" ނާޝިޒް ދާންވީނު ސައިކަލްގަ ދާއިރު ޒައިބާވެސް ގޮވައިގެން… "
އާތިކާގެ ޖުމްލައާއެކު ޒައިބާ ރުޅިގަދަވިއެވެ. އެހެނަސް އޭނާ އެކަން ދައްކާކަށް ބޭނުމެއް ނުވިއެވެ.
" ނޫނޭ! އަހަރެން ހިނގާލާފަ ދާނީ.. "
" އެހެން ކަމަކު ނުދާނެ! ނާޝިޒްވެސް އެއުޅެނީ ގެއަށް ދާކަށްނު. ދެން ކީއްކުރަން ހިނގާފަ ދާންވީ އެހާ ދުރަށް! ދެން ދޭބަލަ! "
އާތިކާ ހުރީ ވާހަކަ ކުރު ކުރާ ގޮތަކަށް ނޫނެވެ. އާތިކާ ޒައިބާއާ ވާހަކަދައްކަ ދައްކާ ހުއްޓާ ނާޝިޒް ނިކުމެއްޖެއެވެ. ޒައިބާ މަޑުކުރީ ނާޝިޒް ނައްޓާލަންދެނެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ޞިއްޙީމަރުކަޒު މައިދޮރުގެ ކުރިމައްޗަށް އެ މަޑުކޮށްލީ ނާޝިޒެވެ. ލާނެތް ފާޑަކަށް އޭނާ ބަލާލުމާއެކު ޒައިބާގެ ހިތް ރުޅިއައިސް ކުދިކުދިވީ ކަހަލައެވެ.
" އަވަހަށްދޭ! ދޮންތަބޭއަށް ލަސްވީމަ ކަމަކު ނުދާނެ! "
އާތިކާ މަޑުމަޑުން ބުނެލިއެވެ. އާތިކާއަށް ހަމަ އެކައްޗެއްވެސް ނޭނގޭކަން ޒައިބާއަށް އެނގެއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ދޮރުން ވަދެގެން އަންނަ އަކްރަމްގެ ބައްޕަ ޙަކީމެވެ.
" ބައްޕަވެސް އެއައީނު! ދޮންތަ ދާންވީނު އަހަރެން މަޑުކޮށްލާނަން މިތާނގަ! "
ނާޝިޒާއެކު ގެއަށް ނުދާން ދެއްކޭނެ ހުރިހާ ބަހަނާއެއް ޒައިބާ ދެއްކިއެވެ. ނަމަވެސް އާތިކާއަށް އެގޮތެއް ކަމަކު ނުދިޔައެވެ.
" ދަރިފުޅުމެން ބައްޕައަށް ނުވެސް ގުޅަމެއްނު! މިސްކިތުން ފޭބިތަނާ މީހަކު ބުނީމަ އެނގުނީ މަންމަ މިތަނަށް ގެނައިކަން.." ބަލިމީހުންގެ ވޯޑާއި ދިމާއަށް ދަމުން ޙަކީމް ބުނެލީ ހިތްހަމަ ނުޖެހޭ ރާގެއްގައެވެ.
" މިސްކިތުގައެއްނޫންތަ ބައްޕަ ހުރީ.. ކިހިނެއް ގުޅާނީ؟ " ދެފަރާތަށް ބޯހޫރާލަމުން އާތިކާ، ޒައިބާއަށް ދޯއެއްލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ޒައިބާ ދޭބަލަ ގެއަށް! ސްކޫލަށްވެސް ދާން ޖެހޭނެއެއްނު.. ފަތިހު ތެދުވެ، ރޮށިކޮޅެއް ފިހެލާފަ ދައްޗޭ! އަހަރެން މިއަދު ކެއްކި ރިހަތެލި އެބަހުރި ހުރިގޮތަށް..ލައިގެންކާނެ އެއްޗެއް ނެހެދިޔަސް ރަނގަޅުވާނެއެއްނު! "
" ދަންޏާ އަންނަންވީނު ދެން.. ވަރަށް ލަސްވޭ! "
ނާޝިޒްގެ އަޑަށް ދެމީހުންނަށް ބަލާލެވުނީ އެއްފަހަރާއެވެ. އޭރު ނާޝިޒް ދެވަނަ ފަހަރަށް ސައިކަލް ސްޓާޓްކޮށްލިއެވެ. އެންމެ ފަހުން ޒައިބާއަށް ޖެހުނީ ހިތާދެކޮޅަށް އެ ސައިކަލަށް އަރާށެވެ.
" ބުރެއް ޖަހާލާފަ ދޯ ގެއަށް ދާނީ ؟ "
ނާާޝިޒްގެ ރާގު ބަދަލު ވުމުން ޒައިބާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ.
"ހާދަ ދުރުގައި ތިއިނީ.. އަހަރެންގައިގައި ޖެހިލިޔަސް އެއީ އެވަރުގެ ކަމެއްތަ؟ "
އަނދިރި ގޯޅިއަކަށް މިސްރާބު ބަދަލުކޮށްލަމުން ނާޝިޒް ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ.
" ހަމަ މިހާރު ސައިކަލް ހުއްޓާ! "
ރުޅިވެރި ރާގެއްގައި ޒައިބާ ބުނެލިއެވެ.
" އޯހް! ކަމަނަ ރުޅި އައީތަ؟ އޯކޭ އޭ މިދަނީ ގެއަށް…"
މީހަކަށް ފެނިދާނެތީ މާގިނައިން ދުއްވާކަށް ނާޝިޒަކަށްވެސް ނުކެރުނެވެ. އެހެންކަމުން އޭނާ މިސްރާބު ބަދަލުކޮށްލީ ގެއަށްދާށެވެ. ފާރުކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ޒައިބާ ފައިބައިގެން ދިޔައެވެ. ޒައިބާގެ ފަހަތުން އަވަސް އަވަހަށް ނާޝިޒްވެސް ވަނެވެ. ގޭތެރެއަށް ޒައިބާއަށް ވަދެވުމާއެކު ފަހަތުން ގޮސް ނާޝިޒް އޭނާގެ އަތުގައި ހިފިއެވެ.
" ކިހިނެއް ވެގެންތަ ތިއުޅެނީ؟ "
ދެބުމަ ގޮށް ޖަހައިގެން ހުރެ ޒައިބާ ބުނެލީ ބާރުބާރަށެވެ.
" ޝްޝްޝް.. މާބާރަށް ހަޅޭއްނުލަވާ! މިގެއަކު ނެތް ތިއަޑު އަހާނެ މީހެއް! "
ނާޝިޒް އެހެން ބުނެލިގޮތުން ޒައިބާގެ ހިތް ބިރުން ރޫރޫ އަޅަންފެށިއެވެ. ނާޝިޒްގެ ވަރުގަދަ އަތުން ޒައިބާގެ ހިމަހިމަ އަތުގައި ހިފާފައިހުރީ ވަރަށް ބާރަށެވެ.
" ދޫކޮށްލާ! ތަދުވެޔޭ! "
އަތް ފޮޅުވާލަން މަސައްކަތް ކުރަމުން ޒައިބާ ބުނެލިއެވެ. ނަމަވެސް ނާޝިޒް މަސައްކަތްކުރީ ޒައިބާ އޭނާއާއި ގާތަށް ގެންނާށެވެ.
" ހެޔޮނުވާނެ! އަަހަރެން ދޫކޮށްލާ! "
ޒައިބާ ކިޔާ އެއްޗެއް އަޑުއެހުމެއްނެތި، އަވަސް ހަރަކާތްތަކާއެކު ނާޝިޒްގެ ދެއަތުން ޒައިބާގެ ހިމަތޮޅި ހަށިގަނޑުގައި ބެއްދިއެވެ. އަދި ގަދަބާރުން އޭނާ ޒައިބާ ގެންދިޔައީ ޒައިބާގެ ކޮޓަރިއަށެވެ. އޭރު ޒައިބާ އަޑުގެ ކޮޅަށް ހަޅޭއްލަވަމުންދިޔައެވެ. އެހެނަސް އެއަޑު އަހާނެ އެއްވެސް މީހެއް އެތާކު ނެތެވެ. ނާޝިޒްގެ ވަކިތަކުން ސަލާމަތްވާން މަސައްކަތްކުރި ނަމަވެސް ޒައިބާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ގަދަބާރުން ނާޝިޒް ޒައިބާގެ ހަށިގަނޑުން އުފާތަކެއް ފޭރިގަތީ ވަލުޖަނަވާރެއް ފަދައިންނެވެ. ނާޝިޒްގެ ވަރުގަދަ ހަށިގަނޑުގެ ދަށުގައި ޒައިބާއަށް ގުޑިވެސް ނުލެވުނެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ބާރުބާރަށް ހަޅޭއްލެވުމެވެ.
ކުކުރާލަ ކުކުރާލަ އޮތް ޒައިބާއަށް ބަލަހައްޓައިގެން ހުރެ، ގަމީހުގެ ގޮށްތައް އަޅުވަމުން އޭނާ ދިޔައީ ވިހަ ހިނިތުންވުމެއްގައި ހުރެއެވެ. ހަކަތަ ހުސްވެފައިވާ ޒައިބާގެ މޫނާއި ދިމާއަށް ގުދުވެލަމުން ނާޝިޒް ހިފީ، ހޭވިފައި އޮތް ޒައިބާގެ އިސްތަށިގަނޑުގައެވެ. އަދި އިސްތަށިގަނޑުގައި ހިފާ ޒައިބާގެ ބޯ ހިއްލާލުމަށްފަހު ދަތްވިކާފައި ވާހަކަ ދައްކަން ފެށިއެވެ.
" ކަލޭގެ ވާހަކަ އަޑުއަހާނެ އެއްވެސް މީހެއް ނުހުންނާނެ! އަދިވެސް ތިމާވަރުގެ މީހެއް ނެތިގެން މަށާދިމާއަށް ނުފުއްޕާތި! "
ލުތްކެއް ޖަހާފައި ޒައިބާގެ އިސްތަށިގަނޑުން އަތް ދޫކޮށްލަމުން ނާޝިޒް އަވަސް އަވަހަށް ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ނާޝިޒް ދިޔުމުން ޒައިބާ ބޭނުންވީ އަޑުން އަޑުނަގާ ރޯށެވެ. އެކަމަކު އޭނާގެ އަޑުވަނީ ކުރަކިވެ ބެދިފައެވެ. ދެލޮލުގެ ތެރެއިން ފޫދިގެން އަންނަ ކަރުނަތައް ފިޔަވާ އެހަށިގަނޑުގައި ދިރުމެއްނެތް ކަހަލައެވެ. މުށިތައްމައްޗަށް ވެއްޓިފައި އޮތް ފޯން ކެނޑިނޭޅި ރިންގްވާއަޑު އޭނާއަށް އިވެމުންދެއެވެ. އެއީ އަކްރަމް ނޫން ދެވަނަ މީހަކަށް ނުވާނެއެވެ. ނަމަވެސް އޭނާއަށް އެފޯން ނަގަން ދާނެ ހިތްވަރެއްވެސް ނުލިބުނެވެ. މީގެ ވަގުތުކޮޅެއްގެ ކުރިން ނާޝިޒް އޭނާ ނޮޅާލިގޮތް އަދިވެސް ޒައިބާއަށް ސިފަވަނީއެވެ. އެވަގުތު ފުރާނަ ދިޔަނަމަވެސް މާ ރަނގަޅޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. އިތުރަށް ދުނިޔޭގައި ހުންނާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ވާހަކަ އަޑުއަހާނީ ކާކުހެއްޔެވެ؟ ޤަބޫލު ކުރާނީ ކާކު ހެއްޔެވެ؟ ތަފާތު ޚިޔާލުތަކުން ޒައިބާއަށް ރުއިން ނޫން އިތުރުކަމެއް ނުކުރެވެއެވެ.
ހެނދުނު ހެނދުނާ ޝަކީލާ ގެއަށް ދޫކޮށްލައިފިއެވެ. ބަނޑުހައިވެފައި ހުރިވަރުން އާތިކާ އައިގޮތަށް އައިސް ވަނީ ބަދިގެއަށެވެ. ސައިނުކައްކާ ހުރުމުން އާތިކާއަށް ރުޅި އާދެވުނީ ޒައިބާދެކެއެވެ.
" އަޅެ އެވަރުން ބުނީމަވެސް ސައި ނުކައްކައެއްނު ސްކޫލަށް އެދިޔައީ! އަދި ރޭގަ މަންމަގާތު އަހަރެން އިނދެފަ އޭނަ ގެއަށް ނިދަން ފޮނުވީ! ރަނގަޅުދޯ ސައިކައްކާލަން.."
ހިތްހަމަނުޖެހިފައި ހުރެ އާތިކާ، ޝަކީލާގާތު ބުނެލިއެވެ. ޝަކީލާ އިނީ މޭޒުކައިރީ ހުރި ގޮނޑިއެއްގައެވެ.
" ވެދާނެ ވަގުތު ނުވީ ކަމަށް.. ދެން މާބޮޑު ކަމަކަށް ނަހަދާ ބިސްކޯދެއް ވިޔަސް މަންމައަށް ދީބަލަ! ބަނޑުހައިވާނެ އެއްނު.."
ޙަކީމް އެހެން ބުނުމުން އާތިކާ ގާތަށް އިތުރަށް އައީ ރުޅިއެވެ.
" ދެން ބައްޕަވެސް ދައްކާ ވާހަކަ.. ހަކުރު މައްޗަށް ގޮސްގެން މީހާ ވެއްޓުނީ. އަދިވެސް ބިސްކޯދު ކާންވީ؟ އިރުކޮޅަކުން ނާޝިޒްވެސް އަންނާނެ ސައިބޯން. ނުނިދާ ހުރެފަ ދެން ވީ ސައިކައްކާކަށްނު! "
ކަހަނބެއް ހިފައިގެން އާތިކާ ހިނގައިގަތީ ފުށް ޓައްޕާދިމާއަށެވެ.
" އެހެންވިއްޔާ އަވަސް ކުރޭ! ނާޝިޒް އަންނަން ވާއިރަށް ސައި ތައްޔާރުކުރަންޖެހޭނެ! "
ޙަކީމް އެހެން ބުނުމަށްފަހު ބަދިގެއިން ނިކުންނަން ހިނގައިގަތެވެ.
" މިއަދު ޒައިބާ ނާދޭތަ؟ "
ލޫޠު އަހާލީ މަރީގާތުއެވެ.
" އާނ! އެއްވެސް އެއްޗެއް ނުވެސް އަންގަޔޯ! އަހަރެންވެސް ވަރަށް ގުޅައިފިން. ފޯނެއް ނުނަގާ! "
މަރީ އެހެން ބުނުމުން ލޫޠުއަށް ލިބުނީ ހައިރާންކަމެވެ. މީގެކުރިން ޒައިބާއަކީ އެހާ ފަރުވާކުޑަ ކުއްޖެއްނޫނެވެ.
" ރޭގަ ޒައިބާގެ މައިޓު މަރުކަޒްގައި ބޭއްވި ވާހަކަ މަ އަޑުއެހިން. ވެދާނެ އެތަނުގަ ދަމަށް އިނީމަ ނާދެވުނީ ކަމަށް! "
މަރީއާއި ދިމާއަށް ބަލައިލަމުން އާސިފް ބުންޏެވެ. އޭރުވެސް ލޫޠުގެ ހިތަށް ވެރިވެފައިވާ ނުތަނަވަސް ކަމަކަށް ބަދަލެއް ނާދެއެވެ.
" އެހެންވިޔަސް…. އެލްޓީއަށް އަންގަންޖެހޭނެދޯ! މިހާރު އަށެއް ޖަހާ ބޮޑުވީ! އަދިވެސް ޚަބަރެއް ނުވޭ؟ "
އަނެއްކާވެސް ލޫޠު މަރީގާތު އެހިއެވެ. މިފަހަރު މަރީގާތަށް އައީ ހިންޏެވެ.
" މި ލޫޠު ކީއްވެގެންތަ މިއުޅެނީ ޒައިބާ ނައިސްގެން؟ މާވަރަކަށް ޒައިބާ ހޯދަނީ ކޮން ބޭނުމަކު؟ އަހަރެމެންގާތު ބުންޏަސް އަހަރެމެންވެސް ނުވެގެން ތިއުޅޭ ކަމެއް ކޮށްދީފާނަމޭ ދޯ އާސިފް! "
މަރީ ދިމާކުރަން ފެށުމުން ލޫޠު އެތަނުން ތެދުވިއެވެ.
" އާނ އެހެން މީހަކު ނައިސްގެން މީނަ މިވަރަކުން ނޫޅޭ.."
އާސިފްވެސް ބޭނުންވީ ލޫޠު ރުޅިއަރުވާލާށެވެ. ކަންތައްވީވެސް އެހެންނެވެ.
" ކަލޭމެންނަށް ނޯންނާނެ ހެޔޮ އެއްގޮތްވެސް.. މަމިދަނީ ކްލާހަށް! ކަލޭމެން ތިބޭ މީހުންނާ ދިމާކުރަން."
މާރކްކުރަން ނަގާފައިވާ ފޮތްސެޓް ހިފައިގެން ލޫޠު ދޮރާދިމާއަށް ހިނގައިގަތެވެ.
އަވަސް ހަރަކާތްތަކާއެކު އާތިކާ ސައި ތައްޔާރުކުރިއެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. ނުނިދާ ހުރެ ސައިކައްކަން ޖެހުމުން އޭނާ ރުޅިއައީ ޒައިބާދެކެއެވެ. ހިތާހިތުން ޒައިބާއާ ދިމާއަށް ކުދި ކިޔަމުން އޭނާގެ އަތްމަތި އަވަސްކުރަމުން ދިޔައެވެ. އާތިކާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމާއެކު ޝަކީލާއާ ޙަކީމް އައިސް މޭޒުކައިރީ އިށީނެވެ.
" މަންމައަށް ފެންފޮޅިއާ މަސްހުނި މިހުރީ! ދެން ނާޝިޒާ ބައްޕައަށް ރިހަޔާ ރޮށި ކެވޭނެއެއްނު.. އަޅެ! ގުޅީމަ މި އަންނަނީއޭ ބުނިފަހުން ކިހާއިރެއް؟ އަދިވެސް ނާޝިޒް ސައިބޯކަށް ނާދެ!"
ޝަކީލާ ގާތަށް ފޮޅި ތަށި ކައިރިކޮށްލަމުން އާތިކާ ބުނެލިއެވެ. އެއާއެކު އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ ބަދިގެ ދޮރުމައްޗަށް އައިސް ހުއްޓުނު ޒައިބާއެވެ. ޒައިބާ ފެނުމާއެކު ހައިރާންކަމާއެކު އޭނާއަށް ބަލަހައްޓައިގެން އާތިކާއަށް ހުރެވުނީއެވެ. ފުރަތަމަވެސް އާތިކާގެ ނަޒަރު ހުއްޓުނީ ހޭވިފައިވާ ޒައިބާގެ އިސްތަށިގަނޑުގައެވެ. ދެން ފެނުނީ ދުޅަވެފައިވާ މޫނާއި ރަތްވެފައިވާ ދެލޮލެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަތައް ފައިބަމުންދެއެވެ. ރޮވިފައި ހުރެ ޒައިބާ ލެނގިލީ ބަދިގެ ދޮރުކަނީގައެވެ. ހުއްޓުން އަރާފައިވާ އާތިކާ ފެނި، ޝަކީލާއާ ޙަކީމުވެސް ފަހަތަށް އެނބުރިލީ ޝަކީލާ އެދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުންނެވެ.
" ޒައިބާ؟"
ޝަކީލާއަށް ގޮވާލެވުނީ ހައިރާންކަމާއެކުއެވެ. އެއާއިއެކު ދޮރުކަނީގައި ބުރަކަށި ޖައްސައިގެން ހުރެ، ބާރުބާރަށް ރޯންފެށިއެވެ. އަޑުން އަޑުނަގާ އޭނާ ރޮމުންދިޔައެވެ. އެމަންޒަރުބަލަން އެއްވެސް މީހަކަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ގޮސް އާތިކާ ޒައިބާގެ ގައިގައި ހިފެހެއްޓުމާއެކު ޒައިބާ އާތިކާގެ ގައިގައި ބައްދައިގަތެވެ. އޭރުވެސް ވެގެން އުޅޭގޮތެއް ނޭނގިގެން ޝަކީލާއާ ޙަކީމު ސުވާލު ކުރަމުންދެއެވެ.
" ކިހިނެއްވެފަތަ ތިހުރީ؟ ހުއްޓާލާފަ ކިޔައިދީބަލަ! " ޝަކީލާ ސުވާލު ކުރާވަރުން އާތިކާ ރުޅިގަދަވިއެވެ.
" މަންމަ އިހަށް މަޑުކޮށްބަލަ!" އާތިކާ އެހެން ބުނުމުން ޝަކީލާ މައިތިރިވިއެވެ.
" ދޮ…ދޮން.. ދޮން..ތާ! "
ޒައިބާގެ ފުރޮޅިފައިވާ ތުންފަތް ލަސްލަހުން ހަރަކާތްކޮށްލިއެވެ.
" ކިހިނެއްވީ؟ އަނެއްކާ… އަކްރަމަށް ކަމެއްވީތަ؟ " އާތިކާ އެހެން އެހުމާއެކު ޒައިބާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެގޮތަށް ދެފަރާތަށް ބޯހޫރާލަ ހޫރާލާ ހުރެ، ދެލޯމަރާ ބާރުކޮށްގެން ރޮމުން ދިޔައެވެ.
" އަ.. އަހަރެން ރޭ…ރޭޕް…"
ރަނގަޅަށް ނުބުނެވެނީސް ޒައިބާއަށް އަނެއްކާވެސް ރޮވުނެވެ.
" އޭނ؟ ރޭޕޭ؟ ކާކު؟ ކާކުތަ؟ ކޮންއިރަކު؟ "
ދެލޯ ބޮޑުކޮށްގެން ހުރެ އާތިކާ ސުވާލުކުރަމުން ދިޔައީ ބާރުބާރަށެވެ. އާތިކާ އެހެން ބުނުމުން ޝަކީލާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.
" ކާކުހޭ؟ " އަނެއްކާވެސް އާތިކާ އެހިއެވެ. އެއާއެކު ލަސްލަހުން ޒައިބާގެ އަތް އުފުލާލާ، ދުރަށް އިނގިލި ދިއްކޮށްލިއެވެ. އެންމެންނަށްވެސް ދޮރާއިދިމާއަށް ބަލާލެވުނީ އެއްފަހަރާއެވެ. އޭރު ނާޝިޒްއައިސް އަރާ ހަމަވަނީއެވެ. ލިބުނު ސިހުމާއެކު އާތިކާއަށް ޒައިބާގެ ގައިން ދޫކޮށްލެވުނެވެ. ތަންމިނަށް އަނގަ ހުޅުވި އޭނާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. އަދި އޭނާއަށް ފުންކޮށް ނޭވާ ލެވެން ފެށުނެވެ.
" ނާޝިޒޭ؟ "
" ނާޝިޒް؟ "
ޝަކީލާ އާއި އާތިކާއަށް ބުނެވުނީ އެއްފަހަރާއެވެ. ނާޝިޒް ފެނުމާއެކު ޒައިބާ އިސްޖެހިއެވެ. އެސޫރައަށް ބަލާލަންވެސް ޒައިބާ ބޭނުމެއްނޫނެވެ. ނަމަވެސް އެންމެންގެ ތެރޭގައި އޭނާ ފަޟީޙަތްކުރުމަކީ ޒައިބާ އެންމެ ބޭނުންވާގޮތެވެ.
" ސައިހެދީތަ؟ "
އައިގޮތަށް އައިސް ވަރަށް ހަމަޖެހޭގޮތް ދައްކަމުން ނާޝިޒް އަހާލީ އާތިކާ ގާތުއެވެ. އެއާއެކު އާތިކާގެ މޫނުމަތީގެ ކުލަވަރު ފެނި، ނާޝިޒް ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ.
" އެންމެން… ހާދަ ދެރަވެފަ؟ ކަމެއްވީތަ؟ "
ނާޝިޒް އެހެން ބުނުމާއެކު ޒައިބާގެ ކެތްތެރިކަން ކޮޅުންލިއެވެ.
" ކަމެއްވީހޭ؟ ރޭގަ.. ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަނެފަ ކަމެއްވީހޭ ތަ އަހަންވީ ؟ "
އެއާއެކު ޝަކީލާއާއި ޙަކީމަށް މޭގައި އަތްޖައްސާލެވުނެވެ. އަޑުއިވުނު ޖުމްލަތައް ޤަބޫލުކުރަން ދަތިވެ ހުރެ، އާތިކާވެސް ބަލަމުން ދިޔައީ ނާޝިޒްގެ މޫނަށެވެ.
" އޭނ؟ މަ؟ ސުބްޙާނަﷲ! އަހަރެންގެ ބޮލުގައި ކޮންފަދަ ހަޑި އިލްޒާމެއް ތިއަޅުވަނީ؟ މީނަ ހިލޭ ފިރެހެނުން ކޮޓަރިއަށް ވައްދާފަ އެކަންތައް އަހަންނަށް ފަޅާއެރީމަ މަގޭ ބޮލުގަތަ އަޅުވަންވީ؟ ނޫނޭ ކުޅަދާނަ އަންހެނެއްތީ! "
ނާޝިޒް ހުރީ ދައްކާނެ ވާހަކައެއް މާކުރިން ނިންމައިގެންނެވެ. ޒައިބާ މަޑުން ނުހުންނާނެކަން މާކުރިން ނާޝިޒަށް އެނގެއެވެ.
" އާތިކާ! މަންމާ! ބައްޕާ! މިގޭގައި އަހަރެން އުޅޭތާ ވިއްސަކަށް އަހަރުވީ! ދުވަހަކުވެސް އެކަހަލަ އަޑެއް އިވުނުތަ؟ ދުވަހަކުވެސް އަހަރެންގެ ފަރާތުން އެކަހަލަ ކަމެއް ފާހަގަކުރެވުނުތަ؟"
ނާޝިޒްގެ އަޑުވެސް ގަދަވެއްޖެއެވެ. އަދި ރުޅިވެރި ނަޒަރަކުން ޒައިބާއަށް ބަލާލުމަށްފަހު އަނެއްކާވެސް އޭނާ ވާހަކަ ދެއްކީ ހުއްޓުން އަރާފައި ހުރި އާތިކާއާއެވެ.
" އަހަރެމެން ދެމީހުންގެ ކައިވެންޏަށް ވިހި އަހަރު ވީއިރު ދުވަހަކުވެސް އާތިކާއަށް އެކަހަލަ ޝައްކެއް ކުރެވުނުތަ؟ ޖަވާބުދީބަލަ! "
ދެރަވެލާފައި ނާޝިޒް އެހެން ބުނުމުން އާތިކާ ދެފަރާތަށް ބޯހޫރާލިއެވެ. އެއާއެކު ނާޝިޒް ދެން ބަލައިލީ މައިދައިތަ އާއި ބަފައިބެގެ މޫނަށެވެ. ޒައިބާ ވާހަކަ ދައްކާލާނެ ފުރުޞަތެއްވެސް އޭނާ ނުދެއެވެ.
" މަންމަމެންނަށް އަހަރެން އެނގޭތާ ކިހާ ދުވަހެއް! އަހަރެންގެ ފަރާތުން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް މަންމަމެންނަށް ފާހަގަ ކުރެވުނުތަ؟ އަމުދުން މިކަހަލަ ކަމެއް؟ އަހަންނަކީ މަންމައާވެސް އެހާ ވާހަކަ ދައްކާ މީހެއްނޫން! އަހަރެންގެ އަންހެން އެކުވެރިންނެއްވެސް ނުތިބޭނެ! އާތިކާ އެހުންނަނީ އަބަދުވެސް އަހަރެން ގާތުގަ! ދެން އަހަރެން ކިހިނެއް.. ކިހިނެއް އެފަދަ ނުބައި ކަމަކަށް އަރައިގަންނަންވީ؟ އަދި އެވެސް އަކްރަމްކޮއްކޮގެ އަނބިމީހާ…"
ކަރުގައި އަޅާފައި އޮތް ޓައީ ދޫޖައްސާލަމުން ނާޝިޒް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރުވެސް އެންމެން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ހަމަހިމޭންކަން ފޫއަޅުވާލީ ރުޅިގަދަވެފައި ހުރި ޒައިބާއެވެ.
" ދޮގު! ހުސް ދޮގު! އަހަރެން މިގެއަށް އައިއްސުރެ، މީނަ އަހަންނަށް އެކި ގޮތްގޮތުން ދިމާކުރޭ! ދޮންތާ! އަހަރެންގެ ވާހަކަ ގަބޫލުކުރޭ ހެޔޮނުވާނެ! އަހަރެން ދޮގެއް ނަހަދަން! އަހަރެން ދުވަހަކުވެސް ދޮގެއް ނަހަދަން!.. އަހަރެން ކީއްކުރަން ދޮންތަގެ ދިރިއުޅުން ހަލާކުކޮށްލަންވީ؟ އަހަރެން މިހާލަށް ގެނައީ ހަމަ އޭނަ… އަހަރެންމީ ދުވަހަކުވެސް ހިލޭ ފިރިހެނުން ގެންގުޅޭ މީހެއްނޫން. އޭނަ އެހަދަނީ ދޮގޭ މަންމާ! ރޭގަ އަހަރެން… އަހަރެން.. ގެއަށް އައިސް ވަނުމާއެކު އޭނަ އަހަންނާ ގަދަކަމުން……."
އެހިސާބަށް ބުނުމަށްފަހު ޒައިބާ، އަނގަމަތީގައި އަތްއަޅާ ގިސްލާންފެށިއެވެ. އިތުރަށް ކިޔައިދޭނެ ހިތްވަރެއް އޭނާގެ ނެތްކަހަލައެވެ.
" ޒައިބާ އަހަރެންދެކެ ތިހާ ރުޅި އަންނަންޏާ އަހަރެން މިގެއިން ހިނގައިދާނަން! ކޮންމެހެން އަހަރެންގެ ބޮލުގައި ދޮގު ތުހުމަތުތަކެއް ނޭޅުވިޔަސް އަހަރެން މިރަށުންވެސް ގޮސްދާނަން. "
ނާޝިޒްގެ ބަރުއަޑުން އެންމެން ދިޔައީ ސިއްސައިގެންނެވެ.
" އަހަރެންގެ އަގު ވައްޓާލާ ރަށަށް ފަޟީޙަތްކޮށްލުމަކީ އަހަރެން ޤަބޫލުކުރާނެ ކަމެއްނޫން! އަހަރެން މިރަށުން ފުރުމަށްފަހު އާތިކާއަކީ އަހަރެންގެ އަނތްބެއްވެސް ނޫން! އެއީ އަހަރެންގެ އަގު ވެއްޓިގެން މިދަނީ މިއާއިލާގެ ސަބަބުންކަމަށްވާތީ! އަހަރެން އެކަމަށް އާތިކާއަކަށްވެސް މަޢާފެއް ނުކުރާނަން! "
ރުޅިވެރި އަޑަކުން ނާޝިޒް އެހެން ބުނުމަށްފަހު ހިނގައިގަތުމާއެކު އާތިކާ އަވަސް އަވަހަށް ނާޝިޒްގެ އަތުގައި ހިފެހެއްޓިއެވެ.
" ނާޝިޒް! މިކަމުގައި އަހަރެންގެ ކުށަކީ ކޮބާ؟ "
ދެރަވެފައި ހުރި އާތިކާ އަސަރާއެކު ބުނެލިއެވެ. އެއާއެކު ފަސްއެނބުރި ނާޝިޒް އާތިކާގެ މޫނަށް ބަލާލިއެވެ.
" އަހަރެންވެސް ގޮވައިގެންދޭ! އަހަރެންގެ ފިރިމީހާ، އަދި އަހަރެންގެ ދަރީންގެ ބައްޕަގެ ޢިއްޒަތަށް ހުތުރުވާފަދަ ވާހަކަ ފަތުރާ މީހަކު އުޅޭ ގެއެއްގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން! "
ޒައިބާއަށް ބަލާލަމުން އާތިކާ ބުނެލި ޖުމްލައިން ޒައިބާގެ މޫނަށް އެނބުރުން އަރައިގެން ދިޔައެވެ. އާތިކާ އެވާހަކަތައް ޤަބޫލު ނުކުރިކަމީ ޒައިބާއަށް ލިބުނު އިތުރު ހިތްދަތިކަމެކެވެ.
" ދޮ…ދޮންތާ! ތިހެން ނަހަދާ! އަހަރެން މިހެދީ ތެދު! އެއީ ދޮންތަ އިނދެގެން އުޅެން ހެޔޮވާވަރުގެ މީހެއް ނޫން…"
އާތިކާގެ އަތުގެ ހޫނު އެތިފަހަރުން، ސިހިފައި ޒައިބާގެ ދޫ ބަންދުވިއެވެ. އެއާއެކު އޭނާގެ ކޯތާފަތްމަތި ރަތްވެގެން ދިޔައީ އާތިކާގެ އަތުގެ ދިލައިންނެވެ.
" ޚަބަރުދާރު! ޚަބަރުދާރު ދެން ނާޝިޒާ ދެކޮޅަށް އެންމެ ޖުމްލައެއްވެސް ތި ދުލުން ބޭރު ނުކުރާތި! ދޫ ބުރިކޮށްލާނަން! "
އޭރު އާތިކާގެ މޫނުވެސް ތުރުތުރުއަޅާތަން ޒައިބާއަށް ފެނުނެވެ. ދެލޯބޮޑުކޮށްގެން ޒައިބާއަށް ބަލަން ހުރި އާތިކާ ބާރުބާރަށް ހިނގައިގަތީ ނާޝިޒްގެ އަތުގައި ހިފައިގެންނެވެ. އެމަންޒަރު ފެނި، ހިތްދަތިވެފައިވާ ޒައިބާ މާޔޫސީ ބެލުމަކުން ޝަކީލާއާއި ޙަކީމްގެ މޫނަށް ބަލައިލީ އޭނާ ދައްކާވާހަކަ ގަބޫލުކުރާށޭ ބުނާފަދަ ގޮތަކަށެވެ.
" މަ.. މަންމާ! އަހަރެން ދޮގެއް ނަހަދަން…"
ތޫލި އަޑަކުން ޒައިބާ އެހެން ބުނެލީ މަޑުމަޑުން ޝަކީލާއާ ދިމާއަށް ހިނގައިގަންނަމުންނެވެ. ނަމަވެސް އަތުގެ އިޝާރާތުން ޝަކީލާ އެދުނީ ހުރިތަނުގައި ޒައިބާ ހުއްޓުމަށެވެ. ހަދާނެގޮތް ހުސްވެފައިވާ ޒައިބާ ހުރިފިޔަވަޅުމަތީ ހުއްޓުނީ ޝަކީލާގެ އަމުރަށެވެ.
" ޙަކީމް އަހަރެންގެ ފޯނު ގެނެސްދީ! "
ޝަކީލާ ހަރުކަށިކަމާއެކު އެހެން ބުނުމާއެކު ޙަކީމް އަވަސް އަވަހަށް ކާގެ މޭޒުމަތީގައި އޮތް ފޯންނެގިއެވެ.
" އަކްރަމް އެބައޮތް ވަރަށް ގުޅާފަ! "
ޝަކީލާއަށް ފޯން ދިއްކޮށްލަމުން ޙަކީމް ބުންޏެވެ. ޙަކީމްއަށް ޖަވާބެއް ދިނުމެއްނެތި ޝަކީލާ އަކްރަމަށް ގުޅީ، ޒައިބާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
" އަކްރަމް! ކަލޭގެ އަނބިމީހާ މިހާރުން މިހާރަށް ވަރިކުރޭ! މިއީ އިނދެގެން އުޅެން ހެޔޮވާވަރުގެ އަންހެނެއް ނޫން! "
ޝަކީލާގެ ޖުމްލަތައް އަޑުއިވި ޒައިބާއަށް މަޑަކުން ނުހުރެވުނެވެ.
" ނޫން.. އަހަރެން ވަރި ނުކުރާތި! އަހަރެން ދޮގެއް ނަހަދަން…"
ރޮމުން ރޮމުން ޒައިބާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
" ކަލޭގެ އަންހެނުންނާހެދި، އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަހަރެން ދޫކޮށްފަ އެދަނީ.. އަހަރެން މުސްކުޅިވީ ދުވަހު މިޖެހުނީ އެކަނިމާއެކަނި އުޅެން… މިހިރަފެންނަ އަންހެންމީހާ އެދައްކާ ވިޔާނުދާ ވާހަކައިން އަހަރެން މިހުންނަނީ ލަދުންހަލާކުވެފައޭ! ކަލޭ މީނަ ގެނައިތާކަށް ގެންދަންއުޅޭ! މީނައަކަށް ދެން މިގެޔަކު ނުހުރެވޭނެ! "
ޝަކީލާ ފޯން ކަނޑާލުމާއެކު އަކްރަމް އެފޯނަށް ގުޅިއެވެ. ނަމަވެސް އެކޯލަށް ޖަވާބުދޭކަށް ޝަކީލާ ބޭނުމެއްނުވިއެވެ. ދެތިން ފިޔަވަޅު ކުރިއަށް ޖެހިލާފައި ޝަކީލާ، ޒައިބާގެ މޫނާއިދިމާއަށް އިނގިލިދިއްކޮށްލަމުން ބުނެލިއެވެ.
" ތިވާހަކަ މިރަށު އެއްވެސް މީހަކަށް އެނގިއްޖެއްޔާ ހަނދާން ކުރާތި އަހަންނަށްވުރެ ނުބައި މީހެއް ނުހުންނާނެ! ތިޔަކަހަލަ ވާހަކަ ދައްކަން ލަދުޙަޔާތްކޮބާ؟ އާއިލީ މަސްލަޙަތު ގެއްލުވާލަންވެސް ތިނޫން ޒާތެއްގެ ވާހަކައެއް ދެއްކި ނަމަވެސް އަހަރެމެންނަށް ލޯ ހުޅުވާލަން ކެރުނީސްދޯ! މަ ހިތަށް އަރާ އަކްރަމް ކޮންތާކުން ގެނައި ކަތުރުފަންޏެއްބާއޭ މީ؟ ކަލޭ ތިދައްކަނީ މަގޭ އަންހެންދަރީގެ ފިރިމީހާގެ ވާހަކައޭ! ގޯންޏަކަށް އަޅައިގެން ތިވާހަކަ މުޅި ރަށަށް ބެހިޔަސް ތިވާހަކަ ގަބޫލުކުރާނެ އިންސާނެއް ނެތްތާ ބުޅަލެއްވެސް މިރަށަކު ނުހުންނާނެ! އަކްރަމްވެސް ތިވާހަކަ ގަބޫލެއް ނުކުރާނެ! "
ދެބުމަ ހިއްލައިގެން ހުރެ، ދެލޯ ބޮޑުކުރަމުން ޝަކީލާ ވާހަކަ ދެއްކިއެވެ. އޭނާގެ ކުރިމަތީގައި އެންމެ އިރުކޮޅަކުވެސް ހުންނާކަށް ޒައިބާ ބޭނުމެއް ނުވިއެވެ. ފަހަތަށް ޖެހެމުން ގޮސް އޭނާ ކޮޓަރިއާއިދިމާއަށް ހިނގައިގަތެވެ. ޒައިބާ ދިޔުމާއެކު ޙަކީމް ޝަކީލާގާތަށް ޖެހިލުމަށްފަހު އޭނާގެ ކޮނޑުމަތީ އަތްބާއްވާލިއެވެ.
" ދެން ރުޅިމަޑުކުރޭ! އޭނަ ދެން މިގެއިން ހިނގައިދާނެއެއްނު! މިހުންނަނީ ރަށުތެރެއަށް ފެތުރުނިއްޔާ އަހަރެމެންގެ ޢިއްޒަތްވެސް ފައިބުޑަށް ވެއްޓޭ ކަހަލަ ވާހަކަ.."
" ރުޅި މަޑެއް ނުކުރެވޭނެ! ދެން ކަލޭ ހުރޭ ފައިބުޑުން ޢިއްޒަތް ހޮވަން ! " ޙަކީމްގެ އަތް ފޮޅުވާލާފައި ޝަކީލާ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
" ހޫން.. އަދި މީނަ ގާތު ރަނގަޅަކަށްވެސް އެއްޗެއް ނުބުނެވޭނެ! އެންމެ ފަހުން ގޯސްވީ މަށެއްނު! "
ބާރުބާރަށް ހިނގާފައި ދިޔަ ޝަކީލާއަށް ބަލަން ހުރެ ފޫހި ގޮތަކަށް ޙަކީމް ބުނެލިއެވެ.
ރޮމުން ރޮމުން ޒައިބާ އޭނާގެ ފޯން ހޯދަމުން ދިޔައެވެ. މުށިތައްމަތީގައި އޮތް ފޯން ފެނުމާއެކު އަވަސް އަވަހަށް ނަގާ ބަލާލިއެވެ. ރެއިންސުރެ، އަކްރަމްގެ މިސްކޯލްތައް ފެނުމުން ޒައިބާ އަވަސް އަވަހަށް އަކްރަމަށް ގުޅަން މަސައްކަތްކުރިއެވެ. ނަމަވެސް އަކްރަމް ފޯނެއް ނުނެގިއެވެ. ކޯލް ވެއިޓިންގ އަރާތީ އޭނާ ހުރީ ފޯނެއްގައިކަން ޒައިބާއަށް އެނގުނެވެ. އޭނާ އެތައް ފަހަރަކު ގުޅިއެވެ. އެންމެ ފަހުން އަކްރަމް ޒައިބާގެ ކޯލަށް ޖަވާބު ނުދިނުމުން އައި ރުޅިން ފޯންނަގާ މުށިގަނޑުމައްޗަށް ޖެހުނީއެވެ. ކަންތައްކުރެވުނުގޮތް ރޭކާލީ ފޯންގެ އެކި ބައިތައް ފުނޑުފުނޑު ވުމުންނެވެ. އެއާއެކު ޒައިބާއަށް ހުރިތަނަށް ތިރިވެވުނެވެ. ބޮލުގައި ހިފަހައްޓާ، މުށިތައްމަތީގައި އޮށޯވެވުނީ ހަތަރު އުދަރެސް ފެނުޖެހިފައިވާ ޙާލުގައެވެ. ހަދާނެގޮތް ހުސްވިއެވެ. ދާންވީ މިސްރާބު އޮޅުނެވެ. އެހީއަށް އެދޭނެ މީހެއް ނޭނގުނެވެ. އޭނާ އެހެން އޮއްވާ ކުއްލިއަކަށް ދޮރުގައި ބާރުބާރަށް މީހަކު ޖަހައިފިއެވެ. ވަރުބަލިވެފައިވާ ދެލޯ، ގަދަކަމުން ހުޅުވާލީ ސިއްސައިގެން ގޮހެވެ.
" މިދޮރު ހުޅުވަބަލަ! "
ބޭރުން އިވުނީ ޝަކީލާގެ އަޑެވެ. ޒައިބާއަށް ތެދުވެވުނީ ބިރުންނެވެ. އޭނާ ގޮސް ދޮރު ހުޅުވާލުމާއެކު ޝަކީލާ އެތެރެއަށް ވަނެވެ.
" އަކްރަމް އެބައާދެ މިރަށަށް! އޭނަ އައުމުގެ ކުރިން ކަލޭ މިގެއިން ނިކުމެގެން ދޭ! އަހަރެމެން މިހާރު ބޭނުމެއްނޫން މިގޭގަ ކަލޭ ބަހައްޓާކަށް! އަހަރެމެން އަކްރަމަށް ހުރިހާ އެއްޗެއް ކިޔައިދީފިން! އޭނަ ގުޅީމަ ރޭގަވެސް ކަލޭ ފޯނެއް ނުނަގަޔޯ! ވީގޮތް އެނގި ހާމަވެއްޖެ! ކޮންމެވެސް އެހެން މީހެއްގާތަށް ވަދެ އޮވެފަ، ނާޝިޒް ބޮލުގަ ޢިލްޒާމް އެޅުވީ! ވާހަކަ ނިމުނީ! "
ޝަކީލާ ދައްކަމުން ދިޔަ ވާހަކަތަކުން ޒައިބާގެ ހިތަށް ކުރުވީ ފުން އަސަރުތަކެކެވެ. ފުރާނަފަދައިން އޭނާ ލޯބިވި ފިރިމީހާވެސް އޭނާގެ ވާހަކަތައް ދޮގު ކުރީބާވައޭ ޒައިބާގެ ހިތަށް އެރިއެވެ.
" ހުންނަންވީކީ ނޫނޭ ! ނިކުމެގެން ދާށޭވީ! "
މިފަހަރު ޝަކީލާ ބުނީ ކުރިއަށްވުރެވެސް ބާރަށެވެ. ޝަކީލާއާ ދަޖަލު ކުރާކަށް ޒައިބާ ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ މަޑުމަޑުން އަލަމާރިއާ ދިމާއަށް ހިނގައިގަތެވެ.
ޒައިބާގެ ފޮށްޓަށް އެއްޗެހި އަޅަންދެން ޝަކީލާ ދޮރުމަތީގައި ހުއްޓެވެ. ފޮށި ދަމަމުން އައިސް ޝަކީލާގެ ކުރިމަތީގައި ހުއްޓި ޒައިބާ ބުނެލިއެވެ.
" އަހަރެންގެ ވާހަކަ އެކަކު ގަބޫލު ނުކުރިޔަސް އަހަރެންގެ ފިރިމީހާ ގަބޫލުކުރާނެ! "
އެއާއެކު ޝަކީލާ ޗޮކެއް ކަނޑާލަމުން ބުންޏެވެ.
" ތީ ހީވާއެއްޗެއް! އެއްވެސް ހެއްކެއް ނެތް ކަމެއްގަ، އަކްރަމް ވަކި ކޯއްޗެއް ގަބޫލުކުރާނީ؟ ބޭކާރު ވާހަކަ ނުދައްކާ ނިކުމެގެންދޭ! ކަލޭ ވައްދާނެ ބައިވަރު ފިރިހެނުންވާނެ! ދަންވަރު ކަލެޔާ ބައްދަލުކުރަންއައި ސޮރުވެސް ހުންނާނެ އެއްނު! އެވާހަކަވެސް އަހަރެމެން އަކްރަމަށް ކިޔައިދީފިން.. ދެން އަކްރަމެއް ކަލޭގާތަކަށް ނުދާނެ! ފަހަރެއްގަ ކޯޓުންވެސް ދިމާވެދާނެ! ހޯން.. ދެންދޭ! މިހާރުވެސް މާ ވާހަކަ ގިނަ ވެއްޖެ!"
އެންމެ ފަހު ވަގުތު މަލާމާތުގެ ގޮތަކަށް ހީލަމުން ޝަކީލާ ބުންޏެވެ. އިތުރަށް އެންމެ ސިކުންތަކުވެސް މަޑުނުކޮށް ޒައިބާ އެގެއިން ނިކުތެވެ. އަދި ގޭގެ ބޭރު ފާރުގައި ލެނގިލުމަށްފަހު ދެލޯމަރާ ބާރުކޮށްލިއެވެ. އޭރުވެސް ޝަކީލާ އެންމެ ފަހުން އެ ދެއްކި ވާހަކަތައް ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ކުރިމަތިވާން އުޅެނީ ކޮންކަހަލަ ޠޫފާނެއްކަމެއް ނޭނގޭތީ އޭނާގެ ހިތް މަޑަކުން ނޯތެވެ. ހިތް އެދެނީ އެންމެ ފަހަރަކު ނަމަވެސް އަކްރަމް ދެކިލުމަށެވެ. ވާހަކަ ދައްކާލުމަށެވެ. އޭނާ މިހާރު ބޭނުންވަނީ ހަމައެކަނި އަކްރަމްގެ ޙިމާޔަތެވެ. ނަމަވެސް ޝަކީލާގެ ވާހަކަތަކުން ޒައިބާގެ ހިތަށްވަނީ ވަރަށް ބޮޑަށް ބިރުވެރިކަން ވެރިކުރުވާފައެވެ. އޭނާގެ ހިތުގައި އުފެދެމުންދާ ސުވާލުތައް ވަރަށް ގިނައެވެ. އަކްރަމް އޭނާގާތަށް އަންނާނެ ހެއްޔެވެ؟ އޭނާގެ ވާހަކަތައް އަޑުއަހާނެ ހެއްޔެވެ؟ އަކްރަމް ގަބޫލުކުރާނީ އާއިލާގެ ވާހަކަތައް ހެއްޔެވެ؟ ނޫނީ އޭނާގެ ވާހަކަތައް ހެއްޔެވެ؟
( ނުނިމޭ )

ކިޔުންތެރިންގެ ޚިޔާލުތައް
ޢަޅެ ހާަދަދެރަގޮތެކޭ ތިވީ ޒައިބާޔައް