ވާހަކަ: ލީޝަން – 31

(15 ފެބްރުއަރީ 2023 ގެ ނޫހާއި ގުޅޭ)

ލީޝަންގެ ހިތާމަތައް މަޑުމަޑުން ދުރަށްދެވެންފެށީ ޔައީންގެ ނަސޭހަތް ގަބޫލުކޮށްގެން ގޭގެ މަސައްކަތާއި ޒީޝަންގެ މަސައްކަތުގައި އަވަދިނެތި އުޅެންފެށުމުންނެވެ. އޭނާގެ ހުރިހާވަގުތެއް މިހާރު ހުސްވެފައިވަނީ ޔައީނު ރުޅިނާންނަ ގޮތަށް މަސައްކަތް ކުރެވޭތޯއެވެ. ޔައީން ހިތްހަމަޖެހޭނަމަ އޭނާ އުފާވެއެވެ. ޔައީން މަސައްކަތް ނިންމާފައި އަންނަވަގުތަށް އޭނާއަށް އިންތިޒާރު ކުރެވެއެވެ. ޔައީންގެ ސަމާލުކަން ހޯދުމަށްޓަކައި އޭނާއަށް ރީތިވެވޭކަން ފާހަގަ ކުރެވެންފެށިއެވެ. ނަމަވެސް މިއީ ކީއްވެގެން ވާކަމެއްކަން އޭނާއަކަށް ނޭނގެއެވެ. ޔައީން ޒީޝަންއާއި މަޖާކުރާއިއިރު އެތަނަށްގޮސް ބައިވެރިވާ ހިތް ވެއެވެ. ޔައީނާ  ވާހަކަ ދައްކާ ހިތްވެއެވެ. ނަމަވެސް ނޭނގޭ ޖެހިލުންވުމެއް އޭނާ ޔައީނާއި ދުރުކުރުވައެވެ.

ވިއްސާރަ މޫސުންކަމުން ޔައީން މަސައްކަތުން އެނބުރި އައުމަށްފަހު ބޭރަކަށް ނުދެއެވެ. އޭނާ ޒީޝަން ގޮވައިގެން ސިޓިން ރޫމުގައި ކުޅެން އުޅުނެވެ. ލީޝަންވެސް އެމީހުންނާއި ބައިވެރިވެލުމަށް ދިޔައެވެ. އެކަކު އަނެކަކަށް މަޑު ބޯޅަތައް އުކާހެދިއެވެ. މިހެން އުޅޭއިރު ބައެއްފަހަރު ޔައީން ލީޝަންގަޔަށްވެސް ބޯޅަ އެއްލައެވެ. ނަމަވެސް އޭނާ ދުރުވެވޭތޯ ބަލައެވެ.  ޒީޝަންއަށް ކާންދީ ހެދުމަށްފަހު ޒީޝަންއާ ޔައީނާ ދެމީހުން ތިބީ ކުޑަކުދިންގެ ލަވަތަކެއް ބަލާށެވެ. ލީޝަން ކާންހަދައިގެން ގޮވަން އައިއިރު އެދެމީހުން ތިބީ ނިދާފައެވެ. ލީޝަން ޒީޝަންނަގާ އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ. އޭނާއަށް ޔައީން ފެނުމުން އާދަޔާ ޚިލާފު ރީތިކަމެއް ފާހަގަ ކުރެވުނެވެ. ޔައީނަށް ނިދިފައި އޮންނައިރު ފެންނަނީ ޒުވާންކަމާއި ފިރިހެންވަންތަކަމެވެ.

ސޯފާއިން ބޭރަށް އެލިފައި އޮތް ޔައީންގެ އަތް ނަގާ ސޯފާއަށް ލައިދިނެވެ. އޭނާ ސޯފާގައި އިނީ ޔައީން ކެއީމާ ނޫނީ ނުނިދަންވެގެންނެވެ. ޓީވީގެ އަޑުމަޑުކޮށްގެން ބަލަން އިނީ ޔައީނަށް ހޭލެވިދާނެތީއެވެ. އޭނާ އަށް ޔައީނާ ދޭތެރޭ ވިސްނެން ފެށިތާ ކިތަންމެ ދުވަހެކެވެ. އޭނާ ބޭނުންވަނީ އަބަދަށްޓަކައި ޔައީންގެ އަނތްބަކަށް ވެގެން އޭނާއަށް ޚިދުމަތް ކުރާށެވެ. އޭނާގެ މުޅި ދިރިއުޅުން ޔައީނަށްޓަކައި ހުސްކޮށްލާށެވެ. ހުރިހާ ކަމެއްގައި ކިޔަމަންތެރިކަމާއެކު ޔައީންގެ އަޅަކަށް ވެގެން އިންނާށެވެ. ޔައީނަށް ބައިވަރު ކުދިން ހޯދައިދޭށެވެ. އެކުދިންނާއެކު ފަޅު ރަށަކަށް ދަތުރު ދާށެވެ. ފަޅު ރަށެއްގައި ޔައީނާއެކު އުޅުނު ގޮތް އޭނާ ހަނދާންވިއެވެ.

ކަނޑިތީމު އޮފީހުގައި އޭނާ ހައްޔަރުވެފައި އިންދާ ސަލާމަތް ކޮށްދިނެވެ. ގަދަވިއްސާރާއިގައި ހުޅިނަގާފައި އައި ރާޅުތަކުން ސަލާމަތް ކޮށްދިނެވެ. ފަރުމައްޗަށް ބަންޑުން ޖަހާލި ލޯންޗުން އޭނާ ސަލާމަތް ކޮށްދިނެވެ. ފަޅުރަށެއްގައި އޯގާތެރިވެދީ ކާންދީ ދެރޭވަންދެން އިއްފަތްތެރިކަމާއެކު ބަލަހައްޓަދިނެވެ. ބަލިވެ ނުކުޅުދޭ ހާލުގައިވާ ބައްޕަ މަރުވަންދެން ބަލާދިނެވެ. އޭނާއަށް ނިސްބަތްވާ ވިޔަފާރި ބަނގުރޫޓްވެފައިވަނިކޮށް ނަގަހައްޓައިދީ ތަރައްގީކުރިއެވެ. އެކަމަކު އޭނާއަށް ކޮށްދެވުނީ ކޮންކަމެއް ހެއްޔެވެ؟ މުޅީންވެސް އަނިޔާއެވެ. މަލާމާތެވެ. ދެރަކޮށްލުމެވެ. އެކަހެރި ކޮށްލުމެވެ. ކުއްލިއަކަށް އޭނާއަށް ރޮވެން ފެށިއެވެ. އޭނާ ބޭނުމީ ޔައީނެވެ. ޔައީންގެ ހިމާޔަތެވެ. ޔައީންގެ ބާރުގަދަ ދެއަތުގެ ތެރޭގައި މާފަށް އެދުމެވެ. ޔައީންގެ ހަގީގީ އަނތްބަކަށްވެ ފުރިހަމަ މާނައިގައި އެގުޅުން ދެމެހެއްޓުމެވެ. ނަމަވެސް އޭނާއަކަށް ނުކެރެއެވެ. ވާހަކަދައްކަން ޖެހިލުންވެއެވެ. ޔައީނު ފެނުމުން މިޒާޖު ބަދަލުވެ ޖެހިލުން ވާގޮތް ވެއެވެ.

މެންދަމު ބާރަ ޖެހިއިރު ޔައީނަށް ހޭލެވުނީ އޮވެވުނު ގޮތުން ގަޔަށް ތަދުވެގެންނެވެ. އޭރު އަޅުވާފައި ހުރި ލަވަސީޑީވަނީ ނިވިފައެވެ. އެކަމަކު ޓީވީ ހުޅުވާފައިހުރިގޮތަށް ހުއްޓެވެ. މުޅި ގެއަށް ވެރިވެފައިވަނީ ދަންވަރުގެ ހަމަހިމޭންކަމެވެ. އޭނާ ތެދުވެ ވަށައިގެން ހޯދާލީ ލީޝަން ނެތުމުންނެވެ. އޭރު  ލީޝަން އޮތީ ސޯފާގައި ނިދާފައެވެ. ޒީޝަން ނެތުމާއެކު އޭނާގެ އިންތިޒާރުގައި އިނދެ ލީޝަންއަށް ނިދުނީކަން އިހުސާސް ކުރެވުނެވެ.

"ލީޝަން" ސިއްސައިގެން ގޮސް ހޭލެވުނު ލީޝަން ކުއްލިއަކަށް ތެދުވިއެވެ.

"ހިނގާ ކާންދާން. އަހަރެން މިއައީ ކާންހަދާފައި." ލީޝަން ތެދުވެލާފައި އިސްޖަހާލިއެވެ. އަދި ހެދުން ރަނގަޅު ކޮށްލާ ބޮލުގެ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ.

ލީޝަން ދިޔައީ ޔައީންގެ ފަހަތުންނެވެ. ކައިނިމުނުއިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އާދަޔާ ޚިލާފު އަސަރުތަކެއް އެދެމީހުންވަނީ ހިމޭން ކުރުވާފައެވެ. ޔައީން އެއްޗެއް ބުނެފާނެކަމުގެ އިންތިޒާރުގައި ލީޝަން އިނީ ޚާދިމެއް ފަދައިންނެވެ. ކައި އަވަދިވުމުން ޔައީން ހަމަ އެހިމޭންކަމާއެކީ ކޮޓަރިއަށް ދިޔައެވެ. އޭނާ ނިދާ ހެދުން ބަދަލުކޮށް  ބެޑު ޝީޓްނަގާ ތިރީގައި އޮށޯތެވެ. ރަހީމް ނިޔާވިފަހުން ކޮންމެ ރެއަކުވެސް ޔައީން މިހާރު ނިދަނީ ތިރީގައެވެ. ފެހި ކުލައިގެ ނިދާ ބޮކީގެ ފަނޑު އަލީގައި ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ލީޝަންގެ ހިތް އެދި ގޮވަމުންދިޔައީ ޔައީނަށެވެ. ޔައީން ވާހަކައެއް ބުނެލާތޯ އިންތިޒާރުކުރަމުންނެވެ. އޭނާ ޔައީނުގެ ކޮންމެ ހަރަކާތަކަށްވެސް ޝައުގު ވެރިވެވެއެވެ. ކޮންމެ ވާހަކައެއް އެހުމަށް ސަމާލުކަން ދެވެއެވެ.

އޭނާ ބޭނުންވަނީ ޔައީން ހިތް ހަމަޖެހެންދެން އޭނާއަށް އެއްޗިހި ކިޔުމަށެވެ. އޭނާ ދެރަކޮށްލުމަށެވެ. އޭނާ ޔައީން ގާތު ރޯހިތްވަނީއެވެ. ކޮންމެވެސް ގޮތަކުން ޔައީންގެ އޯގާތެރިކަން ބޭނުންވަނީއެވެ. ޔައީނާ ވާހަކަ ދައްކާ ހިތްވަނީއެވެ. މި ދުރުމިނާއި މި ހިމޭން ކަމަކީ އޭނާއަށް ކެތް ކުރެވޭވަރު ކަމެއްނޫނެވެ. އޭނާ މަޑުމަޑުން ތެދުވިއެވެ. އަދި ނިދިފައި އޮތް ޔައީން ގާތުގައި ހުއްޓުނެވެ. އަދި ސިއްރު ސިއްރުން ޔައީންގެ މޫނަށް ބަލާލިއެވެ. އެއީ އޭނާއަށް އެތައް އުފަލެއް ހާސިލްވާ އެމޫނެއް ދެކެން އެންމެ ބޭނުންވާ މޫނެވެ. އޭނާ މަޑު މަޑުން ޔައީންގެ ގާތުގައި އޮށޯތެވެ. އަދި މަޑުމަޑުން ލޯމަރާލިއެވެ. ޔައީނާއެކު ހޭދަކޮށްފައިވާ މަޖާވަގުތުކޮޅުތައް ޚިޔާލަށް ގެނައެވެ. އެއީ އެފަޅުރަށުގައި އެކަކު އަނެކަކަށް އޯގާތެރިވީ ވަގުތުކޮޅުތަކެވެ. އެކަކު އަނެކަކަށް އެހީތެރިވީ ވަގުތުކޮޅުތަކެވެ. ޔައީނަށް ހޭލެވުނީ ކުއްލިއަކަށެވެ. ނަމަވެސް އޭނާ އޮތީ ހޭލައިގެންކަން ލީޝަންއަށް އެނގޭކަށް ބޭނުމެއްނޫނެވެ. އޭނާވެސް ލޯމަރައިގެން އޮތީ ލީޝަންގެ ބަދަލުވަމުންދާ މިޒާޖާ ދޭތެރޭ ވިސްނާށެވެ. އެފޮނި އަންހެންކުއްޖާ މިދުވަސްކޮޅު އާދަޔާ ޚިލާފަށް ހިމޭންވެފައިވާތަން އޭނާއަށް ފެނެއެވެ. އަތުންފައިން ކަމެއްކުރަން ނުދަންނަ ކަންނެތްކުއްޖާ މަސައްކަތް ކުރާތީވެސް ފެނެއެވެ. ޔައީނާ ވާހަކަދެއްކުމުގައި މަޑުމައިތިރިކަންވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް ލީޝަންގެ ބޮޑާގޮތް ބަދަލުވާނެކަމަކަށް ގަބޫލެއްނުކުރެވެއެވެ. ޔައީނަށް ހޭލެވުނީ ގަޑި ސޯނާވުމުން ކުއްލިއަކަށެވެ. އޭރުވެސް ލީޝަންއަކަށް ނުހޭލެވެއެވެ. ލީޝަންއަށް ހޭލެވުނީ ޔައީން ފާޚާނާއިން ނިކުތް އަޑަށެވެ.

މިހުރިހާ އިރެއްވީއިރުވެސް އޭނާއަށް އޮވެވުނީ މިތަނުގައިބާވައެވެ؟ އޭނާއަށް މިތަނަށް އާދެވުނީ ދަންވަރުގައިކަން ޔަގީންވިއެވެ. އެކަމަކު މިތާނގައި އޮތްކަން ޔައީނަށް މިއޮތީ އެނގިފައެވެ. އޭނާ ހީކުރާނީ ކީކޭބާވައެވެ؟

"މީ… މީ  ޒީޝަން ހޭލީތޯ ބަލާލަން ދާން އުޅެފަ.." އޭނާ ޔައީނަށް އޮޅުވާލެވޭތޯ ބެލި އެވެ.

"އަހަރެން ނާހަމެއްނު." ޔައީން އޯގާތެރިކަމެއް އަމުދުންނެތް ރާގެއްގައި ބުންޏެވެ. ލީޝަން އިސްޖަހައިގެން ހުރެވުނީ އޭނާއަށް ކުރެވުނު ކަންތަކުން ލަދުންނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް މިކުރެވުނީ ކޮންކަމެއް ބާވައެވެ؟ ޔައީން އޭނާއާމެދު ހީކުރާނީ ކީކޭބާވައެވެ؟ އެއީ ހަމަ އަދިވެސް އުޅުން ބަދަލުނުވާ ފިރިހެނުންގެ ފަހަތުން ދުވާ ލީޝަންކަން އޭނާގަބޫލު ކުރާނެކަން ޔަގީނެވެ. ސުބުހާނަﷲ އެވެ. އަހަރެން އެއުޅުން ބަދަލުކޮށްފީމެވެ. އެއީ ޔައީނަށްޓަކައި ހެޔޮހިތުން ހެޔޮނިޔަތުން ވީ އިސްލާހެކެވެ. ކުއްލިއަކަށް ނޭނގޭ ބިރުވެރިކަމަކުން އޭނާގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ.

"އަހަރެން…" ލީޝަންއަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ އަޑު ބެދިއްޖެއެވެ.

"ލީޝަން. ކަމެއް ގޯސްވީތަ؟ ނޫނީ އެއްޗަކަށް ދަތިވީތަ؟" އެދެމީހުންގެ މެދުގައިވާ ހިމޭންކަން ޔައީން މަޑުމަޑުން ނިމުމަކަށް ގެނައެވެ.

"ލީޝަން. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފައި އެބައޮތް. އެއީ އަހަރެމެން ތިންމީހުންނަށްވެސް ވަރަށް މުހިންމު ކަމެއް." މިފަހަރުވެސް ލީޝަން އިސްޖަހައިގެން ހުރުމުން ޔައީން އާދައިގެ ރާގެއްގައި ލީޝަންއަށް ބުންޏެވެ.

"ލީޝަން. ވިޔަފާރީގެ ހުރިހާކަމެއް ލީޝަންގެ ނަމަށްވާނީ ބަދަލު ކުރެވިފައި. ކޮންމެ ދުވަހަކު އޮފީހަށްގޮސް ވާނުވާ ބަލަނިކޮށް ރަނގަޅުވާނެ. އިތުރު މައްސަލައެއް ދިމާވިއްޔާ އަހަރެންނަށް ފޯނުކުރޭ."

"ޔައީން ތަނަކަށްދާން އުޅެނީތަ. ޔައީން އަންނަންދެން ނުބެލިއަކަސް އެހާބޮޑު ގެއްލުމެއް ނުވާނެއެއްނު." ލީޝަން އަށް އާދަޔާ ޚިލާފު ނުތަނަވަސްކަމެއް ވެރި ވެއްޖެއެވެ. ޔައީން އޭނާގެ ކުރިމަތިން ކުޑަ ހިނދުކޮޅަކަށްވެސް ގެއްލުމަކީ އޭނާ އެދޭނެ ގޮތެއްނޫނެވެ.

"ޒީޝަން އަހަރެންނާއެކު ދާނެ. އެއީ ޒީޝަން ބެލުމުގެ މަސްއޫލިއްޔަތު ވަނީ އަހަރެންގެ ބޮލުގަ އެޅިފައި. ޒީނާއަށްޓަކައި އަހަރެން ވަނީ އެކަމަށް ވަޢުދުވެފައި."

"ހެޔޮނުވާނެ. ޔައީން ކޮންވާހަކައެއްތަ ތިދައްކަނީ."

"ލީޝަން އެދޭފަދައިން  ލީޝަން އަހަރެންގެ ކިބައިން ދެން ސަލާމަތްވީ. އަހަރެން ބުނި ފަދައިން ލީޝަން ބޭނުން ގޮތަކަށް ދެން އުޅެވިދާނެ. އަހަރެން މިދަނީ ޒީޝަން ގޮވައިގެން ދާން." ޔައީން ދިޔައީ ޒީޝަންގޮވައިގެން ސިޓިންރޫމަށެވެ.

ލިޝަންއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ޔައީން ގައިގާ ހިފަހައްޓައިގެން ހުރެ އޭނާ ދޫކޮށްފައި ނުދާށޭ ބުނަންވެސް ހިތަށް އެރިއެވެ. ދެފައިގާ ހިފާ އޭނާ ދޫކޮށްފައި ނުދާށޭ ބުނެ އާދޭސް ކުރަންބޭނުމެވެ. ނަމަވެސް އޭނާ ހުރީ ހުއްޓުން އަރާފައެވެ. އޭނާ ޔައީނަށްޓަކައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނުވަނީ ކޮން ގުރުބާނެއް ހެއްޔެވެ؟ އޭނާގެ ރަހުމަތްތެރިން ދޫކޮށްލިއެވެ. ހުރިހާވަގުތެއް ޔައީނަށްޓަކައި ޔައީންގެ ހިތްހަމަޖެހުމަށްޓަކައި ހުސް ކުރިއެވެ. ޔައީނަށްޓަކައި ގޭތެރޭގެ ހުރިހާ މަސައްކަތެއް ދަސް ކުރިއެވެ. ނުހަނު އުނދަގުލުން ނަމަވެސް އޭނާގެ ހުރިހާކަމެއް ބަދަލުކުރިއެވެ. އެހެންނަމަވެސް މިއަދު ޔައީން އޭނާ ދޫކޮށްލަނީއެވެ.

އިރުކޮޅެއްވާއިރަށް އޭނާ ޒީޝަން ގޮވައިގެން ފުރާނެއެވެ. ދެން އޭނާއަކަށް ޔައީނެއް ނުފެންނާނެއެވެ. ޒީޝަންއާއި ވަކިވުމަކީ ޔައީނާއި ވަކިވުމަށްވުރެ ވަކިން ކުޑަ ހިތާމައެއް ނޫނެވެ. އޭނާވަނީ ޒީޝަންއާއި ދަރިކުލުނު ޖެހިފައެވެ. އެދެމީހުންނަކީ މިހާރު އޭނާގެ އުންމީދެވެ. ދިރިއުޅުމުގެ ހުވަފެނެވެ. އެދެމީހުންނާ ނުލައި ދިރިއުޅުމަކީ ދިރިއުޅުމެއް ނޫނެވެ. އެއީ ފަޅުކަމެކެވެ. އެކަނިވެރިކަމެކެވެ.

އޭނާ ބޭނުންވަނީ ޔައީން ހުއްޓުވާށެވެ. ނަމަވެސް ޔައީންގެ ކުރިމައްޗަށް ދާނެ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާ ރޮއިރޮއި ދެލޯ ދުޅަވެއްޖެއެވެ. ނަމަވެސް ޔައީނާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ. ޔައީންދެކެ އިންތިހާއަށް ލޯބިވާވާހަކަ ބުނާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ.

"ލީޝަން." ޔައީން ލީޝަންގެ ކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ. ލީޝަންގެ ކަރުނުން ތެމިފައިވާ ދުޅަވެފައިވާ ލޯ ޔައީނަށް ފެނުމުގެ ކުރިން ފުރަގަސް ދިނެވެ.

"މިހުރީ ވިޔަފާރީގެ ހުރިހާ ލިޔެކިޔުންތަކެއް. ވީހާވެސް އަވަހަކަށް ލީޝަން މިނިވަންކޮށްދިނުމުގެ ހުރިހާ ރަސްމީ ކަންތައްތަކެއް ނިންމޭތޯ ބަލާނަން." އޭނާ އަތުގައި އޮތް ފައިލު ދިއްކޮށްލަމުން ބުންޏެވެ. ލީޝަން ހުރީ ބަހެއްވެސް ބުނަން ނޭނގިފައެވެ. ކުއްލިއަކަށް ޔައީން އޭނާ ދޫކޮށްލާފައި ހިނގައިދާނެޔޭ ހީކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ހަމަ އެހާ ހަރުކަށި ވެދާނެ ބާވައެވެ؟ މިއީ ކޮންފަދަ ބޮޑު އަނިޔާވެރިއެއްހެއްޔެވެ؟ އަހަރެން އޭނާއަށްޓަކައި ވީ ގުރުބާނީ އިހުސާސް ނުކުރެވެނީ ހެއްޔެވެ؟ އަހަރެން އޭނާއަށްޓަކައި ވީ ލޯބި ފާހަގަ ނުކުރެވެނީ ހެއްޔެވެ؟ އަހަރެންނަށް އަދިވެސް މާފު ނުކުރަނީ ހެއްޔެވެ؟

"އަހަރެންނާއި ޒީޝަން ދުރުކޮށްލަނީތަ؟ " ތުރުތުރު އަޅާއަޑަކުން އޭނާއަށް ބުނެވުނީ އެވަރަށެވެ. ނަމަވެސް އެއަޑެއް ޔައީނަކަށް ނީވެއެވެ. އޭނާ ވަނީ އެއަށްވުރެ ދުރުގައެވެ. ޒީޝަންގެ އެއްޗިއްސާއި އޭނާގެ ބައެއްއެއްޗިހި ދަބަހަކަށް ލައިގެން ޒީޝަން އުރާލައިގެން އޭނާ ނިކުތެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *