ބިންހެލުންތަކާއި، ތޫފާނުތަކާއި، ކޭތައާއި ރެއާއި ދުވާލާއި އިރާއި ހަނދާއި، ފިންޏާއި ހޫނާއި، ތަރިތަކާއި ފަލަކުތަކަކީ، ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަންކަމެވެ. ﷲ ގެ އެއްކައުވަންތަކަމަށް ދަލީލުކޮށްދޭ އަލިގަދަ ގެ ހެކިތަކެވެ. އެއިލާހުގެ ތަދުބީރުކުރެއްވުމުގެ ފުރިހަމަކަން ބަޔާންކޮށްދޭ އަލާމާތްތަކެވެ. އަދި އެއީ އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންކުރުން ޙައްގުވެގެންނުވާކަން ބަޔާންކޮށްދޭ އަލިގަދަ ދަލީލުތަކެވެ. އަދި މުޅި ކާއިނާތުގައިވާ ހުރިހާ އެއްޗެއް ވަނީ ﷲ އަށް ބޭނުންޖެހިފައިކަމާއި، ﷲ އީ ފުދިވޮޑިގެންވާ އިލާހުކަމަށް، މި ހެކިތަކުން ފާޅުވެ ބަޔާންކޮށްދެއެވެ.
ދުނިޔޭގެ ޙަޔާތަކީ އިމްތިޙާނުގެ ގޮވައްޗެކެވެ ޙަޔާތުގައި ﷲ سبحانه وتعالى ކުރިމަތި ކުރައްވާ ކޮންމެ ކަމަކީ، އޭގައި އެކަލާނގެ ދެނެވޮޑިގެންވާ، ގިނަ ޙިކްމަތްތަކެއް އެކުލެވިގެންވާ ކަންތައްތަކެވެ. އަޅުތަކުންނަށް ޙިކްމަތް ނޭނގުނު ނަމަވެސް މެއެވެ.
ދުންޔަވީ ޙަޔާތުގައި އިމްތިޙާނުތަކާ ކުރިމަތިލާން ޖެހޭނެކަން ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ * الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ * أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ ﴾
މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި
ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣުފިރަތާއި ރަޙްމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ."
މިފަދަ އިމްތިޙާނުތަކުގެ ތެރޭގައި، ބިންހެލުންފަދަ ކާރިސާތައް ހިމެނިގެން ވެއެވެ. އޭގެ ސަބަބުން ގެތައް ފުނޑުފުނޑުވެ، ގެތަކުގެ އަހުލުވެރިންގެ ތެރެއިން ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެ، އެތައް ބައެއްގެ މުދާތައް ހަލާކުވެ ނެތިދެއެވެ. ދުންޔަވީ ޙަޔާތަކީ މިފަދަ އިމްތިޙާނުތަކުގެ ގޮވައްޗެއްކަން ކީރިތިވަންތަ ﷲ ގެ ފޮތުގައި އެއިލާހު ވަނީ ބަޔާންކޮށް ދެއްވާފައެވެ.
ފާއިތުވި ހަފްތާގެ ހޯމަދުވަހު ފަތިހުގެ ހަމަހިމޭން ވަގުތުގެ ނިދިން، ތުރުކީ ވިލާތުގެ ދެކުނާއި ސޫރިޔާގެ އުތުރު ސަރަހައްދުގެ އަހުލުވެރިން ހޭލައްވާލީ ގަދަފަދަ ބިންހެލުމަކާއެކީގައެވެ. ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް އެސަރަހައްދަށް ނާންނަވަރުގެ، ގަދަފަދަ ބިންހެލުމެކެވެ. އެތައް ޢިމާރާތެއް، އެތަންތަނުގައި ނިދާފައިތިބި އެތައް ހާސް ބަޔަކާއެކު ވެއްޓި ފުނޑުފުނޑުވެގެން ދިޔައީއެވެ. ފުރަތަމަ ބިންހެލުމަށްފަހު ގިނަ އިރުތަކެއް ނުވެ ހަމަ އެސަރަހައްދަށް ބާރުގަދަ އިތުރު ބިންހެލުމެއް ކުރިމަތި ވިއެވެ. އަދި ވެއްޓުނު އިމާރާތްތައް ނަގައި ސާފުކޮށް މަރުވި މީހުންގެ ހަށިތައް ނަގަމުންދާއިރު، އެތައް ހާސް ޢާއިލާތަކެއް ބިކަވެ، ޙާލުގައި ޖެހިފައިވެއެވެ. އެތައް ހާސް ބަޔަކަށް އަނިޔާލިބިފައިވެއެވެ. މޫސުގެ ގަދަ ފިނީގެ ތެރޭގައި، އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުންނެވެ.
މަޢުލޫމާތުު: (ހުކުރު ޚުޠުބާ)
