ތުރުކީ އަދި ސީރިޔާ ބޯޑަރު ކައިރިއަށް އައި ދެ ބިންހެލުމާ ގުޅިގެން އެ ދެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް މަސް ދަޅު ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ތުރުކީވިލާތުގެ ދެކުނުގައިވާ ގަޒިއެންޓެޕް ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު ސޫރިޔާގެ އިރުމައްޗަށް ވެސް ކުރިއެވެ.
މިހިތާމަވެރި ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ އާއިލާއެއް ވަނީ ހާލުގައި ޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ތުރުކީއާއި، ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމައިގައި ބައިވެރިވެ، ދެ ޤައުމުގެ ވެރިންނަށް ގުޅައި ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވާފައިވާކަމަށެވެ.
އަދި ދެޤައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މަސްދަޅުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ސޫރިއާއަށް 5 ލައްކަ އަދި ތުރުކީއަށް 5 ލައްކަ މަސްދަޅު ކޭހެވެ.
ޖަނަވަރީ 6 ވަނަ ދުވަހު ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމުގެ ގަޑިއިރުތަކެއް ފަހުން، 7.5ގެ ބާރުމިނުގައި އިތުރު ބިންހެލުމެއް ވެސް އައެވެ. ތުރުކީވިލާތުން ބުނީ އެ ޤައުމުގައި މަރުވެފައިވާ މީހުންގެ ޢަދަދު 19،000 އަށްވުރެ ގިނަ ކަމަށެވެ. އަދި، ސޫރިޔާގައި މަރުވި މީހުންގެ ޢަދަދު ވަނީ 4،000 އަށްވުރެ އިތުރުވެފައެވެ.
ތުރުކީގެ އިސްތަންބޫލަށް 1999 ވަނަ އަހަރު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދަށް ވުރެ މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިސްތަންބޫލަށް 1999 ވަނަ އަހަރު އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 18،000 އަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.
