ވާހަކަ: ރުކާން – 29

( އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ )

"ހަނދާން ކުރާތި! މީގެފަހުން ކަލެއަކަށް މިގެއަކުން ނުވެސް ދެވޭނެ. ކަލެއަކަށް އަހަރެންގެ އޯގާތެރިކަމެއްވެސް ނުފެންނާނެ. ދެން ކަލެއަށް ފެންނާނީ އަހަރެންގެ ހަރުކަށިކަމާއި ނުބައިކަން." މިއުވާން ރުކާންގެ ލޮލާއި ދިމާއަށް އިނގިލި ދިއްކޮށްލައިގެން ހުރެ ބުންޏެވެ. މިއުވާން ކޮޓަރިން ނިކުތެވެ. ދެތިންމިނިޓްފަހުން އައިސް ފޮށި އެކޮޓަރިއަށް އެއްލިއެވެ. އެވަގުތު ބިއްލޫރި މޭޒުގައި ޖެހި މުޅިތަނަށް ފުޅިތޮށިތައް ބުރައިގެން ދިޔައެވެ. އޭނާ ރުޅިއައިސްފައި ހުރިވަރުން ރުކާނަށް އިންތަނުން ތެދުވަންވެސް ނުކެރުނެވެ.

މިއުވާންގެ ވާހަކަތައް ރުކާންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.އެއިން އޭނާއަށް އަސަރުތަކެއް ކުރުވިއެވެ. އާއެކެވެ. އެއީ ރަގަޅު މާތް އިންސާނެކެވެ. އޭނާގެ އަޑު ނޭހުނީތީ ރުކާން ދެރަވިއެވެ. އޭނާއަށް އިތުބާރު ނުކުރެވުނީތީ އޭނާ އަމިއްލަ ނަފުސުދެކެވެސް ރުޅިއައެވެ. މިއުވާން އޭނާއަށް ނުކޮށްދެނީ ކޮންކަމެއްހެއްޔެވެ؟ ސައުކަތު ގާތުން ސަލާމަތް ކޮށްދިނެވެ. ލިބޯމާގޭ ބުރަމަސައްކަތުން ސަލާމަތް ކޮށްދިނެވެ. މިއަދު މިއުވާންގެ ވިޔަފާރިވެސް ބަނގުރޫޓު ކޮށްލާކަން އެނގިހުރެގެންވެސް އޭނާގާތަށް އައީއެވެ. އޭނާއަށް ސައުކަތުގެ ކިބައިން ސަލާމަތްވުމަށް ކޯޓަށް ދިޔުމުންވެސް ޖަލަށް ދިޔައީއެވެ.

ރުކާން އެނދުން ތެދުވިއެވެ. މުޅިކޮޓަރިއަށްވަނީ ފުޅިތޮށިތައް ބުރައިގެން ގޮސްފައެވެ. ކަބަޑުމަތީގައި އޮތް ފޯނު ވެއްޓުނީ ފުރަތަމަ ރިންގުވެލުމާއެކުއެވެ. ވެއްޓިފައި އޮތް ފޯނު ނެގުމަށްޓަކައި ރުކާން ގުދުވެލިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ މީގެ ހަމަސްކުރިން އޭނާއަށް ލިބުނު ފައިލެކެވެ. އެއީ ނަސީމާ މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ހަވާލު ކުރި ފައިލެކެވެ. އެރޭ އެފައިލު ވެއްޓިގެން އަލަމާރިއަށް ލިއެވެ. އަދި އޭގެ މަތީން ހަނދާން ނެތުނެވެ. އަދި ކޮޓަރި ތަރުތީބު ކުރަނިކޮށް އެފައިލު ވެއްޓި އަލަމާރި ދަށަށް ދިޔަކަމެއް އޭނާއަކަށް ނޭނގެއެވެ.

ރުކާން އެފައިލް ހުޅުވާލިއެވެ. ފަރުވާތެރިކަމާ އެކު އެފައިލަށް  އޭނާ ބަލާލިއެވެ. އޭގައި ލިޔެފައިވަނީ ރުކާންގެ ހުރިހާ ހަގީގަތެއް ނަސީމާއަށް އެނގޭ ވާހަކައެވެ. އަލީ މިއުވާނަކީ ރުކާންގެ ފިރިމީހާ ކަމާއި މިއުވާން ރުކާނަށްޓަކައި އެތައް އިންތިޒާރެއް ކުރި ވާހަކައެވެ. މިއުވާން މިނިވަންވުމާއެކު އޭނާ ބެލެހެއްޓުމަށްޓަކައި ރާއްޖޭން ބޭރުގައި އުޅެން ޖެހުނު ވާހަކައެވެ. އޭގެ ސަބަބުން މިއުވާނާއި ރުކާނާއި ދުރުވާން ޖެހުނު ވާހަކައެވެ.

ނަސީމާއަށް އެއީ އައިޝާކަން އެނގުނަސް އޭނާ ރުކާނާމެދު ޝައްކުތަކެއް އުފެދި ފައިވާކަމެވެ. ނަސީމާ އެކަން އޮޅުން ފިލުވި ވާހަކައެވެ. ވަކީލާއެކު ދެމީހުންވެގެން އެރަށު އޮފީހަށާއި ބައެއް މީހުންނަށް ގުޅައިގެން ރުކާންގެ މައުލޫމާތު ސާފުކުރި ކަމެވެ. ހުރިހާކަމެއް ޔަގީންވީ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅުގައި ކަމެވެ.

އެފައިލުގައި ނަސީމާގެ ފަރާތުން މިއުވާނަށް ލިބުނު އަނިޔާ ބަޔާން ކޮށްފައި ވެއެވެ.  މިއުވާނާއި ރުކާން ދުރުވާންޖެހުނީ އޭނާ ބަލިވުމުގެ ސަބަބުން ކަމަށްވީތީ އޭނާ މާފަށް އެދިފައިވެއެވެ. އަދި އޭނާގެ ހުރިހާ މުދަލެއް ރުކާނަށް ދިނީ މިއުވާނަށް މާފުކުރުމަށާއި މިއުވާނަށް ނަފުރަތު ނުވެ އޯގާތެރިވުމަށް ވަސިއްޔަތް ކޮށްފައެވެ.

ރުކާން މަޑުމަޑުން އެންމެ ފަހު ޕެރެގުރާފް ކިޔާލަން ފެށިއެވެ. "ރުކާން….އެއީ ހެޔޮލަފާ ދަރިއެއް.. އަހަރެންގެ ސަބަބުން އެތައް އަނިޔާއެއް ލިބުނު އިރުވެސް ތިން އަހަރު ވަންދެން އަހަރެން ބެލީ ލޯބިވާ އަނބިމީހާއާއި ދުރުގައިހުރެ. ރުކާން އޭނާއަށް މާފުކުރޭ. އަހަރެންގެ ހުރިހާ މުދަލެއް ރުކާނަށް މިދިނީ އޭގެ ބަދަލެއްގެ ގޮތުން އަދި އަހަރެންގެ ފާފައަށް ލުޔެއް ލިބޭނެކަމުގެ އުންމީދުގައި."

ރުކާނަށް މިލިޔުން ދެތިން ހަތަރުފަހަރު ކިޔާލެވުނެވެ. ލަސްލަހުން ނަމަވެސް ދެތިން ހަތަރު ފަހަރަކު ކިޔުމުން އޭނާ ހައިރާން ވިއެވެ. ކިތަންމެ ފޮރުވިގެން  ނޫންކަމަށް ހެދިގެން އައިޝާއަށް ވެގެން އުޅުނަސް ނަސީމާއަކަށް އޮޅުވައެއް ނުލެވުނެވެ.

ރުކާނަށް ހީވީ ފައިދަށުން ބިންގަޑު ދެމިގަތް ހެންނެވެ. އޭނާއަށް މިކުރެވުނީ ކޮންފަދަ ބޮޑު ކުށެއްހެއްޔެވެ؟ އޭނާއަށް ކުރިން މިކަން ނޭނގުނީ ކީއްވެ ހެއްޔެވެ؟ މިއުވާންގެ ހުރިހާ އެއްޗެއް އޭނާ ފޭރިގަތީއެވެ. މުއްސަނދިކަމާއި އިއްޒަތެވެ. ދިރިއުޅުމާއި އެދިރިއުޅުމުގެ މިނިވަންކަމެވެ.

ސިޓިންރޫމް ސޯފާގައިއިންމިއުވާންވަނީ ދުވަހަކުވެސް ރުޅި ނާންނަ ވަރަށް ރުޅިއައިސްފައެވެ. އޭނާއާއި ރުކާނާއި ދުރުކުރި ހާދިސާ ކިޔައިދޭން ކިހާ މަސައްކަތެއް ކުރިހެއްޔެވެ؟ އެދުވަހު ޕޮލިހުން އައިސް އޭނާ ރުކާނާއި ދުރު ކުރުވިއެވެ. އެއީ އޭނާގެ މައްސަލަ ނިންމުމަށެވެ. ވަރަށް ފަސޭހައިން މައްސަލަ ނިމުނެވެ. އޭނާގެ ކުށެއް ނެތްކަމުން ރުކާން ގާތަށް ދާން ފުރަން އުޅެނިކޮށް ހޮސްޕިޓަލުން ގުޅީމާ އޭނާ ދިޔައީ އެކްސިޑެންޓްވެފައި އޮތް އޭނާގެ މައިންބަފައިން ގާތަށެވެ. ބައްޕަ ނިޔާވީއެވެ. އެތައް ޒަޚަމްތަކާއެކު މަންމަ ދުނިޔެއަށް ނޭވާލައެވެ. ނޭވާލާހާހިނދަކު ވަޅުނުލާނޭ ބީދައިން އުންމީދެއްނެތް މަންމައަށް ފަރުވާ ކުރަން ޖެހުނެވެ. މައިންބަފައިން ބެލުމުގެ ޒިންމާއަކީ އޭނާއަށް ޖެހިފައިވާ ކަމަކަށް ވާތީއެވެ. އެއީ ކިހާވަރެއްގެ ކަމެއްކަން އެނގޭތީ އޭނާ އެ ވާޖިބު އަދާކުރީއެވެ.

އޮސްޓްރޭލިޔާގެ ހޮސްޕިޓަލުގައި ދެބައި އުމުރުގެ މަންމަގާތު ކިތައްރޭ އޭނާ ހޭލާ ހުރިހެއްޔެވެ؟ އޭނާއަށްޓަކައި ނުރޯމަންމަގެ ހާލަތާ މެދު އޭނާއަށް ދެލޯ ފާރުވަންދެން ރޮވުނެވެ. އެހާ ހާލުގައި ދުނިޔޭގައި އޮތްމީހެއް އޭނާ މީގެ ކުރިން ދެކެފައެއްނުވެއެވެ. މީގެ ދެއަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި ބައްޕަ ނިޔާވެ މަންމަ ނުކުޅެދޭ މީހަކަށްވުމުން ލަންކާއިން ފަރުވާ ނުކުރެވިގެން އޮސްޓްރޭލިޔާއަށް ބަދަލު ކުރެވި މަންމައަށް ފަރުވާ ދޭތާ  ދެއަހަރު ވިއެވެ.

މި ދުވަސްތަކުގައި އޭނާވަނީ ތަފާތު އެތައް ކަމެއް ތަޖުރިބާ ކޮށްފައެވެ. މަންމަ އެކްސިޑެންވީ ހިސާބުންފެށިގެން ލަންކާގައި މަހެއްހާދުވަހު އޭނާ އުޅުނެވެ. މިދުވަސްތަކުގައި ރުކާންގެ ޚަބަރެއްވޭތޯ އޭނާ އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް ފޯނު ނަގާ މީހަކު އޭނާއަކަށް ގޮވައެއް ނުދެއެވެ. އެންމެފަހުން އޭނާއަށް ޚަބަރު ލިބުނީ ރުކާން މިހާރު އެރަށުގައި ނޫޅޭ ވާހަކައެވެ. އެހެންކަމުން އެތައް މަސައްކަތެއް ކޮށްގެންވެސް ރުކާނާއި ދިމައެއްނުވިއެވެ. ދެން އޭނާގެ މަންމަގެ އޮޕްރޭޝަން ކުރުމަށްޓަކައި އޮސްޓްރޭލިޔާއަށް ބަދަލުވީއެވެ. އަދި މާލެ ބަދަލުވެ ބައްޕަގެ ވިޔަފާރި އޭނާ ކުރިއެރުވިއެވެ. އެއީ ބައްޕަ ނިޔާވުމުން އޭނާގެ އަމިއްލަ ތަކެއްޗެވެ. ރުކާން ގޮތްދޫކުރާނަމަ ދިރިއުޅުން ނުހަނު އުފާވެރިކަމެއް ކަމުގައި ވީހެވެ.

މިއުވާން ކުއްލިއަކަށް ތެދުވެއްޖެއެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.  އެ ގޮތްދޫނުކުރާ ރުކާންގެ ސަބަބުން މިއަދުވަނީ ރުޅިއަންނަން މަޖުބޫރުވެފައެވެ.  އޭނާ ހުރިހާ ދުވަހަކު ރުކާނަށްޓަކައި އަދި އޭނާގެ އާއިލާއަށްޓަކައި ކޮށްދިން އެއްވެސް ކަމަކުން އޭނާއަކަށް އޭގެ މަންފާއެއް ނުކުރީތީ ވަނީ ފޫހިވެފައެވެ. އޭނާއަށް ރުކާން ރޯ އަޑުވެސް އިވެއެވެ. ނަމަވެސް މިހާރު އޭނާ ރުކާންދެކެ ފޫހިވެއްޖެއެވެ. އެ ގޮތް ދޫނުކުރާ އަންހެން ކުއްޖާ ރުއިމަކުން މިހާރު އޭނާއަކަށް އަސަރެއް ނުކުރެއެވެ. އޭނާ ވީ ލޯތްބާއި ވީ އެހީތެރިކަމުގެ ބަދަލުގައި އެކުއްޖާގެ ފުށުން ފެނުނީ ނަފުރަތާއި ގޮތް ދޫނުކުރުމާއި ރުޅިވެރިކަމެވެ. ނިކަމެތިކަމާއި ބަނގުރޫޓު ވުމާއި ޖަލުގައި އަޅުވެތިވުމެވެ.

މިއުވާން ސޯފާގައި އިށީނދެލިއެވެ. ހަމަޖެހިލައިގެން އިނީ ރުކާން ރޯ އަޑުއަހާށެވެ. މިއަދު ރުކާންގެ މިއަޑު އިވުމުން އޭނާއަށް ހިތްހަމަޖެހުން ލިބެމުން ދާހެންވެސް ހީވެއެވެ. އޭނާ ސޯފާގައި އޮށޯވެލާ ހަމަޖެހިލިއެވެ. ކައިރީގައި ހުރި ބިއްލޫރި މޭޒުމަތީގައިވާ ބަދަން ތައްޓަކުން ފަހަރަކު ބަދަނެއް ނަގާ ހަފާލާ ހަފާލަ އޮތެވެ. ރުކާންގެ ރޯއަޑު އެހުމަށެވެ.

އިރުއޮއްސިއްޖެއެވެ. މިއުވާން އަދިވެސް އޮތީ ސޯފާގައެވެ. ރުކާން ރޯއަޑު އަހާށެވެ. މިހާރު ރުއިމުގެ އަޑެއް ނީވެއެވެ. އޭނާ ޓީވީ ހުޅުވާލިއެވެ. ރޭގަނޑު ނުވައެއްވެސް ޖަހައިފިއެވެ. މިއުވާން ޓީވީ ނިވާލިއެވެ. މުޅި ގޭތެރެއަށްވެސް ވަނީ އާދަޔާ ޚިލާފު ފަޅުކަމެއް ވެރިވެފައެވެ. ދޭތެރެ ދޭތެރެއިން ރުކާން ރޯއަޑު ފިޔަވައެވެ. މިއުވާން އަދިވެސް އޮތީ ސޯފާގައެވެ. ދިރުމެއްގެ ހިލަމެއްނުވާ ގޯތިތެރޭގައި ރަސްކަން ކުރަމުންދަނީ ހިމޭންކަމާއި ފަނޑު އަލިކަމެކެވެ.  ދެމީހުންގެ ހިތުގައިވެސް  ބަޔާން ކުރަންދަތި ނުތަނަވަސް ކަމެއްގެ ވިންދު ޖަހަމުން ދެއެވެ. އެކަކު އަނެކަކަށް ޝަކުވާ ކުރަން ބޭނުންވެއެވެ. ކުރީގެ ގާތްކަން ދެމީހުންވެސް ބޭނުންވެއެވެ. ނަމަވެސް ކުރިމަތިވި ހާދިސާތަކުގެ ސަބަބުން ދެމީހުންވެސް ގޮތް ދޫނުކުރަނީއެވެ.

މަޑުމަޑުން މިއުވާން ތެދުވީ ބޭރަށް ދާން ނިކުތުމަށެވެ. ދެން ދުވަހަކުވެސް ރުކާން ގާތަށް ނައުމަށް އަޒުމް ކަނޑަ އަޅައިގެންނެވެ. ދުވާމަހެއްގެ ނިގުލުގައި ނުހިފެއްޓޭނެއެވެ. ނޫޅެން އުޅޭ ބަސް ގަބޫލު ނުކުރާ އަންހެނަކު ގެންގުޅުމުގެ މާނައެއް ނެތެވެ. ކުރިއަށް އެޅި ފިޔަވަޅު ހުއްޓެވުނީ  ހިމޭންކަމުގެ ތެރޭން ފުރޭނިގެން އައި ރުކާންގެ ފުންވޭނެއްގެ ކުކުރުމުގެ އަޑަށެވެ. އެއަޑުގައި ގަދަރިހުމެއްގެ ވޭން އިންތިހާއަށް ގޮސްފައިވާކަން އޭނާއަށް އިހުސާސްވިއެވެ.

މިއުވާނަށް ރުކާންގެ ހުރިހާ އިހުސާސެއްގެ އަޑު އެނގެއެވެ. އޭނާގެ ރުއިމާއި ކެކުޅުމާއި އުފަލާއި ހިތްހަމަ ޖެހުމުގެ އަޑުތަކަށް މިއުވާން ވަނީ ފަރިތަވެފައެވެ.  ރުކާންގެ ހިތްދަތި ކަމާއި ކެކުޅުމުގެ އަޑު ކިތަންމެ ފަހަރަކު އޭނާވަނީ އަހާފައެވެ. ނަމަވެސް މިރޭ އެއަޑުގައި އެހުމަށް ކުޅަދާނަ ނުވާފަދަ ރިހުމެއް އެކުލެވެއެވެ. އެއަޑުގައި އިންތިހާ ދަރަޖައިގެ ވޭނެއް މިއުވާންގެ އަޒުމް ބަލިކޮށްލިއެވެ. އޭނާއަށް ބޭ އިޚްތިޔާރުގައި އެއަޑު އަންނަ ދިމާއަށް ބަލާލެވުނެވެ.

މިއުވާން މަޑުމަޑުން އެދިމާއަށް ދިޔައެވެ. ކުރިއަށް އެޅިފިޔަވަޅު ހުއްޓި ދެލޯބޮޑުވެއްޖެއެވެ. ބާރަށް ހަޅޭއްލަވައި ގަނެވިއްޖެއެވެ. ރުކާންގެ ހާލަތު ފެނުމުންނެވެ. އޭނާއަށް ރުކާންގެ ފުށުން ފެނުނީ ދެފައިމައްޗަށް ކޮޅަށް ހުރުމަށް ކުޅަދާނަ ވެގެން ނުވާ ރިހުމަކެވެ. ރުކާންވަނީ ދުވަސް ފުރިފައިވާ ބަނޑުގައާއި އުނަގަނޑުގައި ރިއްސާތީ ކެތްނުވާ ހާލުގައެވެ. އޭނާ ލުޔެއްލިބޭތޯ ބޭރަށް ނިކުތުމަށްޓަކައި މަސައްކަތްކުރަނީއެވެ. މުށިގަނޑުގައި ހުރި ފުޅިތޮށިތައް މަތީން ހިނގޭތޯ ބަލަނީއެވެ. ވީހާވެސް އަވަހަކަށް ބޭރަށް ނިކުމެވޭތޯއެވެ. އޭނާގެ ބަނޑުގައި ބާރަށް އަތް އަޅައިގެން ލިބޭ ވޭނަށް ލުޔެއް ލިބޭތޯ ގުދުވަމުން ދެއެވެ. އޭރު އަނެއް އަތްވަނީ  ވަރަށް ބާރަށް  އަނގަމަތީ  އަޅާފައެވެ. އެއަޑު މިއުވާނަށް ނީވޭތޯ މަސައްކަތް ކުރާ ކަހަލައެވެ. ތަރުފާލު މަތީގައި ގިނަވެފައި ލޭތަކުންނާއި ރުކާންގެ ދެފައި ފުޅިތޮށިތަކުން ޒަޚަމްވާތަން ފެނުމުން މިއުވާނަށް ހަޅޭއް ލަވައިގަނެވުނެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *