ކަޅުކުލައިގެ ބޮޑު ކާރު މަޑުކޮށްލީ ގަލޮޅު އީރް ކިޔާގެސްޓްހައުސްގެ ދޮރޯށި ކައިރިއަށެވެ. ޑްރައިވަރަށް ރަނގަޅަށް މަޑު ނުކުރެވެނީސް ޒުވާނަކު ކާރުން ފޭބިއެވެ. އިސްކޮޅުން ދިގު އާދައިގެ ވަރަކަށް ދޮން ޒުވާނެކެވެ. އަތުގައި އޮތް އޭނާގެ ލެޕްޓޮޕް ޑްރައިވަރުގެ އަތަށް ދިނެވެ. ދެން ބާރު ހިނގުމެއްގައި ހިނގާފައިގޮސް ދިހަބުރީގެ އެ އިމާރާތަށް ވަނެވެ. އޭނާ ފެނުމާއެކު ގޭގައި އުޅޭ މަސައްކަތުމީހުން ބިރުވެރިކަމާއި ސީރިއަސް ކަމާއެކު މަސައްކަތުގައި މަޝްޣޫލުވިއެވެ.
"އިނާޒް… ޠަބީއަތް ރަނގަޅުނޫނީތޯ؟" ކިރިޔާވެސް އަނގައިން ބުނަން ކެރޭ އައިމަން ބުންޏެވެ. އެއީ އެންމެ ފުރަތަމަ އެތަނަށް ވަޒީފާއަށް ވަންކުއްޖެކެވެ. ދެއަހަރެއްގެ ތެރޭގައި ގެ ރަނގަޅަށް ހެދި އެ ގެ ގެސްޓް ހައުސަކަށްވުމުން މިހާރު އެގޭގެ މުހިންމު އެތައްކަމެއް ބަލަހައްޓަން ހުންނަނީ އޭނާއެވެ.
"އަހަރެން މިއަދު އެކަކާވެސް ބައްދަލު ކުރާކަށް ބޭނުމެއްނޫން. ހުރިހާ އެޕޮއިންޓްމެންޓްތަކެއް މާދަމާރެއަށް ފަސްކޮށްލާ." އިނާޒު ކޮޓަރިއަށް ވަދެގެން ދިޔައެވެ.
އައިމަން ކިޔަމަންތެރިކަމާއެކީ އެގޮތަށް އަމަލުކުރިއެވެ. މި އަޖައިބެއްފަދަ އިންސާނާދެކެ އައިމަންގެ އިތުރުން ހުރިހާ ނޯކަރުން ވެސް ބިރުގަނެއެވެ. ބޭރު ދަތުރުކުރާ ބޮޑުތިންބޯޓުގެ އިތުރުން މާލޭގައި މިހާރުހުރި އެންމެ މަޝްހޫރު ތިން ސޮޕިންމޯލަކީ އޭނާގެ ވިޔަފާރީގެ ބައެކެވެ. އޭނާ ދިރިއުޅެމުންދާ ދިހަބުރީގެ އިމާރާތަކީ މާލޭގެ އެންމެ އަގުބޮޑު ގެސްޓް ހައުސްއެވެ. މިވީ ދުވަސްތަކުގައި އައިމަންއަށް ފާހަގަ ކުރެވުނު ކަމަކީ އިނާޒުގެ މައިންބަފައިންގެ އިތުރުން ތިމާގެ މީހަކުވެސް ނެތްކަމެވެ. ވިޔަފާރީގެ ބައިވެރިން ފިޔަވައި އެއްވެސް ގާތް ރައްޓެއްސެއްވެސް ނެތް އާދަޔާ ޚިލާފު މީހެއްގެ ގޮތުގައެވެ. ދުވަހަކުވެސް އަންހެން ކުއްޖަކަށް ޝައުގުވެރިކަން ނުހުންނަ ސިއްރުން ފުރިގެންވާ މީހެއްގެ ގޮތުގައެވެ.
"އެރަށުގައި އަހަރެން ހަދަމުންދާ އިމާރާތް ނިމެން ކިހާ ދުވަހެއް އެބައޮތްތަ؟" އެތެރެއަށް ވަދެފައި ނިކުމެގެން އައި އިނާޒު އެހިއެވެ.
"މިހާރު ހުރީ ގާތްގަޑަކަށް ނިމިފައި. ކުލަލުމާއި ފަރުނީޗަރުތައް ރޭވުމާއި އެހެންވެސް ކުދިސާމާނުތައް މަރާމާތު ކުރުން ދެންހުރީ."
"މި އަހަނީ ކިހާދުވަހެއް އެބައޮތްހޭ."
"ދެމަސްތެރޭގައި އެއްކޮށް ނިމޭނެ." އައިމަން މަޑުމަޑުން ބުންޏެވެ.
"ވަރަށް އަވަހަށް އެތަން ބަލާލަން އަހަރެން ބޭނުން."
"މިއަންނަ ހަފްތާއަށް ދަތުރު ހަމަޖައްސަންތޯ."
"އާނ. ރަނގަޅުވާނެ. އެތަނުގެ ކޮންމެ ތަނަކީވެސް މަށަށް މުހިންމު ތަނެއް." އިނާޒު ނިކުމެގެން ދިޔައެވެ.
އިނާޒް ދިރިއުޅެމުންދަނީ ތިންވަނަ ބުރީގައި ހަދާފައިވާ ޚާއްސަ ކޮޓަރިއެއްގައެވެ. ބެލްކަންޏަށްވާގޮތަށް ބޮޑު ހުސްތަނެއް އޮންނަ ތަނަކީ އިނާޒުގެ ބައެއް މަސައްކަތް ނިންމުމަށްޓަކައި ބޭނުންކުރާ ކުޑަވަރެއްގެ އޮފީހެކެވެ. ކޮފީބޯލެވޭ ގޮތަށްހުރި ކުޑަވަރެއްގެ ކެފޭއެއްވެސް މެއެވެ. ލެޕްޓޮޕުން ކުރަމުންދިޔަ މަސައްކަތް ނިންމާލުމަށްފަހު އޭނާ ތެދުވިއެވެ. މަސައްކަތަށް އާދަވެފައިވާ ހަށިގަނޑު ދަމާލާ އާފުރެލިއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ޖެހިގެން ހުރި އިމާރާތުގެ ކުޑަދޮރުކައިރީގައި ހުރި އަންހެން ކުއްޖާއަށެވެ. މޫނުގެ އެއްފަޅި ވަނީ ހުދުކުލައިގައެވެ. ފިހިގެން އުފެދިފައިވާ ފާރުގަނޑެއްގެ ލަކުނެއްކަން އެނގެއެވެ. އިނާޒު ސުވާލުން ފުރިގެންވާ ބެލުމަކުން އެކުއްޖާއަށް ބަލަމުން ދިޔައެވެ. މިހާރަކަށްއައިސް ކޮންމެ ދުވަހަކު އެ އަޖައިބެއްފަދަ އަންހެން ކުއްޖާ އެގަޑީގައި އެ ކުޑަދޮރު ކައިރީގައި ހުރެއެވެ.
ކުޑަދޮރުން ފެންނަ އަންހެން ކުދިންނަކީ ހަމަ ނުރައްކާ ބަޔަކީއެވެ. ނޫނީ އެކުއްޖާ އަކީ ނުރައްކާ މީހެއްގެ އަޅަކީއެވެ. މޫނުމަތީގައި އެހުންނަ ލަކުނަކީ އޭގެ ނަތީޖާ ކަމަށްވެދާނެއެވެ. ނޫނެކެވެ. ޖާލީގަނޑުކައިރިން ފެންނަ ކޮންމެ ކުއްޖަކީ ނުރައްކާ ކުއްޖެއް ނޫނެވެ. އެހެންދުވަސްތަކާއި ޚިލާފަށް އިނާޒު އެކުއްޖާއަށް ބަލަމުން ދިޔައެވެ. އެކުއްޖާއަށް އެކަން ފާހަގަ ކުރެވުނީ ކަންނޭނގެއެވެ. އަވަސްއަވަހަށް އެތެރެއަށް ދެމިގަތެވެ.
"މިއަންނަ ހަފްތާގެ ހޯމަދުވަހަށް ދަތުރު ތައްޔާރުވެއްޖެ." ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން އިނާޒުގާތު ބުންޏެވެ.
"ބުރާސްފަތިދުވަހަށް ހަދާ. ހޯމަދުވަހު އެބައޮތް ވަރަށް މުހިންމު މީޓިންއެއް." ބަލާވެސްނުލާ އިނާޒު ބުންޏެވެ. އައިމަން ދާން ނޫޅެ އިނާޒަށް ބަލަހައްޓައިގެން ހުއްޓެވެ.
"އެއްޗަކަށް ދަތިވީތަ؟" އިނާޒު އެހިއެވެ.
"މަންމަ ބަލިވެގެން މާލޭގައި…"
"މިވަރުން ނުވެއްޖެ ނަމަ އަންގާލާ. އެކަމަކު މިދުވަސްކޮޅު ޗުއްޓީ އެއްނަގަފި ނަމަ…" އައިމަނަށް ނުބުނެވެނީސް ޗެކެއްގައި އިނާޒު ސޮއިކުރަމުން ބުންޏެވެ.
"ޝުކުރިއްޔާ ސަރ. އަޅުގަނޑު ޗުއްޓީއެއް ބޭނުމެއް ނޫން." އައިމަން އުފަލުން ބުންޏެވެ.
ނިދަންއުޅެއުޅެ ނިދޭގޮތެއްނުވިއެވެ. އެ އަންހެންކުއްޖާގެ ސަބަބުން އޭނާގެ މާޒީ ކުލަނެތް މަންޒަރުތަކެންހެން ސިފަވަނީއެވެ. އެއީ ހިތްދަތިކަމާއި އަނިޔާވެރިކަމުގެ ހައްދުފަހަނައަޅާފައިވާ ވޭންދެނިވި ހަނދާންތަކެކެވެ. އެދުވަހު ޖާލީ ގަނޑުކައިރިން ފެނުނު ކުއްޖާއަށް އެހީނުވެވުނީތީ މިއަދު އެކަމާއި އިންތިހާއަށް އަސަރުކުރެއެވެ.
"މިކުއްޖާއަށް ވާގޮތެއް ބަލަންވާނެ. މިހަގީގަތް ހޯދަންވާނެ." އިނާޒު ތެދުވިއެވެ. ކުރިމަތީގައި ހުރި އިމާރާތަށް ބަލާލިއެވެ. މިރޭ މީރަނގަޅު ރެއެކެވެ. ކުޑަދޮރު ހުރީ ހުޅުވާފައެވެ. އޭނާގެ މޫވީ ކެމެރާނަގާ ރަނގަޅުތޯ ބަލާލިއެވެ. ވަގެއްފަދައިން މަޑުމަޑުން ޓެރަސްއަށް ގޮސް އެ މޫވީކެމެރާ އެ އިމާރާތުގެ ކުޑަދޮރާ ސީދާކޮށްލާ ޒޫމްކޮށްލިއެވެ.
"ހިލަހިލާ ޖަހާފަ." އަދިވެސް އިތުރަށް ކެމެރާ ޒޫމްކޮށްލިއެވެ. ނިވާކަންކުޑަ ހެދުމުގައި ދަގަނޑު ހިލަހިލާ ޖަހާފައިވާ ދެވަންފުރައިގެ އަންހެނެކެވެ. ބޯހޭވިފައެވެ. ހިކިއަނަރޫފަ ވެފައެވެ. ބަނޑު ދެފުށްޖެހިފައެވެ. މިއިންދުވަހަކު ފެންވެރި ފާޑެއް ނުޖަހައެވެ. ފައެކޭ އަޅިންފިހެފައިވާ ބަނބުކެޔޮ ފަޅިއެކޭ އެއްވަރެވެ. ހަމަ އެއުމުރުގެ ފިރިހެނެއް ކޮޓަރިއަށް ވަނެވެ. އެއާއި އެކު ކުޑަދޮރު ލެއްޕިއްޖެއެވެ.
"މީ ކޮންކަހަލަ ބިރުވެރިކަމެއް ފޮރުވިފައިވާ ގެއެއްބާ؟" އިނާޒު ވިސްނަމުން ދިޔައެވެ.
"އެވާނީ ކުރީފަހަރުވެސް ޖާލީގަނޑުން ފެނުނު ކުއްޖާފަދަ ކުއްޖަކަށް. އޭނާގެ މޫނުގައި ދެކެފަރިތަ ސިފަތަކެއް އެބަހުރި. އެކުއްޖާ އަހަންނަށް އެބަލަނީ އެހެންވެގެން ކަންނޭނގެ." އިނާޒު ކޮޓަރިއަށް ވަނެވެ. އޭނާ ވަނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ހަދާނެގޮތެއް އޭނާއަކަށް ނޭނގުނެވެ.
"ނޫން. ކުރީފަހަރު ދިމާވި ހާދިސާއިންވެސް ލިބުނީ ހިތްދަތިކަން. އަދިވެސް އެކުއްޖާ ވާނީ ޖަލުގައި. އަހަރެންނަށް ކުރެވުނީ ކޮންކަމެއް. މިކަމާއި ނުބެހުނިއްޔާ ރަނގަޅުވާނީ. ކިތަންމެ ފައިސާއެއް ޚަރަދު ކުރިޔަސް އެކަންތައްތަކަށް ނިމުމެއް ނާންނާނެ. މިކަމާއި އަޅާނުލިއްޔާ ރަނގަޅުވާނީ" އެންމެފަހުން އޭނާ ގޮތެއް ނިންމީއެވެ. ބެލްކަނީގައި ހުރި ހުރިހާއެއްޗެއް އިމާރާތުގައި ހުރި އަނެއްފަރާތު ބެލްކަންޏަށް ބަދަލު ކުރުވީއެވެ. އެފެންނަ ކުއްޖާގެ ސަބަބުން އޭނާގެ މަސައްކަތަށް އެއްވެސް އުނދަގުލެއް ނުފޯރުމަށެވެ. މާޒީގެ ހަނދާންތަކުން ސަލާމަތްނުވެ އެކަމުން ކާމިޔާބެއްވެސް ނުލިބޭތީއެވެ. ބާރައިގެ ޚަބަރު ބެލުމަށްޓަކައި އޭނާ ޓީވީ ހުޅުވާލިއެވެ.
"ރާއްޖޭގައި ހިއުމަންޓްރެފިކިންގެ މައްސަލަތައްވަނީ ދުނިޔޭގެ ސަމާލުކަން އައިސްފައިވާވަރަށް އިތުރުވެފައި. މިކަން ހިމެނިފައިވަނީ އިންސާނުން ވަގަށް ނެގުމާއި ވިއްކުމާއި އެކަށީގެން ނުވާވަރުގެ ބުރަ މަސައްކަތްކުރުވުމުގެ މައްޗަށް. ޖިސްމާނީ އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވުމާއި ކުޑަކުދިންލައްވާ ފައިސާ ހޯދަން މަސައްކަތް……." އިނާޒު ޓީވީ ނިއްވާލިއެވެ.
"އެންމެންނަށްވެސް އެނގޭނީ ރީތިވާހަކަ ދައްކަން." ރުޅިއައިސްފައިވާ އިނާޒު ރިމޯޓް އެއްލާލިއެވެ. ފޮތްހަރުގަނޑުގައި ޖެހި ބިއްލޫރިތައް ތަޅައިގެން ދިޔައެވެ. މިއަޑަށް އައިމަން ދުވެފައި އައެވެ.
"ސަރ." ބިރުންހުރެ އިނާޒު ވާހަކަ ދެއްކޭތޯ ބެލިއެވެ.
"އަހަރެން އެއްވެސް މީހަކާ ވާހަކަދައްކާކަށް ބޭނުމެއް ނޫން." އިނާޒު ހަޅޭއްލަވައިގަތެވެ. ދެން ދެއަތް މުއްކަވާލިއެވެ. އައިމަން ހިނދުކޮޅެއްވެސް މަޑުނުކޮށް ނިކުމެގެން ދިޔައީ އެއީ އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީއެވެ.
ކުޑަދޮރުން ފެންނަ ކުއްޖާގެ ސަބަބުން އޭނާގެ ނަފްސަށް ހިމޭން ކަމެއް ނުލިބެއެވެ. އާބެލްކަންޏަށް ބަދަލުވިފަހުން މިހާރު ހަފްތާއެއްވީއެވެ. ކުޑަދޮރުކައިރިން ފެންނަކުއްޖާ މިހާރަކު ނުފެނެއެވެ. ނަމަވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ކޮންމެދުވަހަކު ހަވީރު އެފެންނަ ކުއްޖާވަނީ ކޮންމެވެސް މުސީބާތެއްގައިކަން އޭނާއަށް އިހުސާސްވަނީއެވެ.
"ސަރ. ކޮންމެވެސް އަންހެންކުއްޖަކު ބައްދަލު ކުރަންއައިސް އެބައިން." އައިމަން ވަރަށްޖެހިލުންވެ ހުރެ ބުންޏެވެ.
"އެނގެއެއްނުމީ އަހަރެން އެއްވެސްމީހަކާ ބައްދަލުކުރާ ވަގުތެއް ނޫންކަން."
"ލައްބަ. އެކަމަކު އެއަންހެންމީހާ ގަބޫލެއްނުކުރި. ބުނީ ސަރ އޭނާ ދަންނާނެޔޯ."
"ކާކު؟ ކިހިނެއްހުރި މީހެއް؟"
"ނޭނގެ. މޫނުއެއްފަޅި ހުރީ ވަރަށްބޮޑަށް ފިހިގެން ލަކުނުލާފައި ހުންނަކަހަލަ ގޮތަކަށް." އައިމަން ބުންޏެވެ.
އެކުއްޖާ އައީހެއްޔެވެ؟ އެއީ ކާކުބާވައެވެ؟ އޭނާ އެވަރަށް އެބަލަނީ ހަމަ އަހަރެން އެނގޭތީބާވައެވެ؟ އެހާވަރަށް އޭނާ ދަންނަ މީހެއް މިރާއްޖޭގައި ހުރެދާނެ ބާވައެވެ؟
"އޭނާ ވައްދާ" އިނާޒު އެއްބަސްވިއެވެ.
މަޑުހިނގުމެއްގައި އެ އަންހެން ކުއްޖާ އެތެރެއަށް އައެވެ. ދެއަތް ދެއަތާ ކުޅެމުން އިސްޖަހާލައިގެން އިނާޒުގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައެވެ.
"އިށީނދޭ." އެކުއްޖާ އިށީނުމަށް އިޝާރާތް ކުރަމުން ބުންޏެވެ.
އެކުއްޖާ އިށީނެވެ. އިސްއުފުލާލާ އިނާޒާއި ދިމާއަށް ފުންނަޒަކަން ބަލަމުން ދިޔައެވެ. މޫނުގެ އެއްފަޅީގައިވަނީ ރޯފިލާފައިވާ ލަކުނެވެ. އެފަރާތުގެ ލޮލުގެ ބޮނޑިމަސްގަނޑުގެ ބޮޑުބައެއް ނެތެވެ. އެހެންކަމުން އެލޯ ވަނީ ބޭރަށް ނިކުމެފައެވެ. ނަމަވެސް އެބެލުމުގައި ދެކެފަރިތަ ގޮތެއް ހުއްޓެވެ. މާޒީގެ ވާހަކަތައް ކިޔައިދޭ ކަހަލައެވެ. އެއީ ހަމަ އެކުއްޖާ ފެނުނީއްސުރެ ފެނުމަށް އުންމީދުކުރާ ކުއްޖާބާވައެވެ؟ އެއްޗެކޭބުނަން އަނގަ ހުޅުވާލިތަނާ އެކުއްޖާ ވާހަކަދައްކަން ފަށައިފިއެވެ.
"މި ބެލްކަންޏަށް ބަދަލުވީ އަހަރެން ބަލަން ހުންނާތީދޯ." އެކުއްޖާ އެހިއެވެ.
"ނޫން… އަހަރެން…." އިނާޒަށް ދޮގުހަނދަން އުނދަގޫވިއެވެ.
"އަހަރެން މިހުރި ސިފައިން އެންމެންވެސް އަހަރެންދެކެ ބިރުގަނޭ. ދެން އެކަމާ އަޅާނުލާ." އެކުއްޖާ ހީކުރީ އެހެން މީހުން ފަދައިން އިނާޒުވެސް ބިރުގަންނަނީ ކަމަށެވެ.
"އަހަރެންނާ ބައްދަލުކުރަން ތިއައީ ކޮންބޭނުމަކު." އިނާޒު ސީދާމައުޟޫއަށް ދިޔައެވެ. މިވާހަކަ ދެކެވެނީ ކާކުކަން ޔަގީން ކުރުމަށްޓަކައެވެ.
"ތީ އިނާޒެއްނު. އެންމެފަހުން އިނާޒުގެ ހުވަފެންތައް ކާމިޔާބުވީ. އިނާޒު އެދޭފަދަ ބޮޑު މުއްސަންޖަކަށް ވީކިހިނެއް؟" އެކުއްޖާ އެހިއެވެ.
"ތީ….ތީ ކާކު؟" އިނާޒު ހައިރާންކަމަށްވުރެ ބޮޑަށް ޝައްކު ޔަގީނަށް ބަދަލުވެއްޖެއެވެ. އޭނާ އުފަލުން އިންތަނުން ތެދުވިއެވެ.
"ރީނާޒު. އިނާޒުގެ ކުޑައިރުގެ ރަހުމަތް ތެރިޔާ." އޭނާ އުފަލުން ހޭންފެށިއެވެ.
"މާތްﷲގެ ކުޅަދުންވަންތަކަން. ޒަމާންގަނޑަކަށްފަހު އަހަރެންގެ އެންމެގާތް ރަހުމަތްތެރިޔާ އާއި ބައްދަލު ވެއްޖެ." އިނާޒު ރީނާޒާއި ސަލާންކޮށްލިއެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.
"އިނާޒުމެން މަރުވި ވާހަކަ އަހަރެން އެހީ ވަރަށް ހިތްދަތިކަމާ އެކީ." ރީނާޒު ބުންޏެވެ.
އެވަގުތު އިނާޒު އޭނާގެ މާޒީގެ ހަނދާންތަކަށް ދަތުރު ކޮށްލެވުނެވެ. އިނާޒާއި ރީނާޒުގެ ހަޔާތުގެ ޞަފްހާތައް ހުޅުވިގެން ދިޔައެވެ.
**************************
އެއީ ދަންވަރުގެ ހިމޭންވަގުތެވެ. ފަނިފަކުސާގެ އަޑާއި ޖައްވަށް ޖެހެމުން ދާ ވައިގެ އަޑުނޫނީ އެހެން އަޑެއް ނީވެއެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމެއްގައި ހުރި ޅަ ޒުވާން އަންހެން ކުއްޖެއް މަޑުމަޑުން ހިނގަމުން ދިޔައެވެ. ހަނދުވަރުގެ ފަނޑު އަލީގައި އޭނާ ހިނގަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާ އެކީގައެވެ. އޭނާ ބޮޑު ގޯތިތެރެއަށް ސިއްރުސިއްރުން ބަލާލިއެވެ. މީހަކު ފެންނަށް ނެތުމުން އެތެރެއަށް ވަދެލިއެވެ. އުތުރު ކަނާއި ދިމާގައި ހުރި ދުވަސްވީ ކުޑަ އިމާރާތަކުން މަޑު އޮރެންޖު އައްޔެއް ފާއްދާލައެވެ. ބިރެއްނެތި އެދިމާއަށް ހިނގާފައި ދިޔައެވެ. ލަކުޑި ފިލައަކުން ލައްޕާލާފައިވާ ދޮރު ހިއްލާލާ އެއްފަރާތް ކޮށްލިއެވެ. އެރީތި އަންހެން ކުއްޖާ އެތެރެއަށް ވަދެގެން ދިޔައެވެ. މިދަންވަރު އޭނާގެ ފަރާތުން ޖެހިލުންވުމެއް ނުފެނެއެވެ.
"ރަނާ……." ފަތްޖެހިއެނދުގައި ނިދަން އޮތް ފިރިހެން ކުއްޖަކު ސިއްސައިގެން ގޮސް ހޭލެވިގެން ގޮވާލިއެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ރީތި ވާހަކައެއް. ވަރަށް ވަރަށް ސަޅި
ޔަޝްފާގެ ވާހަކަތަކަކީ ވަރަށް ހިތްގައިމު ވަރަށް ޝައުގުވެރި ވާހަކަތަކެއް. މިވާހަކަވެސް އަދި ވަރަށް ހިތްހަމަޖެހޭ……
ރީތި ވާހަކައެއް. މާ ގިނަދުވަސް އިންތިޒާރުކުރަން ޖެހެނީ. އަވަހަށް ގެނެސްދީބަލަ.