ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން މުބާރާތުގެ ތަށި ކާމިޔާބުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ފަހްދް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާ އިންނެވެ. މިއީ އާ ފޯމެޓުގައި ސުޕަ ކަޕް ކުޅުނު ހަތަރު ވަނަ ފަހަރެވެ. މި ފޯމެޓް ގައި ރެއާލުން ދެ ފަހަރު މުބާރާތް ކާމިޔާބު ކުރިއެވެ. މިއީ އާ ފޯމެޓްގައި ބާސެލޯނާ އިން މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި ރޭ ކުޅުނީ "އެލްކްލެސިކޯ" މެޗު ކަމަށްވާއިރު ބާސާ އިން ވަނީ އެންމެ ފަހުން ރެއާލާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފައެވެ.

ރެއާލް މެޑްރިޑުން ސެމީ ފައިނަލް ގައި 1-1 އިން ވެލެންސިއާ އާ ވާދަކޮށް އެއްވަރު ވުމުން ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރީ 4-3 އިންނެވެ. ބާސެލޯނާ އާއި ރެއާލް ބެޓިސް ބައްދަލު ކުރި ސެމީ ފައިނަލް މެޗު 2-2 އިން އެއްވަރު ވުމުން ޕެނަލްޓީ ގައި ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން އައީ ބާސެލޯނާ އިންނެވެ. މި މެޗުގައި ބާސެލޯނާގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ 12 ވަނަ މިނެޓުގައެވެ. މެޗުގެ 19 ވަނަ މިނެޓުގައި ރެއާލްގެ އެންމެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އެޓީމަށް ލީޑު ނަގައިދިނުމަށް ބޮލުން ފޮނުވާލި ހަމަލާ ވަނީ ނާކާމިޔާބު ވެފައެވެ.

މި މެޗުގެ 33 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނެގީ ބާސާ އިންނެވެ. މިއީ ލެވަންޑޮސްކީގެ އެހީތެރިކަމާއެކު ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ގަވީ ޖަހައިދިން ހިތްގައިމު ގޯލެކެވެ. ދެވަނަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ބާސާ އިން ލީޑު ފުޅާކުރިއެވެ. މިއީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގަވީ ދިން ބޯޅައަކުން ފޯވާޑް ލެވަންޑޮސްކީ ފަސޭހަކަމާއެކު ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން އައި އިރުވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެމުން އައީ ބާސެލޯނާ އިންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި ބާސާގެ ލެވަންޑޮސްކީ ފޮނުވާލި ބާރު ހަމަލާ ވަނީ ރެއާލްގެ ކީޕަރު ދިފާއުކޮށްފައެވެ. ބާސާގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 69 ވަނަ މިނެޓުގައެވެ. ރެއާލް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހުނީ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައެވެ. މިއީ އެންމެ ފަހުގެ ބެލަންޑޯ އެވޯޑް ކާމިޔާބު ކުރި ބެންޒެމާ ޖެހި ގޯލެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *