ވާހަކަ: ލީޝަން – 28

(25 ޖެނުއަރީ 2023ގެ ނޫހާއި ގުޅޭ)

"ތި މޭކަޕުތަކުން ކުލަޖައްސާ އޮމާންކޮށްފައިވާ މޫނު ރީތިކަމަކުންނޫން އަހަރެން އިނދެގެން މިއުޅެނީކީ. އާން. އަހަރެން ކަލޭ ވަރިކުރާނަން. އެކަމަކު އެއީ ކަލޭގެ ބައްޕަ އަހަރެންނަށް އެކަން އެގޮތަށް ކުރަން ބުނެފިނަމަ. އަހަރެން ކަލޭ ގެންގުޅޭނީ ކަލޭ ބައްޕަ ދުނިޔޭގައި ހުރިހާ ދުވަހަކު."

"އަހަރެންގެ ބައްޕަ ނިޔާވިޔަސް ކަލޭ ނުދާނެ. ކަލޭ ވަނީ އަމިއްލަ އެދުމުން ފޯވެފައި. މާ އޯގާވެރިއެއްހެން ބައްޕަ ކުރިމަތީ ދެއްކެން ތިއުޅެނީ ބައްޕަގެ މުއްސަނދިކަން އަތުލައިގަންނަން." އޭނާ ޔައީންގެ މޫނު މަތީޖަހަން އަތް މަޅާލިއެވެ. ނަމަވެސް ޔައީންގެ ބާރުގަދަ އަތުން ލީޝަންގެ އަތުގައި ހިފެހެއްޓިއެވެ. އަދި އޭނާގެ އެ އަތް އޭނާގެ ފުރަގަހަށް ގެނެސް ހަރަކާތް ނުކުރެވޭ ގޮތަށް ހައްޔަރު ކޮށްލިއެވެ.

"ގޮތެއްނެތް އަންހެނާ. އަމިއްލަ އެދުމުން ފޯވީ ކާކުތަ؟ ތިމާގެ އަމިއްލަ ބޭނުމަށްޓަކައި ޒީނާ ރޭޕް ކުރުވީ ކަލެއެއް ނޫންތަ؟ ކަލެއަށް އެނގޭތަ؟ ޒީޝަންއަކީ ކަލޭގެ ބައްޕަގެ ދަރިއެއް ނޫންކަން. އެއީ ކަލޭގެ ލޯބިވެރިޔާ ޒިޔާނުގެ ދަރިއެއް. ޒިޔާނުއާއި އޭނާގެ މޯޑު ޝަރީއަތުގައި އެކަމަށް އެއްބަސްވި. އަދި އެކަމުގެ ހެކިވެސް ފުލުހުން ހޯދި. އެމީހުން ޝަރީއަތުގައި އެއްބަސްވީ ކަލޭ އެމީހުންނަށް ގުޅައިގެން ޒީނާއަށް ބިރުދައްކަން ބުނިކަމަށް. އެންމެފަހުން އެމީހުން އެ ނިކަމެތި ކުށެއްނެތް ކުއްޖާ ރޭޕްކުރީ. ފެށުނީއްސުރެންވެސް ނިކަމެތިކަމާއި ވޭނުގައި އުޅުނު އެފަކީރު ހަރުދަނާ އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރަމުން ދިޔަ އުންމީދު ވިއްސިވިހާލި ކޮށްލީ. އަޅާލާނެ ޔާރެއް އިޔާރެއް މިދުނިޔޭގައި ނެތް ނިކަމެތި ކުއްޖާއަށް އެހީވުމުގެ ގޮތުން ކަލޭގެ ބައްޕަ ނުކުރާކަމަކަށް ޒިންމާނެގީ. ކަލޭތީ އެފަދަ މާތް މީހެއްގެ ދަރިއެކޭ ބުނާތީވެސް ލަދުގަނޭ."

"އަހަރެން ޒީނާ ރޭޕް ކުރާކަށް ނުބުނަން. ޒިޔާނު އެހެނެއް ނުހަދާނެ. އެއީ ބައްޕަގެ ކުއްޖެއް. މަންމަ ނިޔާވީވެސް އެދެމީހުންގެ ގުޅުން އެނގި އެކަމުގެ ހިތާމައިގާ."

"ކަލޭ ބުނީ ޒީނާ މާލެ ދޫކޮށްދާވަރަށް އޭނާއަށް ބިރުދައްކާށޭ ނޫންތަ؟ އެމީހުން ބިރު ދެއްކީ އެގޮތަށް؟ އޭނާގެ ހަށިގަނޑު ޒަޚަމުތަކަކުން ފުރާފައި. ކަލޭގެ މަންމަ މަރުވީ ހަމަ މަންމަގެ ނުބައި ކަމުން. ކަލޭ ލިބުނީއްސުރެ ރާމިޒާ އުޅެމުން ދިޔައީ ހިލޭ ފިރިހެނުންނާއެކު. އެކަން ދަންނަ ރައްޓެހިން މިހާރުވެސް އެބަތިބި. ކަލޭގެ ބައްޕައަކީ ކެތްތެރިއެއްވީމަ ކަލެއަށްޓަކައި ކެތްކޮށްގެން އުޅުނީ. ރާމިޒާގެ ފަރާތުން ފިރިއަކަށް ދޭންޖެހޭ އެއްވެސް އެހީތެރިކަމެއް ނުލިބުނު. އެއީ މިހާރު ކަލޭވެސް އުޅެމުން ދާގޮތް."

"އެކަމަކު މަންމަ އެކްސިޑެންޓްވީ ބައްޕައާއިހެދި. ބައްޕަ އެ ޒީނާއަށްޓަކައި މަންމަ ވަރިކުރުމުން."

"އެހެންވެގެންނެއްނޫން. ރާމިޒާ މާޔޫސްވީ މިލިބޭ އަރާމު ދިރިއުޅުމާއި ނާޗަރަންގީއާއި ދުރުވާންޖެހުނީމަ. އެންމެފަހުން އޭނާގެ ސިއްރު ލޯބިވެރިޔާއާއި ބައްދަލުކުރަން ދިޔައިރު އެކަން ނުވުމުން ބޯހާސްވެގެން އެރޭ އުޅުމުން. މީހުން ބުނާގޮތުގައި އެރޭ އޭނާ ލޯބިވެރިޔާ ގާތަށް ގޮސް ކާމިޔާބު ނުވުމުން އެކަމުގެ ހިތާމާގައި މޮޔައެއްފަދައިން ހަޅޭއްލަވަމުން މަގުމަތީ ދުވުނީ. ކަލެއަށް އެނގޭތަ އޭނާ ނުކުޅެދޭ ހާލުގައި ވަނިކޮށް އުފުލާ ހެދީ ކަލޭގެ އޯގާތެރި ބައްޕައޭ. އެހެން ފިރިހެނަކުނަމަ ވަރިކޮށްފައި ބޭރުކޮށްލި ނުބައި އަންހެނަކު މަރުވަންދެން ބަލައެއް ނުހެދީސް. އެންމެފަހުން ކަލޭގެ މަންމަ އެކަމާ ހިތާމަކޮށް ޒީނާ ގާތު އެދުނީ ކަލޭގެ ބައްޕައަށް އޯގާތެރިވުމަށް."

"ނޫން ތީ ހުސް ދޮގު." ޒީނާ ކަންފަތުގައި އަތްއެޅިއެވެ.

"ކަލެއަށް އެނގޭތަ ޒީނާ ނުހަނު ހިތާމައިގައި އަދި އަނިޔާގައި ވީއިރުވެސް ކަލޭ ކުށްވެރި ވެދާނެތީ ކޯޓުގައި އެމައްސަލަ ދޫކޮށްލީ . ކަލޭ ހަމައިގައި ނުހުންނައިރު އެތައްފަހަރަކު ލުބޯ ފަންޏާއި އޭތި މީތި ދީ ކަލޭ ހަމައަކަށް އެޅުވީ އޭނާ. މިއިން ހުރިހާކަމެއް ކަލޭ ބައްޕަ ސިއްރު ކުރަމުން ދިޔައީ ކަލޭދެކެ ލޯބިވާތީ. އަދިވެސް ކަލޭ ރަނގަޅުކުރެވި ދާނެކަމަށް ގަބޫލު ކުރާތީ. ކަނޑިތީމުގައި ކަލެއަށް ދިމާވި ހާދިސާގައިވެސް އޭނާ މޮޔައެއްހެން އެތައް ބައެއް ގާތަށް ކަލޭ އެތަނުން ސަލާމަތް ކުރަން އެދުނު. އެންމެފަހުން އެނުރައްކާ ވަގުތު އޭނާ އަހަރެންގެ ފައި ބުޑަށްވެއްޓި އާދޭސް ކުރީ ކަލޭގެ ސަލާމަތަށްޓަކައި. ނަމަވެސް ކަލޭތީ ހަމަ ކަލޭގެ މަންމަ. އަމިއްލަ އެދުމާއި ބޮޑާކަމާއި ކިބުރުވެރިކަން އޭގެ ހައްދު ފަހަނައަޅާފައި. ކަލޭގެ ބައްޕަ ނުކުޅެދޭ ހާލުގައި އުޅޭތާ މިހާރު ކިހާދުވަހެއް. ދުވަހަކުވެސް ފެންފޮދެއް ނަމަވެސް ދިނިންތަ؟ އެއްފަހަރުވެސް ހާލު ބަލާލިންތަ؟ އެކަމަކު އޭނާ ބަލަމުން ކާންދެމުން މިދަނީ އޭނާއާއި ލޭގެ އެއްވެސް ގުޅުމެއްނެތް ފިރިހެނެކޭ. ފިރިމީހާއަށްޓަކައި ރަހުމެއް އަމުދުންނެތް ވިޔާނުދާ ދިރިއުޅުމެއް އުޅެމުންދާ އަންހެން ދަރިފުޅުގެ ފިރިމީހާ."

"އަދި ބުނަން. ކަލޭ ބައްޕަ ބަލަމުން އެދަނީ އޭނާގެ ދަރިއެއްނޫން. އެއީ ކަލޭގެ ލޯބިވެރިޔާގެ ދަރިއެއް. އެއީ ކަލޭގެ ނުބައި ރޭވުމުގެ ނަތީޖާ. އެކަމަކު ނުކުޅެދޭ ހާލުގައިވެސް އޭނާ ވިސްނަނީ ކަލެއަށް. ކަލޭގެ އުޖާލާ ދިރިއުޅުމަކަށް. އަހަރެންގާތު އޭނާ އާދޭސް ކުރީ މިވިޔަފާރި ބަލަހައްޓައިދީ މިގެ ބެލެހެއްޓުމަށް. އެކަމަކު ހުރިހާ މޮޅެއްވެސް ލިބޭނީ ކަލެއަށް. ކަލޭ ބައްޕަގެ ހާލާމެދު ތިޔަ އުފާކުރަނީ. ބައްޕަގެ ނުކުޅެދޭކަން ހަނދާންކޮށްދީ ބައްޕަގެ ހިތްރޮއްވަނީ. ކަލެއާމެދު އޭނާ ކަރުނަ ނާޅާ އެންމެ ރެއެއްވެސް ނުދޭ." ޔައީން ލީޝަން ދޫކޮށްލާ ފަހަތަށް ކޮށްޕާލާފައި ނިކުމެގެން ހިނގައްޖެއެވެ.

ލީޝަން އަށް ހުރެވުނީ ގުޑާލަންވެސް ނޭނގިފައެވެ. އޭނާއަށް ޔައީންގެ ވާހަކަތައް ގަބޫލު ކުރެވެން ފެށިއެވެ. މަންމަގެ ނުރަނގަޅު ސިފަތައް ހަނދާންވާން ފެށިއެވެ. ބައްޕަގެ އޯގާތެރިކަމާއި އާދޭހާއި ކަރުނަ އޭނާއަށް އޭރު އެއްޗަކަށް ނުވީ ކީއްވެބާއެވެ؟ މަންމަގެ ހުރިހާ ކަމެއް އޭނާއަށް ރީތިވީ ކީއްވެބާއެވެ؟ އޭނާ އެންމެ ދެރަވީ ޒީނާއަށް ދިމާވި ގޮތުންނެވެ. އޭނާގެ ސަބަބުން ޒީނާއަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އެކަމަކުވެސް އޭނާ އަހަރެންނަށް މާފުކުރީއެވެ. އަހަރެންގެ ލޯބިވެރިޔާގެ ދަރިފުޅު އުފަންވެސް ކުރުވީއެވެ.

ބައްޕައަށް ކުރެވުނު ޒުވާބާއި ކިއުނު އެއްޗިހި އޭނާ ހަނދާންވާންފެށިއެވެ. މަންމަ ގޮތަށް ބައްޕަވެސް ނިމިގެން ތިދަނީ ވާބަލީގައި ކަމަށްބުނެ ދެރަ ކުރުވިއެވެ. ނުހަނު ބަލި ހާލުގައިވާ ބައްޕަ ކައިފިތޯ ނުވަތަ އެހެން ކަމެއްވެސް ބޭނުންތޯ ބަލައެއް ނުލައެވެ. މިހުރިހާ ކަމެއްވެސް  އެކުރަނީ ހިލޭ މީހެކެވެ. އުފަންދަރީގެ ގައިގައި ކުލުނު ވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނުވެއެވެ.  އޭނާއަށް އެރޭ ހަތަރު ދަމު ވިސްނެނީއެވެ. އޭނާގެ ދެލޯ ދުޅަވަންދެން ރުޔެވެ. އޭނާ ގަސްދު ކުރީ ހެނދުނުވުމުން ބައްގާތަށްގޮސް މާފަށް އެދޭށެވެ. އޭނާގެ ކުށަށް އަދަބުދޭށޭ ބުނާށެވެ.

ފަތިސްދަމަށް އެޅިއިރު އޭނާއަށް ނިދުނެވެ. ހަށިގަނޑުގައި ވޭން އަޅަމުންދާ އާދަޔާ ޚިލާފު ވަރުބަލިކަމެއްގެ ސަބަބުންނެވެ. ކުއްލިއަކަށް ހޭލެވުނީ ނުވައެއްވެސް ޖެހިފަހުންނެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން ދޮރުކައިރިއަށް ދިޔައީ ދޮރު ހުޅުވޭތޯއެވެ. އާދައިގެ މަތީން މިއަދުވެސް ޔައީން ދޮރު ތަޅުލައިފިނަމަ އޭނާއަށް ބައްޕަގާތަކަށްވެސް ނުދެވޭނެތީއެވެ. ނަމަވެސް އޭނާއަށް ހައިރާންކަން ލިބިގެން ދިޔައީ ދޮރު ތަޅުނުލާ ހުރުމުންނެވެ. ފަހަރުގައި ރޭގެ ހާދިސާގެ ސަބަބުން އޭނާ ހުރިހާކަމެއް ދޫކޮށްލީ ކަމަށް ހީކޮށްފައި އޭނާ ގޭތެރެއަށް ނިކުތެވެ. މުޅިގޭތެރޭގައި ވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ނުތަނަވަސް ބިރުވެރިކަމެކެވެ. މިއީ އޭނާ މަންމަ މަރުވި ދުވަހުވެސް އޭނާއަށް އިހުސާސް ކުރެވުނު ފަޅުކަމެވެ. އޭނާގެ ހައިރާންކަން އިތުރުވެގެން ދިޔައީ ބައްޕަގެ ކޮޓަރި ދޮރުހުޅުވާ އަޅާފައި ވުމުންނެވެ. އޭނާ ސިއްރު ސިއްރުން ބޯދިއްކޮށްލާ ބަލާލިއެވެ. ބައްޕަގެ އެނދު ހުރީ ހުހަށެވެ. ބައްޕަގެ ގޮނޑި ހުރީ ފަތް ޖަހާ ލައްކޮށްލާފައެވެ. ކުޑަކުޑަ ޒީޝަން އޮންނަ އެނދުވެސް ހުރީ ހުހަށެވެ. އާދަޔާ ޚިލާފު ބިރުވެރިކަމެއް އޭނާ ހާސްކުރުވައިފިއެވެ. ބައްޕަ ވީތަނެއް އެއްގޮތަކަށްވެސް ޚިޔާލަށްވެސް ނުގެނެވެއެވެ. އޭނާ ހާސްވެފައި ހުރިވަރުން ޔައީނަށް ފޯނު ކުރާކަށް ހަނދާނެއް ނުވިއެވެ. އެހެންކަމުން ޔައީން އާދޭތޯ އިންތިޒާރު ކުރަމުން ދިޔައެވެ.

ގޯތިތެރޭގައި ހުރި އުނދޯލީގައި އޭނާ  ދެލޯ ނޭދި އެދެމުން ދިޔައީ ބައްޕަ ދުށުމެވެ. ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ ޔައީނުގެ ފުށުން ނަމަވެސް ބައްޕަގެ ޚަބަރެއް ވޭތޯއެވެ. މެންދުރު ވެގެން ދަނިކޮށް ޔައީނު ގޯތި ތެރެއަށް ވަނެވެ. ޔައީން އައިއިރު ހުރީ ޒީޝަން އުރާލައިގެންނެވެ. އެއްކޮނޑުގައި ދަބަހެއް އަޅުވާފައިވާއިރު އަނެއް އަތުން ކޮޓަރީގެ ދޮރު ނުހުޅުވިގެން ޔައީން އުޅޭތީ އޭނާގޮސް ދޮރު ހުޅުވާލަދިނެވެ. އޭނާ ހުރީ ބަހެއް ބުނަންވެސް ޖެހިލުންވެފައެވެ. ޔައީން ލީޝަންއަކަށް ސަމާލުކަމެއް ނުދެއެވެ. ބުއްފުޅިއެއް ހަދާފައި ޒީޝަންއަށް ޖެއްސުމަށްފަހު ރަހީމުގެ ބައެއް ސާމާނު ދަބަހަކަށް އަޅަމުން ދެއެވެ.

"ބައްޕަ ކޮބާ؟" ލީޝަން ޔައީންގެ ފަހަތުން ދިޔައެވެ. ނަމަވެސް ލީޝަން އެއްޗެކޭ ކިޔާހެންވެސް ޔައީނަކަށް ހިއެއްނުވެއެވެ. އޭނާ އަވަދިނެތި ރަހީމުގެ ސާމާނު ބަންދު ކުރަމުން ދިޔައެވެ.

"ބައްޕަ ކޮބައިތަ؟"

"މިހާރު ބައްޕަ ހޯދަނީ ކީއްކުރަން. މަރުވިތޯ ބަލަންތަ."

"ހެޔޮނުވާނެ. އަހަރެން ބައްޕަ ގާތު މާފަށް އެދެން ބޭނުން."

"ވަގުތު ފާއިތުވީމާތަ؟ ލީޝަން ދައްކާ ވާހަކައެއް ބައްޕައަކަށް މިހާރަކު ނޭނގޭނެ."

"ބައްޕަވީ ކޮންތާކުތަ. ބައްޕަޔަށް ވީގޮތެއް ބުނެދީބަލަ." އޭނާ ރޯންފެށިއެވެ.

"ބައްޕަ ވީ އައި ޖީ އެމް އެޗްގައި. އެފަކީރު އޮތް ކޮޓަރިއަކަށް ޑޮކްޓަރު ފިޔަވާ އެއްވެސް މީހަކަށް ނުވަދެވޭ. އެހެންވީމާ ތިބޭކާރު ޚިޔާލު ދޫކޮށްލާ."

"ބައްޕައަށް ވީކިހިނެއް؟"

"މާތްﷲދެނެވޮޑިގެންވާނީ. ޑޮކްޓަރުންނަށްވެސް ވާގޮތެއް ބުނެދޭކަށް ނޭނގޭ. އަދިވެސް އޮތީ އެމީހުންގެ އޮބްޒަރވޭޝަންގައި."

"ނޫން. އަހަރެން ބައްޕައާ ވާހަކަދައްކަން ބޭނުން." އޭނާ މޮޔައެއް ފަދައިން ރޯންފެށިއެވެ. އަދި ހަށިގަނޑުގެ ބާރު ހުސްވެގެން ހުރިދިމާ ތިރީގައި އިށީނެވެ. ނަމަވެސް ޔައީން ލީޝަންއަކަށް އަޅައެއް ނުލައެވެ. އޭނާ ޒީޝަން ގޮވައިގެން ބޭރަށް ދާން ނިކުތެވެ.

"ތި ދަނީ ކޮންތާކަށް."

"ހޮސްޕިޓަލަށް."

"އަހަރެންވެސް ދާނަން."

"ދިޔަޔަކަސް ބައްޕައަކާއި ބައްދަލެއް ނުވާނެ."

"ދެން ޔައީން ތިދަނީ ކީއްވެ."

" އަހަރެން މިދަނީ ހޮސްޕިޓަލަށް ހަވާލުކުރަންވީ ތަކެތި ހަވާލު ކުރަން."

"ޒީޝަން ގޮވައިގެންތަ."

"މިގޭގައި އޭނާ ބަހައްޓާފައި ދާނީ ކިހިނެއް؟ އަންނަންވާއިރު ވެއްޓި މަރު ވެފައިވެސް  އޮވެދާނެ. މަރުވެގެން ހަރުވެފައި އޮތަސް މިގޭގައި އޭނާ ގައިގާ އަތްލާނެ މީހަކުނެތް." ޔައީން މިބުނި ޖުމްލައިން އޭނާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭނާއަށް ވަނީ ހަދާނެގޮތް ހުސްވެފައެވެ. އޭނާގެ ބައްޕަގެ ހެދުން ތަކުގައި ބޮސްދިނެވެ. ބައްޕަގެ އެނދުގައި އޮށޯވެލިއެވެ. އަނެއްކާ ތެދުވިއެވެ. އޭނާގެ ބޯވަނީ ހޭވިފައެވެ. ދެލޯވަނީ ދުޅަވެފައެވެ. އޭނާއަށް މިއީ ދުވަހަކުވެސް ނުލިބޭ ވަރުގެ ކެތްކުރަންދަތި ހިތާމައެކެވެ.

އެންމެފަހުން އޭނާ ޓެކްސީއެއްގައި ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ވަދެވުމާއެކު އޭނާ ބައްޕަގެ މައުލޫމާތު އޮޅުން ފިލުވާ އައިސީ ޔޫއަށް ދިޔައެވެ. އޭނާއަށް ބައްޕަގެ މޫނު ނޫންތަނެއް ނުފެނެއެވެ. ނޭފަތަށާއި އަގަޔަށް ހޮޅިއެއް ލައްވާފައިވާއިރު ދެލޯ ވަނީ މެރިފައެވެ. މި މަންޒަރު ބަލާކަށް އޭނާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ރޮމުން ކަހަލަ ގޮތަކަށް ގެއަށް ދިޔައެވެ. އެއަށްފަހު މި ހިތާމައިން ސަލާމަތްވުމަށްޓަކައި ނިދޭތޯ އުޅުނެވެ. ނަމަވެސް އޭނާއަކަށް ނިންޖެއް ނާދެއެވެ. އިތުރަށް ހިތާމަ ލިބުން ނޫންގޮތެއް ނުވެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *