ވީމޭ ވަފާތެރި! އެހެނަސް… (8)

ކުއްލިއަކަށް އޭނާއަށް ފެނުނީ ލޫޠު ޒައިބާގެ ފޮށި ހިފައިގެން ހިނގައިގަތްތަނެވެ. ފަހަތުން ޒައިބާވެސް ހިނގައިގަތްތަން ފެނުނެވެ. އޭރު އަކްރަމްގެ ލޮލުތެރެ ކަރުނައިން ފުރެން ފަށައިފިއެވެ. ދުނިޔެއިންވެސް އޭނާ އެންމެ ލޯބިވާ އިންސާނާ، ބޭވަފާތެރިވާތަން އެދެލޮލުން ބަލާކަށް ބޭނުމެއްނޫނެވެ. އެމަންޒަރު ދެކުމަށްވުރެ، ފުރާނަ ދިޔުންވެސް އޭނާއަށް މާރަނގަޅުކަމުގައި ހީކުރެވުނެވެ. އެހިނދު ބޭއިޚްތިޔާރުގައި ހިތުގެ އަޑިން ޒައިބާއަށް ނަފްރަތުކުރެވެން ފެށުނެވެ. ޒައިބާގެ ސޫރަދެކެ ރުޅިއާދެވެން ފެށުނެވެ. ޒައިބާގެ ހުރިހާ ވާހަކަތަކެއްވެސް ދޮގު ކުރެވެން ފެށުނެވެ. އެހިނދު އެމީހުންގެ ފަހަތުންދާން އޭނާ ބޭނުންވިއެވެ. ސިއްރުން ބައްދަލުކުރިކަން ފެނުނުކަމުގައި ބުނަން ބޭނުންވިއެވެ. ނަމަވެސް އަކްރަމަށް އެހިތްވަރެއް ނުލިބުނެވެ. ފިޔަވަޅު އެޅެނީ ހައްތަހާ ފަހަތަށެވެ. އައިކޮޅަށް ދާން މިސްރާބުޖެހީ ޒައިބާގެ ކުރިމައްޗަށް ގޮސް ހަތަރުކަޅި ހަމަކުރަން އޭނާގެ ހިތް ނޭދުމުންނެވެ.

ދުރަށް ހިނގައިގަންނަމުންވެސް އަކްރަމަށް ފަހަތް ބަލާލެވުނެވެ. ކަރުނައިން ފުރިގެންވާ ލޮލުގެ ތެރެއިން އޭނާއަށް ޒައިބާމެން ފެނުނީ ވަރަށްވެސް ފުސްކޮށެވެ. ހިންދިރުވާލުމަށްފަހު އޭނާ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ފައިން ވާގިދާފަދަ ވޭނީ އިޙްސާސެއް ކުރެވެން ފެށުމުން ކައިރީގައި ހުރި ގަހުގައި އޭނާއަށް ލެނގިލެވުނެވެ. އޭރުވެސް އޭނާގެ މޭ ބާރުބާރަށް ތެޅޭކަން އެނގެއެވެ. މެޔަށް ތަދުވާކަހަލަ ގޮތެއް ވާކަންވެސް އެނގުނެވެ. ނަމަވެސް ޒައިބާ އޭނާއަށް ދިން ހިތްދަތިކަމުގެ ސަބަބުން ހިތްވަރު ދޫކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ކެތްތެރިކަމާއެކު އެކަމާ ކުރިމަތިލުމަށް އޭނާގެ ހިތް އޭރުވެސް ބުނަމުންދާ ކަހަލައެވެ. އިރުކޮޅަކު ގަސްދަށުގައި މަޑުކޮށްލުމަށްފަހު އަކްރަމް އެއްގަމަށް އަރަން ހިނގައިގަތެވެ. އޭރު ސިކުނޑިތެރޭ އެނބުރެމުންދަނީ ގެއަށް ދިޔުމުން މަންމަމެން ކުރާނެ ސުވާލުތަކެވެ.

ދޮރާށި ހުޅުވުނު އަޑަށް ސިޓިންގްރޫމްގައި އިން ޝަކީލާ ފުންމައިގެން ތެދުވެ ބޭރަށް ނިކުތެވެ. ގައިން ވަރު ހުސްވެފައިވާ މީހެއް ފަދައިން ހިނގާފައި އަންނަ އަކްރަމް ފެނި ޝަކީލާއަށް ލިބުނީ ހައިރާންކަމެވެ. އެއްވެސް ހަރަކާތެއްނެތި އައިސް އަކްރަމް ހުއްޓުނީ ސީދާ ޝަކީލާގެ ކުރިމަތީގައެވެ.

" ކީކޯ ޒައިބާ ބުނީ؟ އެއީ ކިހިނެއް ހިނގި ކަމެކޯ ބުނީ؟ "

ޝަކީލާ ހުރީ އަކްރަމްގެ އަވަސް ޖަވާބަކަށް ބޭނުންވެފައެވެ. ނަމަވެސް އަކްރަމަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އެހެންކަމުން މަންމަގެ ސުވާލަށް ޖަވާބެއް ނުދީ އޭނާ މަންމައަށް ފުރަގަސްދިނެވެ.

" ޒައިބާ މިގެއަށް ނައީތަ؟ "

ދޮރުމަތީގައި ހުރި ޙަކީމް އެހެން ބުނުމާއެކު ޝަކީލާ ޙަކީމަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.

" މީނަ ދައްކާ ވާހަކަ! ޒައިބާ މިގެއަށް އަންނަން ޖެހޭތަ؟ އަދިވެސް ތިއުޅެނީ އޭނަ މިގެއަށް ނުގެނެވިގެންދޯ؟ "

ޙަކީމާ ދިމާއަށް ޝަކީލާ ފަތިވަރު އަމުނާލުމުން ޙަކީމްގާތަށްވެސް ރުޅިއައެވެ.

" މަށަކަށް ދުވަހަކުވެސް ނުބުނެވޭނެ ރަނގަޅު އެއްޗެއް! މަ އެއްޗެއް ބުނެފިއްޔާ ޝަކީލާ ހީވާނީ އެހެން ފަދަ ކަމެއް ވެގެން އުޅޭހެން. މީނަ ވަރިހަމަ ދަރިން ނޮޅައިގެން ކެޔަސް.."

ޝަކީލާއާ އިތުރަށް ޒުވާބުކުރަން ބޭނުން ނުވާތީ ޙަކީމް އެހެން ބުނެ، އެތެރެއަށްވަނެވެ.

" ހެޔޮނުވާނެ ނާޝިޒް! ތިހެން ނަހަދާ! އަހަރެން ނާޝިޒް ދައްކާ ވާހަކަ ޤަބޫލު ކުރަމެއްނޫންތަ؟"

ދަބަސް ގަނޑެއް ހިފައިގެން ބާރުބާރަށް ނިކުމެގެން އައި ނާޝިޒް ހުއްޓުވީ ގޭތެރެއިން ދުވެފައި ނިކުތް އާތިކާއެވެ. ނާޝިޒްގެ އަތުގައި އެލުވާލާފައިއޮތް ދަބަހުގައި ހިފަހައްޓައިގެން އާތިކާ ހުރީ ރޮއިލަ ރޮއިލައެވެ.

" ދެން އަހަރެން ކީއްކުރަންތަ މަޑުކުރަންވީ؟ އަކްރަމަށްވެސް ގޯސްވީ އަހަންނެއްނު! "

ލޮލުގެ ހިމަކޮޅުން އަކްރަމަށް ބަލާލަމުން ނާޝިޒް ބުނެލިއެވެ. އެއާއެކު އާތިކާ ގޮސް ހުއްޓުނީ އަކްރަމްގެ ކުރިމަތީގައެވެ.

" ދޮންތަގެ ދިރިއުޅުން ހަލާކުވެ މިދަނީ ހަމަ އަކްރަމްގެ ސަބަބުން! "

" ހަލާކުވެގެންދިޔައީ ދޮންތަގެ ދިރިއުޅުމެއްނޫން! އަހަރެންގެ ދިރިއުޅުންވެސް……! "

އެހެން ބުނުމާއެކު އަކްރަމްގެ އަޑު ކެނޑުނެވެ. އަކްރަމް އެހެން ބުނުމުން އެންމެންވެސް ޝައުގުވެރިވިއެވެ. ޒައިބާ ހޯދަން އޭނާ ނިކުތީ ފުރިހަމަ އުއްމީދާއިއެކުގައިކަން އެންމެންނަށްވެސް އެނގެއެވެ. އެނބުރި އައީ ނާއުއްމީދުވެގެންކަން އަކްރަމްގެ މޫނުގެ ކުލަވަރުން ހެކިދެއެވެ.

" އެހެންވެޔޭ މަންމަ މިބުނަނީ ބުނެބަލާށޭ! "

އަކްރަމްގެ ދެކޮނޑުގައި ހިފަމުން ޝަކީލާ ބުނެލިއެވެ. އަކްރަމް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ނާޝިޒް ހުއްޓެވެ. އަކްރަމް ބަލާލީ ނާޝިޒްގެ މޫނަށެވެ.

" އަހަންނަށް މަޢާފްކުރޭ ދޮންތަބޭ! ދޮންތަބޭގެ އެއްވެސް ކުށެއް ނެތް! "

އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އަކްރަމް ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. ޒައިބާއާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކާނެ ހިތްވަރެއް އޭނާގެ ނެތެވެ. ފެނުނު މަންޒަރުތައް ކިޔައިދޭކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ލިބުނު ހިތްދަތިކަން ހާމަކުރާކަށް ހިތެއް ނޭދުނެވެ. އަކްރަމް ބޭނުންވަނީ އެކަނިވެލާށެވެ. އެއްވެސް މީހެއްގެ ހަމްދަރުދީއެއް އެހީތެރިކަމެއް ބޭނުމެއް ނޫނެވެ. އެހެންކަމުން ކޮޓަރިއަށް ގޮސް ތަޅުލީ މަންމަ ގޮވަގޮވާ ހުއްޓައެވެ.

" ޒައި ބޭނުން ދުވަހެއް ވަންދެން މިގޭގަ ހުރެވޭނެ! ތީ މިހާރު މި ޢާއިލާ މެމްބަރެއް! "

ޒަައިބާއަށް ފެންތައްޓެއް ދިއްކޮށްލަމުން މަރީ ބުނެލިއެވެ. ހިނިތުންވެލަން ބޭނުންވި ނަމަވެސް ޒައިބާއަށް އެހިތްވަރެއް ނުލިބުނެވެ. ފެންތަށީގައި ހިފި ނަމަވެސް ބޯނެ ހިތްވަރެއްވެސް ނުލިބުނެވެ.

" ފެން ފޮދެއް ބޯލާ، ހަމަޖެހިލަބަލަ! "

އޯގާތެރިކަމާއެކު ލޫޠު އެހެން ބުނުމުން ޒައިބާ ގަދަކަމުން ހިނިތުންވެލިއެވެ. އެމީހުން ތިބީ މަރީގެ ކޮޓަރީގައެވެ. ލޫޠު ޒައިބާ ގޮވައިގެން މަރީގެ ގެއަށް އައީ މަރީގެ އެދުމަށެވެ.

" އަހަންނަށް ޔަޤީން އަކްރަމް އެމީހުންގެ ވާހަކަ ގަބޫލެއް ނުކުރާނެކަން! ހަމަ ޔަޤީން.."

އިތުބާރާއެކު މަރީ އެހެން ބުނުމުން ޒައިބާއަށް ބޭއިޚްތިޔާރުގައި ދެފަރާތަށް ބޯހޫރާލެވުނެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ޒައިބާ އިން އިރު، މަރީ އިނީ މަގަތުގައެވެ. ކައިރީގައި ހުރި ގޮނޑިއެއްގައި ލޫޠު އިނީ ސީދާ ޒައިބާއަށް ބަލަހައްޓައިގެންނެވެ.

" ކީއްވެގެންތަ ނޫނެކޭ ތިބުނަނީ؟ އަކްރަމް ޒައިބާދެކެ ލޯބިވާވަރު އަހަންނަށްވެސް އެނގެޔޭ! "

ޒައިބާގެ އަތުގައި އަތް ޖައްސާލަމުން މަރީ ބުނެލިއެވެ. އޭނާ ބޭނުންވަނީ ޒައިބާގެ ހިތުގައި ހުރި ހުރިހާ އުދާހެއް ބޭރުކުރުވާށެވެ.

" ދެން ކީއްވެ އަކޫ އަހަރެން ހޯދަން ނޫޅެނީ؟ "

ޒައިބާ ދެރަވީ އެހެންވެގެންނެވެ. އަކްރަމް މިއަދު އަންނަކަން ޝަކީލާގެ ފަރާތުން އޭނާއަށް އޮތީ އެނގިފައެވެ.

" ޒައި މިތަނުގައި އިންކަމެއް އަކްރަމަކަށް ނޭނގޭނެއެއްނު! އަހަރެން އަކޫއަށް ގުޅާލަންތަ؟ "

ފޯން ނަގަމުން މަރީ ބުނެލިއެވެ. ޒައިބާ އިންކާރު ނުކުރުމުން މަރީ އަކްރަމަށް ގުޅިއެވެ. ދެފަހަރަކު ގުޅުމުންވެސް އަކްރަމް ފޯނެއް ނުނެގިއެވެ.

" އަކޫއަށް އެނގޭނެ އަހަރެން ނިކުމެގެން ދާނެ ތަނެއް ނުހުންނާނެކަން.. އަހަރެން އެންމެ ގާތްވާނީ މަރީއާކަންވެސް އެނގޭނެ! އަހަރެން އަޔަސް އަންނާނީ މިގެއަށްކަންވެސް އޭނައަށް އެނގޭނެ! ދެން ކީއްވެ އަކޫ އެއްވެސް ޚަބަރެއް ނުވަނީ! އެމީހުން ދެއްކި ވާހަކަތައް ގަބޫލުކުރީކަމަށްވެސް ވެދާނެ އެއްނު! "

ރޮވިފައި އިނދެ ޒައިބާ ވާހަކަ ދައްކަމުންދިޔައެވެ. އޭނާގެ ހިތުގައި ފުނިޖެހިފައިހުރި ޝަކުވާތައް ބޭއިޚްތިޔާރުގައި ބޭރުކުރެވެންފެށީ ހިތަށް ކުޅަދާނަ ނުވީމައެވެ.

" އަކްރަމަކީ އެހާ ނުވިސްނޭ މީހެއްނޫން! ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އޭނަ މިކަމުގެ ދެކޮޅު ބަލާނެ! އަހަރެން އަދިވެސް އަކްރަމަށް ގުޅޭތޯ ބަލާނަން.. ޖައްސާލައިގެން އޮވޭ! ނިދާލެވޭތޯ ބަލާ! "

ތެދުވަމުން މަރީ ބުނެލިއެވެ. މަރީ ތެދުވުމާއެކު ލޫޠުވެސް ތެދުވެއްޖެއެވެ. ޒައިބާ މާވަރަކަށް އަކްރަމްގެ ވާހަކަ ދައްކާތީ ލޫޠުއަށް ހުރީ އުނދަގޫވެފައެވެ. އެހެނަސް އެއީ ލޫޠުއަށް ހިފެހެއްޓޭނެ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. ލޫޠުއަށް އޮތީ ކެތްތެރިކަމާއެކު އިންތިޒާރުކުރުން ކަންވެސް އޭނާއަށް އެނގެއެވެ.

" ދަނީތަ ލޫޠު؟"

މަރީ ނިކުމެގެން ދިޔުމާއެކު ޒައިބާ އަހާލިއެވެ. އޭރު ލޫޠުވެސް ހުރީ ދޮރާއި އަރާ ހަމަވެފައެވެ. އޭނާ ފަސްއެނބުރި ބަލާލަމުން ދެޖީބަށް އަތްޖަހާލީ ހިނިތުންވެލަމުންނެވެ.

" ހޫމް.. ދެން ދަނީމި! ޒައި ރެސްޓްކޮށްލާ! "

" ތޭންކްސް…ލޫޠު! "

ލޫޠަށް ބަލަން އިނދެ ޒައިބާ އެހެން ބުނެލުމުން ލޫޠުގެ މެޔަށް ފިނިވެގެން ދިޔައެވެ. އަދި އިތުރަށް އޭނާ އެއްޗެއް ބުނޭތޯ މަޑުވެސް ކޮށްލެވުނެވެ.

" ލޫޠު އެތަނަށް ނައިނަމަ، މިކަޅުފޮއި އަނދިރިރޭ އަދިވެސް އަހަރެން ހުންނާނީ ހަމަ އެތަނުގަ!"

މިލާމޯޅިވެފައި އިނދެ ޒައިބާ ބުނެލިއެވެ. ލޫޠަކަށް މަޑަކުން ނުހުރެވުނެވެ. ބޭއިޚްތިޔާރުގައި ޒައިބާއާ ދިމާއަށް ހިނގައިގަނެވުނެވެ.

" ނަސީބެއްނު ޒައިއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ރައިޓް ޓައިމްގަ އަހަންނާ ދިމާވާކަން…"

ޒައިބާގާތަށް ކުޑަކޮށް ގުދުވެލަމުން ލޫޠު ބުނެލިއެވެ. އެއާއެކު ލޫޠުގެ މޫނަށް ފަރުވާތެރިކަމާއެކު ޒައިބާއަށް ބަލާލެވުނެވެ. އެދެލޮލުން އޭނާއަށް ފެނުނީ މުޅިން އާ ވާހަކަތަކެކެވެ. ލޫޠުގެ ލޮލުގެ ތެރެއަށް އޭނާ ފީނައިގަތުމުގެ ކުރިން ލޫތު ދެލޯމަރާލިއެވެ. އަދި ހަށިގަނޑު ސީދާ ކޮށްލުމަށްފަހު ބުނެލިއެވެ.

" އެއްވެސް ކަމެއްގައި ތޭންކްސް ބުނާކަށް ނުޖެހޭނެ! އަހަރެމެން އެއަށްވުރެ މާ ގާތްވާނެ! "

އެހެން ބުނުމަށްފަހު ލޫޠު އަނެއްކާވެސް ހިނގައިގަތެވެ. ލޫޠުގެ އެ ޢަމަލުން ޒައިބާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވެރިވިއެވެ. ލޫޠުގެ ބެލުން ކުރިއާ ތަފާތުކަން ފާހަގަކުރެވުމުން އިތުރަށް އުނދަގޫވިއެވެ.

" އަނެއްކާ އަނެއް ކަންތައް! ހީވާ ހީވުމަކަށް ވިޔަސް އަހަރެން ކިހިނެއްތަ މި ހުރިހާ ކަމެއް ހޭންޑްލް ކުރާނީ؟ އާހްހް…!"

ޒައިބާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އަދި ދެލޯމަރާ ފިއްތާލިއެވެ.

" އަހަރެން އޭރުވެސް ބުނީމެއްނު އާތިކާއަކަށް އަހަރެން ދޮގެއް ނަހަދާނަމޭ! "

ދަބަހުން އެއްޗެހި ނަގަން ހުރެ ނާޝިޒް ވާހަކަ ދެއްކީ އާތިކާއާއެވެ. އޭރުވެސް އާތިކާގެ މޫނުމަތިން ފެންނަނީ ޒައިބާއަށް ކުރަމުންދާ ނަފްރަތެވެ.

" އަހަންނަށް އެ އަންހެނާ ފެނުނިއްޔާ ހޭ އަރުވާލާނަން! ދުލެއް ނުކުރާނަން! އަނިޔާވެސް ކުރާނަން! މަގޭ ފިރިމީހާއޭ ކިޔައިގެން ދައްކާލި ވާހަކަތައް އެހުރީ! ގައިމު އެއީ އަކްރަމްކޮއްކޮވެސް އެކުއްޖާ މިގެއަށް ނުގެންނާނީ ކޮއްކޮއަށްވެސް އޭނަގެ ޙަޤީޤަތް އެނގުނީމައެއްނު! ހަމަ ރަނގަޅަށް އެވީ! ދެން އުޅެދާނެ އެއްނު ލޫޠާ ހިތާވެގެން.."

އާތިކާ ދައްކަމުންދާ ވާހަކަތައް އަޑުއަަހަން ނާޝިޒް ހުރީ އެއްމިޔަކަނުން ހީލަހީލައެވެ. ދަބަސް ހުސްކޮށްލުމަށްފަހު އޭނާ އައިސް އިށީނީ އާތިކާއާ ދާދި ގާތުގައެވެ.

" އަހަރެން އެބަ އުޅޭވިއްޔަ އިތުރު އަންހެނަކު ބޭނުން ވެގެން! އަހަރެންގެ ލޯބިލޯބި އަންހެނުން ހުއްޓާ އިތުރު މީހަކަށް ބަލާވެސް ނުލާނަން! "

ނާޝިޒް އާތިކާގެ އަތުގައި ފިރުމާލުމާއެކު އާތިކާ ނާޝިޒްގެ މޫނަށް ބަލާލިއެވެ.

" އަސްލުވެސް އަހަރެން ހާދަ ބިރެއް ގަތޭ! އެކަމަކުވެސް އަހަންނަށްވެސް ހަމަ ޔަގީންވޭ ނާޝިޒް އެހެން ނޫޅޭނެކަން! ނަސީބެއްނު މާބޮޑަށް މިވާހަކަތައް ނުދައްކާކަންވެސް."

" ދެން މިހާރު ހުރިހާކަމެއްވެސް ހަމަޖެހުނީނު! ދެން އަދިވެސް ދުރުވާންތަ ތިއުޅެނީ ؟"

އާތިކާ ކުޑަކޮށް ދުރަށް ޖެހިލުމުން ނާޝިޒް އޭނާގެ ދެކޮނޑުގައި ހިފާ އޭނާއާ ގާތްކޮށްލަމުން ބުނެލިއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޒައިބާ އޮތީ މަރީގޭ ޖޯލިފަތީގައެވެ. ހަތަރު ފޫޓަށް ރާނާފައި ހުރި ވަށާފާރުގެ މަތިން ، މަގުމައްޗާއި ބޭރު ރީތިކޮށް ފެންނަން އޮވެއެވެ. އެހެންކަމުން ރޭގަނޑު ޖޯލީގައި އޮވެ، ބޭރު ބަލާލުމުން ހިތަށް ކޮންމެވެސް ވަރަކަށް ހަމަޖެހުން ލިބެއެވެ. އެގޭގައި އުޅެނީ މަރީގެ އިތުރުން އޭނާގެ ބައްޕަ އެކަންޏެވެ. މަންމަ ނިޔާވުމަށްފަހު މަރީގެ ހުރިހާވެސް މީހަކީ ހަމައެކަނި އޭނާގެ ބައްޕައެވެ. ވަގުތަކީ ބައްޕަވެސް ނިދާފައިވީ ވަގުތެއްކަމުން ގޭތެރެއިން އެއްވެސް ހިލަމެއް ނުވެއެވެ. މަރީވެސް ވީ ބައްދަލްވުމަކަށް ސްކޫލަށް ގޮހެވެ.

އޭރުވެސް ޒައިބާއަށް ވިސްނެނީ އަކްރަމާ މެދުގައެވެ. އެންމެ ފަހަރަކު ނަމަވެސް އަކްރަމް ދެކިލަން އޭނާ ބޭނުންވެއެވެ. ކަންތައް ވީގޮތް ކިޔައިދޭންވެސް ބޭނުންވެއެވެ. ނަމަވެސް އެ ފުރުޞަތު އަދިވެސް އޭނާއަކަށް ނުލިބެއެވެ. އެންމެ ކުޑަމިނުން އަކްރަމާ ބައްދަލުވެލުމުގެ ނަސީބެއްވެސް ނުލިބުނެވެ. އެފަދަ ވިސްނުންތަކުން ޒައިބާގެ ސިކުނޑިއަށް ބާރުބޮޑުވާންފެށިއެވެ. އެހެންކަމުން އޭނާ ބޭނުންވީ އެގެއަށް ގޮސް އަކްރަމާ ބައްދަލު ކުރާށެވެ. ހުރިހާ އެއްޗެއް ތެދަށް އޭނާއަށް ކިޔައިދޭށެވެ. ނޫނީ އޭނާއަށްވުރެން ކުރިން އެމީހުން އަކްރަމަށް ހުރިހާ އެއްޗެއް ދޮގުކޮށްގެން ކިޔައިދީފާނޭ ހީވުމުން ފުންމައިގެން ޒައިބާ ތެދުވިއެވެ. އަދި ބާރުބާރަށް މަގުމައްޗަށް ނިކުތެވެ.

ޒައިބާގެ ފަހަތުން ލޫޠު އައީ ސައިކަލްގައެވެ. ސްޕީޑް ތަންކޮޅެއް ބާރު ކޮށްލަމުން ލޫޠު ގޮވާލިއެވެ. ނަމަވެސް ޒައިބާ އޭރުވެސް ނުހުއްޓުނެވެ.

" އޭ އޭ! ކޮންތާކަށް ދަނީ ބާރުބާރަށް!؟"

ލޫޠުގެ އަޑު އިވުމާއެކު ޒައިބާ ހުއްޓުނެވެ. އަދި މަގުގެ ދެކޮޅު ބަލާލުމަށްފަހު ބުނެލިއެވެ.

" އަހަރެން އަކްރަމަށް އިންތިޒާރުކޮށްކޮށް ވަރުބަލި ވެއްޖެ! މިކަންތައްތައް ވީ ކިހިނެއްތޯ އަހަރެންގާތު އަހާލަންވެސް އަކްރަމް ނާދެ! އެހެންވެ އަހަރެން މިދަނީ އެގެއަށްދާން "

ޒައިބާގެ އަޑުގައިވަނީ ހިތްދަތިކަމެވެ. ޒައިބާ އެދަރަޖައަށް ވެއްޓިދާނެކަމަށް ލޫޠު ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.

" ޒައި ޒައި ޒައީ! އެގެއަށް ދާނެކަމެއްނެތް! ކީއްކުރަން އެގެއަށްދަނީ؟ އެގޭ މީހުންނަށް ޒައި ފެނުނިއްޔާ އަނިޔާވެސް ކޮށްފާނެ! އަހަރެން ބުނަމެއްނު އަބަދުވެސް ހަމަޖެހޭށޭ! ދެންވެސް އަހަރެންގެ ސައިކަލަށް އަރާބަލަ! ގެއަށް ގެންގޮސްދޭނަން.."

ލޫތު އާދޭހުގެ ރާގަކަށް ކިޔުމުންވެސް ޒައިބާއަށް އަރާކަށް ނުކެރުނެވެ.

" ނޫން.. އަހަރެން ގޮސްދާނަން ހިނގާލާފަ"

" ދެން ޒައި ކިހިނެއްތަ ތިއުޅެނީ؟ އަރާބަލަ! މީހުން ކިޔާނެ އެއްޗެހި ކިޔަ ކިޔާ ތިބެދާނެ އެއްނު! ޒައި އަބަދުވެސް މީހުން ހިތަށް އަރާފާނެ ގޮތަކަށް ވިސްނައިގެން އުޅޭނީ! މިޒަމާނުގަ މީހުން ދައްކާ ވާހަކައަށް ބަލައިގެން ނޫޅޭވޭނެ"

ލޫޠު ތަންކޮޅެއް ހަރުކަށި ރާގަކަށް އެހެން ބުނެލުމުން ޒައިބާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އެ ސައިކަލަށް އެރިއެވެ.

" މަރީ މެންގެއަށް ދާން އަނބުރާލަނީ އިނގޭ! "

އެހެން ބުނެ މަރީގޭ މަގަށް ލޫޠު ނިކުތެވެ. އެއާއެކު ކަންމަތީގައި ހުރި ފިހާރައަކުން ނިކުތް މީހެއްގެ މޫނަށް ސައިކަލްގެ ލައިޓް އެޅުނެވެ. އެދިމާއަށް ބަލާލުމާއެކު ޒައިބާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. އެއީ އަކްރަމް ނޫން ދެވަނަ ދެމީހެއް ނޫނެވެ. އަކްރަމް ވަރަށް ރަނގަޅަށް ލޫތު އަދި ޒައިބާގެ މޫނަށް ބަލާލިއެވެ. އަކްރަމް ފެނުމުން ސައިކަލް ހުއްޓާލި ގޮތަށް ދުއްވާލަން ނުކެރިފައި ލޫޠުއަށް އިނދެވުނީއެވެ. އަކްރަމް ފެނުމުން ޒައިބާއަކަށް މަޑަކުން ނީނދެވުނެވެ. އޭނާ ސައިކަލުން ފުންމާލައިގެން އަކްރަމާ ދިމާއަށް ހިނގައިގަތީ ބާރުބާރަށެވެ.

( ނުނިމޭ)

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *