ޕޮލެންޑްގެ ރުތޭނިއާއަށް އުފަން ރޮޒެލާނާ، ފަހުން ހުއްރެމް ސުލްތާނަކީ އުސްމާނީ ދައުލަތުގައި އަދި ދުނިޔޭގައިވެސް އެންމެ ނުފޫޒުގަދަ އެއް އަންހެނާއެވެ. އޭރުގެ ޕޮލެންޑްގެ ހިއްސާއޮތް (މިހާރުގެ ނަމަ ޔޫކްރޭން) ގެ އޮތޮޑެކްސްގެ ކްރިސްޓިއަން ފާދިރީއަކަށް ލިބިފައިވާ ރޮޒޮލޭނާ އަކީ އުފާވެރި މިޒާޖެއްގެ ރަތް އިސްތަށިގަނޑެއް ލިބިފައިވާ ކުރިސްޓިއަން ދީނުގެ ރީތި އަންހެން ކުއްޖެކެވެ. ކްރެމަން ތަތާރުން ހުއްރެމް އޮތެޑެކްސްއިން ވަގަށްނެގުމަށްފަހު އޭރު އުސްމާނީ ދައުލަތުގެ އަޅުން ގަނެވިއްކާ މައި ބާޒާރެއްގައި ވިއްކާލެވުނެވެ. މީލާދީ 1520 ވަނައަހަރު އުމުރުން 17 އަހަރުގައި ހުއްރެމް ސުލްތާން އުސްމާނީ ދައުލަތުގެ ޖާރިޔާއިން ތިބޭ ގަނޑުވަރު ކަމުގައިވާ ޓޮޕެކް ޕެލަސްއަށް އަޅެއްގެ ގޮތުގައި ގެނެވުނެވެ. އެޒަމާނުގައި އުސްމާނީ ދައުލަތުގެ ރަސްގެފާނު ކަމުގައިވާ ސުލްތާން ސުލައިމާންގެ މަންމާފުޅު، ވާލިދާ ހަފްސާ ސުލްތާންއަށް އޭނާގެ ދަރިފުޅަށް ހަދިޔާއެއްގެ ގޮތުގައި ހުއްރެމް ވެދުންކުރެއްވިއެވެ.
ސުލްތާން ސުލައިމާންއަށް ޖާރިޔާއެއްގެ ގޮތުގައި ލިބިވަޑައިގެންނެވި ރޮޒެލާނާގެ ނަން ހުއްރެމް ސުލްތާނަށް ބަދަލުކުރެއްވީ އޭނާގެ ރީތިކަމާއި ސަކަމިޒާޖުގެ ސަބަބުން ސުލައިމާން އޭނާދެކެ އިންތިހާއަށް ލޯބިފުޅުވެ ވަޑައިގަތުމުންނެވެ. އޭރު އޭނާވަނީ ކުރިސްޓިއަން ދީން ދޫކޮށް އިސްލާމް ދީނުގެ ހިދާޔަތުލިބި މުސްލިމްވެފައެވެ. ސުލްތާން ސުލައިމާންގެ އަނބިކަނބަލުން ކަމުގައިވާ މާހިދޭވަރަން ހުއްރެމްއާއި ސުލްތާން ސުލައިމާންގެ އުފާވެރި ދިރިއުޅުމަށް އިންތިހާއަށް ހަސަދަވެރި ވިއެވެ. ތަފާތު ގޮތްގޮތުން ހުއްރެމް ސުލްތާން އަވަހާރަކޮށްލަންވެސް މަސައްކަތްކުރިއެވެ. ނަމަވެސް ހުއްރެމްގެ ހުޝިޔާރުކަމާއި، ރީތިކަމާއި އަދި ވިސްނުންތޫނުކަމުގެ ސަބަބުން ސުލްތާން ސުލައިމާންގެ ލޯބި އޭނާއަށް އިންތިހާއަށް ލިބެމުން ދިޔައެވެ.
ސުލްތާން ސުލައިމާނަށާއި ހުއްރެމްއަށް ހަތަރު ބޭފުޅުންނާއި 1 އަންހެން ބޭފުޅަކު ލިބިވަޑައިގަތެވެ. ގަނޑުވަރުތެރޭގެ ގަވައިދުގައި ޖާރިއާއަކަށް އެންމެ ފިރިހެން ބޭފުޅެއް ލިބުމަށްފަހު އިތުރު ފިރިހެން ބޭފުޅުން ހޯދުން މަނާ ޒަމާނެއްގައި ހުއްރެމްއަށް 4 ފިރިހެން ބޭފުޅުން ލިބިވަޑައިގަތުން ވެގެންދިޔައީ ހަސަދަވެރިންގެ ނުބައި ރޭވުންތަކުން އިންތިހާއަށް ދުއްތުރާ ކުރިމަތިވެ ވަޑައިގެންނެވި ކަމަކަށެވެ.
އެޒަމާނުގައި ޖާރިޔާއިންނަކީ ރަސްގެފާނުގެ ޚިދުމަތުގައި ތިބެންޖެހޭ ބަޔަކަށްވުމާއި ރަސްރަސްކަލުން ޖާރިއާއިންނާއި ކައިވެނި ކުރުމަކީ މަނާކަމެއްކަމުގައި ވެފައިވާ ޒަމާނެކެވެ. ނަމަވެސް ޖާރިއާއެއްގެ ގޮތުގައި ހުއްރެމް އޮތްއޮތުން ނިމުމަކަށް ގެންނަވާ ސުލްތާން ސުލައިމާނުގެ ގާނޫނީ އަނބިކަނބަލެއްގެ މަޤާމު ހުއްރެމް ހާސިލްކުރެއްވިއެވެ. މަންމާފުޅު އަވަހާރަވުމާއި ގުޅިގެންނާއި ހުއްރެމް، ސުލްތާން ސުލައިމާންގެ އަނބިކަނބަލަކަށް ވުމުގެ ސަބަބުން ސަރުކާރުތެރޭގައި އޭނާގެ ނުފޫޒު އިންތިހާއަށް ގަދަވިއެވެ. ރަސްގެފާނުގެ ދަރުބާރުގައި ހަމައެކަނި މަސައްކަތްކުރެވި އަންހެންބޭފުޅަކީ ހުއްރެމް ސުލްތާނެކެވެ.

އެޒަމާނުގައި މަންމައިންގެ ރޯލަކީ ދަރިންނަށް ކިޔަވައިދިނުމާއި ދަރިން ތަރުބިއްޔަތު ކުރުންކަމުގައި ވީ ހިނދު ހުއްރެމް ސުލްޠާން އުޅުއްވީ ދައުލަތުގެ ކަންކަމުގައި ރަސްގެފާނުގެ ދަރުބާރުގައެވެ. އަދި ފިރިހެން ދަރިކަލުން ބޮޑުފުޅުވެގެން އެހެންސަރަހައްދެއް ބެލެހެއްޓެވުމަށް ފޮނުވާލާ ހިނދު އެކުއްޖާއާއި އެކު މަންމަ ދާންޖެހުނުނަމަވެސް އެ ގަވައިދަށް ޢަމަލުނުކުރައްވާ ހުއްރެމް ގަނޑުވަރުގެއަންހެނުން ދިރިއުޅޭ ތަން ކަމަށްވާ،ހަރެމްގައި މަޑުކުރިއެވެ.
ރަސްގެފާނުގެ ޗީފް އެޑްވަޒަރުގެ ގޮތުގައި ހުއްރެމް ހުންނަވާ ޚާރިޖީ ގުޅުންތަކާއި ދާހިލީ ގުޅުންތަކުގައި ސިޔާސަތުތައް އެކުލަވާލެއްވިއެވެ. ހުއްރެމް ނަމުގައި ދައުލަތުގެ ސިއްކަ ޕްރިންޓް ކުރައްވާ ކައުންސިލް މީޓިންތައް ހިނގާ ނުހިނގާގޮތް ކުޑަދޮރުން ބައްލަވާ ހެއްދެވިއެވެ. އެކަމުގެ ސަބަބުން ބަޣާވާތްކުރަނީ ކަމުގައި އަޑުފެތުރި އެތައްފަހަރަކު އެފަދަ ތުހުމަތުތަކުގައި ވަރަށްގިނަ ގޮންޖެހުންތަކާއި ކުރިމަތިވެވަޑައިގަތެވެ.
އެހެންކަމުން އެދުވަސްވަރުގައި އުސްމާނީ ދައުލަތަކީ އަންހެންނުންގެ ޒަމާންކަމުގައިވެސް އަޑުފެތުރި މަޝްހޫރުވިއެވެ. ހުއްރެމް ސުލްތާން ހިލޭސާބަހަށް ކުރެއްވި ތަފާތު މަސައްކަތްޕުޅުތަކުގެ ތެރޭގައި މިސްކިތްތައް ބިނާކުރެއްވުމާއި، ސްކޫލުތައް ބިނާކުރެއްވުމާއި ހާގިޔާ ސޯޕިޔާ މިސްކިތް ކައިރީ ފެންވަރާތަން ބިނާކުރެއްވިއެވެ. 500 ފަގީރުންނަށް ކޮންމެ ދުވަހަކު ކެވޭނެ އިންތިޒާމްތައް ހަމަޖެއްސެވިއެވެ. މީގެ އިތުރުން މައްކާއަށް ދަތުރުކުރާ މުސްލިމުންނަށް ހިލޭ ކެވޭނެ އިންތިޒާމްވެސް ހަމަޖެއްސެވިއެވެ. ފަހުންޑޭޝަނެއް ހައްދަވާ މުސްލިމް އަންހެނުންނަށް އެކިއެކި ކަންކަމުގައި އެހީތެރި ވެދެއްވިއެވެ.
ހުއްރެމްއަކީ އުފާވެރި މިޒާޖެއްގެ އެހެންނަމަވެސް ހުޝިޔާރު، ވިސްނުންތޫނު ރީތި އަންހެންބޭފުޅެކެވެ. ދައުލަތް ހިންގުމާއި ޚާރިޖީ ގުޅުންތަކަށް ފަރިތަ ނުފޫޒުގަދަ، ދީލަތި އަދި ފަގީރުންނަށް އެހީތެރިވެދެއްވި ދީލަތި އަންހެން ބޭފުޅެކެވެ. ނަމަވެސް އެކަމަނާގެ މަގަށް ހުރަސްއަޅާ މީހުންނަށް ހިތް ހަރުކަންދައްކަވާ އެމީހުން މަގުން އެއްކިބާކުރަން ބައެއްމީހުން ގަތުލުވެސް ކޮށްފައިވެއެވެ.
ތުރުކީގެ މަޝްހޫރު ޑްރާމާއެއްކަމުގައިވާ ދަ މެގްނިފިޝެންޓް ސެންޗަރީ ސީރީޒް ބަލާލުމުން ހުއްްރެމް ސުލްތާންއަކީ ކިހާވަރެއްގެ އަންހެންބޭފުޅެއްކަން އެނގިގެން ދާނެއެވެ.
