" ޗެކްކޮށްލާފަ އޮޅުމެއް އަރަންޏާ ގުޅާތި!"
ލެޕްޓޮޕް ދިއްކޮށްލަމުން ލޫތު ބުންޏެވެ. ހިނިތުންވަމުން ޒައިބާ އާނއެކޭ ބުނެ ލެޕްގައި ހިފިއެވެ.
" ތޭންކްސް"
ޒައިބާ އެހެން ބުނުމާއެކު ދޮރާށި ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށްވެސް ބަލާލެވުނީ އެއްފަހަރާއެވެ. އޭރު ޒައިބާއަށް ހުރެވުނީ ސައިކަލާ ތަންކޮޅެއް ކައިރީގައި ކަމުން އޭނާ އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ. ބޭރަށް ބޯދިއްކޮށްލީ ނާޝިޒެވެ. ނާޝިޒް ފެނުމާއެކު ޒައިބާގެ ހިތަށް ފޫހިކަންވެރިވެ، ނުތަނަވަސްވިއެވެ.
" ދަނީ އިނގޭ! " ލޫތުއަށް ބަލާލަމުން ޒައިބާ ބުންޏެވެ. އެއަށްފަހު އިތުރަށް މަޑުނުކޮށް އޭނާ ހިނގައިގަތީ ދޮރާދިމާއަށެވެ. އޭރުވެސް ޒައިބާއަށް ބަލަން ނާޝިޒް ހުއްޓެވެ. ލޫތުވެސް އައިކޮޅަށް ސައިކަލް އަނބުރާލުމަށްފަހު ތަންކޮޅެއް ބާރަށް ދުއްވާލިއެވެ.
" އަހަރެން އެތެރެއަށް ވަންނަން ތަންކޮޅެއް ދީ! "
ހިތްހަމަ ނުޖެހޭ ރާގެއްގައި ޒައިބާ ބުނެލިއެވެ. އެއް އަތުން ދޮރާށި ހުރަސްކޮށްގެން ހުރި އިރު އަނެއް އަތުން އޭނާ ކޮފީތަށީގައި ތުން ޖަހާލިއެވެ.
" އަކްރަމް ރަށުގައި ނެތީމަ އަވަހޭ ދޯ ކަންތައްތައް ހިންގާލަން! "
ނާޝިޒްގެ ޖުމްލައިން ޒައިބާ ސިހިގެން ދިޔައެވެ. ނާޝިޒް އެފަދަ މޭރުމަކުން އޭނާއާއި ވާހަކަ ދެއްކުމުން ޒައިބާގާތަށް އިންތިހާއަށް ރުޅިއައެވެ.
" ތަންދައްކާ! " މިފަހަރު ޒައިބާ ވާހަކަ ދެއްކީ ކުރިއަށްވުރެ ބާރަށެވެ.
" ސްކޫލުން މީހަކާ ހިތާވީތަ؟ " ލާނެތް ރާގަކަށް ނާޝިޒް އަނެއްކާވެސް ބުންޏެވެ.
" އަހަރެންގެ އެއްވެސް ކަމަކާ ކަލޭ ބެހޭކަށް ނުޖެހޭނެ! ތަން ދައްކާށޭ! "
" އޯކޭ އޯކޭ! ދޭބަލަ! އަހަރެންދެކެ ރުޅި އައިސްގެން މިގެޔަކު ޒައިބާއަކަށް ނޫޅެވޭނެ! ތި ގަންނަ ގަނޑުގެ ވާހަކަ މާދަމާ މިގޭ މީހުންގާތުވެސް އަހަރެން ދައްކާނަން."
އެތެރެއަށް ވަދެގެން ދިޔަ ޒައިބާއަށް އިވޭވަރަށް ނާޝިޒް ގޮވާލިއެވެ. ނަމަވެސް އޭނާގެ އަޑު އިވޭކަމަށް ނަހަދާ ބާރުބާރަށް ޒައިބާގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް އެތެރެ ވެވުމާއެކު ދޮރުފަތުގައި ލެނގިލައިގެން ލެޕްޓޮޕް ގައިގައި ޖައްސާލައިގެން އޭނާއަށް ހުރެވުނީއެވެ.
" ސުބްޙާނަﷲ! ކޮންފަދަ ކަމެއްބާ ކުރިމަތިވާނީ؟ އެމީހާގަނޑު ވާހަކަ ފަތުރަފާނެ ކޮންމެ ފަދަ ގޮތަކަށްވެސް.."
ވީފޫއްސާ އޭނާ ގާތަށް އައި ރުޅިން ލެޕްޓޮޕް ހުޅުވާ ހިތެއްވެސް ނުވިއެވެ. އެއްޗެހި ބަދަލުކޮށްލައިގެން އޭނާ އަވަހަށް އޮށޯތީއެވެ.
ޖެހިގެން އައި ދުވަހެވެ. ކްލާހަށް ވަނުމުގެ ކުރިން ޒައިބާ ޕްރެޒެންޓޭޝަން ރަނގަޅަށް ބަލާލިއެވެ. އެ މަސައްކަތާމެދު ހިތްހަމަ ޖެހުނުލެއް ބޮޑުކަމުން އޭނާ ވަށައިގެން ހޯދާލީ ލޫތު ފެނޭތޯއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކަޅިޖަހާނުލާ ޒައިބާއަށް ބަލަން އިން ލޫތެވެ. ހަތަރުކަޅި ހަމަވީވަގުތު ޒައިބާ ހީލިއެވެ. އެއާއިއެކު އިވުނު ރަނގަބީލްގެ އަޑުން އޭނާ އަވަސްވެގަތީ ކްލާހަށް ދާށެވެ. އަތުގެ އިޝާރާތުން ލޫތު އޭނާއަށް ގުޑްލަކް ކިޔުމުންވެސް ޒައިބާ ރައްދުކުރީ ލުއި ހިނިތުންވުމެވެ.
" މަށަށް ހާދަހާ އެހެން ކަހަލަ ވަހެއް އެބަ ދުވައޭ! " ޒައިބާ ނިކުމެގެން ދާންދެން އެދިމާއަށް ބަލަން އިން ލޫތު ސިހުނީ އާސިފްގެ އަޑުންނެވެ.
" އޭ ތިކަހަލަ ވާހަކަ ނުދައްކާ! ދެމަފިރިން މައްސަލަ ޖެހުން ނޫންކަމެއް ނުވާނެ ތިފާޑުގެ ވާހަކަތައް ދައްކައިގެން.." ހިނިގަނޑެއް ޖަހާލަމުން އަވަސް އަވަހަށް ލޫތު ރައްދު ދިނެވެ. ނަމަވެސް އާސިފް ހުރީ އެހާ ފަސޭހައިން ލޫތު ދޫކޮށްލާ ގޮތަކަށް ނޫނެވެ.
" މާ ނޫން ކަމަށް ހެދޭނެ ކަމެއްނެތް! މަށަށް ކަލޭ ނޭނގި ހުންނާނެތަ؟ ކިތަންމެ ދުވަހެއް ވެއްޖެ މަށަށް ތިކަމެއް ހީވާތާ!"
އާސިފް ވާހަކަ ދެއްކީ ދިމާކުރާ ކަހަލަ ގޮތަކަށެވެ.
" ހީވާ ހީވުމަށް ވާހަކަ ދައްކާކަށް ނުވާނެ! އޭ ނެތޭ އިނދެވޭކަށް. ޕްރިންޓަށް ދީފަހުރި ޕޭޕަރތައް ނަގަން މިދަނީ…"
ލޫތު ތެދުވުމަށްފަހު ބެގީ ރަނގަޅުކޮށްލިއެވެ. ޒައިބާއާމެދު އޭނާގެ ހިތުގައި އުފެދިފައިވާ ލޯތްބަކީ ދުވަހަކުވެސް އޭނާ ހާމަކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެންކަމުން ލޫތު ބޭނުންވީ ކޮންމެ ގޮތަކުން ވިޔަސް އާސިފް އެވާހަކަ ފެތުރުން ހުއްޓުވާށެވެ.
" ލޫތު! މަޑުކޮށްބަލަ!"
ސްޓާފްރޫމުން ނިކުމެ އޮފީހާއިދިމާއަށް ދިޔަ ލޫތު ހުއްޓުނީ ޒައިބާގެ އަޑުންނެވެ. އޭރު ސައިންސްގަޑި ނިންމާފައި ޒައިބާ އާދެއެވެ.
" އޭ ވަރަށް ސަޅި އިނގޭ! ވަރަށް އީޒީ ގޮތަކަށް ހުރީވެސް. އަހަރެން ނުޖެހުނު އިތުރަށް އެއްވެސް ކަމަކާ ވިސްނާކަށް. ކިޔަވައިދޭންވާ ގޮތަށް ހުރީ ނޯޓްސްވެސް.. ދެން އެނގޭތަ ގަޑި ނިމުންތަނާ މެޑަމް ވިދާޅުވެއްޖެ ވަރަށް ރަނގަޅުކަމަށް! މެޑަމްވެސް އިންނެވީ ކިޔަވާހިތުންނޯ!"
ހެމުން ހެމުން ޒައިބާ ހުރިހާ ވާހަކަތަކެއް އެއްފައްޗަކަށް އަމުނާލިއެވެ. އެހާ އުފާވެރިގޮތަކަށް ޒައިބާ ފެނުމުން ލޫތުގެ ހިތުގެ ވިންދު އަވަސްވި ކަހަލައެވެ. އުފަލުން ހުރެ ޒައިބާ ވާހަކަ ދައްކާއިރު އޭނާ ފެންނަލެއް މާ ފުރިހަމައޭ ލޫތުގެ ހިތަށް އެރިއެވެ. ކަޅިޖަހާނުލާ ޒައިބާގެ މޫނަށް ބަލަން ލޫތުއަށް ހުރެވުނީއެވެ.
"އަޅެ ހުރިހާ ޝުކުރެއް ލޫތުއަށް ހަމަ.. "
" ޝުކުރަކުން ނުފުދޭނެ! "
ބޭއިޚްތިޔާރުގައި ލޫތުއަށް ބުނެވުނެވެ. އެއާއެކު އަތުކުރީގައި އަޅާފައި އޮތް ގަޑި ބަލާލަމުން ޒައިބާ ބުންޏެވެ.
" އޯކޭ! ކޮފީއަކަށް އިންވައިޓް ކުރާނަން އިނގޭ މި މަސް ނިންމާލާފަ! "
" އެންމެ ރަނގަޅު! ޒައި އަތުން ކޮފީގަނޑެއްވެސް ލިބެނިކޮށް އެވީ! "
ގާތްގޮތަކަށް ލޫތު ބުނެލިއެވެ. އިތުރަށް މަޑުކުރުމެއްނެތި ޒައިބާ ގޮސްވަނީ ސްޓާފްރޫމަށެވެ.
އެދުވަހު ޒައިބާއަށް ގެއަށް ދެވުނީ މެންދުރުފަހު ދޭއް ޖެހިފަހުންނެވެ. އާދައިގެމަތިން ގެއިން ފުރަތަމަވެސް ބައްދަލުވީ އަކްރަމްގެ މަންމައާއެވެ. ގޭތެރެއަށް ޒައިބާ ވަނުމާއެކު ދޭއްގެ ޚަބަރު ބަލަން އިން ޝަކީލާ ޒައިބާއަށް ބަލާލިއެވެ. މަންމައާ އަނގައިން ނުބުނެ ކޮޓަރިއަށް ދާން ނުކެރިގެން ޒައިބާ ސޯފާގައި އިށީނދެލިއެވެ.
" އަކްރަމް ގުޅި މިއަދު! އަހަރެން އެދުވަހު ދެއްކި ވާހަކަތައް ޒައިބާ ދެއްކީތަ؟ "
ޒައިބާގެ މޫނަށް ބަލާލުމެއްވެސް ނެތި ޝަކީލާ ވާހަކަ ފެށިއެވެ. ޒައިބާގެ ހިތް ބާރަށް ތެޅިގަތީ އަކްރަމް ދެއްކި ވާހަކައެއް ނޭނގޭތީއެވެ.
" ނޫން! ނުބުނަން. މަންމަ ދެއްކި އެއްވެސް ވާހަކައެއް ނުބުނަން. އަކްރަމް އަބަދުވެސް މަންމަގެ ޙާލު އަހަރެންގާތު އަހާނެ! "
ޒައިބާ އަވަސް އަވަހަށް ބުންޏެވެ. އެއާއެކު ޝަކީލާ ބަލާލިއެވެ.
" އަހަރެން ހީކުރީ އެވާހަކަތައް ދައްކައިގެން ކަމަށް އެގުޅީ.. ނޭނގޭނެއެއްނު! މިހާރުގެ ގިނަ ކުދިން އުޅޭނީ ފިރިމީހާއާ މައިދައިތަ ޖައްސަންވިއްޔަ! "
ނުސީދާގޮތަކަށް ޝަކީލާ އެހެން ބުނުމުން ޒައިބާ ވަރަށް ރުޅިއައެވެ. ސްކޫލުން އަންނަ އިރަށް ކޮންމެ ދުވަހަކުވެސް ޝަކީލާ، އޭނާގެ ބޯ ހާސްކޮށްލާކަން ޒައިބާއަށް ފާހަގަ ކުރެވިއްޖެއެވެ. ޒައިބާ އެހެން އިންދާ މިއަދުވެސް ޝަކީލާ ވަދެގެން ދިޔައީ ކޮޓަރިއަށެވެ. އިތުރަށް އެއްވެސް ވާހަކައެއް ނުދައްކައެވެ.
" ކޮންމެ ގޮތެއް ވިޔަސް ހެޔޮ! މިއަދު އަހަރެން އަކްރަމް ގާތު މިވާހަކަތައް ދައްކާނަން. "
ޒައިބާއަށް މަޑުމަޑުން ބުނެލެވުނެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް އޭނާ ކޮޓަރިއަށްވަދެ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް އެނދުމައްޗަށް އެއްލާލުމަށްފަހު ލެޕްޓޮޕްވެސް އެނދުމަތީގައި ބޭއްވިއެވެ. އަދި އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލުމަށްފަހު ލޯމަރާލީ ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. އިރުކޮޅެއްނުވެ ދަބަހުގައި އޮތް ފޯން ރިންގްވާންފެށިއެވެ. ނުދާން އިނދެފައިވެސް ކަންނެތް ގޮތަކަށް ޒައިބާގޮސް ދަބަހުން ފޯން ނެގިއެވެ. އޭރު އަކްރަމް ގުޅަމުންދެއެވެ. އަވަސް އަވަހަށް ފޯން ނެގުމަށްފަހު ޒައިބާ އެނދު ހުރަހަށް ދެމިލިއެވެ.
" މިއަދު އޮފް ދުވަހެއްވީމަ ހަމަޖެހިލާފަ މި ގުޅާލީ! " ޒައިބާ ފޯން ނެގުމާއެކު އަކްރަމް ބުނެލިއެވެ. އަކްރަމްގެ ވާހަކައިން ޒައިބާ އިތުރަށް ވީ ދެރައެވެ.
" އޮފް ދުވަހެކޭ؟ އެހެންވެ މިއަދު ތިނެއް ޖެހި ފަހުން ގުޅާލެވޭ ވަރުތިވީ؟ "
" ޕިސް! ނިދާލީއޭ! އޮފް ދުވަހެއްގައެއްނު ނިދާލެވޭނީ. " ޒައިބާ އޭނާ ކުށްވެރި ކުރަނީއޭ ހިތާ އަކްރަމް މަސައްކަތްކުރީ ސަލާމަތްވާށެވެ. އަކްރަމްގެ ރާގު ބަދަލު ވުމާއެކު ޒައިބާ ބޭނުންވީ އިތުރަށް އެކަމާ ޝަކުވާ ނުކުރުމަށެވެ.
" އަކޫ! އަހަންނަށް ހީވަނީ މާ ގިނަ ދުވަހަކު މިގެއަކު އަހަންނަކަށް ނޫޅެވޭނެހެން."
ޒައިބާ ވާހަކަ ފެށީ ދުރުދުރުންނެވެ.
" އަނެއްކާ ކިހިނެއްވީ؟ ތިގެއިން ޒައި ނެރޭނެ މީހަކު ނުހުންނާނެ! ކިހާ ރަނގަޅު އެންމެންވެސް. ޒައިއަށް އެއްވެސް އުނދަގުލެއް ނުފޯރައެއްނު!"
" ތެދެއް! އަހަރެންގާތު ނިކުމެގެން ދާށޭ ބުނާނެ މީހަކު ނެތް. އެކަމަކު އަކޫ.. ކޮންމެ ދުވަހަކު އެހާ ބުރަކޮށް އުޅެފައި ގެއަށް ހަމަ އަންނައިރަށް އަކޫގެ މަންމަ އަހަރެންގެ ބޯ ހާސްކޮށްލާ! ކިޔާނެ އެއްޗެއް ކިޔާފަ ގޮސް ވަންނަނީ ކޮޓަރިއަށް. ދެން އަހަރެންގެ މުޅި ދުވަސް ޚަރާބުވޭ ހަމަ. މިހެންވެސް ނުބުނަން މިހުންނަނީ. އެކަމަކު ކެތްވާވަރު ނުވީމަ މި ބުނެވުނީ.."
އަސަރާއެކު ޒައިބާ ވާހަކަ ދެއްކިއެވެ.
" މަންމަ؟ މަންމައަކީ ދުވަހަކުވެސް ތިބުނާގޮތަށް ވާހަކަ ދައްކާ މީހެއްނޫން. ޒައި ބޯ ހާސް ކުރަން މަންމަ ދައްކާނީ ކޮން ވާހަކައެއް؟ "
އަކްރަމް ހުރީ ޤަބޫލުކުރާ ގޮތަކަށް ނޫނެވެ.
" އަކްރަމްގެ ވާހަކަ ދައްކަނީ! ކުރީ ދުވަހުވެސް އަހަރެން އެއްކަލަ ވާހަކަތައް ދެއްކީމެއްނު! އަސްލު އެއީވެސް ހަމަ މަންމަ ދެއްކި ވާހަކަތަކެއް. އެކަމަކު އަހަރެން ނުބުނަމެއްނު އެހެނެއްވެސް! މިއަދު އަނެއްކާ ބުނެފި އަހަރެން އަކްރަމް ގާތު މަންމަގެ ވާހަކަ ދައްކަނީހޭ.. އަހަރެން މިހުންނަނީ އެކަމާ ވަރަށް ދެރަވެސްވެފަ! "
ޒައިބާ ބޭނުންވީ އަކްރަމަށް ޤަބޫލު ކުރެވެންދެން އެވާހަކަ ކިޔައިދޭށެވެ. އެހެނަސް މިފަހަރުވެސް އޭނާއަށް އަކްރަމް ދިނީ އަޑުއަހަން އުނދަގޫ ޖަވާބެކެވެ.
" އެއީ މައްސަލައެއްތަ؟ ނުގުޅާ ހުރެފަ، ކުއްލިއަކަށް އަހަރެން ގުޅީމަ މަންމައަށް ހީވާނީވެސް އެހެންދޯހަމަ! މަންމަ ރަނގަޅެއްނު އަހާލާކަން.. ދެން ކޮންމެ ކަމެއް މައްސަލައަކަށް ހަދަންޏާ މަސްލަޙަތު ގޯސްވާނީ. އަހަންނަށް ވަރަށް އުނދަގޫ ޒައިގެ ދުލުން އަހަރެންގެ މަންމައަށް އިހާނެތި ބަސްތައް ބޭރުކުރާއަޑު އަހަން. އެއީ މިދުނިޔެއިން އަހަރެން އެންމެ ލޯބިވާ މީހަކީ މަންމަ. ދެން ޒައި! "
ބުނާނެ އެއްޗެއް ނޭނގި ޒައިބާއަށް އޮވެވުނެވެ. އަކްރަމަށް އެކަންތައް މައްސަލައަކަށް ނުވުން، ޒައިބާއަށް ވީ ވަރަށް ބޮޑު މައްސަލައަކަށެވެ. ޒައިބާ ދެކޭގޮތުގައި އަކްރަމަށް އޭނާ ދައްކާ ވާހަކަތައް ޤަބޫލު ކުރެވެން ޖެހޭނެއެވެ.
" އަކޫ ހީކުރަނީ އަހަރެން ދޮގު ހަދަނީ ކަމަށްތަ؟ ކީއްކުރަން އަހަރެން ދޮގު ހަދަންވީ ؟ "
" ދެން އޯކޭ އޭ! މޫޑު ގޮއްސި! ތިކަހަލަ ވާހަކަ ދައްކަންޏާ މިވަގުތު ފޯން ބާއްވަނީ ދެން. ޒައި ރުޅި މަޑުވީމަ ގުޅާ ފަހުން. " އަކްރަމް ފޫހި ރާގަކަށް އެހެން ބުނުމުން ޒައިބާއަށް ރުޅި އާދެވުނެވެ.
" އަހަރެން ރުޅި އައިސްގެންތަ މި ވާހަކަތައް މި ދެއްކީ ؟ އަހަންނަށް ދިމާވާ ކަންތައްތައް އަކޫ ނޫން ދެން ކާކު ގާތުގައިތަ ދައްކަންވީ؟. "
" ދެން އެންމެ ރަނގަޅޭ! ފޯން ބާއްވަނީމި! "
ޒައިބާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަކްރަމް ފޯން ކަނޑާލިއެވެ. އެހިނދު ދެލޯމަރާ ބާރުކޮށްލަމުން ޒައިބާއަށް މޫނުގައި އަތް އަޅާލެވުނެވެ. އެވަގުތު އޭނާއަށް މަޑުމަޑުން ގިސްލެވެން ފެށުނެވެ. ކައިވެންޏަށްފަހު އަކްރަމާ މައްސަލަ ޖެހުނު މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާއަށް ވަރަށް އަސަރު ކުރިއެވެ. މަޑުމަޑުން ރޮއިލަ ރޮއިލާ އޮއްވާ އަނެއްކާވެސް އޭނާގެ ފޯން ރިންގްވާ އަޑު އިވެންފެށިއެވެ. ދެފަހަރަކު ރިންގް ވުމުން ފޯން ނަގާ، ސްކްރީނަށް އޭނާ ބަލާލީ ކާކުކަން ޔަޤީންކޮށްލުމަށެވެ. ލޫތުގެ ނަން ފެނުމާއެކު ފޯން ނެގުނީ ބޭއިޚްތިޔާރުގައެވެ. އަދި އެއްޗެއް ނުބުނެ އިތުރަށް ގިސްލެވެން ފެށިއެވެ.
" ހޭ! ޒައި! ރޮނީތަ؟ ކިހިނެއްވީ ؟ "
ލޫތުގެ އަޑުގައި ހާސްކަން އެކުލެވިގެންވާކަން ޒައިބާއަށް އެނގުނެވެ.
" ޒައި ޒައި! ނުރޮއިބަލަ! "
އަނެއްކާވެސް ލޫތު ބުނެލިއެވެ. އެއާއެކު ޒައިބާ ކުޑަކޮށް ހަމަޖެހިލިއެވެ. އަދި ދެލޯ ފުހެލަމުން ވާހަކަ ދެއްކިއެވެ.
" އަހަރެން މީ ގޯސް މީހެއްތަ ލޫތު؟ ބުނެބަލަ! އަހަރެން މީ ގޯސް މީހެއްތަ؟ ކީއްވެތަ އެންމެން އަހަރެންދެކެ ރުޅި އަންނަނީ؟ "
ބެދިފައިވާ އަޑަކުން ޒައިބާ ވާހަކަދެއްކިއެވެ. އަބަދުވެސް އުފާވެރިކޮށް ފެންނަ ޒައިބާ، އެހާ ހިތްދަތިވެގެން ވާހަކަ ދައްކާ އަޑުއަހަން ލޫތުއަކަށް ފަސޭހައެއް ނުވިއެވެ.
" ޒައި ފުރަތަމަ ހަމަޖެހިލަބަލަ! ތީ ގޯސް މީހެކޭ ބުނާނެ މީހެއް މި އުޑުދަށަކު ނުހުންނާނޭ! މިހާރު ތި ވިސްނަނީ ނުބައިކޮށް! "
" އެކަމަކު.. އަކޫއަށްވެސް ގޯސްވީ އަހަރެން! އަކޫ މަންމައަށްވެސް ގޯސްވީ އަހަރެން.. " ހިތަށް އަރާފައިބަމުންދާ ޖުމްލަތައް އޭނާ، ލޫތުއަށް ކިޔައިދެވުނީ ބޭއިޚްތިޔާރުގައެވެ. ލޫތުއަށް ލިބުނީ ހައިރާންކަމެވެ. ޒައިބާ އެހާ ހިތްދަތިކަމެއްގަައި އުޅޭކަމެއް ލޫތުއަކަށް ކުރިއަކުން ނޭނގެއެވެ.
" އަހަރެން ހީކުރީ ޒައިގެ ލައިފް ވަރަށް ހެޕީކަމަށް! އެކަމަކު…"
" އަހަރެންގެ ލައިފް ވަރަށް ހެޕީ ހަމަ! "
އެހެން ބުނުމަށްފަހު ޒައިބާ ފޯން ކަނޑާލިއެވެ. އިމުން ބޭރުވެވިއްޖެކަން ޒައިބާއަށް އެނގުނީ ދެނެވެ. ދައްކަން ނުޖެހޭ ވާހަކަތަކެއް ލޫތުއާ ޙިއްސާ ކުރެވުމުން އޭނާ ލަދުގަނެ ވަރަށް ދެރަވެސްވިއެވެ.
" ސޮރީ! ދެރަވެފައި ހުރިވަރުން ކިޔުނު ނުކިޔުނު އެއްޗެއް ނޭނގުނު! ޕްލީޒް އެއްވެސް މީހެއްގާތު ނުބުނައްޗޭ "
އަތުގެ އިނގިލިތަކުން ޒައިބާ ފޯނަށް ފިތައިގަތެވެ. ލިޔެވުނުހާ އަވަހަށް ލިޔެލުމަށްފަހު ލޫތުއަށް މެސެޖް ފޮނުވާލިއެވެ.
" އަހަންނަށް އިތުބާރު ކުރޭ! "
ލޫތު ފޮނުވާލި މެސެޖުން ޒައިބާގެ ހިތަށް ފިނިކަން ލިބުނެވެ.
ހުކުރު ދުވަހަކީ ޒައިބާއަށް ބަދިގެ ހިބަކޮށްފައިވާ ދުވަހެކޭ އޭނާއަށް ހީވެއެވެ. ދޮންތައާ މަންމަ އެދުވަހު ބަދިގެއާ ހަމައަށް ވައިވެސް ނޭޅޭނެއެވެ. އެކަމާ ޒައިބާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އާދައިގެ މަތިން މިއަދުވެސް ޒައިބާ ހެނދުނު ހެނދުނާ ފިހާރަށް ދިޔައީ ކައްކަން ބޭނުންވާ ސާމާނު ގަންނާށެވެ. ގަނެވުނު އެއްޗެހި ގިނަކަމުން ބަރުވެގެން ޒައިބާ މަގުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ.
" އައްދޭ! ރަށު ރައްޔިތުންނަށް ކައްކަންތަ މިއަދު ތިއުޅެނީ ؟ "
ސިހިފައި ޒައިބާ ބަލާލީ ފަހަތުން އިވުނު ލޫތުގެ އަޑުންނެވެ. ލޫތު އެހެން ބުނުމުން ޒައިބާ ހީލިއެވެ.
" ދީބަލަ މަ އަތަށް! ތި ގެންގޮސްދީފާނަން! " އަތް ދިއްކޮށްލަމުން ލޫތު ބުންޏެވެ. ނަމަވެސް ޒައިބާ ވަގުތުން އިންކާރު ކުރިއެވެ.
" ނޫނޭ! އަހަންނަށް ގެންދެވޭނޭ! އެހާވަރުގެ ކަމެއް ނޫނޭ މީ! "
" ޒައި މިހާރު އޯކޭތަ؟" މަޑުމަޑުން ލޫތު އެހެން އަހާލުމާއެކު ރޭގަ ކަންތައް ވީގޮތް ޒައިބާގެ ހަނދާނަށް އައެވެ. އެއާއެކު އޭނާގެ މޫނުމަތި ލަދުން ރަތްވެގެން ދިޔައެވެ.
" ސޮރީ އިނގޭ! އަހާލެވުނީ ހަމަ.."
ޒައިބާ އެއްޗެއް ނުބުނުމުން ލޫތު އަނެއްކާވެސް ބުންޏެވެ.
އެއާއިއެކު ބިންމަތީގައި ބަހައްޓާފައި ހުރި ކޮތަޅު ނެގުމަށްފަހު ޒައިބާ ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ.
" ދެން އަހަރެންގެ ފަހަތުން ތި އަންނަނީޔޯ؟ "
" ދެން ތި ކޮތަޅު ދީބަލަ! "
ޒައިބާ ނޫނެކޭ ބުނި ނަމަވެސް ލޫތު ޒައިބާގެ އަތުން ކޮތަޅު އަތުލައިގެން ބާރުބާރަށް ސައިކަލް ދުއްވާލިއެވެ. ޒައިބާގެ ލޯމަތިން ލޫތު ގެއްލުމުން ޒައިބާ ހިނގުން އަވަސްކޮށްލިއެވެ. ނުބައި ގޮތަކަށް ގޭ މީހުން ވިސްނަފާނެތީ ޒައިބާ ނުހަނު ކަންބޮޑުވިއެވެ. މަގު ކޮޅުން ލޫތު އެނބުރި އަންނަތަން ފެނުމުން ޒައިބާގެ ހިތް އިތުރަށް އަވަސްވީކަން އޭނާއަށް އެނގުނެވެ.
" ކާކު އަތަށް ކޮތަޅު ދިނީ ؟ " ސައިކަލް މަޑު ނުކުރަނީސް ޒައިބާ އެހިއެވެ.
" ޒައިގެ މައިޓު! "
" އޭ! ކީކޯ ބުނީ ؟ ރުޅި އައިސްފަތަ ހުރީ ؟ " ސައިކަލްގެ ހުންގާނުގައި އަތް ޖައްސާލަމުން ޒައިބާ އަނެއްކާވެސް އެހިއެވެ. އެއާއެކު ލޫތު ދެކޮނޑު އަރުވާލަމުން ބުންޏެވެ.
" ރުޅިއެއް ނާދެޔޭ! ޝަކީލައްތަ ހުރީ ބަގީޗާގަސް ކޮށަން! އަހަރެން އެ ދީފަ ބުނިން ވަރަށް ބަރުކޮށް އަންނަތަން ފެނުނީމަ މިސްގެ ކޮތަޅު ގެނެސްދިނީއޭ! ހެވިލާފަ ހަމަ ހުރީ! "
ލޫތު އެހެން ބުނުމުން ޒައިބާއަށް ހިތްހަމަޖެހުމުގެ ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އަވަސް އަވަހަށް ދަނީއޭ ބުނެ ހިނގައިގަތެވެ. ޒައިބާ ގޮސް ދޮރާށިން ވަތްއިރުވެސް ލޫތު ގެންދިޔަ ކޮތަޅު ޖޯލީގައި ބާއްވާފައި އޮތެވެ.
" ލޫތު ގެނައި ކޮތަޅު އެއޮތީ! އެސޮރުވެސް ޓީޗިންގ ހަދައިގެން އައިސް ދޯ އެއުޅެނީ؟ "
ޒައިބާ ފެނުމާއެކު ޝަކީލާ ބުނެލިއެވެ. އޭރުވެސް ޝަކީލާ ހުރީ މާގަސްތައް ކޮށާ، ރީތި ކުރާށެވެ. ޝަކީލާއަށް ޖަވާބުދިނުމުގެ ގޮތުން ޒައިބާ ބޯޖަހާލަމުން ޖޯއްޔާއި ދިމާއަށް ހިނގައިގަތެވެ.
" ކުރީރޭ ދަންވަރު… ޒައިބާ ބޭރުގައި ހުރީ…. ދެންމެ އެ އައި ސޮރާއެކީތަ؟ "
ކުއްލިއަކަށް އިވުނު ނާޝިޒްގެ އަޑުން ޒައިބާގެ އިތުރުން ޝަކީލާއަށްވެސް ނާޝިޒަށް ބަލާލެވުނެވެ. ނާޝިޒް ވާހަކަ ދެއްކީ ދުރު ހަނދާނެއް އާކުރާ ކަހަލަ ގޮތަކަށް ލަސްލަހުންނެވެ. އޭރު ނާޝިޒް އައިސް ޝަކީލާއާ އަރާ ހަމަވަނީއެވެ. ޒައިބާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭރު އެތެރެހަށީގައި އަނދަމުންދާ ރުޅިގަނޑު އޭނާގެ ދެލޮލަށްވެސް ފޯރައިފިއެވެ.
" ދަންވަރޭ؟ "
ޝަކީލާއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.
( ނުނިމޭ )
