(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"ރަނާ……." ފަތްޖެހިއެނދުގައި ނިދަން އޮތް ފިރިހެން ކުއްޖަކު ސިއްސައިގެން ގޮސް ހޭލެވިގެން ގޮވާލިއެވެ. އެއީ އިސްކޮޅުން ދިގު ތޭރަވަރަކަށް އަހަރުގެ ކުއްޖެކެވެ. އުމުރަށްވުރެ ބޮޑު ފަލަކޮށް ހުރި އިނާޒަކީ ބަލާމީހަކަށް ސޯޅަސަތާރަ އަހަރުގެ ކުއްޖެއްހެން ހީވާވަރުގެ ބޮޑުކޮށް ހުރިކުއްޖެކެވެ. އާދައިގެ ވަރަށް ވުރެ ކަޅު، ބޯ ތުނިކޮށް ކޮށާފައިވާ ސާދާކުއްޖެކެވެ. ރަނާ ފަތްޖެހިއެނދުގެ ކަނެއްގައި އިށީނދެލައިގެން ސުވާލުތަކެއް އަހަން ބޭނުންވެފައި އިނާޒަށް ބަލަމުން ދިޔައެވެ.
"އިނާޒު. އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު." ރަނާ އިސްޖަހާލިއެވެ. އޭނާއަށް މިރޭ ވާހަކަ ދައްކަން އުނދަގުލެވެ. މޫނު މަތީގައިވަނީ މާޔޫސްކަމެވެ. ގޮތްހުސްވެފައިވާ ރަނާ ތެދުވިިއެވެ. ދެއަތް ދެއަތާއި ކުޅެލަ ކުޅެލަމުން ދިޔައެވެ. މަޑުހިނގުމެއްގައި ގޮސް ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ.
"ދައްތާ. ބުނުއްވާ. އަޅުގަނޑަށް ވެވޭ ވަރުގެ ކަމެއްވިއްޔާ ކޮށްދޭނަން." އިނާޒު ރަނާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވިއެވެ. އަވަސް އަވަހަށް ގަޔަށް ގަމީސް ވައްޓާލިއެވެ. ގަމީސް ކިތަންމެ ބާވެފައިވީނަމަވެސް ސާފެވެ.
"އިނާޒު. ދައްތައާއި ކައިވެނި ކުރަން ކެރޭނެތަ؟" ރަނާ ލޯމަރައިގެން ހުރެ ބުންޏެވެ.
"ކީކޭ؟" އިނާޒަށް ރަނާ ބުނި ޖުމްލަ ޔަގީނެއް ނުވެއެވެ.
"އާނ. ދައްތައަށްޓަކައި މިކަމަށް އެއްބަސްވޭ." ރަނާއަށް ރޮވެން ފެށުނެވެ.
"އެކަމަކު އަޅުގަނޑަށް އެންމެ ތޭރަ އަހަރު." އިނާޒަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ.
"ތޭރަ އަހަރޭ. އެކަމަކު ކޮއްކޮ ހީވަނީ ބޮޑުމީހެއްހެން."
"ދައްތާ. ދައްތަ ވަނީ ވަރަށްބޮޑު މުސީބާތެއްގައި ކަން ޔަގީން. އެކަމަކު އަޅުގަނޑު ދައްތައާއި ކައިވެނި ކުރާނީ ކިހިނެއްތޯ"
"އިނާޒު މިކަމަށް އެއްބަސް ވެދީ." ރަނާއައިސް އިނާޒުގެ އަތުގައި ހިފާލިއެވެ. އެއީ އޭނާއަށް ބައެއްފަހަރު އޯގާތެރި އެހީތައް ވެދިން އަތެކެވެ.
"ކޮއްކޮ އެއްބަސް ނުވެއްޖެނަމަ އަހަރެން އަމިއްލައަށް މަރުވާނަން. މިވާހަކަ އެއްވެސް މީހެއްގާތު ނުބުނާތި." ރަނާ ރޮމުން ދިޔައެވެ.
އިނާޒު ދައްތަގެ އަތް ފޮޅުވާލިއެވެ. އަދި ބޭރަށް ދުއްވައިގަތެވެ. ކުއްލިއަކަށް މިއިވުނު އާދަޔާޚިލާފު ވާހަކަތަކުން އޭނާ ކަންބޮޑުވެއްޖެއެވެ. މިއީ އޭނާއަށް އެކަނި ގޮތެއް ނިންމޭވަރުގެ ކަމަކަށް ނުވިއެވެ. އޭނާގެ އެންމެގާތް ރަހުމަތްތެރިޔާ ރީނާޒުގާތު މިވާހަކަ ދައްކަންް އޭނާ ބޭނުންވެއެވެ. އެއީ މިރަށުގައި އޭނާއަށް އިޚްލާސްތެރި ހަމައެކަނި ފަރާތެވެ.
**********
ބޭރުގައި ހުރި ރުއްބުޑު މަތީގައި އޭނާ އިށީނދެލިއެވެ. ރަނާގެ ވާހަކަތަކާމެދު ވިސްނަންފެށިއެވެ. އޭނާ ކޮންމެ ދުވަހަކުވެސް އެގެއަށް ދެއެވެ. ވަހީދާއަށް އެހީތެރިވެދެއެވެ. އޭރުން އޭނާއަށް ކާއެތިކޮޅެއް ލިބެއެވެ. އެގެއަކީ ކޮންމެ ދުވަހަކުވެސް ތުއްތުކުދިންގެ ގުރުއާން ކިޔެވުމުގެ އަޑުން ގުގުމާލާގެއެކެވެ. ފަސްއަހަރުގެ މި ތުއްތު ކުދިން ކިޔަވަމުން ގެންދަނީ ހަމްޒާގެ އަޑުދަށުންނެވެ. މިއީ ށ. މަރޮށީގެ "ހިތްވަރު" ގޭގައި ޒަމާންތަކެއް ވަންދެން ކުރަމުން އަންނަ ކަމެކެވެ. ފުރަތަމަ މިމަސައްކަތް ކުރީ ހަމްޒާގެ މައިންބަފައިންނެވެ. މިހާރު ގުރުއާން ކިޔަވައިދޭ މަރުކަޒެއް ގާއިމުކޮށް އެރަށުކުދިންގެ އިތުރަށް ރަށްރަށުކުދިންވެސް ކިޔަވައިދެމުން ދެއެވެ.
ހަމްޒާއަކީ އެރަށު އެދުރުބޭގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން ހަމްޒާ ނުހަނު ކުޑައިރު ސައުދީ އަރަބިޔާއަށް ކިޔަވަން ފޮނުވިއެވެ. އުމުރުން ބާވީސް އަހަރުގައި އޭނާ ރަށަށް އައިއިރު ވަނީ ގުރުއާން ހިތުދަސްކޮށްފައެވެ. ބައިނަލް އަގުވާމީ މުބާރާތްތަކުން ތަފާތު ވަނަތައް ހާސިލް ކޮށްފައެވެ. އެދުރުބޭގެ ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރުމަށް އަމަލީ ގޮތުން ހަމްޒާ ބައިވެރިވިއެވެ. ކުޑަދުވަސްކޮޅެއްތެރޭގައި އިސްލާމިކް ސްކޫލެއް ގާއިމުކޮށް ގިނަ އަދަދެއްގެ ކުދިން އެ ސްކޫލުން ތައުލީމް ހާސިލް ކުރަން ފެށިއެވެ. އުމުރުން ތިރީސް އަހަރުގައި މުދިންބޭގެ ރުހުން ލިބިފައިވާ އަބުރުވެރި ދީންވެރި އަންހެން ކުއްޖަކާއި ހަމްޒާ ކައިވެނި ކުރެވުނެވެ. ވަހީދާއަކީ ހަމްޒާދެކެ ނުހަނު ލޯބިވާ ވަފާތެރި ގެވެހި އަނތްބެކެވެ. ނަމަވެސް އެމީހުންގެ ދިރިއުޅުމުގެ އުފާ ކަމުގައިވާ ކުއްޖެއް ލިބުމުގެ ނަސީބުން އެމީހުން މަހުރޫމް ވެފައިވާތާ ފަނަރަ އަހަރު ވެއްޖެއެވެ.
މުދިންބެ ނިޔާވުމުން ގެއަށް ލިބުނީ ފަޅުކަމެކެވެ. އެދުރުބޭގެ އަންހެނުންގެ އިތުރުން ހަމްޒާއަށްވެސް މިކަމުން ވަރަށް އަސަރުކުރުވިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއް ފަހުން އެމީހުންގެ ހިތާމަތައް އެއްފަހަރާ ފިލައިގެން ދިޔައީ އެދެމަފިރިންނަށް ލިބުނު ލޯބި ލޯބި އަންހެން ކުއްޖެއް ކަމަށްވާ ރަނާ މިދުނިޔެއަށް ނޭވާލުމުންނެވެ. ރަނާ ބެލުމުގެ މަސައްކަތް އެމީހުން ކުރަމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާއެކީގައެވެ. ނަމަވެސް އަބަދުވެސް އެދުރުބޭގެ ވަސިއްޔަތް ހަނދާންވާ ކޮންމެ ފަހަރަކު ހަމްޒާ ހާސްވަމުން ދިޔައެވެ. ހިތާ ދެކޮޅަށްނަމަވެސް ރަނާއަށް ދިހަ އަހަރު ވީއިރު ހަމްޒާގެ ބައްޕަގެ އާދޭހަށް ތަބާވުމުގެ ގޮތުންނާއި ރަނާއަށްވެސް ރަނގަޅުވާނީ އެގޮތް ކަމަށްވާތީ ރަނާ ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ. ނަމަވެސް ވަހީދާ މިކަމާ ގަބޫލެއްނުވިއެވެ.
"އަޅުގަނޑަކަށް އެމަންޖެއާއި ދުރުގައެއް ނޫޅެވޭނެ." އަބަދުވެސް ވަހީދާ ބުނަމުން ދެއެވެ. ނަމަވެސް ރަނާގެ ތޫނު ފިލިކަމާއި ކިޔެވުމަށް ކުރަމުން ދިޔަމަސައްކަތްތަކެއްގެ ސަބަބުން ރަށުފެންވަރުގައި ލާމަސީލު ކުއްޖަކަށް ވިއެވެ. އުމުރުން ބާރަ އަހަރުގައި ޔުނިސެފުން ހިލޭ އެހީގެގޮތުން ދެވޭ ސްކޮލަޝިޕެއްގައި މެލޭޝިޔާގެ އިންޓަނޭޝަނަލް ސްކޫލަކުން ކިޔެވުމުގެ ފުރުސަތު ލިބުނެވެ. މި ސްކޫލުން އެދެވޭ ނަތީޖާއެއް ހޯދައިފިނަމަ މެލޭޝިޔާގެ ޔުނިވަރސިޓީގައި ހިލޭ ކިޔެވުމުގެ ފުރުސަތު އޮތްކަން އެނގުނެވެ.
"ނޫން ދަރިފުޅާ. ރަށުގައި ހުރެގެން ކިޔެވުނު އެއްޗެއް ކިޔަވަންވީ. ބައްޕައަކަށް ދަރިފުޅު ގައުމުން ބޭރަކަށް ނުފޮނުވެވޭނެ." މިފަހަރު ހަމްޒާވެސް ދެކޮޅު ހެދިއެވެ.
"އެކަމަކު ބައްޕާ. ކާފަވެސް އެދިލައްވަނީ އަޅުގަނޑު މޮޅު ކުއްޖަކަށްވާން. ބައްޕަވެސް އެދިލައްވަނީ އެގޮތަށް. މެލޭޝިޔާއަކީ އިސްލާމީ ގައުމެއް. ބައްޕަ ދެރަވެ ލަދުގަންނާނެ ފަދަ ކަމެއް އަޅުގަނޑު ނުކުރާނަން." ރަނާގެ އުމުރަށްވުރެވެސް ހަރުދަނާއެވެ. ކިތަންމެ ދެކޮޅު ހެދިނަމަވެސް ރަނާގެ މައިންބަފައިން އެމީހުންގެ ލޯބިވާ ދަރިފުޅު ރޮއްވާކަށް ބޭނުމެއް ނުވިއެވެ. ރަނާ މޮޅުވެގެން ގައުމަށް ފައިދާ ކުރާތަން ފެންނާނެ ކަމުގެ ޔަގީންކަން ހަމްޒާއަށް އަބަދުވެސް އޮވެއެވެ. އެންމެފަހުން ހިތާދެކޮޅަށްވެސް ރަނާގެ އުފަލަށްޓަކައި މެލޭޝިޔާއަށް ދިއުމުގެ ހުއްދަ ދިނެވެ.
ގޯތިތެރޭގައި ހުރި ގަސްތަކަކީ ރަނާއާއި ވަހީދާ ނުހަނު ލޯބިން ބަލަހައްޓަމުން ދާ އެއްޗެކެވެ. މިހާރު ގޯތިތެރެ ތަރުތީބުކޮށް ގަސްއިންދާ ހަދަނީ ރަނާއެވެ.
"ރަނާ ދައްތަ ދިޔަޔަސް މިތަން ރަނގަޅަށް ބަލަހައްޓަދެއްޗޭ. ޚާއްޞަކޮށް މަސްފެންގަނޑު." ވަޅު ކޮންނަމުންދިޔަ އިނާޒުގާތުގައި ރަނާ ބުންޏެވެ. އިނާޒު ވަރަށް ގިނަ ދުވަސްދުވަހު ރަނާއަށް އެހީތެރިވެދޭން އާދެއެވެ.
"ރަނާ ހަމަ ދަނީތަ؟" އަތުގައި އޮތްފޭރެއް ރަނާއަށް ދިއްކޮށްލަމުން ރީނާޒް ބުންޏެވެ.
"އާނ. މޮޅަށް ކިޔަވައިގެންނެއްނު މޮޅުމީހަކަށް ވެވޭނީ."
"އަހަރެންވެސް ވާހިތްވަނީ މޮޅުމީހަކަށް." ރީނާޒް ބުންޏެވެ.
"މިސާލަކަށް ކޮންކަހަލަ މީހަކަށް." ރަނާ އެހިއެވެ.
"މިސާލަކަށް ހިސާބު ޓީޗަރުކަހަލަ. މިސްކިހާމޮޅު. ހުރިހާ ނަމްބަރެއް ހުންނަނީ ހިތުދަސްވެފައި."
"އެހެންތަ؟ އަޅެ އަހަރެންނަށްވެސް ސްކޫލަށް ދެވޭނަމަ ދޯ." އިނާޒު ދެރަވެލާފައި ބުންޏެވެ.
"އިނާޒަށް އަދި ކިޔެވޭނެ." ރަނާ ހިތްވަރުދިނެވެ.
"ނުކިޔެވުނަސް އަހަރެން ވަރަށް މުއްސަނދި މީހަކަށް ވާނަން." އިނާޒުގެ އަޒުމް ވަރުގަދައެވެ.
ވިލާ ރޮއްޖެއްވެސް ނެތް ސާފު އުޑެވެ. އިރުވައިމޫސުމުގެ ފިނިވައިރޯޅިއެވެ. ތެޔޮފާންލާފައިވާ މާސިންގާ ކަނޑެވެ. ރަނާ ފުރައިފިއެވެ. ދޯނި ފަޅުން ނިކުމެއްޖެއެވެ. ރީނާޒްއާއި އިނާޒު ހުރީ ދޯނި ގެއްލެންދެން ބަލަހައްޓައިގެންނެވެ. ފެންކަޅިވެފައެވެ. "އިރާދަކުރެއްވިއްޔާ ރަނާވާނީ ވަރަށް މޮޅުމީހަކަށް." ރީނާޒް އިނާޒަށް ބަލާލިއެވެ.
"ރީނާޒްވެސް ޓީޗަރަކަށްވެގެން ސްކޫލުން އަދި ފެންނާނެ." އިނާޒު އުންމީދުން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ.
"އިނާޒު މުއްސަންޖަކަށްވެސް ވާނެ." ރީނާޒް ކަރުނަ ފޮހެލިއެވެ.
ރަނާގެ ހުރުމާއި ކިޔެވުމާއި ހުރިހާކަމެއް ނުހަނު ރަނގަޅަށް ހަމްޒާ ބަލަމުން ދެއެވެ. އިސްލާމީ އުސޫލުން ދިރިއުޅުމަށް އަބަދުވެސް ނަސޭހަތްތެރި ވަމުން ދެއެވެ. ހަމްޒާގެ ދެމަފިރިންނަށް ލިބޭހާ ފައިސާއަކުން ބޮޑުއަދަދެއް ބާކީ ކޮށްފައި ރަނާ ކިޔަވައިގެން އަންނަ ދުވަހަކުން ދޭގޮތަށް ރަނާގެ އެކައުންޓަށް ޖަމާކުރަމުން ދެއެވެ.
ވަހީދާއަކަށް ރަނާއާއި ނުލާ އުޅެވޭގޮތެއް ނުވެއެވެ. އެކަމާ އޭނާ އަބަދުވެސް ހިތާމަ ކުރެއެވެ. ދިރިއުޅުމުގެ ކަންކަމުގައި އޭނާ ފަރުވާކުޑަވެސް ވާންފެށިއެވެ. ހަމްޒާގެ ކަންތައްތަކުގެ އިތުރަށް އޭނާގެ އަމިއްލަ ކަންތައްތަކަށްވެސް ކުރިން ހުންނަވަރުގެ އަޅާލުމެއް ނުފެނެއެވެ. ހަމްޒާ މާބޮޑަށް ވަހީދާގެ މި އަމަލުތަކަކަށް އަޅައެއް ނުލައެވެ. އޭނާ ސްކޫލުންއައިސް ވަހީދާއަށް ނުކުރެވި ހުރި މަސައްކަތްތައް ކޮށްދީ ހަދައެވެ.
އިރުއޮއްސި އަނދިރި ވެއްޖެއެވެ. ހަމްޒާ ސްކޫލުގައި އިނީ ސްކޫލުގައި އޮންނަ އެންމެ ބޮޑު ގުރުއާން މުބާރާތް މާދަމާ އޮންނާތީ ނިންމަން ޖެހޭ މަސައްކަތްތައް ނުނިމިގެންނެވެ. ފައިލެއްނަގާ ގަނޑުތަކެއް ހާވާލާ ހަދާލާފައި ސެކެޓްރީއަށް އޭނާ ގޮވާލިއެވެ. އަދި އެމަސައްކަތް ހަވާލުކުރުމަށްފަހު އޭނާ ބޭރަށް މިނުކުމެލީ ގެއަށް ދިއުމަށްޓަކައެވެ. ކުއްލިއަކަށް ވާރޭ ވެހެން ފެށިއެވެ. ހަމްޒާއަށް ދުއްވައި ގަނެވުނެވެ. އެއާއެކު ކުއްޖެއްގެ ގައިގައި އޭނާ ޖެހި އެކުއްޖާ ވެއްޓުނެވެ. އޭނާއަވަސްއަވަހަށް އެކުއްޖާގެ ކޮނޑުގައި ހިފާ ނެގިއެވެ. އެއީ ފިރިހެންކުއްޖެކެވެ.
"ބޭބޭ. އަޅުގަނޑު ސަލާމަތް ކޮށްދީ." އެކުއްޖާ ހަމްޒާގެ ގައިގާ އޮޅުލައިގަތެވެ. އެއީ އެރަށު ބަހާރުގޭ އިނާޒުއެވެ.
އިނާޒަކީ ބައްޕަ މަރުވެފައިވާ މިސްކީނެކެވެ. އޭނާގެ ދޮންބައްޕައަކީ ރުޅިގަދަ އަނިޔާ ކުރާ މީހެކެވެ. ދޭތެރެ ދޭތެރެއިން ހަމްޒާމެންގެއަށް ކުދިކުދިމަސައްކަތް ކޮށްލަދޭން އަންނަކުއްޖެކެވެ. އެހެންކަމުން އިނާޒުގެ ގިނަބޭނުންތައް ފުއްދައިދެނީ ހަމްޒާއެވެ.
"ބައްޕަގެ އައިނެއް ގެއްލުނީ. އަޅުގަނޑު ކީއްކުރަންނަގާ އައިނެއް." ނިތްކުރިން ލޭއަންނަ ދިމާގައި އަތްއަޅައިގެން ހުރެ އިނާޒު ބުންޏެވެ.
"ނުވަންނާތި މިގެއަށް. ރައްކާވޭ. ބޮޑެތިވަގުންނެއް މަށަކަށް ނުގެންގުޅެވޭނެ. މަސައްކަތް ކޮށްގެން ކެވޭތޯބަލާ. ތިހުރީ ބޮޑުކޮށްފައި." ދުފާ ރަތްކޮށްފައިވާ ފަލަ އަންހެނަކު އިލޮށިފަތި ހިފައިގެން ނިކުތެވެ. އެއީ އިނާޒުގެ މަންމައެވެ.
"ތީ ކުރިންވެސް މަށަށް ކާންދިން މީހެއް ނޫން. އެ ރީނާޒް މަންމަޔާއި ވަގަށް މަށަށް ރޮށިކޮޅުކޮޅު ނުދިންނަމަ މަ ހުންނަން ޖެހޭނީ ނުކައި. ދެން ރަނާދައްތަ މަށަށް ދޭކާއެތިކޮޅުން މަ ދިރިމިއުޅެނީ." ފުރަތަމަ ފަހަރަށް އިނާޒު މަންމަޔާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. މިޒާޖުގައި މި އާދަނެތް އިނާޒުގެ މި އަމަލުން މަންމައައީ އަމަށަކު ރުޅިއެއް ނޫނެވެ.
"ހަމަމިހާރު މިތަނުން ރައްކާވޭ. ތީ މަގޭ ދަރިއެއް ނޫން. ތިޔަ ރީނާޒާއެކު ހަމްޒާމެން ގެއަށްދޭ. ތީ މަށަށް މަރުވެފައި ހުރި އެއްޗެއް." އިނާޒާއި ދިމާއަށް ރަތްކުޅުގަނޑު ޖެހިއެވެ.
"ހަމްޒާބޭ. އަޅުގަނޑު ގެންދަވާ. މިރޭ މިގޭގައި އަޅުގަނޑަކަށް އޮންނާކަށް ނުކެރޭނެ." އިނާޒު ބިރުން ރޫރޫއަޅައެވެ.
"އެކޮއި ދެރަނުވޭ. އަހަރެންނާއެކު އާދޭ." ހަމްޒާ އިނާޒުގެ އަތުގައި ހިފިއެވެ.
"ކަލޯ ދެން ދުވަހަކުވެސް މިގެއަށް ނުވަންނާތި." އެ އަންހެން މީހާ ގޮވަމުން ދިޔައެވެ. ބޯވާރޭ ގަނޑުގައި އެދެމީހުން ބާރަށް ހިނގާފައި ދިޔައެވެ. ގެއަށް ވަދެވުމުން އިނާޒަށް ލިބުނީ ފިނި މަރުހަބާއެކެވެ. ނަމަވެސް ވަހީދާގެ ފަރާތުން ލިބުނު ކަޅުސައިތައްޓަކީ މިއަދު ހަތަރުދަމު އޭނާ އެތެރެއަށްޓަށް ލެވުނު ފުރަތަމަ ކާނާއެވެ.
(ނުނިމޭ)
