހޭ ޓީޗަރެއް ލިބުނީ ކިޔަކިޔާފަ ވަރަށް ފޯރި ހުރި! "
" އެހެންތަ؟ މާލެއިން އަންނަން އުޅުނީމަ އެކޮޅު ބެލެނިވެރިންވެސް ދެރަވެގެން އުޅުނީ! އަހަރެން އަބަދުވެސް ބަލަން ވީހާވެސް ރަނގަޅަކަށް މަސައްކަތް ކުރެވޭތޯ! "
ޒައިބާ އަމިއްލަ ނަފްސާމެދު ފަޚްރުވެރިވާ ޙާލު ބުނެލިއެވެ. އޭރު ޝަކީލާ ކައި އަވަދި ވެގެން ތެދުވަނީއެވެ.
" ދަރިން ލިބުނީމަ ވަރަށް އުނދަގުވާނެ ތި މަސައްކަތުގައި އުޅެން! ހެނދުނު ހެނދުނާ ދާގޮތަށް ގިނަ ދުވަސް ދުވަހު ތި އަންނަނީ އަޞްރަށް ގޮވާފަހުން. މަންމަ ވަރަށް ހިތަށް އަރާ އެއްޗެއް އެއީ! "
ސިންކު ކައިރީ ހުރެގެންވެސް ޝަކީލާ ވާހަކަ ދައްކައެވެ.
" އެފަދަ ދުވަހެއް ދެއްކެވީމަ ތިކަމާ ވިސްނާނީ! ފަހަރެއްގައި ވަޒީފާއިން ކެނޑެންވެސް ޖެހިދާނެ! "
ޒައިބާ ބޭނުންވީ ބޭކާރު ވާހަކަތައް މަދުކޮށްލާށެވެ. މާ ވާހަކަ ގިނަވީމަ ދެއްކޭނީ މުޅިންވެސް ނޭދެވޭ ވާހަކަކަން އޭނާއަށް އެނގެއެވެ.
" އާނ! އޭރުން އެ ނޫންގޮތެއް ނޯންނާނެ! މަންމަމެން މިހާރު މިތިބީ މާމަ ދަރިން ބެލޭ ވަރަށް ވުރެން ދުވަސްވެފައި! ކެނޑިގެން ގޭގައި ހުރީމަ މާ ރަނގަޅުވާނެ! "
ޝަކީލާގެ ވާހަކައިން ޒައިބާ ފުރަތަމަ ފަހަރަށް އޭނާއާއިމެދު ހިތްހަމަ ނުޖެހުނެވެ. އެހެނަސް އެކަން ފާޅުކުރަން ބޭނުން ނުވާތީ އޭނާ އިތުރަށް އެއްޗެއް ނުބުނެއެވެ. ޝަކީލާ ނިކުމެގެން ދިޔައިރުގައިވެސް ޒައިބާ އިނީ ކާމޭޒު ކައިރީގައެވެ. އެހެން އިންދާ ކުއްލިއަކަށް އޭނާއަށް ފެނުނީ ނާޝިޒް އައިސް ވަތްތަނެވެ. ނާޝިޒް އައީ ބޭރުން މީހަކު އާދޭތޯ ބަލަމުން ކަހަލަ ގޮތަކަށެވެ. ހީވަނީ ޒައިބާ އެކަނި އިންނަ ދަނޑިވަޅެއް ނުފެނިގެން ހުރި ހެންނެވެ.
" ހާދަ އެކަނިވެރިވެފަ؟ އަކްރަމް ނެތީމަ ފޫހިތަ؟ "
ނާޝިޒް އައިސް އިށީނީ ޒައިބާގެ ކުރިމަތީގައެވެ. އަކްރަމްގެ ދޮންތަގެ ފިރިމީހާ އެފަދަ މޭރުމަކުން ވާހަކަ ދައްކަން ފެށުމުން އޭނާއަށް އުނދަގޫ ކުރުވިއެވެ. އެރާގުގައި ކޮންމެވެސް ނުބައި ނިޔަތެއްވާކަން ޒައިބާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ ބެލީ ނާޝިޒްއާއި ވާހަކަ ނުދައްކާވޭތޯއެވެ.
" އަކްރަމް ނެތީމަ ފޫހިވާނެތާދޯ! ދޮންތަބޭ ކާންވީނު! އަހަރެން ނިމިގެން މިދަނީ! ނެތް ވަގުތެއް! "
އަވަސް އަވަހަށް ތެދުވެ ސިންކާ ދިމާއަށް ޒައިބާ ދިޔައެވެ.
" އަހަރެން ކައިފިން! ޒައިބާ އެކަނި އިނީމަ ވަދެލީ.. އޭ! އަނެއްކާ އަކްރަމްގާތު އަހަރެން މިހެން ބުނި ވާހަކަ ނުބުނައްޗޭ! އޭރުން އެހެން އެއްޗެއް ހީކޮށްފާނެ! "
ވާހަކަ ދައްކަމުން ދިޔައިރުގައިވެސް ނާޝިޒް ބެލީ ޒައިބާއަށެވެ. އެހެންވެ ޒައިބާއަށް ނުހަނު އުނދަގޫވާން ފެށިއެވެ. މޭޒުމަތީގައި ހުރި ދަބަސް ނަގައިގެން ހިނގައި ގަންނަމުން ޒައިބާ ބުނެލިއެވެ.
" އަހަންނަކީ އަހަރެންގެ ފިރިމީހާއަށް އެއްވެސް ކަމެއް ސިއްރުކުރާނެ މީހެއްނޫން! އޭނަގާތު ނުބުނެވޭ ވަރުގެ ވާހަކައެއް އަހަންނާ ނުދެއްކިއްޔާ ރަނގަޅުވާނީ! "
ނާޝިޒްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. މިވީހާތަނަށް އެފަދަ ގޮތަކަށް އެއްވެސް މީހަކު އޭނާއަށް މުޢާމަލާތް ކޮށްފައެއް ނުވެއެވެ. ރަށުގެ މީހުންވެސް ނާޝިޒަށް ވަރަށް ގަދަރު ކުރާކަން އޭނާއަށް އެނގެއެވެ.
" ތިހާ ފަސޭހައިން ނިންމައެއް ނުލެވޭނެ! "
މަޑުމަޑުން ނާޝިޒަށް ބުނެލެވުނެވެ.
( ނުނިމޭ )
