( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )
ރުކާންގެ މަގުސަދު ހާސިލް ވީއެވެ. މިއަދު އޭނާއަކީ މުއްސަންޖެކެވެ. ރަށުމީހުން ގަދަރުކުރާ އިއްޒަތްތެރިއެކެވެ. ދެން އޭނާއަށް ގޯނާކުރާނެ މީހެއް ނާންނާނެއެވެ. މިހާރު އޭނާގެ ދައްތައަށް އަޅާލެވި އޭނާގެ އަމިއްލަގެ ހަދައިގެން މިނިވަން ކަންމަތީ ދިރިއުޅެވޭނެއެވެ. އެހެންކަމުން ރަށަށް ދިއުމަށްޓަކައި އޭނާ ފޮއްޓަށް އެއްޗިހިއަޅަމުން ދިޔައެވެ.
"ރުކާން. ދިއުމުގެ ހުރިހާކަމެއް ހަމަޖެހިއްޖެ." މިއުވާންގެ ވަކީލު ހުރީ މަޑުމަޑުންނެވެ.
"ބެހެއްޓި ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެންނަށް ކޮށްދެވޭނީ ކޮންކަމެއް." އެ އޯގާތެރި ވަކީލަށް އޭނާ އެހީތެރިވާން ބޭނުންވިއެވެ.
"ނޫން. އެކަމަކު ދިއުމުގެ ކުރިން މިއުވާނާއި ބައްދަލުކުރުން ފެނޭ. އޭނާ މަސައްކަތްކުރީ ރުކާނަށް ސައުކަތުގެ ކިބައިން ސަލާމަތްވޭތޯ. ރުކާން އެއްފަހަރުވެސް އޭނާގެ ވާހަކަ އަޑުއަހަން ފުރުސަތެއް ދިންނަމަ. އެހެންނޫނަސް ނަސީމާ ވަނީ ރުކާން މިހިސާބަށް ގެނެސް ދިނުމަށް ހުރިހާކަމެއް ކޮށްދީފައި. އޭގެ ބަދަލުގައި ރުކާން އޭނާގެ ދަރިއަށް އެހާބޮޑު ގެއްލުމެއްދީ ޖަލުގައި ބަންދުކޮށްފައި ދާއިރު ނަސީމާ ދުނިޔޭގައި ހުރިނަމަ ވާނެގޮތް ހިތަށް އަރުވާލުން ރަނގަޅުވާނެ." ވަކީލު ނުކުމެގެން ދިޔައެވެ. މިފަހަރު ވަކީލު ހުރީ ހިތްހަމަ ނުޖެހިފައެވެ.
"މަޑުކޮށްލަ…." ރުކާން އޭނާގެ އަމިއްލަ ދިފާއުގައި އެއްޗެއް ބުނަން އުޅުނެވެ.
"ދެން ދައްކާނެ އެއްވެސް ވާހަކައެއް އޮތްހެނެއް ހިޔެއްނުވޭ." ވަކީލު ރުކާނާއި ދިމާއަށް ބަލާވެސް ނުލާ ނިކުމެގެން ދިޔައީއެވެ.
ވަކީލު މިބުނި ޖުމްލަތަކަށް އޭނާއަށް ވިސްނާލެވުނެވެ. ހަގީގަތުގައިވެސް މިއުވާން އޭނާއާއި ވާހަކަ ދެއްކުމަށް އެތައް ފަހަރަކު އެދުނެވެ. ރުކާނަކީ ގޮތް ދޫނުކުރާ މީހެއްކަން އަމިއްލައަށްވެސް ގަބޫލުކުރެވެއެވެ. އެހެންކަމުން މިޒާޖުގައި ހުރި ގޮތްދޫނުކުރުން އަބަދުވެސް އެގޮތުގައި ދެމިހުރީއެވެ. ނަސީމާގެ އޯގާތެރިކަމުގެ ބަދަލުގައި މިއުވާނަށް މިދެވުނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ މިއީ ނަސީމާއަށް ދެވޭ ބޮޑު އަނިޔާއަކަށް ނުވާނެ ބާވައެވެ؟
ރުކާނަށް ދުއްވައި ގަނެވުނެވެ. އޭނާ ބޭރަށް ނިކުތެވެ. ޓެކްސީއަކަށްއަރާ ދޮރުލެއްޕިއެވެ.
"ކޮންތާކަށްތޯ." ޑްރައިވަރު އެހިއެވެ.
"ދުއްވާ. ވަކިދިމާއަކަށް ނޫން." ރުކާން ބުންޏެވެ. ކާރުގައި އިނދެގެން އޭނާ ވިސްނަމުން ދިޔައެވެ. އޭނާއަށް މިހާރު އެކިފަހަރު އެކިގޮތްގޮތަށް ވިސްނެމުން ދެއެވެ. ނިންމަންވީ ކޮންގޮތެއްކަމެއް ނޭނގި އޮޅެންފަށައިފިއެވެ. ޚުދް އޭނާއަށްވެސް ރަނގަޅުގޮތަކީ ކޮބައިކަން ނޭނގޭ ހިސާބަށް ވިސްނުން ބަދަލުވަމުން ދެއެވެ.
"އަނބުރާލާ." ރުކާން ޑުރައިވަރަށް ބުންޏެވެ.
"ކޮންތާކަށް." ޑްރައިވަރު އެހިއެވެ.
"ދެންމެ އަހަރެން ކާރަށް އެރި ތަނަށް." ރުކާން ހަރުކަށި އަޑަކުން ބުންޏެވެ.
"ކީކޭ." ޑްރައިވަރު އެހިއެވެ.
"މިބުނީނު އަހަރެން އެރި ތަނަށް މަޑުކުރާށޭ." ރުކާން ފޯނުނަގާ މިއުވާންގެ ވަކީލަށް ގުޅަމުން ބުންޏެވެ.
"ހަލޯ. ގެއަށް އައިސްދީފާނަންތަ؟ އަހަރެން ވާހަކައެއް ދައްކަން ބޭނުން." ރުކާން ފޯނުން ވާހަކަދެއްކީ ވަކީލަށެވެ. ކާރުން ފޭބިއިރު ވަކީލު ހުރީ ދޮރުމަތީގައެވެ. ރުކާންގެ ފަހަތުން ވަކީލުވެސް ގޭތެރެއަށް ވަނެވެ.
"ނާސިހާ އަށް އިންސާފު ލިބިއްޖެ. ސައުކަތުގެ މައްސަލަ ބަލާ އުމުރަށް ޖަލަށް ލެވިއްޖެ. އަހަރެން ބޭނުން ގޮތަށް އެ ދެމީހުންނަށް ބަދަލު ދެވިއްޖެ. މިއުވާންގެ ކުށެއްނެތްކަން އަހަރެން ވާނީ މިހާރު ސާބިތު ކޮށްދީފައި. އަހަރެން އެދެނީ ދިއުމުގެ ކުރިން މިއުވާން މިތަނުން ސަލާމަތް ވާނެކަމުގެ ޚަބަރުދީފަ ފުރަންދާން. މިވާހަކަތައް މިއުވާނާއި ހިސާބަށް ގެންގޮސްދީ." ރުކާން ބުންޏެވެ.
"ރުކާން ދާންވީމަ ދާންވީނު. ކީއްވެ މިއުވާނަށް އަންގަން ބޭނުންވަނީ." ވަކީލު ރުކާނަށް ބަލަން ހުއްޓެވެ.
"އެއީ….އެއީ ފަހަރެއްގައިވެސް އަހަރެން މިއުވާންދެކެ ލޯބިވާތީއެއް ނޫން. އެއީ މިއުވާންގެ މަންމަ އަހަރެންނަށް އޯގާވެރިވީތީ. އޭނާގެ އޯގާތެރިކަމުގެ ބަދަލުގައި އަހަރެން މިއުވާނަށް ހަމްދަރުދީވީ. އެފަދަ މީހެއްގެ ދަރިއަކަށް އެހާ ނިކަމެތި ކަމެއް ލިބޭކަށް އަހަރެން ނޭދެން." ރުކާން ވާހަކަ ދެއްކީ ފުރަގަހަށް އެނބުރި އަނެއް ފަރާތަށް ބަލަން ހުރެގެންނެވެ.
"ރުކާން މިއަދު ތިގޮތަށް ހިނގައްޖެނަމަ ފަހުން ދެރަވާން ޖެހިދާނެ." ވަކީލު އިތުރުއެއްޗެއް ނުބުނެ ނިކުމެގެން ދިޔައީއެވެ.
މިއުވާން ދެދުވަހެއްގެ ތެރޭގައި ޖަލުން ދޫކޮށް ލެވިއްޖެއެވެ. ފުރަތަމަ ކަމަކަށްވެސް އޭނާ ދިޔައީ ރުކާނާއި ބައްދަލު ކުރާށެވެ. އޭނާ މިހާރު ރުކާންގެ އަމަލުތައް ހުންނަގޮތުން ފޫހިވެއްޖެއެވެ. ފެށުނީއްސުރެވެސް ރުކާނަކީ ގޮތްދޫނުކުރާ ކުއްޖެއްކަން އޭނާއަށް އެނގެއެވެ. އެކަމަކު މިހާރު ވަނީ އޭގެ ހައްދު ފަހަނަ އަޅައިފައެވެ. މިއުވާން މިޚިޔާލު ތަކުގައި ހުރެ ގެއަށްވަން އިރު ރުކާން ފޮށި ހިފައިގެން ދާން ނިކުންނަނީއެވެ. އޭނާ ފެނުމުން ރުކާން ހުއްޓުނެވެ.
"އަނެއްކާވެސް އައީތަ. އަހަރެން ބުނީމެއްނު އަހަރެން ދެން ކަލޭ ދެކޭކަށް ބޭނުމެއް ނޫނޭ." ރުކާން ބުންޏެވެ. މިއުވާން ރުކާންގެ ވާހަކައަކަށް އަޅައެއް ނުލައެވެ. އޭނާ ފޮށި ކައިރީގައި ހުރި ރުކާން ދުރުކޮށްލިއެވެ. އަދި ފޮށީގައި ހިފާ ގޭތެރެއަށް ވަނެވެ. އަދި ކާރުގައި ހުރި ރުކާންގެ ފޮށިތައް އެތެރެއަށް ވައްދާ ކާރު ފޮނުވާލައިފިއެވެ. އޭރު ރުކާން ހުރެގެން މިއުވާނަށް ހަޅޭއްލަވަމުން ގެނދެއެވެ. މިއުވާން ރުކާންގެ އަތުގައި ހިފާ ގޭތެރޭގައި ހިނގަމުން ދިޔައެވެ. ބާރު ހިނގުމެއްގައި ކުރިއަށް ގޮސް ރުކާން އުޅޭ ކޮޓަރިއަށް ގެންދިޔައެވެ. އަދި އެނދުގައި އިށީނދެވޭ ކަހަލަ ގޮތަކަށް އެނދާ ދިމާއަށް ރުކާން ކޮށްޕާލިއެވެ.
"މިއުވާން.ކިހިނެއް ހަދަންތަ ތިއުޅެނީ؟" އެންމެ ފަހުން ރުކާން ހަޅޭއް ލަވައިގަތެވެ.
"ޝްޝްޝްޝް… ވާހަކަ ނުދައްކާ. މިހުރިހާ ދުވަހު ހުރިހާ ގޮތެއްވެސް ހެދީ ކަލޭ. ކަލޭއަށް އަބަދުވެސް ފެންނާނީ މަގޭ އޯގާތެރިކަމުގެ ސިފަ. ދުވަހަކުވެސް އަހަރެންގެ ނުލަފާކަމުގެ ސިފައެއް ނުފެންނާނެ. ދެކުނިންތަ؟" މިއުވާން ހުރީ ރުޅި އައިސްފައެވެ. އޭނާގެ އަޑު ބާރެވެ.
"ކިހިނެއް ހަދަންތަ ތިއުޅެނީ؟" ރުޅިއައިސްފައިވާ މިއުވާން ފެނުމުން ރުކާންވެސް ރުޅިއައެވެ. އަދި ދާން ތެދުވިއެވެ. މިއުވާން ރުކާންގެ ދެކޮޑުގައި ހިފާ ރުކާން ފާރާ ތަތްކޮށްލިއެވެ.
"ހަނދާން ކުރާތި ދެން އެންމެ ތަންކޮޅެއްވެސް ކުރިއަކަށް ނުދެވޭނެ. ކަލޭ ތީ މަގޭ އަނބިމީހާ. ކޮންމެ ތާކަށް ދިޔަޔަސް އެކަން ސާބިތުކޮށްދޭނަން. އެހެންކަމުން ކަލޭގެ މައްޗަށް މަގޭ އަމުރު ހިނގާނެ."
"އަދި ކިރިޔާތަ އަނބިމީހާކަން ތި އެނގުނީ. މިހުރިހާ ދުވަހު ކަލޭ ކޮބާ؟" ރުކާން މިއުވާންގެ އަތް ފޮޅާލަމުން ވާހަކަ ދެއްކިއެވެ.
"މާބާރަށް މަގޭ ކުރިމަތީ ވާހަކަ ނުދައްކާ؟" މިއުވާން އަނެއްކާވެސް ރުކާން އެނދަށް ކޮށްޕާލިއެވެ. ބަނޑު ބޮޑު ރުކާން އެނދުމައްޗަށް ވެއްޓުނެވެ. ވަރަށް އުނދަގުލުން ރުކާން ތެދުވިއެވެ.
"ތަދު ވެއްޖެޔޭ." މިފަހަރު ރުކާނަށް ތަދުވިއެވެ. އަދި އޭނާގެ ދުލުން މިޖުމްލަ ބޭރުވިއެވެ.
"ނޫން ކަލެއަކަށް ތަދެއްނުވާނެ." މިއުވާން ހުރީ ވަރަށް ރުޅިއައިސްފައެވެ. ސައުކަތަށް އަނިޔާކުރި މަންޒަރު އޭނާއަށް ސިފަވެގެން ދިޔައެވެ. މިއުވާން ރުޅި އަތުވެއްޖެނަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އޭނާއަށް ޔަގީންވިއެވެ. ރުކާން ދުވެފައިގޮސް ނިކުމެވޭތޯ ބެލިއެވެ. ނަމަވެސް މިއުވާން އޭނާގެ އަތުގައި ހިފާ ފުރަގަހަށް އަތްގެންގޮސް މިއުވާންގެ ބާރުގެ ދަށަށް ގެނައެވެ.
"ބުނެފީމެއްނު ނުދާށޭ. ކަލޭ ހީކުރީ އަނިޔާ ލިބުނީ ކަލެއަށް އެކަނި ކަމަށްތަ؟ މަށަށް ތަގުދީރު ނިޔާކުރި ގޮތެއް ކަލޭ އަޑުއަހާކަށް ބޭނުމެއް ނުވޭ. އާނ ކަލެއަކީ ހަމަ ގޮތްދޫނުކުރާ އަންހެނެއް. ފުރަތަމަ ދުވަހުވެސް އެކަން މަށަށް އެނގުނު. އެކަމަކު އޭރު ހީކުރީ ފަހުން ކަލޭ ރަނގަޅުވާނެކަމަށް." މިއުވާންހުރީ އަދިވެސް ރުކާން ހިފަހައްޓައިގެންނެވެ.
"ކަލޭއަކީ ދޮގުވެރިއެއް. ކަލެއާއި ރައޫފާއި." ރުކާން ބުނަންވާއެތި ނުބުނެވެނީސް މިއުވާން އޭނާގެ އަނގަމަތީ ހިފިއެވެ.
"ހުއްޓާލާ. ކަލޭ އަބަދުވެސް ދެއްކީ އެވާހަކަ. ދުވަހަކުވެސް އަހަރެން ދެއްކި ވާހަކަ އަޑުއެހިންތަ؟ އެދުވަހު ބެޓް ކޮށްގެން ލިބުނު ތިންހާސް ރުފިޔާ އޮންނާނީ ކަލޭގެ މަންމަ ލުބޯމާގެއިން ނެގި ދަރަނި އަދާކޮށްފައި. އެހެން ނޫންނަމަ ކަލޭމެން ދެމައިން އެމީހުން ކޯޓަށް ގެންދިޔަޔީސް. އެލާރީގައި އަހަރެން ހިފީ އެހެންވެ." އޭނާ އަދިވެސް ހުރީ ރުކާންގެ އަނގަމަތީ ހިފަހައްޓައިގެންނެވެ.
"ކަލޭ މާލެ އާދެވި މިނިވަންވެ މުއްސަނދި ދިރިއުޅުން ފެނުމުން މަ މަތިން ހަނދާނެތުނީ. ތީ ރަނގަޅު މީހެއްނަމަ ބަލި މަންމައަށް އަޅާނުލައެއް ނުހުރީސް. ކަލޭ ތީ ކަލޭގެ އަމިއްލަ ބޭނުމަށް ކޮންމެފަދަކަމެއްވެސް ކުރާނެމީހެއް." މިހެން ބުނެވުނުއިރަށް އޭނާއަށް ރޮވިއްޖެއެވެ. ރުކާންގެ އަނގަމަތީގައި އޮތް މިއުވާންގެ އަތް ފޮޅުވާލިއެވެ. އޭނާއަކަށް މިފަހަރު ރުޅިއެއް ނާދެވުނެވެ. އެއަށްވުރެބޮޑަށް އޭނާ ހިތުގައި ޖެހުނީއެވެ. އަބަދުވެސް ރުކާނަށް ހަމްދަރުދީވާ މިއުވާނަކަށް މިއަދު އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާ ހުރީ އަދިވެސް ރުޅިއައިސްފައެވެ. މިއުވާން އަނެއްކާވެސް ރުކާން އެދުމައްޗަށް ކޮށްޕާލިއެވެ. އެވަގުތު އޭނާގޮސް ކުރިއަށްވުރެ ބާރަށް އެނދުމައްޗަށް ޖެހުނެވެ. މިފަހަރު އޭނާގެ ބަނޑަށް ތަދުވިއެވެ.
"އައްދޯތް." ރުކާން ރޯން ފެށިއެވެ.
"ހަޅޭއް ނުލަވާ. މި މުއްސަނދި ދިރިއުޅުން މަށަށް ފެނުނީ މިއަދަކު ނޫން. ތި އާދައިގެ ރަށަށް އަރުވާލަން ޖެހުނީވެސް މި މުއްސަނދިކަމުން. އެނގިއްޖެތަ؟ މާލެގެނެސް ޝަރީއަތް ނިމި އަހަރެން މިނިވަންވުމުން މަށަށް ލިބެންވީ އެއްޗެއް ހިފައިގެން މުޅިއުމުރަށް ކަލޭގާތަށް ދާން ދޯންޏަށް އަރަނިކޮށް މަންމައާއި ބައްޕަ ެ އެކްސިޑެންޓްވެގެން ގުޅީ. އެ ނުބައި ބައްޕަ ނިޔާވެ މަންމަ ވާގިނެތުމުން ވަގުތުން ލަންކާއަށް ދިޔައީ ދަރިއެއްގެ ވާޖިބު އަދާކުރުމަށް.
ފަހަރެއްގައިވެސް އަހަރެން އެމަންމަ ދެކެ ލޯތްބެއް ނުވޭ. އެއީ ދުނިޔޭގެ މަޖަލާއި އަރާމުގައި ދުވަސްތައް ބޭކާރު ކޮށްލި މިނިވަން މަންމައެއް. ދަރިފުޅު ހުރީ ކައިގެންތޯ ކިޔަވައިގެންތޯ އޭނާއެއް ނުބަލާ. އޭނަ ހީކުރީ ބޭނުން ވާވަރަށް ފައިސާ ދިނީމާ ނިމުނީކަމަށް. އެފަދަ މަޔަކު ބަލާނެ ދަރިއަކު ވީތީވެސް އޭނާ ޝުކުރުވެރިވޭ. އެއް މަސް ވަންދެން ލަންކާގެ ހޮސްޓަލެއްގައި އުޅެފައި ދެއަހަރަށް އޮސްޓްރޭލިޔާއަށް ބަދަލުވެ އޭނާއަށް ފަރުވާކޮށް ނިންމާލިއިރު ހުރީ ތިންއަހަރުވެފައި. ދުވަހަކުވެސް ދުނިޔެމަތީ އެހާ ހާލުގަ އޮތް މީހެއް މަށެއް ނުދެކެން. އެ ދުވަސްތަކުގެ ކޮންމެ ވަގުތެއްގައި މަންމަގާތަށް ދިޔަނަމަވެސް އިވޭނީ ރޯއަޑު. ނިދާބޭހަކުން ތަދުކަނޑުވާ ބޭހަކުން އޭނާއަކަށް ލުޔެއް ނުލިބޭ. އެކަހަލަ މީހެއް ދޫކޮށްފައި އައުން ވާނީ ބޮޑު ފާފައަކަށް.
އަހަރެން ކަލޭ ހޯދަން ވަރަށް މަސައްކަތް ކުރީން. ފޯނުކުރީން. ފޯނުކުރެވުނު އަދަދެއްވެސް ނޭނގެ. ތިރަށަށްވެސް ދިޔައިން. އެ ސައުކަތުގެ ފައިދޮށަށްވެއްޓި އާދޭސް ކުރިން. ނަމަވެސް ކަލޭ އުޅޭތަނެއް އެއްވެސް މީހަކު ބުނެއެއްނުދިން. ތިރަށު މީހުންވެސް ގަސްދުގައި އަހަރެންނަށް ކަލޭ އުޅޭތަން ބުނެ ނުދިނީ. އެހުރިހާ ވާހަކައެއް ކަލޭގާތު ކިޔައިދޭން އުޅުނިން. އެކަމަކު ތިއީ ގޮތް ދޫނުކުރާ އަންހެނެއް." މިއުވާން އެނދުގައި އިށީނެވެ. އަދި ރުކާނަށް ބަލާލާފައި އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް ތެދުވިއެވެ.
(ނުނިމޭ)
