ވާހަކަ: ރުކާން – 27

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

އޭނާގެ ކުރިމަތީގައި ރައްޓެހި ކުދިން ޑްރަގްސް ނަގައެވެ. ނިވާ ނުވާހާލުގައި ދެޖިންސު ކުދިން އެކޮޓަރީގައި މަޖާކުރެއެވެ. އަންހެންކުދިން އޭނާގެ ސައިކަލުގެ ފަހަތަށް އަރަން ހުންނަނީ މޮޔަވެފައެވެ. އެއްކުއްޖަކު މަތިން ފޫހިވާއިރު އަނެއް ކުއްޖެކެވެ. މިހުރިހާ ކަމެއް ކުރަމުން ދިޔައިރުވެސް އޭނާ ޑްރަގްސްއެއް ނުނަގައެވެ. އަންހެން ކުއްޖެއްގެ އިއްފަތް ތެރިކަމަކާއި ނުބެހެއެވެ. އޭނާ ރަލެއް ނުބޮއެވެ. އެއީ އޭނާ އެކަމަށް ނަފުރަތު ކުރާތީއެވެ. އޭނާގެ ބައްޕަ ރާބޮއިގެން ދެމިފައިވާތަން އޭނާއަށް ފެނެއެވެ. އޭނާގެ ބައްޕަގެ ފާހިޝް އަމަލުތައް އޭނާއަށް ފެނުމުން އެކަމަށް ނަފުރަތު ކުރެވެއެވެ.

މިއުވާން ބަރާބަރަށް ރިސޯޓްތަކަށް ދެއެވެ. ރައްޓެހި ކުދިންނަށް ރިސޯޓް ހަމަޖައްސައިދެއެވެ. ޑްރަގްސް ގަނެދެއެވެ. އޭނާއަށް މިއައި ބަދަލުން މަންމަގެ މާބޮޑު ސަމާލުކަމެއް ނުލިބުނަސް ބައްޕަގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. ރިސޯޓުތަކަށް ދިއުމަށް އެކައުންޓަށް ލާރިއަޅައިދެނީ ބައްޕައެވެ. އަންހެންކުދިން ބަދަލުކުރާހެން ސައިކަލު ބަދަލު ކޮށްދެނީވެސް ބައްޕައެވެ.

އެއްރޭ ދަންވަރު އޭނާ ދިޔައީ އެމީހުންގެ ރަހުމަތްތެރި މައި މަރުކަޒަށެވެ. މިއުވާން ދިޔައިރު ދެކުއްޖަކު އެތާ ތިއްބެވެ. އެމީހުން ދިން ކޯކް ފުޅިއެއްގައި ޑްރަގްސް އަޅާފައި ހުރިކަން ނޭނގި އޭނާއަށް އެއިން ބޮވުނެވެ. ބޮލަށް އެނބުރުން އަރާހެން ހީވާތީ އޭނާ އަވަހަށް ގެއަށް ދިޔައެވެ. ގެއަށް ދިޔައިރުވެސް އޭނާއަށް ހޮޑުލެވެއެވެ. އޭރު އޭނާ ހުރީ ރަނގަޅަށްވެސް މަސްތު ވެވިފައެވެ. އޭނާ ގެއަށް ދިޔައިރު ފެނުނީ ބައްޕައާއި ރީޝާގެ  އަމަލުތަކެވެ. މިއީ އޭނާއަށް އަބަދުވެސް ބޮލަށް އުނދަގޫކުރާ ރުޅިގަދަވާ ކަމެކެވެ. އޭނާ ބާރަށް ހަޅޭއް ލަވައިގަތެވެ. އެއަޑަށް އަރާމު ނިދީގައި އޮތް މަންމަ ހޭލައިގެން އައެވެ.

"ހަމަ މިހާރު ނިކުމޭ." ގޮނޑި އެއްލަމުން މިއުވާން ހަޅޭއް ލަވައިގަތެވެ. މިއުވާނަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ.

"ގޮތްކުޑަ މީހާ. މިއީދޯ މިރީޝާ ގެއިން ފޮނުވާ ނުލެވިގެން އުޅޭކަމަކީ."  ބައްޕަ ގައިގާ ޖަހަން މަންމަ ދިޔައެވެ.

"ދުރަށްދޭ." އެއެތިފަހަރުން ސަލާމަތްވާން ވެގެން ބައްޕަ މަންމައާއި ދިމާއަށް އަތް މަޅާލިއެވެ.

އެވަގުތު ބައްޕަގެ ގައިގާ މަންމަ ޖެހިފައި އަރިއަޅާލިއެވެ. ހަމައެވަގުތު މަންމަ މޭޒުކަނުގައި ބޯޖެހި ބޯފަޅައިގެން ހިނގައްޖެއެވެ. ލޭއަންނަތަން ފެނުމުން މިއުވާންގެ ލޭގެ ހިނގުން އަވަސްވިއެވެ. މަސްތުވެފައި ހުރި މިއުވާން ޖަނަވާރެއް ފަދައިން ބައްޕަގަޔަށް އަރައިގަތެވެ. އަދި ގައިގާ ހުރި ބާރެއްލާ ބައްޕަ ގައިގާ ތަޅަމުން ދިޔައެވެ. އެއްވެސް މީހަކަށް މިއުވާން ދުރެއް ނުކުރެވުނެވެ. ބައްޕަގެ ގައިން ހޯސްލާފައި ލޭއަންނަން ފަށައިފިއެވެ. މަންމަ އަވަހަށް ޕޮލިހަށް ގުޅީ މިއުވާންގެ ކިބައިން އޭނާގެ ބައްޕަ ފުރާނަ ނުދަނީސް ސަލާމަތް ކުރެވޭތޯއެވެ.

ފުލުހުން އައިސް މައްސަލަ ބެލިއިރު ކުށްވެރިވީ މިއުވާނެވެ. މިއުވާން ހުރީ މަސްތުވާތަކެތި ބޭނުން ކޮށްފައެވެ. މަންމައާއި ރީޝާ ފާޅުގައި ތެދު ހެދުމަށް އިންކާރު ކުރިއެވެ. އެމީހުންގެ އަބުރު ސަލާމަތް ކުރުމުގެ ގޮތުންނެވެ. ފާޅުގައި މިއުވާން ހަދަނީ ދޮގުކަމަށް ބުނަމުންނެވެ. އެދެމީހުން ބައްޕަ ސަލާމަތް ކޮށްދިނީ އެމީހުންގެ އަމިއްލަ ފައިދާއަށެވެ. މުޖުތަމައުގައި މަންމައަށްލިބޭ ރީތިނަމަށްޓަކައެވެ. ރީޝާއަށްލިބޭ އަރާމު ދިރިއުޅުމަށެވެ. މިއުވާން ހުރީ މަސްތުވެފައި ހުރެގެންނޭ ބުނެ ރަނގަޅު އުޒުރެއް ހޯދައިގެންނެވެ.

ހަފްތާއެއް ވަންދެން ޖަލުގައި ހުރުމުން އޭނާގެ ހަޔާތާއި މެދު ވިސްނާލެވުނެވެ. އޭނާ އެމުއްސަނދި ދިރިއުޅުމެއް ބޭނުމެއް ނޫނެވެ. އެއާއިލާއަށް ނިސްބަތް ވާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. މައިންބަފައިން މިހާރު ދުނިޔޭގައި ތިބިކަމަށް އޭނާ ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ.

މިއުވާން ހުކުމް ތަންފީޒުކުރަން ދެން ޖެހޭނީ ރ. މަޑުއްވަރީގައިކަމަށް އޮފިސަރު އައިސް ބުންޏެވެ. އެއީ އޭނާގެ ވާހަކަތައް ގަބޫލުކުރާ މާތް އޮފިސަރެކެވެ.

އޮފިސަރު މިއުވާނަށް ބެހެއްޓި ގާތްކަމަށް ޝުކުރުއަދާކުރިއެވެ. އޭނާ އެދެނީ އޭނާ ފޮނުވާލާ ރަށެއް މައިންބަފައިންގެ އިތުރަށް އެއްވެސް މީހަކަށް ނޭންގުމަށެވެ. އަދި އެ ރަށުގެ އެއްވެސް މީހަކަށް އޭނާގެ އާއިލާއަކީ ކޮބައިކަންވެސް ނޭންގެވުމެވެ. މިއުވާން ކަރުނަ ފޮހެލާފައި ބުނި މިވާހަކަތަކަށް އޮފިސަރު އެއްބަސްވިއެވެ. ރަށުއޮފީހާގުޅިގެން އޮފިސަރު ކޮށްދެއްވިކަންތައް މިއުވާން އަބަދުވެސް އިޚްލާޞްތެރިކަމާއެކު ގަބޫލުކުރެއެވެ.

މަޑުއްވަރީގެ ދިރިއުޅުން މާލޭގެ ދިރިއުޅުމާއި ކިތަންމެހާވެސް ތަފާތެވެ. އެ އެކަނިވެރިކަމާއި ހިތްދަތިކަމުގެ ސަބަބުން ދިރިއުޅުމުގެ މަގުސަދު ގެއްލިފައި ވަނިކޮށް ރުކާނާއި އޭނާއާއި ދިމާވީއެވެ. އެއީ ކުޅިވަރެއްގެ ގޮތުގައި ފެށިކަމެއް ނަމަވެސް ފަހުން އޭނާ ރުކާން ދެކެ އިންތިހާއަށް ލޯބި ވީއެވެ. ދުވަހަކުވެސް ލޯބި ލިބިފައިނުވާ މިއުވާން މޮޔަވާރަށް ރުކާންދެކެ ލޯބިވިއެވެ. އޭނާ ރުކާނަށް ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް ރުކާން އޭނާއަކަށް ފުރުސަތެއް ނުދިނެވެ. އެންމެފަހުން ތަގުދީރު އެދެމީހުން ދެތަން ކުރުވީއެވެ.

ހަތަރު އަހަރު ވީފަހުން އޭނާއަށް ރުކާން ފެނުނީ އަމިއްލަ ގެއިންނެވެ. އޭރު ހުރިހާކަމެއް ވަނީ ބަދަލުވެފައެވެ. ރުކާންގެ ހިތުގައިވަނީ އޭނާއަށް އިންތިހާއަށް ނަފުރަތު އުފެދިފައެވެ. ނުބައި ސައުކަތު ވަނީ އެދެމީހުންގެ ލޯބީގެ ހައްގު ނިގުޅައި ގެންފައެވެ. ހާލަތު ކުރި މަޖުބޫރެއްގެ ސަބަބުން ރުކާން އޭނާގާތަށް އުޅެންދާން ޖެހި މިއުވާނާމެދު އިންތިހާއަށް ނަފްރަތު ކުރުވާފައެވެ. އެހެންމީހެއްގެ ދަރިއެއް އުފަން ކުރުމަށްޓަކައި އެތައް ވޭނެއް އުފުލަމުންނެވެ.

"ތެދުވޭ. ކަލެއާއި ބައްދަލުކުރަން މީހަކު އައިސް އެބަހުރި." ސިފައިގެން މީހާ ގޮވާލުމުން މިއުވާން ސިއްސައިގެން ދިޔައެވެ.  އަދި ޚިޔާލުގެ ދުނިޔެއިން ނިކުމެވުނެވެ.

*********

ރުކާން ގޭތެރެއަށްވަދެ ހަމަޖެހިލެވޭތޯ އުޅުނެވެ. އޭނާ ސޯފާގައި އިށީނދެލިއެވެ. ނަމަވެސް އޭނާ ވަނީ ނުތަނަވަސް ވެފައެވެ. މިއަދު މިއުވާނަށް ސަޒާދިނުމަކުން ހިތްހަމައެއް ނުޖެހުނެވެ. ބުނަން ނޭނގޭ ހިތްދަތިކަމެއް އޭނާ ރޮއްވަނީއެވެ. އެހިތުގައި އުފެދިފައިވާ ޒަޚަމުތަކުގައި ގަދައަށް ރިއްސަން ފެށިއެވެ. މިއުވާންގެ ހަނދާންތަކުން އޭނާއަށް ބަޔާން ކުރަން ނޭނގޭ ރިހުމެއް އުފެދެމުން ދެއެވެ. މިއުވާނަށް މިދެވުނު އަދަބުގެ ސަބަބުން އޭނާ ކަންބޮޑުވެއެވެ. ލޯތްބަކީވެސް ފާޑެއްގެ އެއްޗެކެވެ. އަނިޔާވެރިއެއްކަން އެނގިހުރެ މާފުވެސް ކުރެވެނީއެވެ. ބަދަލު ހިފުމުން ދެރަވެސް ވަނީއެވެ. ރުކާންގެ ހިތާމަތައް ފޮރުވޭތޯ މަސައްކަތް ކުރިއެވެ. ތެދުވެއްޖެއެވެ. ދެލޮލުން ކަރުނަ ފޮހެލިއެވެ. އާ އަޒުމެއްގައި ދެން މަސައްކަތް ފެށީ ސައުކަތަށްވީ ހައްގު އަދަބު ދިނުމަށެވެ.

ހީވެސް ނުކުރާހާ އަވަހަށް ވަކީލަކު ހަމަޖެހުނެވެ. މިއުވާންގެ އާއިލާގެ ވަކީލަށް އޭނާކުރާ އިތުބާރު ގެއްލިއްޖެއެވެ. މިހާރު އޭނާވަނީ މުޅިން އާވަކީލެއް ހޯދާފައެވެ. ރުކާން  އިނީ މައްސަލައިގެ ހުރިހާ ހެކިތަކެއް އޭނާގެ އާ ވަކީލަށް ދެއްކުމަށްޓަކައި އެ ވަކީލުގެ ގޭގައެވެ. ހާދިސާތައް ހިނގާފައިވާ ގޮތުގެ ތަފުސީލު އޭނާ ވަރަށް ރަނގަޅަށް އޮޅުން ފިލުވާދެމުން ދިޔައެވެ.

"ރުކާންވެސް މިތަނުގައިތަ؟" ގޭތެރެއަށް ވަދެގެން އައި މިއުވާންގެ ވަކީލު ބުންޏެވެ. ވަކީލު ފެނުމުން ރުކާން ޖެހިލުން ވިއެވެ. އަބަދުވެސް މިއުވާނުގެ އެހީތެރިކަމެއް ބޭނުންނުވާ ރުކާނަށް މިއުވާނުގެ ވަކީލު ފެނުމުން ކަން ބޮޑުވިއެވެ.

"ހާސްނުވޭ. އަހަރެން ރުކާންގެ އެއްވެސް ކަމަކާ ނުބެހޭނަން." ވަކީލު ނިކުމެގެން ދިޔައެވެ.

"އެއީ އަންހެނުންގެ ބޭބެއެއް. އެއީވެސް ވަކީލެއް." ރުކާންގެ ވަކީލު ބުންޏެވެ.

"އަޅުގަނޑުގެ އެއްވެސް ކަމެއް އެހެން މީހަކަށް ނޭންގެވުން އެދެން." ރުކާން އިސްޖަހާލިއެވެ.

ސައުކަތުގެ މައްސަލަ ކޯޓަށް ހުށައެޅުމުގެ ކުރިން އެތައްކަމެއް ހިނގަމުން ދިޔަކަމެއް ރުކާނަކަށް ނޭނގެއެވެ. ހަގީގަތަކީ ރުކާން ހަމަޖެއްސި ވަކީލަށް އެއްވެސް ކަމެއް ކުރަން ނުޖެހުމެވެ. މިއުވާންގެ ވަކީލުގެ ފުރިހަމަ ބާރުގެ ދަށުން ރުކާނަށް ނޭނގި ހުރިހާކަމެއް  ކުރަމުން ދިޔައެެވެ. ރުކާން އިނީ ޓީވީން ދައްކަމުން ދިޔަ ދިވެހި ލަވަތަކެއް ބަލާށެވެ. ކުއްލި ޚަބަރެއްގެ ގޮތުގައި ޓީވީގެ ތިރިއަށް އަރަމުން ދިޔަ ޚަބަރުގެ ސުރުޚީ އޭނާ އަށް ނުކިޔެނީސް ކުއްލި ޚަބަރު ކިޔަން ފެށިއެވެ.

 

މަޑުއްވަރީގެ ރައްޔިތުން ނިކުމެ އެރަށު ފިލާގޭގައި ރޯކޮށްލި ވާހަކައެވެ. އަނދާ އަޅިއަށް ވެފައިވާ އެގެ ރޯކޮށްލީ އެރަށު ކޯޓުގެ ސެކެޓްރީ ސައުކަތު އާދަމްގެ މައްސަލައެއް ކޯޓުގައި ހިނގަމުން ދަނިކޮންނެވެ. ރައްޔިތުން ބުނާ ގޮތުގައި ސައުކަތުގެ ސަބަބުން އެރަށު ކުއްޖެއް ވަނީ އަމިއްލައަށް ދަންޖެހިފައެވެ. އެރަށު ނާސިހާ ވަނީ އޭނާ ދަންޖެހުމުގެ ކުރިން ލިޔެފައިވާ ލިޔުމެއް ގިފިލި ފާރުގެ ލޯވަޅަކަށް ޖަހާފައެވެ. ފުލުހުން ހާމަ ކުރާ ގޮތުގައި އެއީ ނާސިހާގެ ލިޔުމެކެވެ. އޭގައިވަނީ ތެދު ހަގީގަތެވެ. އެލިޔުން އިރުއިރުކޮޅާ ޓީވީއަށް އަރަމުން ދެއެވެ. ރުކާން އެލިޔުން ކިޔަންފެށިއެވެ.

"އަހަރެންގެ އެންމެގާތް ރަހުމަތްތެރިޔާއެވެ. އަހަންނަށް މާފުކުރާށެވެ. ސައުކަތަކީ ނުރައްކާތެރި ނުބައި މީހެކެވެ. އޭނާއުޅުނީ މަށަށްވެސް ހަމަ އެގޮތަށް ހަދާށެވެ. އަމިއްލައަށް މަރުވުމަކީ ކިހާބޮޑު ފާފައެއްކަން ކަލެއަށް ވިސްނައިދިނީ އަހަންނެވެ. އެހުރިހާ ކަމަކާ ކުރިމަތިލާ ކާމިޔާބު ހޯދަން ހިތްވަރުދިނީ އަހަންނެވެ. ނަމަވެސް އެ ހާލަތު އަހަރެންނަށް އައިހިނދު އަހަރެން އެކަނިވެއްޖެއެވެ. އެހުރިހާ ރިހުމަކާއި އަނިޔާއަކަށް ކެތްކުރާނޭ ބާރެއް އަހަރެންގެ ނެތެވެ."

ރުކާނަށް ޓީވީ ނިއްވާލެވުނެވެ. އޭނާ ބާރަށް ރޯންފެށިއެވެ. އެވަގުތު އޭނާ ފެނުނު މީހަކު ބިރު ގަންނަ ވަރަށް ރުކާނަށް ވަނީ ބަދަލު އައިސްފައެވެ. ދެލޯ ބޮޑުވެފައެވެ. ގޮށްމުށް ކެވިފައެވެ. ނޭވާ ހާސްވެފައެވެ. ގަޔަށް ބާރުގަނޑެއް އަރާފައެވެ.

"ނާސިހާ. ނޫން. ކީއްވެ އަހަރެންނަށްޓަކައި އަމިއްލައަށް ހަލާކުގެ ތެރެއަށް ވަނީ. ކީއްވެ މީހެއްގާތު ނުބުނީ. އަހަރެމެން ދެމީހުންވެގެން އޭނާއަށް އަދަބު ދޭން މަޑުނުކުރީ ކީއްވެ؟" ރުކާން ބިންމަތީގައި އިށީނެވެ. އޭނާ އަދިވެސް ބާރަށް ރޮނީއެވެ. ރުކާނަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ލޯ ހުޅުވާލެވުނީ އަނެއްދުވަހުގެ ހެދުނެވެ. ކުއްލިއަކަށް ލިބުނު ޚަބަރަކުން އޭނާއަށް އެތައް އަސަރެއް ކުރިނަމަވެސް މިހާރު ހަމައަކަށް އެޅުނެވެ. އޭނާގެ އަޒުމު އިތުރަށް ވަރުގަދަ ވިއެވެ. ސައުކަތު ކޯޓަށް ގެންދިއުމުގެ މަސައްކަތް އަވަސް ކުރަމުން ދިޔައެވެ.

މިކަމުގައި އުނގޫފާރު ހޮސްޕިޓަލުން ލިބުނު ރިޕޯޓްތަކާއި އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ޓެސްޓްތަކުންނާއި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ރިޕޯޓްތަކުން ސައުކަތު އޭނާ ރޭޕް ކުރިކަމާއި އޭނާއަށް ޑްރަގްސް ދިން ކަމަށް ސާބިތުވިއެވެ. ޕޮލިހުން ހޯދާފައިވާ ނާސިހާގެ ލިޔުން އެންމެ މުހިންމު ވަގުތު މިއުވާންގެ ވަކީލު ގެނެސްދިނެވެ. އޭގައި ރުކާނަށާއި ނާސިހާއަށް ސައުކަތު ކަންތައް ކުރިގޮތް ސާފުކޮށް ލިޔެފައިވެއެވެ. ޕޮލިހުން ވަނީ އެކަންތައްތަކަށް ސައުކަތު ބޭނުންކުރި ސާމާނުތައްވެސް ހޯދާފައެވެ.

ހުރިހާ ހެކިތަކަށް ބުރަވެ ސައުކަތަށް އުމުރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. ރާއްޖޭގެ ޓީވީތަކުން ސައުކަތު ބިޑި އަޅުވައިގެން ގެންދިޔަތަން ފެނިގެން ދިޔައެވެ. މަޑުއްވަރީ މީހުންގެ އިތުރަށް ރާއްޖޭގެ ކޮންމެ ރަށެއްގެ މީހަކުވެސް ބުނަމުން ދިޔައީ ސައުކަތު މަރާށެވެ. ނޫނީ ރަޖަމުކުރާށެވެ. އެހާވެސް ރައްޔިތުން ތިބީ ރުޅި އައިސްފައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *