ވާހަކަ: ލީޝަން – 26

(11 ޖެނުއަރީ 2023ގެ ނޫހާއި ގުޅޭ)

ޖެހިގެންއައި ހަފްތާ ޔައީނާއި ލީޝަން ހަމައެކަނި ނިދާގަޑި ފިޔަވައި އެހެން ވަގުތަކު ދިމައެއް ނުވެއެވެ. ލީޝަން އުޅެނީ އޭނާގެ ރައްޓެހިންނާ އެކުގައި މަޖާކުރުމުގައެވެ. މިކަން ރަހީމަށް އިހުސާސް ކުރެވުމުން ޔައީން ގާތު ޝަކުވާ ކުރިއެވެ. ލީޝަން ބޭރަށް ގޮސް އުޅޭއުޅުން އިސްލާހު ކޮށްދިނުމަށްއެދި އާދޭސް ކުރިއެވެ. އެހެންކަމުން ލީޝަން އައުމުން ލީޝަންއަށް ނަސޭހަތް ދެވޭތޯ ޔައީން މަސައްކަތް ކުރިއެވެ.

"ލީޝަންއަށް މިތާ މަޑުކޮށްލެވިދާނެތަ؟" ނިދަން އުޅެނިކަށް ލީޝަން އައިސް ކޮޓަރިއަށް ވަނުމުން ޔައީން ބުންޏެވެ.

"ކިހިނެއްވީ." ލީޝަން ވެސް ސޯފާގައި އިށީނދެ މަޑުމަޑުން ބުންޏެވެ. ހީވަނީ މިރޭ މާބޮޑު ކާމިޔާބީއެއް ލިބިގެން ވަރަށް ހަމަޖެހިލާފައި އިންހެންނެވެ.

"ލީޝަން. އަހަރެމެން ދެމީހުން ގަބޫލުނުވެ ތިބެގެންވެސް މިކައިވެނި ކުރީ ބައްޕަގެ އެދުމުގެ މަތީން. އެހެންވީމާ އަހަރެމެންގެ ގުޅުން ރަނގަޅުނޫންކަން ބައްޕައަށް އެނގިގެން ނުވާނެކަން ގަބޫލެއް ނުކުރެވޭތަ؟"

"ކިހިނެއްވީ. ބައްޕަ އެއްޗެކޭ ކީދޯ."

"ބައްޕައަށްވެސް ލީޝަންގެ އުޅުން ފެންނާނެއެއްނު."

"ވަރިހަމަ. އެހާލަތުގައިވެސް މަގޭ ދިރިއުޅުމާ ބެހުން އެފިރިހެނާ ހުއްޓައެއްނުލާދޯ. ވަރުގަދަ މީހެކޭއެއީ." ލީޝަން ހަޅޭއްލަވައިގަތެވެ. ދެން  އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެނގުމުން ޔައީން ހުއްޓާލީއެވެ. އެމީހުންގެ ޒުވާބުގެ އަޑު ރަހީމަށް އިވޭކަށް އޭނާ ބޭނުމެއް ނޫނެވެ.

ޔައީން ރޭގަނޑު އޮފީސް ނިންމާފައި ގެއަށް އައީ ވަރުބަލި ވެގެންނެވެ. އޭނާ މިހާރު އުޅެނީ ވަރަށް އަވަދިނެތިއެވެ. އެހެންކަމުން މާދަމާގެ މަސައްކަތަށް ދިއުމުގެ ކުރީން އަރާމު ކޮށްލުމަށްޓަކައި ގެއަށް އައެވެ. އޭރު ޒީޝަން ގިސްލާފައި ރޯއަޑު އިވެއެވެ. އޭނާ އެއަޑެއް އިވޭ ރަހީމުގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. އޭރު އެ ކުޑަކުއްޖާ އޮތީ މުށިގަނޑު މައްޗަށް ވެއްޓިފައެވެ. އަނގަމަތި ފަޅައިގެން ގޮސް އެދިމާއިން ލޭ އާދެއެވެ. އޭރު ރަހީމްގެ ލޮލުން ކަރުނަ ފާއްދާލީ ވެއްޓިފައި އޮތް ޒީޝަންއަށް އެހީތެރި ނުވެވުނީމައެވެ. ފުރަތަމަ ފަހަރަށް އޭނާގެ ނުކުޅެދުންތެރިކަމާމެދު ޝަކުވާ ކުރެވުނެވެ.

"ޔާރައްބީ ކިހިނެއްވެފައި މިއޮތީ." ޔައީން އަވަސްއަވަހަށް ޒީޝަން ނަގާ އުރާލިއެވެ. އަދި ގަޔާ ކައިރިކޮށްލާ މަސަލަސް ކުރެވޭތޯ ބެލިއެވެ. އިރުކޮޅަކުން ޒީޝަން ހުއްޓާލުމުން ރަހީމް ގާތަށް ދިޔައެވެ.

"ލީޝަން ގާތު އެމަންޖެ ނަގާދޭށޭ ބުނިން. އެކަމަކު އޭނާ އަޑު އިވޭކަމަކަށްވެސް ނުހަދާ." ރަހީމް ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

"ދެރަނުވޭ. އަދި އޭނާއަށް ވިސްނޭނެ."

"އޭނާއަކަށް ނުވިސްނޭނެ. ޒީނާ ހުރިނަމަދޯ." އެބޮޑު ފިރިހެންމީހާއަށް ބާރަށް ރޮވެން ފެށުނެވެ. ޔައީން ރަހީމަށް ހިތްވަރު ދިނެވެ.

އޭނާ ދިޔައީ ލީޝަންއާއި ދެވަނަ ފަހަރަށްވެސް ނަސޭހަތް ދިނުމަށެވެ. އޭރު ލީޝަން މާދަމާ ދަތުރެއްދާން ތައްޔާރު ވަމުންދަނީއެވެ. ބާޒާރުކޮށްގެން އައިސް މާދަމާގެ ދަތުރަށް ގަތް ހެދުންތައް އޭނާގެ ދަބަހަށް އަޅަނީއެވެ.

"ލީޝަން."

"ހޫން. އަނެއްކާވެސް ކޮންމެވެސް ޝަކުވާއެއްކުރަންދޯ. ކިހާ ވަރުގަދަކަމެއްމީ. އަމިއްލަ ގޭގައި މިނިވަންކަމާއެކު އުޅެލެވެންވެސް ނެތެއްނު."

"ކޮބައިތަ މިނިވަންކަމަކީ. އެއްބަފާ ކުދިންނަށް އަނިޔާވާއިރު ބަލަން ހުރުންތަ. ނިކަމެތި ބައްޕަ ކަރުނައަޅާއިރު އުފާކުރުންތަ؟" ޔައީންވެސް ރުޅި އަތުވެއްޖެއެވެ.

"މަކީއްތަ ކުރީ. އެއީ އެމީހުންގެ އަމިއްލަކަމެއްނު. އެހެންނޫނަސް މަ މިއުޅެނީ މާދަން ދަތުރު ދާންވާއިރަށް ތައްޔާރު ވެވޭތޯ ބަލަން."

"ލީޝަންއަކަށް ދަތުރެއްނުދެވޭނެ."

"ކަލޭ ތީކާކު އަހަރެން ހިފަހައްޓަން. އަހަރެން ދާނަން. އެނގިއްޖެތަ؟

"މަމީ ކޮންމެ މީހަކަށްވިޔަސް މަބަލާނަން ކަލެއަށް މާދަން ދަތުރު ދެވޭތޯ." ޔައީން ރުޅިއައިސްގެން ލީޝަން ގަނެފައިވާ ހެދުންތައް ވީދާލިއެވެ.

"ގޮތްކުޑަމީހާ. ކަލެއެއްނޫން މަށަށް ޚަރަދުކުރަނީ. މަގޭ އެއްވެސް ކަމަކާ ބެހިގެން ނުވާނެ." އޭނާގޮސް ޔައީންގެ މޫނުމަތީ ފުރަތަމަ އެތިފަހަރު ޖެހިއެވެ. ނަމަވެސް ދެވަނަފަހަރަށް ޖަހަންވާއިރަށް އެއަތުގައި ޔައީން ހިފެހެއްޓިއެވެ. އަދި އޭނާގެ ގަޔާ ލީޝަން ކައިރިކޮށްލިއެވެ. އޭރު ޔައީންގެ ނޭވާގެ ހޫނުކަން ލީޝަންގެ މޫނަށް އެޅެމުން ދެއެވެ. ޔައީން ރުޅިއައިސްފައިވާ ދެލޯފެނުމުން ލީޝަން ޖެހިލުންވިއެވެ. ދުވަހަކުވެސް ޔައީން މިވަރަށް ރުޅިއައިސްފައިވާތަނެއް އޭނާ ނުދެކެއެވެ.

"ހަނދާން ކުރާތި. ކަލޭތީ މަގޭ އަނތްބެއްކަން. ޝަރީއަތުގައި ކަލޭގެމައްޗަށް އަހަރެންގެ ޒިންމާ ހިނގާނެ. ދެން އެންމެ ދަތުރެއްދިޔަޔަސް މި ދެއަތް ހަރަކާތް ނުކުރެވޭ ގޮތަށް ބަނދެލާނަން." އޭނާ ލީޝަން އެނދުމައްޗަށް ކޮށްޕާލިއެވެ. އެދިޔަ ބާރުމިނުގައި ލީޝަން ގޮސް އެނދުގައި ޖެހުނެވެ.

ޔައީން އިތުރަށް ބަހެއްވެސް ނުބުނެދިޔައީ ކުރިން އޭނާ އުޅުނު ކޮޓަރިއަށެވެ. އެކޮޓަރިއަށް ދެވުމުން އޭނާއަށް ޒީނާގެ ހަނދާތައް އާވެއެވެ. އެތަނުން އޭނާއަށް ޒީނާގެ ގާތްކަމާއި އިހުސާންތެރިކަން ހަނދާން ވެއެވެ.

ލީޝަންގެ ރުޅިވަނީ އިންތިހާއަށް ގޮސްފައެވެ. އޭނާ އެއްވެސް ބެލުމެއްނެތި ޔައީންގެ ހުރިހާ ގަމީސްތަކެއް ބޭރުގައި ހުރި ޑަސްބިނަށްލާ ޑަސްބިނުގައި ރޯކޮށްލިއެވެ. އަދި ގޭގައި އުޅޭ ބޭރުމީހާ ލައްވާ ކޮޓަރީގައި ހުރި ސޯފާނެރެ ޔައީނަށް ނުނިދޭނެ ގޮތް ހެދިއެވެ.  އަދި ޔައީން އަންނަން ވާއިރަށް އޭނާ އެނދަށް އަރާ ނިދައިފިއެވެ. ޔައީނަށް އޭނާގެ އެނދުގައި އޮއްވާ ނިދަން އޮންނަން ނުކެރޭނެކަމުގެ ޔަގީންކަން އޮތީމައެވެ.

ޔައީން ނިދަން އައިއިރު ލީޝަންވަނީ އޭނާއަށް ކުރެވުނު ކާމިޔާބު މަސައްކަތާމެދު ހިތްހަމަ ޖެހިގެން ނިދާފައެވެ. ކޮޓަރިއަށް ބަލާލިއިރު އައިސްފައި ހުރި ބަދަލުން ޔައީނަކަށް ލީޝަންގެ މަގްސަދު އޮޅުންފިލާކަށް މާގިނަ އިރެއް ނުނެގިއެވެ. އޭނާ ބަލާކަށް ނުހުރެ ހެދުން ބަދަލުކުރަން ދިޔައީ އޭނާގެ ރޭވުން ހިތުގައި ރާވަމުންނެވެ. ނަމަވެސް އަލަމާރީގައި އެއްވެސް އެއްޗެއް ނެތުމުން ލީޝަން ކޮންމެވެސް ގޮތެއް ހެދީކަން އެނގުނެވެ. އޭނާ އެދިޔަ ގޮތަށްގޮސް ނިދާފައިއޮތް ލީޝަންގެ ފައިގާ ހިފާ ދަމައިގަތީނުން ތިރިއަށް ވައްޓާލިއެވެ.

"ކިހާބޮޑު ކަމެއްމީ." ލީޝަންއަށް ހޭލެވުމުން ހަޅޭއް ލަވައިގަތެވެ.

"ޝްޝްޝްޝް….. އަޑުގަދަ ނުކުރޭ… އަހަރެން ވަރަށް ނިދިއައިސްފި." ބެޑުޝީޓާއި ބާލީހެއް ތިރިއަށް އެއްލަމުން ޔައީން އެނދުގައި އޮށޯވެއްޖެއެވެ. ލީޝަން ހަޅޭއްލަވާން ފެށުމުން އޭނާ ކަންފަތްމަތީ ބާލީސް އަޅާ ގަދައަށް ނިދައިފިއެވެ. އެންމެފަހުން ތިރީގައި އޮންނަން ކެތް ނުވެގެން ލީޝަން އެނދަށް އަރައިފިއެވެ. ފަތިހު ލީޝަންއަށް ހޭލެވުނުއިރު ޔައީން އޮތްގޮތުން ހީވަނީ ބާލީހެއްގައި މީހަކު ބައްދައިގެން އޮތްހެންނެވެ.

"ސާބަހޭ. ދުރަށްދޭ." ލީޝަން ހަޅޭއްލަވައިގަތެވެ.

"އޫން. ދެން ނުގޮވަބަލަ." ޔައީން ނިދާކަމަށް ހަދައިގެން އޮވެގެން ކުރިއަށްވުރެ ބޮޑަށް ލީޝަން ގާތްކޮށްލިއެވެ. މިއީ ހަމަގަސްތުގައި ލީޝަން ރުޅި އަރުވަން އޭނާ ކުރި ކަމެކެވެ. ލީޝަން އެންމެ ފަހުން ރުޅިއައިސްގެން ބޭރަށް ނިކުތީއެވެ.

 

ޖެހިގެން އައިރޭ ޔައީނަށް ގެއަށް އާދެވުނީ އެގާރަ ޖެހި ފަހުންނެވެ. އޭރު ލީޝަން ގެއަކު ނޫޅެއެވެ. އޭނާ ބާރަ ޖަހަންދެން ލީޝަން އާދޭތޯ ބެލިއެވެ. ނަމަވެސް އޭނާގެ ޚަބަރެއް ނުވުމުން ދޮރު ތަޅުލިއެވެ.  ލީޝަންއަށް މިއީ ޔައީންގެ ރޭވުމެއްކަން އެނގިގެން ބޭރުގައިހުރެ ވަރަށް ހަޅޭއް ލެވިއެވެ. ނަމަވެސް ޔައީންގެ ހިލަމެއްވެސް ނުވިއެވެ. އެހެންކަމުން އޭނާއަށް އެރޭ ނިދަން ޖެހުނީ ގޯތި ތެރޭގައި ހުރި އުނދޯލީގައެވެ. އޮފީހަށް ދާން ނިކުތް ޔައީނު ދޮރު ހުޅުވާލިއިރު ލީޝަން ހުރީ ރުޅިއައިސް ފައެވެ.

"ކަލޭގެ ސަބަބުން ފުރަތަމަ ފަހަރަށް އަހަރެން ގެއިން ބޭރުގައި ހުންނަން ޖެހިއްޖެ."

"ގޭ ތެރޭގައި ނިދާ ހިތްވަންޏާ  އެގާރަ ޖެހުމުގެކުރިން ގެއަށް ވަންނާތި." އޭނާ ނިކުމެގެން ދިޔައީއެވެ.

" ކަލެއަށް އަހަރެން ކޮންމެ ވަގުތަކު އަޔަސް ގެއަށް ނުވައްދައެއް ނުހުރެވޭނެ."

ލީޝަންއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާ ހަޅޭއްލަވަމުން ދިޔައިރު އަޅާވެސްނުލާ ޔައީން ނިކުމެގެން އެދިޔައީއެވެ. މިއީ އޭނާގެ ގެއެވެ. ޔައީނަށް މިއިޚްތިޔާރު ލިބުނީ ކޮންހައިސިއްޔަތަކުން ހެއްޔެވެ؟ އެދުވަހު އޭނާ ނިދޭތޯ ކޮޓަރީގައި އޮތެވެ. ނަމަވެސް ޒީޝަން ރޯވަރުން އޭނާއަކަށް ނިދޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނާ ރުޅިއައިސްގެން ބައްޕަގެ ކޮޓަރިއަށް ދިޔައެވެ.

"ކިހިނެއްވެގެންތަ މިއުޅެނީ. ރޯވަރުން ބޯފަޅައިގެން ދާވަރުވޭ." ޒީޝަން ރޮމުންދާތީ އޭނާ ހަޅޭއްލަވައިގަތެވެ.

"ދަރިފުޅާ އެމަންޖެ ނަގައިދީބަލަ. އެތަނުން އޭނާ ވެއްޓިދާނެ."

"ވެއްޓި ބޯފަޅައިގެން ދާން ބާއްވާ. އެހެންޏާ ގެއަށް އަޔަސް ވަދެވެނީކީ ނޫން. ނިދަން އުޅެ އުޅެ ނިދެނީކީ ނޫން." ރޮމުންދާ ޒީޝަންއަށް ބަލަން އޭނާ ހުއްޓެވެ.

"ލީޝަން އާދޭސް މިކުރަނީ. އެ މަންޖެ އަހަރެންގެ އުނގަށްލައިދީ." ރަހީމް ހުރީ ފެންކަޅިވެފައެވެ. ނަމަވެސް ޒީނާ އިވޭކަމަށްވެސް ނުހަދާ އެކުއްޖާއަށް ބަލަން ހުއްޓެވެ. މިބެލުމުގައި ވަނީ ނަފުރަތާއި ވިހައިގެ އަސަރުތަކެވެ. އެ މައުސޫމު ކުއްޖާ އަތްދިއްކޮށްގެންހުރެ ރޮމުން ދެއެވެ. އެންމެފަހުން އެކުއްޖާ އެތިރި އެނދުން ވެއްޓުނެވެ. އަދި އެއަށް ވުރެ ބާރަށް ރޯންފެށިއެވެ.

"ލީޝަން އެހެރަ ބުއްފުޅި އާއެކު އޭނާ އަހަރެންގެ ގާތަށް ގެނެސްދީބަލަ. ހެޔޮނުވާނެ."

ލީޝަން ވަރަށް ފަސޭހައިން ބުއްފުޅި ބަލާދިޔައެވެ. މިކަމާ ރަހީމު އުފާވިއެވެ. އެންމެފަހުން ނަމަވެސް ލީޝަން ރަނގަޅު ވީތީއެވެ. ނަމަވެސް ލީޝަން ހެދީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އެތަނުން ބުއްފުޅިގެނެސް އެ ތުއްތު ކުއްޖާ ގާތުގައި މުށިގަނޑު މަތީގައި ބޭއްވިއެވެ. އިސާހިތަކު އޭގެ ތުމުން ކިރުތައް މުށިގަނޑު މައްޗަށް އެޅުނެވެ. އަލިފާނެއް ފެނެއް ވަކިކުރަން ނޭނގޭ ތުއްތު ޒީޝަން އަނގައަށް ލީއަތުގައި ކިރުގެ އަސަރު ހުއްޓެވެ. އަދި މަސަލަސް ކަމާ އެކީ އިނގިލި އަނގައަށް ލައިގެން އޮތެވެ.

ލީޝަންއަށް މިހާ ހަރުކަށިކަމެއް ލިބިފައިވާތީ ރަހީމު ހިތާމަކުރިއެވެ. އޭނާގެ ލޯބިވާ ޒީނާގެ އަމާނާތަށް ރައްކާތެރި ނުވެވުނީތީ އެއަށް ވުރެ ދެރަވިއެވެ. އޭނާގެ ހިތް ޒީނާއަށް ގޮވަމުން ދިޔައެވެ. ޒީނާއެވެ. އެހާ އަވަހަށް ދިޔައީ ކީއްވެ ހެއްޔެވެ؟ އަންނާށެވެ. އަހަރެންނަކަށް ޒީނާގެ އަމާނާތެއް ނުބެލެހެއްޓުނެވެ. މާތް ކަލާކޯއެވެ.

ޔައީނަށް އާދެވުނުއިރު ރަހީމު ފިރުކޭ ހާލުގައި ޒީޝަން ގާތަށް ދަނީއެވެ. އޭރު ކުޑަ ކުޑަ އަންހެން ކުއްޖާ އިނގިލީގައި ހޭކިފައި ހުރި ކިރުތައް އަނގައަށް ލައިގެން ބޮމުންދެއެވެ. މުޅިތަނަށް ކިރުތައް އެޅިފައިވެއެވެ. ޔައީން އަވަހަށް ރަހީމް ނެގިއެވެ. އަދި ޒީޝަން ނަގާ ސާފުކޮށް ފެންވަރުވާ ބުއްފުޅިއެއް ދީފިއެވެ. މިހާތަނަށް ދިޔައިރު ދިމާވި ހާދިސާ ޔައީނަށް ކިޔައިދިނެވެ.

ޔައީން އެދިޔަ ގޮތަށްގޮސް އެނދުގައި އޮތް ލީޝަން ކޮނޑުގައި ހިފާނެގިއެވެ.

"ތިކަހަލަ އިންސާނިއްޔަތު ކަމެއްނެތް އަންހެނެއް އަހަރެން ދުވަހަކުވެސް ނުދެކެން. ބަލާބަލަ މިކުއްޖާގެ ހާލު." ޔައީންގެ އަޑު ބާރުކަމުން އޭނާ ސިއްސައިގެން ދިޔައެވެ.

" އިންސާނިއްޔަތުކަން ހުރި މީހުން ރަނގަޅު ކުރީމަ ވީނު."

"ކަލޭގެ ހާދަ ގޮތެއްވެސް ނެތޭދޯ. ކަލޭގެ ބައްޕައެއް ނޫންތަ އެއީ؟"

" ކޮންމެހެން އަހަރެންގެ ބައްޕަ ނޭނގިގެން މަށެއް ނޫޅެން.  ތީކާކު. މަށަށް ހަޅޭއްލަވަން. ތިއީ ބައްޕަގެ ނޯކަރެއް."

"ހަނދާން ކުރާތި މީގެފަހުން މަށާ ދިމާއަށް އެންމެ އެއްޗެއް ބުންޏަސް ހުރިހާ ދަތްތައް އެތެރެއަށް ބިންދާލާނަން. އަދި ޒީޝަންއަށް އެންމެ ގޯނާއެއް ކުރިއަސް ދުވަހަކުވެސް ނުހިނގޭގޮތަށް ދެފައި ބިންދާލާނަން." ޔައީން ލީޝަންގެ ދެކޮލާއި އަނގަ މައްޗަށް ވާގޮތަށް ހިފިއެވެ.

"ދޫކުރޭ…" އޭނާއަށް ވާތަދުން ރަނގަޅަކަށް ނުވެސް ބުނެވުނެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *